الدُّرُوسُ المُهِمَّةُ لِعَامَّةِ الأُمَّةِ
އުއްމަތުގެ ޢާއްމުންނަށްޓަކައި މުހިންމު ފިލާވަޅުތަކެއް
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު (ﷲ ރަޙުމަތް ލައްވާށި)
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
އުއްމަތުގެ ޢާއްމުންނަށްޓަކައި މުހިންމު ފިލާވަޅުތަކެއް
ލިޔުއްވީ: ސަމާޙަތުއްޝައިޚު އަލްޢައްލާމާ
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު (ﷲ ރަޙުމަތް ލައްވާށި)
ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން އަޅު ފަށަމެވެ.
މުއައްލިފުގެ މުޤައްދިމާ
އެންމެހާ ޙަމްދު ވަނީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އަދި (ދުނިޔެއާއި އާޚިރަތުގައި) ރަނގަޅު ނިމުން ވަނީ ތަޤުވާވެރީންނަށެވެ. އަދި ﷲ އެއިލާހުގެ އަޅާ އަދި އެއިލާހުގެ ރަސޫލާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އަދި އެކަލޭގެފާނުގެ އާލުންނާއި އެންމެހާ އަޞްޙާބުން ޝާމިލުކުރައްވާށިއެވެ.
އެއަށްފަހު ދަންނައެވެ:
ފަހެ މިއީ ޢާއްމުންނަށް އިސްލާމްދީނާމެދު ކޮންމެހެންވެސް އެނގެންޖެހޭ ކަންކަން ބަޔާންކޮށްވާ ޚުލާޞާ ބަސްތަކެކެވެ. މީގެ ނަމަކަށް އަހަރެން ކިޔާފައިވަނީ (އުއްމަތުގެ ޢާއްމުންނަށްޓަކައި މުހިންމު ފިލާވަޅުތަކެއް) މިފަދައިންނެވެ.
އަދި އަހުރެން ﷲ އަށް ދުޢާ ދަންނަވަނީ މި ބަސްތަކުން މުސްލިމުންނަށް މަންފާ ދެއްވުމަށެވެ. އަދި އަޅުގެ ކިބައިން މި ޤަބޫލުކުރެއްވުމަށެވެ. ހަމަކަށަވަރުން އެއީ ދީލަތިވަންތަ މާތް އިލާހެވެ.
ޢަބުދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު، އުއްމަތުގެ ޢާއްމުންނަށްޓަކައި މުހިންމު ފިލާވަޅުތަކެއް1
ފުރަތަމަ ފިލާވަޅު: ފާތިޙާ ސޫރަތާއި ކުރު ސޫރަތްތައް
ފާތިޙާ ސޫރަތާއި سورة الزلزلة އިން سورة الناس އަށް ކުޅަދާނަވި ބައެއް ކުރު ސޫރަތްތައް، ތަލްޤީނުކޮށް ލައިދިނުމާއި، ކިޔެވުން އިޞްލާޙުކުރުމާއި، ޙިފްޒުކުރުމާއި، އަދި އޮޅުންފިލަން ޖެހޭ ތަކެތި ޝަރަޙަކުރުން.
ދެވަނަ ފިލާވަޅު: އިސްލާމްދީނުގެ ރުކުންތައް
އިސްލާމްދީނުގެ ފަސް ރުކުން ބަޔާންކުރުން، އޭގެ އެންމެ ފުރަތަމައީ އަދި އެންމެ މާތްވެގެންވަނީ: ޝަހާދަތުގެ ދެ ކަލިމަ لا إله إلا الله އާއި محمدا رسول الله ގެ މާނަ ޝަރަޙަ ކުރުމާއެކު لا إله إلا الله ގެ ޝަރުޠުތައް ބަޔާންކުރުމެވެ. އަދި އެކަލިމައިގެ މާނައީ: (لا إله) ﷲ ފިޔަވައި އަޅުކަން ކުރެވޭ އެންމެހާ ތަކެތި ނަފީކުރުމެވެ. (إلا الله) އަޅުކަންތައް ހަމައެކަނި ﷲ އަށް ސާބިތު ކުރުމެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އަދި އެ އިލާހަށް ޝަރީކަކު ނުވެއެވެ. ދެންފަހެ (لا إله إلا الله) ގެ ޝަރުޠުތައް ދަންނައެވެ، ފަހެ އެއީ: ނޭނގުން ނަފީކުރާ އެނގުމެވެ. އަދި ޝައްކު ނަފީކުރާ ޔަޤީންކަމެވެ. އަދި ޝިރުކު ނަފީކުރާ އިޚްލާޞްތެރިކަމެވެ. އަދި ދޮގުވެރިވުން ނަފީކުރާ ތެދުވެރިކަމެވެ. އަދި ރުޅިއައުން ނަފީކުރާ ލޯތްބެވެ. އަދި ދޫކޮށްލުން ނަފީކުރާ ބޯލެނބުމެވެ. އަދި ރައްދުކުރުން ނަފީކުރާ ޤަބޫލުކުރުމެވެ. އަދި ﷲ ފިޔަވައި އަޅުކަންވެވޭ ތަކެއްޗަށް ކާފަރުވުމެވެ. އަންނަނިވި ދެ ޅެންބައިތުގައި އެޝަރުޠުތައް ޖަމަޢަވެގެންވެއެވެ:
ޢިލްމާއި ޔަޤީންކަމާއި އިޚްލާޞްތެރިކަމާއި އަދި ތިބާގެ ތެދުވެރިކަމެވެ. އެއީ ލޯބިވުމާއި، އެއަށް ބޯލެނބުމާއި ޤަބޫލުކުރުމާ އެކުގައިއެވެ. އަދި އޭގެ އަށްވަނައަށް އިތުރުކޮށްލެވުނެވެ. (ޙައްޤު) އިލާހު ފިޔަވައި އަޅުކަންވެވޭ އެހެން ހުރިހާ އެއްޗަކަށް ތިބާ ކާފަރުމެވެ.
މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމަކީ ކޮބައިކަން ބަޔާންކުރުމާ އެކުގައިއެވެ. އެ ކަލިމައިން ލާޒިމްކުރާ ކަމަކީ: އެކަލޭގެފާނު ޚަބަރުދެއްވި ކަންތަކުގައި އެކަލޭގެފާނު ތެދުކުރުމާއި، އެކަލޭގެފާނު އަމުރުކުރެެއްވި ކަންތަކުގައި ކިޔަމަންވުމާއި، އެކަލޭގެފާނު މަނާކުރައްވާ އިންޒާރުދެއްވި ކަންތަކުން އެއްކިބާވުމާއި، އަދި ﷲ ޢައްޒަ ވަޖައްލަ އާއި އެކަލާނގެ ރަސޫލާ ﷺ ޝަރުޢުކުރެއްވި ގޮތަށް މެނުވީ ﷲ އަށް އަޅުކަން ނުކުރުމެވެ. ދެން އެއަށްފަހު އިސްލާމްކަމުގެ ފަސްރުކުނުގެ ތެރެއިން ބާކީ ހުރި ކަންތައް ދަރިވަރަށް ބަޔާންކޮށްދެވޭނެއެވެ. އެއީ: ނަމާދު، ޒަކާތް، ރަމަޟާންމަހު ރޯދަ އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ޙުރުމަތްތެރިވެގެންވާ ﷲ ގެފުޅަށް ޙައްޖުވުމެވެ.
ތިންވަނަ ފިލާވަޅު: އީމާންކަމުގެ ރުކުންތައް
އެއީ ހައެކެވެ. އެއީ ތިބާ ﷲ އަށް އީމާންވުމާއި، އެ އިލާހުގެ މަލާއިކަތުންނާއި، އެ އިލާހު ބާވައިލެއްވި ފޮތްތަކާއި، އެ އިލާހުގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، މިންވަރަށް -އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރުވެސް- އެއީ ﷲ ތަޢާލާގެ ހަޟްރަތުންވާ އެއްޗެއްކަމަށް އީމާންވުމެވެ.
ހަތަރުވަނަ ފިލާވަޅު: ތައުޙީދުގެ ބައިތަކާއި ޝިރުކުގެ ބައިތައް
ތައުޙީދުގެ ބައިތައް ބަޔާންކުރުން، އެއީ ތިނެކެވެ. ތައުޙީދުއް ރުބޫބިއްޔަތާއި، ތައުޙީދުލް އުލޫހިއްޔަތާއި، ތައުޙީދުލް އަސްމާއި ވައްޞިފާތިއެވެ.
1- ތައުޙީދުއް ރުބޫބިއްޔަތު: ފަހެ އެއީ ހަމަކަށަވަރުން ﷲ ސުބުޙަނަހޫ ވަތަޢާލާއަކީ އެންމެހާ ތަކެތި ހެއްދެވި އިލާހުކަމަށާއި، އަދި އެންމެހާ ކަންތައްތައް ހިންގަވާ ފަރާތްކަމަށާއި، އެކަމުގައި އެއިލާހާ ޝަރީކަކު ނުވާކަމަށް އީމާންވުމެވެ.
2- ތައުޙީދުލް އުލޫހިއްޔަތު: އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހުކަމަށާއި އެކަމުގައި އެ އިލާހާ އެއްވެސް ޝަރީކަކު ނުވާކަމަށް އީމާންވުމެވެ. އަދި لا إله إلا الله ގެ މާނައަކީ އެއީއެވެ. އެގޮތުން އެ ކަލިމައިގެ މާނައަކީ: ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. ފަހެ ނަމާދާއި ރޯދައާއި އަދި އެ ނޫނަސް އެންމެހާ އަޅުކަންތައް އެއްކައުވަންތަ ﷲ އަށް ޚާލިޞްކުރަންޖެހެއެވެ. އަދި އެއިން އެއްވެސް ކަމެއް އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަނބުރާލުން ހުއްދަވެގެން ނުވެއެވެ.
3- ތައުޙީދުލް އަސްމާއި ވައްޞިފާތި: އެއީ ކީރިތި ޤުރުއާނުގައި ނުވަތަ ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައިވާ ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ. އަދި އެ ނަންފުޅުތަކާއި ޞިފަފުޅުތައް އެއްވެސް ބަދަލެއް ކުރުމެއް ނެތި، އަދި އިންކާރުކުރުމެއް ނެތި، އަދި އޭގެ ވައްތަރު ބަޔާންކުރުމެއްނެތި އަދި އެއްވެސް އެއްޗަކާ އެއްފަދަކުރުމެއްނެތި ﷲ އާ އެކަށީގެންވާ ގޮތަށް ޘާބިތުކުރުމެވެ. އެއީ ﷲ ގެ މި ވަޙީބަސްފުޅަށް ޢަމަލުކުރުމުގެ ގޮތުންނެވެ:
﴿قُلۡ هُوَ ٱللَّهُ أَحَدٌ 1 ٱللَّهُ ٱلصَّمَدُ 2 لَمۡ يَلِدۡ وَلَمۡ يُولَدۡ 3 وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ٤﴾
(ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّهއެވެ.
اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.
އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.
އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.) [الإخلاص: 1-4] އަދި اللهُ عَزّ وَجَلّ ގެ ވަޙީ ބަސްފުޅު:
﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾
(އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.) [އައްޝޫރާ: 11] އަދި ބައެއް ދަންނަބޭކަލުން ތައުޙީދު ދެބަޔަކަށް ކަނޑައެޅުއްވިއެވެ. އެގޮތުން ތައުޙީދުލް އަސްމާއި ވައްޞިފާތިގެ ވައްތަރު ތައުޙީދުއް ރުބޫބިއްޔަތުގެ ވައްތަރުގެ ތެރެއަށް ވައްދަވާފައިވެއެވެ. އަދި އެކަމުގައި މައްސަލައެއް ނުވެއެވެ. ސަބަބަކީ އެ ދެ ގޮތަށް ބެހިކަމުގައިވިޔަސް މަޤްޞަދު ސާފުވެ ބަޔާންވާތީއެވެ.
ޝިރުކު ބެހިގެންވަނީ ތިން ބަޔަކަށެވެ: އެއީ ބޮޑު ޝިރުކާއި، ކުޑަ ޝިރުކާއި، ވަންހަނާވެގެންވާ ޝިރުކެވެ.
ފަހެ ބޮޑު ޝިރުކަކީ: އޭގެ މަތީގައި ހުރެގެން މަރުވެއްޖެނަމަ އެކަމުގެ ސަބަބުން ޢަމަލުތައް ބާޠިލުވެ އަދި ތާއަބަދަށް ނަރަކައިގައި ދެމިއޮތުން ވާޖިބުވާކަމެކެވެ. އެއީ الله تعالى ވަޙީކުރައްވާފައިވާ ފަދައިންނެވެ:
﴿...وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ﴾
(އެބޭކަލުންވެސް (اللَّهއަށް) شريك ކުރެއްވި ނަމަ، އެ ބޭކަލުން ކޮށްއުޅުއްވި عملތައް باطلވީހެވެ.) [އަލްއަންޢާމު: 88] އަދި اللهُ سُبْحَانَهُ ވަޙީކުރެއްވިއެވެ:
﴿مَا كَانَ لِلۡمُشۡرِكِينَ أَن يَعۡمُرُواْ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلۡكُفۡرِۚ أُوْلَٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ وَفِي ٱلنَّارِ هُمۡ خَٰلِدُونَ 17﴾
(އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް كافرކަމަށް ހެކިވެތިބި حالގައި، اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، مشركންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ، އެއުރެންގެ عملތައް باطلވެފައިވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.) [އައްތައުބާ : 17 ] އަދި ބޮޑު ޝިރުކުގެ މަތީގައި ހުރެގެން މަރުވެއްޖެ މީހެއްގެ ފާފަ ނުފުއްސެވޭނެއެވެ. އަދި އެ މީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެއެވެ. އެއީ الله عز وجل ވަޙީކުރައްވާފައިވާ ފަދައިންނެވެ:
﴿إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ...﴾
(ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريكކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.) [އައްނިސާއު: 48] އަދިވެސް އެކަލާނގެ سُبْحَانَهُ ވަޙީކުރެއްވިއެވެ:
﴿...إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٖ﴾
(ހަމަކަށަވަރުން اللَّهއަށް شريكކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެ މީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެ މީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريكކުޅަ މީހުންނަށް) نصرދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.) [އަލްމާއިދާ : 72 ]
އަދި އޭގެ( ބޮޑު ޝިރުކުގެ) ވައްތަރުތަކުގެ ތެރޭގައި:
މައްޔިތުންނާއި ބުދުތަކަށް ކަންކަމަށް އެދި ދުޢާކުރުމާއި، އެ ތަކެތީގެ ކިބައިން މަދަދަށް އެދުމާއި، އެ ތަކެއްޗަށް ނަދުރު ބުނުމާއި، އެތަކެއްޗަށް ކަތިލުމާއި، އަދިވެސް އެފަދަ ކަންކަން ހިމެނެއެވެ.
ކުޑަ ޝިރުކަކީ: އެއީ ޤުރުއާނުގެ ނައްޞުން ނުވަތަ ސުންނަތުން އެއީ ޝިރުކެއްކަމަށް ނަންދެވުން ޘާބިތުވެފައި، ނަމަވެސް ބޮޑު ޝިރުކުގެ ޖިންސުގެ ތެރެއިން ހިމެނިގެންނުވާ ކަންކަމެވެ. މިސާލަކަށް: ބައެއް ޢަމަލުތަކުގައި ކަންދެއްކުމެވެ. އަދި ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމެވެ. އަދި މިވެނިކަމެއްވީ ﷲ ގެ އިރާދައާއި އަދި މިވެނި މީހަކު އެދުނު ގޮތަށް ކަމަށް ބުނުމެވެ. އަދިވެސް އެފަދަ ޖުމުލަތަކެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަންނަނިވި ބަސްފުޅަށްޓަކައިއެވެ:
"أَخْوَفُ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ". فَسُئِلَ عَنْهُ، فَقَالَ: "الرِّيَاءُ".
"ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބޮޑަށް ބިރުހީވާ ކަމަކީ ކުޑަ ޝިރުކެވެ." ދެން އެއީ ކޮންކަމެއްތޯ ސުވާލުދެންނެވުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "އެއީ ކަންދެއްކުމެވެ."2 ރިވާކުރެއްވީ الإمام أحمد އާއި الطبراني އާއި البيهقي އެވެ. އެއީ محمود بن لبيد الأنصاري -رضي الله عنه- ގެ ކިބައިންނެވެ. އޭގެ ސަނަދު ރަނގަޅެވެ.
އަދި الطبراني ރަނގަޅު ސަނަދުތަކަކުން محمود بن لبيد ގެކިބައިން رافع بن خديج ގެ ކިބައިން نبي އާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
އަދި އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅު:
"مَنْ حَلَفَ بِشَيْءٍ دُونَ اللَّهِ فَقَدْ أَشْرَكَ".
"ﷲ ފިޔަވައި އެހެން އެއްޗެއް ގަންދީ ހުވާކޮށްފި މީހާ ފަހެ ހަމަކަށަވަރުން ޝިރުކު ކޮށްފިއެވެ."3 ރިވާކުރެއްވީ الإمام أحمد ޞައްހަ ސަނަދަކުން، عمر بن الخطاب -رضي الله عنه- ގެ ކިބައިންނެވެ. އަދި أبو داود އާއި الترمذي ޞައްޙަ ސަނަދަކުން، އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ:
"مَن حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ".
"الله ނޫން ފަރާތެއް ގަންދީ ހުވައިކޮށްފި މީހާ ފަހެ ހަމަކަށަވަރުން އޭނާ ކާފަރު ވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ."4 އަދި އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މި ބަސްފުޅެވެ:
لا تَقُولُوا: ما شَاءَ اللهُ وَشَاءَ فُلانٌ، وَلَكِنْ قُولُوا: ما شَاءَ اللهُ ثُمَّ شَاءَ فُلانٌ. "ތިޔަބައި މީހުން ނުބުނާށެވެ. އެއީ ﷲ އެދިވޮޑިގަތް ގޮތެވެ. އަދި މިވެނި މީހަކު އެދުނުގޮތެވެ. ނަމަވެސް ތިޔަބައިމީހުން ބުނާށެވެ. އެއީ ﷲ އެދިވޮޑިގަތް ގޮތެވެ. ދެން މިވެނި މީހަކު އެދުނު ގޮތެވެ."5 ނެރުއްވީ أبو داود ޞައްޙަ ސަނަދަކުން ، حذيفة بن اليمان رضي الله عنه ގެ އަރިހުންނެވެ.
ޝިރުކުގެ މި ބާވަތުން މީހާ މިއްލަތުން ބޭރެއް ނުވެއެވެ. އަދި ނަރަކައިގައި ދެމިއޮތުން ވާޖިބެއް ނުވެއެވެ. ނަމަވެސް އެމީހެއްގެ ކިބައިން ތައުޙީދުގެ ވާޖިބުވާ ފުރިހަމަކަން ނަފީކޮށްލައެވެ.
ތިންވަނަ ވައްތަރު: އެއީ ވަންހަނާވެގެންވާ (ނުވަތަ ފޮރުވިފައިވާ) ޝިރުކެވެ. ފަހެ އޭގެ ދަލީލަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މިބަސްފުޅެވެ:
"أَلَا أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِندِي مِنَ الْمَسِيحِ الدَّجَّالِ؟" قَالُوا: بَلَى يَا رَسُولَ الله، قَالَ: "الشِّرْكُ الخَفِيُّ، يَقُومُ الرَّجُلُ فَيُصَلِّي، فَيُزَيِّنُ صَلَاتَهُ لِمَا يَرَى مِنْ نَظَرِ الرَّجُلِ إِلَيْهِ".
"މަސީޙުއް ދައްޖާލަށް ވުރެ ބޮޑަށް ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވެލައްވާ ކަމެއްގެ ޚަބަރު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟" އަޞްޙާބުބޭކަލުން ދެންނެވިއެވެ: "އާދޭހެވެ! އޭ االله ގެ ރަސޫލާއެވެ!" ޙަދީޘްކުރެއްވިއެވެ: "އެއީ ފޮރުވިފައިވާ ޝިރުކެވެ. (އޭގެ މިސާލަކީ) މީހަކު ނަމާދުކުރަން ތެދުވެ، ދެން މީހަކު ބަލާ ތަން ފެނުމުން (އެ މީހާއަށް ދެއްކުމަށް ޓަކައި) އޭނާގެ ނަމާދު ޒީނަތްތެރިކުރުމެވެ."6 ރިވާކުރެއްވީ الإمام أحمد އެކަލޭގެފާނުގެ މުސްނަދުގައި ، أبو سعيد الخدري رضي الله عنه ގެ އަރިހުންނެވެ.
އަދި ޝިރުކު ހަމައެކަނި ދެ ބަޔަކަށް ބަހާލުންވެސް މައްސަލައެއް ނޫނެވެ:
އެއީ ބޮޑު ޝިރުކާއި ކުޑަ ޝިރުކެވެ. އެހެނީ ވަންހަނާވެގެންވާ ޝިރުކު ދެބައިގައި އެކުލެވިފައިވާތީއެވެ؛ އެގޮތުން ބޮޑު ޝިރުކުގައިވެސް އެކަން ވެއެވެ. މިސާލަކަށް މުނާފިޤުންގެ ޝިރުކެވެ. އެހެނީ އެބައިމީހުންގެ ބާޠިލު ޢަޤީދާތައް ވަންހަނާކޮށް، އަދި ކަންދައްކަންވެގެން އަދި ލިބިދާނޭ ގެއްލުމަކަށް ބިރުން އިސްލާމްކަން ބޭރުފުށުން ދައްކައެވެ.
އަދި ވަންހަނާވެގެންވާ ޝިރުކު، ކުޑަ ޝިރުކަށްވެސް ވަދެއެވެ. މިސާލަކަށް ދެއްކުންތެރިކަމެވެ. އެއީ އިސްވެދިޔަ محمود بن لبيد الأنصاريގެ ޙަދީޘް އާއި ބަޔާންކުރެވުނު أبو سعيد ގެ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. ތައުފީޤުދެއްވާ ފަރާތަކީ މާތް الله އެވެ.
ފަސްވަނަ ފިލާވަޅު: އިޙުސާންތެރިކަން
އިޙުސާންތެރިކަމުގެ ރުކުން: އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
ހަވަނަ ފިލާވަޅު: ނަމާދުގެ ޝަރުޠުތައް
އެއީ ނުވައެކެވެ:
މުސްލިމަކަށްވުން، ބުއްދި ހުރުން، ހެޔޮނުބައި ވަކިކުރަން އެނގުން، ދެ ހަދަޘުން ޠާހިރުވުން، ނަޖިހުން ޠާހިރުވުން، ޢައުރަ ނިވައިކުރުން، ވަގުތު ވަނުން، ގިބުލައަށް ކުރިމަތިލުން، ނިޔަތްގަތުން މިއެވެ.
ހަތްވަނަ ފިލާވަޅު: ނަމާދުގެ ރުކުންތައް
އެއީ ސާދައެވެ:
ކުޅަދާނަވެގެންވާ ނަމަ ކޮޅަށް ހުރުން، ހަށަންބަން ތަކުބީރުކިޔުން، ފާތިޙާ ސޫރަތް ކިޔެވުން، ރުކޫޢު ކުރުން، ރުކޫޢިން ތެދުވެ އިޢުތިދާލަށް ހުރުން، ހަތް ގުނަވަންމަތީ ސަޖިދަކުރުން، ސަޖިދައިން ތެދުވުން، ދެ ސަޖިދަ ދެމެދު އިށީދެގެން އިނުން، ހުރިހާ ޙަރަކާތެއްގައި ހަމަހިމޭންވުން، ރުކުންތައް ތަރުތީބުކުރުން، ފަހު އައްތަޙިއްޔާތު ކިޔުން، ފަހު އައްތަޙިއްޔާތަށް އިށީންނުން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތްކިޔެވުން، ދެ ފަހަރު ސަލާމް ދިނުން.
އަށްވަނަ ފިލާވަޅު: ނަމާދުގެ ވާޖިބުތައް
އެއީ އަށެކެވެ:
ހަށަންބަން ތަކުބީރު ފިޔަވައި އެހެން ހުރިހާ ތަކުބީރުތައް ކިޔުން، އިމާމު މީހާއާއި އެކަނި ނަމާދު ކުރާ މިހާ (سمع الله لمن حمده) ގެ ކަލިމަ ކިޔުން، (ربنا ولك الحمد) ގެ ކަލިމަ ކިޔުން (ހުރިހާ މީހުން)، ރުކޫޢުގައި (سبحان ربي العظيم)ގެ ކަލިމަ ކިޔުން، ސަޖިދައިގައި (سبحان ربي الأعلى) ގެ ކަލިމަ ކިޔުން، ދެ ސަޖިދަ ދެމެދު (رب اغفر لي) ގެ ކަލިމަ ކިޔުން، ފުރަތަމަ އައްތަޙިއްޔާތު ކިޔުން، ފުރަތަމަ އައްތަޙިއްޔާތަށް އިށީންނުން މިއެވެ.
ނުވަނަ ފިލާވަޅު: ތަޝައްހުދު (އައްތަޙިއްޔާތު) ބަޔާންކުރުން
އެއީ އަންނަނިވި ފަދައިން ކިޔުމެވެ:
(التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ).
(މާނައީ: ހެޔޮވެގެންވާ މަތިވެރިކުރެވޭ ތަޙިއްޔާތަކާއި، ޞަލަވާތްތައްވަނީ ﷲ އަށެވެ. އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި ބަރަކާތްހުއްޓެވެ. އަޅަމެންގެ މައްޗަށާއި، އަދި ﷲ ގެ ޞާލިޙު އަޅުތަކުންނަށް ސަލާމްހުއްޓެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ.)
ދެން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތް ކިޔަވައި ބަރަކާތްލެއްވުން އެދި ދުޢާކުރާނީއެވެ. އެގޮތުން އޭނާ މިހެން ކިޔާހުށިއެވެ:
«اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إبراهيم، وعلى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إبراهيم، وعلى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».
(އޭ ﷲ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. )
ދެން ފަހު އައްތަޙިއްޔާތުގައި ޖަހަންނަމައިގެ ޢަޛާބުންނާއި، ގަބުރުގެ ޢަޛާބުންނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައިންނާއި، މަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތަށް ދަންނަވާނީއެވެ. ދެން އެއަށްފަހު އެ މީހަކު ބޭނުންވާ ދުޢާއެއްކުރާނީއެވެ. ޚާއްޞަކޮށް ސުންނަތުން އައިސްފައިވާ ދުޢާތަކެވެ. އޭގެ ތެރޭގައި އަންނަނިވި ދުޢާވެއެވެ:
(اللهم أَعِنِّي عَلَى ذِكرِكَ وَشُكرِكَ وَحُسنِ عِبَادَتِكَ ، اللهم إِني ظَلَمتُ نَفْسِي ظُلمًا كَثِيرًا ، وَلَا يَغفِرُ الذُّنُوبَ إِلَّا أَنتَ ، فَاغْفِر لِي مَغفِرَةً مِن عِندِكَ ، وَارحَمنِي إِنَّكَ أَنتَ الغَفُورُ الرَّحيمُ).
އޭ ﷲ! އިބައިލާހުގެ ހަނދުމަކޮށް ޛިކުރުކުރުމާއި، އިބައިލާހަށް ޝުކުރުކުރުމާއި، އަދި އިބައިލާހަށް ރިވެތިކޮށް އަޅުކަންކުރުމުގެ މައްޗަށް މިއަޅާއަށް ވާގިވެރިވޮޑިގަންނަވާނދޭވެ! އޭ ﷲ! ހަމަކަށަވަރުން މިއަޅާވަނީ މިއަޅާގެ އަމިއްލަ ނަފުސަށް ގިނަވެގެންވާ އަނިޔާވެރިވުމަކުން އަނިޔާވެރިވެފައެވެ. އަދި އިބައިލާހު ފިޔަވައި ފާފަތައް ފުއްސަވާނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ފަހެ އިބައިލާހުގެ ޙަޟުރަތުންވާ ފާފަފުއްސެވުމަކުން މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙުމްކުރައްވާށިއެވެ. ހަމަކަށަވަރުން އިބައިލާހުއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.
ދެންފަހެ ފުރަތަމަ އައްތަޙިއްޔާތުގައި ޝަހާދަތުގެ ދެކަލިމަ ނިމުމުން ތިންވަނަ ރަކުޢަތަށް ތެދުވާނީއެވެ. އެއީ މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މަޣުރިބު ނަމާދާއި ޢިޝާ ނަމާދުގައިއެވެ. އަދި އޭނާ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތް ކިޔަވައިފިނަމަ އެގޮތް މޮޅުއިތުރުވެގެންވެއެވެ. އެއީ އެކަމުގައިވާ ޙަދީޘްތައް ޢާއްމުކޮށް ވާތީއެވެ. ދެން އެއަށްފަހު ތިންވަނަ ރަކުޢަތަށް ތެދުވާނީއެވެ.
ދިހަވަނަ ފިލާވަޅު: ނަމާދުގެ ސުންނަތްތައް
އޭގެތެރޭގައި ހިމެނެނީ :
1- دعاء الإستفتاح ކިޔުން.
2- ރުކޫޢުގެ ކުރިން އަދި ރުކޫޢުގެ ފަހުންވެސް ޤިޔާމުގައި ކޮޅަށް ހުންނަ ވަގުތުގައި މޭމަތީގައި ވައަތްމަތީ ކަނާތުގެ އަތްތިލަ ބާއްވައިގެން ހަށަންބަނުން
3- ހަށަންބަން ތަކުބީރު ކިޔާ ހިނދުގައްޔާއި، ރުކޫޢަށް ދާ ހިނދުގައްޔާއި، ރުކޫޢިން ތެދުވާ ހިނދުގައްޔާއި، ފުރަތަމަ އައްތަޙިއްޔާތުން ތިންވަނަ ރަކުޢަތަށް ތެދުވާހިނދުގައި އަތުގެ އިނގިލިތައް ކައިރިކޮށްގެން ތެދަށް ބަހައްޓައިގެން ދެއަތް ދެކޮނޑާ ހަމަޔަށް ނުވަތަ ކަންފަތާ ހަމަޔަށްވާގޮތަށް އަތްނެގުމެވެ.
4- ރުކޫޢާއި ސަޖިދައިގައި ތަސްބީޙަ އެއްފަހަރަށްވުރެ ގިނައިން ކިޔުން.
5- ރުކޫޢުން ތެދުވެ (ربنا ولك الحمد) މި ކަލިމައަށްވުރެ އިތުރަށް ކިއުން. އަދި ދެ ސަޖިދަ ދެމެދު ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމުގެ އިތުރަށް ކިޔުން.
6- ރުކޫގައި ބޯ ބުރަކަށްޓާ އެއްވަރަށް ބެހެއްޓުން.
7- ސަޖިދާގައި ދެ އަތުގެ މުލައްދަނޑި އަރިކަށިން ފޭކޮށް، އަދި ބަނޑު މާކަޅުވާ މަސްގަނޑުން ފޭކޮށް، އަދި މާކަޅުވާ މަސްގަނޑު ކަށިމައްޗާ ފޭކޮށްފައި ބެހެއްޓުން.
8- ސަޖިދައިގައި އޮންނައިރު ދެ އަތްދަނޑި ބިންމަތީގައި ނުޖެހޭވަރަށް އުފުލައިފައި ބެހެއްޓުން.
9- ފުރަތަމަ އައްތަޙިއްޔާތާއި ދެ ސަޖިދަ ދެމެދު އިންނަ ހިނދު ވައަތު ފައި ފަތުރައިންގެން ވައަތު ފައިތިލަ މަތީ އިނދެ، ކަނާތު ފައިތިލަ ވިއްދައިގެން އިނުން.
10- ތިން ރަކުޢަތާއި ހަތަރު ރަކުޢަތް ނަމާދުގައި ފަހު އައްތަޙިއްޔާތުގައި ތަވައްރުކަށް އިނުމެވެ.
ތަވައްރުކަށް އިނުމަކީ: އެއީ ބުޑުމަސްގަނޑުގެ ޖައްސައިގެން އިނދެ، ކަނާތު ފައި ދަށުގައި ވާތު ފައި ބާއްވާ، ކަނާތުފައި ބިންމަތީ ވިއްދައިގެން އިނުމެވެ.
11- ފުރަތަމަ އައްތަޙިއްޔަތާއި ދެވަނަ އައްތަޙިއްޔާތުގައި އިށީންނުމަށްފަހު ނިމެންދެން ކަނާތުގެ ޝަހާދަތް އިނގިލިން އިޝާރާތްކޮށްގެން އިނުން. އަދި ދުޢާ ކުރާއިރު އިނގިލި ޙަރަކާތްކުރުން.
12- ފުރަތަމަ އައްތަޙިއްޔާތުގައި މުޙައްމަދުގެފާނަށާއި މުޙައްމަދުގެފާނުންގެ އާލުންނާއި، އަދި އިބުރާހީމުގެފާނާއި އިބުރާހީމުގެފާނުގެ އާލުންނަށް ޞަލަވާތާއި ބަރަކާތް ލެއްވުންއެދި ދުޢާކުރުން.
13- ފަހު އައްތަޙިއްޔާތުގައި ދުޢާކުރުން.
14- ފަތިސް ނަމާދާއި، ހުކުރު ނަމާދާއި، ދެ ޢީދު ނަމާދާއި، އިސްތިސްޤާ ނަމާދާއި، މަޣުރިބު ނަމާދު އަދި ޢިޝާ ނަމާދުގެ ފުރަތަމަ ދެ ރަކުޢަތުގައި އަޑުހަރުކޮށް ކިޔެވުން.
15- މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣުރިބު ނަމާދުގެ ތިންވަނަ ރަކުޢަތުގައްޔާއި، ޢިޝާ ނަމާދުގެ ފަހު ދެ ރަކުޢަތުގައި ސިއްރުން ކިޔެވުން.
16- ފާތިޙާ ސޫރަތުގެ އިތުރުން ޤުރުއާނުން ބައެއް ކިޔެވުމެވެ. އަދި އަހަރުމެން ބަޔާންކުރި ސުންނަތްތައް ފިޔަވައި ނަމާދުގައި އައިސްފައިވާ އެހެން ސުންނަތްތަކަށްވެސް ރިޢާޔަތްކުރުމާ އެކުގައިއެވެ. އޭގެތެރޭގައި: ރުކޫޢުން ތެދުވަމުން ربنا ولك الحمد އަށްފަހު އިތުރަށް ކިޔާބައިވެއެވެ. އެއީ އިމާމާއި މައުމޫމާއި އަދި ވަކިން ނަމާދުކުރާ މީހާ ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް އިތުރުކުރެވޭ ތަކެއްޗަކީ ސުންނަތެވެ. އަދިވެސް ސުންނަތެއްގެ ގޮތުގައި ހިމެނޭ އެއްކަމަކީ: ރުކޫޢުގައި އަތުގެ އިނގިލިތައް ފޭކޮށް އަތަށް ބާރުލައި ދެ ކަކުލުގައި ހިފެހެއްޓުމެވެ.
އެގާރަވަނަ ފިލާވަޅު: ނަމާދު ބާޠިލުވާ ކަންކަން
އެއީ އަށެކެވެ:
1- (ޙުކުމް) އެނގިހުރެ ހަނދާންހުރެ ގަސްތުގައި ވާހަކަ ދެއްކުމެވެ. ދެންފަހެ ހަނދާންނެތިގެން އަދި ނޭނގިގެން އެކަންކުރާ މީހާގެ ނަމާދު އެކަމުން ބާޠިލުނުވެއެވެ.
2- ހުނުމެވެ.
3- ކެއުމެވެ.
4- ބުއިމެވެ.
5- ޢައުރަ ކަޝްފުވުމެވެ.
6- ބޮޑު ތަނުން ޤިބުލައިން ފޭވުން.
7- ނަމާދުގައި ބޭކާރު ކަންކަން ފުލުފުލުން ކުރުން ގިނަކުރުން.
8- ޠަހާރަތު ގެއްލުން.
ބާރަވަނަ ފިލާވަޅު: ވުޟޫގެ ޝަރުޠުތައް
އެއީ ދިހައެކެވެ:
މުސްލިމަކަށް ވުމާއި، ބުއްދި ހުރުމާއި، ހެޔޮނުބައި ވަކިކުރަން އެނގުމާއި، ނިޔަތްގަތުމާއި، ވުޟޫ ފުރިހަމަވަންދެން މެދުކަނޑައިލުމަށް ނިޔަތްނުގަނެ ނިޔަތް މަތީގައި ހުރުމާއި، ވުޟޫކުރަންޖެހޭ ސަބަބު މެދުކެނޑުމާއި، ވުޟޫގެ ކުރިން އިސްތިޖްމާރު ނުވަތަ އިސްތިންޖާކޮށްފައިވުމާއި، ޠަހޫރު ހުއްދަ ފެންކަމުގައިވުމާއި، ހަމުގައި ފެންޖެހުން މަނާކުރާ ހުރަހެއް ނެތުމާއި، ދާއިމަށް ޙަދަޘްވެރިވެފައިވާ މީހާގެ ޙައްޤުގައި ނަމާދު ވަޤުތު ވަނުމެވެ.
ތޭރަވަނަ ފިލާވަޅު: ވުޟޫގެ ފަރުޟުތައް
އެއީ ހަޔެކެވެ:
މޫނު ދޮވުމެވެ. އޭގެ ތެރޭގައި އަނގަޔަށް ފެންލުމާއި ނޭފަތަށް ފެންލުން ހިމެނެއެވެ. އަދި ދެއަތް ދެ އުޅަނބޮށްޓާއެކު ދޮވުމެވެ. އަދި މުޅި ބޮލުގައި ފެންފުހުމެވެ. އަދި އޭގައި ދެ ކަންފަތްވެސް ހިމެނެއެވެ. އަދި ދެފައިތިލަ ދެ ތަނބިކައްޓާއެކު ދޮވުމެވެ. އަދި (އިސްވެދިޔަ ފަރުޟުތައް) ތަރުތީބުން ކުރުމާއި މުވާލާތުކުރުމެވެ. (މެދުކެނޑުމެއް ނެތި ކުރުމެވެ.) މޫނާއި، ދެ އަތާއި، ދެ ފައި ދޮވުމުގައި ތިންފަހަރު ތަކުރާރު ކުރުން މުސްތަޙައްބުވެގެންވެއެވެ. އަދި އަނގަޔާއި ނޭފަތަށް ފެންލުމުގައިވެސްމެއެވެ. އަދި ފަރުޟުވެގެންވަނީ (ވުޟޫގެ ގުނަވަންތަކަށް ފެންލުމާއި ދޮވުމުގައި) އެއް ފަހަރެވެ. ދެންފަހެ ބޮލުގައި ފެންފުހުމަށް ބަލާއިރު ތަކުރާރުކުރުން އެދެވިގެން ނުވެއެވެ. އެއީ ޞައްޙަ ޙަދީޘްތަކުން ދަލީލުކުރި ގޮތަށެވެ.
ސާދަވަނަ ފިލާވަޅު: ވުޟޫ ގެއްލޭ ކަންތައް
އެއީ ހަޔެކެވެ:
އެއީ ދެ ދޮރުންކުރެ ދޮރަކުން އެއްޗެއް ބޭރުވުން، އަދި ހަށިގަނޑުގެ އެހެން ތަނަކުން ނަޖިހެއް ވަރަށް ބޮޑަށް ބޭރުވުން، އަދި ނިދުމުން ނުވަތަ އެހެންގޮތަކުން ވިޔަސް ބުއްދި ފިލައިދިއުން، އަދި އާދަމުގެ ދަރިޔާގެ ލަދުވެތި ދެ ދޮރުންކުރެ ދޮރެއްގައި ހަންހުރަހަކާއި ނުލައި ބީހުން، އަދި ޖަމަލު މަސްކެއުން އަދި އިސްލާމްދީނުން މުރުތައްދު ވުން މިއެވެ. މުރުތައްދުވުމުގެ ނުރައްކަލުން އަހަރުމެންނާއި މުސްލިމު ކަތުން ﷲ ސަލާމަތް ކުރައްވާށިއެވެ.
މުހިންމު ބަޔާނެއް: އެންމެ ޞައްޙަ ޤައުލަކީ މައްޔިތާ ހިނެއުމަކުން ވުޟޫ ނުގެއްލުމެވެ. އަދި އެއީ ގިނަ ޢިލްމުވެރީންގެ ޤައުލެވެ. އެހެނީ އެކަމުގެ މައްޗަށް ދަލީލެއް ނުވާތީއެވެ. ނަމަވެސް ހިނަވާ މީހާގެ އަތް މައްޔިތާގެ ފަރުޖުގައި ހަންހުރަހަކާ ނުލައި ބީހިއްޖެ ނަމަ އެ މީހެއްގެ މައްޗަށް ވުޟޫކުރުން ވާޖިބުވާނެއެވެ.
އަދި އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ މައްޔިތާގެ ފަރުޖުގައި ހަންހުރަހަކާއެކު ނޫނީ ނުބީހުމެވެ.
އަދި އެހެންމެ ޢިލްމުވެރިންގެ ދެ ޤައުލުންކުރެ އެންމެ ޞައްޙަ ޤައުލުގެ މައްޗަށް: އަންހެނާގައި ބީހުމަކުން މުޠުލަޤުކޮށް ވުޟޫ ނުގެއްލޭނެއެވެ. ޝަހުވަތަކާއެކު ވިޔަސް ނުވަތަ ޝަހުވަތަކާ ނުލައިވިޔަސްމެއެވެ. އޭނާގެ ފުށުން އެއްޗެއް ބޭރުނުވާހާ ހިނދަކުއެވެ. އެހެނީ ނަބިއްޔާ ﷺ، އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންނަށް ބޮސްދެއްވާފައި ދެން ވުޟޫކުރެއްވުމެއް ނެތި ނަމާދުކުރައްވައެވެ.
ދެންފަހެ އައްނިސާ ސޫރަތާއި އަލްމާއިދާ ސޫރަތުގެ ދެ އާޔަތުގައިވާ މާތް الله ގެ ބަސްފުޅު:
﴿...أَوۡ لَٰمَسۡتُمُ ٱلنِّسَآءَ...﴾
(ނުވަތަ ތިޔަބައިމީހުން އަންހެނުންގެ ގައިގައި ބީހިގަނެއްޖެ ނަމައެވެ.) [އައްނިސާއު: 43 ] [އަލްމާއިދާ : 6 ] ، އޭގެ މުރާދަކީ ޖިމާޢުވުމެވެ. ދަންނަބޭކަލުންގެ ދެ ޤައުލުންކުރެ އެންމެ ޞައްޙަ ޤައުލުގައިއެވެ. އަދި އެއީ އިބްނު ޢައްބާސް رضي الله عنهما އާއި ސަލަފުންނާއި ފަހުގެ ޢިލްމުވެރިންގެ ޖަމާޢަތެއްގެ ޤައުލެވެ. ތައުފީޤު ދެއްވާ ފަރާތަކީ މާތް الله އެވެ.
ފަނަރަވަނަ ފިލާވަޅު: ކޮންމެ މުސްލިމަކު ޝަރުޢުވެގެންވާ އަޚްލާޤީ ޞިފަތަކުން ޞިފަ ލިބިގަތުން.
އޭގެ ތެރޭގައި: ތެދުވެރިކަން، އަމާނަތްތެރިކަން، ޢިއްފަތްތެރިކަން، ލަދުވެތިކަން، ހިތްވަރުގަދަކަން، ދީލަތިކަން، ވަފާތެރިކަން، ﷲ ޙަރާމްކުރެއްވި ކޮންމެ ކަމަކުން ދުރުވެ ނަޒާހަތްތެރިވުން، އަވަށްޓެރިޔާއަށް ކަމޭހިތުން، ކުޅަދާނަވެގެންވީ މިންވަރަކުން ޙާޖަތްތެރީންނަށް އެހީވުން، އަދި އެނޫންވެސް ޤުރްއާނުން ނުވަތަ ސުންނަތުން އެ ޞިފައެެއް ޝަރުޢުވެގެންވާ ކަމަށް ދަލީލުކޮށްފައިވާ އަޚުލާޤީ ޞިފަތައް ހިމެނެއެވެ.
ސޯޅަވަނަ ފިލާވަޅު: އިސްލާމީ އަދަބުތަކުން އަދަބުވެރިވުން
އޭގެ ތެރޭގައި: ސަލާމްކުރުން، އަދި ހިނިތުންވުން، އަދި ކެއުމާއި ބުއިމުގައި ކަނައަތް އިސްކުރުން، އަދި ކާންބޯން ފެށުމުގެ ކުރިން ބިސްމި ކިޔުން، އަދި ކައިބޮއެ ނިމުމުން ޙަމްދު ކުރުން، އަދި ކިނބިހި އެޅުމުން ޙަމްދުުކުރުން، އަދި ކިނބިހި އެޅި މީހާ ޙަމްދު ކުރުމުން އޭނާއަށް ޖަވާބު ދިނުމުގައި (يرحمك الله) ކިޔުން، އަދި ބަލިމީހުންނަށް ޒިޔާރަތްކުރުން، އަދި ކަށުނަމާދުކުރުމާއި ވަޅުލުމުގައި ޖަނާޒާއަށް ތަބާވުން، އަދި މިސްކިތަށް ނުވަތަ ގެއަށް ވަނުމާއި ނިކުތުމުގައިއާއި، ދަތުރުމަތީގައްޔާއި، މައިންބަފައިންނާއި ތިމާގެ މީހުންނާއި އަވަށްޓެރީންނާއި ދުވަސްވީ މީހުންނާއި ކުޑަ ކުދީންނާއި މުޢާމަލާތް ކުރުމުގައި ޝަރުޢީ އިސްލާމީ އަދަބުތައް އިޚުތިޔާރުކުރުމާއި، އަދި ދަރިޔަކު ލިބުމުން ތަހުނިޔާކިޔުން، އަދި ކައިވެނި ކުރާ މީހުންނަށް ބަރަކާތް ލެއްވުން އެދި ދުޢާކުރުން، އަދި މުޞީބާތެއް ކުރިމަތިވެއްޖެ މީހާއަށް ތައުޒިޔާ ކިޔުން، އަދި އެނޫންވެސް ފޭރާން ލުމާއި ބޭލުމާއި ފައިވާނަށް އެރުމުގައިވާ އިސްލާމީ އަދަބުތައް ހިމެނެއެވެ.
ސަތާރަވަނަ ފިލާވަޅު: ޝިރުކާއި އެކި ކަހަލަ ފާފަތަކާމެދު އިންޛާރުކުރުވުން
އޭގެ ތެރޭގައި: ހަލާކުކުރަނިވި ބޮޑު ހަތް ފާފަ ހިމެނެއެވެ. އެއީ: الله އާ ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި،ޙައްޤަކާއި ލައިގެން ނޫނީ الله ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޤަތުލުކުރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލާ ރައްކާވުމާއި، މުއުމިން ޢިއްފަތްތެރި ނުބައި ކަންކަމުން ޣާފިލުވެގެންވާ އަންހެނުންނަށް ޒިނޭގެ ތުހުމަތުކޮށް ޤަޛްފުކުރުމެވެ.
އަދިވެސް އޭގެ ތެރޭގައި: މައިންބަފައިންނަށް އުރެދުން، ރަޙިމުގެ ގުޅުން ކަނޑާލުން، ދޮގުހެކި ދިނުން، ދޮގު ހުވާ ކުރުން، އަވަށްޓެރިޔާއަށް އުނދަގޫކުރުން، މީސްތަކުންގެ ލެޔާއި މުދަލާއި އަބުރަށް އަރައިގަތުން، މަސްތުވާ ތަކެތި ބޭނުންކުރުން، ޖުވާކުޅުން، ޣީބަ ބުނުން، ދެބައޮޑުވުން، އަދި އޭގެ އިތުރުން ވެސް ﷲ عز وجل ނުވަތަ އެއިލާހުގެ ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަންތައްތަކެވެ.
އަށާރަވަނަ ފިލާވަޅު: މައްޔިތާ ހިނަވާ ކަފުންކުޅައުމާއި ކަށުނަމާދު ކުރުމާއި ވަޅުލުން
އޭގެ ތަފުސީލު މިއޮތީއެވެ:
ފުރަތަމައަށް: މަރަށް ޙާޟިރުވެފައިވާ މީހާއަށް (لا إله إلا الله) ލައިދިނުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. އެއީ ނަބިއްޔާ ﷺ މި ބަސްފުޅަށްޓަކައިއެވެ.
"لَقِّنُوا مَوْتَاكُمْ: لَا إِلَهَ إِلَّا اللَّهُ."
"ތިޔަބައިމީހުންގެ ތެރެއިން މަރަށް ހާޒިރުވެފައިވާ މީހުންނަށް لا إله إلا الله ގެ ކަލިމަ ލައިދޭށެވެ."7 ރިވާކުރެއްވީ މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ. މި ޙަދީޘްގައި މައްޔިތުންގެ މުރާދަކީ މަރަށް ހާޒިރުވެފައިވާ މީހުންނެވެ. އެއީ މަރުގެ ޢަލާމާތްތައް އެމީހުންގެ ކިބައިން ފާޅުވެފައިވާ މީހުންނެވެ.
ދެވަނައަށް: މަރުވެއްޖެކަން ޔަޤީންވުމުން މައްޔިތާގެ ދެ ލޯ މަރައިލުން އަދި ދަތްދޮޅި (ބޮލާއެކު) ބަނދެލެވޭނެއެވެ. އެއީ ސުންނަތުގައި އެގޮތަށް އައިސްފައިވުމުންނެވެ.
ތިންވަނައަށް: ހަނގުރާމައިގައި މަރުވާ ޝަހީދު ފިޔަވައި ދެން އެހެން މުސްލިމު މައްޔިތުން ހިނެވުން ވާޖިބުވެގެންވެއެވެ. ފަހެ ޝަހީދުވާ މީހާ ހިނެވުމެއް ނެތެވެ. އަދި އޭނާގެ މައްޗަށް ކަށުނަމާދުވެސް ނުކުރެވޭނެއެވެ. ކިއެއްތަ، އޭނާ ލައިގެން ހުރި ހެދުމުގައި އޭނާ ވަޅުލެވޭހުއްޓެވެ. އެހެނީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ، އުޙުދު ހަނގުރާމައިގައި ޤަތުލުވި މީހުން ނުހިނަވައެވެ. އަދި އެމީހުންގެ މައްޗަށް ކަށު ނަމާދެއްވެސް ނުކުރައްވައެވެ.
ހަތަރުވަނައަށް: މައްޔިތާ ހިނަވާނެ ގޮތް:
އޭނާގެ ޢައުރަ ނިވާ ކުރާށެވެ. ދެން މައްޔިތާ ކުޑަކޮށް އުފުލާލުމަށްފަހު މަޑުމަޑުން ބަނޑައް ފިތާލާނީއެވެ. ދެން ހިނަވާ މީހާ އަތުގައި ފޮތިގަނޑެއް ނުވަތަ އެފަދަ އެއްޗެއް ބަނދެގެން މައްޔިތާގެ ދެދޮރު ދޮވެ ސާފުކުރާނީއެވެ. ދެން ނަމާދަށް މީހަކު ވުޟޫކުރާ ގޮތަށް ވުޟޫކުރުވާނީއެވެ. ދެން ފެނާއި ކުންނާރު ފަތު ފެނުން ނުވަތަ އެފަދަ އެއްޗަކުން އޭނާގެ ބޮލާއި ތުނބުޅި ދޮވެލާނީއެވެ. ދެން ހަށިގަނޑުގެ ކަނާތްފަޅި ދޮވެލާނީއެވެ. އެއަށްފަހު ވާތްފަޅި ދޮވެލާނީއެވެ. އަދި އެ ގޮތަށް ދެފަހަރު އަދި ތިން ފަހަރު ތަކުރާރު ކުރާނީއެވެ. އަދި ކޮންމެ ފަހަރަކު ބަނޑުގައި އަތް ކާއްތާލަން ޖެހޭނެއެވެ. އަދި އެއްވެސް އެއްޗެއް ނިކުމެއްޖެނަމަ ދޮންނަންވާނެއެވެ. އަދި ކަފަކޮޅަކުން ނުވަތަ އެފަދަ އެހެން އެއްޗަކުން އެތަން ގުޅިޖަހައި ބަންދު ކުރަންޖެހޭނެއެވެ. ގުޅިޖެހުމުން ވެސް ދިޔާވާ ނަމަ އަސްލު މަށިކޮޅަކުން ބަންދު ކުރަންޖެހޭނެއެވެ. އެގޮތަށް ބަންދު ނުވި ނަމަ މި ޒަމާނުގެ ޑޮކުޓަރީ ވަސީލަތްތައް މިސާލަކަށް ބޭސް މަލަންފަދަ ތަކެތި ބޭނުންކުރާނީއެވެ.
އެއަށްފަހު އަނެއްކާ ވުޟޫކުރުވާނީއެވެ. ތިން ފަހަރު ދޮވުމުން ސާފުނުވެއްޖެނަމަ ފަސް ފަހަރު އަދި އިތުރަށް ސާފުކުރަން ޖެހޭނަމަ ހަތް ފަހަރަށް އިތުރުކުރާނީއެވެ. ދެން ހެދުމަކުން ފެންފޮހޭނީއެވެ. އަދި ކިހިލިފަތާއި އުޅަނބޮށްޓާއި ކަކޫދަށްފަދަ ތަންތަނާއި، ސަޖިދަކުރާއިރު ޖެހޭ ހިސާބުތަކުގައި ހުވަނދުލާނީއެވެ. އަދި މުޅި ގައިގައި މީރުވަސްދުވާ އެއްޗެހި ލައިފިނަމަ އެގޮތް މާ ރަނގަޅެވެ. އަދި ކަފުނަށް ބަޚޫރުފަދަ މީރުވަސްދުވާ ތަކެތި އަންދައިގެން އަނގުރުން ދުންއަޅާނީއެވެ. އަދި އޭނާގެ ނިޔަފަތިތައް ނުވަތަ މަތިމަސް ދިގުނަމަ ކަނޑައި ކުރުކުރާނީއެވެ. އަދި އެހުރިގޮތަށް ބެހެއްޓިޔަސް މައްސަލައެއް ނުވެއެވެ. އޭނާގެ ބޮލުގެ އިސްތަށިތައް ފުނާ އަޅައި ރީތިކުރުމެއް ނުވެއެވެ. އަދި އެމީހެއްގެ ފޫޅުން ތިރީގެ އިސްތަށިތައް ބޭލުމެއް ނުވެއެވެ. އަދި އެމީހަކު ޚިތާނުކުރުމެއްވެސް ނުވެއެވެ. އެއީ އެކަމުގެ މައްޗަށް ދަލީލެއް ނެތުމުންނެވެ. އަދި އަންހެނުންގެ ބޮލުގެ އިސްތަށިތައް ތިން ބަޔަށް(މެދާއި ދެ އަރިމަތީން) ބައިކޮށް ގަތައިލުމަށްފަހު ބޮލުގެ ފަހަތަށް ދޫކޮށްލާފައި ބާއްވާނީއެވެ.
ފަސްވަނައަށް: މައްޔިތާ ކަފުންކުރުން
މޮޅު އިތުރުވެގެންވަނީ ފިރިހެނަކު ނަމަ ހުދުކުލައިގެ ތިން ކަފުނުން ކަފުންކުރުމެވެ. އޭގައި ގަމީހެއް އަދި ފަގުޑިއެއް ނުވާ ގޮތަށެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާމެދު އަމަލުކުރެވުނު ފަދައިންނެވެ.
ތިން ކަފުނުގެ ތެރެއަށް ލައި އޮޅާލާނީއެވެ. އަދި ޤަމީހަކާއި އިޒާރެއްލައްވައި ފޭއްޔެއް އޮޅާލިޔަސް މައްސަލައެއް ނެތެވެ.
އަންހެނުން ކަފުންކުރާނީ ފަސް ކަފުނުންނެވެ. އެއީ އިޒާރަކާއި، ހެދުމަކާއި، ބުރުގަލަކާއި، އިތުރު ދެ ފޮތިގަނޑުންނެވެ. އަދި ކުޑަ ފިރިހެންކުއްޖާ ކަފުންކުރުމުގައި އެއް ކަފުނުން ފެށިގެން ތިން ކަފުނާ ހަމައަށް ބޭނުންކުރެވިދާނެއެވެ. އަދި ކުޑަ އަންހެންކުއްޖާ ކަފުންކުރާނީ ގަމީހަކާއި ދެ ފޭލިންނެވެ.
ހުރިހާ ޖިންސެއް ކަފުންކުރުމުގައި ވާޖިބު މިންވަރަކީ މައްޔިތާގެ ހަށިގަނޑު ފޮރުވާލާނެފަދަ އެއް ހެދުމެވެ. ނަމަވެސް މައްޔިތާއަކީ އިޙުރާމުގައި ހުއްޓާ ނިޔާވި މީހެއްނަމަ ފަހެ އޭނާ ފެނާއި ކުންނާރުފަތުގެ ފެނުން ހިނަވައި، އޭނާގެ އިޒާރާއި ރިދާގައި ނުވަތަ އެނޫނަސް ދެ ކަފުނުން ކަފުންކުރާނީއެވެ. އެކަމަކު އޭނާގެ ބޮލާއި މޫނު ނިވައިކުރުމެއް ނުވެއެވެ. އަދި ހުވަނދު ލުމެއް ނުވެއެވެ. އެހެނީ ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން، ޞައްހަ ޙަދީޘްގައި ވާރިދުވެފައިވާ ފަދައިން ޤިޔާމަތްދުވަހު އޭނާ މަޙުޝަރުކުރެއްވޭނީ ތަލްބިޔާކިޔާ ޙާލުގައެވެ. އިޙްރާމުގައި ހުއްޓާ މަރުވި މީހަކީ އަންހެނެއްނަމަ އެހެނިހެން އަންހެނުން ހިނަވާފަދައިން ހިނަވާނީއެވެ. ނަމަވެސް އެކަނބުލޭގެ ހަށިގަނޑުގައި ހުވަނދު ލުމެއް ނުވެއެވެ. އަދި ނިޤާބުން އެކަނބުލޭގެ މޫނު ފޮރުވުމެއް، އަދި އެކަނބުލޭގެ ދެ އަތްތިލައަށް އަންގި ލެއްވުމެއް ނުވެއެވެ. ނަމަވެސް އަންހެނާ ކަފުންކުރުމުގައި އިސްވެ ބަޔާންވި ފަދައިން، އެކަނބުލޭގެ ކަފުން ކުރެވުނު ފޮތިގަނޑުން މޫނާއި ދެ އަތްތިލަވެސް ނިވާކޮށްލާނީއެވެ.
ހަވަނައަށް: މައްޔިތާ ހިނެވުމާއި، ކަށުނަމާދުކުރުމާއި އަދި ވަޅުލުމަށް އެންމެ ޙައްޤުވެރި ފަރާތް
މައްޔިތާއަކީ ފިރިހެނެއް ނަމަ އެންމެ ޙައްޤުކަން ބޮޑީ އެކަންކޮށްދިނުމަށް އެ މައްޔިތަކު ވަޞިއްޔަތް ކޮށްފައިވާ މީހެކެވެ. ދެން ބައްޕަ، ދެން ކާފަ، ދެން އޭނާގެ ގާތްތިމާގެ ވާރުތަވެރި ޢަޞަބާއިންގެ އެންމެ ކައިރި މީހެއް ތަރުތީބުންނެވެ.
އަންހެނަކު ހިނެވުމުގައި އައުލާކަން ބޮޑުވެގެންވަނީ: އެކަމަށް އޭނާ ވަޞިއްޔަތް ކޮށްފައިވާ އަންހެނާއެވެ. ދެން މަންމަ، ދެން މާމަ، ދެން އޭނާގެ އެންމެ ގާތް މީހުންގެ ތެރެއިން އަންހެނުންނެވެ. ދެމަފިރިންނަށް އެކަކު އަނެކަކު ހިނެވޭނެއެވެ. އެހެނީ الصديق (އަބޫބަކުރުގެފާނު) رضي الله عنه އަވަހާރަވުމުން ހިނެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އަދި ޢަލީ رضي الله عنه ގެ އަނބިކަނބަލުން ފާޠުމަތު رضي الله عنها އަވަހާރަވުމުން އެކަމަނާ ހިނެވީ އެކަލޭގެފާނު ކަމަށްވާތީއެވެ.
ހަތްވަނައަށް: މައްޔިތާގެ މައްޗަށް ނަމާދުކުރާނެ ގޮތް:
ހަތަރު ތަކުބީރު ކިޔާފައި، ފުރަތަމަ ތަކުބީރަށްފަހު ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. އަދި އެއާއެކު ކުރު ސޫރަތެއް ނުވަތަ އާޔަތެއް ނުވަތަ ދެ އާޔަތްވަރު ކިޔެވިނަމަވެސް އެގޮތް ރަނގަޅެވެ. އެއީ އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން އައިސްފައިވާ ޞައްޙަ ޙަދީޘެއްގައި އެފަދައިން ވާރިދުވެފައި ވާތީއެވެ. ދެން ދެވަނަ ތަކުބީރު ކިޔާފައި، ފަހު އައްތަޙިއްޔާތުގައި ކިޔާފަދައިން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. ދެން ތިންވަނަ ތަކުބީރު ކިޔާނީއެވެ. އަދި މިހެން ކިޔާ ހުއްޓެވެ:
«اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَشَاهِدِنَا وَغَائِبِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الإِسْلَامِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَي الإيمان، اللَّهُمَّ اغْفِرْ لَهُ، وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالمَاءِ وَالثَّلْجِ وَالبَرَدِ، وَنَقِّهِ مِنَ الخَطَايَا؛ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهلاً خَيْراً مِنْ أَهلِهِ، وَأَدْخِلْهُ الجَنَّةَ، وَأَعِذْهُ مِنْ عَذَابِ القَبْرِ وَعَذَابِ النَّارِ، وَافْسَحْ لَهُ فِي قَبْرِهِ، وَنَوِّرْ لَهُ فِيهِ، اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ».
(މާނައީ: އޭ ﷲ! އަޅަމެންގެ ތެރޭގައި ދިރިތިބި މީހުންނަށާއި އަޅަމެންގެ ތެރެއިން މަރުވެގޮސްފައިވާ މީހުންނަށާއި، އަޅަމެންނާ އެކު މިތަނަށް އައިސްތިބި މީހުންނަށާއި ނާންނަ މީހުންނަށާއި، އަދި އަޅަމެންގެ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށާއި، އަދި އަޅަމެންގެ ފިރިހެނުންނަށާއި އަންހެނުންނަށް ފާފަފުއްސަވާށިއެވެ! އޭ ﷲ! އަޅަމެންގެ ތެރެއިން އިބައިލާހު ދިރިލަހައްޓަވައިފި މީހާ ފަހެ އިސްލާމްކަން މަތީގައި އޭނާ ދިރިލަހައްޓަވާނދޭވެ! އަދި އަޅަމެންގެ ތެރެއިން އިބަﷲ މަރުގަންނަވައިފި މީހާ ފަހެ އީމާންކަން މަތީގައި އޭނާ މަރުގަންނަވާނދޭވެ! އޭ ﷲ! އޭނާއަށް ފާފަ ފުއްސަވާނދޭވެ! އަދި އޭނާއަށް ރަޙްމަތްލައްވާނދޭވެ! އަދި އޭނާއަށް ޢާފިޔަތު ދެއްވާނދޭވެ! އަދި އޭނާއަށް ޢަފޫކޮށްދެއްވާނދޭވެ! އަދި އޭނާގެ މެހުމާންދާރީ މާތްކޮށްދެއްވާނދޭވެ! އަދި އޭނާ ވެއްދެވޭތަން (ކަށްވަޅު) ތަނަވަސް ކޮށްދެއްވާނދޭވެ! އަދި ފެނުންނާއި، ސުނޯއާއި ގަނޑުފެނުން އޭނާ ދޮވެދެއްވާނދޭވެ! އަދި ހުދުފޭރާން ހަޑިމިލައިން ސާފުކުރެވޭ ފަދައިން ކުށްފާފަތަކުން އޭނާ ސާފުކޮށްދެއްވާނދޭވެ! އަދި އޭނާގެ ގޮވައްޗަށް ވުރެ ހެޔޮ ގޮވައްޗަކަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާގެ އަހުލުވެރިންނަށް ވުރެ ހެޔޮ އަހުލުވެރިންގެ ގާތަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާ ސުވަރުގެއަށް ވައްދަވާނދޭވެ! އަދި ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން އޭނާ ރައްކާތެރިކޮށްދެއްވާނދޭވެ! އޭނާއަށް އޭނާގެ ކަށްވަޅު ތަނަވަސްކޮށްދެއްވާނދޭވެ! އަދި އޭނާއަށް އެތަން އަލިކޮށްދެއްވާނދޭވެ! އޭ ﷲ! އޭނާގެ އަޖުރުން އަޅަމެން މަޙުރޫމު ނުކުރައްވާނދޭވެ! އަދި އޭނާއަށް ފަހު އަޅަމެން މަގުން އެއްކިބާ ނުކުރައްވާނދޭވެ!) ދެން ހަތަރުވަނަ ތަކްބީރު ކިޔާނީއެވެ. އަދި ކަނާތް ފަރާތަށް އެއްފަހަރު ސަލާމްދޭނީއެވެ.
އަދި ކޮންމެ ތަކުބީރަކަށް އަތް އުފުލުން މުސްތަޙައްބުވެގެންވެއެވެ. މައްޔިތާ އަކީ އަންހެނެއް ނަމަ ކިޔާނީ (اللَّهُمَّ اغْفِرْ لَهَا …) މާނައީ: “އޭﷲ އެއަންހެނާގެ ފާފަފުއްސަވާނދޭވެ…” މިފަދައިންނެވެ. އަދި އެއީ ދެ މީހެއްގެ ޖަނާޒާނަމަ ކިޔާނީ (اللَّهُمَّ اغْفِرْ لَهُمَا …) މާނައީ: އޭﷲ އެ ދެމީހުންގެ ފާފަފުއްސަވާނދޭވެ… މިފަދައިންނެވެ. އަދި އެއީ ގިނަ ބައެއްގެ ޖަނާޒާ ނަމަ ކިޔާނީ (اللَّهُمَّ اغْفِرْ لَهُمْ …) މާނައީ: “އޭﷲ އެމީހުންގެ ފާފަފުއްސަވާނދޭވެ…” މިފަދައިންނެވެ. އަދި މައިންބަފައިންނަށްވުރެ ކުރިން މަރުވެފައިވާ ކުޑަ ކުއްޖެއްނަމަ އެކުއްޖާއަށް ފާފަފުއްސެވުމަށް އެދި ދުޢާކުރުމުގެ ބަދަލުގައި ކިޔާނީ މިފަދައިންނެވެ:
"اللَّهُمَّ اجْعَلْهُ فَرَطَاً وَذُخْراً لِوَالِدَيْهِ، وشَفِيعاً مُجَاباً، اللَّهُمَّ ثَقِّلْ بِهِ مَوَازِيْنَهُمَا، وأعْظِمْ بهِ أُجُورَهُمَا، وألْحِقْهُ بِصَالِحِ سَلَفِ المُؤْمِنينَ، واجْعَلْهُ فِي كَفَالَةِ إِبْرَاهِيمَ عليه الصلام والسلام، وَقِهِ بِرَحْمَتِكَ عَذَابَ الجَحِيمِ"
(މާނައީ: އޭ ﷲ! އެކުއްޖާއަކީ އޭނާގެ މައިންބަފައިންނަށްޓަކައި ކުރިއަށް ނެރެވުނު ރައްކާކުރެވިގެންވާ އަޖުރެއްކަމުގައި ލައްވާނދޭވެ! އަދި ޝަފާޢަތް ޤަބޫލުވެވޭ ޝަފާޢަތްތެރިއެއް ކަމުގައި ލައްވާނދޭވެ! އޭ ﷲ! އެކުއްޖާގެ ސަބަބުން އެ ދެމީހުންގެ ތިލަފަތް ބަރުކޮށްދެއްވާނދޭވެ! އަދި އެކުއްޖާގެ ސަބަބުން އެ ދެމީހުންގެ އަޖުރު މަތިވެރިކޮށްދެއްވާނދޭވެ! އަދި އިސްވެދިޔަ ޞާލިޙު މުއުމިނުންނާ އެކުއްޖާ ބައްދަލުކޮށްދެއްވާނދޭވެ! އަދި އިބްރާހީމް عليه الصلاة والسّلام ގެ ބެލެހެއްޓެވުމުގެ ދަށުގައި އެކުއްޖާ ލައްވާނދޭވެ! އަދި އިބަﷲގެ ރަޙުމަތުން އެކުއްޖާ ނަރަކައިގެ ޢަޛާބުން ދިންނަވާދޭނވެ!)
ސުންނަތް ގޮތަކީ މައްޔިތާއަކީ ފިރިހެނެއް ނަމަ ބޮލާދިމާލުގައި އިމާމު މީހާ ހުއްޓުމެވެ. މައްޔިތާއަކީ އަންހެނެއްނަމަ އޭނާގެ މެދަށް ވާގޮތަށް އިމާމު މީހާ ހުއްޓުމެވެ. ފިރިހެން އަދި އަންހެން މައްޔިތުންތަކެއްގެ މައްޗަށް އެއް ވަގުތެއްގައި ކަށުނަމާދު ކުރާ ނަމަ އިމާމާއާ އެންމެ ކައިރީގައި ބާއްވާނީ ފިރިހެން ޖިންސެވެ. އަދި އެއާ ވިދިގެން ޤިބްލަޔާވީ ފަރާތުގައި އަންހެނުންނެވެ. އެ މައްޔިތުންގެ ތެރޭ ކުޑަ ފިރިހެންކުދީންވާނަމަ ބާއްވާނީ އަންހެން މައްޔިތުންނަށް ވުރެ ކުރީގައިއެވެ. (އިމާމާ ގާތުގައިއެވެ.) ދެން އަންހެނުން، ދެން ކުޑަ އަންހެން ކުދިންނެވެ. ކުޑަ ފިރިހެންކުއްޖާ ބާއްވާނީ އެކުއްޖާގެ ބޯ ފިރިހެން މައްޔިތުންގެ ބޮލާ އެއްހަމައެއްގައި އޮންނަ ގޮތަށެވެ. ދެން އަންހެން މައްޔިތާގެ މެދު ފިރިހެން މައްޔިތުންގެ ބޮލާ އެއްހަމައެއްގައެވެ. ހަމައެފަދައިން ކުޑަ އަންހެންކުއްޖާ ބާއްވާނީ އެ ކުއްޖާގެ ބޯ އަންހެނާގެ ބޮލާ އެއްހަމައެއްގައެވެ. އަދި އެކުއްޖާގެ މެދު ސީދާކުރާނީ ފިރިހެނާގެ ބޮލާއި އެއްހަމައަށެވެ. އަދި މައުމޫމުން އެންމެން ތިބެންޖެހޭނީ އިމާމާގެ ފަހަތުގައެވެ. އެކަމުން އިސްތިސްނާވާނީ އިމާމުގެ ފަހަތުގައި ނަމާދުކުރާނޭ ޖާގައެއް ނުލިބުނު މީހާއެވެ. އެފަދަ މީހަކު ހުއްޓޭނީ އިމާމާގެ ކަނާތްފަރާތުގައިއެވެ.
އަށްވަނައަށް: މައްޔިތާ ވަޅުލާނެ ގޮތް
ވަޅުކޮނުމުގައި ޝަރުޢުވެގެންވަނީ މީހެއްގެ މެދާއި ހަމައަށް ފުންމިން ހުންނާނެވަރަށް ފުންކޮށް ވަޅުކޮނެ ވަޅުގެ ޤިބްލައާވީ ފަރާތަށް ލަޙްދެއް ހެދުމެވެ. އަދި މައްޔިތާ ކަނާތްފަރާތަށް އޮންނާނޭހެން ލަޙުދަށް ލުމެވެ. އަދި އޭނާގެ ކަފުނުގެ ގޮށް މޮހާލުމެވެ. ނަމަވެސް އޭނާގެ ކަފުން ފޮތިގަނޑު ނުނަގާ ބަހައްޓާނީއެވެ. އަދި މައްޔިތާއަކީ ފިރިހެނަކަށްވިޔަސް އަދި އަންހެނަކަށްވިޔަސް އޭނާގެ މޫނު ކަޝްފު ނުކުރާނެއެވެ. ދެން ގާ ބާއްވާ [މައްޔިތާ ފޮރުވާލާނީ]އެވެ. އަދި މައްޔިތާ ވެލިން ރައްކާތެރިކުރުމަށް ކިސަޑުފަދަ އެއްޗެއްލާ އެ ގާތައް ޘާބިތުކުރާނީއެވެ. ފަހެ ގާގަނޑެއް ނުލިބުނުނަމަ، މައްޔިތާ ވެލިން ރައްކާތެރިކުމަށް ބޭނުންކުރާނީ ފިލާގަނޑެއްފަދަ އެއްޗެއް ނުވަތަ ހިލަތަކެއް ނުވަތަ ލަކުޑިގަނޑެކެވެ. ދެން އެއަށްފަހު އޭގެ މައްޗަށް ވެލި އަޅާނީއެވެ. ވެލި އަޅާއިރު ކިޔާނީ (بِاسْمِ اللهِ، وَعَلَى مِلَّةِ رَسُولِ اللهِ) ކިޔުން މުސްތަޙައްބުވެގެން ވެއެވެ. އަދި ކައިވަތެއްގެ މިންވަރަށް ވެލިގަނޑު އުފުލާނީއެވެ. އަދި ދަތިކަމެއްނެތި ކުދި ހިލަ ލިބޭނަމަ މަހާނަ މައްޗަށް އަޅާނީއެވެ. އަދި ފެން ވިއްސައިލާނީއެވެ.
މައްޔިތާ ވަޅުލަން ދާމީހުން މަހާނަކައިރި މަޑުކޮށްގެންތިބެ މައްޔިތާގެ މައްޗަށް ދުޢާކުރުން ޝަރުޢުވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم މައްޔިތާ ވަޅުލެއްވުމަށްފަހުގައި އެތާކައިރި މަޑުކުރައްވައެވެ. އަދި ޙަދީޘްކުރައްވައެވެ:
" اسْتَغْفِرُوا لِأَخِيكُمْ، وَاسْأَلُوا لَهُ التَّثْبِيتَ، فَإِنَّهُ الْآنَ يُسْأَلُ."
"ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސަވައިދެއްވުމަށްއެދި ދުޢާކުރާށެވެ. އަދި އޭނާއަށް ސާބިތުކަން ދެއްވުމަށްވެސް އެދި ދުޢާކުރާށެވެ. އެހެނީ މިހާރު އޭނާއާ ސުވާލުކުރެވޭނެއެވެ."8
ނުވަވަނައަށް: މައްޔިތާގެ މައްޗަށް ކަށު ނަމާދު ނުކުރެވުނު މީހާ، ވަޅުލުމަށްފަހު މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން ޝަރުޢުވެގެންވެއެވެ.
އެހެނީ ނަބިއްޔާ صلى الله عليه وسلم އެފަދައިން ޢަމަލުކުރައްވާފައިވާތީއެވެ. ޝަރުޠަކީ (ވަޅުލިތާ) މަހަކަށް ވުރެ އިތުރު ނުވުމެވެ. އެއަށްވުރެ މުއްދަތު އިތުރު ވެއްޖެނަމަ އެ ޤަބުރުގެ މައްޗަށް ނަމާދުކުރުން ޝަރުޢުވެގެން ނުވެއެވެ. އެހެނީ ވަޅުލެވުނު ފަހުން މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ މައްޔިތަކަށް ނަބިއްޔާ صلى الله عليه وسلم ނަމާދުކުރެއްވިކަމަށް ވާރިދުވެގެން އައިސްފައި ނުވާތީއެވެ.
ދިހަވަނައަށް: މައްޔިތާގެ އަހުލުވެރީންގެ ފަރާތުން މީސްތަކުންނަށް ޖާފަތެއް ތައްޔާރުކުރުން ހުއްދަވެގެންނުވެއެވެ.
އެއީ މާތް ޞަޙާބީ، ޖަރީރު ބްނު ޢަބްދިﷲ އަލްބަޖަލީ رضي الله عنه ގެ ކިބައިން އައިސްފައިވާ ބަސްފުޅަށްޓަކައިއެވެ:
"كُنَّا نَعُدُّ الاِجْتِمَاعَ إِلَى أَهْلِ الْمَيِّتِ، وَصَنْعَةَ الطَّعَامِ بَعْدَ الدَّفْنِ مِنَ النِّيَاحَةِ."
(މައްޔިތާ ވަޅުލުމަށްފަހު އޭނާގެ އަހުލުންގެ ގާތަށް އެއްވެ ކާތަކެތި ތައްޔާރުކުރުން، ތިމަންމެން ހިމަނަމުންދިޔައީ އެއީ النِّيَاحَة (ނަހީކުރެވޭ ގޮތަށް މައްޔިތާގެ މައްޗަށް ރޮއެހޭރި ހިތާމަކުރުން) ގެ ތެރެއިންވާ ކަމެއްގެ ގޮތުގައިއެވެ.)9 ޙަސަން ދަރަޖައިގެ ސަނަދަކުން އިމާމް އަޙްމަދު މި ޙަދީޘް ރިވާކުރެއްވިއެވެ. ދެންފަހެ މައްޔިތާގެ އަހުލުންނަށް، ނުވަތަ އެމީހުންގެ މެހުމާނުންނަށް އެހެންބަޔަކު ކާތަކެތި ތައްޔާރު ކޮށްދިނުމުގައި މައްސަލައެއް ނެތެވެ. އަދި މައްޔިތާގެ ގާތްތިމާގެ މީހުންނާއި އަވަށްޓެރީންނަށް ކާތަކެތި ހަދައިދިނުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. އެހެނީ ޖަޢުފަރު ބްނު އަބީ ޠާލިބް رضي الله عنه ގެ މަރުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ޝާމްކަރައިން އައިހިނދު، ޖަޢުފަރުގެފާނުގެ އަހުލުންނަށް ކެއުމެއް ތައްޔާރުކޮށްދިނުމަށް އެކަލޭގެފާނު صلى الله عليه وسلمގެ އަހުލުންނަށް އަމުރު ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ:
" إِنَّهُ أَتَاهُمْ مَا يَشْغَلُهُمْ ".
(ހަމަކަށަވަރުން އެމީހުން މަޝްޣޫލުކޮށްލާނޭ ކަމެއް އެވަނީ އެމީހުންނަށް ކުރިމަތިވެފައިއެވެ.)10
މައްޔިތާގެ އަހުލުންނަށް ހަދިޔާކުރެވުނު ކާތަކެތިން ކެއުމަށްޓަކާ އެމީހުންގެ އަވަށްޓެރިންނާއި އަދި އެނޫން މީހުންނަށް ދަޢުވަތު ދިނުން އެއީ މައްސަލައެއް ނޫނެވެ. އެއީ އަހަރުމެންނަށް އެނގިފައިވާ ގޮތުން ޝަރުޢުގައި ވަކި މުއްދަތަކަށް އޮތް ކަމެއް ނޫނެވެ.
އެގާރަވަނައަށް: މައްޔިތާގެ މައްޗަށް ތިން ދުވަހަށްވުރެ ގިނަ ދުވަހަށް އިޙްދާދުކުރުން (ހިތާމައިގެ ގޮތުން ޒީނަތްތެރިވުމާއި މީރުވަސްދުވާ ތަކެއްޗާއި ހީނާފަތްފަދަ ތަކެތި ދޫކޮށްލުން) އަންހެނަކަށް ހުއްދަވެގެން ނުވެއެވެ. އެކަނބުލޭގެ ފިރިމީހާގެ މައްޗަށް މެނުުވީއެވެ.
ފަހެ އެކަނބުލޭގެ ފިރިމީހާއަށްޓަކައި ހަތަރު މަހާއި ދިހަ ދުވަސް އިޙްދާދުކުރުން އަންހެނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެއީ އޭނާ ބަލިވެ އިންކަމުގައި ނުވާނަމައެވެ. ބަލިވެއިންނަމަ ވިހަންދެނެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ޞައްޙަ ސުންނަތުން އެފަދައިން ސާބިތުވެފައިވާތީއެވެ.
ދެންފަހެ ގާތްތިމާގެ މީހަކަށްވެސް ނުވަތަ އެހެންމީހަކު (މަރުވެގެންވެސް) ފިރިހެނަކު އިޙްދާދުކުރުން އެއީ ހުއްދަވެގެންވާ ކަމެއްނޫނެވެ.
ބާރަވަނައަށް: ފިރިހެނުން ގަބުރުސްތާނަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރުން ޝަރުޢުވެގެންވެއެވެ. އެއީ އެތަނުގެ އަހުލުވެރިންނަށް ރަޙްމަތްލެއްވުން އެދި ދުޢާކޮށް އަދި މަރާއި އޭގެ ފަހުން ވާނޭ ކަންތައްތައް ހަނދާނަށް ގެނަސްގަތުމަށްޓަކައިއެވެ.
އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘަށްޓަކައިއެވެ:
"زُورُوا الْقُبُورَ، فَإِنَّهَا تُذَكِّرُكُمُ الْآخِرَةَ"
“ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތްކުރާށެވެ. އެއީ ފަހެ، ތިޔަބައިމީހުންނަށް އާޚިރަތުގެމަތިން ހަނދުމަކޮށްދޭ ކަމެކެވެ.”11 މި ޙަދީޘް ނެރުއްވީ މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ. އަދި އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަޞްޙާބުންނަށް ގަބުރުސްތާނަށް ޒިޔާރަތްކުރާއިރު މިހެން ކިޔުމަށް އުގަންނައިދެއްވާފައިވެއެވެ:
"السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ، نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ، يَرْحَمُ اللَّهُ الْمُتَقَدِّمِينَ مِنَّا وَالْمُسْتَأْخِرِينَ"
(މާނައީ: އޭ މުއުމިނުންނާއި މުސްލިމުންގެ ތެރެއިން މި މަހާނަތަކުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމަތްކަންހުއްޓެވެ. އަދި ހަމަކަށަވަރުން އަހަރުމެންނީ ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނާ އަރާހަމަކުރާނޭ މީހުންނެވެ. ﷲގެ ޙަޟްރަތުން އަހަރުމެންނަށާއި ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަމެވެ. އަދި އަހަރުމެންގެ ތެރެއިން ކުރިން ދިޔަމީހުންނަށާއި ފަހުން ދާނެ މީހުންނަށް ﷲ ރަޙްމަތްލައްވާށިއެވެ!)12 ދެންފަހެ އަންހެނުންގެ މައްޗަކަށް ގަބުރުސްތާނަށް ޒިޔާރަތް ކުރުމެއްނުވެއެވެ. އެހެނީ ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ލަޢުނަތް ދެއްވާފައިވާތީއެވެ. އަދި އެއީ އެކަނބަލުން އެތަނަށް ގޮސްފިނަމަ ފިތުނަވެރިވެ، އަދި ކެތްތެރިކަން ކޮޅުންލާފާނޭކަމުގެ ބިރު އޮތީމައެވެ. ހަމަ މިފަދައިން، ޖަނާޒާގެ ފަހަތުން ގަބުރުސްތާނަށް ދިޔުންވެސް އެކަނބަލުންނަށް ހުއްދައެއް ނޫނެވެ. އެހެނީ رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އެކަނބަލުންނަށް އެކަން މަނާކުރައްވާފައިވާތީއެވެ. ދެންފަހެ މިސްކިތެއްގައި، ނުވަތަ ނަމާދުކުރާ މުޞައްލާއެއްގައިވިޔަސް ކަށުނަމާދުކުރުން އެއީ ފިރިހެނުންނަށާއި އަންހެނުންނަށްވެސް ޝަރުޢުވެގެންވާކަމެކެވެ.
މިއީ މިފޮތުގައި ޖަމާކުރުމަށް ފަސޭހަވި މިންވަރުގެ އެންމެ ފަހު ބައެވެ. وصلى الله وسلم على نبينا محمد ، وآله وصحبه .
***
الفهرس
ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން އަޅު ފަށަމެވެ. 2
މުއައްލިފުގެ މުޤައްދިމާ 2
ފުރަތަމަ ފިލާވަޅު: ފާތިޙާ ސޫރަތާއި ކުރު ސޫރަތްތައް 3
ދެވަނަ ފިލާވަޅު: އިސްލާމްދީނުގެ ރުކުންތައް 3
ތިންވަނަ ފިލާވަޅު: އީމާންކަމުގެ ރުކުންތައް 4
ހަތަރުވަނަ ފިލާވަޅު: ތައުޙީދުގެ ބައިތަކާއި ޝިރުކުގެ ބައިތައް 5
ފަސްވަނަ ފިލާވަޅު: އިޙުސާންތެރިކަން 12
ހަވަނަ ފިލާވަޅު: ނަމާދުގެ ޝަރުޠުތައް 12
ހަތްވަނަ ފިލާވަޅު: ނަމާދުގެ ރުކުންތައް 12
އަށްވަނަ ފިލާވަޅު: ނަމާދުގެ ވާޖިބުތައް 13
ނުވަނަ ފިލާވަޅު: ތަޝައްހުދު (އައްތަޙިއްޔާތު) ބަޔާންކުރުން 13
ދިހަވަނަ ފިލާވަޅު: ނަމާދުގެ ސުންނަތްތައް 15
އެގާރަވަނަ ފިލާވަޅު: ނަމާދު ބާޠިލުވާ ކަންކަން 18
ބާރަވަނަ ފިލާވަޅު: ވުޟޫގެ ޝަރުޠުތައް 18
ތޭރަވަނަ ފިލާވަޅު: ވުޟޫގެ ފަރުޟުތައް 19
ސާދަވަނަ ފިލާވަޅު: ވުޟޫ ގެއްލޭ ކަންތައް 19
ފަނަރަވަނަ ފިލާވަޅު: ކޮންމެ މުސްލިމަކު ޝަރުޢުވެގެންވާ އަޚްލާޤީ ޞިފަތަކުން ޞިފަ ލިބިގަތުން. 21
ސޯޅަވަނަ ފިލާވަޅު: އިސްލާމީ އަދަބުތަކުން އަދަބުވެރިވުން 21
ސަތާރަވަނަ ފިލާވަޅު: ޝިރުކާއި އެކި ކަހަލަ ފާފަތަކާމެދު އިންޛާރުކުރުވުން 22
އަށާރަވަނަ ފިލާވަޅު: މައްޔިތާ ހިނަވާ ކަފުންކުޅައުމާއި ކަށުނަމާދު ކުރުމާއި ވަޅުލުން 23
ދެވަނައަށް: މަރުވެއްޖެކަން ޔަޤީންވުމުން މައްޔިތާގެ ދެ ލޯ މަރައިލުން އަދި ދަތްދޮޅި (ބޮލާއެކު) ބަނދެލެވޭނެއެވެ. އެއީ ސުންނަތުގައި އެގޮތަށް އައިސްފައިވުމުންނެވެ. 24
***
ނެރުއްވީ އިމާމް އަޙްމަދު (5/ 428)، އަދި އައްޠަބަރާނީ އަލްމުޢުޖަމުލް ކަބީރުގައި (4/ 338)، އަދި އަލްބައިހަޤީ އައްޝުޢަބުގައި (14/ 355)،އަދި މަޖްމަޢުއް ޒަވާއިދުގައި ވިދާޅުވިއެވެ: (1/ 121) ރިވާކުރެއްވީ އަޙްމަދެވެ. އަދި އެކަލޭގެފާނުގެ ސަނަދުގެ ރިޖާލުންނަކީ ޞަޙީޙުގެ ރާވީންނެވެ.
ނެރުއްވީ އިމާމު އަޙުމަދު (1/ 47) ގައިއެވެ.
މި ޙަދީޘް ނެރުއްވީ އަބޫ ދާވޫދު ނަންބަރު (3251) ގައި، އަދި އައްތިރްމިޛީ ނަންބަރު (1535) ގައިއެވެ.
މި ޙަދީޘް ނެރުއްވީ އަބޫ ދާވޫދު ނަންބަރު (4980)ގައި، އަދި އަޙްމަދު (5/ 384) ގައިއެވެ.
މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަންބަރު (4204) ގައި، އަދި އިމާމް އަޙްމަދު (3/ 30) ގައިއެވެ.
މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު (916-917) ގައި އެވެ.
މި ޙަދީޘް ނެރުއްވީ އަބޫ ދާވޫދު، ނަންބަރު (3221)ގައި، އަދި އަލްޙާކިމް (3/ 399) ގައިއެވެ.
މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަންބަރު (1612) ގައި، އަދި އިމާމް އަޙްމަދު (2/ 204) ގައިއެވެ/
މުސްލިމު، އަލްޖަނާއިޒު (976) ، އައްނަސާއީ، އަލްޖަނާއިޒު (2034) ، އަބޫ ދާވޫދު، އަލްޖަނާއިޒު (3234) ، އިބްނު މާޖާ، ޖަނާޒާގައި އައިސްފައިވާ ކަންކަން (1569) ، އަޙުމަދު (2/441) .
މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަންބަރު (1569) ގައިއެވެ. އަދި އަލްއަލްބާނީ ޞައްޙަކުރެއްވިއެވެ.
މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު (975) ގައިއެވެ.
މަޖުމޫޢު ފަތާވާ ވަ މަޤާލާތު މުތަނައްވިޢާ (3 / 288 -298)