حكم السحر والكهانة وما يتعلق بها (ديفهي)

  • earth ބަސް
    (ديفهي)
  • earth ލިޔުއްވީ::
    الشيخ عبد العزيز بن عبد الله بن باز
PHPWord

 

 

حُكْمُ السِّحْرِ وَالكِهَانَةِ

وَمَا يَتَعَلَّقُ بِهَا

 

ސިޙުރާއި ކަހީނުކަމުގެ ޙުކުމާއި އެއާ ގުޅިފައިވާ ކަންކަން

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ނުވަވަނަ ރިސާލާ:

ސިޙުރާއި ކަހީނުކަމުގެ ޙުކުމާއި އެއާ ގުޅިފައިވާ ކަންކަން1

ޙަމްދުހުރީ އެއްކައުވަންތަ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެކަލޭގެފާނަށްފަހު އެހެން ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އެއަށްފަހު ދަންނައެވެ:

މިހާރަކަށް އައިސް ޑޮކްޓަރީކަމަށް ދަޢުވާކުރާ މީހުންގެ ތެރޭގައި ސިޙުރުވެރިން ގިނަކަމަށް ފެނި، އަދި ސިޙުރުވެރިކަން ނުވަތަ ކަހީނުކަމުން ލާފައި އެމީހުން ފަރުވާކޮށް، އަދި ބައެއް ބިންތަކުގައި އެމީހުން ފެތުރި، އަދި ޖާހިލުކަން ގަދަވެފައިވާ ބައެއް ރޯނުފިލާ ޢާއްމުން އެމީހުން ވާވައްދައިގެން އުޅޭތީވެ؛ ﷲ އާއި އެކަލާނގެ އަޅުތަކުންނަށް އިޚްލާޞްތެރިވެ ނަޞޭޙަތްތެރިވުމުގެ ބާބުން؛ އެކަމުގައި އިސްލާމްދީނަށާއި މުސްލިމުންގެ މައްޗަށް ހުރި ބޮޑުވެގެންވާ ނުރައްކާ ބަޔާންކޮށްދިނުމަށް އަހަރެންނަށް ފެނުނެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ގުޅި ބަރޯސާވުމާއި، އެކަލާނގެ އަމުރުފުޅާއި އެކަލާނގެ ރަސޫލާ ﷺގެ އަމުރުފުޅާ ޚިލާފުވުން އެކަމުގައި ވާކަމަށްޓަކައިއެވެ.

އެގޮތުން ﷲ ތަޢާލާގެ ޙަޟްރަތުން އެހީ ހޯދާޙާލު އަހަރެން ބުނަމެވެ: ބޭސްފަރުވާ ކުރުމަކީ އިއްތިފާޤުން ހުއްދަ ކަމެކެވެ. މުސްލިމްމީހާ؛ އެތެރެހަށީގެ ބަލިތައް ބަލާ ޑޮކްޓަރެއް ގާތަށް، ނުވަތަ އޮޕަރޭޝަނާ، ނުވަތަ ނާރުތަކާ ބެހޭ، ނުވަތަ އެނޫންވެސް އެފަދަ ޑޮކްޓަރެއްގެ ގާތަށް އޭނާގެ ބަލި ބަލާ، އަދި އެއާ މުނާސަބުވާ، އަދި ޑޮކްޓަރީ ޢިލްމުގައި އެނގިފައިވާ މިންވަރަކުން ޝަރުޢީގޮތުން ހުއްދަވެގެންވާ ބޭސްތަކުން ފަރުވާކުރަން ހަމަ ދާންވީއެވެ. އެހެނީ އެއީ ޢާދައިގެ މައްޗަށްވާ ސަބަބުތަކުގައި ހިފުމުގެ ބާބުގައިވާ ކަމެކެވެ. އަދި ﷲ އަށް ވަކީލުކުރުން އެކަން ނަފީ ނުކުރެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަލިމަޑުކަން ބާވައިލެއްވިއެވެ. އަދި އެއާއެކު އޭގެ ފަރުވާވެސް ބާވައިލެއްވިއެވެ. އެނގުނު މީހަކަށް އެ ފަރުވާ އެނގެއެވެ. އަދި ނޭނގުނު މީހަކަށް ނޭނގުނީއެވެ. ނަމަވެސް އަޅުތަކުންނަށް އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަމެއްގައި، އެކަލާނގެ އެމީހުންނަށް ޝިފާ ލައްވާފައި ނުވެއެވެ.

އެގޮތުން ޣައިބުގެ ކަންކަން އެނގޭކަމަށް ދަޢުވާކުރާ ކާހިނުންގެ ގާތަށް؛ ޖެހިފައިވާ ބަލި ދެނެގަތުމަށްޓަކައި ދިޔުން ބަލިމީހާއަށް ހުއްދަވެގެން ނުވެއެވެ. އެފަދައިންމެ، އެމީހުން ޚަބަރުދޭ ކަންކަން ތެދުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނީ އެމީހުންނީ ހީއަކަށް ޣައިބުގެ ވާހަކަތައް ދައްކާ، ނުވަތަ އެމީހުން ބޭނުންވާ ކަންތަކަށް އެހީހޯދަން ޖިންނިން ގެނެސް އުޅޭ ބައެކެވެ. މިވެރިން ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކޮށްފިނަމަ މި މީހުންގެ ޙުކުމަކީ ކާފަރުވެ މަގުފުރެދިގެންވުމެވެ.

މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ:

«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَوْمًا».

"ޢައްރާފެއް (ކަހީނެއް ނުވަތަ އަތްބަލާ މީހެއް) ގެ ގާތަށް ގޮސް، ކަމަކާމެދު އޭނާގެ ގާތުން ސުވާލުކޮށްފި މީހާ؛ ސާޅީސް ދުވަހުގެ ނަމާދު އޭނާގެ ކިބައިން ޤަބޫލު ނުކުރެވޭހުއްޓެވެ."

އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވުނެވެ:

«مَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».

"ކާހިނެއްގެ ގާތަށް ގޮސް، ދެން އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ ހަމަކަށަވަރުން މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ. އަދި ހަތަރު ސުނަނުގެ އަހުލުވެރިން (އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާ) އެ ޙަދީޘް ނެރުއްވިއެވެ. އަދި އަލްޙާކިމު، ނަބިއްޔާ ﷺގެ އަރިހުން މި ލަފްޒުން ޞައްޙަކުރެއްވިއެވެ:

«مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».

"ޢައްރާފެއް (ފާލުބަލާ، ރަމަލުޖަހާ ބުރަންމާނިއެއް) ނުވަތަ ކާހިނެއްގެ ގާތަށް ގޮސް، ދެން އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ ހަމަކަށަވަރުން މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ."

އަދި ޢިމްރާނު ބްނު ޙުޞައިނު رضي الله عنه ވިދާޅުވިކަމަށް ރިވާކުރެވުނެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

«لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ، أَوْ سَحَرَ أَوْ سُحِرَ لَهُ، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».

"ސުންޕާކަމެއްކަމުގައި ބަލައިފި ނުވަތަ އެމީހަކަށް ސުންޕާކަން ހުރިތޯ ބަލައިދެވޭ މީހާ، ނުވަތަ ކަހީނުކަންކޮށް ނުވަތަ އެމީހަކަށް ކަހީނުކަން ބަލައިދެވޭ މީހާ، ނުވަތަ ސިޙުރުހަދާ ނުވަތަ އެމީހަކަށްޓަކައި ސިޙުރު ހަދައިދެވޭ މީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ. އަދި ކާހިނެއްގެ ގާތަށް ގޮސް، އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ މުޙައްމަދު ﷺގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ." އަލްބައްޒާރު، ރަނގަޅު އިސްނާދަކުން މި ހަދިޘް ރިވާކުރެއްވިއެވެ.

މި ޝަރަފުވެރި ޙަދީޘްތަކުގައި އެވަނީ: ފާލުބަލާ މީހުންނާއި، ކާހިނުންނާއި، ސިޙުރުވެރިންނާއި އެފަދަ މީހުންގެ ގާތަށް ދިޔުމާއި، އެމީހުންގެ ގާތުން ސުވާލުކޮށް އެމީހުން ތެދުކުރުން ނަހީކުރެވިގެންނެވެ. އަދި އެކަމުގެ މައްޗަށް ވަޢީދުގެ ބަސްވެސް އެވަނީއެވެ.

އެހެންކަމުން ބައެއް ކަންކަމުގައި އެމީހުން ތެދުހެދިކަމަށްޓަކައި (ނުވަތަ އެމީހުން ބުނި ބަސް ތެދުވިކަމަށްޓަކައި)، އަދި މީސްތަކުންގެ ތެރެއިން އެމީހުންގެ ގާތަށް ދާ މީހުންގެ ގިނަކަމާހުރެވެސް ކެހީގައި ޖެހި ހެއްލިދިޔުން ހުއްދަވެގެން ނުވެއެވެ. ފަހެ އެމީހުންނީ ޖާހިލުންނެވެ. އެމީހުންނާހުރެ މީސްތަކުން ހެއްލުންތެރިވެގެން ނުވާނެއެވެ. އެހެނީ ރަސޫލާ ﷺ ވަނީ އެވެރިންގެ ގާތަށް ދިޔުމާއި، އެވެރިންގެ ގާތުން ސުވާލުކޮށް އެހުމާއި، ތެދުކުރުންވެސް ނަހީކުރައްވާފައިއެވެ. އެއީ އެކަމުގައިވާ ބޮޑުވެގެންވާ މުންކަރާތަށްޓަކައިއެވެ. އަދި ބޮޑުވެގެންވާ ނުރައްކަލާއި ނުބައި ނަތީޖާތަކަށްޓަކައިއެވެ. އެހެނީ އެމީހުންނީ ފާޖިރު ދޮގުވެރިންނެވެ.

އެފަދައިންމެ މި ޙަދީޘްތަކުގައި: ކާހިނުންނާއި ސިޙުރުވެރިން ކާފަރުވެގެންވާކަމަށް ދަލީލުވެއެވެ. އެއީ އެމީހުން ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރުމުންނެވެ. އަދި އެއީ ކުފުރެކެވެ. އަދި އެއީ، ޖިންނީންނަށް ޚިދުމަތްކޮށް، ﷲ ފިޔަވައި ޖިންނީންނަށް އަޅުކަންކޮށްގެން މެނުވީ އެމީހުންގެ މަޤްޞަދަށް ވާޞިލުނުވާތީއެވެ. އެއީ ﷲ އަށް ކާފަރުވެ، އަދި އެކަލާނގެ ސުބްޙާނަހޫ އާ ޝިރުކު ކުރުމެވެ. އަދި އެމީހުންނަށް ޣައިބު އެނގޭކަމަށް ކުރާ ދަޢުވާގައި އެމީހުން ތެދުކުރާ މީހާވެސްވަނީ އެމީހުން ފަދައިންނެވެ. އަދި މިހިރަ ކަންކަންކުރާ މީހުންގެ ކިބައިން މި ކަންކަން ނަގައިގަނެފި ކޮންމެ މީހަކު؛ ފަހެ ﷲ ގެ ރަސޫލާ ﷺ ވަނީ އެމީހެއްގެ ކިބައިން ބަރީއަވެވަޑައިގެންނެވެ.

އެފަދައިންމެ، އެމީހުން ފަރުވާއެއްކަމަށް ދަޢުވާކުރާ ކަންކަމަށް މުސްލިމްމީހާ ބޯލެނބުން ހުއްދަވެގެން ނުވެއެވެ. އެއީ އެމީހުން ކުރަހާ، ޖަހާ އަކަތައް ނުވަތަ ތިމަރަ އެޅުމާއި، އަދިވެސް އެމީހުން ކުރަމުންދާ އެފަދަ ޚުރާފީ ކަންކަމެވެ. ފަހެ މި ކަންކަމީ ކަހީނުކަމުގެ ތެރެއިންވާ، އަދި މީސްތަކުންނަށް އޮޅުވާލުމުގެ ތެރެއިންވާ ކަންކަމެވެ. އަދި އެކަމަށް ރުހިއްޖެ މީހާ؛ ފަހެ އެމީހުންގެ ބާޠިލާއި ކުފުރުގެ މައްޗަށް އެހީވެއްޖެއެވެ.

އެފަދައިންމެ، މުސްލިމުންގެ ތެރެއިން އެއްވެސް މީހަކު އެމީހުންގެ ގާތަށް ދިޔުން ހުއްދަވެގެން ނުވެއެވެ. އެއީ އެމީހެއްގެ ދަރިފުޅު ނުވަތަ ތިމާގެ މީހާ ކައިވެނިކުރާނީ ކާކާތޯ އެހުމަށްޓަކައި، ނުވަތަ ދެމަފިރިންނާއި ދެމަފިރިންގެ ޢާއިލާގެ ދެމެދުގައިވާ ލޯތްބާއި ވަފާތެރިކަން، ނުވަތަ ޢަދާވާތްތެރިކަމާއި ވަކިވުމާއި އެފަދަ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށްޓަކައިއެވެ. އެހެނީ މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މެނުވީ އެނގިވޮޑިގެންނުވާ ޣައިބުގެ ތެރެއިންވާ ކަންކަމެވެ.

ފަހެ ވެރިންނާއި، ޙިސްބާގެ އަހުލުވެރިން (އަމްރު މަޢުރޫފު ހިންގާ މީހުން) އަދި އެނޫންވެސް ކުޅަދާނަކަމާއި ބާރު ލިބިގެންވާ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ: ކާހިނުންނާއި ފާލުބަލާ މީހުންނާއި އެފަދަ މީހުންގެ ގާތަށް މީހުން ދިޔުމަށް އިންކާރުކޮށް، އަދި ބާޒާރުތަކާއި އެހެން ތަންތާގައިވެސް އެއިން ކަމެއް ކުރާ މީހެއް މަނާކޮށް ހުއްޓުވާ، އަދި އެންމެ ގަދައަށް އެމީހުންނަށް އިންކާރުކޮށް، އަދި އެމީހުންގެ ގާތަށް ދާ މީހުންނަށްވެސް އިންކާރު ކުރުމެވެ.

އަދި ސިޙުރުވެސް ވަނީ މިފަދައިންނެވެ. އެހެނީ ސިޙުރަކީ ކާފަރުވާ ޙަރާމް ކަންތަކުގެ ތެރެއިންވާ ކަމެކެވެ. ދެ މަލާއިކަތުންނާއި ބެހޭގޮތުން ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ފަދައިންނެވެ:

﴿...وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ﴾

(...ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ އިމްތިޙާނެއް) ފިތުނައެއް ކަމުގައޭ، ފަހެ (ސިހުރު ދަސްކޮށްގެން) ކާފަރު ނުވާށޭ ވިދާޅުވެފައި (ނަސޭހަތް ދެއްވުމަށް ފަހުގައި) މެނުވީ އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން (ސިހުރު) އުނގަންނަވައި ނުދެއްވައެވެ. ފަހެ އެ ދެ ބޭކަލުންގެ އަރިހުން އެބައިމީހުން އުނގެނި އުޅުނީ (ސިހުރު ބޭނުންކޮށްގެން) މީހަކާއި އެމީހެއްގެ އަނބިމީހާއާ ދެމެދު (ރުޅިވެރިކަން އުފައްދާ) ދުރުކުރުވާނޭ ގޮތެވެ. ﷲގެ އިޒުނަފުޅާ އެކުގައި މެނުވީ އެބައިމީހުންނަށް އެއްވެސް މީހަކަށް އެއިން ގެއްލުމެއް ނުދެވޭނެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. އަދި އެ ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ. އަދި ހަމަކަށަވަރުން އެބައިމީހުންގެ ނަފުސުތައް އެ އެއްޗަކަށް ވިއްކައިލި އެއްޗެއްގެ ނުބައިކަމުގެ ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައިވި ނަމައެވެ.) [އަލްބަޤަރާ: 102]

މި މާތްވެގެންވާ އާޔަތްތަކުން ދަލީލުކުރީ: ސިޙުރަކީ ކުފުރެއްކަމަށެވެ. އަދި ސިޙުރުވެރިންނަކީ މީހާއާ އޭނާގެ އަނބިމީހާ ވަކިކުރާ ބައެއް ކަމުގައިއެވެ. ހަމައެފަދައިން، ސިޙުރަކީ އޭގެ ޒާތުގައި ފައިދާއެއް އަދި ގެއްލުމަކުންވެސް އަސަރުކުރުވާ އެއްޗެއް ނޫންކަމާއި، އެއިން އަސަރުކުރަނީ ﷲ ގެ ކައުނީ ޤަދަރުގެ އިޛްނަފުޅުންކަމުގައި ކަން ދަލީލުކުރިއެވެ. އެހެނީ ހެވާއި ނުބައި އުފެއްދެވި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

އޭގެ އިތުރުން މި މާތް އާޔަތުން ދަލީލުކުރީ: ސިޙުރު އުނގެނި ދަސްކުރާ މީހުން އެ އުނގެނޭކަން ކަށަވަރީ އެމިހުންނަށް ފައިދާއެއް ނުކުރާ އެކަމަކު ގެއްލުންލިބޭ އެއްޗެއް ކަމުގައިއެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެމީހުންނަށް އެއްވެސް ނަޞީބެއް ނުވާކަމެވެ. މިއީ ދުނިޔެއާއި އާޚިރަތުގައި އެމީހުން ގެއްލެނިވުން ބޮޑުވެގެންވާކަމަށާއި، އަދި އެންމެ އަގުދެރަ އެއްޗަކަށް އެމީހުންގެ ނަފްސުތައް ވިއްކާލިކަމަށް ދަލީލުކުރާ ވަރުގަދަ ވަޢީދުގެ ބަސްފުޅެކެވެ. މިހެންވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގެ މައްޗަށް އެމީހުން ނުބައިކުރައްވާ ބަސްވަޙީކުރެއްވިއެވެ:

﴿...وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ﴾

(...އަދި ހަމަކަށަވަރުން އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް ވިއްކައިލި އެއްޗެއްގެ ނުބައިކަމުގެ ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައިވި ނަމައެވެ.) [އަލްބަޤަރާ: 102] މި ތަނުގައި الشراء ގެ މާނައަކީ ވިއްކާލުމެވެ.

މުޝްރިކުންގެ ކިބައިން މިހިރަ ޢިލްމުތައް ވާރުތަކޮށް، ބުއްދި ބަލިކަށި މީހުންނަށް އެއިން އޮޅުވާލި މިތިބަ ބުހުތާނުވެރިންނާހުރެ ގެއްލުން ބޮޑުވެ، ކަންކަންވަނީ ބޮއްސުން ލާފައިއެވެ. إنا لله وإنا إليه راجعون، وحسبنا الله ونعم الوكيل (އަޅަމެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީ އެކަލާނގެ ޙަޟްރަތަށެވެ. އަދި ﷲ އަޅަމެންނަށް ފުދެއެވެ. ވަކީލަކުކަމުގައި އެކަލާނގެ ހެޔޮކަމާއެވެ.)

ސިޙުރުވެރިންނާއި، ކާހިނުންނާއި އެންމެހާ ހާހޫރަވެރިންގެ ނުބައިކަމުން ސަލާމަތާއި ޢާފިޔަތު ދެއްވުމަށް އަހަރުމެން ﷲ ގެ ޙަޟްރަތުން އެދެމެވެ. އަދި އެމީހުންގެ ނުބައިކަމުން މުސްލިމުން ރައްކާތެރިކޮށްދެއްވާ، އަދި އެމީހުންނާމެދު ހުށިޔާރުވެ އިންޛާރުކުރުވުމަށް، އަދި އެމީހުންނާމެދު ﷲ ގެ ޙުކުމްފުޅު ތަންފީޒުކުރުމަށް މުސްލިމު ވެރިންނަށް ތައުފީޤުދެއްވުމަށް އެކަލާނގެ ޙަޟްރަތަށް އެދި ދަންނަވަމެވެ. އެއީ އެމީހުންގެ ގެއްލުމާއި، ނުބައި ޢަމަލުތަކުން އަޅުތަކުން ސަލާމަތްވެ ރާޙަތު ލިބިގެންދިޔުމަށެވެ....ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތް އޯގާވަންތަ އިލާހެވެ.

ސިޙުރުގެ ނުބައިކަން ދިމާވުމުގެ ކުރިން އެއިން ރައްކާތެރިވާނޭ ގޮތް، ﷲ ތަޢާލާވަނީ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކޮށްދެއްވާފައިއެވެ. އަދި ސިޙުރު ޖެހުމަށްފަހު އެއަށް ފަރުވާކުރާނޭ ގޮތްވެސް އެކަލާނގެ ސުބްޙާނަހޫ އެމީހުންނަށް ސާފުކޮށްދެއްވިއެވެ. އެއީ އެކަލާނގެ ޙަޟްރަތުން އެމީހުންނަށްވާ ރަޙްމަތެއްގެ ގޮތުންނާއި، އަދި އިޙްސާންތެެރިވެވޮޑިގަތުމެއްގެ ގޮތުންނާއި، އަދި އެމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރެއްވުމުގެ ގޮތުންނެވެ.

މިތަނުގައި މިވަނީ ސިޙުރު ޖެހުމުގެ ކުރިން އޭގެ ނުރައްކާއިން ރައްކާތެރިވާން ކުރާނޭ ކަންކަމާއި، އަދި ސިޙުރު ޖެހުމަށްފަހު އެއަށް ފަރުވާކުރުމަށް ކުރާނޭ ޝަރުޢީގޮތުން ހުއްދަ ކަންކަމުގެ ބަޔާނެކެވެ. އޭގެ ބަޔާންވަނީ އަންނަނިވި ގޮތަށެވެ:

ފުރަތަމައަށް: ސިޙުރު ޖެހުމުގެ ކުރިން އޭގެ ނުރައްކާއިން ރައްކާތެރިވުމަށް ކުރާނޭ ކަންކަން: އޭގެ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި ގޮތަކީ: ޝަރުޢީ ޛިކުރުތަކާއި، ވާރިދުވެގެން އައިސްފައިވާ ދުޢާތަކާއި ރައްކާތެރިވުމަށް އެދި ދަންނަވާ ޛިކުރުތަކުން ޙިމާޔަތް ލިބިގަތުމެވެ. އޭގެ ތެރޭގައި: އާޔަތުލް ކުރްސި -އެއީ ކީރިތި ޤުރްއާނުގައިވާ އެންމެ މާތް އާޔަތެވެ- މި އާޔަތް ކޮންމެ ފަރުޟު ނަމާދެއްގައި ސަލާމްދިނުމަށް ފަހު ކިޔެވުންވެއެވެ. އެ އާޔަތަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ:

﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ255﴾

(ﷲ އީ، އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާ ފަރާތެވެ. (އެއީ) ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާ އަދި ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނީ ކާކުހެއްޔެވެ! (އެބަހީ: އެއިލާހުގެ އިޛުނަފުޅާ ނުލާ އެއްވެސް ފަރާތަކަށް އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވޭނެއެވެ.) އެބައިމީހުންގެ ކުރިން އިސްވެގޮސްފައި ވާހާ ކަމަކާއި، އެބައިމީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިން އިރާދަކުރެއްވި މިންވަރެއް ފިޔަވާ އެބައިމީހުންނަކަށް އެނގިގެން ނުވެއެވެ. އެއިލާހުގެ ކުރުސިކޮޅު، އުޑުތަކާއި ބިމަށް ވުރެ ތަނަވަސްވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރެއްވުމުގައި އެއިލާހަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެ، މާތްވެގެންވާ އިލާހެވެ.) [އަލްބަޤަރާ: 255] އަދި ނިދާއިރުގައިވެސް އެ އާޔަތް ކިޔެވުމެވެ. އެގޮތުން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ:

«مَنْ قَرَأَ آيَةَ الْكُرْسِيِّ فِي لَيْلَةٍ، لَمْ يَزَلْ عَلَيْهِ مِنَ اللَّهِ حَافِظٌ، وَلَا يَقْرَبُهُ شَيْطَانٌ حَتَّى يُصْبِحَ».

"ރެޔެއްގައި އާޔަތުލް ކުރްސި ކިޔަވައިފި މީހާ؛ ﷲ ގެ ޙަޟްރަތުން ރައްކާތެރިކުރައްވާނެ ބޭކަލެއް އޭނާގެ މައްޗަށްވުން ފިލައިނުދާނެއެވެ. އަދި ފަތިސް ވެއްޖައުމަށް ދާންދެން ޝައިޠާނަކު އޭނާއާ ގާތްނުވާނެއެވެ."

އަދި އޭގެ ތެރޭގައި އަންނަނިވި ބައިތައް ކިޔެވުންވެއެވެ:

﴿قُلۡ هُوَ ٱللَّهُ أَحَدٌ1﴾

﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾

﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾

[އައްނާސް:1] މި ސޫރަތް ކިޔެވުންވެއެވެ. އެއީ ކޮންމެ ފަރުޟު ނަމާދެއް ފަހުގައިއެވެ. އަދި މި ތިން ސޫރަތް ދުވާލުގެ ކުރީކޮޅު، ފަތިސް ނަމާދަށް ފަހުގައި، އަދި ރޭގަނޑުގެ ކުރީކޮޅު، މަޣުރިބު ނަމާދަށް ފަހުގައި ތިން ފަހަރު ކިޔެވުމެވެ.

އަދި އޭގެ ތެރޭގައި: ރޭގަނޑުގެ ކުރީކޮޅުގައި އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތް ކިޔެވުންވެއެވެ. އެ ދެ އާޔަތަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ:

﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ285﴾

(ރަސޫލާއަށް، އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވުނު (ކޮންމެ) އެއްޗަކަށްމެ ރަސޫލާއާއި މުއުމިނުން އީމާންވެއެވެ. އެ އެންމެންމެ، ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި (ބާވައިލެއްވި) ފޮތްތަކާއި ފޮނުއްވި ރަސޫލުންނަށް އީމާންވެއެވެ. (އެބައިމީހުން ބުނެއެވެ.) ތިމަންމެން، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމެވެ. (އެބަހީ: ބައެއް ބޭކަލުންނަށް އީމާންވެފައި އަނެއްބައި ބޭކަލުންނަށް ކާފަރު ނުވަމެވެ.) އަދި އެބައިމީހުން ބުނެއެވެ. ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމެވެ. އަޅަމެންގެ ރައްބެވެ! އަޅަމެންގެ ފާފަފުއްސަވާށިއެވެ! އަދި އެނބުރި ދިއުންވަނީ އިބައިލާހުގެ ޙަޟްރަތަށެވެ.) އެހެން ގޮސް ސޫރަތް ނިމެންދެނެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވާ ބަސްފުޅަށްޓަކައިއެވެ:

«مَنْ قَرَأَ الآيَتَيْنِ مِنْ آخِرِ سُورَةِ البَقَرَةِ فِي لَيْلَةٍ كَفَتَاهُ».

"ރޭގަނޑެއްގައި، އަލްބަޤަރާ ސޫރަތުގެ އެންމެ ފަހުކޮޅުގެ ދެ އާޔަތް ކިޔަވައިފި މީހާ، އެ ދެ އާޔަތް އޭނާއަށް ފުދޭހުއްޓެވެ." އޭގެ މާނައަކީ -والله أعلم- އެ ދެ އާޔަތް، ކޮންމެ ނުބައިކަމަކުން އޭނާއަށް ފުއްދައިދޭނެއެވެ. އަދި އޭގެ ތެރޭގައި: ރެޔާއި ދުވާލު، އަދި ޢިމާރާތެއް ނުވަތަ ސަހަރާއެއް، ނުވަތަ ޖައްވުގައި ނުވަތަ ކަނޑުމަތީގައިވެސް ތަނަކަށް ފައިބާއިރު (ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެކަލާނގެ އުފެއްދެވި ކޮންމެ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވުމަށް) އެދުން ގިނަކުރުންވެއެވެ. އެއީ ނަބިއްޔާ ﷺގެ މިބަސްފުޅަށްޓަކައިއެވެ:

«مَن نَزَلَ مَنْزِلًا فَقالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ، لَمْ يَضُرَّهُ شَيءٌ حتَّى يَرْتَحِلَ مِن مَنْزِلِهِ ذَلِكَ».

"ތަނަކަށް ފޭބުމަށްފަހު، ދެން: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ (ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެކަލާނގެ ޚަލްޤުކުރެއްވި ކޮންމެ ނުބަޔަކުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ.) މިހެން ކިޔައިފި މީހާ؛ އޭނާގެ އެ މަންޒިލުން ގޮސްފުމަށް ދާންދެން އެއްވެސް އެއްޗަކަށް އޭނާއަށް ގެއްލުމެއް ނުދެވޭނެއެވެ."

އަދިވެސް އޭގެ ތެރޭގައި: މުސްލިމްއަޅާ، ދުވާލުގެ ކުރީކޮޅާއި، ރޭގަނޑުގެ ކުރީކޮޅު ތިން ފަހަރު މިހެން ކިޔުންވެއެވެ:

«بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ».

(ﷲ ގެ އިސްމުފުޅާއިއެކު، ބިމުގައި އަދި އުޑުގައިވެސް އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެ އެކަލާނގެ އިސްމުފުޅުން އެހީއާއި ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެއީ (އެންމެމޮޅަށް) އައްސަވާވޮޑިގެންވާ އަދި (އެންމެމޮޅަށް) ދެނެވޮޑިގެންވާ އިލާހެވެ.)

އެއީ ﷲ ގެ ރަސޫލާ ﷺގެ އަރިހުން އެގޮތަށް ބާރުއަޅުއްވާފައިވުން ޞައްޙަވެގެންވާތީއެވެ. އަދި އެއީ ކޮންމެ ނުބައިކަމަކުން ސަލާމަތްވުމަށްވާ ސަބަބެކެވެ.

ދެވަނައަށް: ސިޙުރު ޖެހުމަށްފަހު އެއަށް ފަރުވާކުރާނޭ ގޮތް: މިކަންވެސް ވަނީ އެކި ކަންކަމުންނެވެ:

ފުރަތަމައީ: ﷲ ގެ ޙަޟްރަތަށް ނިކަމެތިވުން ގިނަކޮށް، ގެއްލުން ދުރުކޮށްދެއްވާ، ދަތިކަން ފިއްލެވުމަށް އެކަލާނގެ ޙަޟްރަތަށް އެދި ދެންނެވުމެވެ.

ދެވަނައީ: ބިމެއްގައި ނުވަތަ ފަރުބަދައެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި އެ ސިޙުރު އޮތްތަނެއް ދެނެގަތުމަށް ގަދަޔަށް މަސައްކަތްކުރުމެވެ. ދެންފަހެ އެ އޮތްތަނެއް އެނގި، އެ އެއްޗެއް ނެރެވި ހަލާކުކޮށްލެވިއްޖެނަމަ؛ ސިޙުރު ބާޠިލުވެއެވެ. މިއީ ސިޙުރަށް ކުރެވޭނެ އެންމެ ފައިދާހުރި އެއް ފަރުވާއެވެ.

ތިންވަނައީ: ޛިކުރުތަކާއި ޝަރުޢީ ވިރުދުތަކުން ރުޤްޔާކުރުމެވެ. އެތަކެތި ގިނަވެގެންވެއެވެ. އޭގެ ތެރޭގައި:

ﷲ ގެ ރަސޫލާ ﷺގެ އަރިހުން ޘާބިތުވެގެންވާ މި ދުޢާއެވެ:

«اللَّهُمَّ رَبَّ النَّاسِ، أَذْهِبِ الْبَأْسَ، وَاشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا».

(އޭ ﷲ އެވެ! މީސްތަކުންގެ ވެރި ރައްބެވެ! ދަތި އުނދަގޫކަން ފިއްލަވާށިއެވެ. އަދި ޝިފާދެއްވާށިއެވެ. ޝިފާދެއްވަނީ އިބައިލާހެވެ. އިބައިލާހުގެ ޝިފާ ފިޔަވައި އެހެން ޝިފާއެއް ނުވެއެވެ. ބައްޔެއް ފަހަތަށް ދޫނުކުރާ ޝިފާއަކުން (ފުރިހަމަ ޝިފާދެއްވާށިއެވެ.) ) ތިންފަހަރު އެހެން ކިޔާނީއެވެ.

އަދިވެސް އޭގެ ތެރޭގައި: ޖިބްރާއީލުގެފާނު ނަބިއްޔާ ﷺ އަށް އެއިން ރުޤްޔާކުރެއްވި ރުޤްޔާވެއެވެ. އެއީ އެކަލޭގެފާނު މި ބަސްފުޅެވެ:

«بِسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، وَمِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللَّهُ يَشْفِيكَ، بِسْمِ اللَّهِ أَرْقِيكَ»

(ﷲ ގެ އިސްމުޅުން އަހަރެން ތިބާއަށް ރުޤްޔާކުރަމެވެ. ތިބާއަށް ގެއްލުންވެ ތުރާވާ ކޮންމެ ކަމަކުންނެވެ. އަދި ކޮންމެ ނަފްސެއް ނުވަތަ ޙަސަދަވެރި ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ތިބާއަށް ޝިފާދެއްވާށިއެވެ. ﷲ ގެ އިސްމުފުޅުން އަހަރެން ތިބާއަށް ރުޤްޔާކުރަމެވެ.) ތިން ފަހަރު އެ ޛިކުރު ތަކުރާރު ކުރާނީއެވެ.

އަދިވެސް އޭގެ ތެރޭގައި -އަދި މިއީ ފިިރިހެނާ އޭނާގެ އަނބިމީހާއާ ޖިމާޢުވުމުން ހިފެހެއްޓި ހުރަސްއެޅިއްޖެނަމަ ފައިދާހުރި ފަރުވާއެކެވެ- އެއީ: ފެހި ކުންނާރު ފަތުން ހަތް ފަތް ނަގާ، ދެން ހިލަޔަކުން ނުވަތަ އެފަދަ އެއްޗަކުން ހިމުންކޮށް ފުނޑާލާފައި، ކަންވާރަކަށް އަޅާލާފައި، ދެން ފެންވަރަން ފުދޭނެވަރަށް އޭގެ ތެރެއަށް ފެން އަޅާފައި، އެއަށް މި ތަންތަން ކިޔެވުމެވެ:

އާޔަތުލް ކުރްސި އަދި

﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ1﴾ [އަލްކާފިރޫން:1] ސޫރަތް، އަދި

﴿قُلۡ هُوَ ٱللَّهُ أَحَدٌ1﴾ [އަލްއިޚްލާޞް:1]، މި ސޫރަތް އަދި

﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾ [އަލްފަލަޤް: 1]، މި ސޫރަތް އަދި

﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾ [އައްނާސް:1] މި ސޫރަތް،

އަދި އަލްއަޢުރާފު ސޫރަތުގައިވާ ސިޙުރުގެ އާޔަތްތަކެވެ. އެއީ ﷲ ތަޢާލާގެ މި ބަސްފުޅުތަކެވެ:

﴿وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ117 فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ118 فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ119﴾

(ތިމަން އިލާހު މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެ މީހުން ދޮގުން ހަދާގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.)

(ދެން ޙައްޤު ތެދު ފާޅުވިއެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތައް ބާޠިލު ވެގެން ހިނގައްޖެއެވެ.)

(ފަހެ އެ ތާނގައި އެ މީހުން ދެރަވެ ބަލިވެއްޖެއެވެ. އަދި އެ މީހުން ނިކަމެތީންކަމުގައި ވެގެންދިޔައެވެ.) [އަލްއަޢުރާފު : 117-119]

އަދި ޔޫނުސް ސޫރަތުގައިވާ އާޔަތްތައްވެސްމެއެވެ. އެއީ އެކަލާނގެ މި ބަސްފުޅުތަކެވެ:

﴿وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ79 فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ80 فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ81 وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ82﴾

(އަދި ފިރްޢައުނު ބުންޏެވެ. މޮޅަށް ދަންނަ ކޮންމެ ސިޙުރުވެރިޔަކު ތިމަންގެ ގާތަށް ކަލޭމެން ގެންނާށެވެ.)

(ދެން އެ ސިޙުރުވެރިން އައި ހިނދު އެ މީހުންނަށް މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން (ސިޙުރު ހަދަން) އުކަންހުރި އެއްޗެއްވިއްޔާ އުކާބަލާށެވެ.)

(ދެންފަހެ އެ މީހުން (އެ ތަކެތި) އުކިހިނދު، މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން ތިޔަ ގެނައި ސިޙުރެއް، ހަމަކަށަވަރުން ﷲ، އެ ބާޠިލު ކުރައްވާނެއެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންގެ ޢަމަލު، ﷲ އިޞްލާޙެއް ނުކުރައްވާހުއްޓެވެ.)

(އަދި ﷲ އެ އިލާހުގެ ކަލިމަފުޅުތަކުން ޙައްޤު، ޘާބިތުކުރައްވާ ޙައްޤުކުރައްވާނެއެވެ. މުޖުރިމުން ކިތަންމެ ނުރުހުނަސްމެއެވެ.)

[ޔޫނުސް: 79-82]

އަދި ޠާހާ ސޫރަތުގައިވާ އާޔަތްތައްވެސްމެއެވެ:

﴿قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ65 قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ66 فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ67 قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ68 وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ69﴾

(އެ މީހުން ބުނެފިއެވެ. އޭ މޫސާއެވެ. އެއްގޮތަކީ ތިބާ އެންމެ ފުރަތަމަ އެއްލުމެވެ. އަނެއްގޮތަކީ އެންމެ ފުރަތަމަ އެއްލާބަޔަކީ ތިމަންމެން ކަމުގައިވުމެވެ.)

(އެކަލޭގެފާނު ވިދާޅުވިއެވެ: ކިއެއްތަ، ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ދެން (އެ މީހުން އެއްލިހިނދު) އެހާރުން އެ މީހުންގެ ވާބުރިތަކާއި، އަސާތައް އެ މީހުންގެ ސިޙުރުގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.)

(ދެންފަހެ މޫސާގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ.)

(ތިމަން އިލާހު ވަހީ ކުރެއްވީމެވެ: ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން (ކާމިޔާބު ލިބި) އެންމެ މަތިވެރި ވާނީ ހަމަ ކަލޭގެފާނެވެ.)

(އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ. އޭރުން، އެ އަސާ އެ މީހުން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން އެ މީހުން ހެދި އެއްޗެހި ވާކަން ކަށަވަރީ ސިޙުރުވެރިޔެއްގެ މަކަރު ކަމުގައެވެ. އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.)

[ޠާހާ: 65-69]

އިސްވެދިޔަ ތަންތަން އެ ފެނަށް ކިޔެވުމަށްފަހު، ދެން ތިން ކޯވަރު އެއިން ބޮއެލައި، އަނެއްބައިން ފެންވަރާނީއެވެ. ﷲ އިރާދަކުރެއްވިއްޔާ އެއިން އެ ބަލިމަޑުކަން ފިލައިދާނެއެވެ. އަދި ދެ ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އެ ބޭނުންކުރުމަށް ޙާޖަތް ޖެހިއްޖެއްނަމަ، ބަލި ފިލައިދަންދެން ހަމަ ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ.

މި ޛިކުރުތަކާއި، ރައްކާތެރިކަމަށް ކިޔާ ދުޢާތަކާއި، މި ގޮތްތަކަކީ ސިޙުރުގެ ނުބައިކަމާއި އެނޫންވެސް ނުބައިތަކުން ރައްކާތެރިވުމަށްވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި ސިޙުރު ޖެހުމަށްފަހު އެ ފިލުވާލަން ބޭނުންކުރެވޭނެ އެންމެ ބޮޑު ހަތިޔާރަކީވެސް އެޔެވެ. އެއީ ތެދުވެރިކަމާއި އީމާންކަމާއި، ﷲ އަށް އިތުބާރުކޮށް އެކަލާނގެއަށް ބަރޯސާވުމާއެކު، އަދި އެ އާޔަތްތަކާއި ޛިކުރުތަކުން ދަލީލުކުރި ކަންކަމަށް މޭ ތަނަވަސްވެގެންވުމާއެކު އެ ޛިކުރުތަކަށް ރައްކާތެރިވެއްޖެ މީހަކަށެވެ.

ސިޙުރުން ރައްކާތެރިވުމަށާއި، އެއަށް ފަރުވާކުރުމުގައި ކުރެވޭނެ ކަންކަމުން ބަޔާންކުރަން ފަސޭހަވި މިންވަރަކީ މިއެވެ. ތައުފީޤުދެއްވުމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.

އަދި މިތަނުގައި މުހިއްމު މައްސަލައެއް އާދެއެވެ. އެއީ، ސިޙުރުވެރިން ކުރާ ކަންކަން ކޮށްގެން ސިޙުރަށް ފަރުވާކުރުމެވެ. އެއީ ޖިންނީންނަށް ޤުރުބާން ކޮށްގެން އަދި އެނޫންވެސް އެތަކެއްޗާ ކުއްތަންވުމަށް ކުރެވޭ ކަންކަން މެދުވެރިކޮށެވެ. ފަހެ މިކަން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ޝައިޠާނާގެ ޢަމަލެކެވެ. އަދި ކިއެއްތަ، އެއީ ބޮޑު ޝިރުކެކެވެ. އެފަދައިންމެ، ކާހިނުންނާއި، ފާލުބަލާ މީހުންނާއި، ކިޔެވެލިކިޔަވާ ފަންޑިތަވެރިންގެ ގާތުން އެހީއަށްއެދި، އަދި އެމީހުން ބުނާގޮތަށް ހަދައިގެން އެއަށް ފަރުވާކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނީ އެމީހުންނީ އިތުބާރުކުރެވޭ ބައެއް ނޫނެވެ. އަދި އެމީހުންނީ ޣައިބުގެ ޢިލްމަށް ދަޢުވާކޮށް، މީސްތަކުންނަށް އޮޅުވާލާ ދޮގުވެރި ނުބައި ފާޖިރުންތަކެކެވެ. ރަސޫލާ ﷺ ވަނީ އެމީހުންގެ ގާތަށް ދިޔުމާއި، އެމީހުންގެ ގާތުން ސުވާލުކުރުމާއި، އެމީހުން ތެދުކުރުމާމެދު އިންޛާރުދެއްވާފައިއެވެ. އެއީ މި ރިސާލާގެ ކުރީކޮޅުގައި އެކަން އިސްވެ ބަޔާންވި ފަދައިންނެވެ. އެހެންކަމުން ވާޖިބުވެގެންވަނީ އެކަމުން ދުރުވެ ހުށިޔާރުވުމެވެ. ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން "ނުޝްރާ" (ފަންޑިތަ ބޭނުންކޮށްގެން ސިޙުރަށް ފަރުވާކުރުމާމެދު) ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ:

«هِيَ مِنْ عَمَلِ الشَّيْطَانِ».

"އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ." މި ހަދީޘް، އިމާމް އަޙްމަދާއި އަބޫ ދާވޫދު، ރަނގަޅު އިސްނާދަކުން ރިވާކުރެއްވިއެވެ.

'ނުޝްރާ' އަކީ: ސިޙުރުޖެހިފައިވާ މީހާގެ ކިބައިން ސިޙުރު މޮހައިލާ ޙައްލުކުރުމެވެ. އެކަލޭގެފާނު ﷺ ގެ މިބަސްފުޅުގެ މުރާދަކީ: ޖާހިލިއްޔަތުގެ އަހުލުވެރިން ކުރަމުންދިޔަ ނުޝްރާގެ ޢަމަލެވެ. އެއީ: ސިޙުރު މޮހައިލުމަށްޓަކައި ސިޙުރުވެރިޔާގެ ގާތުގައި އެދުމެވެ. ނުވަތަ އެހެން ސިޙުރުވެރިއެއް ލައްވާ ހަމަ އެފަދަ ސިޙުރަކުން އެ ސިޙުރު މޮހައިލުމެވެ.

ދެންފަހެ ރުޤްޔާ ކޮށްގެންނާއި، ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވާ ޝަރުޢީ ޛިކުރުތަކާއި، ހުއްދަ ބޭސްތަކުން ސިޙުރު މޮހެައިލުމަކީ، އިސްވެދިޔަ ފަދައިން އޭގައި މައްސަލައެއް އޮތް ކަމެއްނޫނެވެ. އަލްޢައްލާމާ އިބްނުލް ޤައްޔިމު އާއި، އައްޝެއިޚު ޢަބްދުއް ރަޙްމާނު ބްނު ޙަސަނު رحمهما الله ފަތުޙުލް މަޖީދު ފޮތުގައި ވަނީ އެކަމަށް ނައްޞުކުރައްވާ ވިދާޅުވެފައިއެވެ. އަދި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެހެން ބޭކަލުންވެސްވަނީ އެގޮތަށް ވިދާޅުވެފައިއެވެ.

މުސްލިމުންނަށް ކޮންމެ ނުބަޔަކުން ޢާފިޔަތާއި ސަލާމަތްކަމަށް ތައުފީޤުދެއްވާ، އަދި އެމީހުންގެ ދީން އެމީހުންނަށް ރައްކާތެރިކޮށްދެއްވާ، ދީނުގައި ފިޤުހުވެރިކަން ދެއްވާ، އަދި ޝަރުޢާ ޚިލާފުވެގެންވާ ކޮންމެ ކަމަކުން ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ.

ﷲ އެކަލާނގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

 

وصلى الله وسلم على عبده ورسوله محمد، وعلى آله وصحبه.

 

 

***

 

dv397v4.0 - 17/08/2026


މި ވަޞިއްޔަތް ޝާއިޢުކޮށް ފަތުރާފައިވަނީ، އައްރިޔާސަތުލް ޢާއްމާ ލިއިދާރާތިލް ބުޙޫޘިލް ޢިލްމިއްޔާ ވަލްއިފްތާއު ވައްދަޢުވާ ވަލްއިރްޝާދު އިން ހިޖުރައިން 1402 ވަނަ އަހަރުގައި 17 ވަނަ ނަންބަރުގެ ލީފްލެޓެއްގައިއެވެ.