ބިދުޢަތަކުން އިންޒާރުކުރުން (ދިވެހި)

ބިދުޢަތަކުން އިންޒާރުކުރުން

  • earth ބަސް
    (ދިވެހި)
  • earth ލިޔުއްވީ::
    الشيخ عبد العزيز بن عبد الله بن باز
PHPWord

 

 

التَّحْذِيرُ مِنَ البِدَعِ

 

 

ބިދުޢަތަކުން އިންޒާރުކުރުން

 

 

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ފަސްވަނަ ރިސާލާ:

އަލްމައުލިދުއް ނަބަވީ (ނަބިއްޔާގެ ޢީދު މީލާދު) އާއި އެހެނިހެން އުފަންދުވަސްތައް ފާހަގަކުރުމުގެ ޙުކުމް

ޙަމްދުހުރީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށާއި، އެކަލޭގެފާނުގެ ތެދުމަގުން ތެދުމަގު ލިބިގަތް ބަޔަކަށެވެ.

އެއަށް ފަހު ދަންނައެވެ: ނަބިއްޔާ ﷺގެ ޢީދު މީލާދު ފާހަގަކުރުމާއި، އެކަމުގެ ތެރޭގައި އެކަލޭގެފާނަށް (އިސްތިޤުބާލުކުރުމުގެ ގޮތުން) ކޮޅަށް ހުރުމާއި، އެކަލޭގެފާނަށް ސަލާމް ދެންނެވުމާއި، އެނޫންވެސް ޢީދު މީލާދުތަކުގައި ކުރާ ކަންކަން ކުރުމުގެ ޙުކުމާމެދު ގިނަ ބަޔަކުގެ ސުވާލު ތަކުރާރުވެއްޖެއެވެ.

ޖަވާބަކީ މިހެން ބުނުމެވެ: ރަސޫލާ ﷺގެ ޢީދު މީލާދު އަދި އެހެން މީހެއްގެ އުފަންދުވަސް ވެސް ފާހަގަކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ދީނުގައި އަލަށް އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ރަސޫލާ ﷺ އެކަމެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެންވި ޚަލީފާއިންވެސް، އަދި އެނޫން ޞަޙާބީން رضي الله عنهم ވެސް، އަދި ހެޔޮވެގެންވާ ޤަރުނުތަކުގައިވި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުންވެސް ނުކުރައްވައެވެ. އެބޭކަލުންނީ އޭގެ ފަހުން އައި މީހުންނަށްވުރެ ބޮޑަށް ސުންނަތް ދެނެވަޑައިގަންނަވާ، އަދި ﷲ ގެ ރަސޫލާ ﷺ އަށް ލޯބިވުމާއި، އެކަލޭގެފާނުގެ ޝަރުޢަަށް ތަބަޢަވުން މާ ބޮޑަށް ފުރިހަމަވެގެންވާ ބޭކަލުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރައްވާފައިވެއެވެ:

﴿...وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْ...﴾

(...އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ!..)

[އަލްޙަޝްރު: 7] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:

﴿...فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ﴾

(...ފަހެ އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެ މީހުން ހުށިޔާރުވެ ބިރުވެތިވާހުށިކަމެވެ.) [އައްނޫރު: 63]. އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ:

﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا21﴾

(ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.) [އަލްއަޙްޒާބު: 21]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ100﴾

(މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ކުރިއަރާ ދިޔަ ބޭކަލުންނާއި، ހެޔޮގޮތުގައި އެ ބޭކަލުންނަށް ތަބަޢަވީ މީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ރުހިވޮޑިގެންފިއެވެ. އަދި އެ މީހުން އެ އިލާހަށް ރުހުނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ބަގީޗާތައް، އެ އިލާހު އެ މީހުންނަށްޓަކައި ތައްޔާރު ކުރެއްވިއެވެ. އެ ތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.) [އައްތައުބާ: 100] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنهُ فَهُوَ رَدٌّ».

"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އެބަހީ: އެމީހާގެ މައްޗަށް އަނބުރާ އެކަމެއް ރައްދުވެގެންވެއެވެ. އެހެން ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:

«عَلَيكُم بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيَّينَ مِنْ بَعدِي، تَمَسَّكُوا بِهَا، وَعَضُّوا عَلَيهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالةٌ».

"ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނަށް ފަހު ތެދުމަގުގައިވާ ހިދާޔަތު ލިބިގެންވާ ޚަލީފާއިންގެ ސުންނަތެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ކޮލު ދަތްތަކުން އޭގައި ދަތްއަޅާހުށިކަމެވެ. އަދި (ދީނުގެ ތެރެއަށް) އަލަށް އުފެއްދޭ ކަންކަމާމެދު ތިޔަބައިމީހުން ހުށިޔާރުވެ ޚަބަރުދާރުވާށެވެ. ފަހެ ހަމަކަށަވަރުން އަލަށް އުފެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." ފަހެ މި ދެ ޙަދީޘްގައި، ބިދުޢަތައް އުފައްދާ، އެއަށް ޢަމަލުކުރުމާމެދު ހަރުކަށިކޮށް އިންޛާރުދެވިގެންވެއެވެ.

މިފަދަ ޢީދު މީލާތުތައް އުފެއްދުމުން އެއިން ދޭހަވަނީ ﷲ ސުބްޙާނަހޫ މި އުއްމަތަށް ދީން ފުރިހަމަކޮށް ނުދެއްވާ ކަމަށެވެ. އަދި އުއްމަތް އެއަށް ޢަމަލުކުރަން ޖެހޭ ކަންކަން ރަސޫލާ عليه الصلاة والسلام ފޯރުކޮށް ނުދެއްވާކަމަށެވެ. ފަހުން އައިސް މިއުޅޭ މީހުންތައް އައިސް، ﷲ އިޛްނަދެއްވާފައި ނުވާ ކަންތަކެއް އެކަލާނގެ ޝަރުޢުގެ ތެރެއަށް އަލަށް އުފައްދައިގެން އިތުރުކޮށްފުމަށް ދާންދެނެވެ. (އެމީހުން އެކަންކުރީ) އެކަމަކީ އެމީހުން ﷲ ގެ ޙަޟްރަތަށް ކުއްތަންކޮށްދޭނެ ކަމެއްކަމަށް ދަޢުވާކުރާ ޙާލުގައިއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ ބޮޑުވެގެންވާ ނުރައްކަލެކެވެ. އަދި ﷲ ސުބްޙާނަހޫ އާއި އެކަލާނގެ ރަސޫލާ ﷺ އަށް އިޢުތިރާޟުކުރުން (އިންކާރުކޮށް ފުރަގަސްދިނުން) އޭގައިވާ ކަމެކެވެ. ހުސްޠާހިރުވަންތަ ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި އެމީހުންގެ މައްޗަށް ނިޢުމަތް ފުރިހަމަކުރައްވާފައިކަން ކަށަވަރެވެ. އަދި ރަސޫލާ ﷺ ވަނީ ބަޔާންވެގެންވާ ފޯރުކޮށްދެއްވުމުން ފޯރުކޮށްދެއްވާފައިކަން ގައިމެވެ. އަދި ސުވަރުގެއަށް ވާޞިލުކޮށްދޭނޭ، އަދި ނަރަކައިން ދުރުކޮށްދޭނެ މަގެއް، އެކަލޭގެފާނުގެ އުއްމަތަށް ބަޔާންކޮށްދެއްވާފައި މެނުވީ އެކަލޭގެފާނު ދޫކުރައްވާފައި ނުވެއެވެ. އެއީ ޞައްޙަ ޙަދީޘްގައި، ޢަބްދު ﷲ ބްނު ޢަމްރު رضي الله عنه ވިދާޅުވިކަމަށް ޘާބިތުވެގެންވާ ފަދައިންނެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށެވެ:

«مَا بَعَثَ اللهُ مِن نَبِيٍ إِلَّا كَانَ حَقًّا عَلَيهِ أَن يَدُلَّ أُمَّتَهُ عَلَى خَيرِ مَا يَعْلَمُهُ لَهُم، وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ».

"ﷲ ފޮނުއްވި ކޮންމެ ނަބިއްޔަކު ވެސް، އެ ނަބިއްޔެއްގެ އުއްމަތަށް، އެ ނަބިއްޔަކަށް އެނގިވަޑައިގަންނަވާ ހެޔޮ ކަންކަމަށް މަގުދެއްކެވުމާއި، އެ ނަބިއްޔަކަށް އެނގިވަޑައިގަންނަވާ ނުބައި ކަންކަމާމެދު އިންޒާރުކުރެއްވުން އެ ނަބިއްޔެއްގެ މައްޗަށް ޙައްޤުވެގެންވާ ގޮތުގައި މެނުވީ އެއްވެސް ނަބިއްޔަކު އެކަލާނގެ ނުފޮނުއްވަތެވެ." ރިވާކުރެއްވީ މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ.

އަދި އެނގިގެންވާނޭ ފަދައިން، އަހަރުމެންގެ ނަބިއްޔާ ﷺ އީ ނަބިއްޔުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ކަލޭގެފާނެވެ. އަދި އެބޭކަލުން ޚަތިމުކުރައްވާ، އަދި ފޯރުކޮށްދެއްވުމާއި ނަޞޭޙަތްތެރިވުންވެސް އެންމެ ފުރިހަމަ ކަލޭގެފާނެވެ. ދެންފަހެ ޢީދު މީލާދުތައް ފާހަގަކުރުމަކީ: ﷲ ސުބްޙާނަހޫ އެކަމަށް ރުހިވޮޑިގެންވާ ދީނުގެ ތެރެއިންވާ ކަމެއްނަމަ؛ ރަސޫލާ ﷺ އުއްމަތަށް އެކަން ބަޔާންކޮށްދެއްވީހެވެ. ނުވަތަ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަން ކުރެއްވީހެވެ. ނުވަތަ އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އެފަދައިން ކަންތައް ކުރެއްވީހެވެ. ދެންފަހެ އެއިން އެއްވެސް ކަމެއް ހިނގާފައިނުވުމުން އެނގިގެންދަނީ؛ އެއީ އެއްވެސް ގޮތަކުން އިސްލާމްދީނުގައިވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ ރަސޫލާ ﷺ އެ ކަންކަމާމެދު އެކަލޭގެފާނުގެ އުއްމަތަށް އިންޛާރުދެއްވި، (ދީނުގެ ތެރެއަށް) އަލަށް ވެއްދޭ ކަންކަމުގެ ތެރެއިންވާ ކަމެއްކަމެވެ. އެއީ ޙަދީޘްތަކުގައި އިސްވެ ބަޔާންވި ފަދައިންނެވެ. މި ބާބުގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ.

ޢިލްމުވެރިންގެ ޖަމާޢަތެއްވަނީ ޢީދު މީލާދުތަކަށް އިންކާރުކުރައްވާ، އަދި އެއާމެދު ޞަރީޙަކޮށް އިންޛާރުދެއްވާފައިއެވެ. އެއީ ބަޔާންކުރެވުނު ދަލީލުތަކާއި އެހެން ދަލީލުތަކަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ. އަދި ފަހުން އައިސް އުޅޭ ބައެއް މީހުން އެއާ ޚިލާފުވެ، މުންކަރާތުން ކަމެއް އޭގައި ނުހިމެނޭ ގޮތަށް އެކަން ކުރުން ހުއްދަކުރިއެވެ. މިސާލަކަށް: ﷲ ގެ ރަސޫލާ ﷺ އާމެދު (މަތިކޮށް މާތްކުރުމުގައި) ޙައްދުފަހަނައަޅާ ދިޔުމާއި، (ހިލޭ) އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، މިޔުޒިކު ސާމާނު ބޭނުންކުރުމާއި، އެނޫންވެސް ޠާހިރުވެގެންވާ ޝަރުޢު އެ ކަންކަމަށް އިންކާރުކުރާ ކަންކަން ނުހިމެނޭނަމައެވެ. އަދި (އޭރުން) އެވެރިން ހީކުރީ އެއީ ހެޔޮ ރަނގަޅު ބިދުޢަތަކުގެ ތެރެއިންވާ ކަމެއްކަމަށެވެ.

ޝަރުޢީ ޤަވާޢިދަކީ: މީސްތަކުން އެކަމެއްގައި ދެބަސްވެ ޚިލާފުވާ ކަމެއް، ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތަށް ރައްދުކުރުމެވެ. އެއީ ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިފަދައިންނެވެ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا59﴾

(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް ޢަމަލުކުރާށެވެ.) އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.) [އައްނިސާއު: 59]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِ ...﴾

(އަދި ތިޔަބައިމީހުން އެ ކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުން ވަނީ، ﷲ އަށެވެ...) [އައްޝޫރާ: 10]

އަދި އަހަރުމެން މި މައްސަލަ -އެ މައްސަލައަކީ: ޢީދު މީލާދުތައް ފާހަގަކުރުން- ﷲ ސުބްޙާނަހޫގެ ފޮތަށް ރައްދުކުރީމެވެ. ދެން އަހަރުމެންނަށް ފެނުނީ ރަސޫލާ ﷺ ގެންނެވި ކަންކަމަށް ތަބަޢަވުމަށް އެ ފޮތުން އަމުރުކުރައްވާ، އަދި އެކަލޭގެފާނުގެ ނަހީކުރެއްވި ކަންކަމާމެދު އަހަރުމެންނަށް އިންޛާރުދެއްވާ ތަނެވެ. އަދި އެ ފޮތުން އަހަރުމެންނަށް ޚަބަރުދެނީ: ﷲ ސުބްޙާނަހޫ މި އުއްމަތަށް، މި އުއްމަތުގެ ދީން ފުރިހަމަކޮށްދެއްވާފައިވާ ކަމެވެ. އަދި މިގޮތަށް ޢީދު މީލާދުތައް ފާހަގަކޮށް އިޙްތިފާލުކުރުމަކީ ރަސޫލާ ﷺ ގެންނެވި ކަންކަމުގެ ތެރޭގައިވާ ކަމެއް ނޫނެވެ. އެހިނދުން، ﷲ އަހަރުމެންނަށް ފުރިހަމަކޮށްދެއްވާ، އަދި އެ ކަމުގައި ރަސޫލާއަށް ތަބަޢަވުމަށް އަހަރުމެންނަށް އަމުރުކުރެއްވި ދީނުގެ ތެރެއިން އެ ކަންތައް ނުވެއެވެ.

އަދި އަހަރުމެން އެކަންތައް ރަސޫލާ ﷺގެ ސުންނަތަށްވެސް ރައްދުކުރީމެވެ. ދެންފަހެ އެކަލޭގެފާނު އެކަންތައް ކުރެއްވިކަމެއް، އަދި އެކަމަށް އަމުރުކުރެއްވިކަމެއްވެސް، އަދި އެކަލޭގެފާނުގެ އަޞްޙާބުން ވެސް އެކަން ކުރެއްވިކަމެއް އަހަރުމެންނަކަށް ނުފެނުނެވެ. ދެން އެއިން އަހަރުމެންނަށް އެނގިގެންދިޔައީ އެއީ ދީނުގެ ތެރެއިންވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ އަލަށް އުފައްދާފައިވާ ބިދުޢަތަކުން ބިދުޢައެއް ކަމާއި، އަދި ފޮތުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތަކުގައި އެމީހުންނާ އެއްގޮތްވުމުގެ ތެރެއިންވާ ކަމެއްކަމެވެ.

އެމީހަކަށް ކިރިޔާވެސް ހެޔޮ ވިސްނުމެއް، އަދި ޙައްޤު ހޯދުމުގެ ދަހިވެތިކަމެއް އޮތް، އަދި ޙައްޤު ހޯދުމުގައި އިންސާފުވެރިކަން އޮތް މީހަކަށް އެއިން ސާފުވެގެންދަނީ: ޢީދު މީލާދުތައް (އުފަންދުވަސްތައް) ފާހަގަކުރުމީ އިސްލާމްދީނުގެ ތެރެއިންވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ ﷲ ސުބްޙާނަހޫ އާއި އެކަލާނގެ ރަސޫލާ ﷺ އެ ކަންކަން ދޫކޮށްލުމަށާއި، އެކަންކަމާމެދު ހުށިޔާރުވެ ސަމާލުވުމަށް އަމުރުކުރައްވާފައިވާ، އަލަށް އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަން ކުރަމުން އަންނަ މީހުންގެ ގިނަކަމާހުރެ، ބުއްދިވެރިޔާ ހެއްލިގެންގޮސްގެން ނުވާނެއެވެ. އެހެނީ ޙައްޤަކީ އެކަން ކުރާ މީހުންގެ ގިނަކަމަށް ބަލާފައި އެނގޭ އެއްޗެއް ނޫނެވެ. ޙައްޤު އެނގޭނީ ހަމައެކަނި ޝަރުޢީ ދަލީލުތަކުންނެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންނާމެދުގައި ﷲ ތަޢާލާ ވަޙީކުރެއްވިގޮތަށެވެ:

﴿وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ111﴾

(އެބައިމީހުން ބުންޏެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ ސުވަރުގެއަށް ނުވަންނާނެއެވެ. އެއީ، އެބައިމީހުންގެ (ދޮގު) އުންމީދުތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ ތެދުވެރިންކަމުގައިވާނަމަ، ތިޔަބައިމީހުން (އެކަމުގެ ހެއްކާއި) ބުރުހާނު ގެންނާށެވެ!) [އަލްބަޤަރާ: 111] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ...﴾

(އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެ މީހުން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ...) [އަލްއަންޢާމު: 116]

ދެން އެއަށްފަހު ޢީދު މީލާދުތަކަކީ ބިދުޢައެއް ކަމުގައިވުމާއެކު، މީގެ ގިނަ ފާހަގަކުރުންތަކުގައި އެހެން މުންކަރާތްތައް ނުހިމެނި ނުދެއެވެ. އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، ލަވަޔާއި މިޔުޒިކު ސާމާނުތައް ބޭނުންކުރުމާއި، މަސްތުވާތަކެތި ބުއިމާއި އެނޫންވެސް އެފަދަ ނުބައި ކަންކަމެވެ. އަދި އެއަށްވުރެ މާ ބޮޑުވެގެންވާ ކަންތަކެއްވެސް އެ ޙަފްލާތަކުގެ ތެރޭގައި ހިނގާފާނެއެވެ. އެއީ ބޮޑު ޝިރުކެވެ. އެއީ ﷲ ގެ ރަސޫލާ ﷺ އާމެދު ނުވަތަ އެނޫން ވަލީވެރިންގެ ބަޔަކު މަތިކޮށްގެން ޙައްދުފަހަނައަޅާ، އަދި ވާތްގަށް އެދި ދަންނަވާ، މަދަދަށް އެދި، އެ ފަރާތަކަށް ޣައިބު އެނގޭކަމަށް ޤަބޫލުކުރުމާއި، އެނޫންވެސް ނަބިއްޔާ ﷺގެ މައުލިދާއި އެމީހުން ވަލިއްޔުންކަމުގައި ނަންދޭ މީހުންގެ މީލާދުތައް ފާހަގަކުރާއިރު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު އަރައިގަންނަ އެފަދަ ކުފުރުގެ ޢަމަލުތަކެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ:

«إِيَّاكُم وَالغُلُوُّ فِي الدِّينِ، فَإِنَّمَا أَهْلَكَ مَن كَانَ قَبْلَكُم الغُلُوَّ فِي الدِّينِ».

"ދީނުގައި ޙައްދުފަހަނައަޅާ ދިޔުމާމެދު ތިޔަބައިމީހުން ނަމަނަމަ ޚަބަރުދާރުވާށެވެ! ފަހެ ތިޔަބައިމީހުންގެ ކުރިން އުޅުނު މީސްތަކުން ހަލާކުވެގެންދިޔަކަން ކަށަވަރީވެސް ދީނުގައި ޙައްދުފަހަނައެޅުމުގެ ސަބަބުންނެވެ." އަދިވެސް އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

«لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، إِنَّمَا أَنَا عَبدٌ، فَقُولُوا: عَبدُ اللهِ وَرَسُولُه».

"ނަޞާރާއިން މަރްޔަމްގެފާނުގެ ދަރިކަލުން (ޢީސާގެފާނު) މަތިކުރުމުގައި ޙައްދުފަހަނައަޅާ ދިޔަ ގޮތަށް ތިޔަބައިމީހުން ތިމަންކަލޭގެފާނު މަތިކުރުމުގައި ޙައްދުފަހަނައަޅާ ނުދާހުށިކަމެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ އަޅެއްކަމުގައިއެވެ. އެހެންކަމުން "ﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާއޭ" ތިޔަބައިމީހުން ބުނާށެވެ." މި ޙަދީޘް ނެރުއްވީ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި، ޢުމަރު رضي الله عنه ގެ ޙަދީޘުންނެވެ.

ޢަޖައިބުހުރި އާދަޔާ ޚިލާފުކަމަކީ: މިފަދަ ބިދުޢަވެރި ޙަފްލާތަކަށް ޙާޒިރުވުމަށް ގިނަ ބަޔަކު ހީވާގިވެ ހޭވައްޓާލާފައި އުޅެ، އަދި އެކަންކަން ދިފާޢުވެސް ކުރެއެވެ. އަނެއްކޮޅުން ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަންކަން ކަމުގައިވާ: ހުކުރާއި ޖަމާޢަތުގެ ނަމާދަށް ޙާޒިރުވުމުން ފަސްޖެހި ނުގޮސް ހުރެއެވެ. އަދި އެކަމާމެދު އެއްވެސް ސަމާލުކަމެއްދޭން ބޯ ހިއްލާވެސް ނުލައެވެ. އަދި އެ ކުރެވުނީ ބޮޑު މުންކަރާތެއްކަމުގައިވެސް ނުދެކެއެވެ. ޝައްކެއްނެތް ގޮތުގައި އެ ކަންވަނީ އީމާންކަން ބަލިކަށިވުމާއި، ބަޞީރަތާއި ޢިލްމު މަދުވުމާއި، އެކި ބާވަތްތަކުގެ އުރެދުންތަކާއި ފާފަތަކުން ހިތްތަކުގައި ދަބަރުޖަހާފައިވުން ގިނަވުމުންނެވެ. އަހަރުމެންނަށާއި، ހުރިހާ މުސްލިމުންނަށް ޢާފިޔަތުދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.

އަދިވެސް އޭގެ ތެރޭގައި: އޭގެ ބައެއް މީހުން ހީކުރާ ގޮތުގައި ﷲ ގެ ރަސޫލާ ﷺ، ޢީދު މީލާދު ފާހަގަކުރެވޭ ތަނަށް ޙާޟިރުވެ ވަޑައިގަންނަވައެވެ. މިހެންވެ އެކަލޭގެފާނަށް ސަލާމްކޮށް މަރުހަބާ ކިޔަން އެމީހުން ތެދުވެއެވެ. މިއީ އެންމެ ބޮޑެތި ބާޠިލު ކަންތަކުގެ ތެރެއިން، އަދި އެންމެ ހުތުރުވެގެންވާ ޖާހިލުކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ރަސޫލާ ﷺ، ޤިޔާމަތްދުވަހުގެ ކުރިން އެކަލޭގެފާނުގެ ޤަބުރުފުޅުން ނިކުމެވަޑައިނުގަންނަވާނެއެވެ. އަދި މީސްތަކުންގެ ތެރެއިން އެކަކާވެސް ނުގުޅުއްވާނެއެވެ. އަދި އެމީހުންގެ އެއްވުމަކަށްވެސް ޙާޟިރުވެވަޑައިނުގަންނަވައެވެ. ކިއެއްތަ، އެކަލޭގެފާނު ޤިޔާމަތްދުވަހާ ހަމައަށްވަނީ އެކަލޭގެފާނުގެ ޤަބުރުފުޅުގައި ޤާއިމުވެގެންނެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅުވަނީ އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައި ކަރާމާތްތެރިކަމުގެ ގޮވެތީގައި، ޢިއްލިއްޔޫންގެ އެންމެ މަތީގައިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ:

﴿ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ15 ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ16﴾

(ދެން ހަމަކަށަވަރުން ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ.

ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުންދިރުއްވައި މަޙުޝަރަށް ފޮނުވޭނެއެވެ.) [އަލްމުއުމިނޫން: 15- 16]

އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

«أَنَا أَوَّلُ مَنْ يَنْشَقُّ عَنْهُ القَبْرُ يَومَ القِيَامَةِ، وَأَنَا أَوَّلُ شَافِعٍ، وَأَوَّلُ مُشَفَّعٍ».

"ތިމަންކަލޭގެފާނީ ޤިޔާމަތް ދުވަހު އެމީހަކުގެ މަތިން ޤަބުރު އެންމެ ފުރަތަމަ ފަޅައިގެންދާނޭ މީހާއެވެ. އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވާނޭ ބޭކަލަކީވެސް، އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވެވޭނެ ބޭކަލަކީވެސް ތިމަންކަލޭގެފާނެވެ." އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެންމެ ހެޔޮ ޞަލަވާތާއި ސަލާމް އެކަލޭގެފާނުގެ މައްޗަށް ހުއްޓެވެ.

މި މާތް ދެ އާޔަތާއި، ޝަރަފުވެރި ޙަދީޘާއި، އަދި އެ މާނައިގައި އައިސްފައިވާ ހުރިހާ އާޔަތްތަކާއި ޙަދީޘްތައް ދަލީލުކުރަނީ: ނަބިއްޔާ ﷺ އާއި އެހެންވެސް މައްޔިތުން، އެބޭފުޅުންގެ ޤަބުރުތަކުން ނިކުންނަހުށީ ޤިޔާމަތްދުވަހު ކަމެވެ. މިއީ މުސްލިމުންގެ ޢިލްމުވެރިންގެ މެދުގައި އިޖްމާޢުވެވިގެންވާ ކަމެކެވެ. އެކަމުގައި އެބޭކަލުންގެ މެދުގައި ދެބަސްވުމެއް ނުވެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް މި ކަންކަމަށް ސަމާލުވެ، އަދި ޖާހިލުންނާއި އެފަދަ މީހުން އުފައްދައިގެން އުޅޭ ބިދުޢަތަކާއި ޚުރާފާތްތަކާމެދު ހުށިޔާރުވެ ދުރުވާންޖެހެއެވެ. އެ ކަންކަމަކީ އެކަންކަމުގައި ﷲ އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ކަންކަމެވެ. އެހީތެރިކަމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ އެކަލާނގެއަށެވެ. އަދި އެއްވެސް އާރަކާއި ބާރެއް އެކަލާނގެ ޙަޟްރަތުން މެނުވީ ނުވެއެވެ.

ދެންފަހެ ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރުމީ އެންމެ މަތިވެރިވެގެންވާ ކުއްތަންކުރަނިވި ޢަމަލުތަކުގެ ތެރޭގައި، އަދި ޞާލިޙު ޢަމަލުތަކުގެ ތެރޭގައިވާ ކަމެކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:

﴿إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا56﴾

(ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުއާ ކުރާށެވެ.) [އަލްއަޙްޒާބު: 56]. އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

«مَنْ صَلَّى عَلَيَّ وَاحِدَةً؛ صَلَّى اللهُ عَلَيهِ بِهَا عَشْرًا».

"ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށް ﷲ އޭގެ ސަބަބުން ދިހަ ޞަލަވާތް ލައްވަތެވެ." އެއީ ހުރިހާ ވަޤުތެއްގައިވެސް ޝަރުޢުވެގެންވާ ކަމެކެވެ. އަދި ކޮންމެ ނަމާދެއްގެ ފަހުގައި ސުންނަތްކަން ގަދަވެގެންވާ، އަދި ކިއެއްތަ، ޢިލްމުގެ އަހުލުވެރިންގެ ޖަމާޢަތެއްގެ ގާތުގައި ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ވާޖިބުވެސް ވެގެންވާ ކަމެކެވެ. އަދި ގިނަ މަޤާމުތަކެއްގައި އޭގެ ސުންނަތްކަން ގަދަވެގެންވެއެވެ. އޭގެ ތެރޭގައި: ބަންގީގެ ފަހުން، އަދި އެކަލޭގެފާނު عليه الصلاة والسلام ގެ ނަންފުޅު ގަނެވޭހިނދު، އަދި ހުކުރު ދުވަހާއި ހުކުރު ވިލޭރޭ ހިމެނެއެވެ. އެއީ ގިނަ ޙަދީޘްތަކަކުން އެކަމަށް ދަލީލުކޮށްފައިވާ ގޮތަށެވެ.

އަހަރުމެންނާއި ހުރިހާ މުސްލިމުން، ﷲ ގެ ދީނުގައި ފިޤުހުވެރިވެ އަދި އެ ދީނުގައި ޘާބިތުވުމަށް ތައުފީޤުދެއްވާ، އަދި ހުރިހާ އެންމެން ސުންނަތުގައި ހިފަހައްޓާ، ބިދުޢައާމެދު ސަމާލުވެ ދުރުވުމުގެ ނިޢުމަތް ދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތްވަންތަ އޯގާވަންތަ އިލާހެވެ.

އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه.

 

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ހަވަނަ ރިސާލާ:

އިސްރާ މިޢުރާޖުގެ ރޭ ފާހަގަކުރުމުގެ ޙުކުމް

ޙަމްދުހުރީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށެވެ.

އެއަށްފަހު ދަންނައެވެ: އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިސްރާއާއި މިޢުރާޖަކީ ﷲ ގެ ރަސޫލާ މުޙައްމަދު ﷺގެ ތެދުވެރިކަމަށް، އަދި ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުގައި އެކަލޭގެފާނުގެ މަޤާމާއި ދަރަޖައިގެ މަތިވެރިކަމަށް ދަލީލުކުރާ އެކަލާނގެ މަތިވެރި ހެކިތަކުގެ ތެރެއިންވާ ހެއްކެކެވެ. އެފަދައިންމެ، އެއީ ﷲ ގެ ޢަޖައިބުކުރުވަނިވި ކުޅަދުންވަންތަކަމާއި، ހުރިހާ ޚަލްޤުތަކުންގެ މަތީގައި އުހުގައި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށްވެސް ދަލީލުކުރާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:

﴿سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ1﴾

(ތިމަން އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް ދެއްކެވުމަށްޓަކައި، އަލްމަސްޖިދުލް ޙަރާމުން، އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތް ލެއްވި އަލްމަސްޖިދުލް އަޤްޞާއަށް އެ އިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.) [އަލްއިސްރާއު: 1]

އަދި ﷲ ގެ ރަސޫލާ ﷺ އާގެން އުޑުތަކަށް އަރާވަޑައިގަނެވުނުކަމާއި، ހަތްވަނަ އުޑު ފަހަނައަޅާ ވަޑައިގަންނަވަންދެން އެ އުޑުތަކުގެ ދޮރާށިތައް އެކަލޭގެފާނަށްޓަކައި ހުޅުވުނުކަމާއި، ދެން އެކަލޭގެފާނުގެ ވެރި ރައްބު ސުބްޙާނަހޫ އިރާދަކުރެއްވި ވާހަކަފުޅަކުން އެކަލޭގެފާނާ ވާހަކަފުޅުދެއްކެވިކަމާއި، އަދި އެކަލޭގެފާނުގެ މައްޗަށް ފަސް ނަމާދު ފަރުޟުކުރެއްވިކަން މުތަވާތިރުކޮށް އައިސްފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ އެންމެ ފުރަތަމަ އެ ނަމާދުތައް ފަރުޟުކުރެއްވީ ފަންސާސް ނަމާދުގެ ގޮތުގައިއެވެ. ދެން އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެވަޑައިގެން، ލުއިކޮށްދެއްވުމަށް އެދިވަޑައިގެން ދަންނަވަމުން ގެންދެވިއެވެ. އެހެންގޮސް އެކަލާނގެ ފަސް ނަމާދުގެ ގޮތުގައި އެ ނަމާދުތައް ލައްވަންދެނެވެ. ފަހެ ފަރުޟުވުމުގައި އެއީ ފަސް ނަމާދެވެ. އަދި އަޖުރުގެ ގޮތުން އެއީ ފަންސާސް ނަމާދެވެ. އެހެނީ ހެޔޮކަމަށް، އެއާ އެއްފަދަ ދިހަ ހެޔޮކަންވެއެވެ. ފަހެ ﷲ ގެ ހުރިހާ ނިޢުމަތްތަކަށްޓަކައި އެކަލާނގެއަށް ޙަމްދާއި ޝުކުރު ހުއްޓެވެ.

އިސްރާއާއި މިޢުރާޖުގެ ކަންތައް ހިނގި މި ރެޔަކީ ކޮން ރެޔެއްކަން ކަނޑައެޅިގެން ޞައްޙަ ޙަދީޘްތަކުގައި އައިސްފައި ނުވެއެވެ. ރަޖަބު މަހަށްވެސް އެހެން މަހަކަށްވިޔަސްމެއެވެ. އެއީ ކޮން ރެޔެއްކަން ކަނޑައެޅިފައި އައިސްފައިވާ ކޮންމެ އެއްޗަކީ، ޙަދީޘް ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ނަބިއްޔާ ﷺގެ އަރިހުން ޘާބިތުނުވާ ތަކެއްޗެވެ. މީސްތަކުންނަށް އެ ރެޔަކީ ކޮބައިކަން ހަނދުމަނެތި ކުރެއްވުމުގައި ﷲ ގެ ބޮޑުވެގެންވާ ޙިކްމަތެއްވެއެވެ. އަދި އެއީ ކޮން ރެޔެއްކަން (މިސާލަކަށް) ކަނޑައެޅިގެން ޘާބިތުވިޔަސް؛ އަޅުކަމުން އެއްވެސް ކަމެއް އެ ރެޔަށް ޚާއްޞަކޮށްގެން ކުރުން މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ. އަދި އެ ރޭ ފާހަގަކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންވެސް އެ ރޭ ފާހަގައެއް ނުކުރައްވައެވެ. އަދި އެއްވެސް ކަމަކުން އެބޭކަލުން އެ ރޭ ޚާއްޞަ ނުކުރައްވައެވެ. އެ ރޭ ފާހަގަކުރުމަކީ ޝަރުޢުވެގެންވާ ކަމެއްނަމަ؛ ރަސޫލާ ﷺ އުއްމަތަށް އެކަން ބަޔާންކޮށްދެއްވީހެވެ. ބަސްފުޅުން ނުވަތަ ޢަމަލުފުޅުންވިޔަސްމެއެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ؛ އެކަމެއް އެނގި މަޝްހޫރުވީހެވެ. އަދި ޞަޙާބީން رضي الله عنهم އަހަރުމެންނަށް އެކަމެއް ނަޤުލުކުރެއްވީހެވެ. ފަހެ އެބޭކަލުންވަނީ، އުއްމަތް އެކަމަކަށް ޙާޖަތްޖެހޭ ކޮންމެ ކަމެއް ނަބިއްޔާ ﷺގެ އަރިހުން ނަޤުލުކުރައްވާފައިއެވެ. އަދި ދީނުގެ އެއްވެސް ކަމެއްގައި އެބޭކަލުން ފަރުވާކުޑަ ނުކުރައްވައެވެ. ކިއެއްތަ، އެބޭކަލުންނީ ކޮންމެ ހެޔޮކަމަށް އިސްވެ ކުރިއަރާދިޔަ ބޭކަލުންނެވެ. އެހެންކަމުން މި ރޭ ފާހަގަކުރުމަކީ ޝަރުޢުވެގެންވާ ކަމެއްނަމަ؛ ،މީސްތަކުންގެ ތެރެއިން އެކަމަށް އެންމެ ފުރަތަމަ ކުރިއަރާދިޔައީހީ އެބޭކަލުންނެވެ. އަދި މީސްތަކުންނަށް އެންމެ ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ ބޭކަލަކީ ނަބިއްޔާ ﷺ އެވެ. އެކަލޭގެފާނު ވަނީ ރިސާލަތު އެންމެ ފުރިހަމަ ފޯރުކޮށްދެއްވުމުން ފޯރުކޮށްދެއްވާ، އަދި އެ އަމާނާތް އަދާކުރައްވާފައިއެވެ. ދެންފަހެ މި ރޭ މަތިވެރިކޮށްގެން ފާހަގަކުރުމަކީ ﷲ ގެ ދީނުގެ ތެރެއިންވާ ކަމެއްނަމަ؛ ނަބިއްޔާ ﷺ އެކަމާމެދު ޣާފިލުވެވަޑައިނުގަތީހެވެ. އަދި އެކަން ވަންހަނާ ނުކުރެއްވީހެވެ. ދެންފަހެ އެއިން އެއްވެސް ކަމެއް ހިނގާފައި ނެތުމުން؛ އެނގިގެންދަނީ އެ ރޭ ފާހަގަކުރުމާއި، އެ ރޭ މަތިކޮށް މާތްކޮށްގެން އުޅުމަކީ އެއްވެސް ގޮތަކުން އިސްލާމްދީނުގެ ތެރޭގައި އޮތްކަމެއް ނޫންކަމެވެ. ﷲ ވަނީ މި އުއްމަތަށް މި އުއްމަތުގެ ދީން ފުރިހަމަކޮށްދެއްވާ، ނިޢުމަތްވެސް ފުރިހަމަކޮށްދެއްވާފައިއެވެ. އަދި ﷲ އިޛްނަދެއްވާފައި ނުވާ ކަމެއް ދީނުގެ ތެރެއަށް ކަނޑަޅައިގެން ޝަރުޢުކުރާ މީހުންނަށް އެކަލާނގެ އިންކާރުކުރެއްވިއެވެ. އެގޮތުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރެއްވިއެވެ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:

﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ21﴾

(ނުވަތަ ﷲ، އިޛްނަ ދެއްވާފައި ނުވާކަމެއް، ދީނުން އެ މީހުންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެ މީހުންނަށް ވޭހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސް ކުރެއްވުމުގެ ކަލިމަފުޅުނުވާނަމަ، އެ މީހުންގެ މެދުގައި ނިޔާކަނޑައެޅުނީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.) [އައްޝޫރާ: 21]

އަދި ރަސޫލާ ﷺ ގެ އަރިހުން ޞައްޙަ ޙަދީޘްތަކުގައި، ބިދުޢަތަކާމެދު އިންޛާރުދެއްވުމާއި، އެއީ މަގުފުރެދުމެއްކަން ޞަރީޙަކޮށް ސާފުކޮށްދެއްވުން ޘާބިތުވެގެންވެއެވެ. އެއީ ބިދުޢައިގެ ނުރައްކާ ބޮޑުކަމުގެ މައްޗަށް އުއްމަތް ސަމާލުކުރުވުމާއި، އެއަށް އަރައިގަތުމާމެދު އެމީހުން ނަފުރަތްތެރިކުރުވާ ދުރުކުރުވުމަށެވެ. އޭގެ ތެރޭގައި، ދެ ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވާ ބަސްފުޅުވެއެވެ:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ؛ فَهُوَ رَدٌّ».

"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އަދި މުސްލިމްގެ އެހެން ރިވާޔަތެއްގައިވެއެވެ:

«مَنْ عَمِلَ عَمَلًا لَيْسَ عَلَيهِ أَمْرَنَا؛ فَهُوَ رَدٌّ».

"އަހަރުމެންގެ ކަންތައް އެ ގޮތަކަށް ނުވާ ގޮތަކަށް ޢަމަލެއްކޮށްފި މީހާ؛ ފަހެ އެ ކަމެއްވަނީ ރައްދުކުރެވިގެންނެވެ." އަދިވެސް ޞަޙީޙު މުސްލިމްގައި ޖާބިރު رضي الله عنه ވިދާޅުވިކަމަށްވެއެވެ: ﷲ ގެ ރަސޫލާ ﷺ، ހުކުރު ދުވަހު ދެއްވާ ޚުޠުބާގައި ޙަދީޘްކުރައްވައެވެ:

«أَمَا بَعْدَ، فَإِنَّ خَيرَ الحَدِيثِ كِتَابُ اللهِ، وَخَيرَ الهَدْيِ هَدْيُ مُحَمَّدٍ ﷺ، وَشَرَّ الأُمُورِ مُحْدَثَاتُهَا، وَكُلَّ بِدْعَةٍ ضَلَالَةٌ».

"އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ވާހަކަތަކަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ މުޙައްމަދު ﷺ ގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވާ ކަންކަމަކީ: އަލަށް އުފެއްދިގެންވާ ކަންކަމެވެ. އަދި (ދީީނުގެ ތެރެއަށް އަލަށް އުފެއްދޭ) ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." އަދި ރަނގަޅު ސަނަދަކުން އައްނަސާއީ އިތުރުކުރެއްވިއެވެ:

«وَكُلَّ ضَلَالَةٍ فِي النَّارِ».

"އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކާގައިއެވެ." އަދި ސުނަނު ފޮތްތަކުގައި، އަލްޢިރްބާޟު ބްނު ސާރިޔާ رضي الله عنه ވިދާޅުވިކަމަށް އައިސްފައިވެއެވެ: "ﷲ ގެ ރަސޫލާ ﷺ އަހަރުމެންނަށް ބަލާޣާތްތެރި ވަޢުޡު ނަޞޭޙަތެއް ދެއްވިއެވެ. އެއިން ހިތްތައް ބިރުވެތިކޮށްލާ، ލޯތަކުން ކަރުނަތައް އޮހިގެންދިޔައެވެ. ދެން އަހަރުމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ! (ތިޔަ ދެއްވި ނަޞޭޙަތް) އަލްވަދާޢު ކިޔާ މީހެއްގެ ވަޢުޡު ނަޞޭޙަތެއް ފަދައެވެ. ފަހެ އަހަރުމެންނަށް ވަޞިއްޔަތް ކުރައްވާށެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:

«أُوصِيكُم بِتَقْوَى اللهِ وَالسَّمعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيكُم عَبدٌ، فَإِنَّهُ مَنْ يَعِشْ مِنْكُم فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيكُم بِسُنَّتِي وَسُنَّةِ الخلُفَاءِ الرَّاشِدِينَ المَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُم وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٍ وَكُلَّ بِدْعَةٍ ضَلَالَةٌ».

"ﷲ އަށް ތަޤުވާވެރިވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އަޅަކު އިސްކުރެވުނަސް އަޑުއަހާ ކިޔަމަންވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ދިރިހުންނަ މީހަކަށް ގިނަ އިޚްތިލާފުތަކެއް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނަށް ފަހު ތެދުމަގުގައިވާ ހިދާޔަތު ލިބިގެންވާ ޚަލީފާއިންގެ ސުންނަތެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ކޮލު ދަތްތަކުން އޭގައި ދަތްއަޅާހުށިކަމެވެ. އަދި (ދީނުގެ ތެރެއަށް) އަލަށް އުފެއްދޭ ކަންކަމާމެދު ތިޔަބައިމީހުން ހުށިޔާރުވެ ޚަބަރުދާރުވާށެވެ. ފަހެ ހަމަކަށަވަރުން އަލަށް އުފެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.

ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންގެ އަރިހުން، އަދި އެބޭކަލުންގެ ފަހުން އުޅުއްވި ހެޔޮވެގެންވާ ސަލަފުންގެ އަރިހުންވެސް؛ ބިދުޢަތަކާމެދު އިންޛާރުދެއްވުމާއި، އެކަމާމެދު ބިރުގެންނެވުމުގެ ބަސްތައްވަނީ ޘާބިތުވެގެންނެވެ. އެކަން އެހެންވީ: އެއީ ދީނުގެ ތެރެއަށް އިތުރުކުރުންކަމުގައި ވުމުންނާއި، އަދި ﷲ އިޛްނަ ދެއްވާފައި ނުވާ ކަންތަކެއް ޝަރުޢުކުރުންކަމުގައި ވުމުންނާއި، އަދި ﷲ ގެ ޢަދުއްވުންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ދީނަށް އިތުރުކޮށް، އަދި ﷲ އިޛްނަދެއްވާފައި ނުވާ ކަންތަކެއް ދީނުގެ ތެރެއަށް އެމީހުން އަލަށް އުފައްދައިގެން ގެނައި ގެނައުމާ ވައްތަރުވެގަތުން ކަމުގައިވުމުންނެވެ. އަދި އެއިން ލާޒިމްކުރަނީ އިސްލާމްދީނަށް އުނިބަސްބުނެ ފާޑުކިޔުންކަމުގައި، އަދި ދީން ފުރިހަމަވެގެން ނުވާކަމަށް ތުހުމަތުކުރުން ކަމުގައިވާތީއެވެ. މި ކަމުގައިހުރި ބޮޑުވެގެންވާ ފަސާދައާއި، ހުތުރުވެގެންވާ މުންކަރާތާއި، ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅާ ދިމާއިދިކޮޅުވެގެންވާކަން ވަނީ އެނގިގެންނެވެ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ...﴾

(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ...) [އަލްމާއިދާ: 3] އަދި ބިދުޢަތަކާމެދު އިންޛާރުދެއްވާ، ނަފްރަތްތެރިކުރައްވާ އައިސްފައިވާ، ރަސޫލާ عليه الصلاة والسلام ގެ ޙަދީޘްތަކާ އެކަން ޞަރީޙަކޮށް ޚިލާފުވާކަންވެސް އެނގިގެންވެއެވެ.

މިއެވެ. އަހަރެން އެދެނީ މި ބިދުޢައަށް -އެބަހީ: އިސްރާއާއި މިޢުރާޖުގެ ރޭ ފާހަގަކުރުމުގެ ބިދުޢައަށް- އިންކާރުކުރުމުގައި، އަދި އެއާމެދު އިންޛާރުދީ، އަދި އެއީ އިސްލާމްދީނުގައި އެއްގޮތަކަށްވެސް ވާ ކަމެއް ނޫންކަމުގެ މައްޗަށް އަހަރުމެން މި ޛިކުރުކުރި ދަލީލުތަކުގައި، ޙައްޤު ހޯދާ މީހަކަށް ޤަބޫލުކުރެވި ފުދޭނެ މިންވަރު ވާނޭކަމަށެވެ.

މުސްލިމުންނަށް ނަޞޭޙަތްތެރިވެ، އަދި ﷲ އެމީހުންނަށް ދީނުން ޝަރުޢުކުރެއްވި ކަންތައް ބަޔާންކޮށްދިނުން ﷲ ވާޖިބުކުރައްވާފައިވުމުންނާއި، އަދި ޢިލްމު ފޮރުވުން ޙަރާމްވެގެންވުމުން؛ މި ބިދުޢައާމެދު އަހަރެންގެ މުސްލިމު އަޚުން ސަމާލުކުރުވުމަށް އަހަރެންނަށް ފެނުނެވެ. އެ ބިދުޢައަކީ: ގިނަ ރަށްތަކެއްގައި ފެތުރިގެންގޮސް، މީސްތަކުންގެ ތެރެއިން ބަޔަކު އެއީ ދީނުގެ ތެރޭގައިވާ ކަމެއްކަމަށްވެސް ހީކުރާ ހިސާބަށް ކަންތައްގޮސްފައިވާ ބިދުޢައެކެވެ.

ހުރިހާ މުސްލިމްތަކުންގެ ޙާލަތުތައް އިޞްލާޙުކުރައްވާ، އަދި އެމީހުންނަށް ދީނުގައި ފިޤުހުވެރިކަން ދެއްވާ، އަދި އަހަރުމެންނާއި އެމީހުންނަށްވެސް ޙައްޤުގައި ހިފަހައްޓާ، ޙައްޤުގައި ޘާބިތުވެ، އަދި އެއާ ޚިލާފުވާ އެއްޗެއް ދޫކޮށްލުމުގެ ތައުފީޤުދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން އެކަމުގެ ވަލީވެރި އަދި އެކަމަށް ކުޅަދުންވަންތަ ފަރާތަކީ އެކަލާނގެއެވެ.

ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ.

وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ހަތްވަނަ ރިސާލާ:

ޝަޢުބާން މަސް ދެބައިވާ ރޭ (15 ވަނަ ވިލޭރޭ) ފާހަގަކުރުމުގެ ޙުކުމް

ޙަމްދުހުރީ އަހަރުމެންނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި ނިޢުމަތް އަހަރުމެންނަށް ފުރިހަމައަށް ދެއްވި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ އެކަލާނގެ ނަބިއްޔާ އަދި ރަސޫލާކަމުގައިވާ: ތައުބާ އާއި ރަޙްމަތުގެ ނަބިއްޔާ މުޙައްމަދުގެފާނަށެވެ.

އެއަށްފަހު ދަންނައެވެ: ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُ...﴾

(ނުވަތަ ﷲ، އިޛްނަ ދެއްވާފައި ނުވާކަމެއް، ދީނުން އެ މީހުންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެ މީހުންނަށް ވަނީ ހެއްޔެވެ؟..) [އައްޝޫރާ: 21] އަދި ދެ ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ؛ فَهُوَ رَدٌّ».

"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އަދި ޞަޙީޙު މުސްލިމްގައި ޖާބިރު رضي الله عنه ގެ އަރިހުންވެއެވެ: ނަބިއްޔާ ﷺ، ހުކުރު ޚުޠުބާގައި ޙަދީޘްކުރައްވައެވެ:

«أَمَّا بَعْدُ: فَإِنَّ خَيرَ الحَدِيثِ كِتَابُ اللهِ، وَخَيرَ الهَدْيِ هَدْيُ مُحَمَّدٍ صَلَّى اللهُ عَلَيهِ وَسَلَّمَ، وَشَرَّ الأُمُورِ مُحْدَثَاتُهَا، وَكُلَّ بِدْعَةٍ ضَلَالَةٌ».

"އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ވާހަކަތަކަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ މުޙައްމަދު ﷺ ގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވާ ކަންތަކަކީ: އަލަށް އުފެއްދިގެންވާ ކަންކަމެވެ. އަދި (ދީީނުގެ ތެރެއަށް އަލަށް އުފެއްދޭ) ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." މި މާނައިގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ. އެ ހުރިހާ ބަސްފުޅެއްވެސް ޞަރީޙަކޮށް ދަލީލުކުރަނީ: ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުއްމަތަށް، މި އުއްމަތުގެ ދީން ފުރިހަމަކޮށްދެއްވާ، ނިޢުމަތްވެސް ފުރިހަމަކޮށްދެއްވާފައިވާ ކަމެވެ. އަދި ބަޔާންވެގެންވާ ފޯރުކޮށްދެއްވުމުން ފޯރުކޮށްދެއްވާ، އަދި ﷲ އުއްމަތަށް ޝަރުޢުކޮށްދެއްވާފައިވާ ހުރިހާ ބަސްތަކާއި ޢަމަލުތައް ބަޔާންކޮށްދެއްވުމަށްފަހު މެނުވީ އެކަލާނގެ ނަބިއްޔާ عليه الصلاة والسلام އަވަހާރަނުވެއެވެ. އަދި އެކަލޭގެފާނު ސާފުކޮށްދެއްވާފައިވަނީ: އެކަލޭގެފާނަށް ފަހުގައި މީސްތަކުން އަލަށް އުފައްދައިގެން ދީނަށް ނިސްބަތްކުރާ އެންމެހައި ބަސްތަކާއި ނުވަތަ ޢަމަލުތަކަކީ؛ އެ ކަމެއް އުފެއްދި މީހަކު ކިތަންމެ މަޤްޞަދު ހެޔޮވެގެންވިޔަސް އޭނާގެ މައްޗަށް އަނބުރާ ރައްދުކުރެވިގެންވާ ކަންތަކެއްކަމެވެ. ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންނަށްވަނީ މިކަން އެނގިވަޑައިގެންފައިއެވެ. އެފަދައިންމެ އެބޭކަލުންގެ ފަހުންވީ އިސްލާމްދީނުގެ ޢިލްމުވެރިންވެސްމެއެވެ. ފަހެ އެ ބޭކަލުން ބިދުޢަތަކަށް އިންކާރުކުރައްވާ، އެއާމެދު އިންޛާރުދެއްވިއެވެ. އިބްނު ވައްޟާޙު، އައްޠަރްޠޫޝީ، އަބޫ ޝާމާ އަދި އެނޫންވެސް ސުންނަތުގެ ޤަދަރު މަތިކޮށް މާތްކުރުމުގައި، އަދި ބިދުޢައަށް އިންކާރުކުރުމުގައި ލިޔުއްވި ކޮންމެ ބޭކަލަކުވެސް އެކަން ޛިކުރުކުރައްވާފައިވާ ފަދައިންނެވެ.

އަދި މީސްތަކުންގެ ތެރެއިން ބަޔަކުމީހުން އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިން އެއްކަމަކީ: ޝަޢުބާންމަސް ދެބައިވާ ރޭ ފާހަގަކޮށް، އެ ދުވަސް ރޯދަހިފުމަށް ޚާއްޞަކުރުމުގެ ބިދުޢައެވެ. އެކަމުގެ މައްޗަށް ބަރޯސާވުން ހުއްދަވާނޭ ދަލީލެއް ނެތެވެ. އެ ރޭގެ މާތްކަމާމެދު ބަލިކަށި ޙަދީޘްތަކެއް އައިސްފައިވެއެވެ. އެއަށް ބަރޯސާވުން ހުއްދަވެގެން ނުވެއެވެ.

ދެންފަހެ އެ ރޭގައި ނަމާދުކުރުމުގެ މާތްކަމާމެދު އައިސްފައިވާ ތަކެއްޗަށް ބަލާއިރު؛ ފަހެ އެ ހުރިހާ އެއްޗަކީވެސް ހަދާފައިވާ ދޮގު ވާހަކަތަކެކެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ގިނަބަޔަކު އެކަމަށް ސަމާލުކުރުވާފައިވާ ގޮތަށެވެ. ﷲ އިރާދަކުރެއްވިއްޔާ އޭގެ ބައެއް ބޭކަލުންގެ ބަސްތައް ޛިކުރުކުރުން އަންނަހުއްޓެވެ.

އަދިވެސް އެ ރެޔާމެދު، ޝާމްކަރައިގެ އަހުލުވެރިންގެ ތެރެއިންވާ އަދި އެހެންވެސް ބައެއް ސަލަފުންގެ އަރިހުން އަޘަރުތަކެއް އައިސްފައިވެއެވެ.

ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވާފައިވާ ގޮތަކީ: އެ ރޭ ފާހަގަކުރުމަކީ ބިދުޢައެއްކަމެވެ. އަދި އެ ރޭގެ މާތްކަމާމެދު އައިިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ބަލިކަށިވެގެންވާ، އަދި އޭގެ ބައެއް ޙަދީޘްތަކަކީ ހަދާފައިވާ ދޮގު ޙަދީޘްތަކެއްކަމެވެ. އެކަން ސަމާލުކަމަށް ގެންނެވި ބޭފުޅުންގެ ތެރޭގައި: އަލްޙާފިޡު އިބްނު ރަޖަބު، އެކަލޭގެފާނުގެ ފޮތް 'ލަޠާއިފުލް މަޢާރިފު' ގައި، އަދި އެހެން ބޭކަލުންވެސްވެއެވެ. އަދި އެނގިގެންވާކަމަކީ: އަޅުކަންތަކުގައި ބަލިކަށި ޙަދީޘްތަކަށް ޢަމަލުކުރެވޭހުށީ ހަމައެކަނި އެ ކަންކަމުގެ އަޞްލު ޞައްޙަ ދަލީލުތަކުން ޘާބިތުވެގެންވާ އަޅުކަންތަކުގައިއެވެ. ދެންފަހެ ޝަޢުބާން މަސް ދެބައިވާ ރޭ ފާހަގަކުރުމަކީ، ބަލިކަށި ޙަދީޘްތަކުން އެއަށް މުނިއަވަހެއް (އެހީއެއް) ހޯދާކަށް، ޞައްޙަ އަޞްލެއް އެއަށްވާ ކަމެއް ނޫނެވެ. އިމާމް އަބުލް ޢައްބާސް، ޝެއިޚުުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވަނީ މި އަގުހުރި ޤަވާޢިދު ޛިކުރުކުރައްވާފައިއެވެ.

އޭ ކިޔުންތެރިޔާއެވެ. މި މައްސަލާގައި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވި ބަސްފުޅުތައް އަހަރެން ތިބާއަށް ގެނެސްދޭނަމެވެ. އެއީ އެކަމާމެދު ތިބާ ސާފު ޙުއްޖަތެއްގެ މަތީގައި ހުރުމަށްޓަކައިއެވެ.

މީސްތަކުން އެ މައްސަލަތަކެއްގައި ދެބަސްވެ ޚިލާފުވެގެންވާ ކަންތަކުގައި ވާޖިބުވެގެންވަނީ ﷲ -ޖައްލަ ޖަލާލުހޫ- ގެ ފޮތަށާއި، ﷲ ގެ ރަސޫލާ ﷺގެ ސުންނަތަށް އެކަންކަން ރައްދުކުރުން ކަމުގައި ޢިލްމުވެރިން رحمهم الله އިޖްމާޢުވެގެންވެއެވެ. ދެން އެ ދޭތިން ނުވަތަ އެތަނުން އެކަތި އެ މައްސަލައެއްގައި ކުރި ޙުކުމެއް އެއީ ފަހެ ތަބަޢަވުން ވާޖިބުވެގެންވާ ޝަރުޢެވެ. އަދި އެ ދެއެއްޗާ ޚިލާފުވި އެއްޗެއް ދޫކޮށްލަންޖެހެއެވެ. އަދި އެ ދޭތީގައި އައިސްފައި ނުވާ އަޅުކަންތަކަކީ ފަހެ އެއަށް ދަޢުވަތުދީ ހިތްވަރުދިނުން ކީއްކުރަން، އެކަންކަން ކުރުންވެސް ހުއްދަވެގެން ނުވާ ބިދުޢައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا59﴾

(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް ޢަމަލުކުރާށެވެ.) އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.) [އައްނިސާއު: 59]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِ...﴾

(ތިޔަބައިމީހުން އެ ކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުން ވަނީ، ﷲ އަށެވެ...) [އައްޝޫރާ: 10] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡ...﴾

(ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ...) [އާލްޢިމްރާން: 31] އަދިވެސް އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:

﴿فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا65﴾

(ފަހެ އެހެންނަކުން ނޫނެވެ. ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެ މީހުންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި، ޙުކުމްކުރާ ފަރާތަކީ ކަލޭގެފާނު ކަމުގައި އެ މީހުން ހަދާ، ދެން ކަލޭގެފާނު ނިޔާކުރައްވާ ގޮތާމެދު އެ މީހުންގެ ހިތްތަކުގައި އެއްވެސް އުނދަގޫކަމެއް ނުދެކޭ ޙާލު، ފުރިހަމަ ކިޔަމަންތެރިކަމަކުން އެ މީހުން ކިޔަމަންތެރިނުވާހާ ހިނދަކު، އެ މީހުން އީމާންވި ކަމުގައި ނުވާނެއެވެ.) [އައްނިސާއު: 65] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އެއީ ޚިލާފުވާ މައްސަލަތައް ޤުރްއާނާއި ސުންނަތަށް ރައްދުކުރުމަށާއި، އެ ދެ މަޞްދަރުން ނިންމާ ޙުކުމަށް ރުހުމުގެ ވާޖިބުވާކަމާއި، އަދި އެއީ އީމާންކަން ނިޔާކުރާ ގޮތްކަމާއިި، އަދި އެއީ މިހާރާއި ފަހަށް އޮތްތާގައި (ދުނިޔެއާއި އާޚިރަތުގައި) އަޅުތަކުންނަށް އެންމެ ހެޔޮވެގެންވާ ގޮތް، އަދި އެންމެ ނަތީޖާވެސް ރަނގަޅުގޮތް ކަމުގެ މައްޗަށްވާ ނައްޞެކެވެ.

އަލްޙާފިޡު އިބްނު ރަޖަބު رحمه الله އެކަލޭގެފާނުގެ ފޮތް: 'ލަޠާއިފުލް މަޢާރިފު' ގައި މި މައްސަލާގައި -އިސްވެދިޔަ ވާހަކަތަކަށް ފަހުގައި- ވިދާޅުވި ބަސްފުޅުގެ ނައްޞުގައިވެއެވެ:

"ޝަޢުބާންމަސް ދެބައިވާ ރޭގައި، ޚާލިދު ބްނު މަޢުދާނު އާއި، މަކްޙޫލު އާއި، އަދި ލުޤްމާނު ބްނު ޢާމިރު ފަދަ؛ ޝާމްކަރައިގެ އަހުލުވެރިންގެ ތެރެއިންވާ ތާބިޢީ ބޭކަލުންނާއި، އަދި އެހެން ބޭކަލުންވެސް އެ ރޭގެ ޤަދަރު މަތިވެރިކޮށް، އަދި އަޅުކަންކުރުމުގައި ގަދައަޅާ މަސައްކަތްކުރައްވައެވެ. މީސްތަކުން އެ ރޭގެ މާތްކަމާއި، ޤަދަރު މަތިކުރުން ނެގީ އެބޭކަލުންގެ ފުށުންނެވެ. އަދި ބުނެވުނެވެ: އެބޭކަލުންނަށް އެކަމުގައި އިސްރާއީލީ ރިވާޔަތްތަކެއް ފޯރިއެވެ. ދެންފަހެ އެބޭކަލުންގެ އަރިހުން އެކަން ރަށްތަކުގައި މަޝްހޫރުވިހިނދު؛ މީސްތަކުން އެކަމުގައި ޚިލާފުވިއެވެ. އެގޮތުން އޭގެ ތެރޭގައި އެބޭކަލުންގެ ކިބައިން އެކަން ޤަބޫލުކޮށް، އަދި އެ ރޭ މަތިކުރުމަށް އެއްބަސްވި މީހުންވެއެވެ. އޭގެ ތެރޭގައި: ބަޞްރާގެ އަހުލުވެރިންގެ އަޅުވެރިންގެ ޖަމާޢަތަކާއި އެހެން މީހުންވެއެވެ. އަނެއްކޮޅުން ޙިޖާޒުކަރައިގެ ގިނަ ޢިލްމުވެރިން އެކަމަށް އިންކާރުކުރެއްވިއެވެ. އޭގެ ތެރޭގައި: ޢަޠާއު އަދި އިބްނު އަބީ މުލައިކާވެއެވެ. އަދި ޢަބްދުއް ރަޙްމާނު ބްނު ޒައިދު ބްނު އަސްލަމު، މަދީނާގެ އަހުލުވެރިންގެ ފިޤުހުވެރިންގެ ކިބައިން އެކަން ނަޤުލުކުރެއްވިއެވެ. އަދި އެއީ މާލިކުގެ އަޞްޙާބުންނާއި އެހެން ބޭކަލުންގެވެސް ބަސްފުޅެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި: އެ ހުރިހާކަމަކީވެސް ބިދުޢައެވެ.

ޝާމްކަރައިގެ ޢިލްމުވެރިން، އެ ރޭ އިޙްޔާކުރުމުގެ ޞިފައާމެދު ދެ ބަސްފުޅަކަށް ޚިލާފުވިއެވެ:

އެއް ބަސްފުޅަކީ: މިސްކިތްތަކުގައި ޖަމާޢަތެއްގެ ގޮތުގައި އެ ރޭ އިޙްޔާކުރުން އެދެވިގެންވާ ކަމަށް ބުނުމެވެ. ޚާލިދު ބްނު މަޢުދާނު އާއި، ލުޤްމާނު ބްނު ޢާމިރު އާއި އެހެން ބޭކަލުން، އެ ރޭގައި އެންމެ ރިވެތި އަންނައުނު ތުރުކުރައްވާ، އަދި މީރުވަސްދުވާ ދުން ޖައްސަވާ، އަނދުން އަޅުއްވައެވެ. އަދި އެ ރޭގައި މިސްކިތުގައި ރޭ އަޅުކަންކުރައްވައެވެ. އިސްޙާޤު ބްނު ރާހަވައިހިވެސް އެކަމުގެ މައްޗަށް އެބޭކަލުންނާ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މިސްކިތްތަކުގައި ޖަމާޢަތުގައި އެ ރޭގައި ރޭއަޅުކަން ކުރުމާމެދު އެއީ ބިދުޢައެއް ނޫންކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ޙަރްބު އަލްކިރްމާނީގެ މަސާއިލުގައި އެކަލޭގެފާނުގެ އަރިހުން އެބަސްފުޅު ނަޤުލުކުރެއްވިއެވެ.

ދެވަނަ ބަހަކީ: އެ ރޭގައި މިސްކިތްތަކުގައި ނަމާދުކުރުމަށާއި، ދަރުސްދިނުމަށާއި، ދުޢާކުރުމަށް ޖަމަޢަވުން މަކްރޫހަވެގެންވެއެވެ. އެކަމަކު މީހާ އަމިއްލައަށް އެ ރޭގައި ނަމާދުކުރުން މަކްރޫހަވެގެން ނުވެއެވެ. މިއީ ޝާމްކަރައިގެ އިމާމު، އަދި އެމީހުންގެ ފަޤީހު އަދި ޢިލްމުވެރިޔާ: އަލްއައުޒާޢީގެ ބަސްފުޅެވެ. ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އެންމެ ކައިރިކުރާ ބަސްފުޅަކީ އެޔެވެ." އެހެންގޮސް އެކަލޭގެފާނު (އެބަހީ: އިބްނު ރަޖަބު) ވިދާޅުވިއެވެ: "ޝަޢުބާން މަސް ދެބައިވާ ރެޔާމެދު އިމާމް އަޙްމަދުގެ އަރިހުން އެއްވެސް ބަސްފުޅެއް އެނގިގެން ނުވެއެވެ. އަދި އެ ރޭގައި ރޭއަޅުކަން ކުރުން އެދެވިގެންވާކަމުގެ މައްޗަށް އެކަލޭގެފާނުގެ އަރިހުން، ދެ ޢީދު ވިލޭރޭގައި ރޭއަޅުކަން ކުރުމާމެދުވާ ދެ ރިވާޔަތުގެ މައްޗަށް ދެ ރިވާޔަތް ނެރެވިދާނެއެވެ. އެގޮތުން އެއް ރިވާޔަތުގައިވާ ގޮތުން: އެ ރޭގައި ޖަމާޢަތުގައި ރޭ އަޅުކަންކުރުން އެދެވިގެން ނުވެއެވެ. އެހެނީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހުން އެގޮތަށް ނަޤުލުވެގެން ނުވާތީއެވެ. އެހެން ރިވާޔަތެއްގައި އެކަލޭގެފާނު އެކަން (ޢީދުގެ ވިލޭރޭ ރޭއަޅުކަންކުރުން) މުސްތަޙައްބުކުރެއްވިއެވެ. އެއީ ޢަބްދުއް ރަޙްމާނު ބްނު ޔަޒީދު ބްނު އަލްއަސްވަދު އެފަދައިން ކަންތައް ކުރެއްވުމުންނެވެ. އެކަލޭގެފާނަކީ ތާބިޢީންގެ ތެރެއިންވާ ބޭކަލެކެވެ. ފަހެ، (ޝަޢުބާން މަސް) ދެބައިވާ ރޭވެސް ހަމަ އެފަދައިންނެވެ. އެކަމުގައި ނަބިއްޔާ ﷺ އަރިހުން، އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހުންވެސް އެއްވެސް އެއްޗެއް ޘާބިތުވެގެން ނުވެއެވެ. އަދި ޝާމްކަރައިގެ އަހުލުވެރި ފިޤުހުވެރިންގެ ފާހަގަކޮށްލެވޭ ތާބިޢީންގެ ޖަމާޢަތެއްގެ އަރިހުން އެ ރެޔާމެދު ޘާބިތުވެގެންވެއެވެ."

އަލްއިމާމު އަލްޙާފިޡު އިބްނު ރަޖަބުގެ ބަސްފުޅުން ޤަޞްދުކުރެވޭ މިންވަރު މި ނިމުނީއެވެ. އެ ވާހަކައިގައި، ނަބިއްޔާ ﷺގެ އަރިހުން، އެދި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ގެ އަރިހުންވެސް، ޝަޢުބާން މަސް ދެބައިވާ ރެޔާމެދު އެއްވެސް އެއްޗެެއް ޘާބިތުވެގެން ނުވާކަމަށް ޞަރީޙަކޮށްވެއެވެ.

ދެންފަހެ ފަރުދީކޮށް ވަކިން އެ ރޭ ރޭއަޅުކަންކުރުން އެދެވިގެންވާކަމަށް އަލްއައުޒާޢީ އިޚްތިޔާރުކުރެއްވުމާއި، އަދި އަލްޙާފިޡު އިބްނު ރަޖަބުވެސް މި ބަސްފުޅު އިޚްތިޔާރުކުރެއްވުމީ ފަހެ ޣަރީބު ބަލިކަށި ބަހެކެވެ. އެހެނީ އެކަމެއް ޝަރުޢުވެގެންވާ ކަމަށް ޝަރުޢީ ދަލީލުތަކުން ޘާބިތުނުވާ ކޮންމެ ކަމެއް؛ ﷲ ދީނުގައި އެކަމެއް އުފެއްދުން މުސްލިމުމީހާއަށް ހުއްދަވެގެން ނުވެއެވެ. ފަރުދީކޮށް ވަކިންކުރިޔަސް ނުވަތަ ޖަމާޢަތެއްގައި ކުރިޔަސްމެއެވެ. ސިއްރުންކުރިޔަސް ފާޅުކޮށް އިޢުލާނުކުރިޔަސްމެއެވެ. އެއީ ނަބިއްޔާ ﷺގެ ބަސްފުޅުގެ ޢާއްމު މާނައަށްޓަކައިއެވެ.

«مَنْ عَمِلَ عَمَلًا لَيْسَ عَلَيهِ أَمْرُنَا؛ فَهُوَ رَدٌّ».

"އަހަރުމެންގެ ކަންތައް އެ ގޮތަކަށް ނުވާ ގޮތަކަށް ޢަމަލެއްކޮށްފި މީހާ؛ ފަހެ އެ ކަމެއްވަނީ ރައްދުކުރެވިގެންނެވެ." އަދި އެނޫންވެސް ބިދުޢައަށް އިންކާރުކުރުމާއި އެއާމެދު އިންޛާރުކުރުމަށް ދަލީލުކުރާ އެހެން ދަލީލުތަކެވެ.

އިމާމު އަބޫބަކުރު އައްޠަރްޠޫޝީ ގެ ފޮތް: 'އަލްޙަވާދިޘް ވަލްބިދަޢު" ގައި ވިދާޅުވި ބަސްފުޅުގެ ނައްޞުގައިވެއެވެ:

"އިބްނު ވައްޟާޙު، ޒައިދު ބްނު އަސްލަމު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: އަހަރުމެންގެ ޝެއިޚުންނާއި ފިޤުހުވެރިންގެ ތެރެއިން އެކަކުވެސް ޝަޢުބާން މަސް ދެބައިވާ ރެޔަށް ފަސްއެނބުރި ބަލާލިކަމަށް ދިމާނުވެއެވެ. އަދި މަކްޙޫލުގެ ޙަދީޘަށް އެބޭކަލުން ނުބައްލަވައެވެ. އަދި އެހެން ރޭތަކުގެ މައްޗަށް އެ ރެޔަށް މާތްކަމެއްވާކަމަށް ދެކެނުލައްވައެވެ.

އަދި އިބްނު އަބީ މުލައިކާއަށް ދެންނެވުނެވެ: ޒިޔާދު އައްނުމައިރީ އެބަ ބުނެއެވެ: "ޝަޢުބާން މަސް ދެބައިވާ ރޭގެ ފަހުކޮޅުގެ އަޖުރު، ލައިލަތުލް ޤަދްރި ވިލޭރޭގެ އަޖުރު ފަދައެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ: "އަހަރެންގެ އަތުގައި އަސާގަނޑެއް އޮއްވާ، އެހެން ބުނި އަޑުއިވުނުނަމަ؛ އޭނާގެ ގައިގައި ޖެހީމުހެވެ." ޒިޔާދުވީ ޤާއްޞެއް (ހިތްމަޑުކުރުމަށްޓަކައި ވާހަކަކިޔާ ދަރުސްދީ ހަދާ މީހެއް) ކަމުގައިއެވެ." ޤަޞްދުކުރެވޭ ބަސް މި ނިމުނީއެވެ.

ޢައްލާމާ އައްޝައުކާނީ رحمه الله، "އަލްފަވާއިދުލް މަޖްމޫޢާ" ފޮތުގައި ވިދާޅުވި ބަސްފުޅުގެ ނައްޞުގައިވެއެވެ:

"މި ޙަދީޘް: "އޭ ޢަލީއެވެ! ޝަޢުބާންމަސް ދެބައިވާ ރޭގައި ސަތޭކަ ރަކްޢަތްކޮށް، އެއިން ކޮންމެ ރަކްޢަތެއްގައި ފާތިޙާ ސޫރަތާއި قل هو الله أحد ސޫރަތް ދިހަ ފަހަރު ކިޔަވައިފި މީހާ؛ ﷲ އޭނާގެ ކޮންމެ ޙާޖަތެއް ފުއްދަވާދެއްވާނެެތެވެ." މި ޙަދީޘް ނިމެންދެނެވެ. މިއީ ހަދާފައިވާ މައުޟޫޢު ދޮގު ޙަދީޘެކެވެ. އަދި އޭގެ ލަފްޒުތަކުގައި ޞަރީޙަކޮށް އެވާ، އެ ނަމާދެއްކުރާ މީހަކަށް ލިބޭނެކަމަށް އެވާ ޘަވާބަކީ: ހެޔޮނުބައި ވަކިވާ އިންސާނަކު އެއީ ހަދާފައިވާ ދޮގެއްކަމާމެދު ޝައްކުނުކުރާނޭ ކަންތަކެކެވެ. އަދި (ސަނަދުގެ) ރިޖާލުންނަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހުންނެވެ. ދެވަނަ އަދި ތިންވަނަ މަގަކުންވެސް އެ ޙަދީޘް ރިވާކުރެވުނެވެ. އެ ހުރިހާ މަގުތަކުންވާ ޙަދީޘްތަކަކީވެސް ހުސް ހަދާފައިވާ ދޮގު ޙަދީޘްތަކެވެ. އަދި ރިވާކުރި މީހުންނަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހުންނެވެ." އަދި "އަލްމުޚްތަޞަރު" ގައި ވިދާޅުވިއެވެ: "ޝަޢުބާންމަސް ދެބައިވާ ރޭގެ ނަމާދުވާ ޙަދީޘަކީ ބާޠިލު ޙަދީޘެކެވެ. އަދި އިބްނު ޙިއްބާނަށް ލިބިފައިވާ، ޢަލީގެފާނުގެ (އަރިހުން ރިވާކުރެވުނު) ޙަދީޘްގައިވެއެވެ: "ޝަޢުބާން މަސް ދެބައިވާ ރޭވެއްޖެނަމަ ފަހެ ތިޔަބައިމީހުން އެ ރޭ ތެދުވެ އަޅުކަންކުރާށެވެ. އަދި އެ ރޭގެ ދުވާލު ރޯދަހިފާށެވެ." މިއީ ބަލިކަށި ޙަދީޘެކެވެ. އަދި "އައްލައާލިއު" ފޮތުގައި ވިދާޅުވިއެވެ: އައްދައިލަމީ އާއި އެހެން ބޭފުޅުން ރިވާކުރެއްވި: "ޝަޢުބާންމަހުގެ ދެބައިވާ ރޭގައި، އަލްއިޚްލާޞް ސޫރަތް ދިހަ ފަހަރު ކިޔައިގެން ސަތޭކަ ރަކުޢަތް ކުރުމަށް އޮތް ޙަދީޘް"، އެކަމުގެ މާތްކަން ދިގުކޮށްވާ އެޙަދީޘް އެއީ ހަދާފައިވާ ދޮގު ޙަދީޘެކެވެ. އަދި އެ ޙަދީޘް ރިވާކުރެވުނު ތިން މަގުގައިވެސް ހިމެނޭ ގިނަ ރާވީންނަކީ މަޖްހޫލު ބަލިކަށި މީހުންނެވެ." ވިދާޅުވިއެވެ: "އަދި އަލްއިޚްލާޞް ސޫރަތް ތިރީސް ފަހަރު ކިޔައިގެން ބާރަ ރަކްޢަތް ކުރަން އޮތް" ޙަދީޘަކީވެސް ހަދާފައިވާ ދޮގު ޙަދީޘެކެވެ. އަދި "ސާދަ ރަކްޢަތް" (ކުރަންއޮތް ޙަދީޘަކީވެސް) ހަމަ ހަދާފައިވާ ދޮގެކެވެ.

ފިޤުހުވެރިންގެ ޖަމާޢަތެއް މި ޙަދީޘްގެ ކެހީގައި ޖެހި ހެއްލުންތެރިވިއެވެ. 'އަލްއިޙްޔާއު' ފޮތުގެ މުއައްލިފާއި އެހެން ބޭފުޅުންނެވެ. ހަމަ އެގޮތަށް ތަފްސީރު ޢިލްމުވެރިންގެ ބަޔަކުވެސްމެއެވެ. މި ރޭ -އެބަހީ: ޝަޢުބާން ދެބައިވާ ރޭ- ގެ ނަމާދު ތަފާތު އެކި ގޮތްގޮތަށް ރިވާކުރެވުނެވެ. އެ ހުރިހާ ޙަދީޘްތަކަކީވެސް ހުސް ބާޠިލު ދޮގު ޙަދީޘްތަކެކެވެ. މި ކަމަކުން، އައްތިރްމިޛީ، ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރެއްވި ޙަދީޘް ނަފީކޮށް ފުށުނާރައެވެ. އެއީ އެކަލޭގެފާނު ﷺ ބަޤީޢުއަށް ވަޑައިގެންނެވިކަމާއި، ޝަޢުބާން ދެބައިވާ ރޭގައި ރައްބު ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވާކަމާއި، ކަލްބު ވަންހައިގެ ބަކަރިތަކުގެ ކެހެރިތަކުގެ ޢަދަަދަށްވުރެ ގިނަ ބަޔަކަށް އެކަލާނގެ ފާފަފުއްސަވާނެކަމަށްވާ ޙަދީޘެވެ. ފަހެ މިތަނުގައި ވާހަކަ މިދެކެވެނީ މި ރޭގައި ކުރުމަށް ހަދާފައި މިވާ ނަމާދާ މެދުގައިއެވެ. އެއީ އެއާއެކު ޢާއިޝަތުގެފާނުގެ މި ޙަދީޘްގައިވެސް ބަލިކަށިކަމަކާއި، މެދުކެނޑުމެއް ވުމާއެކުގައިއެވެ. އެފަދައިންމެ އިސްވެދިޔަ، އެ ރޭގައި ރޭއަޅުކަން ކުރުމަށްވާ ޢަލީގެފާނުގެ ޙަދީޘްވެސް، މި ނަމާދަކީ ހަދާފައިވާ ދޮގު އެއްޗެއްކަމަށްވުން ނަފީ ނުކުރެއެވެ. އެއީ އަހަރުމެން ނަންގަތްގޮތަށް އެ ޙަދީޘްގައިވެސްވާ ބަލިކަށިކަމާ އެކުގައިއެވެ." (އައްޝައުކާނީގެ ވާހަކައިން) ޤަޞްދުކުރެވޭ ހިސާބަށް މި ނިމުނީއެވެ.

އަލްޙާފިޡު އަލްޢިރާޤީ ވިދާޅުވިއެވެ: "(ޝައުބާން މަސް) ދެބައިވާ ރޭގެ ނަމާދުވާ ޙަދީޘަކީ: ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ ޙަދީޘެކެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ހަދާފައިވާ ދޮގެއްވެސްމެއެވެ." އަދި އިމާމު އައްނަވަވީ "އަލްމަޖްމޫޢު" ފޮތުގައި ގެނައެވެ: "ރަޖަބުމަހުގެ ފުރަތަމަ ހުކުރު ވިލޭރޭ، މަޣުރިބާއި ޢިޝާއާ ދެމެދު ބާރަ ރަކްޢަތުގެ މައްޗަށް ކުރެވޭ، އައްރަޣާއިބު ނަމާދުގެ ނަމުން އެނގިގެންވާ ނަމާދާއި، ޝަޢުބާން ދެބައިވާ ރޭގައި ސަތޭކަ ރަކްޢަތުގެ މައްޗަށްކުރާ ނަމާދާއި، މި ދެނަމާދަކީ މުންކަރުވެގެންވާ ދެ ބިދުޢައެވެ. އަދި "ޤޫތުލް ޤުލޫބު" އާއި "އިޙްޔާއު ޢުލޫމިއް ދީން" ފޮތުގައި އެ ދެނަމާދު ޛިކުރުކުރެވިފައިވުމުންނާއި، އަދި އެ ދެފޮތުގައި ޛިކުރުވެގެންވާ ޙަދީޘްގެ ސަބަބުން، ހެއްލިގެން ނުދާހުށިކަމެވެ. ފަހެ އެ ހުރިހާ އެއްޗަކީ ހުސް ބާޠިލެވެ. އަދި އެ ދެނަމާދުގެ ޙުކުމް އޮޅުންއެރުމުގެ ސަބަބުން، އެ ދެނަމާދުކުރުން ސުންނަތްވެގެންވާކަމަށް ކަރުދާސްތަކެއް ލިޔުއްވި އިމާމުންގެ ތެރެއިން ބޭފުޅުންނާ ހެދި، ހެއްލުންތެރިނުވާށެވެ. ފަހެ އެމީހަކު އެވަނީ އެކަމުގައި ގޯސްހަދާފައިއެވެ."

އަދި އައްޝެއިޚު އަލްއިމާމު: އަބޫ މުޙައްމަދު ޢަބްދުއް ރަޙްމާނު ބްނު އިސްމާޢީލު އަލްމަޤްދިސީ ވަނީ އެ ދެނަމާދު ބާޠިލުވެގެންވާކަމަށް ބަޔާންކުރައްވާ އަގުހުރި ފޮތެއް ލިޔުއްވާފައިއެވެ. އަދި އެބޭފުޅާ އެ ފޮތުގައި ފުރިހަމަކޮށް ރިވެތިކުރައްވާ ރަނގަޅު ބަސްތަކެއް ގެންނެވިއެވެ. މި މައްސަލާގައިވާ ޢިލްމުގެ އަހުލުވެރިންގެ ވާހަކަތައް ވަރަށްވެސް ގިނައެވެ. މި މައްސަލާގައި އަހަރުމެންނަށް ފެނިފައިވާ ހުރިހާ ބަސްތަކެއް ގެންނަން އަހަރުމެން އުޅެފިނަމަ؛ ވާހަކަ ދިގުވެގެން ދިޔައީހެވެ. އަހަރުމެން މި ބަޔާންކުރި މިންވަރުގައި، ޙައްޤު ހޯދާ މީހަކަށް ފުދޭވަރާއި ރުހި ޤަބޫލުވާވަރު ވާނޭކަމަށް ބެލެވެއެވެ.

އިސްވެދިޔަ އާޔަތްތަކާއި ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްތަކުން ޙައްޤު ހޯދާ މީހަކަށް ސާފުވެގެންދާނީ؛ ޝަޢުބާން މަސް ދެބައިވާ ރޭގައި ނަމާދުކޮށްގެން ނުވަތަ އެހެން ކަމަކުންވެސް ފާހަގަކުރުމާއި، އަދި އެ ދުވަސް ރޯދަހިފުމަށް ޚާއްޞަކުރުމަކީ؛ ގިނަ ޢިލްމުވެރިންތަކެއް އަރިހުގައި މުންކަރު ބިދުޢައެއްކަމެވެ. އަދި ޠާހިރުވެގެންވާ ޝަރުޢުގައި އެއަށް އެއްވެސް އަޞްލެއް ނުވެއެވެ. ކިއެއްތަ، އެއީ ޞަޙާބީން رضي الله عنهم ގެ ޒަމާނަށް ފަހުގައި އިސްލާމްދީނުގައި އުފެދުނު ކަންތަކުން ކަމެކެވެ. މި ބާބުގައާއި، އެހެން ބާބުތަކުގައިވެސް ޙައްޤު ހޯދަން އުޅޭ މީހަކަށް ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅު ފުދެއެވެ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ...﴾

(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ...) [އަލްމާއިދާ: 3] އަދި މި މާނައިގައި އައިސްފައިވާ އާޔަތްތަކާއި، ނަބިއްޔާ ﷺގެ މި ބަސްފުޅުވެސްމެއެވެ:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އަދި އެ މާނައިގައި އައިސްފައިވާ ޙަދީޘްތައްވެސްމެއެވެ.

އަދި ޞަޙީޙު މުސްލިމްގައި، އަބޫ ހުރައިރާ رضي الله عنه ގެ އަރިހުންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

«لَا تَخُصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي، وَلَا تَخُصُّوا يَوْمَهَا بِالصِّيَامِ مِنْ بَيْنِ الْأَيَّامِ، إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ».

"ތިޔަބައިމީހުން ރޭތަކުގެ ތެރެއިން ހުކުރު ވިލޭރޭ ރޭއަޅުކަން ކުރަން ތެދުވަން ޚާއްޞަ ނުކުރާށެވެ. އަދި ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ރޯދަހިފަން ޚާއްޞަ ނުކުރާށެވެ. އެކަމަކު އެއީ ތިޔަބައިމީހުންކުރެ މީހަކު ހިފާ ރޯދައަކާ އެ ދުވަސް ދިމާވެއްޖެއްޔާ މެނުވީއެވެ." ފަހެ، ރޭތަކުން ރެޔެއްގައި، އަޅުކަމުން ކަމެއް ކުރުމަށް ޚާއްޞަކުރުން ހުއްދަވެގެންވާނަމަ؛ ހުކުރު ވިލޭރޭ އެހެން ރޭތަކަށްވުރެ އެކަމަށް މާ އައުލާވެގެންވެއެވެ. އެހެނީ އެ ރޭ އަލިވިލޭ ދުވަހަކީ އިރު އެ ދުވަހެއްގެ މައްޗަށްއަރާ އެންމެ ހެޔޮ ދުވަހެވެ. ﷲ ގެ ރަސޫލާ ﷺގެ އަރިހުންވާ ޞައްޙަ ޙަދީޘްތަކުގެ ނައްޞުންވާ ގޮތަށެވެ. ދެންފަހެ ރޭތަކުގެ ތެރެއިން ހުކުރު ވިލޭރޭ ޤިޔާމުއް ލައިލަށް ތެދުވަން ޚާއްޞަކުރުމާމެދު ނަބިއްޔާ ﷺ އިންޛާރުދެއްވިހިނދު؛ އެއިން ދަލީލުކުރަނީ އެނޫން ރޭރޭ އަދި އެއަށްވުރެ މާއައުލާވެގެންވާ ކަމެވެ. އެއިން އެއްވެސް ރެޔެއް، އަޅުކަމުން އެއްވެސް ކަމަކަށް ޚާއްޞަކުރުން ހުއްދަވެގެން ނުވެއެވެ. ޚާއްޞަކުރުމަށް ދަލީލުކުރާ ޞައްޙަ ދަލީލަކުން މެނުވީއެވެ.

ލައިލަތުލް ޤަދްރި އާއި، ރަމަޟާންމަހުގެ ރޭތަކުގައި ރޭ އަޅުކަންކޮށް، ގަދައަޅާ އަޅުކަންކުރުން ޝަރުޢުވެގެންވުމުން؛ ނަބިއްޔާ ﷺ އެކަން ސަމާލުކަމަށް ގެންނެވިއެވެ. އަދި އެ ރޭތަކުގައި ޤާއިމުވުމަށް އުއްމަތަށް ބާރުއަޅުއްވާ، ޚުދު އެކަލޭގެފާނު އަމިއްލަފުޅަށްވެސް އެކަން ކުރެއްވިއެވެ. އެއީ ދެ ޞަޙީޙުގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވާ ފަދައިންނެވެ:

«مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».

"އީމާންކަމާއި އަޖުރަށް އުއްމީދުކުރުމާއެކު ރަމަޟާންމަހުގައި (ރޭއަޅުކަން) ޤާއިމުކޮށްފި މީހާ؛ އޭނާގެ އިސްވެދިޔަ ފާފަތައް އޭނާއަށްޓަކައި ފުއްސެވިގެންދެއެވެ. އަދި ލައިލަތުލް ޤަދްރިވިލޭރޭ ، އީމާންކަމާއި އަޖުރަށް އެދުމާއެކު ރޭއަޅުކަންކުރަން ޤާއިމުވެއްޖެ މީހާއަށް؛ އޭނާގެ އިސްވެދިޔަހާ ފާފަތައް ފުއްސެވޭހުއްޓެވެ." ދެންފަހެ ޝަޢުބާން މަސް ދެބައިވާ ރޭ، ނުވަތަ ރަޖަބު މަހުގެ ފުރަތަމަ ހުކުރުވިލޭރޭ، ނުވަތަ އިސްރާއާއި މިޢުރާޖުގެ ރޭ، ފާހަގަކުރުން ނުވަތަ އަޅުކަމުން ކަމެއް ކުރަން ޚާއްޞަކުރުން ޝަރުޢުވެގެންވާނަމަ؛ ނަބިއްޔާ ﷺ އުއްމަތަށް އެކަމަށް އިރުޝާދުދެއްވީހެވެ. ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެކަން ކުރެއްވީހެވެ. އަދި އެއިން ކަމެއް ހިނގިނަމަ؛ ޞަޙާބީން رضي الله عنهم އުއްމަތަށް އެކަމެއް ނަޤުލުކުރެއްވީހެވެ. އަދި އެބޭކަލުން އެކަމެއް އުއްމަތަށް ވަންހަނާ ނުކުރެއްވީހެވެ. އެބޭކަލުންނީ އެންމެ ހެޔޮވެގެންވާ މީހުންނެވެ. އަދި ނަބިއްޔުން عليهم الصلاة والسلام އަށްފަހުގައި މީސްތަކުންނަށް އެންމެ ނަޞޭޙަތްތެރިވެލައްވާ ބޭކަލުންނެވެ. ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންނަށް ﷲ ރުއްސަވާ، އަދި އެބޭކަލުންވެސް ރުހިވަޑައިގަންނަވާ ގޮތަށް ލައްވާށިއެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކުން ދެންމެ މިދިޔަ ވާހަކަތަކުން ތިބާއަށް އެނގިގެންދާނީ: ރަޖަބުމަހުގެ އެންމެ ފުރަތަމަ ހުކުރުވިލޭރޭ، އަދި ޝަޢުބާން މަސް ދެބައިވާ ރޭގެ މާތްކަމާއިމެދު އެއްވެސް އެއްޗެއް ﷲ ގެ ރަސޫލާ ﷺގެ އަރިހުން، އަދި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ގެ އަރިހުންވެސް ޘާބިތުވެގެން ނުވާކަމެވެ. އެހެންކަމުން އެނގިގެންދަނީ: އެ ދެރޭ ފާހަގަކުރުމަކީ އިސްލާމްދީނަށް އަލަށް އުފައްދާފައިވާ ބިދުޢައެއްކަމެވެ. އަދި އެ ރޭ އެއްވެސް އަޅުކަމެއް ކުރުމަށް ޚާއްޞަކުރުމަކީވެސް ހަމަ މިފަދައިން މުންކަރުވެގެންވާ ބިދުޢައެކެވެ. މިފަދައިން، އިސްރާއާއި މިޢުރާޖުގެ ރޭކަމަށް ބައެއް މީހުން ޤަބޫލުކުރަމުންދާ: ރަޖަބުމަހުގެ ހަތާވީސްވިލޭރޭވެސް، އަޅުކަމުން އެއްވެސް ކަމަކަށް ޚާއްޞަކުރުން ހުއްދަވެގެން ނުވެއެވެ. އެފަދައިންމެ، އެ ރޭ ފާހަގަކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެއީ އިސްވެދިޔަ ދަލީލުތަކަށްޓަކައިއެވެ. މިއީ އަދި އެއީ ކޮން ރެޔެއްކަން އެނގިގެންވާނަމައެވެ. ދެންފަހެ ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ބަހަކީ އެއީ ކޮން ރެޔެއްކަން އެނގިގެންވެސް ނުވުންކަމުގައިވާއިރު އަދި ކޮންފަދަހެއްޔެވެ!؟ އެއީ ރަޖަބުމަހުގެ ހަތާވީސްވިލޭރޭކަމަށް ބުނި ބަޔަކުގެ ބަހަކީ، ޞައްޙަ ޙަދީޘްތަކުން އެއަށް އެއްވެސް އަސާސެއް ނުވާ ބާޠިލު ބަހެކެވެ. އަދި އަންނަނިވި ބަސް ބުނި މީހާ ރިވެތި ރަނގަޅު ބަސްތަކެއް ބުނެފިއެވެ:

"އެންމެ ހެޔޮ ރަނގަޅު ކަންތަކަކީ ހިދާޔަތުގެ މަތީގައި އިސްވެގޮސްފައިވާ ކަންކަމެވެ. އަދި އެންމެ ނުބައި ކަންކަމީ (ދީނުގެ ތެރެއަށް) އަލަށް އުފައްދާފައިވާ ކުޅަދާނަ ކަންކަމެވެ."

އަހަރުމެންނާއި ހުރިހާ މުސްލިމުންނަށް، ސުންނަތުގައި ހިފަހައްޓާ އޭގެ މަތީގައި ޘާބިތުވުމަށާއި، އަދި އެއާ ޚިލާފުވެއްޖެ އެއްޗަކާމެދު ހުށިޔާރުވެ ސަމާލުވުމަށް ތައުފީޤު ދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތްވަންތަ އޯގާވަންތަ އިލާހެވެ.

ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އެންމެހާ އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

 

وصلى الله وسلم على عبده ورسوله نبينا محمد وعلى آله وصحبه أجمعين.

 

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

އަށްވަނަ ރިސާލާ:

ނިސްބަތްކުރެވޭ ވަޞިއްޔަތް ދޮގުވެގެންވާކަމުގެ މައްޗަށްވާ މުހިއްމު ސަމާލުކުރުވުމެއް.

އެއީ ޝަރަފުވެރި ނަބަވީ ޙަރަމުގެ ޚާދިމުކަމުގައިވާ ޝެއިޚު އަޙްމަދަށް ނިސްބަތްކުރެވޭ ވަޞިއްޔަތެކެވެ.

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒުގެ ފަރާތުން، މުސްލިމުންގެ ތެރެއިން މި ރިސާލާ ފެންނަ ބަޔަކަށް، ﷲ އެމީހުން އިސްލާމްދީން މަތީގައި ރައްކާތެރިކުރައްވާށިއެވެ. އަދި ދަށުދަރަޖައިގެ ޖާހިލުންގެ ބުހުތާނުތަކުން އަހަރުމެންނާއި އެމީހުން ޙިމާޔަތްކުރައްވާށިއެވެ. އާމީން.

ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ.

އެއަށްފަހު ދަންނައެވެ: ޝަރަފުވެރި ޙަރަމްކަމުގައިވާ: މަސްޖިދުއް ނަބަވީގެ ޚާދިމު ޝެއިޚު އަޙްމަދަށް ނިސްބަތްކުރެވިފައިވާ ބަސްތަކެއް އަހަރެންނަށް ފެނިއްޖެއެވެ. އެއީ: "މަދީނަތުލް މުނައްވަރާއިން، ޝަރަފުވެރި ނަބަވީ ޙަރަމުގެ ޚާދިމު: ޝެއިޚު އަޙްމަދުގެ ފަރާތުންވާ ވަޞިއްޔަތެއް" މި ސުރުޚީގެ ދަށުންނެވެ. އެބޭފުޅާ ވިދާޅުވިކަމަށް އޭއޭގައި ވެއެވެ:

"އަހަރެން ހުކުރުވިލޭރޭ ޤުރްއާން ކިޔަވަން ރޭގަނޑު ހޭލާ ހުރީމެވެ. އެއަށްފަހު ﷲ ގެ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް ކިޔަވާ، ދެން އެކަންކަން ނިމުމުން ނިދުމަށް އަހަރެން ތައްޔާރުވީމެވެ. ދެން އަހަރެންނަށް، އުޖާލާ މޫނުފުޅުގެ ވެރި ކަލޭގެފާނުކަމުގައިވާ: ﷲ ގެ ރަސޫލާ ﷺ ފެނުނެވެ. އެއީ ޤުރްއާނުގެ އާޔަތްތަކާއި، ޝަރަފުވެރި ޙުކުމްތަކާގެން، ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ވަޑައިގެންނެވި އަހަރުމެންގެ ސާހިބާ މުޙައްމަދު ﷺ އެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ޝެއިޚު އަޙްމަދެވެ." ދެން އަހަރެން ދެންނެވީމެވެ: "އިޖާބަދީފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އޭ ﷲ ގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތް ޚަލްޤެވެ" ދެން އެކަލޭގެފާނު އަހަރެންނަށް ޙަދީޘްކުރެއްވިއެވެ: "މީސްތަކުން ކުރަމުންދާ ހުތުރު ކަންކަމުގެ ސަބަބުން ތިމަންކަލޭގެފާނު މިހުންނެވީ ލަދުފުޅުގަނެގެންނެވެ. އަދި ތިމަންކަލޭގެފާނުގެ ވެރި ރައްބާއި އަދި މަލާއިކަތުންނާވެސް ބައްދަލުކުރައްވާކަށް ތިމަންކަލޭގެފާނަށް ލާހިކެއް ނޫނެވެ. އެހެނީ އެއް ހުކުރުން އަނެއް ހުކުރަށް، އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ މަތީގައި ސަތޭކަ ފަސްދޮޅަސްހާސް މީހުން މަރުވެއްޖެއެވެ. -ދެން މީސްތަކުން ވެއްޓިފައިވާ އުރެދުންތަކުގެ ވާހަކަ ޛިކުރުކުރެއްވިއެވެ- ދެން ޙަދީޘްކުރެއްވިއެވެ: "ފަހެ މިއީ ޢަޒީޒުވަންތަ ޖައްބާރުވަންތަ އިލާހުގެ ޙަޟްރަތުން އެމީހުންނަށް ރަޙްމަތެއްގެ ގޮތުގައިވާ ވަޞިއްޔަތެކެވެ." ދެން ޤިޔާމަތުގެ ބައެއް ޢަލާމާތްތައް ޛިކުރުކުރައްވާފައި، ޙަދީޘްކުރެއްވިކަމަށެވެ: "އޭ ޝެއިޚު އަޙްމަދެވެ! ތިބާ އެމީހުންނަށް މި ވަޞިއްޔަތުގެ ޚަބަރުދޭށެވެ. އެހެނީ މިއީ ލައުޙުލް މަޙްފޫޡުން، ޤަދަރުގެ ޤަލަމުން ނަޤުލުވެފައިވާ ވަޞިއްޔަތެކެވެ. އަދި މި ވަޞިއްޔަތް ލިޔެފައި، އެއް ރަށުން އަނެއް ރަށަށް، އަދި އެއް ތަނުން އަނެއް ތަނަށް ފޮނުވާ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވިގެންދާނެއެވެ. އަދި މި ވަޞިއްޔަތް ނުލިޔެ އަދި ނުވެސް ފޮނުވާ މީހާގެ މައްޗަށް ތިމަންކަލޭގެފާނު ޤިޔާމަތްދުވަހު ޝަފާޢަތްތެރިވުން ޙަރާމްވެއްޖެއެވެ. އަދި މި ލިޔެފި މީހާ، އޭނާއަކީ ފަޤީރެއްކަމުގައިވާނަމަ ﷲ އޭނާ ފުދުންތެރިކުރައްވާނެއެވެ. ނުވަތަ ދަރަނިވެރިވެގެންވާނަމަ ﷲ އޭނާގެ ދަރަނި ފުއްދަވާދެއްވާނެއެވެ. ނުވަތަ ފާފައެއް ކުރެވިފައިވާނަމަ ﷲ އޭނާއަށާއި އޭނާގެ މައިންބަފައިންނަށްވެސް ފާފަފުއްސަވާދެއްވާނެއެވެ. މި ވަޞިއްޔަތުގެ ބަރަކާތުންނެވެ. ﷲ ގެ އަޅުތަކުންގެ ތެރެއިން މި ވަޞިއްޔަތް ނުލިޔާ މީހާ، ދުނިޔެއާއި އާޚިރަތުގައި އޭނާގެ މޫނު ކަޅުވެގެންދާނެއެވެ." އަދި (ޝެއިޚު ޢަހްމަދު) ވިދާޅުވިކަމަށެވެ: "މަތިވެރިވެގެންވާ ﷲ ގަންދީ ބުނަމެވެ! -ތިންފަހަރު ހުވާކުރައްވާ ވިދާޅުވިކަމަށެވެ- މިއީ ހަމަ ޙަޤީޤަތެވެ. އަދި އަހަރެންނީ ދޮގުވެރިއެއްނަމަ؛ އަހަރެން ދުނިޔެއިން ނިކުންނާނީ އިސްލާމްކަމުގެ މަތީގައެއް ނޫނެވެ. އަދި މި ވަޞިއްޔަތް ތެދުކޮށްފި މީހާ؛ ނަރަކައިގެ ޢަޛާުބުން މިންޖުވާނެއެވެ. އަދި މި ވަޞިއްޔަތް ދޮގުކޮށްފި މީހާ ކާފަރުވެއްޖެއެވެ."

ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ މި ދޮގު ވަޞިއްޔަތުގައިވާ ވާހަކަތަކުގެ ޚުލާޞާއަކީ މިއެވެ. އެތައް އަހަރުތަކެއް ކުރިން އެތައް ފަހަރަކު މި ދޮގުވެރި ވަޞިއްޔަތް އަހަރުމެން އަޑުއަހައިފީމެވެ. މީސްތަކުންގެ ތެރޭގައި އެހެން އުޅެލާފައި އެކި ދުވަސްވަރު މި ފެތުރެއެވެ. އަދި ޢާއްމުންގެ ގިނަ ބަޔަކުގެ ތެރޭގައި ވަރަށް ޕުރޮމޯޓުވެއެވެ. އަދި އޭގެ ލަފްޒުތަކުގައި ތަފާތުތަކެއްވެއެވެ. އެ ދޮގު އުފެއްދި މީހާ އެ ބުނަނީ: އޭނާއަށް ނަބިއްޔާ ﷺ ނިދީގައި ފެނި، ދެން މި ވަޞިއްޔަތް އެކަލޭގެފާނު ލައިދެއްވީކަމަށެވެ. އެންމެ ފަހުން ފެތުރިފައިވާ މިވާ ގޮތުގައި: އަހަރުމެން ތިޔަ ކިޔުންތެރިޔާއަށް މި ގެނެސްދިންގޮތަށް، ބުހުތާނުހެދި މީހާ ދަޢުވާކޮށްފައިވާ އެވަނީ އޭނާ ނިދަން ތައްޔާރުވިތަނާ ނަބިއްޔާ ﷺ ފެނުނުކަމަށެވެ. އޭގެ މާނައަކީ: އޭނާ ހޭލާހުއްޓާ ފެނުނުކަމަށެވެ!

މި ދޮގުވެރިޔާ، މި ވަޞިއްޔަތުގައި ގިނަ ކަންތަކަކަށް ވަނީ ދަޢުވާކޮށްފައިއެވެ. އެ ކަންކަން ވަނީ އެންމެ ސާފު ދޮގުތަކުގެ ތެރެއިން، އަދި އެންމެ ބަޔާންވެގެންވާ ބާޠިލުގެ ތެރެއިންނެވެ. އަހަރެން މި ވާހަކައިގައި އެ ކަންކަން ކައިރި ހިސާބެއްގައި إن شاء الله ތިބާގެ ސަމާލުކަމަށް ގެންނާނަމެވެ. މިދިޔަ އަހަރުތަކުގައިވެސް އަހަރެންވާނީ އެ ކަންކަން ފާހަގަކޮށްފައިއެވެ. އަދި އެއީ އެންމެ ސާފު ދޮގުތަކުގެ ތެރެއިންވާ ކަންތައްތަކެއްކަމާ، އަދި ބަޔާންވެގެންވާ ބާޠިލުގެ ތެރެއިންވާ ކަންތަކެއްކަން އަހަރެން މީސްތަކުންނަށް ބަޔާންކޮށްދިނީމެވެ. ދެން މި ފަހުން ފެތުރުނު ލިޔުމަށް އަހަރެން ނަޒަރުހިނގާލި ހިނދު؛ އެއާމެދު އެއްޗެއް ލިޔަން އަހަރެން ދެއަތަށް ކިރުނެވެ. އެއީ އޭގެ ބާޠިލުކަން އެހާވެސް ސާފުވުމުންނެވެ. އަދި އެ ބުހުތާނު ހެދި މީހާ ދޮގުހެދުމަށް ޖެހިލުންކުޑަކަން ބޮޑުކަމުންނެވެ. ކިރިޔާވެސް ދުރު ވިސްނުމެއް، ނުވަތަ ސަލާމަތްތެރި ފިޠުރަތެއް ހުރި މީހަކު އެ ބާޠިލަށް ހެއްލިގެންދާނޭކަމަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް މީސްތަކުންގެ ތެރެއިން ގިނަބަޔަކުގެ މައްޗަށް އޭތި ޕުރޮމޯޓުވެގެންދިޔަކަމާއި، އަދި އެމީހުންގެ ތެރޭގައި އެ ދައުރުކޮށް، އަދި ބައެއް މީހުން އެ ތެދުވެސް ކުރިކަމަށް ގިނަ އަޚުންތަކެއް އަހަރެންނަށް ޚަބަރުދިނެވެ. އެކަމަށްޓަކައި، އަހަރެންފަދަ މީހުންގެ މައްޗަށް އޭގެ ބާޠިލުކަން ބަޔާންކުރުމަށްޓަކައި، އަދި އެއީ ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ ބުހުތާނެއްކަން ހާމަކުރުމަށްޓަކައި ލިޔަންޖެހޭނެކަމަށް ފެނުނެވެ. އެއީ އެއްވެސް މީހަކު އެއާމެދު ހެއްލުންތެރިވެގެން ނުދިޔުމަށްޓަކައިއެވެ. ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ތެރެއިން، ނުވަތަ ސަލާމަތްތެރި ފިޠުރަތަކާއި ޞައްޙަ ބުއްދިއެއްގެ ވެރިންގެ ތެރެއިން އެ ވަޞިއްޔަތާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށް؛ އެއީ އެތައް ގޮތަކަށް ހަދާފައިވާ ދޮގު ބުހުތާނެއްކަން އެނގޭނެއެވެ.

އަދި މި ބުހުތާނު ދޮގު އެމީހަކަށް ނިސްބަތްވާ ޝެއިޚު އަޙްމަދުގެ ބައެއް ތިމާގެ މީހުންގެ ގާތުން، މި ވަޞިއްޔަތާމެދު އަހަރެން ސުވާލުކޮށްލީމެވެ. ދެން އެމީހުން ޖަވާބުދިނީ އެއީ ޝެއިޚު އަޙްމަދުގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށެވެ. އަދި އޭނާ އަޞްލު އެހެން ނުވެސް ބުނާކަމަށެވެ. އަދި ނަންގަނެވިފައިވާ ޝެއިޚު އަޙްމަދުވަނީ އެތައް އަހަރެއް ކުރިން ނިޔާވެފައިއެވެ. މިސާލަކަށް މި ބުނާ ޝެއިޚު އަޙްމަދު، ނުވަތަ އެއަށްވުރެ ބޮޑު މީހަކުވިޔަސް؛ ހުވަފެނުގައި ނުވަތަ ހޭލާހުއްޓާ އެމީހަކަށް ނަބިއްޔާ ﷺ ފެނި، ދެން މި ވަޞިއްޔަތްކުރުމަށް އެކަލޭގެފާނު ވަޞިއްޔަތްކުރެއްވިކަމަށް ދަޢުވާކޮށްފިނަމަ؛ އޭނާއީ ދޮގުވެރިއެއްކަން، ނުވަތަ އެހެން އޭނާގެ ގާތުގައި އެބުނީ ރަސޫލާ ﷺ އެއް ނޫންކަމާއި އެކަމަކު ޝައިޠާނެއްކަން އަހަރުމެންނަށް ޔަޤީންކޮށް އެނގުނީހެވެ. އެއީ އެތައް ކަމަކަށްޓަކައިއެވެ. އޭގެ ތެރޭގައި:

ފުރަތަމައަށް: ރަސޫލާ ﷺ އަވަހާރަވުމަށް ފަހު، މީހަކު ހޭލާހުއްޓާ އެކަލޭގެފާނު ﷺ އެއް ނުފެންނާނެއެވެ. ޖާހިލު ޞޫފީންގެ ތެރެއިން އެމީހަކު ހޭލާހުއްޓާ ނަބިއްޔާ ﷺ ފެންނަކަމަށް، ނުވަތަ އެކަލޭގެފާނު ޢީދު މީލާދު ފާހަގަކުރެވޭ ތަނަށް ޙާޟިރުވެވަޑައިގަންނަވާކަމަށް، ނުވަތަ އެފަދަ ކަމަކަށް ދަޢުވާކޮށްފި މީހާ؛ ފަހެ އެންމެ ހުތުރު ނުބައި ގޯސްހަދައިފިއެވެ. އަދި އޮޅޭނެ އެންމެ ބޮޑަށް އޭނާއަށް އެވަނީ އޮޅިފައިއެވެ. އަދި އޭނާ އެވަނީ ބޮޑުވެގެންވާ ކުށަކަށް ވެއްޓި، ޤުރްއާނާއި ސުންނަތާއި ޢިލްމުގެ އަހުލުވެރިންގެ އިޖްމާޢުއާ ޚިލާފުވެފައިއެވެ. އެހެނީ މަރުވެފައިވާ މީހުން، އެމީހުންގެ ޤަބުރުތަކުން ނިކުންނާނޭކަން ކަށަވަރީ ޤިޔާމަތްދުވަހުއެވެ. ދުނިޔެއަކު ނޫނެވެ. އެއާ ޚިލާފަށް ބުނެފި މީހަކު އެއީ ބަޔާންވެގެންވާ ދޮގުހަދާ ދޮގުވެރިއެކެވެ. ނުވަތަ އޮޅިފައި، ގޯސްހެދިގެންވާ މީހެކެވެ. ހެޔޮވެގެންވާ ސަލަފުންނަށް އެނގިވަޑައިގެންނެވި، އަދި ﷲ ގެ ރަސޫލާ ﷺ ގެ އަޞްޙާބުންނާއި، އިޙްސާންތެރިކަމާއެކު އެކަލޭގެފާނަށް ތަބަޢަވެވަޑައިގެންނެވި ބޭކަލުން އެގޮތެއްގެ މަތީގައި ހިންގެވި ޙައްޤު އޭނާއަށް އެނގިފައެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿ثُمَّ إِنَّكُم بَعۡدَ ذَٰلِكَ لَمَيِّتُونَ15 ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ16﴾

(ދެން ހަމަކަށަވަރުން ތިޔަބައިމީހުން އޭގެ ފަހުގައި މަރުވާނެކަން ކަށަވަރެވެ.

ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުންދިރުއްވައި މަޙުޝަރަށް ފޮނުވޭނެއެވެ.) [އަލްމުއުމިނޫން: 15- 16] އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

«أَنَا أَوَّلُ مَنْ تَنْشَقُّ عَنْهُ الْأَرْضُ يَوْمَ الْقِيَامَةِ، وَأَنَا أَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ».

"ތިމަންކަލޭގެފާނީ ޤިޔާމަތް ދުވަހު އެމީހަކުގެ މަތިން ޤަބުރު އެންމެ ފުރަތަމަ ފަޅައިގެންދާނޭ މީހާއެވެ. އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވާނޭ ބޭކަލަކީވެސް، އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވެވޭނެ ބޭކަލަކީވެސް ތިމަންކަލޭގެފާނެވެ." މި މާނާގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ.

ދެވަނައީ: ރަސޫލާ ﷺ ޙައްޤާ ޚިލާފަށް ބަސް ވިދާޅުނުވާނެއެވެ. އެކަލޭގެފާނުގެ ދިރިހުންނަވާވެސް އަދި އަވަހާރަވުމަށް ފަހުވެސްމެއެވެ. އެކަމަކު މި ވަޞިއްޔަތް، އެކަލޭގެފާނުގެ ޝަރީޢަތާ ފާޅުކަން ބޮޑުކޮށް ޚިލާފުވެއެވެ. އެއީ -އަދި (މި ރިސާލާގައި އިތުރަށް ބަޔާންވެގެން) އަންނާނޭފަދައިން- އެތައް ގޮތަކުންނެވެ. އަދި އެކަލޭގެފާނު ﷺ ނިދީގައި ހުވަފެނުގައި މީހަކަށް ފެނިދާނެއެވެ. އަދި ހުވަފެނުގައި އެކަލޭގެފާނުގެ ޝަރަފުވެރި ޞޫރަފުޅުގައި ފެނިއްޖެ މީހަކަށް އެކަލޭގެފާނު އެވަނީ ފެނިފައިއެވެ. އެހެނީ ޞައްޙަ ޝަރަފުވެރި ޙަދީޘްގައި އައިސްފައިވާފަދައިން، ޝައިޠާނާއަށް އެކަލޭގެފާނުގެ ޞޫރަފުޅުގައި ސިފަ ނުޖެހެވޭނެތީއެވެ. ނަމަވެސް ހުރިހާވެސް (މުހިއްމު) ކަމަކީ: އެ ފެނުނު މީހާގެ އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޢަދުލުވެރިކަމާއި، ރަނގަޅަށް ރައްކާކުރުމާއި، ދީންވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި އޭނާއަށް ނަބިއްޔާ ﷺ އެ ފެނުނީ ހަމަ އެކަލޭގެފާނުގެ ޞޫރައަށްތޯ ނުވަތަ އެހެން ގޮތަކަށްތޯ އާއި، މި ކަންކަމެވެ.

ނަބިއްޔާ ﷺ ދިރިހުންނެވިއިރު ޙަދީޘްކުރެއްވި ބަސްފުޅެއް، އިތުބާރުހުރި، ޢަދުލުވެރި، ހިތުދަސްކޮށް ރައްކާކުރުމުގެ ބާރުގަދަ މީހުން ނޫން އެހެން މަގަކުން އައިސްފިނަމަ އެއަށް ބަރޯސާއެއް ނުވެވޭނެއެވެ. އަދި ޙުއްޖަތެއްކަމުގައިވެސް ނުބެލެވޭނެއެވެ. ނުވަތަ ހިތުދަސްކޮށް ރައްކާކުރުމުގެ ބާރުގަދަ އިތުބާރުހުރި މީހުންގެ މަގުން އަޔަސް، އެއަށްވުރެ މާ ބޮޑަށް ހިތުދަސް، އަދި މާ އިތުބާރުބޮޑު ބަޔަކުގެ ރިވާޔަތާ، ދެ ރިވާޔަތް ޖަމުޢުނުކުރެވޭ ފަދަ ޚިލާފުވުމަކުން ޚިލާފުވާނަމަ، އެތަނުން އެއް ރިވާޔަތް އެއީ އެއަށް ޢަމަލުނުކުރެވޭ މަންސޫޚު ރިވާޔަތަކަށްވެއެވެ. އަނެއް ރިވާޔަތްވާނީ: އެއަށް ޢަމަލުކުރެވޭ ނާސިޚު ރިވާޔަތަކަށެވެ. އެއީ އޭގެ ޝަރުޠުތަކާއެކު އެކަން ވާންއޮތުމުންނެވެ. ދެންފަހެ ޖަމަޢަކުރުންވެސް، އަދި މަންސޫޚުކުރުންވެސް ވާންނެތްނަމަ؛ ޙިތުދސްކުރުމާއި ޢަދުލުވެރިކަމުގެ ގޮތުން އުނި މީހާގެ ރިވާޔަތް އެއްލާލެވި (ދޫކޮށްލެވި)، އަދި އެއީ އެއަށް ޢަމަލު ނުކުރެވޭ ޝާއްޛު އެކަހެރި ރިވާޔަތެއްކަމުގައި ޙުކުމްކުރަން ޖެހެއެވެ.

ދެންފަހެ ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން ނަޤުލުކުރި މީހާއަކީ ކާކުކަންވެސް ނޭނގޭ، އަދި އޭނާގެ ޢަދުލުވެރިކަމެއް އަދި އަމާނާތްތެރިކަމެއްވެސް ނޭނގޭ މީހަކު ގެންނަ ވަޞިއްޔަތެއް އަދި ކޮންފަދަހެއްޔެވެ!؟ ފަހެ މިފަދައިން ޙާލަތުވާހިނދު އެ ވަޞިއްޔަތެއް އެއްލާލެވި، އެއަށް އެނބުރި ބަލާލުންވެސް ޙައްޤުނުވާ އެއްޗެއްކަމުގައިވެއެވެ. އެއީ ޝަރުޢާ ޚިލާފުވާ އެއްޗެއް އޭގައި ނެތްނަމަވެސްމެއެވެ. ދެންފަހެ އެ ވަޞިއްޔަތަކީ ބާޠިލު އެއްޗެއްކަމަށް، އަދި ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށް، އަދި ﷲ އިޛްނަދެއްވާފައި ނުވާ ދީނެއް ޝަރުޢުކުރުން އޭގައި ހިމެނިގެންވާކަމަށް ދަލީލުކުރާ އެތައްކަމެއް އޭގައި އެކުލެވޭނަމަ ދެން ކަންތައްވާނީ ކިހިނަކުންހެއްޔެވެ!؟

އަދި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

«مَنْ قَالَ عَلَيَّ مَا لَمْ أَقُلْ؛ فَلْيَتَـبَوَّأْ مَقْعَدَهُ مِنَ النَّارِ».

"ތިމަންކަލޭގެފާނު ވިދާޅުނުވާ އެއްޗެއް، ތިމަންކަލޭގެފާނުގެ މައްޗަށް (ނިސްބަތްކޮށްގެން) ބުނެފި މީހާ؛ ފަހެ އޭނާ ނަރަކައިގައި އިންނާނޭ ޖާގަ ތައްޔާރުކުރާށެވެ." މި ވަޞިއްޔަތް ހަދާފައިވާ މީހާ އެވަނީ ﷲ ގެ ރަސޫލާ ﷺ ޙަދީޘްނުކުރައްވާ އެއްޗެއް އެކަލޭގެފާނުގެ މައްޗަށް ބުނެ، އަދި ޞަރީޙަކޮށް ނުރައްކާ ދޮގު އެކަލޭގެފާނުގެ މައްޗަށް ހަދާފައިއެވެ. ފަހެ މި ބޮޑުވެގެންވާ ވަޢީދު އޭނާގެ މައްޗަށްވުން އައުލާކަން ބޮޑުކަމާއެވެ. އަދި އޭނާ ތައުބާވާން އަވަސްވެނުގަނެ، އަދި ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ނިސްބަތްކޮށްފައިވާ މި ވަޞިއްޔަތް ދޮގުވެގެންވާކަމަށް މީސްތަކުންނަށް ނުފަތުރައިފިނަމަ؛ އެ ވަޢީދު އޭނާގެ މައްޗަށް ޙައްޤުވުން ބޮޑުކަމާއެވެ. އެހެނީ މީސްތަކުންގެ ތެރޭގައި ބާޠިލެއް ފަތުރާ، އެކަންތައް ދީނަށް ނިސްބަތްކޮށްފި މީހާ؛ އޭނާ ތައުބާ ފާޅުކޮށް އިޢުލާނުކޮށްފުމަށް ދާންދެން އޭނާގެ ތައުބާ ޞައްޙަނުވާނެއެވެ. އެއީ އޭނާ ހެދި ދޮގުން ރުޖޫޢަވިކަމާއި، އޭނާގެ ނަފްސު ދޮގުކުރިކަން މީސްތަކުންނަށް އެނގިގެންދިޔުމަށެވެ. އެއީ ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅަށްޓަކައިއެވެ:

﴿إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِي ٱلۡكِتَٰبِ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ159 إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَٰٓئِكَ أَتُوبُ عَلَيۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ160﴾

(ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ހިދާޔަތުގެ ތެރެއިން ތިމަންއިލާހު ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ތިމަންއިލާހުގެ ފޮތުގައި (އެބަހީ: ތައުރާތާއި އިންޖީލުގައި) ބަޔާންކޮށްދެއްވުމަށް ފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނައެވެ!) އެބައިމީހުންނަށް ﷲ ލަޢުނަތް ލައްވައެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދެއެވެ.

ތައުބާވެ (އެބައިމީހުންގެ ޢަމަލުތައް) އިޞްލާޙުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުރި މީހުން މެނުވީއެވެ. ފަހެ އެބައިމީހުންނަށް ތިމަން އިލާހު ތައުބާ ލައްވާ ހުށީމެވެ. ތިމަން އިލާހީ ގިނަގިނައިން ތައުބާ ލައްވާ (އަދި ތައުބާ ޤަބޫލުކުރައްވާ)، ރަޙީމުވަންތަ އިލާހެވެ.) [އަލްބަޤަރާ: 159- 160] މި މާތްވެގެންވާ އާޔަތުގައި، އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ސާފުކޮށްދެއްވީ: ޙައްޤުން އެއްޗެއް ވަންހަނާކޮށްފި މީހާ؛ އޭނާ އިޞްލާޙުކޮށް، ބަޔާންކުރުމަށްފަހު މެނުވީ އޭނާ އެކަމުން ތައުބާވިކަން ޞައްޙަ ނުވާނޭކަމެވެ. ﷲ ސުބްޙާނަހޫވަނީ އެކަލާނގެ އަޅުތަކުންނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި އެމީހުންގެ މައްޗަށް ނިޢުމަތް ފުރިހަމަކުރައްވާފައިއެވެ. އެއީ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ފޮނުއްވައިގެންނާއި، އަދި އެކަލޭގެފާނަށް އެކަލާނގެ ވަޙީއިން ބާވައިލެއްވި ފުރިހަމަ ޝަރީޢަތް މެދުވެރިކުރައްވައެވެ. އަދި ފުރިހަމަކޮށްދެއްވާ ބަޔާންކޮށްދެއްވުމަށް ފަހު މެނުވީ އެކަލާނގެ އެކަލޭގެފާނުގެ ފުރާނަ ނުހިއްޕަވައެވެ. އެއީ އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވި ފަދައިންނެވެ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

(...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3]

އަދި މި ވަޞިއްޔަތް ހެދި މީހާ ފާޅުވީ؛ ސާދަވަނަ ޤަރުނުގައެވެ. އޭނާ ބޭނުންވީ މީސްތަކުންނަށް އާ ދީނެއް އޮޅުވާލާށެވެ. އެއީ އޭނާ ކަނޑަޅައިދިން ދީނުގައި ހިފައިފި މީހާ ސުވަރުގެ ވަނުމާއި، އަދި އޭނާ ކަނޑައަޅައިދިން ގޮތުގައި ނުހިފައިފި މީހާ ނަރަކައަށް ވަނުން އޭގެ މައްޗަށް ބިނާވެގެންވާ ގޮތުގައެވެ. އަދި އޭނާ ބޭނުންވަނީ އޭނާ ބުހުތާނު ހަދައިގެން ގެނައި މި ވަޞިއްޔަތަކީ ޤުރްއާނަށްވުރެވެސް މާތް އަދި މަތިވެރި އެއްޗަކަށް ހަދާށެވެ. އެއީ އޭނާ ދޮގު ހަދައިގެން މީގައި މިހެން ބުނެގެންނެވެ: މި ވަޞިއްޔަތް ލިޔެފައި، އެއް ރަށުން އަނެއް ރަށަށް، އަދި އެއް ތަނުން އަނެއް ތަނަށް ފޮނުވާ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވިގެންދާނެއެވެ. އަދި މި ވަޞިއްޔަތް ނުލިޔެ އަދި ނުވެސް ފޮނުވާ މީހާގެ މައްޗަށް ޤިޔާމަތްދުވަހު ނަބިއްޔާ ﷺ ގެ ޝަފާޢަތް ޙަރާމްވެއްޖެކަމަށެވެ. މިއީ އެންމެ ހުތުރު އެއް ދޮގެވެ. އަދި މި ވަޞިއްޔަތަކީ ދޮގެއްކަމާއި، މި އުފެއްދި މީހާގެ ޙަޔާތްކުޑަ ކަމާއި، ދޮގުހެދުމަށް ޖެހިލުމެއްވެސް ނެތްކަމަށް ދަލީލުކޮށްދޭ އެންމެ ސާފު އެއް ހެއްކެވެ. އެހެނީ މާތްވެގެންވާ ޤުރްއާން ލިޔެ، އެއް ރަށުން އަނެއް ރަށަށް، ނުވަތަ އެއް ތަނުން އަނެއް ތަނަށް ފޮނުވިޔަސް؛ ޤުރްއާނަށް އޭނާ ޢަމަލުނުކުރާނަމަ އޭނާއަށް މިފަދަ މާތްކަމެއް ނުލިބޭނެއެވެ. ދެންފަހެ މި ބުހުތާނު ލިޔުނު މީހަކަށާއި، އެއް ރަށުން އަނެއް ރަށަށް މި ބުހުތާނު ގެންދާ މީހަކަށް އެފަދަ މާތްކަމެއް ލިބޭނީ ކިހިނަކުންހެއްޔެވެ!؟ އަދި ޤުރްއާން ނުލިޔުނަސް، އަދި އެއް ރަށުން އަނެއް ރަށަށް ނުފޮނުވިޔަސް، އޭނާ އެ ޤުރްއާނަށް އީމާންވެ، އޭގެ ޝަރީޢަތަށް ތަބަޢަވެގެންވާނަމަ ނަބިއްޔާ ﷺގެ ޝަފާޢަތުން އޭނާ މަޙުރޫމު ނުވެއެވެ. މި ވަޞިއްޔަތުގައިވާ މި ބުހުތާނުން އެކަނިވެސް؛ އެ ވަޞިއްޔަތުގެ ބާޠިލުކަމާއި އެ ފެތުރި މީހާގެ ދޮގުވެރިކަމާއި، ލަދުޙަޔާތް ނެތްކަމާއި، ގަމާރުކަމާއި، އަދި ރަސޫލާ ﷺ ގެންނެވި ހިދާޔަތުން ދުރުވެގެންވާކަމަށް ދަލީލުކުރުމަށް ފުދެއެވެ.

މި ނަންގަތް ކަންތައް ފިޔަވައިވެސް މި ވަޞިއްޔަތުގައި އެހެން ކަންކަންވެއެވެ. އެ ހުރިހާ ކަންކަން ދަލީލުކުރަނީ މި ވަޞިއްޔަތުގެ ބާޠިލުކަމާއި، ދޮގުކަމަށެވެ. އެ ބުހުތާނު ހެދި މީހާ ހާސް ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އެ ވަޞިއްޔަތަކީ ތެދެއްކަމަށް ހުވާކުރިޔަސް، އަދި އޭނާއީ ތެދުވެރިއެއްކަމުގައި ދައްކަންވެގެން (ދޮގެއްނަމަ) އެންމެ ބޮޑުވެގެންވާ ޢަޛާބާއި، އެންމެ ހަރުކަށި ޢުޤޫބާތް އޭނާގެ މައްޗަށް ހުރިކަމަށް ގޮވާ ނެގިޔަސް އޭނާ ތެދުވެރިއަކަށް ނުވާނެއެވެ. އަދި އެ ވަޞިއްޔަތްވެސް ޞައްޙަ އެއްޗަކަށް ނުވާނެއެވެ. ކިއެއްތަ، ﷲ ގަންދީ ބުނަމެވެ! ދެންވެސް ﷲ ގަންދީ ބުނަމެވެ! އެއީ އެންމެ ބޮޑެތި، ހުތުރު ބާޠިލު ކަންތަކުގެ ތެރެއިންވާ ކަމެކެވެ. އަހަރުމެން ﷲ ސުބްޙާނަހޫއާއި، އަހަރުމެންގެ ގާތަށް ޙާޟިރުވެގެން ތިއްބެވި މަލާއިކަތުންވެސް މިކަމަށް ހެކިކުރަމެވެ. އަދި މުސްލިމުންގެ ތެރެއިން މި ލިޔުން ފެނުނު ބަޔަކުވެސް ހެކިކުރަމެވެ. އެއީ އަހަރުމެންގެ ވެރި ރައްބު -ޖައްލަ ޖަލާލުހޫ-އާ، އެ ހެކިބަހަކުން އަހަރުމެން ބައްދަލުކުރާނޭ ހެކިބަހަކުންނެވެ: (އަހަރުމެން ހެކިވެ ހުވާކުރާކަމަކީ) މި ވަޞިއްޔަތަކީ ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ ބުހުތާނު ދޮގެއްކަމުގައިއެވެ. މި ދޮގު އުފެއްދި މީހަކު ﷲ ނިކަމެތިކުރައްވާ، އަދި އޭނާށް ޙައްޤުވާ ގޮތަކަށް އެކަލާނގެ އެމީހަކާމެދު ކަންތައް ކުރައްވާށިއެވެ.

އިސްވެދިޔަ ކަންކަމުގެ އިތުރުން މި ވަޞިއްޔަތް ދޮގުވެ، ބާޠިލުވެގެންވާކަމަށް ގިނަ ކަންތަކެއް ދަލީލުކުރެއެވެ. ނަންގަނެވުނު ކަންތަކުގެ އިތުރުން އޭގެ ތެރޭގައިވެއެވެ:

ފުރަތަމަ ކަމަކީ: އޭގައި އޭނާ ބުނެފައިވާ ބަހެވެ: "އެހެނީ ހުކުރުން އަނެއް ހުކުރަށް އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ މަތީގައި ސަތޭކަ ފަސްދޮޅަސްހާސް މީހުން މަރުވެއްޖެއެވެ." އެހެނީ މިއީ ޣައިބުގެ ޢިލްމުގެ ތެރެއިންވާ ކަމެކެވެ. އަދި ރަސޫލާ ﷺ އަވަހާރަވުމުން އެކަލޭގެފާނުގެ ކިބައިން ވަޙީ މެދުކެނޑިގެން ދިޔައީއެވެ. އެކަލޭގެފާނު ދިރިހުންނެވިއިރުވެސް އެކަލޭގެފާނަށް ޣައިބުގެ ޢިލްމު އެނގިވަޑައިގެން ނުވެއެވެ. ދެން އަވަހާރަވުމަށްފަހު އަދި ކޮންފަދަހެއްޔެވެ؟ އެއީ ﷲ ސުބްޙާނަހޫގެ މި ބަސްފުޅަށްޓަކައިއެވެ:

﴿قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ...﴾

(ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ގާތުގައި ﷲ ގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ...) [އަލްއަންޢާމު: 50] އަދި ﷲ ތަޢާލާގެ މި ބަސްފުޅެވެ:

﴿قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُ...﴾

(ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާ ކަމެއް ނޭނގޭނެތެވެ...) [އައްނަމްލު: 65] އަދި ޞައްޙަ ޙަދީޘްގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވެއެވެ:

«يُذَادُ رِجَالٌ عَنْ حَوْضِي يَوْمَ القِيَامَةِ، فَأَقُولُ: يَا رَبِّ! أَصْحَابِي أَصْحَابِي، فَيُقَالُ لِي: إِنَّكَ لَا تَدْرِي مَا أَحْدَثُوا بَعْدَكَ، فَأَقُولُ كَمَا قَالَ العَبْدُ الصَّالِحُ: ﴿وَكُنتُ عَلَيۡهِمۡ شَهِيدٗا مَّا دُمۡتُ فِيهِمۡۖ فَلَمَّا تَوَفَّيۡتَنِي كُنتَ أَنتَ ٱلرَّقِيبَ عَلَيۡهِمۡۚ وَأَنتَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ﴾ [المائدة: 117]».

"ޤިޔާމަތްދުވަހު، ތިމަންކަލޭގެފާނުގެ ޙައުޟު ފެންގަނޑުގެ ގާތުން ބަޔަކު މީހުން ފައްސާ ދުރަށްލެވޭނެއެވެ. ދެން ތިމަންކަލޭގެފާނު ދަންނަވާނަމެވެ: "އޭ އަޅުގެ ވެރި ރައްބެވެ! މިއަޅާގެ އަޞްޙާބުންނެވެ. މިއަޅާގެ އަޞްޙާބުންނެވެ." ދެން ތިމަންކަލޭގެފާނަށް ވަޙީކުރެއްވޭނެއެވެ: "އެމީހުން ކަލޭގެފާނުގެ ފަހުން އުފެއްދި ކަންތަކެއް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައެވެ." ދެން ޞާލިޙު އަޅާ (ޢީސާގެފާނު) ވިދާޅުވި ފަދައިން ތިމަންކަލޭގެފާނު ދަންނަވަމެވެ: (އެ މީހުންގެ ތެރޭގައި، މިއަޅާ ހުރިހާ ހިނދަކު، އެ މީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި މިއަޅާ ވީމެވެ. ދެން އިބަ އިލާހު، މިއަޅާ ގެންދެވިހިނދު، އެ މީހުންގެ މައްޗަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި، އިބަ އިލާހު ވޮޑިގެންވީމުއެވެ. އިބަ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.) " [އަލްމާއިދާ: 117]

މި ވަޞިއްޔަތް ބާޠިލުވެގެންވާކަމާއި، މިއީ ދޮގުކަމަށް ދަލީލުކުރާ ކަންތަކުގެ ތެރެއިން ދެވަނަ ކަމަކީ: އޭނާ އޭގައި ބުނެފައިވާ ބަހެވެ: "އަދި މި ލިޔެފި މީހާ، އޭނާއަކީ ފަޤީރެއްކަމުގައިވާނަމަ ﷲ އޭނާ ފުދުންތެރިކުރައްވާނެއެވެ. ނުވަތަ ދަރަނިވެރިވެގެންވާނަމަ ﷲ އޭނާގެ ދަރަނި ފުއްދަވާދެއްވާނެއެވެ. ނުވަތަ ފާފައެއް ކުރެވިފައިވާނަމަ ﷲ އޭނާއަށާއި އޭނާގެ މައިންބަފައިންނަށްވެސް ފާފަފުއްސަވާދެއްވާނެއެވެ. މި ވަޞިއްޔަތުގެ ބަރަކާތުންނެވެ." މިހެންގޮސް ނިމެންދެނެވެ. މިއީ އެންމެ ހުތުރު އެއް ދޮގެވެ. އަދި މި ވަޞިއްޔަތް ހެދި މީހާގެ ދޮގުވެރިކަމާއި، މި އުފެއްދި މީހާ ﷲ ދެކެ އަދި އެކަލާނގެ އަޅުތަކުންދެކެވެސް ލަދެއް ނުގަންނަކަމަށް ދަލީލުކުރާ އެންމެ ސާފު އެއް ކަންތަކެވެ. އެހެނީ މި ތިން ކަމަކީ މާތްވެގެންވާ ޤުރްއާން ހަމައެކަނި ލިޔެގެންވެސް ލިބޭނެ ކަމެއް ނޫނެވެ. ދެންފަހެ މި ބާޠިލު ވަޞިއްޔަތް ލިޔުނު މީހަކަށް އެ ކަންކަން ޙާޞިލުވާނީ ކިހިނަކުންހެއްޔެވެ!؟ އެކަމަކު މި ނުބައި ޚަބީޘް މީހާ ހަމައެކަނި ބޭނުންވަނީ މީސްތަކުންނަށް އޮޅުވާލާ، އެ މީހުން މި ވަޞިއްޔަތުގައި ގުޅުވާފައި ބެހެއްޓުމަށެވެ. އެއީ އެމީހުން މި ވަޞިއްޔަތް ލިޔެ، އަދި އެ ދަޢުވާކޮށްގެން އުޅޭ މާތްކަމުގައި އެމީހުންގެ (ހިތްތައް) ގުޅުވައިފުމަށް ދާންދެނެވެ. އަދި ﷲ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކުރައްވާފައިވާ؛ ފުދުންތެރިކަމާއި، ދަރަނި ފުދިގެންދިޔުމާއި، ފާފަފުއްސެވުމަށް ވާޞިލުކޮށްދޭ ގޮތަށް އެކަލާނގެ ލެއްވި ސަބަބުތައް އެމީހުން ދޫކޮށްލުމަށް ދާންދެނެވެ. ފަހެ ނިކަމެތިކަމުގެ ސަބަބުތަކާއި، އަމިއްލަ އެދުމާއި ޝައިޠާނާއަށް ކިޔަމަންވުމުން އަހަރުމެން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.

މި ވަޞިއްޔަތަކީ ބާޠިލުކަމަށް ދަލީލުކުރާ ކަންތަކުގެ ތެރެއިން ތިންވަނަ ކަމަކީ: އޭނާ އޭގައި ބުނެފައިވާ މި ބަހެވެ: "ﷲ ގެ އަޅުތަކުންގެ ތެރެއިން މި ވަޞިއްޔަތް ނުލިޔާ މީހާ، ދުނިޔެއާއި އާޚިރަތުގައި އޭނާގެ މޫނު ކަޅުވެގެންދާނެއެވެ." މިއީވެސް އެންމެ ހުތުރު އެއް ދޮގެވެ. އަދި މި ވަޞިއްޔަތުގެ ބާޠިލުކަމާއި، އެ ހެދި މީހާގެ ދޮގުވެރިކަމަށް ދަލީލުކުރާ އެންމެ ސާފު އެއް ދަލީލެވެ. އެހެނީ ސާދަވަނަ ޤަރުނުގައި އައި ކާކުކަން ނޭނގޭ މީހަކު، ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ދޮގުހަދައިގެން މި ވަޞިއްޔަތް ލިޔެ، ދެން އެ ނުލިޔާ މީހަކުގެ މޫނު ދުނިޔެއާއި އާޚިރަަތުގައި ކަޅުވެ އަނދިރިވެގެންދާނޭކަމަށާއި، އަދި އެ ލިޔުނު މީީހާ ފަޤީރުކަމަށްފަހު މުއްސަނދިވާނޭކަމަށާއި، ދަރަނިތައް ފުނިޖެހިގެންވުމަށް ފަހު ދަރަނިން ސަލާމަތްވެގެން ވާނޭކަމަށާއި، އަރައިގަނެފައިވާ ފާފަތައް ފުއްސެވިގެންވާ މީހަކަށް ވާނޭކަމަށް ދަޢުވާކުރުން؛ ބުއްދިއެއް ހުރި މީހެއްގެ ބުއްދީގައި ހުއްދަވާނީ ކިހިނަކުންހެއްޔެވެ!؟

އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާނެކެވެ!! ދަލީލުތަކާއި ކަންކަން ހިނގަމުންދާ ވާޤިޢުވެސް ހެކިދެނީ މި އުފެއްދި މީހާގެ ދޮގުވެރިކަމަށާއި، ﷲ ގެ މައްޗަށް ޖެހިލުންކުޑަކަމަށާއި، އަދި ﷲ ދެކެ އަދި މީސްތަކުންދެކެވެސް މީނާ ލަދެއް ނުގަންނަކަމެވެ. ފަހެ މި ވަޞިއްޔަތް ނުލިޔާ އެތައް ބައިވަރު އުއްމަތްތައް މި ވަނީއެވެ. އެކަމަކު އެމީހުންގެ މޫނުތައް ކަޅުނުވެއެވެ. އަދި މިހިރަ އުޅެނީ އެތައް ފަހަރަކު އެ ވަޞިއްޔަތް ލިޔުނު، ﷲ އަށް މެނުވީ ގުނާ ޢަދަދުނުކުރެވޭހާ ގިނަބަޔަކެވެ. އެކަމަކު އެމީހުންގެ ދަރަނިތައް ފުދިގެންނުދެއެވެ. އަދި ފަޤީރުކަން ފިލައި ނުދެއެވެ. ފަހެ ހިތްތައް ކަސިޔާރުވެގެން ދިޔުމާއި، ފާފަތައް ގަދަވެގެންދިޔުމުން ރައްކާތެރިކޮށްދެއްވުމަށް އަހަރުމެން ﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ. މިއީ އެންމެ މާތްވެގެންވާ އެންމެ ހެޔޮ ފޮތްކަމުގައިވާ: ކީރިތި ޤުރްއާން ލިޔުނު މީހަކަށް ލިބޭނެކަމަށްވެސް ޝަރަފުވެރި ޝަރުޢުގައި އައިސްފައިވާ ޞިފަތަކަކާއި ޖަޒާއެއް ނޫނެވެ. ދެންފަހެ ބާޠިލުގެ އެކި ވައްތަރުތަކާއި، ކުފުރުގެ އެކި ކަހަލަ ގިނަ ޖުމްލަތަކެއްވެސް ޝާމިލުވެގެންވާ ދޮގުވެރި ވަޞިއްޔަތެއް ލިޔުނު މީހަކަށް އެ ކަންކަން ލިބޭނީ ކިހިނަކުންހެއްޔެވެ!؟ ސުބްޙާނަ ﷲ އެވެ! ﷲ ގެ މައްޗަށް ދޮގުހަދަން ޖެހިލުންކުޑަ މީހާއާމެދުވެސް އެކަލާނގެ ޙިލްމުވެރިކަމުގެ ބޮޑުކަމާއެވެ.

މި ވަޞިއްޔަތަކީ އެންމެ ބާޠިލުކަން ބޮޑު ބާޠިލެއްކަމުގައި އަދި ސާފު ދޮގުކަމަށް ދަލީލުކޮށްދޭ ކަންކަމުގެ ތެރެއިން ހަތަރުވަނަ ކަމަކީ: އޭނާ އޭގައި ބުނެފައިވާ މި ބަހެވެ: "އަދި މި ވަޞިއްޔަތް ތެދުކޮށްފި މީހާ؛ ނަރަކައިގެ ޢަޛާުބުން މިންޖުވާނެއެވެ. އަދި މި ވަޞިއްޔަތް ދޮގުކޮށްފި މީހާ ކާފަރުވެއްޖެއެވެ." މިވެސް ދޮގުހެދުމަށް އެއްވެސް ޖެހިލުމެއްނެތްކަން ދައްކައިދޭ ކަމެކެވެ. އަދި އެންމެ ހުތުރު އެއް ބާޠިލެވެ. މި ދޮގުވެރި ކަލޭގެ ހުރިހާ މީސްތަކުންނަށް އެ ގޮވާލަނީ: އޭނާ އުފެއްދި ބުހުތާނު ތެދުކުރުމަށެވެ. އަދި އޭނާ ދަޢުވާކުރަނީ؛ އޭގެ ސަބަބުން އެމީހުން ނަރަކައިގެ ޢަޛާބުން މިންޖުވާނޭކަމަށާއި، އަދި އެ ވަޞިއްޔަތް ދޮގުކޮށްފި މީހަކު ކާފަރުވާނޭކަމަށެވެ. ﷲ ގަންދީ ބުނަމެވެ! މި ދޮގުވެރި ކައްޛާބު ﷲ ގެ މައްޗަށް ބޮޑުވެގެންވާ ބުހުތާނު ދޮގުހެދިއެވެ. އަދި ﷲ ގަންދީ ބުނަމެވެ! އޭނާ އެ ބުނީ ޙައްޤެއް ނޫނެވެ. އަދި ކާފަރެއްކަމުގައިވުން ޙައްޤުވަނީ މި ތެދުކުރި މީހާއެވެ. ދޮގުކުރި މީހާއެއް ނޫނެވެ. އެހެނީ މިއީ ޞައްޙަވުމުގެ އެއްވެސް އަސާސެއް ނެތް، ބުހުތާނެއް އަދި ބާޠިލެއް އަދި ދޮގެކެވެ. އަދި މިއީ ދޮގެއްކަމަށާއި، މި އުފެއްދި މީހަކީ ދޮގުވެރި ކައްޛާބެއްކަމަށް އަހަރުމެން ﷲ ހެކިކުރަމެވެ. އޭނާ ބޭނުންވަނީ ﷲ އިޛްނަ ދެއްވާފައިނުވާ ކަމެއް މީސްތަކުންނަށް ޝަރުޢުކޮށް ކަނޑައަޅާ، އަދި ދީނުގައި ނުވާ ކަމެއް އެމީހުންގެ ދީނަށް ވައްދާށެވެ. އަދި މި ބުހުތާނު ދޮގު އައުމުގެ ސާދަ ޤަރުނު ކުރިން، ﷲ ވަނީ މި އުއްމަތަށް ދީން ފުރިހަމަކޮށްދެއްވާފައެވެ. އެހެންކަމުން އޭ ކިޔުންތެރިންނޭވެ! އަދި އަޚުންނޭވެ! ތިޔަބައިމީހުން ސަމާލުވެ ތިބޭށެވެ! އަދި މިފަދަ ބުހުތާނު ދޮގުތައް ތެދުކުރުމާމެދު، އަދި ތިޔަބައިމީހުންގެ ތެރޭގައި އެ ޕުރޮމޯޓުވެގެން ދިޔުމާމެދު ތިޔަބައިމީހުން ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން ޙައްޤުގެ މަތީގައި، އެ ޙައްޤު ހޯދާ މީހާއަށް އޮޅިގެންނުދާނޭ ނޫރެއްވެއެވެ. ފަހެ ޙައްޤު އޭގެ ދަލީލުން ހޯދައިގަންނާށެވެ. އަދި ތިޔަބައިމީހުންނަށް އޮޅުންއަރައިފި ކަމެއްގައި ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ. އަދި ދޮގުވެރި ކައްޛާބުން ކުރާ ހުވަޔާމެދު ހެއްލުންތެރި ނުވާށެވެ. ފަހެ ލަޢުނަތް ލެއްވިގެންވާ އިބްލީސްވަނީ، ތިޔަބައިމީހުން ބައްޕައާއި މަންމަ ކަމުގައިވާ އާދަމްގެފާނާއި ޙައްވާގެފާނަށްވެސް، އޭނާއަކީ އެ ދެބޭކަލުންނަށް ނަޞޭޙަތްތެރިވާ މީހެއްކަމަށް ހުވާކޮށްފައިއެވެ. އެއީ އޭނާއަކީ އެންމެ ބޮޑު ޚިޔާނާތްތެރިޔާ ކަމުގައި، އަދި އެންމެ ދޮގުވެރި ކައްޛާބުކަމުގައި ވާއިރުއެވެ. އެއީ ﷲ އޭނާއާމެދު އެ ވާހަކަ ކިޔާދެއްވި ގޮތަށެވެ. އެގޮތުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:

﴿وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّٰصِحِينَ21﴾

(އަދި އެކަލޭގެ ހުވާކޮށް، އެ ދެ ބޭކަލުންނަށް ބުންޏެވެ: ހަމަކަށަވަރުން ތިމަންނާވަނީ، ތިޔަ ދެ މީހުންނަށް ހެޔޮ ނަޞޭޙަތް ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.) [އަލްއަޢުރާފު : 21] އެހެންކަމުން ތިޔަބައިމީހުން އޭނާއާމެދު ހުށިޔާރުވާށެވެ. އަދި އެ އިބްލީހަށް ތަބަޢަވެގެން އުޅޭ ދޮގުވެރިންނާމެދުވެސް ހުށިޔާރުވެ ސަމާލުވާށެވެ. ފަހެ މަގުފުރައްދާ، ވާވެއްދުމަށްޓަކައި: ދޮގުވެރި ކިހާ ހުވާތަކެއް، އަދި ކެހިވެރި ކިހާ ޢަހްދުތަކެއް، އަދި ޖަރީކޮށް ޗާލުކޮށްފައިވާ ކިހާ ބަސްތަކެއް އެކަލޭގެއާއި އެމީހުންނަށް ވޭހެއްޔެވެ!؟ ދެންފަހެ މި ދޮގުވެރިޔާ ނަންގަނެފައިވާ ގޮތަށް މުންކަރާތްތައް ފާޅުވެގެންވާ ވާހަކައަކީ: ފަހެ ހަމަ ހިނގާފައިވާ ކަމެކެވެ. މާތްވެގެންވާ ޤުރްއާނާއި، ޠާހިރުވެގެންވާ ސުންނަތްވަނީ އިންތިހާއަށް އެ މުންކަރާތްތަކާމެދު އިންޛާރުކޮށްފައިއެވެ. އެ ދެ މަޞްދަރުގައި ހިދާޔަތާއި ފުދޭނެވަރު ވެއެވެ.

ދެންފަހެ އޭނާ ގެނެސްފައިވާ ޤިޔާމަތުގެ ޢަލާމާތްތަކަށް ބަލާއިރު، ނަބަވީ ޙަދީޘްތަކުންވަނީ ޤިޔާމަތުގެ ޢަލާމާތްތައް ސާފުކޮށްދީފައިއެވެ. އަދި ކީރިތި ޤުރްއާނުންވެސް އޭގެ ބައެއް ކަންކަމަށް އިޝާރާތްކޮށްފައިވެއެވެ. ދެންފަހެ އެ ކަންކަން ދެނެގަންނަން ބޭނުންވާ މީހަކަށް ސުންނަތުގެ ފޮތްތަކާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ލިޔުންތަކާއި ފޮތްތަކުން އެ ފެންނާނެއެވެ. މި ބުހުތާނުހަދާ ދޮގުވެރިޔާގެ ބަޔާނާއި، އޮޅުވާލުމާއި، ޙައްޤާއި ބާޠިލު މަސްހުނިކޮށްލުމަކަށް މީސްތަކުން އެއްވެސް ޙާޖަތެއް ޖެހިގެން ނުވެއެވެ. ޝައިޠާނުންގެ ނުބައިކަމާއި، މަގުފުރައްދާ މީހުންގެ ފިތުނަތަކާއި، މަގުފުރެދިގެންވާ މީހުންގެ ފުރެދުމާއި، ބާޠިލުގޮތުގައި ތިބި، ﷲ ގެ ދުޝްމަނުންގެ އޮޅުވާލުމުން؛ އަހަރެންނާއި ތިޔަބައިމީހުންނާއި އަދި ހުރިހާ މުސްލިމުން ﷲ ރައްކާތެރިކުރައްވާށިއެވެ. އެމީހުންނީ އެމީހުންގެ އަނގަތަކުން ﷲ ގެ ނޫރު ނިއްވާލުމަށް، އަދި މީސްތަކުންނަށް އެމީހުންގެ ދީން އޮޅުވާލުމަށް އުޅޭ މީހުންނެވެ.

ﷲ އެކަލާނގެ ނޫރު ފުރިހަމަކުރައްވާ، އަދި އެކަލާނގެ ދީނަށް ނަޞްރުދެއްވާނެއެވެ. ﷲ ގެ ޢަދުއްވުންކަމުގައިވާ ޝައިޠާނުންނާއި، އެ ޝައިޠާނުންނަށް ތަބަޢަވީ ކާފަރުންނާއި މުލްޙިދުން ކިތަންމެ ނުރުހުނަސްމެއެވެ. އަދި އަހަރުމެން ﷲ ގެ ޙަޟްރަތަށް އެދި ދަންނަވަނީ މުސްލިމުންގެ ޙާލަތުތައް އިޞްލާޙުކޮށްދެއްވާ، ޙައްޤަށް ތަބަޢަވުމާއި، ޙައްޤުގައި ޘާބިތުވެ ސީދާވުމާއި، ހުރިހާ ފާފަތަކުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތައުބާވުމުގެ ނިޢުމަތް އެމީހުންނަށް ދެއްވުމަށެވެ. ފަހެ ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތައުބާ ލައްވާ، ރަޙީމްވަންތަ، ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އަދި އަހަރުމެންނަށް ﷲ ފުދެއެވެ. ވަކީލުކުރެވޭ ފަރާތެއްގެ ގޮތުގައި އެކަލާނގެ ހެޔޮކަމާއެވެ. އަދި އެއްވެސް އާރަކާއި ބާރެއް، މަތިވެރިވެގެންވާ މާތްވަންތަ ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.

ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށް ޙަމްދުހުއްޓެވެ. އަދި ﷲ އެކަލާނގެ އަޅާ، އަދި ރަސޫލާ ކަމުގައިވާ އައްޞާދިޤުލް އަމީންއަށް (ތެދުވެރި އަމާނާތްތެރި ކަލޭގެފާނަށް)، އަދި އެކަލޭގެފާނުގެ އާލުންނަށާއި، ޤިޔާމަތްދުވަހާ ހަމައަށް އިޙްސާންތެރިކަމާއެކު އެކަލޭގެފާނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.

 

والحمد لله رب العالمين، وصلى الله وسلم على عبده ورسوله الصادق الأمين، وعلى آله وأصحابه وأتباعه بإحسان إلى يوم الدين.

 

 

***

 

 

dv397v4.0 - 17/08/2026