ثَلَاثَةُ الأُصُولِ وَأَدِلَّتُهَا
ތިން އުޞޫލާއި އޭގެ ދަލީލުތައް
لِلشَّيْخِ
مُحَمَّدٍ التَّمِيمِي رَحِمَهُ اللهُ
އައް ޝައިޚް މުޙައްމަދު އައް ތަމީމީ
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
رحمنވަންތަ رحيمވަންތަ ﷲ ގެ އިސްމުފުޅުން (ފަށައިގަންނަމެވެ.)
- ﷲ ﷻ ތިބާއަށް ރަޙްމަތް ލައްވާށިއެވެ! - އަހަރެމެންގެ މައްޗަށް، ހަތަރު ކަމެއް އުނގެނުން ވާޖިބުވެގެންވާކަން ދަންނާށެވެ!
ފުރަތަމައީ: މަޢުރިފާކޮށް ދެނެގަތުމެވެ. އެއީ: ﷲ ﷻ މަޢުރިފާކޮށް ދެނެގަތުމާއި، އެކަލާނގެ ނަބިއްޔާ މަޢުރިފާކޮށް ދެނެގަތުމާއި، އިސްލާމްދީން ދަލީލުތަކާއެކު މަޢުރިފާކޮށް ދެނެގަތުމެވެ.
ދެވަނައީ: އެއަށް ޢަމަލުކުރުމެވެ.
ތިންވަނައީ: އެއަށް ދަޢުވަތު ދިނުމެވެ.
ހަތަރުވަނައީ: އެކަމުގައި ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިވުމެވެ.
އެކަމުގެ ދަލީލަކީ: ﷲ ﷻ ގެ މި ވަޙީ ބަސްފުޅެވެ. رحمنވަންތަ رحيمވަންތަ ﷲ ގެ އިސްމުފުޅުން (ފަށައިގަންނަމެވެ.)
﴿وَٱلۡعَصۡرِ1 إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ2 إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ3﴾
{ޒަމާން ގަންދެއްވަމެވެ. (1)
ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. (2)
އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ. (3) } [އަލްޢަޞްރު: 1-3]
އިމާމް ޝާފިޢީ رَحِمَهُ اللَّهُ تَعَالَى ވިދާޅުވެފައިވެއެވެ: "ﷲ ﷻ، އެކަލާނގެ ޚަލްޤުތަކުންގެ މައްޗަށް، މި ސޫރަތް ފިޔަވައި އެހެން އެއްޗެއް ޙުއްޖަތެއްގެ ގޮތުގައި ބާވައިނުލެއްވި ނަމަވެސް، އެބައިމީހުންނަށް ފުދުނީހެވެ."
އަދި، އިމާމް ބުޚާރީ رَحِمَهُ اللَّهُ تَعَالَى ވިދާޅުވެފައިވެއެވެ: " ބަހާއި ޢަމަލަށްވުރެ، މަޢުރިފާކޮށް ދެނެގަތުން އިސްވެގެންވާކަން ނަންގަނެވޭ ބާބު؛ އެކަމުގެ ދަލީލަކީ: ﷲ ﷻ ގެ މި ވަޙީބަސްފުޅެވެ: {ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ...} [މުޙައްމަދު: 19]، ފަހެ، ބަހާއި ޢަމަލަށްވުރެ ކުރިން، އެކަލާނގެ ފައްޓަވާފައިވަނީ، ޢިލްމުންނެވެ. (މަޢުރިފާކޮށް ދެނެގަތުމުންނެވެ.)"
- ﷲ ﷻ ތިބާއަށް ރަޙްމަތް ލައްވާށިއެވެ! - ކޮންމެ މުސްލިމް ފިރިހެނަކާއި ކޮންމެ މުސްލިމް އަންހެނެއްގެ މައްޗަށް، މި ތިން މައްސަލަ އުނގެނި، އެ ކަންކަމަށް ޢަމަލުކުރުން ވާޖިބުވެގެންވާކަން ދަންނާށެވެ!
ފުރަތަމައީ: އަހަރެމެން ހައްދަވައި، ރިޒްޤުދެއްވައި، ފަރާތަކީ ﷲ ﷻ ކަމާއި، އަދި ބޭކާރު ގޮތެއްގައި އެކަލާނގެ އަހަރެމެން ދޫކޮށްނުލައްވާކަން ދެނެގަތުމެވެ. އެހެނެއްކަމަކު، އެކަލާނގެ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. ދެންފަހެ، އެކަލޭގެފާނަށް ކިޔަމަންވެއްޖެ މީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި އެކަލޭގެފާނަށް އުރެދިއްޖެ މީހާ ވަންނަހުށީ ނަރަކައަށެވެ.
އެކަމުގެ ދަލީލަކީ: ﷲ ﷻ ގެ މި ވަޙީބަސްފުޅެވެ:
﴿إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا15 فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا16﴾
{ ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލެއްކަމުގައި، ތިމަންއިލާހު ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ފޮނުއްވީމެވެ. ފިރުޢައުނުގެ ގާތަށް ތިމަންއިލާހު ރަސޫލަކު ފޮނުއްވި ފަދައިންނެވެ. (15)
ފަހެ، ފިރުޢައުނު، ރަސޫލާއަށް އުރެދުނެވެ. ދެން ތިމަންއިލާހު ގަދަފަދަވެގެންވާ ޢަޛާބުގެ ހިއްޕެވުމަކުން ހިއްޕަވައި، އޭނާ ހަލާކުކުރެއްވީމެވެ. (16)}. [އަލްމުއްޒައްމިލު: 15-16].
ދެވަނައީ: ﷲ ﷻ، އާއެކު އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުކުރުމަށް (ޝިރުކުކުރުމަށް)، އެކަލާނގެ ރުހިވޮޑިގެން ނުވާނޭކަން ދެނެގަތުމެވެ. (އެ ބައިވެރިކުރެވޭ ފަރާތަކީ) ކުއްތަންކުރެވިގެންވާ މަލާއިކަތް ބޭކަލެއް ކަމުގައިވިޔަސް، އަދި ފޮނުއްވިގެންވާ ނަބީ ބޭކަލެއް ކަމުގައި ވިޔަސްމެއެވެ. އެކަމުގެ ދަލީލަކީ: ﷲ ﷻ ގެ މި ވަޙީބަސްފުޅެވެ:
﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا18﴾
{އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ! (18)} [އަލްޖިންނު: 18]
ތިންވަނައީ: ރަސޫލާ ﷺ އަށް ކިޔަމަންވެ ﷲ ﷻ އެއްކައުވަންތަ ކުރާ މީހަކަށް، ﷲ ﷻ އާއި އެކަލާނގެ ރަސޫލާ ﷺ އާ ދެކޮޅުވެރިވާ މީހަކާ އެއްބައިވެ އެކުވެރިކަން ބޭއްވުން، ހުއްދަވެގެން ނުވާކަން ދެނެގަތުމެވެ. އެމީހަކީ އެންމެ ގާތް މީހުންގެ ތެރެއިން މީހެއް ކަމުގައިވީނަމަވެސްމެއެވެ.
އެކަމުގެ ދަލީލަކީ: ﷲ ﷻ ގެ މި ވަޙީބަސްފުޅެވެ:
﴿لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ22﴾
{ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުން، ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އެއީ އެ މީހުންގެ މައިންބަފައިން، ނުވަތަ ދަރިން، ނުވަތަ އަޚުން، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެ މީހުންގެ ހިތްތަކުގައި އެ އިލާހު އީމާންކަން ލިޔުއްވި މީހުންނަކީ އެއީއެވެ. އަދި އެ އިލާހުގެ ޙަޟްރަތުން ލިބިފައިވާ ރޫޙަކުން، އެ މީހުންނަށް ގަދަކަންދެއްވި މީހުންނަކީ ވެސް އެއީއެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެ އިލާހު އެ މީހުން ވައްދަވާނެއެވެ. އެ ތާނގައި އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. ﷲ އެ މީހުންނަށް ރުއްސެވިއެވެ. އަދި އެ މީހުން އެ އިލާހާމެދު ރުހިގެންވެއެވެ. ﷲ ގެ ޖަމާޢަތަކީ އެއީއެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ޖަމާޢަތުގެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ. } [އަލްމުޖާދަލާ: 22]
-ﷲ ﷻ އަށް ކިޔަމަންތެރިވުމަށް ތިބާއަށް އެކަލާނގެ މަގުދައްކަވާށިއެވެ! ދަންނާށެވެ! އިބްރާހީމް عليه السلام ގެ މިއްލަތް ކަމުގައިވާ، އަލް-ޙަނީފިއްޔާ އަކީ؛ މުޅި ދީން އެކުއެކީ ﷲ ﷻ އަށް ޚާލިޞްކުރާ ޙާލު، އެކަލާނގެއަށް އެއްކައުވަންތަކޮށް ތިބާ އަޅުކަންކުރުމެވެ. އަދި އެކަމަށް ހުރިހާ މީސްތަކުންނަށް ﷲ އަމުރުކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުން ހެއްދެވީވެސް އެކަމަށްޓަކައިއެވެ. އެއީ އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ:
﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ56﴾
{ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. (56)} [އައްޛާރިޔާތު: 56]، އަދި "އެމީހުން ތިމަން އިލާހަށް އަޅުކަންކުރުން" މި ކަލިމައިގެ މާނައަކީ: އެމީހުން ތިމަން އިލާހު އެއްކައުވަންތަކުރުމެވެ.
އަދި، ﷲ ﷻ އަމުރުކުރައްވާފައިވާ އެންމެ ބޮޑުކަމަކީ: ތައުޙީދެވެ. އެއީ: އަޅުކަމުގައި ﷲ ﷻ އެއްކައުވަންތަކުރުމެވެ.
އަދި، އެކަލާނގެ ނަހީކުރައްވާފައިވާ އެންމެ ބޮޑުކަމަކީ: ޝިރުކެވެ. އެއީ: އެކަލާނގެއާ އެކު އެހެންފަރާތަކަށް ގޮވާ (އަޅުކަންކޮށް) ދުޢާކުރުމެވެ.
އެކަމުގެ ދަލީލަކީ: ﷲ ﷻ ގެ މި ވަޙީބަސްފުޅެވެ:
﴿وَٱعۡبُدُواْ ٱللَّهَ وَلَا تُشۡرِكُواْ بِهِۦ شَيۡـٔٗا...﴾
{ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ!... } [އައްނިސާއު: 36].
ދެންފަހެ، އިންސާނާއަށް މަޢުރިފާކޮށް ދެނެގަތުން ވާޖިބުވެގެންވާ ތިން އަޞްލަކީ ކޮބައިތޯ؟ ތިބާގެ ގާތުގައި ބުނެވިއްޖެނަމަ:
ފަހެ، ބުނާށެވެ: އެއީ، އަޅާ އޭނާގެ ވެރި ރައްބާއި، އޭނާގެ ދީނާއި، އޭނާގެ ނަބިއްޔާ މުޙައްމަދު ﷺ މަޢުރިފާކޮށް ދެނެގަތުމެވެ.
[ފުރަތަމަ އަޞްލު]
ފަހެ، ތިބާގެ ވެރި ރައްބަކީ ކޮން ފަރާތެއްތޯ؟ ތިބާއާ ސުވާލުކޮށް ބުނެވިއްޖެނަމަ،
ފަހެ ބުނާށެވެ. ތިމަންގެ ވެރި ރައްބަކީ ﷲ އެވެ. އެކަލާނގެއީ، ތިމަންނާ އާއި، އަދި އެންމެހައި ޢާލަމްތަކެއް، އެކަލާނގެ ނިޢުމަތް ތަކުން، ހައްދަވައި ތަރުބިއްޔަތު ކުރެއްވި ކަލާނގެއެވެ. އަދި ހަމައެހެންމެ، އެކަލާނގެއީ، ތިމަން އެފަރާތަކަށް އަޅުކަންކުރާ ކަލާނގެއެވެ. އަދި އެކަލާނގެ ފިޔަވައި (ޙައްޤުވެގެން) އަޅުކަން ކުރެވޭ އެހެން ފަރާތެއް ތިމަންނާއަކަށް ނުވެއެވެ. އެކަމުގެ ދަލިލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ2﴾
{ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި اللَّه އަށެވެ.}. [އަލްފާތިޙާ: 2] އެކަލާނގެ ފިޔަވައި ކޮންމެ އެއްޗަކީ ޢާލަމެކެވެ. އަދި އަހަރެންވެސް މިއީ އެ ޢާލަމުގެ ތެރެއިން އެކަކެވެ.
ފަހެ ތިބާގެ ވެރި ރައްބު ދެނެގަތީ ކޮން ކަންކަމަކުންތޯ؟ ތިބާއާ ސުވާލުކޮށް ބުނެވިއްޖެނަމަ،
ފަހެ ބުނާށެވެ: އެކަލާނގެ އާޔަތްތަކުން (ހެކިތަކާއި ޢަލާމާތްތަކުން) ނާއި، އެކަލާނގެ (ހައްދަވާފައިވާ) މަޚްލޫޤުންތަކުގެ އަލީގައެވެ.
އެކަލާނގެ އާޔަތްތަކުގެ ތެރޭގައި (ލައްވާފައިވާ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރޭގައި): ރޭގަނޑާއި، ދުވާލާއި، އިރާއި، ހަނދު ހިމެނެއެވެ.
އަދި އެކަލާނގެ ހައްދަވާފައިވާ މަޚްލޫޤުންގެ ތެރޭގައި: ހަތް އުޑާއި އެ އުޑުތަކުގައިވާހާ ތަކެއްޗާއި، އަދި ހަތް ބިމާއި އެ ބިންތަކުގައިވާހާ ތަކެތި، އަދި އެ ދެތަނުގެ ދެމެދުގައިވާހާ ތަކެތި ހިމެނެއެވެ.
އަދި އެކަމުގެ ދަލީލަކީ: އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ37﴾
{ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް ސަޖިދަނުކުރާށެވެ! އަދި އެތަކެތި ހެއްދެވި اللَّه އަށް ސަޖިދަކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ. (37)} [ފުއްޞިލަތު: 37]
އަދި އެކަލާނގެ މި ވަޙީބަސްފުޅެވެ:
﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ54﴾
{ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ ޢަރްޝުގެ މައްޗަށް އަރާވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ އަމުރުފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުންވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ. ޢާލަމްތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.} [އަލްއަޢުރާފު: 54]
ރައްބަކީ؛ އަޅުކަންކުރެވޭ ފަރާތެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ22﴾
{އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރައްބަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް ރިޒްޤެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް ޝަރީކުންތަކެއް ނުލާށެވެ!} [އަލްބަޤަރާ: 21-22]
އިބްނު ކަޘީރު رَحِمَهُ اللَّهُ تَعَالَى ވިދާޅުވެފައިވެއެވެ: " މި އެންމެހައި ތަކެތި ހެއްދެވި ފަރާތަކީ، އެއީ (ހަމައެކަނި) އަޅުކަންކުރެވުން ޙައްޤުވެގެންވާ ފަރާތެވެ."
ﷲ ﷻ އަމުރުކުރައްވާފައިވާ، އަޅުކަމުގެ ބާވަތްތަކުގެ ތެރޭގައި: މިޘާލަކަށް: އިސްލާމްކަމާއި، އީމާންކަމާއި، އިޙްސާންކަން ހިމެނެއެވެ. އަދި އޭގެ ތެރޭގައި: ދުޢާކުރުމާއި، ބިރުވެތިވުމާއި، އުންމީދުކުރުމާއި، ވަކީލުކުރުމާއި، (އުންމީދާއިއެކު) އެދުމާއި، (ބިރުވެތިވުމާއެކު) ދުރުހެލިވުމާއި، (މަޑުމޮޅިވެ) މަޑުމައިތިރިވުމާއި، (ޢިލްމާއި ދެނެގަތުމާއިއެކު) ބިރުވެތިވުމާއި، ތައުބާވުމާއި، އެހީއަށްއެދުމާއި، ރައްކާތެރިކަމަށްއެދުމާއި، މަދަދާއި ވާތްގަށްއެދުމާއި، ޤުރުބާންކުރުމާއި، ނަދުރުބުނުމާއި، އަދި އެ ނޫންވެސް، އެކަންކަމަށް އެކަލާނގެ އަމުރުފުޅު ކުރައްވާފައިވާ އެންމެހައި ބާވަތެއްގެ އަޅުކަމެއް، ވަނީ ހަމައެކަނި ﷲ ﷻ އަށެވެ. އެކަމުގެ ދަލީލަކީ: އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا18﴾
{އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް (އަޅުކަންކޮށް) ދުޢާކޮށް ނުކުރާހުށިކަމެވެ! } [އަލްޖިންނު: 18]
ދެންފަހެ، އެއިން ކަމެއް ﷲ ﷻ ފިޔަވައި އެހެން ފަރާތަކަށް އަނބުރާލައިފި މީހާއަކީ، މުޝްރިކު ކާފަރެކެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ117﴾
{اللَّه އާއެކު އެހެން އިލާހަކަށް ދުޢާކޮށްއުޅޭ މީހަކު، އެކަމުގެ މައްޗަށް އެމީހަކަށް (ލިބޭނޭ) އެއްވެސް ދަލީލެއް ނެތެވެ. ފަހެ، އެމީހެއްގެ ހިސާބު ބެއްލެވުން ވާކަންކަށަވަރީ، އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، ކާފަރުންނެއް ނުދިނޭނެތެވެ.} [އަލްމުއުމިނޫން: 117]
އަދި ޙަދީޘްގައި ވެއެވެ:
"الدُّعَاءُ مُخُّ العِبَادَةِ".
"ދުޢާ އަކީ އަޅުކަމުގެ މަދެވެ."1
އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ60﴾
{އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.} [ޣާފިރު: 60]
އަދި ބިރުވެތިވުމުގެ ދަލީލަކީ: އެކަލާނގެ ވަޙީބަސްފުޅެވެ:
﴿...فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ﴾
{...ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، މުއުމިނުން ކަމުގައިވާނަމަ، ތިމަންއިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!} [އާލު ޢިމްރާން: 175]
އަދި، އުންމީދުކުރުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿...فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا﴾
{...ފަހެ، އެމީހެއްގެ ވެރިރައްބާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރައްބަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!} [އަލްކަހްފު : 110].
އަދި ވަކީލުކުރުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿...وَعَلَى ٱللَّهِ فَتَوَكَّلُوٓاْ إِن كُنتُم مُّؤۡمِنِينَ﴾
{...އަދި ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމައެކަނި ﷲ އަށް ތިޔަބައިމީހުން ވަކީލު ކުރާށެވެ!}. [އަލްމާއިދާ: 23]. އަދި އެކަލާނގެ މި ބަސްފުޅެވެ:
﴿...وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُ...﴾
{...އަދި اللَّه އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ...} [އައްޠަލާޤް: 3]
އަދި (އުންމީދާއިއެކު) އެދުމާއި، (ބިރުވެތިކަމާއިއެކު) ދުރުހެލިވުމާއި، ޚުޝޫޢަތްތެރިވުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީ ބަސްފުޅެވެ:
﴿...إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ﴾
{...ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންއިލާހަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންއިލާހަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.}. [އަލްއަންބިޔާއު: 90]
އަދި (ޢިލްމާއި ދެނެގަތުމާއިއެކު) ބިރުވެތިވުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿...فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِ...﴾
{...ފަހެ، އެއުރެންދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންއިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!...} [އަލްމާއިދާ: 3]
އަދި ތައުބާވުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީ ބަސްފުޅެވެ:
﴿وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُ...﴾
{އަދި ތިޔަބައިމީހުންގެ ވެރިރައްބަށް ތައުބާވެ، އެކަލާނގެއަށް ކިޔަމަންވާށެވެ!...}. [އައްޒުމަރު: 54]
އަދި އެހީއަށް އެދުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ5﴾
(އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.) [އަލްފާތިޙާ: 5] އަދި ޙަދީޘްގައި ވެއެވެ:
"إِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ".
"ތިބާ ވާތްގަށް އެދޭނަމަ، ފަހެ ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ."
އަދި ރައްކާތެރިކަމަށްއެދުމުގެ ދަލީލަކީ: އެކަލާނގެ ވަޙީބަސްފުޅެވެ:
﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾
{ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.} [އަލްފަލަޤް: 1]، އަދި
﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾
{ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.} [އައްނާސް: 1].
އަދި މަދަދަށްއެދުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީ ބަސްފުޅެވެ:
﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ...﴾
{ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ...} [އަލްއަންފާލު: 9].
އަދި ޤުރުބާންކުރުމުގެ ދަލީލަކީ؛ އެކަލާނގެ މި ބަސްފުޅެވެ:
﴿قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ162 لَا شَرِيكَ لَهُ...﴾
{ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ރައްބު، اللَّه އަށެވެ.
އެކަލާނގެއަށް އެއްވެސް ޝަރީކަކުކު ނުވެއެވެ...} [އަލްއަންޢާމު: 162-163]، އަދި ސުންނަތުގައި ވެއެވެ:
"لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ".
"ﷲ ފިޔަވައި އެހެންފަރާތަކަށް ޤުރުބާންކޮށްފިމީހާއަށް، ﷲ ލަޢުނަތްލެއްވިއެވެ."
އަދި ނަދުރުބުނުމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީ ބަސްފުޅެވެ:
﴿يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا7﴾
{އެއުރެން ނަދުރު ފުއްދަތެވެ. އަދި އެ ދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އެއުރެން ބިރުވެތިވެތެވެ.} [އަލްއިންސާނު: 7]
[ދެވަނަ އަޞްލު]
އެއީ ދަލީލުތަކާއެކު އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ. އެއީ (އެބަހީ: އިސްލާމްދީނަކީ): އެއްކައުވަންތަ ކުރުމާއެކު، ﷲ އަށް ބޯލެނބުމާއި، (އަމުރުފުޅުތަކަށް) ކިޔަމަންތެރިވުމާއެކު އެކަލާނގެއަށް ފުރިހަމައަށް ބޯލެނބުމާއި، ޝިރުކާއި އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.
އަދި އެކަން (އެބަހީ: އިސްލާމްދީން) ވަނީ ތިން ދަރަޖައަކަށެވެ: (އެއީ) އިސްލާމްކަމާއި، އީމާންކަމާއި އަދި އިޙްސާންކަމެވެ.
އަދި އެއިން ކޮންމެ ދަރަޖައަކަށް ރުކުންތަކެއްވެއެވެ.
އެގޮތުން، އިސްލާމްކަމުގެ ރުކުންތައް ފަހެކެވެ: (އެއީ) ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އެއްވެސް އިލާހެއް ނުވާ ކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، އަދި ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެކޮޅަށް ޙައްޖުވުމެވެ.
ދެންފަހެ ޝަހާދަތުގެ ދަލީލަކީ؛ އެކަލާނގެ މި ވަޙީބަސްފުޅެވެ.
﴿شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ18﴾
{ހަމަކަށަވަރުން ﷲ، އެއިލާހު ފިޔަވައި (އަޅުކަން ޙައްޤުވާ) އިލާހަކު ނުވާކަމަށް ހެކިވޮޑިގެންނެވިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ޚަލްޤުކުރެއްވި ތަކެތި ތަދުބީރުކުރެއްވުމުގައި) ޢަދުލުވެރިކަމާއެކު އެއިލާހު ޤާއިމުވެވޮޑިގެންވެއެވެ. އެއިލާހު ފިޔަވައި (އަޅުކަން ޙައްޤުވާ) އިލާހަކު ނުވެއެވެ. (އެއިލާހީ) ޢިއްޒަތްވަންތަ، ޙިކުމަތްވަންތަ އިލާހެވެ.} [އާލު ޢިމްރާން: 18]
އަދި (لا إله إلا الله ގެ) މާނައަކީ: އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވުމެވެ.
"އިލާހަކު ނުވެއެވެ." (މި ބަސްފުޅުން) ﷲ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ތަކެއްޗަށް (ޙައްޤުގޮތުގައި) އަޅުކަންކުރެވޭކަން ނަފީވެގެން އެވެ.
"ﷲ ފިޔަވައެވެ." (މި ބަސްފުޅުން) އަޅުކަން، ހަމައެކަނި ﷲ އަށް ޘާބިތުވެގެންވެއެވެ.
އެކަލާނގެއަށް، އެކަލާނގެ ރަސްކަމުގައި އެއްވެސް ޝަރީކަކު ނުވާފަދައިން، އެކަލާނގެއަށް އަޅުކަންކުރުމުގައިވެސް އެއްވެސް ޝަރީކަކު ނުވެއެވެ.
އަދި އޭގެ(އެބަހީ: ޝަހާދަތުގެ ކަލިމަ) ސާފުކޮށްދޭ ތަފްސީރަކީ؛ އެކަލާނގެ މި ބަސްފުޅުންނެވެ:
﴿وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ26 إِلَّا ٱلَّذِي فَطَرَنِي..﴾
{އިބްރާހީމުގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.
އިސްވެދިޔަ މިސާލަކާ ނުލައި ތިމަން ހެއްދެވި އިލާހު މެނުވީއެވެ...} [އައްޒުޚްރުފު: 26-27] އަދި އެކަލާނގެ މި ވަޙީބަސްފުޅެވެ:
﴿قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ64﴾
{ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހަރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި ހަމަހަމަވެގެންވާ ކަލިމައަކަށް އަންނާށެވެ! (އެއީ) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކޮށް، ޝަރީކު ނުކުރުމަށެވެ. އަދި އަހަރެމެންގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކީ ﷲ ފިޔަވައި އިލާހުންތަކެއް ކަމުގައި ނުހެދުމެވެ. ފަހެ އެބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން ތިމަންމެންނީ މުސްލިމުންކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!} [އާލު ޢިމްރާން: 64]
މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމުގެ ދަލީލަކީ؛ އެކަލާނގެ މި ވަޙީބަސްފުޅެވެ:
﴿لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ128﴾
{ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމްހުރި ބޭކަލެކެވެ.} [އައްތައުބާ: 128]
އަދި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމުގެ މާނައަކީ: އެކަލޭގެފާނު އަމުރުކުރެއްވި ކަންކަމަށް ކިޔަމަންގަތުމާއި، އެކަލޭގެފާނު ޚަބަރުދެއްވި ކަންކަން ތެދުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވާ މަނާކުރެއްވި ކަންކަމުން އެއްކިބާވުމާއި، އެކަލޭގެފާނު ޝަރުޢުކުރެއްވި ގޮތަށް މެނުވީ، ﷲ އަށް އަޅުކަން ނުކުރުމެވެ.
އަދި ނަމާދާއި، ޒަކާތާއި، ތައުޙީދުގެ ތަފްސީރުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ5﴾
{އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމްކުރުމަށާއި ޒަކާތް ދިނުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެޔެވެ.} [އަލްބައްޔިނާ: 5]
އަދި ރޯދައިގެ ދަލީލަކީ؛ އެކަލާނގެ މި ބަސްފުޅެވެ:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ183﴾
{އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.} [އަލްބަޤަރާ: 183]
އަދި ޙައްޖުގެ ދަލީލަކީ؛ އެކަލާނގެ މި ވަޙީބަސްފުޅެވެ:
﴿وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ97﴾
{އަދި ގެފުޅަށް ގޮސް ޙައްޖު ވުމަކީ، ﷲ އަށްޓަކައި (ކުރަން ޖެހޭ) މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހަކަށެވެ. އަދި (ﷲ ފަރުޟު ކުރެއްވި އެ ކަމާމެދު ދެކޮޅުހަދައި) ކާފަރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ އެންމެހާ ޢާލަމްތަކުން ފުދިވޮޑިގެންވާ އިލާހެވެ.} [އާލު ޢިމްރާން: 97]
ދެވަނަ ދަރަޖައަކީ: އީމާންކަމެވެ. އެކަން ވަނީ ހަތްދިހަ އެތައް ބަޔަކަށް ބެހިގެންނެވެ. އޭގެ އެންމެ މަތީ ބަޔަކީ: لَا إِلَهَ إِلَّا اللَّهُ ކިޔުމެވެ. އަދި އޭގެ އެންމެ ދަށް ބަޔަކީ ގެއްލުންހުރި އެއްޗެއް މަގުމަތިން އެއްފަރާތްކޮށްލުމެވެ. އަދި ލަދުވެތިކަން ހިމެނެނީ އީމާންކަމުވެ ބައިތަކުގެ ތެރެއިންނެވެ.
އަދި އޭގެ ރުކުންތައް ހައެކެވެ: އެއީ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށާއި، ޤަދަރަށް -އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ.
އަދި މި ހަ ރުކުނުގެ މައްޗަށްވާ ދަލީލަކީ، އެކަލާނގެ މި ބަސްފުޅެވެ:
﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...﴾
{ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު (ހުރިހާ) ހެޔޮކަމެއްވެސް ވާހުށީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި (ބާވައިލެއްވި) ފޮތްތަކަށާއި ނަބިއްޔުންނަށް އީމާންވި މީހާގެ ކިބައިގައެވެ...} [އަލްބަޤަރާ: 177]
އަަދިި ޤަދަރުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿إِنَّا كُلَّ شَيۡءٍ خَلَقۡنَٰهُ بِقَدَرٖ49﴾
{ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ ގަޟާގަދަރުގައިވާ ގޮތަށް، ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ.} [އަލްޤަމަރު: 49]
ތިންވަނަ ދަރަޖައަކީ: އިޙްސާންކަމެވެ. (އޭގައިވަނީ) -އެންމެ ރުކުނެކެވެ.- އެއީ ތިބާއަށް ﷲ ފެންނަ ފަދައިން އެކަލާނގެއަށް ތިބާ އަޅުކަންކުރުމެވެ. އެހެނީ، ތިބާއަށް އެކަލާނގެ ނުފެނުނު ކަމުގައިވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
އެކަމުގެ ދަލީލަކީ އެކަލާނގެ މި ވަޙީބަސްފުޅެވެ:
﴿إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ128﴾
{ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތަޤުވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙްސާންތެރިންނާވެސް އެކުގައެވެ.} [އައްނަޙްލު: 128]
އަދި އެކަލާނގެ މި ބަސްފުޅެވެ:
﴿وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ217 ٱلَّذِي يَرَىٰكَ حِينَ تَقُومُ218 وَتَقَلُّبَكَ فِي ٱلسَّٰجِدِينَ219﴾
{އަދި ޢަޒީޒުވަންތަ، ރަޙީމުވަންތަ އިލާހަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ!
އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ އިލާހެވެ.
އަދި ސަޖިދަކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ.} [އައްޝުޢަރާއު: 217-219]
އަދި އެކަލާނގެ ވަހީބަސްފުޅެވެ:
﴿وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِ...﴾
{ތިބާ ކޮންމެ ކަމެއްގައިވިޔަސް، އަދި ތިބާ ޤުރްއާނުން ކޮންމެ އެއްޗެއް ކިޔެވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ހެކިވެވޮޑިގެންވާ ފަރާތެއްކަމުގައި މެނުވީ ނުވަމެވެ...} [ޔޫނުސް: 61] މި އާޔަތެވެ.
ސުންނަތުގައިވާ (އެކަންކަމުގެ) ދަލީލަކީ: ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެންވާ މަޝްހޫރު ޖިބްރީލްގެ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:
"بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ ﷺ ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ ﷺ فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ !
"އެއް ދުވަހަކު ﷲ ގެ ރަސޫލާ ﷺ ގެ އަރިހުގައި އަހަރެމެން ވަނިކޮށް، އެ ވަގުތު އަހަރެމެންގެ ތެރެއަށް ފިރިހެނަކު އައެވެ. އޭނާގެ ފޭރާމުގެ ހުދުކަން ނުހަނު ގަދަވެފައި، އިސްތަށީގެ ކަޅުކަން ވެސް އެހާމެ ގަދައެވެ. އޭނާގެ ކިބައިން ދަތުރުގެ އަސަރު ފެންނާކަށް ނެތެވެ. އަދި އަހަރެމެންގެ ތެރެއިން އެކަކުވެސް އޭނާއެއް ނުދަނެއެވެ. އޭނާ އައިސް ނަބިއްޔާ ﷺ ކުރިފުޅުމަތީ، އޭނާގެ ކަކޫ، އެކަލޭގެފާނުގެ ކަކޫފުޅާ ޖައްސައި، އިށީނެވެ. އަދި އޭނާގެ ދެ އަތްތިލަ، އެކަލޭގެފާމުގެ ދެ ފަލަމަސްގަނޑު މަތީ ބޭއްވިއެވެ. އަދި ބުންޏެވެ: އޭ މުޙައްމަދެވެ!
أَخْبِرْنِي عَنِ الإِسْلَامِ؟
އިސްލާމްކަމާ ބެހޭ ގޮތުން އަހަރެންނަށް ޚަބަރުދީބަލާށެވެ.
فَقَالَ رَسُولُ اللَّهِ ﷺ: الإِسْلَامُ: أَنْ تَشْهَدَ أَلَّا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ البَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا، قَالَ: صَدَقْتَ - فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ –.
އެހިނދު، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: އިސްލާމްކަމަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ތިބާ ހެކިވެ، ނަމާދު ޤާއިމް ކޮށް، ޒަކާތްދީ، ރަމަޟާންމަހު ރޯދަ ހިފައި، ގެފުޅަށް ދާން ކުޅަދާނަކަން ލިބިއްޖެނަމަ ތިބާ (އެ ގެފުޅަށް) ޙައްޖުވުމެވެ. (އެމީހާ) ދެންނެވިއެވެ. ތެދެކެވެ. -(ޢުމަރުގެފާނު ވިދާޅުވިއެވެ:) ދެންފަހެ އޭނާ އެކަލޭގެފާނާ ސުވާލުކުރުމަށްފަހު (ޖަވާބު) ތެދުކުރާތީ، އެމީހަކާމެދު ތިމަން ބޭކަލުން ޢަޖައިބުވިއެވެ.
قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ؟
އޭނާ ދެންނެވިއެވެ. ދެން އީމާންކަމާ ބެހޭގޮތުން ތިމަންނާއަށް ޚަބަރު ދީބަލާށެވެ.
قَالَ: أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَاليَوْمِ الْآخِرِ، وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ، قَالَ: صَدَقْتَ.
ޙަދީޘްކުރެއްވިއެވެ. (އީމާންކަމަކީ؛) ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވާލެއްވި) ފޮތްތަކަށާއި، އެކަލާނގެ (ފޮނުއްވެވި) ރަސޫލުންނަށާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ޤަދަރުގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. އޭނާ ބުނެފިއެވެ: ތިޔައީ ތެދެކެވެ.
قَالَ: فَأَخْبِرْنِي عَنِ الْإِحْسَانِ؟
ދެންނެވިއެވެ: ދެން އިޙްސާންކަމާ ބެހޭގޮތުން ތިމަންނާއަށް ޚަބަރުދީބަލާށެވެ.
قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.
ޙަދީޘްކުރެއްވިއެވެ: (އެއީ) ތިބާއަށް ﷲ ފެންނަ ފަދައިން އެކަލާނގެއަށް ތިބާ އަޅުކަންކުރުމެވެ. އެހެނީ، ތިބާއަށް އެކަލާނގެ ނުފެނުނު ކަމުގައިވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
قَالَ: فَأَخْبِرْنِي عَنِ السَّاعَةِ؟
ދެންނެވިއެވެ. ފަހެ، ޤިޔާމަތްދުވަސް (ވާނޭ ވަޤުތާ) ބެހޭގޮތުން ތިމަންނާއަށް ޚަބަރުދީބަލާށެވެ.
قَالَ: مَا المَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.
ޙަދީޘްކުރެއްވިއެވެ: ސުވާލުކުރި ފަރާތަށްވުރެ ބޮޑަށް، ސުވާލު ކުރެވުނު ފަރާތަކަށް ތިކަން އެނގިގެން ނުވެއެވެ.
قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟
ދެންނެވިއެވެ: އެހެންކަމުގައިވާނަމަ، ޤިޔާމަތުގެ ޢަލާމާތްތަކުގެ ޚަބަރު ތިމަންނާއަށް ދީބަލާށެވެ.
قَالَ: أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الحُفَاةَ العُرَاةَ العَالَةَ رِعَاءَ الشَّاءِ، يَتَطَاوَلُونَ فِي البُنْيَانِ.
ޙަދީޘްކުރެއްވިއެވެ: އަޅުއަންހެނާ އޭނާގެ އަންހެން ސާހިބުމީހާ ވިހެއުމާއި، ހުސްފަޔާ އޮރިޔާން ނިވާނުވާ، ފަޤީރު ޙާލުގައި ބަކަރި ހުއިހައްޕާ އުޅުނު މީހުން، އުސް ބިނާތައް ޢިމާރާތްކުރުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ.
قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: يَا عُمَرُ! أَتَدْرِي مَنِ السَّائِلُ؟ قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ جِبْرِيلُ، أَتَاكُمْ يُعَلِّمُكُمْ دِينَكُمْ".
(ޢުމަރުގެފާނު) ވިދާޅުވިއެވެ: ދެން އެމީހަކު ހިނގައްޖެއެވެ. ދެން (މި ޙާދިޘާއަށް) އޭގެ ދުވަސްކޮޅެއް ވުމަށްފަހު، އެކަލޭގެފާނު ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. އޭ ޢުމަރެވެ! އެ ސުވާލުކުރި މީހާއަކީ ކާކުކަން އެނގޭހެއްޔެވެ؟ ތިމަން ދެންނެވިމެވެ: އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން އެބޭކަލަކީ ޖިބްރީލްގެފާނެވެ. ތިޔަބައިމީހުންގެ އަރިހަށް އެ ވަޑައިގެންނެވީ ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށްޓަކައެވެ".
[ތިންވަނަ އަޞްލު]
(އެއީ) ތިޔަބައިމީހުންގެ ނަބިއްޔާ މުޙައްމަދު ﷺ މަޢުރިފާކޮށް ދެެނެގަތުމެވެ. އެކަލޭގެފާނަކީ؛ ހާޝިމްގެ ދަރިކަލުން ޢަބްދުލް މުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲ ގެ ދަރިކަލުން މުހައްމަދެވެ. އަދި ހާޝިމަކީ ޤުރައިޝު ވަންހައިގެ މީހެކެވެ. ޤުރައިޝު ވަންހަ ވަނީ ޢަރަބީންގެ ތެރެއިންނެވެ. އަދި ޢަރަބީން ވަނީ، އަލް ޚަލީލް އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިންނެވެ. -އެކަލޭގެފާނަށާއި އަހަރެމެންގެ ނަބިއްޔާއަށް އެންމެ ހެޔޮވެގެންވާ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. -
އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަސްދޮޅަސް ތިން އަހަރެވެ. -އޭގެތެރެއިން ސާޅީސް އަހަރު ހޭދަވީ ނަބީކަމުގެ ކުރީންނެވެ. އަދި ފޮނުއްވިގެންވާ ނަބިއްޔެއްގެ ގޮތުގައި ތޭވީސް އަހަރެވެ. -
ނަބީކަމާއިގެން ފޮނުއްވުނީ "اقْرَأْ" އިންނެވެ. (އެބަހީ؛ "ކަލޭގެފާނު ކިޔަވާވިދާޅުވާށެވެ!" މި ވަޙީބަސްފުޅުންނެވެ.) އަދި ރަސޫލުކަމާއިގެން ފޮނުއްވުނީ "المُدَّثرِ" އިންނެވެ. (އެބަހީ؛ "އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!" މި ސޫރަތުންނެވެ.) އަދި އެކަލޭގެފާނުގެ ރަށަކީ މައްކާއެވެ.
ﷲ ﷻ އެކަލޭގެފާނު ފޮނުއްވީ ޝިރުކުން އިންޒާރުކުރެއްވުމަށާއި، ތައުޙީދަށް ދަޢުވަތު ދެއްވުމަށެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿يَٰٓأَيُّهَا ٱلۡمُدَّثِّرُ1 قُمۡ فَأَنذِرۡ2 وَرَبَّكَ فَكَبِّرۡ3 وَثِيَابَكَ فَطَهِّرۡ4 وَٱلرُّجۡزَ فَٱهۡجُرۡ5 وَلَا تَمۡنُن تَسۡتَكۡثِرُ6 وَلِرَبِّكَ فَٱصۡبِرۡ7﴾
{އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (1)
ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ! (2)
އަދި ކަލޭގެފާނުގެ ވެރިރައްބަށް ތަކްބީރު ވިދާޅުވާށެވެ! (3)
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރުކުރައްވާށެވެ! (4)
އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ! (5)
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ! (6)
އަދި ކަލޭގެފާނުގެ ވެރިރައްބަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ! (7)}. [އަލްމުއްދައްޘިރު: 1-7]
(އަދި އަންނަނިވި ބަސްފުޅުގެ) މާނައަކީ:
﴿قُمۡ فَأَنذِرۡ﴾:
{ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ!} (އެބަހީ) ޝިރުކުން އިންޛާރު ކުރައްވާ، ތައުޙީދަށް ގޮވާލައްވާށެވެ.
﴿وَرَبَّكَ فَكَبِّرۡ﴾
{އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތަކްބީރު ވިދާޅުވާށެވެ!}
އެބަހީ: ތައުޙީދުން (އެބަހީ: އެކަލާނގެ އެއްކައުވަންތަ ކޮށްގެން) އެކަލާނގެ މަތިވެރިކުރާހުށިކަމެވެ.
﴿وَثِيَابَكَ فَطَهِّرۡ﴾
{އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރު ކުރައްވާށެވެ!}
އެބަހީ: ކަލޭގެފާނުގެ ޢަމަލުފުޅުތަށް ޝިރުކުން ޠާހިރުކުރާހުށިކަމެވެ.
﴿وَٱلرُّجۡزَ فَٱهۡجُرۡ﴾
{އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ!} (މި އާޔަތުގައިވާ)
"އައް ރުޖްޒު" (ގެ މުރާދަކީ): ބުދުތަކެވެ. އެތަކެތި ހަޖުރުކުރުމަކީ: އެތަކެތި ދޫކޮށްލުމާއި، އެތަކެތިންނާއި އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.
މިކަމުގެ މަތީގައި، ތައުޙީދަށް ގޮވާލެއްވުމުގައި އެކަލޭގެފާނު ދިހަ އަހަރު ހޭދަކުރެއްވިއެވެ. އަދި އެ ދިހަ އަހަރަށްފަހު؛ އުޑަށް އުފުއްލެވުނެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ފަސް ނަމާދު ފަރުޟުކުރެއްވުނެވެ. އަދި ތިން އަހަރު މައްކާގައި ނަމާދު ކުރެއްވިއެވެ. އެއަށްފަހު މަދީނާއަށް ހިޖުރަކުރެއްވުމަށް އަމުރުފުޅުކުރެއްވުނެވެ.
ހިޖުރައަކީ: ޝިރުކުގެ ބިމަކުން އިސްލާމްކަމުގެ ބިމަކަށް ބަދަލުވުމެވެ.
ޝިރުކުގެ ބިމުން އިސްލާމްކަމުގެ ބިމަށް ހިޖުރަކުރުމަކީ މި އުންމަތުގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. އަދި ޤިޔާމަތް ޤާއިމުވަންދެން އެކަން ދެމިގެންދާނެއެވެ.
އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿ إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِي ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةٗ فَتُهَاجِرُواْ فِيهَاۚ فَأُوْلَٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَآءَتۡ مَصِيرًا97 إِلَّا ٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ لَا يَسۡتَطِيعُونَ حِيلَةٗ وَلَا يَهۡتَدُونَ سَبِيلٗا98﴾
{ހަމަކަށަވަރުން އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެގެންވާ ޙާލު ތިބި މީހުންގެ މަރު ހިއްޕަވަމުން، މަލާއިކަތުން ވިދާޅުވާނެއެވެ: ތިޔަބައިމީހުން ތިބީ ކޮން (ހާލެއްގައި)ހެއްޔެވެ؟ އެ މީހުން ބުނާނެއެވެ: ތިމަންމެންވީ ބިމުގައި ބަލި ނިކަމެތިވެފައި ތިބި ބަޔަކު ކަމުގައެވެ. އެ (މަލާއިކަތުން) ވިދާޅުވާނެއެވެ: ތިޔަބައިމީހުން އެ ބިމުގައި ހިޖުރަ ކުރުމަށްޓަކައި، ﷲ ގެ ބިން ތަނަވަސްވެގެން ނުވޭހެއްޔެވެ؟ ފަހެ (ޤިޔާމަތް ދުވަހުން) އެ މީހުން ތިބޭނެ ތަނަކީ ނަރަކައެވެ. އަދި އެއީ ހާދަހައި ނުބައިވެގެންވާ ނިމިދިޔުމެކެވެ.
(ހިޖުރަކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި ދާނެ މަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ.} [އައްނިސާއު: 97-98]
އަދި އެކަލާނގެ މި ބަސްފުޅެވެ:
﴿يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّٰيَ فَٱعۡبُدُونِ56﴾
{އޭ (ތިމަންއިލާހަށް) އީމާންވި، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހުގެ ބިން (ތިޔަބައިމީހުން ހިޖުރަކުރުމަށްޓަކައި) ތަނަވަސްވެގެންވެތެވެ. ފަހެ، ހަމައެކަނި ތިމަންއިލާހަށް ތިޔަބައިމީހުން އަޅުކަން ކުރާހުށިކަމެވެ!} [އަލްޢަންކަބޫތު: 56]
އަލްބަޣަވީ رحمه الله ވިދާޅުވިއެވެ: "މި އާޔަތް ބާވާލެއްވުނު ސަބަބަކީ: ހިޖުރަ ނުކޮށް މައްކާގައި ތިބި މުސްލިމުންނާ މެދުގައިއެވެ. ﷲ ﷻ އެބައިމީހުންނަށް އީމާންކަމުގެ ނިދާއިން ނިދާއިއްވެވިއެވެ".
ހިޖުރަކުރުމަށް ސުންނަތުން (ދަލީލުކޮށްދޭ) ދަލީލަކީ؛ އެކަލޭގެފާނުގެ ޙަދީޘްބަސްފުޅެވެ:
"لَا تَنْقَطِعُ الهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلَا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا".
"ތައުބާވުން މެދުކެނޑުމަށްދާންދެން ހިޖުރަކުރުން މެދުކެނޑިގެން ނުދާހުއްޓެވެ. އަދި ހުޅަނގު ފަރާތުން އިރު އަރަށްޖައުމަށްދާންދެން ތައުބާވުން މެދުކެނޑިގެން ނުދާހުއްޓެވެ."
ދެންފަހެ އެކަލޭގެފާނު މަދީނާގައި އިސްތިޤްރާރުވެ ހަމަޖެހިލުމުން، އިސްލާމްދީނުގެ ބާކީހުރި ޝަރީޢަތްތަކަށް އަމުރުފުޅުކުރެއްވުނެވެ. އެގޮތުން: ޒަކާތާއި، ރޯދައާއި، ޙައްޖާއި، ބަންގިޔާއި، ޖިހާދާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަމުގައި ދިހަ އަހަރު ވޭތުވެގެންދިޔައެވެ.
(އެއަށްފަހު) އެކަލޭގެފާނު ﷺ އަވަހާރަވިއެވެ. އެހެނަސް އެކަލޭގެފާނުގެ ދީން ދެމިއެބައޮތެވެ. މިއީ އެކަލޭގެފާނުގެ ދީނެވެ. (އެ ހެވަކަށް) އެކަލޭގެފާނު އުއްމަތަށް މަގުދައްކައިނުދެއްވާ އެއްވެސް ހެވެއް ނުވެއެވެ. އަދި (އެ ނުބަޔަކުން) އެކަލޭގެފާނު އުއްމަތަށް އިންޒާރު ނުދެއްވާ އެއްވެސް ނުބައެއްވެސް ނުމެވޭމެއެވެ.
އެކަލޭގެފާނު މަގުދައްކަވާފައިވާ ހެވަކީ: ތައުޙީދާއި، އަދި ﷲ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ އެންމެހައި ކަމެކެވެ.
އަދި އެކަލޭގެފާނު އިންޒާރު ދެއްވާފައިވާ ނުބަޔަކީ: ޝިރުކާއި، އަދި ﷲ ނުރުއްސަވާ އަދި އެދިވޮޑިގެންނުވާ އެންމެހައި ކަމެކެވެ.
ﷲ ﷻ، އެކަލޭގެފާނު ފޮނުއްވެވީ އެންމެހައި މީސްތަކުންގެ މައްޗަށް ޝާމިލުވެގެންވާ ގޮތުގައެވެ. އަދި އެކަލޭގެފާނަށް ކިޔަމަންވުން ޖިންނީންނާއި އިންސީންގެ މައްޗަށް އެކަލާނގެ ފަރުޟުކުރެއްވިއެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا...﴾
{ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ...} [އަލްއަޢުރާފު: 158]
އަދި އެކަލޭގެފާނު މެދުވެރިކުރައްވާ، ﷲ ތަޢާލާ މި ދީން ފުރިހަމަކުރެއްވިއެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ.
﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ...﴾
(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3]
އަދި އެކަލޭގެފާނު އަވަހާރަވުމުގެ މައްޗަށްވާ ދަލީލަކީ، އެކަލާނގެ ވަޙީބަސްފުޅެވެ:
﴿إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ30 ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ31﴾
{ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.
ދެން ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނޫއެވެ.} [އައްޒުމަރު: 30-31]
އަދި މީސްތަކުން މަރުވެއްޖެނަމަ އެމީހުން އަލުން ދިރުއްވޭނެއެވެ؛ އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ55﴾
{ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިޢާދަ ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.} [ޠާހާ: 55] އަދި އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَٱللَّهُ أَنۢبَتَكُم مِّنَ ٱلۡأَرۡضِ نَبَاتٗا17 ثُمَّ يُعِيدُكُمۡ فِيهَا وَيُخۡرِجُكُمۡ إِخۡرَاجٗا18﴾
{އަދި اللَّه، ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ. (17)
ދެން އެކަލާނގެ ތިޔަބައިމީހުން އެ ބިމަށް އިޢާދަ ކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ. (18)} [ނޫޙު: 17-18]
އަދި އަލުން ދިރުއްވުމަށްފަހު އެބައިމީހުންގެ ޙިސާބުބައްލަވާ އަދި އެބައިމީހުންގެ ޢަމަލުތަކަށް ޖަޒާދެއްވާނެއެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ މި ބަސްފުޅެވެ:
﴿...لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى﴾
{...އެއީ ނުބައި ޢަމަލު ކުޅަމީހުންނަށް އެއުރެންކުޅަ ނުބައި ޢަމަލަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ ޢަމަލު ކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ. (31) } [އައްނަޖްމު: 31]
އަދި އަލުން ދިރުއްވުން ދޮގުކޮށްފި މީހާ ކުފުރުވެއްޖެއެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ7﴾
{ކާފަރުވި މީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވޭހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި ޢަމަލުތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް ދެވޭނެތެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ.} [އައްތަޣާބުން: 7]
އަދި ﷲ ﷻ އެންމެހައި ރަސޫލުބޭކަލުން ފޮނުއްވީ، އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި އިންޒާރުކުރައްވާ ބޭކަލުންތަކެއްގެ ގޮތުގައެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ...﴾
{އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޛާރުކުރައްވާ ރަސޫލުންތަކެކެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށް ފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށް ޓަކައެވެ...} [އައްނިސާއު: 165]
(އެބޭކަލުންކުރެ) އެންމެ ފުރަތަމަ (ފޮނުއްވުނު) ބޭކަލަކީ ނޫޙު عَلَيْهِ السَّلَامُ އެވެ.
އަދި އެންމެ ފަހުން (ފޮނުއްވުނު) ބޭކަލަކީ މުޙައްމަދު ﷺ އެވެ. އަދި އެކަލޭގެފާނީ ނަބީކަން ޚަތިމްކުރެއްވި ކަލޭގެފާނުވެސްމެއެވެ. އެކަލޭގެފާނަށް ފަހު އެހެން ނަބިއްޔަކު ނުވެއެވެ. އެކަމުގެ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ...﴾
(ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ...) [އަލްއަޙްޒާބު: 40]
އަދި އެބޭކަލުންކުރެ އެންމެ ފުރަތަމަ (ފޮނުއްވުނު) ބޭކަލަކީ ނޫޙުގެފާނުކަން އެނގޭ ދަލީލަކީ؛ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِ...﴾
{ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންއިލާހު ވަޙީ އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނަށްވެސް ވަޙީ އިއްވެވީމެވެ...} [އައްނިސާއު: 163]
އަދި - ނޫޙުގެފާނުން ފެށިގެން މުޙައްމަދުގެފާނާ ހަމައަށް- ކޮންމެ އުންމަތަކަށްވެސް ﷲ ރަސޫލަކު ފޮނުއްވީ، ﷲ އެއްކައުވަންތަކޮށް އަޅުކަންކުރުމަށް އެމީހުންނަށް އަމުރުކުރައްވާ، އަދި ޠާޣޫތަށް އަޅުކަންކުރުން އެމީހުންނަށް ނަހީކުރައްވާ ގޮތުގައިއެވެ. އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾
(ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36]
ޠާޣޫތަށް ކާފަރުވުމާއި، ﷲ އަށް އީމާންވުމަކީ؛ އެންމެހައި އަޅުތަކުންގެ މައްޗަށް ﷲ ފަރުޟުކުރައްވާފައިވާ ކަމެކެވެ.
އިބްނުލް ޤައްޔިމް رَحِمَهُ اللَّهُ تَعَالَى ވިދާޅުވެފައިވެއެވެ: ޠާޣޫތުގެ މާނައަކީ:" އަޅާ، (އޭނާ އެފަރާތަކަށް) އަޅުކަންކުރެވޭ ފަރާތް، ނުވަތަ ތަބާވެވޭ ފަރާތް، ނުވަތަ ކިޔަމަންގަނެވޭ ފަރާތާ މެދު ކަނޑައެޅިފައިވާ ޙައްދު ފަހަނައަޅައިދާ ކޮންމެ އެއްޗެކެވެ".
ާޠާޣޫތުތައް ނުހަނު ގިނައެވެ. އޭގެ ބޮޑުންނަކީ ފަހެކެވެ. (އެއީ) ﷲ ލަޢުނަތްލެއްވި އިބްލީހާއި، އެމީހާ ރުހިގެންވާ ޙާލު އެމީހަކަށް އަޅުކަން ކުރެވޭ މީހާއާއި، އެމީހަކުގެ އަމިއްލަ ނަފްސަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވާލި މީހާއާއި، ޣައިބުގެ ޢިލްމުތަކުގެ ތެރެއިން ކަމަކަށް ދަޢުވާކުރި މީހާއާއި، ﷲ ބާވާލެއްވި ޙުކުމް ނޫން އެހެން އެއްޗަކަށް ޙުކުމްކުރި މީހާއެވެ.
އެކަމުގެ ދަލީލަކީ އެކަލާނގެ ވަޙީބަސްފުޅެވެ:
﴿لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ256﴾
{ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނުވެއެވެ. ހަމަކަށަވަރުން މަގުފުރެދުމުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ ޠާޣޫތަށް ކާފަރުވެ، ﷲ އަށް އީމާންވާ މީހާ (ދަންނައެވެ!) ފަހެ އެމީހާ ކެނޑުމެއް ނުވާ، އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހެވެ.} [އަލްބަޤަރާ: 256] އަދި "لَا إِلَهَ إِلَّا اللَّهُ" ގެ މާނައަކީ މިއީއެވެ. އަދި ޙަދީޘްގައިވެއެވެ:
"رَأْسُ الأَمْرِ: الإِسْلَامُ، وَعَمُودُهُ: الصَّلَاةُ، وَذِرْوَةُ سَنَامِهِ: الجِهَادُ فِي سَبِيلِ اللَّهِ".
"ދީނުގެ ބޮލަކީ (އެބަހީ: ދީނުގެ އެންމެ އިސް ބަޔަކީ) އިސްލާމްކަމެވެ. އަދި އޭގެ ތަނބަކީ: ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ: ﷲގެ މަގުގައި ޖިހާދުކުރުމެވެ".
އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
***
الفهرس
[ދެވަނަ އަޞްލު] 15
[ތިންވަނަ އަޞްލު] 25
***
އެބަހީ: އެއީ އަޅުކަމުގެ އެންމެ މުހިންމު ބައެވެ.