ޤަބުރު މަތީގައި މިސްކިތް ބިނާކުރުމާމެދު އިންޛާރުދިނުން (ދިވެހި)

  • earth ބަސް
    (ދިވެހި)
  • earth ލިޔުއްވީ::
    الشيخ عبد العزيز بن عبد الله بن باز
PHPWord

 

 

التَّحْذِيرُ مِنْ بِنَاءِ المَسَاجِدِ

عَلَى القُبُورِ

 

ޤަބުރު މަތީގައި މިސްކިތް ބިނާކުރުމާމެދު އިންޛާރުދިނުން

 

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ދިހަވަނަ ރިސާލާ:

ޤަބުރު މަތީގައި މިސްކިތް ބިނާކުރުމާމެދު އިންޛާރުދިނުން

ﷲ ގެ އިސްމުފުޅުން ފަށަމެވެ. އަދި އެކަލާނގެއަށް ޙަމްދު ހުއްޓެވެ. ޞަލަވާތާއި ސަލާމްހުރީ ﷲ ގެ ރަސޫލާއަށެވެ.

އެއަށްފަހު ދަންނައެވެ: ރާބިޠަތުލް ޢުލޫމިލް އިސްލާމިއްޔާ މަޖައްލާގެ ތިންވަނަ ޢަދަދުގައި ޝާއިޢުކޮށްފައިވާ ވާހަކައެއް އަހަރެން ބަލައިފީމެވެ. އެއީ "މުސްލިމުންގެ ޚަބަރުތައް އެއް މަހުން" ކޮލަމްގައި: މަމްލަކަތުލް އުރްދުނިއްޔާ އަލްހާޝިމިއްޔާ (އެބަހީ: އުރުދުން) ގައިވާ ރާބިޠަތުލް ޢުލޫމިލް އިސްލާމިއްޔާއިން، އައްރުޙައިބު ސަހަރުގައި، މިފަހުން އަލަށް ފެނިގެން އުޅޭ ހޮހޮޅައެއްގެ މަތީގައި މިސްކިތެއް އެޅުމަށް ނިޔަތްގަނެ ޤަޞްދުކުރާކަމަށެވެ. އެއީ ކީރިތި ޤުރްއާނުގައި ކަހްފުގެ އަހުލުވެރިންކަމުގައި އައިސްފައިވާ މީހުން ނިދާފައި ތިބި ހޮހޮޅަކަމަށް ބުނެވޭކަމަށެވެ. މިއެވެ.

ﷲ އަށާއި އެކަލާނގެ އަޅުތަކުންނަށް އިޚްލާޞްތެރިވެ ނަޞޭޙަތްތެރިވުމުގެ ވާޖިބަށްޓަކައި؛ ހަމަ އެ މަޖައްލާގައި، އުރުދުންގައިވާ ރާބިޠަތުލް ޢުލޫމިލް އިސްލާމިއްޔާއަށް ބަހެއް އަމާޒުކުރަން އަހަރެންނަށް ފެނުނެވެ. އޭގައި އެކުލެވޭނީ: އެ ނަންގަނެފައިވާ ހޮހޮޅައިގެ މަތީގައި މިސްކިތެއް އެޅުމަށް ރާބިޠާއިން ކުރާ ޤަޞްދު ތަންފީޒުކުރުމާމެދު ނަޞޭޙަތެއް ދިނުމެވެ. އެހެން އެކަންކުރި ސަބަބަކީ: އެހެނީ ނަބިއްޔުންނާއި ޞާލިޙުންނާއި އެބޭކަލުންގެ އަޘަރުތަކުގެ މަތީގައި މިސްކިތްތައް އެޅުމަކީ ފުރިހަމަވެގެންވާ އިސްލާމީ ޝަރީޢަތުގައި އެކަން މަނާވެ، އަދި އިންޛާރާއި، އެކަންކުރާ ބަޔަކަށް ލަޢުނަތްވެސް އައިސްފައިވާކަމަކަށް ވުމުންނެވެ. އެއީ ޝިރުކުގެ ވަސީލަތްތަކުގެ ތެރޭގައި، އަދި ނަބިއްޔުންނާއި ޞާލިޙުންނާމެދު ޙައްދުފަހަނައެޅުމަށް ގެންދާ ވަސީލަތްތަކުގެ ތެރޭގައިވާ ކަމަކަށްވުމުންނެވެ. ކަންކަން މިހާރު ހިނގަމުންދާ ވާޤިޢު، ޝަރީޢަތުގައި އައިސްފައިވާ ކަންތަކުގެ ޞައްޙަކަމަށް ހެކިދެއެވެ. އަދި އެއީ ﷲ ޖައްލަ ޖަލާލުހޫގެ ޙަޟްރަތުންވާ ޝަރީޢަތެއްކަމަށްވާ ދަލީލެކެވެ. އަދި ﷲ ގެ ރަސޫލާ ﷺ، ﷲ ގެ ޙަޟްރަތުން ގެންނަވާ، އަދި އުއްމަތަށް ފޯރުކޮށްދެއްވި ކަންތަކުގައި ތެދުވެރިވެގެންވާކަމަށްވާ އަލިގަދަ ބުރުހާނެއް އަދި ކަނޑައެޅިގެންވާ ޙުއްޖަތެކެވެ. އިސްލާމީ ދުނިޔޭގެ ޙާލަތު ހުރި ގޮތާައި، އަދި ޒިޔާރަތްތަކުގެ މަތީގައި މިސްކިތްތައް އަޅާ، އެ ތަންތަން މަތިކޮށް ކާރޕެޓުއަޅާ، ޖަރީކޮށް އަދި އެ ތަންތަނަށް ޚިދުމަތްކުރަން މީހުން ހަމަޖައްސާ، މި ކަންކަމާހެދި ހިނގާފައިވާ ޝިރުކާއި ޙައްދުފަހަނައެޅުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް ޔަޤީންކޮށް އެނގިގެންދާނީ އެ ކަންކަމީ ޝިރުކުގެ ވަސީލަތްތަކެއް ކަމެވެ. އަދި އެކަންކަން މަނާކޮށް، މިސްކިތްތައް (ޤަބުރާއި ޒިޔާރަތްތަކުގެ މަތީގައި) އެޅުމާމެދު އިންޛާރުދެވިގެންވުމީ އިސްލާމީ ޝަރީޢަތުގެ ރިވެތި ރަނގަޅު ޞިފަތަކުންވާ ކަމެއްކަމެވެ.

އެކަމުގައި އައިސްފައިވާ ޚަބަރުތަކުގެ ތެރޭގައި: -ދެ ޝެއިޚުން- އަލްބުޚާރީ އާއި މުސްލިމް رحمة الله عليهما ، ޢާއިޝާ رضي الله عنها ވިދާޅުވިކަމަށް ރިވާކުރެއްވި ޙަދީޘްވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

«لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ، قالَتْ عَائِشَةُ: يُحَذِّرُ مَا صَنَعُوا، قالَتْ: وَلَوْلَا ذَلِكَ لَأُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا».

“ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެއުރެންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި އެއުރެން ހެދިއެވެ." ޢާއިޝާ ވިދާޅުވިއެވެ: އެކަލޭގެފާނު އެމީހުން އެކުރި ކަންތަކާމެދު އިންޛާރުދެއްވަނީއެވެ. އެކަމަނާ ވިދާޅުވިއެވެ: އެކަންތައް ނުވިނަމަ (އެބަހީ: އެކަލޭގެފާނުގެ ޤަބުރުކޮޅު މިސްކިތެއްގެ ގޮތުގައި ނަގާފާނޭކަމުގެ ބިރު ނެތްނަމަ) އެކަލޭގެފާނުގެ ޤަބުރުކޮޅު ފާޅުކޮށް ނެރެވުނީހެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަބުރުކޮޅު މިސްކިތެއްގެ ގޮތުގައި ނަގާފާނޭކަމަށް ބިރުހީކުރެވުނީއެވެ." އަދިވެސް ދެ ޞަޙީޙުގައިވެއެވެ: "އުންމު ސަލަމާ އާއި އުންމު ޙަބީބާ رضي الله عنهما އަށް ޙަބަޝާއިން އެ ދެކަނބަލުންނަށް ފެނިވަޑައިގެންނެވި، ތަޞްވީރުތަކެއް ހުރި ފައްޅިއެއްގެ ވާހަކަ ﷲ ގެ ރަސޫލާ ﷺގެ އަރިހުގައި ނަންގަތެވެ. ދެން އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ:

«أُولَئِكَ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ؛ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ».

“އެމީހުންގެ ތެރޭގައިވާ ޞާލިޙު މީހެއް މަރުވާހިނދު؛ އޭނާގެ ޤަބުރުގެ މަތީގައި މިސްކިތެއް އަޅައެވެ. އަދި އެތަނުގައި އެ ޞޫރަތައް ޞޫރަކޮށް ބަހައްޓައެވެ. ފަހެ އެމީހުންނީ ﷲ ގެ ޙަޟްރަތުގައި، ޚަލްޤުތަކުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނެވެ."

އަދި ޞަޙީހު މުސްލިމްގައި، ޖުންދުބު ބްނު ޢަބްދި ﷲ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ އަވަހާރަވުމުގެ ފަސް ދުވަހުގެ ކުރިން މިހެން ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ:

«إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ، فَإِنَّ اللَّهَ قَدِ اتَّخَذَنِي خَلِيلًا، كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا، وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا، لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا، أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، فَإِنِّي أَنْهَاكُمْ عَنْ ذَلِكَ».

“ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ގާތްއެކުވެރި ޚަލީލެއް ތިމަންކަލޭގެފާނަށް ވުމުން ﷲ ޙަޟްރަތަށް ތިމަންކަލޭގެފާނު ބަރީއަވެވަޑައިގަންނަވަމެވެ. ފަހެ ﷲ ވަނީ ތިމަންކަލޭގެފާނު ގާތް ޚަލީލެއްގެ ގޮތުގައި ނަންގަވާފައިއެވެ. އެއީ އެކަލާނގެ އިބްރާހީމުފާނުގެ ގާތް އެކުވެރިއެއްކަމުގައި ނެންގެވި ގޮތަށެވެ. ތިމަންކަލޭގެފާނުގެ އުއްމަތުން ގާތްއެކުވެރި ޚަލީލެއް ތިމަންކަލޭގެފާނު ނަންގަވާނޭނަމަ؛ އަބޫބަކުރުއީ ޚަލީލެއްގެ ގޮތުގައި ނެންގެވީމުހެވެ. ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިންވީ މީހުން، އެއުރެންގެ ނަބިއްޔުންނާއި ޞާލިޙުންގެ ޤަބުރުތަކަކީ މިސްކިތްތަކެއް ކަމުގައި ހަދައި އުޅުނެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނުހަދާހުށިކަމެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީކުރައްވަމެވެ.” މި ބާބުގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.

ހަތަރު މަޛްހަބާއި އެނޫންވެސް މުސްލިމު ޢިލްމުވެރިންގެ ތެރޭގައިވާ އިމާމުންވަނީ ޤަބުރުތަކުގެ މަތީގައި މިސްކިތްތައް އެޅުން ނަހީވެގެންވާކަމަށް ވިދާޅުވެ، އެކަމާމެދު އިންޛާރުދެއްވާފައިއެވެ. އެއީ ރަސޫލާ ﷺގެ ސުންނަތަށް ޢަމަލުކުރުމުގެ ގޮތުންނާއި، އަދި އުއްމަތަށް ނަޞޭޙަތްތެރިވެ، އަދި ކުރިން އުޅުނު ޔަހޫދީންނާއި ނަޞާރާއިންގެ ޙައްދުފަހަނައެޅި މީހުންނާއި، އަދި މި އުއްމަތުން އެމީހުންނާ ވައްތަރުވެގެން މަގުފުރެދިގެންދިޔަ މީހުން ވެއްޓުނު ކަންތަކަށް ވެއްޓުމާމެދު އިންޛާރުދީ ސަމާލުކުރުވުމުގެ ގޮތުންނެވެ.

އެހެންކަމުން އުރްދުންގައިވާ ރާބިޠަތުލް ޢުލޫމިލް އިސްލާމީއްޔާގެ މައްޗަށް، އަދި އެނޫންވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ: ސުންނަތުގައި ހިފަހައްޓާ، އަދި އިމާމުންގެ މަންހަޖުގެ މަތީގައި ހިނގާ، އަދި ﷲ އާއި އެކަލާނގެ ރަސޫލާ އިންޛާރުދެއްވި ކަންކަމުން ދުރުވެ އެއްކިބާވުމެވެ. ފަހެ އެހެން ހެދުމުގައިވަނީ: އަޅުތަކުން އިޞްލާޙުވެ، އެމީހުން ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވެ ނަޖާވުމެވެ. ބައެއް މީހުން މި ބާބުގައި، މަތިވެރިވެގެންވާ އަރަހުށި ﷲ ތަޢާލާ ކަހްފުގެ އަހުލުވެރިންގެ ވާހަކާގައި ވަޙީކުރެއްވި މި ބަސްފުޅުގައި އެލިގަތެވެ:

﴿...قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا﴾

(...އެމީހުންގެ ކަންތަކުގެ މައްޗަށް ގަދަވި މީހުން ބުނޫއެވެ: ހަމަކަށަވަރުން ތިމަންމެން އެއުރެން ތިބިތާގެ މަތީގައި މިސްކިތެއް އަޅާހުށީމެވެ.) [އަލްކަހްފު: 21]

އެއަށްވާ ޖަވާބަކީ: މިހެން ބުނުމެވެ: ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަބަރުދެއްވާފައިވަނީ: އެ ޒަމާނުގައި ތިބި ބޮޑުންނާއި ބާރުގެ ވެރިން މިހެން ބުނިކަމަށެވެ. އެއީ އެކަމަށް އެކަލާނގެ ރުއްސަވާ، އެެމީހުންނަށް އިޤުރާރުވެވޮޑިގަތުމުގެ ގޮތުންވާ ބަސްފުޅެއް ނޫނެވެ. އެކަމަކު އެ ބަސްފުޅުވާކަން ކަށަވަރީ އެމީހުން ކުރި ކަންތައް ނުބައިކުރައްވާ، ޢައިބުގެ ބަސް ވަޙީކުރައްވާ، އަދި އެކަމުން ދުރުކުރުވުމުގެ ގޮތުންނެވެ. އެކަމަށްަ ދަލީލުކުރަނީ: މި އާޔަތް އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު ރަސޫލާ ﷺ، އެކަލޭގެފާނީ މީސްތަކުންގެ ތެރެއިން އެ އާޔަތުގެ މާނައާއި ތަފްސީރު އެންމެ ބޮޑަށް ދެނެވަޑައިގެންވާ އިންސާނާއެވެ. އެކަލޭގެފާނު އެވަނީ ޤަބުރުތަކުގެ މަތީގައި މިސްކިތްތައް އެޅުން އެކަލޭގެފާނުގެ އުއްމަތަށް ނަހީކުރައްވާ، އަދި އެކަމާމެދު އިންޛާރުދެއްވާ، އަދި އެފަދައިން ކަންތައްކުރި މީހުންނަށް ލަޢުނަތްލައްވާ، ނުބައިކުރައްވާފައިއެވެ.

އެއީ ހުއްދަކަމެއް ކަމުގައިވާނަމަ؛ ﷲ ގެ ރަސޫލާ ﷺ އެހާވަރަށް އެކަމުގައި ހަރުކަށިވެވަޑައިނުގަތީހެވެ. އަދި އެކަމުގެ ނުބައިކަން ބޮޑުކުރައްވާ، އެހެންގޮސް އެކަންކުރި މީހުންނަށް ލަޢުނަތް ދެއްވާ، އަދި އެމީހުންނީ ﷲ ޢައްޒަ ވަޖައްލަގެ ޙަޟްރަތުގައި ޚަލްޤުތަކުންގެ ތެރެއިން އެންމެ ނުބައި މީހުންގެ ތެރޭގައިވާ ބައެއްކަމަށް ޚަބަރުދެއްވާ ހިސާބަށް ނުގެންދެވީހެވެ. ޙައްޤު ހޯދަން އުޅޭ މީހަކަށް މިކަމުގައި ފުދޭވަރު، އަދި ރުހި ޤަބޫލުކުރެވޭނެ މިންވަރުވެއެވެ. އަދި މިސާލަކަށް ޤަބުރުތަކުގެ މަތީގައި މިސްކިތް އެޅުމަކީ އަހަރުމެންގެ ކުރިން އުޅުނު އުއްމަތްތަކަށް ހުއްދަކަމެއް ކަމުގައި އަހަރުމެން ބެލިނަމަވެސް؛ އެކަމުގައި އެމީހުން ނަމޫނާއަކަށް ބެލުން އަހަރުމެންނަށް ހުއްދައެއް ނުވާނެއެވެ. އެހެނީ އަހަރުމެންގެ ޝަރީޢަތަކީ އޭގެ ކުރިންވީ ޝަރީޢަތްތައް މަންސޫޚަކުރި ޝަރީޢަތެވެ. އަދި އަހަރުމެންގެ ރަސޫލާ عليه الصلاة والسلام އީ ރަސޫލުކަން ޚަތިމުކުރެއްވި ކަލޭގެފާނެވެ. އަދި އެކަލޭގެފާނުގެ ޝަރީޢަތަކީ ފުރިހަމަވެ ޢާއްމުވެގެންވާ ޝަރީޢަތެކެވެ. އެކަލޭގެފާނުވަނީ ޤަބުރުތަކުގެ މަތީގައި މިސްކިތްތައް އެޅުން އަހަރުމެންނަށް ނަހީކުރައްވާފައިއެވެ. އެހެންކަމުން އެކަލޭގެފާނާ ޚިލާފުވުން އަހަރުމެންނަށް ހަމަހިލާ ހުއްދަ ނުވާނެއެވެ. އަދި އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަލޭގެފާނަށް ތަބަޢަވެ، އެކަލޭގެފާނު ގެންނެވި ކަންތަކުގައި ހިފަހައްޓާ، އެއާ ޚިިލާފުވެއްޖެ ކުރީގެ ޝަރީޢަތްތަކާއި، އެކަންކަން ރަނގަޅުކަމަށް ދެކިގެން މީހުން ކުރަމުން އަންނަ ޢާދަކާދަތައްވެސް ދޫކޮށްލުމެވެ. އެހެނީ ﷲ ގެ ޝަރުޢަށްވުރެ ފުރިހަމަ އެއްޗެއް ނުވެއެވެ. އަދި ﷲ ގެ ރަސޫލާ ﷺގެ ހިދާޔަތަށްވުރެ ރިވެތިވެ ރަނގަޅުވެގެންވާ އެހެން ހިދާޔަތެއް ނުވެއެވެ.

އަހަރުމެންނާއި އެންމެހާ މުސްލިމުންނަށް ﷲ ގެ ދީނުގައި ޘާބިތުވުމަށާއި، އަދި ބަހާއި ޢަމަލާއި، އެތެރެފުށާއި ބޭރުފުށުން، އަދި ހުރިހާ ކަމެއްގައި އެކަލާނގެ ރަސޫލާ މުޙައްމަދު عليه الصلاة والسلام ގެ ޝަރީޢަތުގައި ހިފެހެއްޓުމަށް އަހަރުމެންނަށް ތައުފީޤުދެއްވުމަށް އެދި ދަންނަވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެއީ އަހަރުމެން ﷲ ޖައްލަ ޖަލާލުހޫއާ ބައްދަލުވެއްޖައުމަށް ދާންދެނެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެ ވޮޑިގެންވާ އިލާހެވެ.

ﷲ ތަޢާލާ، އެކަލާނގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި، ޤިޔާމަތްދުވަހާ ހަމައަށް އެކަލޭގެފާނުގެ ތެދުމަގުން ތެދުމަގު ހޯދިހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

 

وصلى الله وسلم على عبده ورسوله محمد وآله وصحبه ومن اهتدى بهداه إلى يوم الدين.

 

 

***

 

 

dv397v4.0 - 17/08/2026