إِقََامَةُ البَرَاهِينِ عَلَى
حُكْمِ مَنِ اسْتَغَاثَ بِغَيرِ اللهِ
އައްލާހުން ފިޔަވައި އެހެން ފަރާތަކަށް އެދި އެހީ ހޯދާ މީހާގެ ޙުކުމާ ބެހޭ ދަލީލުތައް ޤާއިމުކުރުން
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ދެވަނަ ރިސާލާ:
ނަބިއްޔާ ﷺ ގެ ކިބައިން ވާތްގަށް އެދުމުގެ ޙުކުމާމެދު
ޙަމްދުހުރީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށާއި، އެކަލޭގެފާނުގެ ތެދުމަގުން ތެދުމަގު ލިބިގަތް ބަޔަކަށެވެ.
އެއަށްފަހު ދަންނައެވެ: ހިޖުރައިން 19 / 4 / 1390ހ އަހަރު ޕަބްލިޝްކޮށްފައިވާ: "އަލްމުޖްތަމަޢުލް ކުވައިތިއްޔާ" ނޫހުގެ ޢަދަދު 15 ގައި، 'ޝަރަފުވެރި ޢީދު މީލާދުގެ ޛިކުރާގައި' ގެ ސުރުޚީ ދަށުން ޅެންބައިތުތަކެއް ވަނީ ޝާއިޢުކޮށް ފަތުރާފައިއެވެ. މި ޅެންބައިތުތަކުގައި ނަބިއްޔާ ﷺގެ އަރިހުން ވާތްގަށް އެދުމާއި، އެކަލޭގެފާނު މެދުވެރިކޮށް ނަޞްރަށް އެދުން ހިމެނިފައިއެވެ. އެއީ އުއްމަތް ވެއްޓިފައިވާ ބައިބައިވުމާއި އިޚްތިލާފުން ސަލާމަތްކޮށްދީ، ނަޞްރުލިބި، އުއްމަތާ އަރާހަމަކުރުމަށްޓަކައިއެވެ. މި ބައިތުތައް ލައިދީފައިވަނީ "އާމިނަތު" އޭ ކިޔުނު މީހެކެވެ. އިޝާރާތްކުރެވުނު ބައިތުތައް އޭގެ ނައްޞުން މިވަނީއެވެ:
يا رسول الله أدرك عالمًا... يشعل الحرب ويصلى مـن لظاها
(އޭ ﷲ ގެ ރަސޫލާއެވެ. ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް، އޭގެ އަނގުރު އަލިފާނަށް ވެއްޓިފައިވާ ޢާލަމަކާ އަރާހަމަކުރައްވާ ހިއްޕަވާށިއެވެ.)
يا رسول الله أدرك أمـة... في ظلام الشك قـد طـال سراها
(އޭ ﷲ ގެ ރަސޫލާއެވެ! ޝައްކުގެ އަނދިރިކަމުގެ ތެރޭގައިވެ، އެ އަނދިރިގަނޑުގައި ހިނގުން ދިގުލާފައިވާ އުއްމަތާ އަރާހަމަކުރައްވާށެވެ.)
يا رسول الله أدرك أمـة... في متاهات الأسى ضاعت رؤاها
(އޭ ﷲ ގެ ރަސޫލާއެވެ! ހިތާމައިގެ ވާދީގައި، ފެނުން ގެއްލިގޮސްފައިވާ އުއްމަތާ އަރާހަމަކުރައްވާށެވެ.)
އެހެންގޮސް އެކަނބުލޭގެ ކިޔެވެ:
عجل النصر كما عجلتـه... يوم بدر حين ناديت الإله
(ބަދުރު ހަނގުރާމައިގެ ދުވަހު ކަލޭގެފާނު، އިލާހަށް ދަންނަވައިގެން ނަޞްރު އަވަސްކުރެއްވި ގޮތަށް ނަޞްރު އަވަސްކުރައްވާށިއެވެ.)
فاستحال الذل نصرًا رائعًا... إن لله جــنــودًا لا تـراهـا
(ދެން އޭރުން ނިކަމެތިކަން، ކުޅަދާނަ ނަޞްރަކަށް ބަދަލުވެގެން ގޮސްދާނެއެވެ. ހަމަކަށަވަރުން ތިބާއަށް ނުފެންނަ ލަޝްކަރެއް ﷲ އަށް ލިބިވޮޑިގެންވެއެވެ.)
މިގޮތަށް މި ލިޔުންތެރިޔާގެ ނިދާއާއި ވާގިއެދުން ރަސޫލާ ﷺ އަށް އަމާޒުކޮށް ޤަޞްދުކުރިއެވެ. އުއްމަތަށް ނަޞްރު ދެއްވުން އަވަސްކޮށްދިނުމަށް އެކަލޭގެފާނުގެ އަރިހުން އެދޭ ޙާލުގައިއެވެ. އެއީ ނަޞްރުދެއްވުން ނަބިއްޔާ ﷺގެ އަތްޕުޅަކު، އަދި އެހެން އެއްވެސް މަޚްލޫޤެއްގެ އަތަކުވެސް ނުވާކަމާއި، ނަޞްރުދެއްވުންވަނީ ހަމައެކަނި ﷲ ގެ އަތްޕުޅުގައިކަމާމެދު އެކަނބުލޭގެ ހަނދާންނެތިގެން -ނުވަތަ އެކަމާމެދު ޖާހިލުވެގެންވާ- ޙާލުގައިއެވެ. އެއީ ﷲ ސުބްޙާނަހޫ އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރެއްވި ފަދައިންނެވެ:
﴿...وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ﴾
(...ޢަޒީޒުވަންތަ، ޙަކީމްވަންތަ، ﷲ ގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ.) [އާލް ޢިމްރާން: 126] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ...﴾
(ﷲ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނަމަ، ފަހެ ތިޔަބައިމީހުން ބަލިކުރެވޭނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް ނަޞްރު ނުދެއްވައިފިނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް ނަޞްރު ދޭނީ ފަހެ ކާކު ހެއްޔެވެ!...)
[އާލް ޢިމްރާން: 160]
މި ޢަމަލަކީ ދުޢާކޮށް ވާތްގަށް އެދުމުގެ ތެރެއިންވާ ކަމެކެވެ. (އަދި) އެއީ: އަޅުކަމުގެ ވައްތަރުތަކުން ވައްތަރެއް ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަނބުރާލުމެވެ. ނައްޞުންނާއި އިޖްމާޢުން އެނގިގެންވަނީ: އެކަން ހުއްދަވެގެން ނުވާނޭކަމާއި، އަދި ﷲ ސުބްޙާނަހޫ ޚަލްޤުތަކުން އުފެއްދެވީ އެމީހުން އެކަލާނގެއަށް އަޅުކަންކުރަންކަމާއި، އަދި އެކަލާނގެ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވީ އެ އަޅުކަން ބަޔާންކުރައްވާ، އަދި އެކަމަށް ދަޢުވަތުދެއްވުމަށްކަމެވެ. އެއީ އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
(ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ...﴾
(ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ 25﴾
(ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!) [އަލްއަންބިޔާއު: 25] އަދިވެސް އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ1 أَلَّا تَعْبُدُوا إِلَّا اللَّهَ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ2﴾
(ا ل ر .(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައް ފުރިހަމަކުރެވި، ދެން ޙިކްމަތްވަންތަ، ޚަބަރު ލިބިވޮޑިގެންވާ ފަރާތެއްގެ ޙަޟްރަތުން ތަފްޞީލުކުރެވިފައިވެއެވެ.
(އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށްވާ އިންޛާރުދޭ އަދި ހެޔޮ ޚަބަރުދޭ މީހެކެވެ.)
[ހޫދު: 1-2]
ފަހެ ﷲ ތަޢާލާ މި މުޙްކަމު ފުރިހަމަ އާޔަތްތަކުގައި ބަޔާންކުރައްވާފައި އެވަނީ: އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުލާ އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް މެނުވީ އެކަލާނގެ ޖިންނީންނާއި އިންސީން ނުއުފައްދަވާކަމެވެ. އަދި އެކަލާނގެ ރަސޫލުން عليهم الصلاة والسلام ފޮނުއްވީ މި އަޅުކަމަށް އަމުރުކުރައްވާ، އަދި އޭގެ އިދިކޮޅު ނަހީކުރެއްވުމަށް ކަމުގައި ބަޔާންކުރެއްވިއެވެ. އަދި އެކަލާނގެ ޢައްޒަ ވަޖައްލަ، އެކަލާނގެ ފޮތުގެ އާޔަތްތައް ފުރިހަމަކުރައްވާ، ތަފްޞީލުކުރެއްވީ؛ އެކަލާނގެ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރެވުމަށް ކަމުގައިކަމަށް ޚަބަރުދެއްވިއެވެ.
އަދި އެނގިގެންވާކަމަކީ އަޅުކަމުގެ މާނައަކީ: ﷲ ގެ އަމުރުފުޅުތަކަށް ޢަމަލުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަން ދޫކޮށްލައިގެން، އެކަލާނގެ އެއްކައުވަންތަކޮށް އެކަލާނގެއަށް ކިޔަމަންވުންކަމެވެ. ގިނަގުނަ އާޔަތްތަކެއްގައި ﷲ ތަޢާލާވަނީ އެކަމަށް އަމުރުކުރައްވާ، އަދި އެ ޚަބަރުދެއްވާފައިއެވެ. އޭގެ ތެރޭގައި: އެކަލާނގެ މި ބަސްފުޅުވެއެވެ:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ...﴾
(އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5] އަދި އެކަލާނގެ ޢައްޒަ ވަޖައްލަގެ މިބަސްފުޅެވެ:
﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...﴾
(އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23] އަދި އެކަލާނގެ މި ބަސްފުޅެވެ:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
(ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ.
(ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 2-3]
މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އެ ހުރިހާ އާޔަތްތަކެއްވެސް ދަލީލުކުރަނީ ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރުމަށާއި، އެކަލާނގެ ފިޔަވައި ނަބިއްޔުންނާއި އެހެން ފަރާތްތަކަށް އަޅުކަންކުރުން ދޫކޮށްލުމަށެވެ.
ޝައްކެއް ނެތް ގޮތުގައި، ދުޢާއަކީ އަޅުކަމުގެ ބާވަތްތަކުން އެންމެ މުހިއްމު އަދި އަޅުކަން އެންމެ ޖަމަޢަވާ އެއް ބާވަތެވެ. އެހެންކަމުން ދުޢާކުރުން ﷲ އަށް އެކަނި ޚާލިޞްކުރުން ވާޖިބުވެގެންވެއެވެ. އެއީ އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ގޮތަށެވެ:
﴿فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ14﴾
(ފަހެ، ތިޔަބައިމީހުން ދީން ޚާލިޞްކުރާ ޙާލު ﷲ އަށް ދުޢާކުރާށެވެ. ކާފަރުން ކިތަންމެ ނުރުހުނުކަމުގައި ވިޔަސްމެއެވެ.) [ޣާފިރު: 14] އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ:
﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا18﴾
(އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18] ދުޢާކުރުމުގައި ﷲ އެއްކައުވަންތަކުރުމަށްވާ މި އިރުޝާދުގައި، ހުރިހާ މަޚްލޫޤުންވެސް، ނަބިއްޔުންނާއި އެހެން ފަރާތްތައްވެސް ޢާއްމުވެއެވެ. އަދި އެކަލާނގެ މިބަސްފުޅު:
﴿وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّٰلِمِينَ106﴾
(އަދި ﷲ ފިޔަވާ ތިބާއަށް މަންފާއެއް ނުދެވޭ، އަދި ތިބާއަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ތިބާ ދުޢާނުކުރާށެވެ. ފަހެ ތިބާ އެހެން ކަންތައްކޮށްފިނަމަ؛ ހަމަކަށަވަރުން އޭރުން ތިބާ ވާހުށީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.) [ޔޫނުސް: 106]، މިއީ ނަބިއްޔާ ﷺ އަށްވާ ޚިޠާބެކެވެ. އަދި އެނގިގެންވާކަމަކީ ﷲ ސުބްޙާނަހޫ، އެކަލޭގެފާނު ޝިރުކުން ރައްކާތެރިކުރައްވާފައިވާ ކަމެވެ. އެ ބަސްފުޅުގެ މުރާދުކަން ކަށަވަރީ: އެހެން މީހުންނަށް އެކަމުގެ އިންޛާރުދެއްވުމެވެ. ދެން އެއަށްފަހު އެކަލާނގެ ޖައްލަ ޖަލާލުހޫ ވަޙީކުރެއްވިއެވެ:
﴿وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ106﴾
(އަދި ﷲ ފިޔަވާ ތިބާއަށް މަންފާއެއް ނުދެވޭ، އަދި ތިބާއަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ތިބާ ދުޢާނުކުރާށެވެ. ފަހެ ތިބާ އެހެން ކަންތައްކޮށްފިނަމަ؛ ހަމަކަށަވަރުން އޭރުން ތިބާ ވާހުށީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.) [ޔޫނުސް: 106]، މިއީ ނަބިއްޔާ ﷺ އަށްވާ ޚިޠާބެކެވެ. އަދި އޭގައި މުރާދުކުރެވިގެންވަނީ އެކަލޭގެފާނު ފިޔަވައި އެހެން މީހުންވެ. އެހެނީ އެނގިގެންވާކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ރަސޫލާ ޝިރުކުން ރައްކާތެރިކުރައްވާފައިވާ ކަމެވެ. ދެން ނަހީކުރެއްވުމާއި އިންޛާރުދެއްވުމުގައި ﷲ ތަޢާލާ ހަރުކަށިކޮށް ބަސްފުޅު ގެންނަވާ ވަޙީކުރެއްވިއެވެ:
﴿...فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ﴾
(...ފަހެ ތިބާ އެހެން ކަންތައްކޮށްފިނަމަ؛ ހަމަކަށަވަރުން އޭރުން ތިބާ ވާހުށީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.) އަނިޔާވެރިކަން މުޠުލަޤުކޮށް (ޤުރްއާނުގައި) އައިސްފިނަމަ ފަހެ އެއިން މުރާދުކުރެވެނީ: ބޮޑު ޝިރުކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ:
﴿...وَالْكَافِرُونَ هُمُ الظَّالِمُونَ﴾
(...އަދި ކާފަރުންނީ ހަމަ އަނިޔާވެރިންނެވެ.) [އަލްބަޤަރާ: 254] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿...إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾
(...ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.) [ލުޤްމާނު: 13] ދެންފަހެ އާދަމުގެ ދަރިންގެ ސާހިބާ عليه الصلاة والسلام، ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކުރެއްވިނަމަ އެކަލޭގެފާނުވެސް އަނިޔާވެރިންގެ ތެރެއިންވާނޭނަމަ؛ ދެން އެހެން މީހުން އަދި ކޮންފަދަހެއްޔެވެ!؟
އެހެންކަމުން މި އާޔަތްތަކުންނާއި އެހެން އާޔަތްތަކުން އެނގިގެންދަނީ: ﷲ ފިޔަވައި މައްޔިތުންނާއި، ގަސްގަހާގެއްސާއި، ބުދުތަކާއި އެނޫންވެސް ތަކެއްޗަށް ދުޢާކުރުމީ ﷲ ޢައްޒަ ވަޖައްލައާ ކުރެވޭ ޝިރުކެއްކަމެވެ. އަދި އިންސީންނާއި ޖިންނީން އެ މަޤްޞަދަކަށްޓަކައި ހެއްދެވުނު، އަދި ރަސޫލުން ފޮނުއްވެވި، ފޮތްތައް ބާވައިލެއްވުނު މަޤްޞަދުކަމުގައިވާ: އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުން ނަފީކުރާ ކަމެއްކަމެވެ. އަދި لا إله إلا الله ގެ މާނައާ ފުށުއަރާކަމެއް ކަމެވެ. އެ ކަލިމައަކީ ﷲ ފިޔަވައި އެހެން ފަރާތްތަކުން އަޅުކަން ނަފީކޮށް، ހަމައެކަނި ﷲ އަށް އަޅުކަން ޘާބިތުކުރާ ކަލިމައެކެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:
﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ62﴾
(އެހެނީ ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ، އެ މީހުން ދުޢާކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ.) [އަލްޙައްޖު: 62]
ދީނުގެ އަޞްލަކީ، އަދި މިއްލަތުގެ އަސާސަކީ މިއެވެ. މި އަޞްލު ޞައްޙަވުމަށް ފަހުގައި މެނުވީ އަޅުކަންތައް ޞައްޙަ ނުވާނެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ:
﴿وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ65﴾
(ހަމަކަށަވަރުން ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަހީ ކުރެއްވުނެވެ: ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.) [އައްޒުމަރު: 65] އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:
﴿...وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ﴾
(...އެ ބޭކަލުންވެސް ޝަރީކުކުރެއްވިނަމަ، އެ ބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީސްކަން ކަށަވަރެވެ.) [އަލްއަންޢާމު: 88]
އިސްވެދިޔަ ވާހަކަތަކުން ބަޔާންވެގެންދަނީ: އިސްލާމްދީނަށް، އަދި لا إله إلا الله އަށް ހެކިވުމަށް ބޮޑުވެގެންވާ ދެ އަޞްލެއްވާ ކަމެވެ:
އޭގެ އެއްކަމަކީ: ހަމައެކަނި ﷲ އަށް މެނުވީ އަޅުކަން ނުކުރެވުމެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. ދެންފަހެ ނަބިއްޔުންނާއި އެހެންވެސް މައްޔިތުންނަށް ދުޢާކޮށްފި މީހާ، ނުވަތަ ބުދުތަކަށް، ނުވަތަ ގަސްގަހާގެއްސަށް، ނުވަތަ ހިލަހިލަޔަށް، ނުވަތަ އެނޫންވެސް މަޚްލޫޤުންނަށް ދުޢާކޮށްފި މީހާ، ނުވަތަ އެ ފަރާތްތަކުން ވާތްގަށް އެދި ގޮވައިފި މީހާ، ނުވަތަ ޤުރުބާންކުރެވޭ ކަތިލުންތަކާއި ނަދުރުތައް ބުނެގެން އެ ފަރާތްތަކާ ކުއްތަންވެއްޖެ މީހާ، ނުވަތަ އެ ފަރާތްތަކަށް ނަމާދުކޮށް ނުވަތަ ސަޖިދަކޮށްފި މީހާ؛ ފަހެ ﷲ ފިޔަވައި ރައްބުންތަކެއްގެ ގޮތުގައި އެ ފަރާތްތައް ނަގައިފިކަން ކަށަވަރެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާއަށް ވާ ޝަރީކުންތަކެއްގެ ގޮތުގައި އޭނާ އެ ފަރާތްތައް ހަދައިފިއެވެ. އަދި لا إله إلا الله ގެ މާނަ ނަފީކޮށް ގެއްލުވާލައިފިއެވެ.
ދެވަނައީ: ﷲ ތަޢާލާގެ ނަބިއްޔާ އަދި ރަސޫލާ ﷺގެ ޝަރީޢަތުން މެނުވީ އެކަލާނގެއަށް އަޅުކަންކުރެވިގެން ނުވުމެވެ. ދެންފަހެ ﷲ އިޛްނަ ދެއްވާފައި ނުވާކަމެއް ދީނުގެ ތެރެއަށް އަލަށް އުފައްދައިފި މީހާ؛ محمد رسول الله އަށް ހެކިވުމުގެ މާނަ ޘާބިތެއްނުކުރެއެވެ. އަދި އޭނާގެ ޢަމަލުން އޭނާއަށް ފައިދާއެއް ނުކުރާނެއެވެ. އަދި އޭނާގެ ކިބައިން ޤަބޫލުވެސް ނުކުރެއްވޭހުއްޓެވެ. ﷲ ޖައްލަ ޖަލާލުހޫ ވަޙީކުރެއްވިއެވެ:
﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا23﴾
(އަދި ޢަމަލުގެ ތެރެއިން އެ މީހުން ކުރި ކަންތަކަށް، ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.) [އަލްފުރްޤާނު: 23] އާޔަތުގައި ޛިކުރުކުރެވިގެންވާ ޢަމަލުތަކުގެ މަޤްޞަދަކީ: ﷲ ޢައްޒަ ވަޖައްލައާ ޝަރީކު ކުރުމުގެ މަތީގައި މަރުވާ މީހާގެ ޢަމަލުތަކެވެ.
އަދި، ﷲ އެ ކަންކަމަށް އިޛްނަ ދެއްވާފައި ނުވާ ބިދުޢަވެރި ޢަމަލުތައްވެސް އޭގެ ތެރެއަށް ވަދެއެވެ. އެގޮތުން އެ ޢަމަލުތައް ޤިޔާމަތްދުވަހު ވާހުށީ ވިއްސިވިހާލެވިގެންދާނޭ ކުނޑިތަކެއް ކަމުގައިއެވެ. އެއީ ޠާހިރުވެގެންވާ ޝަރީޢަތާ އެ ޢަމަލުތައް ދިމާނުވުމުންނެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ގޮތަށެވެ:
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».
"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ އެމީހެއްގެ މައްޗަށް ރައްދުކުރެވިގެންނެވެ." އޭގެ ޞައްޙަކަމާމެދު އެއްބަސްވެވިގެންވާ ޙަދީޘެކެވެ. (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޚުލާޞާ ބަހަކީ: މި ލިޔުންތެރިޔާ އެވަނީ އެކަނބުލޭގެ ވާތްގަށް އެދުމާއި ދުޢާކުރުން ރަސޫލާ ﷺ އަށް އަމާޒުކޮށްފައިއެވެ. އަދި ނަޞްރުދެއްވުމާއި، ފައިދާއާއި ގެއްލުން ދެއްވުން އެ ފަރާތެއްގެ އަތްޕުޅުގައިވާ: ޢާލަމްތަކުގެ ވެރި ރައްބަށް ފުރަގަސްދީފައިއެވެ. އެއިން އެއްވެސް ކަމެއް އެކަލާނގެ ފިޔަވައި އެހެން ފަރާތެއްގެ އަތުގައި ނުވެއެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި މިއީ ބޮޑުވެގެންވާ ނުބައިވެގެންވާ އަނިޔާއެކެވެ. ﷲ ޢައްޒަ ވަޖައްލަވަނީ އެކަލާނގެއަށް ދުޢާކުރުމަށް އަމުރުކުރައްވާ، އަދި އެކަލާނގެއަށް ދުޢާކުރާ މީހަކަށް އިޖާބަކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައިއެވެ. އަދި އެކަން ކުރަން ކިބުރުވެރިވެ ބޮޑާވާ މީހާ ޖަހަންނަމައަށް ވައްދަވާނޭކަމުގެ ވަޢީދުގެ ބަސް އެކަލާނގެ އިއްވެވިއެވެ. އެއީ އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ފަދައިންނެވެ:
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 60﴾
(އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.) [ޣާފިރު: 60]، އެބަހީ: ކުޑަކުރެވި ނިކަމެވިވެގެންވާ ބައެއްގެ ގޮތުގައިއެވެ. އެހެންކަމުން މި މާތް އާޔަތުން ދަލީލުކުރީ: ދުޢާކުރުމަކީ އަޅުކަމެއް ކަމުގައިއެވެ. އަދި ދުޢާގެ އަޅުކަންކުރަން ބޮޑާވެގަންނަ މީހާ އުޅޭނެތަނަކީ ޖަހަންނަމުކަމުގައިއެވެ. ﷲ އަށް ދުޢާކުރުމުން ބޮޑާވެގަންނަ މީހާގެ ޙާލަތަކީ މިއީނަމަ؛ ދެންފަހެ އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ދުޢާކޮށް، އެކަލާނގެއަށް ފުރަގަސްދޭ މީހާގެ ޙާލަތުވާނީ ކޮންފަދައަކުންހެއްޔެވެ! އެއީ އެކަލާނގެއީ (އަޅުތަކުންނާ) ކުއްތަންވެވޮޑިގެންވާ، ކޮންމެ ކަމެއް މިލްކުވެގެންވާ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެގެންވާ އިލާހުކަމުގައި ވުމާއެކުގައިއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވި ގޮތަށެވެ:
﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ 186﴾
(އަދި ތިމަންއިލާހާ މެދު، ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ ހަމަކަށަވަރުން ތިމަންއިލާހީ (އެބައިމީހުންނާ) ކުއްތަންވެވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކުރުމުން، ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަކުރައްވަމެވެ. ފަހެ އެބައިމީހުން ތިމަންއިލާހަށް (ކިޔަމަންވުމުގައި) އިޖާބަދޭށެވެ! އަދި ތިމަންއިލާހަށް އީމާންވާށެވެ! (އެއީ) އެބައިމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ.) [އަލްބަޤަރާ: 186]، ދުޢާއަކީ އަޅުކަންކަމުގައި ރަސޫލާ ﷺ ވަނީ ޞައްޙަ ޙަދީޘްގައި ޚަބަރުދެއްވާފައިއެވެ. އަދި އެކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިކަލުން، ޢަބްދު ﷲ ބްނު ޢައްބާސް رضي الله عنهما އަށް ޙަދީޘްކުރެއްވިއެވެ:
«احْفَظِ اللهَ يَحْفَظْكَ، احْفَظِ اللهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللهَ، وَإِذَا اسْتَعْنَتَ فَاسْتَعِنْ بِاللهِ».
"ތިބާ ﷲ އަށް (އެކަލާނގެ އަމުރުފުޅުތަކާއި ނަހީތަކަށް) ރައްކާތެރިވާށެވެ. އޭރުން އެކަލާނގެ ތިބާ ރައްކާތެރިކުރައްވާނެއެވެ. ތިބާ ﷲ އަށް ރައްކާތެރިވާށެވެ. އޭރުން ތިބާއަށް ތިބާގެ ކުރިމަތިން އެކަލާނގެ (ރައްކާތެރިކުރެއްވުމާއި ބެލެހެއްޓެވުން) ފެންނާނެތެވެ. ތިބާ ކަމަކު ސުވާލުކޮށް އެދޭނަމަ ﷲ ގެ ޙަޟްރަތަށް އެދި ދަންނަވާށެވެ. އަދި ތިބާ އެހީތެރިކަމަށް އެދޭނަމަ ﷲ ގެ ޙަޟްރަތުން އެހީތެރިކަމަށް އެދޭށެވެ." މި ޙަދީޘް ނެރުއްވީ އައްތިރްމިޛީ އާއި އެހެން ބޭަކަލުންނެވެ.
އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ:
«مَنْ مَاتَ وَهُوَ يَدْعُو لِلَّهِ نِدًّا؛ دَخَلَ النَّارَ».
"ﷲ އަށް ޝަރީކަކު ލައިގެން ދުޢާކުރާ ޙާލުހުރެ މަރުވެއްޖެ މީހާ ވަންނަހުށީ ނަރަކައަށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ. އަދިވެސް ދެ ޞަޙީޙުގައިވެއެވެ. ނަބިއްޔާ ﷺގެ އަރިހުން ސުވާލުކުރެވުނެވެ: އެންމެ ބޮޑުވެގެންވާ ފާފައަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ».
"ﷲ ތިބާ ޚަލްޤުކުރައްވާފައި ވަނިކޮށް ތިބާ އެކަލާނގެއަށް 'ނިއްދެއް' (ޝަރީކަކު) ލުމެވެ." ނިއްދު އަކީ: އެއްފަދަ އެއްހަމަ އެއްޗެކެވެ. ދެންފަހެ ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކޮށްފި ކޮންމެ މީހަކު، ނުވަތަ އެކަލާނގެ ފިޔަވައި އެ ފަރާތަކުން ވާތްގަށް އެދި، ނުވަތަ ނަދުރު ބުނެ، ނުވަތަ އެ ފަރާތަކަށް ޤުރުބާންކޮށް ކަތިލާ، ނުވަތަ އިސްވެދިޔަ ކަންކަން ނޫން އެހެން އަޅުކަމެއްވެސް އެ ފަރާތަކަށް އަނބުރާލައިފި މީހާ؛ ފަހެ އެވަނީ އެ ފަރާތެއް ނިއްދެއް ކަމުގައި ނަގާފައިއެވެ. އެއީ ނަބިއްޔެއް ވިޔަސް، ނުވަތަ ވަލީވެރިއެއް ވިޔަސް، ނުވަތަ މަލާއިކަތެއް ވިޔަސް، ނުވަތަ ޖިންނިއެއް ވިޔަސް، ނުވަތަ ބުދެއްވިޔަސް، ނުވަތަ އެނޫން މަޚްލޫޤެއްވިޔަސްމެއެވެ.
މިތަނުގައި ބުނާ މީހަކު ބުނެފާނެއެވެ: އެހެންވިއްޔާ ކުޅަދާނަކަންހުރި، ދިރިހުރި މިހެއްގެ ކިބައިން އޭނާއަށް ކުޅަދާނަވެގެންވާ ކަމަކަށް އެދި ސުވާލުކޮށް، އަދި އޭނާއަށް ކުޅަދާނަވާ ޙިއްސީ ކަންކަމުގައި އެހީއަށް އެދުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ: މިކަން ޝިރުކުގެ ތެރެއިން ނުވެއެވެ. ކިއެއްތަ، އެއީ މުސްލިމުންގެ މެދުގައި ހުއްދަވެގެންވާ ހަމަ ޢާދައިގެ ކަންކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ މޫސާގެފާނުގެ ވާހަކާގައި ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:
﴿...فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ...﴾
(....ފަހެ އެކަލޭގެފާނުގެ އަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ...) [އަލްޤަޞަޞް: 15] އަދިވެސް މޫސާގެފާނުގެ ވާހަކައިގައި އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ:
﴿فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ...﴾
(ފަހެ އެކަލޭގެފާނު ބިރުވެތިވެގެންވާ ޙާލު، (އަތުވެދާނެ ނުރައްކަލަކަށް) ބަލަބަލާ ފާރައަށް ހުންނަވާ ރަށުން ނުކުމެވަޑައިގެންނެވިއެވެ...) [އަލްޤަޞަޞް: 21] އަދި އެއީ އިންސާނާ، ހަނގުރާމައިގެ ޙާލަތުގައި، އަދި އެނޫންވެސް މީސްތަކުންނަށް ހުށަހެޅޭ، އަދި އެއްބަޔަކު އަނެއްބަޔަކުގެ އެހީއަށް ޙާޖަތްޖެހޭ ކަންކަމުގައި އެކުވެރިންގެ ގާތުން ވާތްގަށް އެދޭ ގޮތަށެވެ.
ﷲ ތަޢާލާވަނީ، އެކަލާނގެ ނަބިއްޔާ ﷺ އަށް އެއްވެސް މީހަކަށް ފައިދާއެއް އަދި ގެއްލުމެއް ދިނުމުގެ ބާރު މިލްކުވެގެން ނުވާކަމުގެ ޚަބަރު އެކަލޭގެފާނުގެ އުއްމަތަށް ދެއްވުމަށް އަމުރުކުރައްވާފައިއެވެ. އެގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:
﴿قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا21 قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا22﴾
(ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ދުޢާ ކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ރައްބަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެ އިލާހާ ޝަރީކެއް ނުކުރައްވަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ.) [އަލްޖިންނު: 21، 22] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ188﴾
(ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކު ވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު (ދުނިޔަވީ މޮޅާއި) ހެޔޮ ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. އިންޛާރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.) [އަލްއަޢުރާފު: 188]
މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
އަދި އެނގިގެންވާކަމަކީ: ނަބިއްޔާ ﷺ އެކަލޭގެފާނުގެ ވެރި ރައްބަށް މެނުވީ ދުޢާ ނުކުރައްވާކަމެވެ. އެއީ ބަދުރު ހަނގުރާމައިގެ ދުވަހުގައި އެކަލޭގެފާނު ﷲ ގެ ޙަޟްރަތުން ވާތްގަށް އެދިވަޑައިގެން، އަދި އެކަލޭގެފާނުގެ ޢަދުއްވުންގެ މައްޗަށް ނަޞްރުދެއްވުމަށް އެދި ދަންނަވާ، އެކަމުގައި އެކަލޭގެފާނު އާދޭސް ދެންނެވިކަން ޘާބިތުވެގެންވާ ގޮތަށެވެ. އެކަލޭގެފާނު ދުޢާކުރެއްވިއެވެ: "އޭ އަޅުގެ ވެރި ރައްބެވެ! އިބައިލާހު މިއަޅާއަށް ވަޢުދުކުރެއްވި ކަންތައް ފުރިހަމަކޮށްދެއްވާށިއެވެ." އެހެންގޮސް އައްޞިއްދީޤުލް އަކްބަރު އަބޫބަކުރު رضي الله عنه މިހެން ވިދާޅުވެއްޖައުމަށް ދާންދެނެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ފުދިވަޑައިގެންފިއެވެ. ފަހެ ހަމަކަށަވަރުން ﷲ ކަލޭގެފާނަށް ވަޢުދުވެވަޑައިގެންނެވި ކަންތައް ކަލޭގެފާނަށް ފުއްދަވާ ދެއްވާނެތެވެ." އެކަމުގައި ﷲ ތަޢާލާގެ މި ބަސްފުޅު ބާވައިލެއްވުނެވެ:
﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ9﴾
(ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް އެހީއާއި ވާތްގަށް އެދި ތިޔަބައިމީހުން ދެންނެވިހިނދުއެވެ. ދެން އެ އިލާހު ތިޔަބައިމީހުންނަށް އިޖާބަ ދެއްވާ އެންގެވިއެވެ: ހަމަކަށަވަރުން މަލާއިކަތުންގެ ހާހަކުން ތިމަން އިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނަމެވެ. އެކަކަށް ފަހު އަނެކަކު އަންނަ ގޮތުގައެވެ.) [އަލްއަންފާލު: 9] ފަހެ އެކަލާނގެ ސުބްޙާނަހޫ އެވަނީ މި އާޔަތްތަކުގައި އެމީހުން ވާތްގަށް އެދުނު ވާހަކަ ޛިކުރުކުރައްވާ، ދެން އެކަލާނގެ އެމީހުންނަށް އިޖާބަދެއްވިކަމަށް ޚަބަރުދެއްވާފައިއެވެ. ދެން ނަޞްރުގެ ހެޔޮ ޚަބަރުދެއްވުމަށާއި، ހިތްހަމަޖެހުން ދެއްވުމަށް އެކަލާނގެ މަލާއިކަތުން މެދުވެރިކުރައްވާ އެމީހުންނަށް މަދަދުދެއްވިއެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ބަޔާންކުރައްވާފައި އެވަނީ ނަޞްރުވަނީ މަލާއިކަތުންގެ ފުށަކުން ނޫންކަމަށެވެ. އެކަމަކު ނަޞްރުވާކަން ކަށަވަރީ ހަމައެކަނި އެކަލާނގެ ޙަޟްރަތުންނެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ...﴾
(އަދި ﷲ ގެ ޙަޟްރަތުން މެނުވީ ނަޞްރު ލިބުމެއް ނުވެއެވެ...) [އާލްޢިމްރާން: 126] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ123﴾
(އަދި ތިޔަބައިމީހުން ނިކަމެތި ޙާލުގައި ވަނިކޮށް، ހަމަކަށަވަރުން ބަދުރުގައި ﷲ ތިޔަބައިމީހުންނަށް ނަޞްރުދެއްވިއެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ.) [އާލްޢިމްރާން: 123] ފަހެ ﷲ ތަޢާލާ މި އާޔަތުގައި ބަޔާންކުރައްވާފައިވަނީ: ބަދުރުގެ ދުވަހުގައި އެމީހުންނަށް ނަޞްރުދެއްވި ފަރާތަކީ އެކަލާނގެ ސުބްޙާނަހޫ ކަމެވެ. އެއިން އެނގިގެންދަނީ އެކަލާނގެ އެމީހުންނަށް ދެއްވި ހަތިޔާރާއި ބާރާއި، އަދި އެމީހުންނަށް މަދަދުގެ ގޮތުގައި ފޯރުކޮށްދެއްވި މަލާއިކަތުންނާއި، އެ ހުރިހާ ކަންކަމަކީ ނަޞްރާއި، ހެޔޮ ޚަބަރުދެއްވުމާއި، ހިތްހަމަޖެހުމުގެ ސަބަބުތަކުގެ ތެރޭގައިވާ ކަންކަން ކަމެވެ. އެކަމަކު ނަޞްރު ލިބެނީކީ އެ ކަންކަމަކުން ނޫނެވެ. ކިއެއްތަ، ނަޞްރު ލިބެނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ. ދެންފަހެ މި ލިޔުންތެރިޔާ ނުވަތަ އެހެން މީހަކުވިޔަސް، ކޮންމެ ކަމެއްގެ މިލްކުވެރިކަން ލިބިގެންވާ، އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތަ، ޢާލަމްތަކުގެ ވެރި ރައްބަށް ފުރަގަސްދޭ ޙާލު، އޭނާގެ ވާތްގަށް އެދުމާއި ނަޞްރަށް އެދުން؛ ނަބިއްޔާ ﷺ އަށް އަނބުރާލަން ޖެހިލުންކުޑަވެ ކުރިމަތިލީ ކިހިނަކުންހެއްޔެވެ!؟
އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއީ އެންމެ ހުތުރުވެގެންވާ ޖާހިލުކަމެވެ. ކިއެއްތަ، އެންމެ ބޮޑެތި ޝިރުކުގެ ތެރެއިންވާ ކަމެކެވެ. އެހެންކަމުން ލިޔުންތެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ -ސުބްޙާނަހޫ- އަށް ނަޞޫޙު ތައުބާއަކުން ތައުބާވުމެވެ. އަދި ނަޞޫޙު ތައުބާއަކީ އެތައް ކަމެއް އޭގައި ހިމެނިގެންވާ ތައުބާއެވެ. އެ ކަންކަމަކީ: ފުރަތަމައަށް: އެ ކަނބުލޭގެ ފުށުންވީ ކަންތަކުގެ މައްޗަށް ހިތާމަކުރުމެވެ. ދެވަނައަށް: އެކަނބުލޭގެ ފުށުން ދިމާވި ކަންތައް ދޫކޮށްލުމެވެ. ތިންވަނައަށް: އެފަދަ ކަމަކަށް އަނބުރާ ރުޖޫޢަ ނުވުމަށް ޢަޒުމްކަނޑައެޅުމެވެ. އެއީ ﷲ އަށް މަތިވެރިކޮށް މާތްކޮށް ހިތުމުގެ ގޮތުން، އަދި އެކަލާނގެއަށް އިޚްލާޞްތެރިވެ، އެކަލާނގެ އަމުރުފުޅަށް ބޯލަނބާ، އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެ އެއްކިބާވުމުގެ ގޮތުންނެވެ. ނަޞޫޙު ތައުބާއަކީ މިއެވެ. އެ ކުރެވުނު ކަމަކީ މަޚްލޫޤުންގެ ޙައްޤުގައި ކުރެވުނު ނުބައިކަމެއްނަމަ އަދި ހަތަރުވަނަ ޚާއްޞަކަމެއްވެސް އެއަށް އިތުރުވެއެވެ. އެއީ: ހަތަރުވަނައަށް: ޙައްޤު، އެ ޙައްޤުވާ ފަރާތަށް އަނބުރާ ރައްދުކޮށް، ނުވަތަ އޭނާގެ ފުށުން ހިތް ޙަލާލު ހޯދުމެވެ.
ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ތައުބާވުމަށް އަމުރުކުރައްވާފައިއެވެ. އަދި ތައުބާ ޤަބޫލުކުރައްވާނޭކަމަށް އެކަލާނގެ އެމީހުންނަށް ވަޢުދުވެވޮޑިގެންނެވިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:
﴿...وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾
(...އޭ މުއުމިނުންނޭވެ. ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.) [އައްނޫރު: 31]. ނަޞާރާއިންގެ ޙައްޤުގައި އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ وَاللَّهُ غَفُورٌ رَحِيمٌ74﴾
(ފަހެ އެ މީހުން ﷲ އަށް ތައުބާވެ، އަދި ފާފަ ފުއްސެވުން އެދި އެ އިލާހުގެ ޙަޟްރަތަށް ނުދަންނަވާނަން ހެއްޔެވެ؟ ފަހެ ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.) [އަލްމާއިދާ: 74]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا68 يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا69 إِلَّا مَنْ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا70﴾
(އެ މީހުންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނުހަދާމީހުންނެވެ. އަދި ﷲ، ޙަރާމް ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ލައިގެން މެނުވީ، ޤަތުލުނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެ ކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ.
އެ މީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރެވޭނެއެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގައި، އެ މީހަކު ދެމިހުންނާނެއެވެ.
ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ އެ މީހުންނާމެދު (ދަންނާށެވެ.) ﷲ، އެ މީހުންގެ ނުބައި ކަންތައް، ހެޔޮކަންތަކަށް ބަދަލު ކުރައްވާނެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.)
[އަލްފުރްޤާނު: 68-70]
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ25﴾
(އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވާ، ނުބައިކަންތައް ޢަފޫކުރައްވާ އިލާހެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ.) [އައްޝޫރާ: 25]
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް އެކަލޭގެފާނުގެ އަރިހުން ޞައްޙަވެގެންވެއެވެ:
«الإِسْلَامُ يَهْدِمُ مَا كَانَ قَبْلَهُ، وَالتَّوْبَةُ تَجُبُّ مَا كَانَ قَبْلَهَا».
"އިސްލާމްވުމުން އޭގެ ކުރިންވީ (ނުބައި ކަންކަން) ފުނޑާލައެވެ. އަދި ތައުބާވުމުން އޭގެ ކުރިންވީ (އުރެދުމާއި ފާފަތައް) ފުހެލާ ފޮރުވާލައެވެ."
އަހަރެން މި ޚުލާޞާ ކަލިމަތައް ލިޔުނީ: ޝިރުކުގެ ނުރައްކާ ބޮޑުކަމަށްޓަކައިއެވެ. އަދި އެއީ އެންމެ ބޮޑު ފާފަކަމުފައިވާތީއެވެ. އަދި މި ލިޔުންތެރިޔާގެ ކިބައިން އެ ފާޅުވި ކަންތަކާމެދު ހެއްލިގެންގޮސްދާނޭކަމުގެ ބިރަށްޓަކައިއެވެ. އަދި ﷲ އާއި އެކަލާނގެ އަޅުތަކުންނަށް އިޚްލާޞްތެރިވެ ނަޞޭޙަތްތެރިވުމުގެ ގޮތުންނެވެ. އަދި އަހަރެން ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުން އެދެނީ މި ބަސްތަކުން މަންފާކޮށްދެއްވާ، އަދި އަހަރުމެންނާއި މުސްލިމު އެންމެންގެ ޙާލަތު އިޞްލާޙުކޮށް ދެއްވުމަށެވެ. އަދި ދީނުގައި ފިޤުހުވެރިވުމާއި، ދީން މަތީގައި ޘާބިތުވުމުގެ ނިޢުމަތް އަޅަމެން އެންމެންނަށް ދެއްވާ، އަޅަމެންނާއި އަދި މުސްލިމުން، އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އެކަންކަމުގެ ވަލީވެރި، އަދި އެކަމަށް ކުޅަދުންވަންތަ އިލާހެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ.
وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.
***
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ތިންވަނަ ރިސާލާ
ޖިންނީންނާއި ޝައިޠާނުންގެ ކިބައިން ވާތްގަށް އެދުމާއި އެވެރިންނަށް ނަދުރު ބުނުމުގެ ޙުކުމާމެދު
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒުގެ ފަރާތުން، މުސްލިމުންގެ ތެރެއިން މި ރިސާލާ ފެންނަ ބަޔަކަށް، ﷲ އަހަރެންނަށާއި އެމީހުންނަށް އެކަލާނގެ ދީނުގައި ހިފަހައްޓާ، ދީން މަތީ ޘާބިތުވުމުގެ ތައުފީޤުދެއްވާށިއެވެ. އާމީން.
السلام عليكم ورحمة الله وبركاته.
ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތްތައްވެސް ހުއްޓެވެ.
އެއަށްފަހު ދަންނައެވެ: ބައެއް ޖާހިލުންކުރާ ކަމެއް ކަމުގައިވާ: ބޮޑެތި މުހިއްމު ކަންތައް ލައިގަންނަހިނދު؛ ﷲ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކޮށް، އެ ފަރާތެއްގެ ކިބައިން އެހީއާއި ސަލާމަތަށް އެދުން؛ މިސާލަކަށް ޖިންނީންނަށް ދުޢާކޮށް އެމީހުންގެ ކިބައިން ވާތްގަށް އެދި، އެމީހުންނަށް ނަދުރު ބުނެ، ޤުރުބާންކޮށް ކަތިލުންފަދަ ކަންކަމާ ބެހޭގޮތުން ބައެއް އަޚުން އަހަރެންނާ ސުވާލުކޮށްފިއެވެ. އެފަދަ ކަންކަމުގެ ތެރޭގައި: އޭގެ ބައެއް މީހުން ކިޔާ އުޅޭ މި ބަސްވެސްވެއެވެ: "އޭ ސަބްޢާއޭ -އެބަހީ: ޖިންނީންގެ ބޮޑުންގެ ތެރެއިން ހިމެނޭ ހަތް އެއްޗާއޭ- (މިވެނި އެވެނި މީހަކު) ހިފައިގަންނާށޭ، އަދި އޭނާގެ ކަށިތައް ބިންދާލާށޭ، އަދި އޭނާގެ ލޭ ބޯށޭ، އަދި އޭނާގެ ގުނަވަންތައް ތަފާތުވާގޮތަށް ބުރިބުރިކޮށްލާށޭ، އޭ ސަބްޢާ (ހަތް މީހުންނޭ) އޭނާއާމެދު އެހެން ކަންތައްކުރާށޭއެވެ." ނުވަތަ އޭގެ ބައެއް މީހުން ކިޔާއުޅޭ އެއްޗެއް ކަމުގައިވާ: "އޭ މެންދުރު ދަޅައިގެ ޖިންނީންތަކާއޭ، އޭނާ ގެންދާށޭ، އޭ ޢަޞްރު ދަޅައިގެ ޖިންނީންތަކާއޭ" މިއެވެ. މިއީ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ގިނައިން އޮންނަ ކަމެކެވެ. މިއާ ގުޅިގެންދާ ކަމަކީ: ނަބިއްޔުންނާއި ޞާލިޙުންނާއި އެހެންވެސް މައްޔިތުންނަށް ދުޢާކުރުމާއި، މަލާއިކަތުންނަށް ދުޢާކޮށް އެ ފަރާތްތަކުގެ ކިބައިން ވާތްގަަށް އެދުމެވެ. ފަހެ، ޖާހިލުކަމާހުރެ، އަދި ކުރީގައި އުޅުނު މީހުންނަށް ތަޤްލީދުކޮށްގެން، އިސްލާމްދީނަށް ނިސްބަތްވެގެން ތިބި ގިނަބަޔަކުގެ ފުށުން މިހުރިހާ ކަންކަމާއި، މިއާ ވައްތަރުވެގެންވާ ކަންކަންވެސް ފާޅުވެ ހިނގަމުންދެއެވެ. އަދި ފަހަރެއްގައި، އޭގެ ތެރެއިން ބަޔަކު މީހުން އެއީ އާދައިގެ ފަސޭހަކަމަކަށް ހަދާލާފައި، "މިއީ ހަމަ ދޫ މަތިން ބުނެލެވޭ ބަސްތަކެކޭ، އަހަރުމެން އެއަށް ޤަޞްދެއް ނުކުރަމޭ، އަދި އެހެން ޤަބޫލެއްވެސް ނުކުރަމޭ" މިހެން ބުނެ ޙުއްޖަތް ދައްކާފާނެއެވެ.
އަދިވެސް އަހަރެންނާ ސުވާލުކުރެވުނު އަނެއްކަމަކީ: މިފަދަ ޢަމަލުތައް ކުރާކަން އެނގިގެންވާ މީހުންނާ ކައިވެނިކުރުމާއި، އެމީހުން ކަތިލާ ތަކެތި ކެއުމާއި، އެމީހުންގެ މައްޗަށް ކަށު ނަމާދުކުރުމާއި، އެމީހުން ފަހަތު ނަމާދުކުރުމުގެ ޙުކުމާ މެދުގައިއެވެ. އަދި ސިޙުރުވެރިންނާއި ފާލުބަލާ ބުރަންމާނީން؛ މިސާލަކަށް ބަލިމީހާގެ ހަށިގަނޑުގައި ބީހިފައިވާ ފަގުޑިއެއް، ނުވަތަ ހަރުވާޅެއް، ނުވަތަ ބުރުގަލެއް އަދި އެފަދަ އެއްޗެއް ހަމަ ބަލާލާފައި، ޖެހިފައި ހުރި ބައްޔާއި އަދި ބަލީގެ ސަބަބުތައް އެނގޭކަމަށް ދަޢުވާކުރާ މީހާފަދަ މީހުން ތެދުކުރުމުގެ ޙުކުމާމެދުވެސް އޭނާ އަހަރެންގެ ގާތުން ސުވާލުކުރިއެވެ.
ޖަވާބުގައި ބުނަމެވެ: ޙަމްދުހުރީ ހަމައެކަނި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރީ އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތްދުވަހާ ހަމައަށް އެބޭކަލުންގެ ތެދުމަގުން ހިދާޔަތް ލިބިގަތްހާ ބަޔަކަށްވެސްމެއެވެ.
އެއަށްފަހު ދަންނައެވެ: ފަހެ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސީންނާއި ޖިންނީން އުފެއްދެވީ؛ އެކަލާނގެ ފިޔަވައި އެހެން ފަރާތްތައް ދޫކޮށް، (ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރުމަށާއި، ދުޢާކުރުމާއި ވާތްގަށް އެދުމާއި، ޛަބަޙަކުރުމާއި، ނަދުރު ބުނުމާއި އެހެން ހުރިހާ އަޅުކަންތައްވެސް އެކަލާނގެއަށް ޚާއްޞަކުރުމަށްޓަކައިއެވެ. އަދި އެކަލާނގެ އެކަމާގެން ރަސޫލުން ފޮނުއްވާ، އެބޭކަލުންނަށް އެކަމަށް އަމުރުކުރައްވާ، ސަމާވީ ފޮތްތައް -އޭގެ އެންމެ މާތް ފޮތްކަމުގައި ޤުރްއާނުލް ކަރީމް ހިމެނޭހެން- ބާވައިލެއްވީ: އެކަންތައް ބަޔާންކުރައްވާ، އަދި އެކަމަށް ގޮވާލައްވާ، އަދި ﷲ އާ ޝަރީކުކުރުމާއި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމާމެދު މީސްތަކުންނަށް އިންޛާރު ދެއްވުމަށްޓަކައިއެވެ. މިއީ އަޞްލުތަކުގެ އަޞްލު، އަދި މިއްލަތާއި ދީނުގެ އަސާސެވެ. އަދި لا إله إلا الله އަށް ހެކިވުމުގެ މާނައަކީވެސް އެޔެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނުވެޔޭ ބުނުމުގެ ޙަޤީޤަތަކީވެސް އެޔެވެ. އެގޮތުން އެކަލިމައިން، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކޮށް، އިލާހުވަންތަކަން ދިނުން ނަފީކޮށްފައި، ﷲ ފިޔަވައި އެހެން ހުރިހާ މަޚްލޫޤުންތައް ދޫކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ޘާބިތުކުރެއެވެ. ﷲ ގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތުން މިކަމުގެ މައްޗަށްވާ ދަލީލުތައް ވަރަށްވެސް ގިނަވެގެންވެއެވެ. އޭގެ ތެރޭގައި: އެކަލާނގެ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅުވެއެވެ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
(ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56] އަދި އެކަލާނގެ ސުބްޙާނަހޫ ގެ މިބަސްފުޅެވެ:
﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...﴾
(އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23] އަދި ﷲ ތަޢާލާގެ މި ބަސްފުޅެވެ:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ...﴾
(އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5] އަދި އެކަލާނގެ މި ބަސްފުޅެވެ:
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ60﴾
(އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.) [ޣާފިރު: 60]، އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ...﴾
(އަދި ތިމަންއިލާހާ މެދު، ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ ހަމަކަށަވަރުން ތިމަންއިލާހީ (އެބައިމީހުންނާ) ކުއްތަންވެވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކުރުމުން، ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަކުރައްވަމެވެ...) [އަލްބަޤަރާ: 186].
ފަހެ، އެކަލާނގެ ސުބްޙާނަހޫ މި އާޔަތްތަކުގައި ބަޔާންކުރެއްވީ އެކަލާނގެ އިންސީންނާއި ޖިންނީން އުފެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށް ކަމުގައިއެވެ. އަދި ޤުރްއާނުގެ މުޙްކަމު ފުރިހަމަ ސާފު އާޔަތްތަކުގައި، އަދި ރަސޫލާ عليه الصلاة والسلام ގެ ދޫފުޅު މަތިން އެކަލާނގެ އަޅުތަކުންގެ މައްޗަށް ނިޔާ ކަނޑައެޅުއްވީ -އެބަހީ: އަމުރުކުރައްވާ ވަޞިއްޔަތްކުރެއްވީ- އެމީހުންގެ ވެރި ރައްބަށް މެނުވީ އަޅުކަން ކުރެވިގެން ނުވާނޭކަމުގައިއެވެ.
އަދި އެކަލާނގެ -ޖައްލަ ވަޢަލާ- ސާފުކޮށް ބަޔާންކުރެއްވީ ދުޢާއަކީ ބޮޑުވެގެންވާ އަޅުކަމެއް ކަމުގައިއެވެ. އެކަމާމެދު ބޮޑާވެ ކިބުރުވެރިވެއްޖެ މީހާ ނަރަކައަށް ވަންނަ ހުއްޓެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އަމުރުކުރެއްވީ ހަމައެކަނި އެކަލާނގެއަށް އެމީހުން ދުޢާކުރުމަށެވެ. އަދި އެކަލާނގެ އެމީހުންނާ ކުއްތަންވެވޮޑިގެންވެ، އެމީހުންގެ ދުޢާ އިޖާބަކުރައްވާނެ ކަމުގައި ޚަބަރުދެއްވިއެވެ. އެހެންކަމުން ހުރިހާ އަޅުތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ: ދުޢާކުރުން އެމީހުންގެ ވެރި ރައްބަށް ޚާއްޞަކުރުމެވެ. އެހެނީ އެއީ އެމީހުން އެކަމަކަށްޓަކައި އުފެއްދެވުނު، އަދި އެމީހުން އެކަމެއް ކުރުމަށް އަމުރުކުރެވުނު އަޅުކަމުގެ ބާވަތެކެވެ. ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ162 لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ163﴾
(ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޤުރުބާން ކުރެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ.
އެ އިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރެއްވިގެންވަނީ އެ ގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.) [އަލްއަންޢާމު: 162،163]
ފަހެ ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް އަމުރުކުރައްވާފައިވަނީ އެކަލޭގެފާނުގެ ނަމާދާއި ނުސުކު -އެބަހީ: ކަތިލުން- އަދި އެކަލޭގެފާނުގެ ދިރިހުރުމާއި މަރުވުންވެސްވަނީ؛ އެއްވެސް ޝަރީކަކު އެކަލާނގެއަށް ނުވާ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށްކަމުގައި ކަމަށް މީސްތަކުންނަށް ޚަބަރުދެއްވުމަށެވެ. އެކަމުގެ މައްޗަށް ބިނާކޮށް؛ ފަހެ ﷲ ފިޔަވައި އެހެން ފަރާތަކަށް ޤުރުބާންކޮށް ކަތިލައިފި މީހާ ފަހެ ﷲ އާ ޝަރީކުކޮށްފިއެވެ. އެއީ އޭނާ ﷲ ފިޔަވައި އެހެން ފަރާތަކަށް ނަމާދުކުރުމާ އެއްގޮތަށެވެ. އެހެނީ ﷲ ސުބްޙާނަހޫ، ނަމާދާއި ކަތިލުން އެކީ ގުޅިގެންވާ ގޮތަށް އެވަނީ ލައްވާފައިއެވެ. އަދި އެ ދެކަންތައްވަނީ ހަމައެކަނި ﷲ އަށް ކަމުގައި ޚަބަރުދެއްވިއެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުލައެވެ. އެހެންކަމުން ﷲ ފިޔަވައި ޖިންނީންނާއި، މަލާއިކަތުންނާއި، މައްޔިތުންނާއި، އެނޫން މީހުންނަށް ޤުރުބާންކޮށް ކަތިލައި، އެކަން ކޮށްގެން އެ ފަރާތްތަކާ އޭނާ ކުއްތަންވެއްޖެނަމަ؛ ފަހެ އޭނާ ﷲ ފިޔަވައި އެހެން ފަރާތަކަށް ނަމާދުކުރި މީހެއް ފަދައެވެ. އަދި ޞައްޙަ ޙަދީޘްގައި، ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިކަމަށް ވެއެވެ:
«لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ».
"ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލައިފި މީހާއަށް ﷲ ލަޢުނަތްލައްވާށިއެވެ." އަދި އިމާމް އަޙްމަދު، ޙަސަނު ސަނަދަކުން، ޠާރިޤު ބްނު ޝިހާބު رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ނެރުއްވިއެވެ:
«مرَّ رَجُلَانِ عَلَى قَومٍ لَهُم صَنَمٌ لَا يَجُوزُهُ أَحَدٌ حَتَّى يُقرِّبَ لَهُ شَيئًا، فَقَالُوا لِأَحَدِهِمَا: قَرِّبْ. قَالَ: لَيسَ عِندِي شَيءٌ أَقَرِّبُهُ، قَالُوا: قَرِّبْ وَلَوْ ذَبَابًا، فَقَرَّبَ ذُبَابًا، فَخَلُّوا سَبِيلَهُ، فَدَخَلَ النَّارَ، وَقَالُوا لِلآخَرِ: قَرِّبْ. قَالَ: مَا كُنْتُ لِأُقَرِّبَ لِأَحَدٍ شَيْئًا دُونَ اللهِ جَلَّ جَلَالُهُ، فَضَرَبُوا عُنُقَه، فَدَخَلَ الجَنَّةَ».
"އެމީހުންނަށް ބުދެއް ލިބިގެންވާ ބަޔަކު މީހުންގެ ކައިރިން ލާފައި ދެ މީހަކު ހުރަސްކޮށް ދިޔައެވެ. އެ ބުދަށް އެއްޗެއް ޤުރުބާން ކޮށްފުމަށް ދާންދެން އެމީހުން އެއްވެސް މީހަކު ދިޔަނުދެއެވެ. ދެން އެތަނުން އެކަކަށް އެމީހުން ބުނެފިއެވެ: "ޤުރުބާންކުރާށެވެ." އޭނާ ބުނެފިއެވެ: "އަހަރެންގެ އަތުގައި ޤުރުބާންކުރާކަށް އެއްޗެއް ނެތެވެ." އެމީހުން ބުންޏެވެ: "މެއްސެއްވިޔަސް ޤުރުބާންކުރާށެވެ." ދެން އޭނާ މެއްސެއް ޤުރުބާންކުރިއެވެ. ދެން އެމީހުން އޭނާ ދިޔުމަށް ދޫކޮށްލިއެވެ. ދެންފަހެ އޭނާ ވަނީ ނަރަކައަށެވެ. އަނެއް މީހާއަށް އެމީހުން ބުނެފިއެވެ: "ޤުރުބާންކުރާށެވެ." އޭނާ ބުންޏެވެ: "ﷲ -ޖައްލަ ޖަލާލުހޫ- ފިޔަވައި އެހެން ފަރާތަކަށް އެއްވެސް އެއްޗެއް ޤުރުބާންކުރާނޭ މީހަކު ކަމުގައި އަހަރެން ނުވަމުއެވެ." ދެން އެމީހުން އޭނާގެ ކަނދުރާ ކަނޑާލިއެވެ. ދެންފަހެ އޭނާ ވަނީ ސުވަރުގެއަށެވެ."
އެހެންކަމުން ބުދަށް އަދި އެފަދަ އެއްޗަކަށް މެއްސެއްފަދަ އެއްޗެއް ޤުރުބާންކޮށްފި މީހާވެސް ނަރަކައަށް ވަނުން ޙައްޤު މުޝްރިކަކަށް ވާނަމަ؛ ދެންފަހެ ޖިންނީންނާއި މަލާއިކަތުންނާއި ވަލީވެރިންނަށް ދުޢާކޮށް އުޅޭ މީހާ އަދި ކޮންފަދަހެއްޔެވެ!؟ އަދި އެ ފަރާތްތަކުން ވާތްގަށް އެދި، ނަދުރު ބުނެ، އޭނާގެ މުދާ ރައްކާކުރުމަށް، ނުވަތަ ބަލިމީހާއަށް ޝިފާ ދިނުމަށް، ނުވަތަ އޭނާގެ ސަވާރީތަކާއި ދަނޑުގޮވާން ސަލާމަތްވުމަށް އެދިގެން ޤުރުބާންތައް ކަތިލައިގެން އެ ފަރާތްތަކާ ކުއްތަންވެގަންނަ މީހާ އަދި ކޮންފަދަހެއްޔެވެ!؟ އަދި ޖިންނީންގެ ފަރާތުން ލިބިދާނެ ނުބަޔަކަށް ބިރުން، ނުވަތަ އެފަދަކަމަކާ ހެދި އެހެން ކަންތައްކުރާ މީހާ ކޮންފަދަހެއްޔެވެ!؟ ޝައްކެއް ނެތް ގޮތުގައި، މިހެން އަދި މިފަދަ ކަންކަން ކުރާ މީހާ، ބުދަށް މެހި ޤުރުބާންކުރި މި މީހާއަށްވުރެ، ނަރަކައަށް ވަނުން ޙައްޤުވެގެންވާ މުޝްރިކަކަށްވުން މާ އައުލާވެގެންވެއެވެ.
އަދިވެސް އެކަމުގައި އައިސްފައިވާ ނައްޞުތަކުގެ ތެރޭގައި: އެކަލާނގެ -ޖައްލަ ޖަލާލުހޫ- ގެ މިބަސްފުޅުވެއެވެ:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
(ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ.
(ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 2-3] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ18﴾
(އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރުދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [ޔޫނުސް: 18]
ފަހެ ﷲ ތަޢާލާ މި ދެ އާޔަތުގައި ޚަބަރުދެއްވާފައި އެވަނީ: މުޝްރިކުން އެކަލާނގެ ފިޔަވައި މަޚްލޫޤުންތަކެއް އެހީތެރި ވަލީވެރި ފަރާތްތަކެއްގެ ގޮތުގައި ނެގިކަމަށެވެ. ބިރުވެތިވެގެންނާއި، (ރަޙްމަތާއި ފުއްސެވުމަށް) އެދި އުއްމީދުކޮށްގެންނާއި، ކަތިލައިގެންނާއި، ނަދުރު ބުނެގެންނާއި، ދުޢާކޮށްގެން އަދި އެފަދަ ކަންކަން ކޮށްގެން އެކަލާނގެއާއެކު އެ ފަރާތްތަކަށް އެމީހުން އަޅުކަންކުރެއެވެ. އެއީ އެ ވަލީވެރި ފަރާތްތަކަށް އަޅުކަންކޮށްފި މީހަކު ﷲ އާ ކުއްތަންކޮށްދީ، އެކަލާނގެ ޙަޟްރަތުގައި އެ ފަރާތްތައް އޭނާއަށް ޝަފާޢަތްތެރިވާނޭކަމަށް ދަޢުވާކޮށްގެންނެވެ. ދެން ﷲ ސުބްޙާނަހޫ އެމީހުން ދޮގުކުރައްވާ، އަދި އެމީހުންގެ ބާޠިލު ހާމަކުރެއްވިއެވެ. އަދި އެމީހުންނީ ދޮގުވެރިންތަކެއްކަމަށް، އަދި ކާފަރުންތަކެއްކަމަށް އަދި މުޝްރިކުންތަކެއްކަމަށް ނަންދެއްވިއެވެ. އަދި އެމީހުންގެ ޝިރުކުން އެކަލާނގެ ނަފްސުފުޅު ހުސްދުރުކުރެއްވިއެވެ. އެގޮތުން އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿...سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ﴾
(... އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [އައްނަޙްލު: 1] ފަހެ އެއިން އެނގިގެންދަނީ މަލާއިކަތެއް، ނުވަތަ ނަބިއްޔެއް، ނުވަތަ ޖިންނިއެއް، ނުވަތަ ގަހެއް، ނުވަތަ ހިލައެއް ނަގައިގެން ﷲ އާއެކު އެ ފަރާތަކަށް ނުވަތަ އެ އެއްޗަކަށް ދުޢާކޮށް، ވާތްގަށް އެދި، އެ ފަރާތަކަށް ނަދުރު ބުނެގެން އަދި ކަތިލައިގެން، ﷲ ގެ ޙަޟްރަތުގައި އެ ފަރާތެއް އޭނާއަށް ޝަފާޢަތްތެރިވެ، އޭނާ ކުއްތަންކޮށްދޭނެކަމަށް އުއްމީދުކޮށްގެން، ނުވަތަ ބަލިމީހަކަށް ޝިފާއަށް އެދިގެން، ނުވަތަ މުދާ ރައްކާކުރުމަށް، ނުވަތަ ދުރުގައި ގެއްލިގެންވާ މީހަކު ސަލާމަތްވެގެންވުމަށް އެދިގެން، ނުވަތަ އެއާ ވައްތަރުވެއްޖެ ކަމަކަށްޓަކައި އެ ފަރާތަކާ ކުއްތަންވާ މީހާ؛ ފަހެ ކަށަވަރުންވެސް އޭނާ އެވަނީ ބޮޑުވެގެންވާ މި ޝިރުކަށް، މި ނުބައިކަން ބޮޑު ބަލާވެރިކަމަށް ވެއްޓިފައިއެވެ. އެއީ ﷲ ތަޢާލާ އެއާމެދު މިހެން ވަޙީކުރެއްވި ކަންތަކެވެ:
﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا48﴾
(ހަމަކަށަވަރުން ﷲ، އެ އިލާހަށް ޝަރީކު ކުރެވުމެއް ނުފުއްސަވައެވެ. އަދި އެ ނޫން ފާފަތައް، އެ އިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި ﷲ އަށް ޝަރީކު ކުރާ މީހާ، ފަހެ ބޮޑުވެގެންވާ ދޮގު ފާފައެއް އުފައްދައިފިކަން ކަށަވަރެވެ.) [އައްނިސާއު: 48] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿...إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ﴾
(ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ، އެ މީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެ މީހަކު އުޅޭނެ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުރި މީހުންނަށް) ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.)
[އަލްމާއިދާ: 72]
ޤިޔާމަތްދުވަހު ޝަފާޢަތް ޙާޞިލުވާނީ ހަމައެކަނި ތައުޙީދާއި އިޚްލާޞްތެރިކަމުގެ އަހުލުވެރިންނަށެވެ. ޝިރުކުގެ އަހުލުވެރިންނަކަށް ނޫނެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ. އެއީ އެކަލޭގެފާނަށް މިހެން ދެންނެވުނު ހިނދެއެވެ: "އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ކަލޭގެފާނުގެ ޝަފާޢަތުން އެންމެ ބާއްޖަވެރިވެގެންވަނީ ކާކުތޯއެވެ؟" ޙަދީޘްކުރެއްވިއެވެ:
«مَنْ قَالَ: لَا إِلَهَ إِلَّا اللهُ خَالِصًا مِنْ قَلْبِهِ».
"އެމީހެއްގެ ހިތުން އިޚްލާޞްތެރިވެގެން لَا إِلَهَ إِلَّا اللهُ ކިޔައިފި މީހާއެވެ." އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ:
«لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ، فَتَعَجَّلَ كُلُّ نَبِيٍ دَعْوَتَهُ، وَإِنِّي اخْتَـبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَومَ القِيَامَةِ، فَهِيَ نَائِلَةٌ إِنْ شَاءَ اللهِ مَن مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللهِ شَيْئًا».
"ކޮންެމެ ނަބިއްޔަކަށް އިޖާބަވެވިގެންވާ ދުޢާއެއް ލިބިގެންވެއެވެ. ދެންފަހެ ކޮންމެ ނަބިއްޔަކު، އެ ނަބިއްޔަކަށް ލިބިގެންވާ ދުޢާއާމެދު އަވަސްވެލެއްވިއެވެ. އަދި ތިމަންކަލޭގެފާނުގެ ދުޢާ، ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތަށް ހުރި ޝަފާޢަތެއްގެ ގޮތުގައި ފަހަށް ރައްކާކުރެއްވީމެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުން، ﷲ އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާ ޙާލު މަރުވެއްޖެ މީހަކަށް އެ ޝަފާޢަތް إن شاء الله ލިބޭހުއްޓެވެ."
އިހުގައި އުޅުނު މުޝްރިކުން؛ ﷲ އީ އެމީހުންގެ ވެރި ރައްބުކަމުގައި، އަދި އުފެއްދެވި ޚާލިޤުކަމުގައި، އަދި ރިޒްޤުދެއްވާ ފަރާތްކަމުގައި އީމާންވެއެވެ. އެކަމަކު އެމީހުން ނަބިއްޔުންނާއި، ވަލީވެރިންނާއި، މަލާއިކަތުންނާއި، ގަސްގަހާގެއްސާއި، ހިލަތަކާއި އެފަދަ ތަކެއްޗާއި ފަރާތްތަކުން ﷲ ގެ ޙަޟްރަތުގައި އެމީހުންނަށް ޝަފާޢަތްތެރިވުމަށް، އަދި އެކަލާނގެ ޙަޟްރަތުގައި އެ ފަރާތްތައް ކުއްތަންވެގެންވާތީވެ، އެ ފަރާތްތަކުގައި އެލިގަތީއެވެ. އެއީ އިސްވެދިޔަ އާޔަތްތަކުގައި ބަޔާންވި ފަދައިންނެވެ. ދެންފަހެ އޭގެ ސަބަބުން ﷲ އެމީހުންނަށް ޢުޛުރެއް ނުދެއްވައެވެ. ކިއެއްތަ، އެކަލާނގެ މަތިވެރިވެގެންވާ ފޮތުގައި އެމީހުންނަށް އިންކާރު ކުރައްވާ، އެމީހުންނީ ކާފަރުންކަމުގައި އަދި މުޝްރިކުންކަމުގައި ނަންދެއްވާ، އަދި މި އިލާހުންތައް ﷲ ގެ ޙަޟްރަތުގައި އެމީހުންނަށްޓަކައި ޝަފާޢަތްތެރިވެ، ކުއްތަންކޮށްދޭކަމަށް ކުރާ ދަޢުވާ ދޮގުކުރެއްވިއެވެ. އަދި ﷲ ގެ ރަސޫލާ ﷺ އެމީހުންނަށް ޢުޛުރެއް ނުދެއްވައެވެ. ކިއެއްތަ، މި ޝިރުކުގެ މައްޗަށް އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރެއްވިއެވެ. އެއީ އެމީހުން އަޅުކަން ﷲ އަށް އެކަނި ޚާލިޞްކޮށްފުމަށް ދާންދެނެވެ. އެއީ އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ:
﴿وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ...﴾
(އަދި ފިތުނަވެރިކަން (އެބަހީ: ޝިރުކާއި ﷲގެ ދީނުން މީސްތަކުން އެއްކިބާކުރުވުން) ނެތިއްޖައުމަށް ދާންދެން އަދި ދީން، ﷲ އަށް ޚާލިޞްވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަކުރާށެވެ!..) [އަލްބަޤަރާ: 193] އަދި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:
«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤتُوا الزَّكَاةَ، فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُم وَأَمْوَالَهُمْ إِلَّا بِحَقِّ الإِسْلَامِ، وَحِسَابُهُم عَلَى اللهِ».
"މީސްތަކުން ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފުމަށް ދާންދެން އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ދެންފަހެ އެމީހުން އެ ކަންކަން ކޮށްފިނަމަ އެމީހުންގެ ލެޔާއި މުދާތައް ތިމަންކަލޭގެފާނުގެ ކިބައިން ރައްކާކޮށްފިއެވެ. އިސްލާމްދީނުގެ ޙައްޤެއްވާ ކަމެއްގައި މެނުވީއެވެ. އަދި އެމީހުންގެ ޙިސާބު ބެއްލެވުންވަނީ ﷲ އަށެވެ." އަދި އެކަލޭގެފާނު ﷺ ގެ މި ބަސްފުޅުގެ މާނައަކީ:
«حَتَّى يَشْهَدُوا أَن لَا إِلهَ إِلَّا اللهُ»
"އެމީހުން لَا إِلهَ إِلَّا اللهُ އަށް (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް) ހެކިވެއްޖައުމަށް ދާންދެން." އެބަހީ: އަޅުކަން ކުރުމުގައި، ﷲ ފިޔަވައި އެހެން ފަރާތްތައް ދޫކޮށް، އެކަލާނގެއަށް ޚާއްޞަކޮށްފުމަށް ދާންދެނެވެ.
މުޝްރިކުން ޖިންނީންދެކެ ބިރުގަންނަ ކަމުގައިވިއެވެ. އަދި ޖިންނީންގެ ކިބައިން ރައްކަލަށް އެމީހުން އެދެއެވެ. ދެން އެކަމާމެދު ﷲ ތަޢާލާގެ މި ބަސްފުޅު ބާވައިލެއްވިއެވެ:
﴿وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا6﴾
(އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ (އެ ކަމުގެ ސަބަބުން) އެ މީހުންނަށް (އެބަހީ: ޖިންނީންނަށް) އެ މީހުން (އެބަހީ: އިންސީން) ކާފަރުކަމާއި ބޮޑާކަން އިތުރުކުރިއެވެ.) [އަލްޖިންނު: 6] މި މާތް އާޔަތާމެދު ތަފްސީރުގެ އަހުލުވެރިން ވިދާޅުވިއެވެ. އެކަލާނގެ މި ބަސްފުޅުގެ މާނައީ:
﴿...فَزَادُوهُمْ رَهَقًا﴾
(...ފަހެ އެ ޖިންނީން އެމީހުންނަށް ރަހަޤު އިތުރުކުރިއެވެ) އެބަހީ: ބިރުވެރިކަމާއި ނާމާންކަން އިތުރުކުރިއެވެ. އެހެނީ އިންސީން ޖިންނީންގެ ކިބައިން ރައްކާތެރިކަމަށް އެދޭތަން ފެނިއްޖެނަމަ؛ ޖިންނީން މަތިވެގަނެ ބޮޑާވެގަނެއެވެ. އަދި އެހިނދު އިންސީންނަށް ހައްތަހާ ބިރުވެރިކަމާއި ނާމާންކަން އިތުރުކުރެއެވެ. އެއީ ޖިންނީންނަށް އަޅުކަންކުރުން ގިނަކޮށް، ޖިންނީންގެ ގާތުން ޙިމާޔަތަށް އެދުން ގިނަކުރުވުމަށެވެ.
އަދި ﷲ، މުސްލިމުންނަށް އޭގެ ބަދަލުގައި އެކަލާނގެ ސުބްޙާނަހޫގެ ޙަޟްރަތުން، އަދި އެކަލާނގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން ރައްކާތެރިކަމަށް އެދުން ކަނޑައެޅުއްވިއެވެ. އަދި އެކަމުގައި ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅު ބާވައިލެއްވިއެވެ:
﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ سَمِيعٌ عَلِيمٌ200﴾
(އަދި ހަމަކަށަވަރުން ޝައިތާނާގެ ފުށުން ވަސްވާސްތެރިކަމެއް ތިބާއަށް ލައިގަންނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދޭށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ.) [އަލްއަޢުރާފު: 200] އަދި އެކަލާނގެ ޖައްލަ ޖަލާލުހޫގެ މި ބަސްފުޅެވެ:
﴿قُلْ أَعُوذُ بِرَبِّ الْفَلَقِ1﴾
(ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އަދި ނަބިއްޔާ ﷺ މިހެން ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ:
«مَنْ نَزَلَ مَنْزِلًا فَقَالَ: (أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)؛ لَم يَضُرَّهُ شَيءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ».
"ތަނަކަށް ފައިބާ، ދެން: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ (ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެކަލާނގެ ޚަލްޤުކުރެއްވި ކޮންމެ ނުބަޔަކުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ.) މިހެން ކިޔައިފި މީހާ؛ އޭނާގެ އެ މަންޒިލުން ގޮސްފުމަށް ދާންދެން އެއްވެސް އެއްޗަކަށް އޭނާއަށް ގެއްލުމެއް ނުދެވޭނެއެވެ."
ނަޖާވުން ހޯދައިގަންނަ މީހާ، އަދި އޭނާގެ ދީނަށް ރައްކާތެރިވުމަށާއި، އަދި ޝިރުކު -އޭގެ ވަންހަނާ ނާޒުކު ވައްތަރާއި ފާޅުވެ ބޮޑުވެގެންވާ ވައްތަރުން- ސަލާމަތްވުމަށް ދަހިވެތިވާ މީހާއަށް އިސްވެދިޔަ އާޔަތްތަކާއި ޙަދީޘްތަކުން އެނގިގެންދާނީ: މައްޔިތުންނާއި މަލާއިކަތުންނާއި ޖިންނީންނާއި އެހެންވެސް މަޚްލޫޤުންނަށް (ބަރޯސާވެގެން) އެލިގެންވެ، އެ ފަރާތްތަކަށް ދުޢާކޮށް ރައްކާތެރިކަމަށް އެދުމާއި އެފަދަ ކަންކަމަކީ؛ ޖާހިލިއްޔަތުގެ އަހުލުވެރި މުޝްރިކުންގެ ޢަމަލެއްކަމާއި، ﷲ ސުބްޙާނަހޫއާ ކުރެވޭ އެންމެ ހުތުރު އެއް ޝިރުކުކަމެވެ. ފަހެ ވާޖިބުވެގެންވަނީ އެ ކަންކަން ދޫކޮށްލާ، އެ ކަންކަމާމެދު ހުށިޔާރުވެ ސަމާލުވެ، އެ ކަންކަން ދޫކޮށްލުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް، އެފަދަ ކަންކަން ކޮށްފި މީހަކަށް އިންކާރު ކުރުމެވެ.
ދެންފަހެ މި ޝިރުކީ ޢަމަލުތައް ކުރާކަމަށް މީސްތަކުންގެ ތެރެއިން އެނގިގެންވާ މީހެއްނަމަ؛ ފަހެ އޭނާއާ ކައިވެނިކުރުން ހުއްދަވެގެން ނުވެއެވެ. އަދި އޭނާ ކަތިލާ މަސް ކެއުމާއި، އޭނާގެ މައްޗަށް ކަށު ނަމާދުކުރުމާއި، އޭނާގެ ފަހަތުގައި ނަމާދުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެއީ އޭނާ އެ ކަންކަމުން ﷲ ސުބްޙާނަހޫ އަށް ތައުބާވިކަމަށް އިޢުލާނުކޮށް، ހަމައެކަނި ﷲ އަށް ދުޢާއާއި އަޅުކަން ޚާލިޞްކޮށްފުމަށް ދާންދެނެވެ. ދުޢާއަކީ އަޅުކަމެވެ. ކިއެއްތަ، އަޅުކަމުގެ މަދެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ:
«الدُّعَاءُ هُوَ العِبَادَةُ».
"ދުޢާއަކީ އެއީ އަޅުކަމެވެ." އަދި އެހެން ލަފްޒެއްގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވުނެވެ:
«الدُّعَاءُ مُخُّ العِبَادَةِ».
"ދުޢާ އަކީ އަޅުކަމުގެ މަދެވެ." ދެންފަހެ މުޝްރިކުންނާ ކައިވެނިކުރުން ދަންނައެވެ، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿وَلَا تَنْكِحُوا الْمُشْرِكَاتِ حَتَّى يُؤْمِنَّ وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلَا تُنْكِحُوا الْمُشْرِكِينَ حَتَّى يُؤْمِنُوا وَلَعَبْدٌ مُؤْمِنٌ خَيْرٌ مِنْ مُشْرِكٍ وَلَوْ أَعْجَبَكُمْ أُولَئِكَ يَدْعُونَ إِلَى النَّارِ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ221﴾
(މުޝްރިކު އަންހެނުންނާ ތިޔަބައިމީހުން ކައިވެނި ނުކުރާ ހުށިކަމެވެ! (އެއީ) އެ އަންހެންތަކުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް، ހަމަކަށަވަރުން މުއުމިނު އަޅުއަންހެނަކުވެސް މުޝްރިކު އަންހެނަކަށް ވުރެ މާރަނގަޅެވެ. އަދި (މުއުމިނު އަންހެނުން) މުޝްރިކު ފިރިހެނުންނާ ތިޔަބައިމީހުން ކައިވެނިކޮށް ނުދޭށެވެ! (އެއީ) އެބައިމީހުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި ޤަބޫލު ވިޔަސް، ހަމަކަށަވަރުން މުއުމިނު ފިރިހެން އަޅަކުވެސް މުޝްރިކު ފިރިހެނަކަށް ވުރެ މާރަނގަޅެވެ. އެބައިމީހުން އެ ގޮވަނީ ނަރަކައަށް ވަނުމަށެވެ. ﷲ ގޮވައިލައްވަނީ އެއިލާހުގެ އިޛުނަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި ފާފަފުއްސެވުމުގެ ތެރެއަށް ވަނުމަށެވެ. އަދި އެއިލާހުގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.) [އަލްބަޤަރާ: 221] ފަހެ ﷲ ސުބްޙާނަހޫ އެވަނީ: ބުދުތަކާއި ޖިންނީންނާއި މަލާއިކަތުންނާއި އެހެން ތަކެއްޗަށް އަޅުކަންކުރާ މުޝްރިކު އަންހެނުންނާ ކައިވެނިކުރުން މުސްލިމުން ފިރިހެނުންނަށް ނަހީކުރައްވާފައިއެވެ. އެއީ އެ އަންހެންތަކުން ހަމައެކަނި ﷲ އަށް އަޅުކަން އިޚްލާޞްތެރިކޮށް، ރަސޫލާ ﷺ ގެންނެވި ކަންތަކުގައި އެކަލޭގެފާނުގެ ތެދުކޮށް، އެކަލޭގެފާނުގެ މަގަށް ތަބަޢަވެގެން އީމާންވެއްޖައުމަށް ދާންދެނެވެ. އަދި މުޝްރިކު ފިރިހެނުން، މުސްލިމު އަންހެނުންނާ ކައިވެނިކުރުންވެސް ނަހީކުރެއްވިއެވެ. އެއީ ﷲ އަށް އެކަނި އަޅުކަން އިޚްލާޞްތެރިކޮށް، ރަސޫލާ ﷺ ތެދުކޮށް އެކަލޭގެފާނަށް ތަބަޢަވެގެން އީމާންވެއްޖައުމަށް ދާންދެނެވެ.
އަދި އެކަލާނގެ ސުބްޙާނަހޫ ޚަބަރުދެއްވާފައިވަނީ: މުއުމިނު އަޅު އަންހެނަކުވެސް، މުޝްރިކު މިނިވަން އަންހެނަކަށްވުރެ ހެޔޮވެގެންވާ ކަމުގައިއެވެ. އެއީ އެ އަންހެނަކު ފެންނަ މީހާ، އަދި އެ އަންހެނާގެ ވާހަކަ އަޑުއިވޭ މީހާއަށް، އެކަނބުލޭގެ ރީތިކަމާއި ވާހަކައިގެ ހިތްގައިމުކަމާހުރެ އާޝޯޚުކޮށްލިޔަސްމެއެވެ. އަދި މުއުމިނު އަޅު ފިރިހެނެއްވެސް، މުޝްރިކުން މިނިވަން ފިރިހެނަކަށްވުރެ ހެޔޮވެގެންވާ ކަމުގައިއެވެ. އެއީ އޭނާގެ އަޑުއަހާ، އަދި އޭނާ ފެންނަ މީހާއަށް، އޭނާގެ ރީތިކަމާއި، ފަޞާޙާތްތެރިކަމާއި، ހިތްވަރުގަދަކަމާއި އެފަދަ ކަންކަމާހުރެ ޢަޖައިބުވިޔަސްމެއެވެ. ދެން މި ގޮތަށް ހެޔޮވެ އިތުރުވެގެންވީ ސަބަބުތައް، އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުން ބަޔާންކުރެއްވިއެވެ:
﴿...أُولَئِكَ يَدْعُونَ إِلَى النَّارِ...﴾
(...އެމީހުން ދަޢުވަތުދީ ގޮވާލަނީ ނަރަކައަށެވެ...) [އަލްބަޤަރާ: 221] އެއިން އެ މާނަކުރައްވަނީ: މުޝްރިކު ފިރިހެނުންނާއި މުޝްރިކު އަންހެނުންގެ ވާހަކައެވެ. އެހެނީ އެމީހުންނީ އެމީހުންގެ ބަސްތަކާއި، ޢަމަލުތަކާއި، އުޅޭއުޅުމާއި، އަޚްލާޤުން ނަރަކައަށް ގޮވާލާ ބައެކެވެ. އަނެއްކޮޅުން މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނީ، އެމީހުންގެ އަޚްލާޤާއި، އެމީހުންގެ ޢަމަލުތަކާއި، އުޅޭއުޅުމުން ސުވަރުގެއަށް ގޮވާލާ ބައެކެވެ. ދެންފަހެ މި މީހުންނާއި، ދެން ތިބި މީހުންނާ ހަމަހަމަވާނީ ކިހިނަކުންހެއްޔެވެ!؟
ދެންފަހެ މުޝްރިކުންގެ މައްޗަށް ކަށު ނަމާދުކުރުމަށް ބަލާއިރު، ފަހެ މުނާފިޤުންނާމެދުގައި އެކަލާނގެ -ޖައްލަ ވަޢަލާ- ވަޙީކުރެއްވިއެވެ:
﴿وَلَا تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا وَلَا تَقُمْ عَلَى قَبْرِهِ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ84﴾
(އެ މީހުންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ. އަދި އެ މީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ. ހަމަކަށަވަރުން އެ މީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކާފަރުވިއެވެ. އަދި އެ މީހުން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލުގައެވެ.) [އައްތައުބާ: 84] ފަހެ އެކަލާނގެ -ޖައްލަ ވަޢަލާ- މި މާތްވެގެންވާ އާޔަތުގައި ސާފުކޮށް ބަޔާންކުރެއްވީ: މުނާފިޤުމީހާއާއި ކާފަރުމީހާގެ މައްޗަށް ކަށު ނަމާދު ނުކުރެވޭނެކަމެވެ. އެއީ އެ ދެމީހުން ﷲ އާއި އެކަލާނގެ ރަސޫލާއަށް ކާފަރުވެގެން ވުމުންނެވެ. މިފަދައިންމެ، އެ ދެމީހުންގެ ފަހަތުގައިވެސް ނަމާދު ނުކުރެވޭނެއެވެ. އަދި މުސްލިމުންނަށް ހުރި އިމާމުންކަމުގައި އެ ދެމީހުން ނުހެދޭހުއްޓެވެ. އެއީ އެ ދެމީހުން ކާފަރުވެގެންވުމުން، އަދި އަމާނާތްތެރިކަމެއް ނެތުމުން، އަދި މުސްލިމުންނާ އެ ދެމީހުންނާ މެދުގައި އޮންނަ ބޮޑުވެގެންވާ ޢަދާވާތްތެރިކަމަށްޓަކައިއެވެ. އަދި އެ ދެމީހުންނީ ނަމާދާއި އަޅުކަމުގެ އަހުލުވެރިންނެއް ނޫނެވެ. އެހެނީ ކުފުރާއި ޝިރުކަކީ އެއާއެކު ދެން (ހެޔޮ) ޢަމަލެއް ބާކިކޮށް ނުދޭ ދެކަމެވެ. އަހަރުމެން ﷲ ގެ ޙަޟްރަތުން އެދެނީ އެއިން ޢާފިޔަތު ދެއްވުމަށެވެ. ދެން މުޝްރިކުން ކަތިލާ ތަކެތި ކެއުމަށް ބަލާއިރު، ފަހެ މުޅަ މަހާއި، މުޝްރިކުން ކަތިލާ މަސް ޙަރާމްވެގެންވާކަން ބަޔާންކުރައްވާ އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ121﴾
((ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲ ގެ އިސްމުފުޅު ނަންނުގަނެވިވާ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެ ތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިތާނުން އެ މީހުންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެ މީހުންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން ތިޔަބައިމީހުންނަކީ ވެސް، މުޝްރިކުންކަން ކަށަވަރެވެ.) [އަލްއަންޢާމު: 121] ފަހެ އެކަލާނގެ -ޖައްލަ ޖަލާލުހޫ- އެވަނީ މުޅަތަކެއްޗާއި މުޝްރިކުން ކަތިލާ ތަކެތި ކެއުން މުސްލިމުންނަށް ނަހީކުރައްވާފައިއެވެ. އެހެނީ އެއީ ނަޖިހެކެވެ. އެގޮތުން އޭނާ ކަތިލާ އެއްޗެއްވަނީ މުޅަ މަހުގެ ޙުކުމްގައިއެވެ. އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަތަސް މެއެވެ. އެހެނީ އޭނާގެ ފުށުން ބިސްމި ކިޔުމަކީ އެއްވެސް އަސަރެއް އޭގައި ނެތް ބާޠިލު ކަމެކެވެ. ޝިރުކަކީ އަޅުކަން ބާޠިލުކޮށް ގެއްލުވާލާ ކަމެކެވެ. ޝިރުކު ކުރާ މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތައުބާވެއްޖައުމަށް ދާންދެނެވެ. އެކަލާނގެ -ޖައްލަ ޖަލާލުހޫ- ފޮތުގެ އަހުލުވެރިންގެ ކާބޯތަކެތި، އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުގައި ހުއްދަކުރެއްވީ:
﴿...وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَكُمْ وَطَعَامُكُمْ حِلٌّ لَهُمْ...﴾
(...އަދި ފޮތް ލިބުނު މީހުންގެ ކާނާ ތިޔަބައިމީހުންނަށް ޙަލާލު ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެ މީހުންނަށް ޙަލާލު ވެގެންވެއެވެ...) [އަލްމާއިދާ: 5]. އެހެނީ އެމީހުުންނީ ސަމާވީ ދީނަކަށް ނިސްބަތްވެ، އަދި މޫސާގެފާނާއި ޢީސާގެފާނަށް ތަބަޢަވީ މީހުންގެ ތެރެއިންވާ ބައެއްކަމަށް ދަޢުވާކުރާ ބައެއްކަމުގައި ވުމުންނެވެ. އެކަމުގައި އެމީހުން ދޮގުވެރިން ކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާވަނީ މުޙައްމަދު ﷺ ހުރިހާ މީސްތަކުންގެ ގާތަށް ފޮނުއްވައިގެން އެމީހުންގެ ދީން މަންސޫޚަ ކުރައްވާ، ބާޠިލުކުރައްވާފައިއެވެ. ނަމަވެސް ﷲ -ޖައްލަ ވަޢަލާ- ފޮތުގެ އަހުލުވެރިންގެ ކާބޯތަކެއްޗާއި އެމީހުންގެ އަންހެނުން އަހަރުމެންނަށް ހުއްދަކުރެއްވިއެވެ. އެއީ ބޮޑުވެގެންވާ ޙިކްމަތަކަށްޓަކައި، އަދި ރިޢާޔަތްކުރެއްވިފައިވާ ސިއްރުތަކަކަށްޓަކައިއެވެ. ޢިލްމުގެ އަހުލުވެރިންވަނީ އެކަންކަން ބަޔާންކުރައްވާފައިއެވެ. އެއީ ބުދުތަކާއި، މައްޔިތުންގެ ތެރެއިންވާ ނަބިއްޔުންނާއި ވަލީވެރިންނާއި އެހެން މީހުންނަށް އަޅުކަންކުރާ މުޝްރިކުންނާ ޚިލާފަށެވެ. އެހެނީ އެމީހުންގެ ދީނަކީ އެއަށް އެއްވެސް އަޞްލެއް އަދި ޝުބުހައެއް ނުވާ ދީނެކެވެ. ކިއެއްތަ، އޭގެ އަސާސުން އެ ވަނީ ބާޠިލުވެގެންނެވެ. ދެން އެ ދީނުގެ އަހުލުވެރިންގެ ކަތިލުން މުޅަ އެއްޗެއްކަމުގައިވިއެވެ. އަދި އެ ކެއުން ހުއްދަވެގެން ނުވެއެވެ.
ދެންފަހެ މުޚާޠަބުކުރާ މީހަކާ ދިމާލަށް: "ތިޔަހުރީ ޖިންނިއެއް އަވަލާފަޔޭ" "ޖިންނިއެއް ތިބާ ޖަހައިގަތީއޭ"، "ޝައިޠާނެއް ތިބާ ގޮވައިގެން އުދުހިގަތީއޭ"، އަދި މިއާ ވައްތަރު ޢިބާރާތްތައް ބުނުމަކީ؛ ބަދުބަސްބުނެ އެއްޗެހި ގޮވުމުގެ ބާބުގައިވާ ކަންތަކެކެވެ. އަދި އެއީ ބަދުބަސްބުނެ އެއްޗެހި ގޮވުމުގެ އެހެން ހުރިހާ ބަސްތައް ފަދައިން، މުސްލިމުންގެ މެދުގައި ކުރުން ހުއްދަކަމެއް ނޫނެވެ. އެކަމަކު އެއީ ޝިރުކުގެ ބާބުގައިވާ ކަމެއް ނޫނެވެ. އެހެން ބުނާ މީހާ، ﷲ ގެ އިޛްނަފުޅާއި އިރާދައާއި ނުލާ ޖިންނީން މީސްތަކުންގެ ތެރޭގައި ބާރުފޯރުކޮށް އުޅޭކަމަށް ޤަބޫލުކުރާނަމަ މެނުވީއެވެ. ދެންފަހެ ޖިންނީންނާމެދު، ނުވަތަ އެނޫން މަޚްލޫޤުންނާމެދުވެސް އެގޮތަށް އިޢުތިޤާދުކޮށް ޤަބޫލުކޮށްފި މީހާއީ؛ ފަހެ މި ޤަބޫލުކުރުމުގެ ސަބަބުން ކާފަރެކެވެ. އެހެނީ ﷲ ސުބްޙާނަހޫ އެއީ ކޮންމެ އެއްޗެއް މިލްކުވެވޮޑިގެންވާ، އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތަވެގެންވާ އިލާހެވެ. އަދި ފައިިދާ ކޮށްދެއްވާ، ގެއްލުންދެއްވާ ފަރާތަކީވެސް އެއީއެވެ. އަދި އެކަލާނގެ އިޛްނަފުޅާއި، މަޝީއަތާއި، އެކަލާނގެ އިސްވެ ތަޤުދީރުކުރެއްވުމާ ލައިގެން މެނުވީ އެއްވެސް އެއްޗެއް ވުޖޫދު ނުވެއެވެ. އެއީ މި ބޮޑުވެގެންވާ އަޞްލުގެ ޚަބަރު މީސްތަކުންނަށް ދެއްވުމަށް އެކަލާނގެ -ޖައްލަ ޖަލާލުހޫ-، އެކަލާނގެ ނަބިއްޔާ ﷺ އަށް އަމުރުކުރައްވާ ވަޙީކުރެއްވިގޮތަށެވެ:
﴿قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ188﴾
(ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކު ވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު (ދުނިޔަވީ މޮޅާއި) ހެޔޮ ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުގައި ނުބީހުނީހެވެ. އިންޛާރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.) [އަލްއަޢުރާފު: 188] ދެންފަހެ ޚަލްޤުތަކުންގެ ސާހިބާ، އަދި ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތްވެގެންވާ ކަލޭގެފާނު عليه الصلاة والسلام ވެސް، ﷲ އިރާދަކުރެއްވި ކަމެއް މެނުވީ، އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ފައިދާއެއް އަދި ގެއްލުމެއްވެސް މިލްކުވެގެން ނުވާހިނދު؛ ދެން އެނޫން ޚަލްޤުތަކުންނާ މެދުގައި އަދި ކޮންފަދަހެއްޔެވެ!؟ މި މާނާގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
ދެންފަހެ، ޣައިބުގައިވާ ކަންކަމުން ޚަބަރުދިނުމުގައި އުޅޭ؛ ފާލުބަލާ މީހުންނާއި، ސިޙުރުވެރިންނާއި، ނުޖޫމީ ބުރައްމާނީންނާއި އެފަދަ މީހުންނާ ކަންކަމުގައި ސުވާލުކޮށް އެހުމަކީ، ހުއްދަވެގެން ނުވާ މުންކަރެކެވެ. އަދި އެމީހުން ތެދުކުރުމަކީ އެއަށްވުރެވެސް ގަދަވެގެންވާ، މުންކަރުކަން ބޮޑު ކަމެކެވެ. ކިއެއްތަ، އެއީ ކުފުރުގެ ކަފިތަކުގެ ތެރޭގައިވާ ކަމެކެވެ. ނަބިއްޔާ ﷺގެ މި ބަސްފުޅަށްޓަކައިއެވެ:
«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيءٍ؛ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَومًا».
"ޢައްރާފެއް (ކަހީނެއް ނުވަތަ ފާލުބަލާ މީހެއް) ގެ ގާތަށް ގޮސް، ކަމަކާމެދު އޭނާގެ ގާތުން ސުވާލުކޮށްފި މީހާ؛ ސާޅީސް ދުވަހުގެ ނަމާދު އޭނާގެ ކިބައިން ޤަބޫލު ނުކުރެވޭހުއްޓެވެ." ރިވާކުރެއްވީ މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ. އަދިވެސް އެކަލޭގެފާނުގެ ޞަޙީޙުގައި، މުޢާވިޔާ ބްނުލް ޙަކަމު އައްސުލަމީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ:
«أَنَّ النَّبيَّ ﷺ نَهَى عَنْ إِتْيَانِ الكُهَّانِ وَسُؤَالِهِم».
"ކާހިނުންގެ ގާތަށް ދިޔުމާއި، އެމީހުންގެ ގާތުން ކަންކަމުގައި ސުވާލުކޮށް އެހުން ނަބިއްޔާ ﷺ ނަހީކުރެއްވިއެވެ."
އަދި ސުނަނު ފޮތްތަކުގެ އަހުލުވެރިން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ނެރުއްވިއެވެ:
«مَنْ أَتَى كَاهِنًا، فَصَدَّقَهُ بِمَا يَقُولُ؛ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».
"ކާހިނެއްގެ ގާތަށް ގޮސް، ދެން އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ ހަމަކަށަވަރުން މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ: ކާހިނުންނާއި ފާލުބަލާ މީހުންނާއި، އެނޫންވެސް، ޣައިބުގައިވާ ކަންކަމުގެ ޚަބަރުދީ، މުސްލިމުންނަށް އޮޅުވާލުމުގައި އުޅޭ ސިޙުރުވެރި ހާހޫރަވެރިންގެ ގާތުން ސުވާލުކުރުމާމެދު ސަމާލުވެ ދުރުވުމެވެ. އެއީ (ޑޮކްޓަރީ) ބޭސްވެރިކަމުގެ ނަމުގައި ނުވަތަ އެހެން ނަމެއްގައިވިޔަސްމެއެވެ. އެއީ އިސްވެދިޔަ ފަދައިން، ނަބިއްޔާ ﷺ އެކަން ނަހީކުރައްވާ، އެކަމާމެދު އިންޛާރުދެއްވާފައި ވުމުންނެވެ. އަދި އޭގެ ތެރެއަށް ވަންނަ އަނެއްކަމަކީ: ބޭސެވެރިކަމުގެ ނަމުގައި ބައެއް މީހުން ދަޢުވާކުރާ ޣައިބުގެ ކަމެއްކަމުގައިވާ: ބަލިމީހާގެ ފަގުޑި، ނުވަތަ ބަލި އަންހެނާގެ ބުރުގާގެ ވަސް ބަލާލާފައި "މި ބަލި ފިރިހެނާ ނުވަތަ ބަލި އަންހެނާ މިވެނި ކަމެއް ކުރިޔޭ، އެވެނި ގޮތެއް ހެދިޔޭ" ބުނުންފަދަ، ބަލިމީހާގެ ފަގުޑީގައި އަދި އެފަދަ އެއްޗެއްގައި އެކަމަށް އެއްވެސް ދަލީލެއް ނެތް ކަންކަމުގެ ވާހަކަ ދެއްކުމެވެ. އެކަމުގެ ޤަޞްދަކަށް ވާކަން ކަށަވަރީ: ޢާއްމު މީސްތަކުންނަށް އޮޅުވާލުމެވެ. އެއީ އޭނާއަކީ ބޭސްވެރިކަމާއި، ބަލިބަލީގެ ވައްތަރުތަކާއި ސަބަބުތައް ދަންނަ މީހެއްކަމަށް އެމީހުން ލައްވާ ބުނުވުމަށެވެ. ފަހަރެއްގައި އޭނާ އެމީހުންނަށް ބޭސްތަކެއް ދީވެސްފާނެއެވެ. އަދި ފަހަރެއްގައި ﷲ ގެ ޤަދަރާއި މިންވަރުން އެކަމުގައި އިއްތިފާޤުން ޝިފާ ލިބުންވެސް ދިމާވެދާނެއެވެ. ދެން އެމީހުން ހީކުރަނީ އެއީ އޭނާގެ ބޭސްފަރުވާތަކުގެ ސަބަބުން ވީ ކަމެއްކަމުގައިއެވެ. އަދި ފަހަރެއްގައި، އެ ބައްޔަކީ: ބޭސްފަރުވާ ކުރަނީކަމަށް ދަޢުވާކުރާ އެހެރަ މީހާއަށް ޚިދުމަތްކޮށްދޭ ބައެއް ޖިންނީންނާއި ޝައިޠާނުންގެ ސަބަބުންވާ ބައްޔެއްކަމުގައިވެސް ވެދާނެއެވެ. އަދި އެ ޖިންނީން ހޯދައިގަންނަ ބައެއް ޣައިބުގެ ކަންކަމުން އޭނާއަށް ޚަބަރުދެއެވެ. ދެން އޭނާ އެކަމަށް ބަރޯސާވެ، އެ ޖިންނީންނާއި ޝައިޠާނުންނަށް ކަމުދާ އަޅުކަމެއް (އެ މީހުންނަށް އަނބުރާލައިގެން) ރުއްސައެވެ. ދެން އެ ބަލިމީހާގެ ކިބައިން އެ ޖިންނީންތައް އުފުލި، އޭނާއަށް ޖައްސަމުންދިޔަ ދުއްތުރާތައް ދޫކޮށްލައެވެ. މިއީ ޖިންނީންނާއި ޝައިޠާނުންނާއި، އަދި އެވެރިން ލައްވާ ޚިދުމަތްކުރުވާ މީހުންގެ ކިބައިން އެނގިގެންވާ ކަމެކެވެ.
އަދިވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ: އެކަމާމެދު ހުށިޔާރުވެ ސަމާލުވެ، އެފަދަ ކަންކަން ކުރުން ދޫކޮށްލުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަރޯސާވެ، އަދި ހުރިހާ ކަމެއްގައި އެކަލާނގެއަށް ވަކީލުކުރުމެވެ. އަދި ޝަރުޢީ ރުޤްޔާތަކާއި، ހުއްދަ ފަރުވާތަކާއި، އަދި ޙިއްސީ ހަމަޖެހޭ ސަބަބުތަކުން ބަލިމީހާގެ ޙާލަތު ޗެކުކޮށް، އޭނާގެ ބަލި ބަލާ ދެނެގަންނަ ޑޮކްޓަރުންގެ ގާތުން ފަރުވާ ހޯދުން އެއީ މައްސަލައެއް ނޫނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ:
«مَا أَنْزَلَ اللهُ دَاءً إِلَّا أَنْزَلَ لَهُ شِفَاءً، عَلِمَهُ مَنْ عَلِمَهُ، وَجَهِلَهُ مَنْ جَهِلَهُ».
"އެ ބައްޔަކަށް ޝިފާއެއް ނުވާ ގޮތަށް ﷲ އެއްވެސް ބައްޔެއް ބާވައިނުލައްވަތެވެ. އެ ޝިފާ އެނގުނު މީހަކަށް އެނގުނީއެވެ. ނޭނގުނު މީހަކަށް ނޭނގުނީއެވެ." އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ:
«لِكُلِّ دَاءٍ دَوَاءٌ، فإِذَا أُصِيبَ دَوَاءٌ الدَّاءَ بََرَأَ بِإِذْنِ اللهِ».
"ކޮންމެ ބައްޔަކަށް ބޭސްފަރުވާވެއެވެ. ދެންފަހެ އެ ބައްޔެއްގެ ފަރުވާއާ ދިމާވެއްޖެނަމަ ﷲ ގެ އިޛްނަފުޅާއެކު ބަލި ފަސޭހަވެއެވެ." އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ:
«عِبَادَ اللهِ، تَدَاوَوا وَلَا تَدَاوَوا بِحَرَامٍ».
"ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ބޭސް ފަރުވާ ކުރާށެވެ. އަދި ޙަރާމް އެއްޗަކުން ފަރުވާ ނުކުރާށެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
ފަހެ އަހަރުމެން ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުން އެދި ދަންނަވަނީ: ހުރިހާ މުސްލިމުންގެ ޙާލަތު ރަނގަޅުކޮށްދެއްވާ، އެމީހުންގެ ހިތްތަކާއި ހަށިތައް ކޮންމެ ނުބައިކަމަކުން ޝިފާދެއްވާ، ތެދުމަގުގެ މައްޗަށް އެމީހުން ޖަމަޢަކުރައްވާ، މަގުފުރައްދަނިވި ފިތުނަތަކުންނާއި، ޝައިޠާނާއާއި އޭނާގެ އެކުވެރި އެހީތެރިންނަށް ކިޔަމަންވުމުން އަހަރުމެންނާއި އެމީހުން ރައްކާތެރިކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެގެންވެއެވެ. އަދި އެއްވެސް އާރަކާއި ބާރެއް، މަތިވެރިވަންތަ، މާތްވަންތަ ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ.
وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.
***
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ހަތަރުވަނަ ރިސާލާ:
ބިދުޢަވެރި އަދި ޝިރުކީ ވިރުދުތަކުން އަޅުކަންކުރުމުގެ ޙުކުމާމެދު
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒުގެ ފަރާތުން، އިޙްތިރާމް ލިބިގެންވާ އަޚު (......) އަށް، ﷲ އޭނާއަށް ކޮންމެ ހެވަކަށް ތައުފީޤުދެއްވާށި. އާމީން.
ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ.
އެއަށްފަހު ދަންނައެވެ: ތިޔަބައިމީހުންގެ ޤަދަރުވެރި ސިޓީ އަހަރެންނަށް ފޯރައިފިއެވެ. -ﷲ އެކަލާނގެ ހިދާޔަތް ތިޔަބައިމީހުންނަށް ފޯރުކޮށްދެއްވާށިއެވެ- އަދި ތިޔަބައިީހުންގެ ރަށުގައި، ﷲ އެއަށް އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ވިރުދުތަކެއްގައި ހިފަހައްޓައިގެން ތިބި ބަޔަކު ވާކަމަށް ދިން މަޢުލޫމާތުވެސް ފޯރައިފިއެވެ. އެ ވިރުދުތަކުގެ ތެރޭގައި ބިދުޢީ ތަކެއްޗާއި، އަދި އޭގެ ތެރޭގައި ޝިރުކީ ތަކެތިވެސް ވާކަމަށެވެ. އަދި އެމީހުން އެތަކެތި ނިސްބަތްކުރަނީ އަމީރުލް މުއުމިނީން: ޢަލީ ބްނު އަބީ ޠާލިބު رضي الله عنه އާއި އެހެން ބޭކަލުންނަށް ކަމުގައިއެވެ. އަދި ޛިކުރުގެ މަޖްލީސްތަކުގައި، ނުވަތަ މިސްކިތްތަކުގައި މަޣުރިބު ނަމާދަށް ފަހުގައި އެމީހުން އެތަކެތި ކިޔަވާ ކަމުގައިއެވެ. އެއީ ﷲ އަށް ކުއްތަންވުމަށް ކުރެވޭ ކަމެއްކަމަށް ދަޢުވާކޮށްގެންނެވެ. އެއީ އެމީހުން ކިޔާ މިފަދަ ބަސްތަކެވެ: "ﷲ ގެ ޙައްޤުފުޅުން، ﷲ ގެ މީހުންނޭވެ! ﷲ ގެ އެހީއިން އަހަރުމެންނަށް އެހީވާށެވެ. އަދި ﷲ ގެ ޙަޟްރަތުން އަހަރުމެންގެ އެހީތެރިން ކަމުގައިވާށެވެ." އަދި އެމީހުން ކިޔާ މިފަދަ ބަސްތަކެވެ: "އޭ ޤުޠުބުންނޭވެ! އޭ ސާހިބުންނޭވެ! އަހަރުމެންގެ ތެރޭގައި މަދަދަށް ބޭނުންވާ މީހުންނަށް އިޖާބަދެއްވާށެވެ! އަދި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާށެވެ. ތިޔަބޭފުޅުންގެ އަޅާ މިހުރީ ކޮޅަށެވެ. ތިޔަބޭފުޅުންގެ ދޮރާށިދޮށުގައި އިޢުތިކާފަށެވެ. އަދި ފަރުވާކުޑަކުރެވުނުކަމަށް ބިރުވެތިވެގެންނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅަމެންނަށް ވާގިދެއްވާށެވެ! ތިޔަބޭފުޅުން ފިޔަވައި އަހަރެން ދާނޭ އެހެން ތަނެއް ނެތެވެ. އަދި ބޭނުންވާ ކަންތައް ޙާޞިލުވާނީ ހަމައެކަނި ތިޔަ ބޭފުޅުންގެ އަރިހުންނެވެ! ތިޔައީ ﷲ ގެ އަހުލުންނެވެ. ޝަހީދުންގެ ސާހިބާ ޙަމްޒާގެ ކިބައިން، އަދިވެސް ތިޔަބޭފުޅުންގެ ތެރެއިން އަހަރުމެންނަށް ހުރި މަދަދެއްކަމުގައި ވާނޭ ބޭކަލުންގެ ކިބައިންނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅަމެންނަށް ވާގިދެއްވާށެވެ." އަދިވެސް އެމީހުން ކިޔާ މިބަސް ފަދައިންނެވެ: "އޭ ﷲ އެވެ! އިބައިލާހުގެ ޖަބަރޫތީ ސިއްރުތައް ފަޅައިގެން ދިޔުމަށް، އަދި އިބައިލާހުގެ ރަޙުމާނީ ނޫރުތައް ފަޅައިގެން ދިޔުމަށް ސަބަބެއްކަމުގައި އިބަ އިލާހު ލައްވާ، ދެން އިބައިލާހުގެ ރައްބާނީ ޙަޟްރަތުންވާ ނައިބެއްކަމުގައި، އަދި އިބައިލާހުގެ ޒާތީ ސިއްރުފުޅުތަކުގެ ޚަލީފާއެއްކަމުގައި ލެއްވި ފަރާތަށް ޞަލަވާތް ލައްވާށިއެވެ."
އަދި އެއާއެކު، ބިދުޢައަކީ ކޮބައިކަމާއި، ޝިރުކަކީ ކޮބައިކަމާއި، އެ ހުރިހާ ކަމެއް އެނގޭ ޙާލު، މި ދުޢާކުރާ އިމާމެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަވެގެންތޯ ބަޔާންވެގެންވުމަށް ތިޔަބައިމީހުން އެދޭކަމަށްވެސް އޭގައިވެއެވެ.
ޖަވާބުގައި ބުނަމެވެ: ޙަމްދުހުރީ ހަމައެކަނި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރީ އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތްދުވަހާ ހަމައަށް އެކަލޭގެފާނުގެ ތެދުމަގުން ހިދާޔަތް ލިބިގަތްހާ ބަޔަކަށްވެސްމެއެވެ.
އެއަށްފަހު ބުނަމެވެ: ދަންނާށެވެ! -ﷲ ތިބާއަށް ތައުފީޤުދެއްވާށިއެވެ- ﷲ ސުބްޙާނަހޫ ޚަލްޤުތަކުން އުފައްދަވާ، ރަސޫލުން عليهم الصلاة والسلام ފޮނުއްވީ އެކަލާނގެއަށް ޝަރީކަކު ނުލައި، އެކަލާނގެ ފިޔަވައި އެހެން ފަރާތްތައް ދޫކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރެވިގެން ވުމަށެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
(ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.)
[އައްޛާރިޔާތު: 56]
އަޅުކަމަކީ -އިސްވެ ބަޔާންވި ފަދައިން-: އެކަލާނގެއަށް ކިޔަމަންވުމާއި، އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އަށް ކިޔަމަންވުމެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އަމުރުކުރެއްވި ކަންކަން ކޮށް، އަދި ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރެއްވި ކަންކަން ދޫކޮށްލައިގެންނެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެގެން، އަދި ޢަމަލުކުރުމުގައި ﷲ އަށް އިޚްލާޞްތެރިވެގެންނެވެ. އެއީ ﷲ ދެކެ އިންތިހާއަށް ލޯބިވުމާއި، އެހެން ހުރިހާ ފަރާތްތައް ދޫކޮށް އެކަލާނގެއަށް އިންތިހާއަށް ނިކަމެތިވެގެންވުމާ އެކުގައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:
﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...﴾
(އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23] އެބަހީ: އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް އެކަލާނގެ އަމުރުކުރައްވާ ވަޞިއްޔަތް ކުރެއްވިއެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ2 الرَّحْمَنِ الرَّحِيمِ3 مَالِكِ يَوْمِ الدِّينِ4 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ5﴾
(ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ.
ރަޙްމާނުވަންތަ ރަޙީމްވަންތަ (ނުހަނު ރަޙުމްކުރެއްވުން ބޮޑުވެގެންވާ) އިލާހެވެ.
ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެއެވެ.
އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.) [އަލްފާތިޙާ: 2-5] ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތްތަކުން ބަޔާންކުރެއްވީ: ހަމައެކަނި އަޅުކަންކުރެވުމަށް، އަދި ހަމައެކަނި އެހީއަށް އެދެވިގެންވުމަށް ޙައްޤުވެގެންވާ ފަރާތަކީ އެކަލާނގެ ކަމުގައިއެވެ. އަދިވެސް އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ...﴾
(ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ.
ދަންނާށެވެ! ޚާލިޞްވެގެންވާ ދީންވަނީ ﷲ އަށެވެ...) [އައްޒުމަރު: 2-3] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ14﴾
(ފަހެ، ތިޔަބައިމީހުން ދީން ޚާލިޞްކުރާ ޙާލު ﷲ އަށް ދުޢާކުރާށެވެ. ކާފަރުން ކިތަންމެ ނުރުހުނުކަމުގައި ވިޔަސްމެއެވެ.) [ޣާފިރު: 14] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا18﴾
(އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އެ ހުރިހާ އާޔަތްތައްވެސް ދަލީލުކުރަނީ އަޅުކަމުގައި ﷲ އެއްކައުވަންތަކުރުން ވާޖިބުވެގެންވާކަމަށެވެ.
އެނގިގެންވާކަމަކީ: ދުޢާގެ ހުރިހާ ވައްތަރެއްވަނީ އަޅުކަމުގެ ތެރެއިންކަމެވެ. އެހެންކަމުން މީސްތަކުންގެ ތެރެއިން އެކަކުވެސް، އޭނާގެ ވެރި ރައްބަށް މެނުވީ ދުޢާކުރުން، އަދި އެކަލާނގެ ޙަޟްރަތުން މެނުވީ ވާތްގާއި އެހީތެރިކަމަށް އެދުން ހުއްދަވެގެން ނުވެއެވެ. އެއީ މި މާތްވެގެންވާ އާޔަތްތަކާއި، މި މާނައިގައި އައިސްފައިވާ އާޔަތްތަކަށް ޢަމަލުކުރުމުގެ ގޮތުންނެވެ. މިއީ ޙާޟިރުވެ ދިރިހުރި މަޚްލޫޤެއް، އެކަންކަމަށް ކުޅަދާނަވެގެންވާ ޢާދައިގެ ކަންކަމާއި، ޙިއްސީ ސަބަބުތައް ފިޔަވައިއެވެ. ފަހެ އެ ކަންކަމަކީ އަޅުކަމުގެ ތެރޭގައިވާ ކަންކަމެއް ނޫނެވެ. ކިއެއްތަ، އިންސާނާއަށް ކުޅަދާނަވެގެންވާ އާދައިގެ ކަންކަމުގައި، ކުޅަދާނަކަންހުރި ދިރިހުރި އިންސާނެއްގެ ކިބައިން އެހެން އިންސާނަކު އެހީހޯދުން ނައްޞުންނާއި އިޖްމާޢުން ހުއްދަވެގެންވެއެވެ. މިސާލަކަށް: މީހާގެ ދަރިން ނުވަތަ ޚާދިމުގެ ނުވަތަ ކުއްތާގެ ނުވަތަ އެއާ ވައްތަރު އެއްޗެއްގެ ނުބައިކަން ދުރުކުރަންވެގެން އެހެން މީހެއްގެ ކިބައިން އެހީއަށް ނުވަތަ ވާތްގަށް އެދުމެވެ. އަދި މިސާލަކަށް، ކުޅަދާނަކަންހުރި ދިރިހުރި ޙާޟިރުވެހުރި އިންސާނެއް، ނުވަތަ ޙާޟިރުވެ ނެތް މީހެއްގެ ކިބައިންވެސް ސިޓީބިޓީ ލިޔުންފަދަ ޙިއްސީ ސަބަބުތަކެއް މެދުވެރިކޮށްގެން؛ އޭނާގެ ގެ ބިނާކުރުމުގައި، ނުވަތަ ކާރު މަރާމާތުކުރުމުގައި، ނުވަތަ އެއާ އެއްފަދަ ކަންކަމުގައި އެހީއަށް އެދުމެވެ. އަދިވެސް އޭގެ ތެރޭގައި: ޖިހާދުގައާއި، ހަނގުރާމަކުރުމާއި އެފަދަ ކަންކަމުގައި އިންސާނާ އޭނާގެ އެކުވެރިންގެ ކިބައިން ވާގިހޯދުންވެއެވެ. އަދިވެސް މި ބާބުގެ ތެރޭގައި: މޫސާ عليه الصلاة والسلام ގެ ވާހަކައިގައި ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅުވެއެވެ:
﴿...فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ...﴾
(....ފަހެ އެކަލޭގެފާނުގެ އަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ...) [އަލްޤަޞަޞް: 15]
ދެންފަހެ މައްޔިތުންނާއި، ޖިންނީންނާއި، މަލާއިކަތުންނާއި، ގަސްގަހާގެއްސާއި، ހިލަހިލައިން ވާތްގަށް އެދުން ދަންނައެވެ! އެކަންވަނީ ބޮޑު ޝިރުކުގެ ތެރެއިންނެވެ. އަދި އެއީ އިހުގެ މުޝްރިކުން އެމީހުންގެ އިލާހުންކަމުގައިވާ: އަލްޢުއްޒާއާއި އައްލާތުއާއި އެހެން ފަރާތްތަކާމެދު ކުރި ކަންތަކުގެ ޖިންސުގެ ކަމެކެވެ. އެފަދައިންމެ، ﷲ މެނުވީ އެކަމަކަށް ކުޅަދުންވަންތަވެގެން ނުވާ ކަންކަމުގައި، ދިރިހުރި މީހުންގެ ތެރެއިން ވަލިއްޔުންކަމުގައި އެމީހުންނާމެދު އިޢުތިޤާދުކުރެވޭ މީހުންގެ ފުށުން ވާތްގާއި އެހީއަށް އެދުންވެސް މީގައި ހިމެނެއެވެ. މިސާލަކަށް: ބަލިމީހުންނަށް ޝިފާދެއްވުމަށާއި، ހިތްތަކަށް ހިދާޔަތް ދެއްކެވުމާއި، ސުވަރުގެ ވެއްދެވުމާއި، ނަރަަކައިން ނަޖާކުރެއްވުމާއި އެއާ ވައްތަރު ކަންކަމެވެ.
އިސްވެދިޔަ އާޔަތްތަކާއި، އަދި އެ މާނައިގައި އައިސްފައިވާ ހުރިހާ އާޔަތްތަކާއި ޙަދީޘްތަކުން ދަލީލުކުރަނީ: ހުރިހާ ކަމެއްގައި ހިތްތައް ﷲ އަށް ކުރިމަތިކުރުވުމާއި، ހަމައެކަނި ﷲ އަށް އަޅުކަން ޚާލިޞްކުރުން ވާޖިބުވެގެންވުމުގެ މައްޗަށެވެ. އެހެނީ އަޅުތަކުން އުފެއްދެވުނީ އެކަމަށެވެ. އަދި -އިސްވެދިޔަ އާޔަތްތަކުގައި ދިޔަ ގޮތަށް- އެމީހުންނަށް އަމުރުކުރެވުނީވެސް އެކަމަށެވެ. އެއީ އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުގައިވާ ގޮތަށެވެ:
﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا...﴾
(...އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ...) [އައްނިސާއު: 36]. އަދި އެކަލާނގެ ސުބްޙާނަހޫ ގެ މިބަސްފުޅެވެ:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ...﴾
(އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5] އަދި މުޢާޛު رضي الله عنه ގެ ޙަދީޘްގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގައިވާ ގޮތަށެވެ:
«حَقُّ اللهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».
"އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤުފުޅަކީ: އެމީހުން އެކަލާނގެއަށް އަޅުކަންކޮށް، އަދި އެއްވެސް އެއްޗެއް އެކަލާނގެއާ ޝަރީކުކޮށް ބައިވެރި ނުކުރުމެވެ." އޭގެ ޞައްޙަކަމާމެދު އެއްބަސްވެވިގެންވާ ޙަދީޘެކެވެ. (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.) އަދި އިބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘްގައި، އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވި ބަސްފުޅެވެ:
«مَنْ مَاتَ وَهُوَ يَدْعُو لِلَّهِ نِدًّا؛ دَخَلَ النَّارَ».
"ﷲ އަށް ޝަރީކަކު ވާކަމަށް ދަޢުވާކުރާ ޙާލުހުރެ މަރުވެއްޖެ މީހާ ވަންނަހުށީ ނަރަކައަށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ. އަދި ދެ ޞަޙީޙުގައި، އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘްގައިވެއެވެ. ނަބިއްޔާ ﷺ، މުޢާޛުގެފާނު ޔަމަނަށް ފޮނުއްވިހިނދު އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ:
«إِنَّكَ تَأْتِي قَومًا أَهْلَ كِتَابٍ، فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَيهِ شَهَادَةِ أَنْ لَا إِلهَ إِلَّا اللهُ».
"ހަމަކަށަވަރުން ތިބާ ތިޔަ ދަނީ ފޮތުގެ އަހުލުވެރި ބައެއްގެ ގާތަށެވެ. ފަހެ ތިބާ އެމީހުންނަށް ގޮވާލާ ފުރަތަމަ ކަމެއްކަމުގައި: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުންކަމުގައި ހަދާހުށިކަމެވެ." އަދި އެހެން ލަފްޡެއްގައި ވެއެވެ:
«اُدْعُهُمْ إِلَى شَهَادَةِ أَنْ لَا إِلهَ إِلَّا اللهُ وَأَنِّي رَسُولُ اللهِ».
"ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމަށް ތިބާ އެމީހުންނަށް ގޮވާލާށެވެ." އަދި ބުޚާރީގައިވާ އެހެން ރިވާޔަތެއްގައިވެއެވެ:
«فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَى أَنْ يُوَحِّدُوا اللهَ».
"ފަހެ ތިބާ އެމީހުންނަށް ގޮވާލާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެމީހުން ﷲ އެއްކައުވަންތަ ކުރުންކަމުގައި ހަދާހުށިކަމެވެ." އަދި ޞަޙީޙު މުސްލިމްގައި، ޠާރިޤު ބްނު އަޝްޔަމު އަލްއަޝްޖަޢީ رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ވެއެވެ:
«مَنْ قَالَ: لَا إِلهَ إِلَّا اللهُ، وَكَفَرَ بِمَا يُعْبَدُ مِن دُونِ اللهِ؛ حَرُمَ مَالُهُ وَدَمُهُ، وَحِسَابُهُ عَلَى اللهِ جَلَّ جَلَالُهُ».
"لَا إِلهَ إِلَّا اللهُ ކިޔާ، އަދި ﷲ ފިޔަވައި އަޅުކަންވެވޭ ފަރާތްތަކަށް ކާފަރުވެއްޖެ މީހާ؛ އޭނާގެ މުދަލާއި ލޭ ޙަރާމްވެއްޖެއެވެ. އަދި އޭނާގެ ޙިސާބު ބެއްލެވުންވަނީ ﷲ -ޖައްލަ ޖަލާލުހޫ- އަށެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
މި ތައުޙީދަކީ: އިސްލާމްދީނުގެ އަޞްލެވެ. އަދި މިއްލަތުގެ އަސާސެވެ. އަދި އެއީ އެންމެ އިސް ކަންތައް، އަދި އެންމެ މުހިއްމު ފަރުޟެވެ. އަދި އިންސީންނާއި ޖިންނީން އުފެއްދެވުމުގެ ޙިކުމަތެވެ. އަދި ރަސޫލުން ފޮނުއްވުމުގެ ޙިކުމަތްވެސްމެއެވެ. އެއީ އިސްވެދިޔަ އެކަމަށް ދަލީލުކުރާ އާޔަތްތަކުގައިވާ ގޮތަށެވެ. އޭގެ ތެރޭގައި: ﷲ ސުބްޙާނަހޫގެ މި ބަސްފުޅުވެއެވެ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
(ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56] އަދިވެސް އެކަމަށްވާ ދަލީލުތަކުގެ ތެރޭގައި: އެކަލާނގެ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅުވެއެވެ:
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ...﴾
(ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ:
﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ25﴾
(ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!) [އަލްއަންބިޔާއު: 25] އަދި ނޫޙު، ހޫދު، ޞާލިޙު އަދި ޝުޢައިބު عليهم الصلاة والسلام، އެބޭކަލުންގެ ޤައުމަށް ވިދާޅުވިކަމަށް ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿...اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ...﴾
(...ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އެ އިލާހު ފިޔަވައި އެހެން އިލާހެއް ތިޔަބައިމީހުންނަކަށް ނުވެއެވެ..) [އަލްއަޢުރާފު : 59] އިސްވެދިޔަ ދެ އާޔަތުން އެކަމަށް ދަލީލުކުރި ފަދައިން މިއީ ހުރިހާ ރަސޫލުންގެ ދަޢުވަތެވެ. އަދި ރަސޫލުންގެ ޢަދުއްވުންވެސްވަނީ، އަޅުކަމުގައި ﷲ އެއްކައުވަންތަކުރުމަށާއި، އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އިލާހުންތައް ދޫކޮށްލުމަށް ރަސޫލުން އެމީހުންނަށް އަމުރުކުރެއްވިކަމަށް އިޢުތިރާފުވެފައިއެވެ. އެއީ ޢާދުބާގައިގެ މީހުންގެ ވާހަކައިގައި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވި ގޮތަށެވެ. އެއީ އެމީހުން ހޫދު عليه الصلاة والسلام އަށް ބުނިކަމަށެވެ:
﴿...أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا...﴾
(...ތިބާ އަހަރުމެންގެ ގާތަށް ތިޔަ އައީ، ހަމައެކަނި ﷲ އަށް އަހަރުމެން އަޅުކަން ކުރުމަށާއި، އަހަރުމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހަރުމެން ދޫކޮށްލުމަށް އަމުރުކުރުމަށްހެއްޔެވެ؟...) [އަލްއަޢުރާފު: 70] އަދި އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ، ޤުރައިޝުންނަށް ﷲ އެއްކައުވަންތަކޮށް އަޅުކަންކުރުމަށާއި، އެކަލާނގެ ފިޔަވައި އެމީހުން އަޅުކަން ކުރަމުންދިޔަ މަލާއިކަތުންނާއި، ވަލިއްޔުންނާއި، ބުދުތަކާއި، ގަސްގަހާގެއްސާއި އެނޫން ތަކެތި ދޫކޮށްލުމަށް ގޮވާލެއްވުމުން އެމީހުން ބުނި ކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:
﴿أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ5﴾
(އޭނާ ހުރިހާ އިލާހުން އެއް އިލާހަކަށް ހެދީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު އަޖާއިބު ވާފަދަ ކަމެއްކަން ކަށަވަރެވެ.) [ޞާދު: 5] އަދިވެސް އެމީހުންނާމެދު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ:
﴿إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ35 وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ36﴾
(ހަމަކަށަވަރުން ﷲ މެނުވީ (އަޅުކަންކުރުން ޙައްޤުވެގެންވާ) އިލާހަކު ނުވާކަމަށް އެ މީހުންނަށް ބުނެވިއްޖެނަމަ އެ މީހުން ބޮޑާވެގަންނަކަމުގައިވިއެވެ.
އަދި އެ މީހުން ބުނެއެވެ. ހަމަކަށަވަރުން މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެހެއްޔެވެ؟) [އައްޞާއްފާތު: 35-36] މި މާނައިގެ މައްޗަށް ދަލީލުކުރާ އާޔަތްތައް ގިނަވެގެންވެއެވެ.
-ﷲ އަހަރެންނާއި ތިބާއަށް ދީނުގައި ފިޤުހުވެރިވުމާއި، ޢާލަމްތަކުގެ ވެރި ރައްބުގެ ޙައްޤުފުޅު ފެނި ދެނެގަތުމަށް ތައުފީޤުދެއްވާށިއެވެ- އަހަރުމެން މި ބަޔާންކުރި އާޔަތްތަކާއި ޙަދީޘްތަކުން ތިބާއަށް ސާފުވެގެންދާނީ: ތިބާގެ ސުވާލުގައި ތިޔަ ބަޔާންކުރި ދުޢާތަކާއި އެކިކަހަލަ ވާތްގަށް އެދޭ ޢިބާރާތްތަކަކީ، ހުސް ބޮޑު ޝިރުކުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ތަކެތި ކަމުގައިއެވެ. އެހެނީ އެއީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ކުޅަދާނަވެގެން ނުވާ ކަންކަމުގައި، މައްޔިތުންނާއި ޣައިބުގައިވާ ފަރާތްތަކުން އެދުމެވެ. އެއީ އެންމެ އިހު އުޅުނު މީހުންގެ ޝިރުކަށްވުރެވެސް ހުތުރުވެގެންވާ ކަމެކެވެ. އެހެނީ އިހުގައި އުޅުނު މީހުން ޝިރުކުކޮށް އުޅުނީ ތަނަވަސްކަމާއި ފަސޭހަ ޙާލުގައިއެވެ. ދެންފަހެ ދަތި އުނދަގޫ ކަންކަން ލައިގަންނަ ޙާލަތުގައި، އެމީހުން ﷲ އަށް އަޅުކަން ޚާލިޞްކުރެއެވެ. އެހެނީ ދަތި އުނދަގޫކަމުން އެމީހުން ސަލާމަތްކޮށްދެއްވަން ކުޅަދުންވަންތަވެގެންވަނީ އެހެން ފަރާތްތައް ދޫކޮށް ހަމައެކަނި އެކަލާނގެ ސުބްޙާނަހޫ ކަން އެމީހުން ދަނެއެވެ. އެއީ އެ މުޝްރިކުންނާ މެދުގައި ﷲ ތަޢާލާ އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރެއްވި ގޮތަށެވެ:
﴿فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ65﴾
(ފަހެ އެ މީހުން ނަވަށް އަރާ ދުއްވާހިނދު، ދީން ޚާލިސްކޮށްގެން ﷲ އަށް ދުޢާ ކުރެއެވެ. ދެން އެ އިލާހު އެ މީހުން ސަލާމަތް ކުރައްވާ އެއްގަމަށް ގެންނެވުމުން، އެހާރުން އެ މީހުން (އަނެއްކާވެސް އެ އިލާހާ) ޝިރްކު ކުރެއެވެ.) [އަލްޢަންކަބޫތު: 65] އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ އެހެން އާޔަތެއްގައި އެމީހުންނާ މުޚާޠަބުކުރައްވާ ވަޙީކުރެއްވިއެވެ:
﴿وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا67﴾
(އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ގެއްލުން (ދަތިޙާލު) ޖެހިއްޖެހިނދަކު، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ދުޢާކޮށް ގޮވާ އުޅުނު ފަރާތްތައް ގެއްލިދެއެވެ. ދެންފަހެ އެ އިލާހު ތިޔަބައިމީހުން ސަލާމަތް ކުރައްވާ، އެއްގަމަށް ގެންނަވައިފިހިނދު ތިޔަބައިމީހުން ފުރަގަސްދެއެވެ. އިންސާނާ ވަނީ (ނިޢުމަތަށް) ކުފުރުވުން ބޮޑު މީހެއްކަމުގައިއެވެ.) [އަލްއިސްރާއު: 67]
ދެންފަހެ ފަހުޒަމާނުގެ މުޝްރިކުންގެ ތެރެއިން މީހަކު މިހެން ބުނެފިނަމަ: "އަހަރުމެން އެ ފަރާތްތައް އަމިއްލައަށް ފައިދާ ކޮށްދޭކަމަށް، އަދި އަމިއްލައަށް އަހަރުމެންގެ ބަލިމީހުންނަށް ޝިފާދޭކަމަށް، ނުވަތަ އަމިއްލަ ނަފްސުތަކުން ފައިދާދީ ނުވަތަ ގެއްލުންދޭ ކަމަށް ޤަޞްދެއް ނުކުރަމެވެ. އެކަމަކު އަހަރުމެން ޤަޞްދުކުރާކަން ކަށަވަރީ އެކަންކަމުގައި އެ ފަރާތްތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތްތެރިވުމެވެ."
ފަހެ މީގެ ޖަވާބަކީ މިހެން ބުނެވުމެވެ: ކުރިން އުޅުނު ކާފަރުންގެ މަޤްޞަދަކީ އަދި މުރާދަކީވެސް ހަމަ މިއެވެ. އެމީހުންގެ މުރާދަކީ އެމީހުންގެ އިލާހުންތައް ތަކެތި އުފައްދަވާ ނުވަތަ ރިޒްޤުދެއްވާ، ނުވަތަ އަމިއްލައަށް ފައިދާ ނުވަތަ ގެއްލުން ދިނުން ކަމުގައިއެއް ނުވެއެވެ. ފަހެ އެމީހުންނާމެދު ﷲ ޤުރްއާނުގައި އަންގަވާފައިވާ އާޔަތްތަކުން އެކަން ބާޠިލުވެއެވެ. އެމީހުންވެސް އެދުނީ އެ ފަރާތްތަކުގެ ޝަފާޢަތާއި ޖާހެވެ. އަދި ﷲ އާ ކުއްތަންވެގެންވާ މަޤާމަކަށް އެމީހުން ގާތްކޮށްދިނުމަށެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:
﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...﴾
(އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ...) [ޔޫނުސް: 18] ދެން ﷲ ގެ މިބަސްފުޅުން އެމީހުންނަށް ރައްދުދެއްވިއެވެ:
﴿...قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ﴾
(...ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރުދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [ޔޫނުސް: 18] ފަހެ އެކަލާނގެ ބަޔާންކުރައްވާފައި އެވަނީ: މުޝްރިކުން އެ ޤަޞްދުކުރާ ގޮތަށް އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ ފަރާތެއް އުޑުތަކުގައިވެސް އަދި ބިމުގައިވެސް ވާކަން އެކަލާނގެ ދެނެވޮޑިގެންނުވާކަމަށެވެ. އަދި އެ އެއްޗެއް ވުޖޫދުވެގެންވާކަން ﷲ ދެނެވޮޑިގެން ނުވާ އެއްޗެއް އެއީ ވުޖޫދުގައިވާ އެއްޗެއް ނޫނެވެ. އެހެނީ އެކަލާނގެ ސުބްޙާނަހޫ އަށް އެއްވެސް އެއްޗެއް ފޮރުވި ވަންހަނާވެގެން ނުވެއެވެ. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ 1 إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
(ފޮތް ބާވައިލެއްވުނީ ޢަޒީޒުވަންތަ ޙަކީމްވަންތަ ﷲ ގެ ޙަޟްރަތުންނެވެ.
ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ.
ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 1-3]
މިތަނުގައި ދީނުގެ މާނައަކީ: އަޅުކަމެވެ. އެއީ: އިސްވެދިޔަ ގޮތަށް؛ ﷲ އަށް ކިޔަމަންވުމާއި، އެކަލާނގެ ރަސޫލާ ﷺ އަށް ކިޔަމަންވުމެވެ. އަދި އޭގެ ތެރެއަށް: ދުޢާކުރުމާއި، ވާތްގަށް އެދުމާއި، ބިރުވެތިވުމާއި (ރަޙްމަތަށް) އުންމީދުކުރުމާއި، ޤުރުބާންކޮށް ކަތިލުމާއި، ނަދުރު ބުނުންވެސް ވަދެއެވެ. އެއީ ނަމާދާއި، ރޯދައާއި އެނޫންވެސް ﷲ އާއި އެކަލާނގެ ރަސޫލާ އަމުރުކުރެއްވި ކަންކަން އޭގެ ތެރެއަށް ވަންނަ ގޮތަށެވެ. އެހެންކަމުން އެކަލާނގެ ސުބްޙާނަހޫ ބަޔާންކުރައްވާފައި އެވަނީ: އަޅުކަންވަނީ ހަމައެކަނި އެކަލާނގެއަށް ކަމުގައިއެވެ. އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- އަށް އަޅުކަން ޚާލިޞްކުރުން އަޅުތަކުންގެ މައްޗަށް ވާޖިބުވެގެންވާ ކަމުގައިއެވެ. އެހެނީ އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށް އެކަލާނގެ ނަބިއްޔާ ﷺ އަށް ކުރެއްވި އަމުރަކީ: މި އުއްމަތުގެ ހުރިހާ ދަރިންނަށްވެސްވާ އަމުރުފުޅެކެވެ.
ދެން އެއަށްފަހުގައި ﷲ ޢައްޒަ ވަޖައްލަ ކާފަރުންގެ ކަންކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ:
﴿...وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...﴾
(އެކަލާނގެ ފިޔަވައި ވާގިދޭ ވަލީވެރިންތަކެއް ނެގި މީހުން (ބުނެއެވެ.) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ...) [އައްޒުމަރު: 3] ދެން ﷲ ސުބްޙާނަހޫގެ މި ބަސްފުޅުން އެމީހުންގެ މައްޗަށް ރައްދުދެއްވިއެވެ:
﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ﴾
(...ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާމެދު ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 3] ފަހެ ﷲ ސުބްޙާނަހޫ، މި މާތް އާޔަތުގައި ޚަބަރުދެއްވާފައި އެވަނީ: ﷲ ގެ ޙަޟްރަތަށް ކުއްތަންކޮށްދިނުމަށް އެދިގެން މެނުވީ ކާފަރުންވެސް އެ ވަލިއްޔުންތަކަށް އަޅުކަން ނުކުރާ ކަމުގައިއެވެ. މިއީ އިހާއި ފަހުގެވެސް ކާފަރުންގެ މަޤްޞަދެވެ. ﷲ ތަޢާލާވަނީ އެކަލާނގެ މި ބަސްފުޅުން އެކަން ބާޠިލުކުރައްވާފައިއެވެ:
﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ﴾
(...ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާމެދު ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 3] ފަހެ، އެމީހުންގެ އިލާހުންތައް އެމީހުން ﷲ އާ ކުއްތަންކޮށްދޭކަމަށް ކުރި ދަޢުވާގެ ދޮގުކަމާއި، އަދި އެ ފަރާތްތަކަށް އަޅުކަން އަނބުރާލުމުން އެމީހުން ކާފަރުވެގެންވާކަން ﷲ ސުބްޙާނަހޫ އެވަނީ ސާފުކޮށް ބަޔާންކުރައްވާފައިއެވެ. ހެޔޮނުބައި ކިރިޔާވެސް ވަކިވާ މީހަކަށް އެއިން އެނގިގެންދާނީ: އިހު އުޅުނު ކާފަރުންގެ ކާފަރުކަންވެސްވީ؛ ނަބިއްޔުންނާއި ވަލިއްޔުންނާއި، ގަސްގަހާގެއްސާއި، ހިލަތަކާއި އެނޫންވެސް މަޚްލޫޤުން އެއީ ﷲ އާއި އެމީހުންނާ ދޭތެރޭ ޝަފާޢަތްތެރިވާ ބައެއްގެ ގޮތުގައި ނެގުމުން ކަމުގައިއެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ އިޛްނަފުޅާއި ރުއްސެވުމާއި ނުލައި އެ ފަރާތްތައް އެމީހުންގެ ޙާޖަތްތައް ފުއްދައިދޭކަމަށް އެމީހުން ޤަބޫލުކުރުމުންނެވެ. އެއީ ވަޒީރުން، ރަސްރަސްކަލުންގެ ގާތުގައި ޝަފާޢަތްތެރިވާ ގޮތަށެވެ. ފަހެ އެމީހުން އެކަލާނގެ -ޖައްލަ ޖަލާލުހޫ- ރަސްރަސްކަލުންނާއި ޒަޢީމުންގެ މައްޗަށް އަޅާކިޔާ ޤިޔާސްކުރިއެވެ. އަދި އެމީހުން ބުންޏެވެ: ރަސްކަލެއް އަދި ޒަޢީމެއްގެ ގާތަށް ޙާޖަތެއް ދަންނަވަން ބޭނުންވާ މީހާ؛ އެ ރަސްކަލެއްގެ ޚާއްޞަ އަރިސް މީހުންނާއި ވަޒީރުންގެ ޝަފާޢަތް ހޯދާ ގޮތަށް، އަހަރުމެންވެސް ﷲ ގެ ނަބިއްޔުންނާއި ވަލީވެރިންނަށް އަޅުކަންކޮށްގެން އެކަލާނގެއާ ކުއްތަންވާނީއެވެ. މިއީ އެންމެ ބޮޑު އެއް ބާޠިލު ކަންތަކެވެ. އެހެނީ އެކަލާނގެ ސުބްޙާނަހޫ އާ އެއްފަދަ އެއްޗެއް ނުވެއެވެ. އަދި އެކަލާނގެ ޚަލްޤުތަކުންނާ އެކަލާނގެ އަޅާކިޔާ ޤިޔާސް ނުކުރެވޭނެއެވެ. އަދި ޝަފާޢަތްތެރިވުމަށް އެކަލާނގެ ހުއްދަދެއްވާފައިވާ ފަރާތެއް މެނުވީ އެކަކުވެސް އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވެއެވެ. އަދި ތައުޙީދުގެ އަހުލުވެރިންނަށް މެނުވީ އެކަލާނގެ އިޛްނަ ނުދެއްވައެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެގެންވެއެވެ. އަދި ކޮންމެ އެއްޗެއް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙުމްކުރެއްވުން ބޮޑު ފަރާތެވެ. އެއްވެސް ފަރާތެއްދެކެ އެކަލާނގެ ބިރުފުޅުވެތިނުލައްވައެވެ. އެހެނީ އެކަލާނގެ ސުބްޙާނަހޫ އެއީ އެކަލާނގެ އަޅުތަކުންގެ މަތީގައި، ގަދަވެވޮޑިގެންވާ، އަދި އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެމީހުންނާ މެދުގައި ކަންތައް ކުރައްވާ އިލާހެވެ. އެއީ ރަސްރަސްކަލުންނާއި ޒަޢީމުންނާ ޚިލާފަށެވެ. އެހެނީ އެމީހުންނީ ކޮންމެ ކަމެއްކުރަން ކުޅަދާނަ ބައެއް ނޫނެވެ. އެހެންވެގެން އެމީހުން ނުކުޅެދޭ ކަންތައް ކުރަން އެމީހުންނަށް އެހީވެދޭނެ، ވަޒީރުންނާއި، އަރިސް މީހުންނާއި، ސިފައިންނަށް ޙާޖަތް ޖެހެއެވެ. ހަމައެފަދައިން އެމީހަކު ޙާޖަތްޖެހިގެން ވާކަން އެމީހުންނަށް ނޭނގޭ މީހުންގެ ޚަބަރު އެމީހުންނަށް ފޯރުކޮށްދޭނެ މީހުންނަށްވެސް ބޭނުންޖެހެއެވެ. އަދި ވަޒީރުންނާއި އަރިސްމީހުންގެ ތެރެއިން، އެ ރަސްރަސްކަލުންނާއި ޒަޢީމުންގެ ހަމްދަރުދީވުމާއި ރުހުން ހޯދާނޭ މީހުންވެސް ބޭނުންވެއެވެ. އަނެއްކޮޅުން ރައްބު ޢައްޒަ ވަޖައްލައަށް ބަލާއިރު، ފަހެ އެކަލާނގެ ސުބްޙާނަހޫއީ އެކަލާނގެ ހުރިހާ ޚަލްޤުތަކުންނާ ނުލާ ފުދިވޮޑިގެންވާ އިލާހެވެ. އަދި އެމީހުންގެ މައިންނަށް ވުރެވެސް ބޮޑަށް އެކަލާނގެ އެމީހުންނަށް ރަޙުމްކުރައްވައެވެ. އަދި އެކަލާނގެއީ ޢަދުލުވެރިވެވޮޑިގެންވާ ޙުކުމްކުރައްވާ އިލާހެވެ. އެކަލާނގެ ޙިކްމަތްފުޅާއި، ޢިލްމުފުޅާއި، ކުޅަދުންވަންތަކަން ނިޔާކުރާ ގޮތަށް ތަކެތި އޭގެ (ޙައްޤު މުނާސަބު) މަޤާމުތަކަށް އެކަލާނގެ ލައްވައެވެ. އެހެންކަމުން އެއްވެސް ގޮތަކުން އެކަލާނގެ ޚަލްޤުތަކުންނާ އެކަލާނގެ ޤިޔާސްކޮށް އަޅާކިޔުން ހުއްދަވެގެން ނުވެއެވެ. މިހެންވެ އެކަލާނގެ ސުބްޙާނަހޫ އެކަލާނގެ ފޮތުގައި ޞަރީޙަކޮށް ބަޔާންކުރައްވާފައި ވަނީ: އެކަލާނގެއީ ޚަލްޤުކުރައްވާ، ރިޒްޤުދެއްވާ، ތަދްބީރުކޮށް ހިންގަވާ ފަރާތްކަމާއި، އަދި އެކަލާނގެ ދަތި ޙާލުގައި ޖެހިފައިވާ މީހާއަށް އިޖާބަދެއްވާކަމާއި، ނުބައިކަން ކަޝްފުކުރައްވާ، ދިރުއްވާ އަދި މަރުގަންނަވާކަމާއި، އަދި އެނޫންވެސް އެކަލާނގެ ސުބްޙާނަހޫ ކުރައްވާ މިފަދަ ކަންކަމަށް މުޝްރިކުން އިޤުރާރުވިކަމުގައިއެވެ. އަދި މުޝްރިކުންނާއި ރަސޫލުންނާ ދެމެދު ދެބަސްވުމާއި ޚިލާފުވުން އޮތީ އަޅުކަން ހަމައެކަނި ﷲ އަށް ޚާލިޞްކުރުމުގައިއެވެ. އެއީ އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވި ގޮތަށެވެ:
﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ...﴾
(އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ...) [އައްޒުޚްރުފު: 87] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ31﴾
(ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަޤުވާވެރި ނުވާނަންހެއްޔެވެ؟) [ޔޫނުސް: 31] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
ރަސޫލުންނާއި އުއްމަތްތަކާ ދެމެދު ދެބަސްވުމާއި ޚިލާފު އޮތްކަން ކަށަވަރީ ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރުމާ މެދުގައިކަމަށް ދަލީލުކުރާ އާޔަތްތައް އިސްވެ ބަޔާންވެއްޖެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުފަދައިންނެވެ:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾
(ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދިވެސް އެ މާނައިގައި އައިސްފައިވާ އާޔަތްތަކެވެ. އަދި އެކަލާނގެ ސުބްޙާނަހޫގެ މާތްވެގެންވާ ފޮތުގެ އެތައް ތަނެއްގައި ޝަފާޢަތުގެ ވާހަކަ ބަޔާންކުރެއްވިއެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿...مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِ...﴾
(...އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެވޭނީ ކޮން ފަރާތަކަށް ހެއްޔެވެ!..) [އަލްބަޤަރާ: 255] އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ:
﴿وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ26﴾
(އަދި ﷲ އިރާދަކުރައްވާ މީހަކަށް އެ އިލާހުގެ އިޛްނަ ދެއްވާ ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ، އެ މީހުންގެ ޝަފާޢަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟) [އައްނަޖްމު: 26].
އަދިވެސް މަލާއިކަތުން ޞިފަކުރައްވާ އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿...وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ﴾
(...އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުން ތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.) [އަލްއަންބިޔާއު: 28]
އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ޚަބަރުދެއްވާފައިވަނީ، އެކަލާނގެ އަޅުތަކުންގެ ކިބައިން ކުފުރަށް އެކަލާނގެ ނުރުއްސަވާކަމެވެ. އެކަލާނގެ އެމީހުންގެ ފުށުން ރުއްސަވާކަން ކަށަވަރީ ޝުކުރުވެރިވެގެންވުމަށެވެ. އަދި ޝުކުރުވެރިވުމަކީ: އެކަލާނގެ އެއްކައުވަންތަކޮށް، އަދި އެކަލާނގެ އަށް ކިޔަމަންތެރިވެގެން ޢަމަލުކުރުމެވެ. އެގޮތުން އެކަލާނގެ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡ...﴾
(ތިޔަބައިމީހުން ކާފަރު ވާނަމަ، ފަހެ ﷲ އީ، ތިޔަބައިމީހުންނާ ނުލައި، ފުދިވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހުގެ އަޅުންނަށް ކާފަރުކަމަށް އެ އިލާހު ނުރުއްސަވައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރާނަމަ، އެ އިލާހު އެ ކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ...) [އައްޒުމަރު: 7]
އަދި އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޝަފާޢަތުން އެންމެ ބާއްޖަވެރިވެގެންވާ މީހަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«مَنْ قَالَ: لَا إِلهَ إِلَّا اللهُ خَالِصًا مِنْ قَلْبِهِ».
"އެމީހެއްގެ ހިތުން އިޚްލާޞްތެރިވެގެން لَا إِلَهَ إِلَّا اللهُ ކިޔައިފި މީހާއެވެ." ނުވަތަ ޙަދީޘްކުރެއްވިއެވެ:
«مِنْ نَفْسِهِ».
"އެމީހެއްގެ ނަފްސުން (އިޚްލާޞްތެރިވެގެންވާ ޙާލު)..."
އަދިވެސް ޞަޙީޙުގައި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ:
«لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ، وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ، فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا».
"ކޮންެމެ ނަބިއްޔަކަށް އިޖާބަވެވިގެންވާ ދުޢާއެއް ލިބިގެންވެއެވެ. ދެންފަހެ ކޮންމެ ނަބިއްޔަކު، އެ ނަބިއްޔަކަށް ލިބިގެންވާ ދުޢާއާއިގެން އަވަސްވެލެއްވިއެވެ. އަދި ތިމަންކަލޭގެފާނުގެ ދުޢާ، ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތަށް ހުރި ޝަފާޢަތެއްގެ ގޮތުގައި ފަހަށް ރައްކާކުރެއްވީމެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުން، ﷲ އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާ ޙާލު މަރުވެއްޖެ މީހަކަށް އެ ޝަފާޢަތް إن شاء الله ލިބޭހުއްޓެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
އަހަރުމެން މި ނަންގަތް ހުރިހާ އާޔަތްތަކާއި ޙަދީޘްތައް ދަލީލުކުރަނީ: އަޅުކަމަކީ ހަމައެކަނި ﷲ ގެ ޙައްޤުފުޅެއް ކަމުގައިއެވެ. އަދި އެއިން އެއްވެސް ކަމެއް ﷲ ފިޔަވައި އެހެން ފަރާތަކަށް، ނަބިއްޔުންނަށްވެސް އެނޫން ބަޔަކަށްވިޔަސް އަނބުރާލުން ހުއްދަވެގެން ނުވާކަމެވެ. އަދި ޝަފާޢަތަކީ އެކަލާނގެ -ޖައްލަ ޖަލާލުހޫ-ގެ މިލްކެއްކަމެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވި ފަދައިންނެވެ:
﴿قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗا...﴾
(ކަލޭގެފާނު ވިދާޅުވާށެވެ. ޝަފާޢަތްތެރިވުން އެކުއެކީ ވަނީ ﷲ އަށެވެ...) [އައްޒުމަރު: 44] އަދި ޝަފާޢަތްތެރިވާ މީހާއަށް އެކަލާނގެ އިޛްނަދެއްވާ، އަދި ޝަފާޢަތްތެރިވެވޭ މީހާއަށް އެކަލާނގެ ރުއްސެވުމަށްފަހު މެނުވީ އެއްވެސް މީހަކަށް ޝަފާޢަތް ޙައްޤުވެގެން ނުވެއެވެ. އަދި އިސްވެދިޔަ ގޮތަށް، ތައުޙީދަށް މެނުވީ އެކަލާނގެ ސުބްޙާނަހޫ ނުރުއްސަވައެވެ. އެކަމުގެ މައްޗަށް ބިނާކޮށް: ފަހެ މުޝްރިކުންނަށް ޝަފާޢަތުން އެއްވެސް ނަޞީބެއް ނުވެއެވެ. ﷲ ތަޢާލާގެ މި ބަސްފުޅުގައި އެކަން ސާފުކޮށްދެއްވިއެވެ:
﴿فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ 48﴾
(ފަހެ ޝަފާޢަތްތެރިވާ މީހުންގެ ޝަފާޢަތަކުން، އެ މީހުންނަށް މަންފާއެއް ނުކުރާނެތެވެ.) [އަލްމުއްދައްޘިރު: 48] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿...مَا لِلظَّٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ﴾
(...(އެ ދުވަހުން) އަނިޔާވެރިންނަކަށް ރަޙުމަތްތެރިޔަކު އަދި ކިޔަމަންވެވޭނެ ޝަފާޢަތްތެރިޔަކުވެސް ނުވެއެވެ.) [ޣާފިރު: 18]
އެނގިގެންވާކަމަކީ: އަނިޔާވެރިކަން މުޠުލަޤުކޮށް އައިސްފިނަމަ އެއީ ﷲ އާ ޝިރުކު ކުރުމެވެ. އެއީ އެކަލާނގެ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:
﴿...وَٱلۡكَٰفِرُونَ هُمُ ٱلظَّٰلِمُونَ﴾
(...އަދި ކާފަރުންނީ ހަމަ އަނިޔާވެރިންނެވެ.) [އަލްބަޤަރާ: 254] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿...إِنَّ ٱلشِّرۡكَ لَظُلۡمٌ عَظِيمٞ﴾
(...ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.)
[ލުޤްމާނު: 13]
ދެންފަހެ ތިބާގެ ސުވާލުގައި ނަންގަތް ކަންތައް ކަމުގައިވާ: ބައެއް ޞޫފީން މިސްކިތްތަކާއި އެހެން ތަންތާގައި: اللهم صل على من جعلته سببًا لانشقاق أسرارك الجبروتية، وانفلاقًا لأنوارك الرحمانية، فصار نائبًا عن الحضرة الربانية، وخليفة أسرارك الذاتية
(އޭ ﷲ އެވެ! އިބައިލާހުގެ ޖަބަރޫތީ ސިއްރުތައް ފަޅައިގެން ދިޔުމަށް، އަދި އިބައިލާހުގެ ރަޙުމާނީ ނޫރުތައް ފަޅައިގެން ދިޔުމަށް ސަބަބެއްކަމުގައި އިބަ އިލާހު ލައްވާ، ދެން އިބައިލާހުގެ ރައްބާނީ ޙަޟްރަތުންވާ ނައިބެއްކަމުގައި، އަދި އިބައިލާހުގެ ޒާތީ ސިއްރުފުޅުތަކުގެ ޚަލީފާއެއްކަމުގައި ލެއްވި ފަރާތަށް ޞަލަވާތް ލައްވާށިއެވެ.) މިހެން ކިޔުމާމެދު ދަންނައެވެ:
ފަހެ ޖަވާބަކީ: މި ބަސްތަކާއި މިއާ ވައްތަރު ތަކެއްޗަކީ: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އެކަމަކާމެދު އިންޛާރުދެއްވާފައިވާ: ގަދަކަމުން ތަކްލީފުޖެހިގެން އުޅުމާއި ޙައްދުފަހަނައަޅާ ދިޔުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއީ މުސްލިމްގެ ޞަޙީޙުގައި، ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާކުރެއްވި ބަސްފުޅުގައިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
«هَلَكَ المُتَنَطِّعُونَ» قَالَهَا ثَلَاثًا.
"ޙައްދުފަހަނައަޅައިގެން، (ބަހާއި ޢަމަލުގައި) މާ މަތިވެގެންނަން އުޅޭ މީހުން ހަލާކުވެއްޖެއެވެ." ތިންފަހަރު އެހެން ޙަދީޘްކުރެއްވިއެވެ.
އިމާމް ޚައްޠާބީ رحمه الله ވިދާޅުވިއެވެ: المتنطع 'މުތަނައްޠިޢު' އަކީ: އެއީ އެމީހުންނަށް މުހިއްމުކަމެއް ނެތް އަދި ޤަޞްދު ނުކުރެވޭ ކަންތަކުގެ ތެރެއަށް ވަދެގަނެ، އެމީހުންގެ ބުއްދިތައް އެއަށް ނުފޯރާ ކަންތަކުގައި ވާހަކަތައް ދައްކާ އުޅޭ ކަލާމްގެ އަހުލުވެރިންގެ މަޛްހަބުުތަކުގެ މަތީގައި؛ ކަމެއްގައި މާ ފުނަށްގޮސް، އެ ހޯދަން ގަދަކަމުން އުޅޭ މީހާއެވެ.
އަބުއް ސަޢާދާތު އިބްނުލް އަޘީރު ވިދާޅުވިއެވެ: "އެއީ ވާހަކައިގައި މާ ފުނަށްގޮސް، މާ މަތިވެގަންނަން އުޅޭ، ކަރުގެ އެންމެ އެތެރެއިން ވާހަކަދައްކާ މީހުންނެވެ. އެ ބަސް ނެގިފައިވަނީ: 'އައްނަޠްޢު' އިންނެވެ. އެއީ އަނގައިގެ އެންމެ މަތީގައިވާ އަޑިގަނޑެވެ. ދެން އެއަށްފަހު ބަހާއި ޢަމަލުގައި މާ ފުނަށް ދާން އުޅޭ ކޮންމެ މީހަކަށްވެސް އެ ބަސް ބޭނުން ކުރެވުނެވެ."
ބަހުގެ އިމާމުންގެ ތެރެއިންވާ މި ދެ އިމާމުން ޛިކުރުކުރެއްވި ކަންތަކުން ތިބާއަށާއި އަދި ބަޞީރަތެއް ކިރިޔާވެސް ހުރި މީހަކަށް ސާފުވެގެންދާނީ: އަހަރުމެންގެ ނަބިއްޔާ އަދި ސާހިބާ: ﷲ ގެ ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް ދުޢާކުރުމުގައިވާ މި ގޮތްގަނޑަކީ: ނަހީވެގެންވާ ގޮތަށް ގަދަކަމުން ތަކުލީފުޖެހިގެން، މާ ފުނަށް ޙައްދުފަހަނައަޅައިގެން ދިޔުމުގެ ތެރެއިންވާ ކަމެއް ކަމެވެ. މި ބާބުގައި މުސްލިމް މީހާއަށް ޝަރުޢުވެގެންވަނީ: ﷲ ގެ ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމުގައި އެކަލޭގެފާނުގެ އަރިހުން ޘާބިތުވެގެންވާ ކައިފިއްޔަތުގައި ހިފުމަށް ސަމާލުވެ ފަރުވާތެރިވުމެވެ. އޭގައި އެހެން ގޮތްތަކަށް ނުގޮސް ފުދުންތެރިކަންވެއެވެ.
އޭގެ ތެރޭގައި: އަލްބުޚާރީ އާއި މުސްލިމްގެ ދެ ޞަޙީޙުގައި، ކަޢުބު ބްނު ޢުޖްރާ رضي الله عنه ގެ އަރިހުން ރިވާކުރެއްވި ބަސްފުޅުވެއެވެ: އެއީ ޞަޙާބީން رضي الله عنهم ދެންނެވިކަމަށެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ﷲ ވަނީ އަހަރުމެންނަށް އަމުރުކުރައްވާފައިއެވެ. ފަހެ އަހަރުމެން ކަލޭގެފާނަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ؟" ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبرَاهِيمَ وَعَلَى آلِ إِبرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبرَاهِيمَ وَعَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ».
(އޭ ﷲ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.)
އަދިވެސް ދެ ޞަޙީޙުގައި، އަބޫ ޙުމައިދު އައްސާޢިދީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރުމެން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».
(އޭ ﷲ އެވެ! މުޙައްމަދުގެފާނު މައްޗަށާއި، އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.)
އަދި ޞަޙީޙު މުސްލިމްގައި، އަބޫ މަސްޢޫދު އަލްއަންޞާރީ رضي الله عنه ވިދާޅުވިކަމަށް އައިސްފައިވެއެވެ: ބަޝީރު ބްނު ސަޢުދު ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ﷲ ވަނީ އަހަރުމެންނަށް އަމުރުކުރައްވާފައިއެވެ. ފަހެ އަހަރުމެން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ؟" އެހިނދު އެކަލޭގެފާނު ހަނުހުންނެވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ:
«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ؛ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ؛ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ فِي العَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ، وَالسَّلَامُ كَمَا عَلِمتُم».
(އޭ ﷲ އެވެ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ ޢާލަމްތަކުގެ ތެރޭގައި އިބައިލާހު އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.)
އަދި ސަލާމްލެއްވުން އެދި ދެންނެވުންވަނީ ތިޔަބައިމީހުންނަށް އެނގިގެންވާ ގޮތަށެވެ."
މި ލަފްޒުތަކާއި، މިއާ ވައްތަރު ލަފްޒުތަކާއި، އަދި އެނޫންވެސް ނަބިއްޔާ ﷺގެ އަރިހުން ޘާބިތުވެގެންވާ ލަފްޒުތަކަކީ: މުސްލިމްއަޅާ ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރުމުގައި ބޭނުންކުރަން ޖެހޭނެ ލަފްޒުތަކެވެ. އެހެނީ ރަސޫލާ ﷺ ޙައްޤުފުޅުގައި ބޭނުންކުރެވުން ލާއިޤުވެ އެކަށޭނެ ބަސްތައް އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ އެކަލޭގެފާނެވެ. އެފަދައިންމެ، އެކަލޭގެފާނުގެ ވެރި ރައްބުގެ ޙައްޤުފުޅުގައި ބޭނުންކުރެވޭނެ ލަފްޒުތައްވެސް މީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ އެކަލޭގެފާނެވެ.
ދެންފަހެ ގަދަކަމުން ގެނެސްފައިވާ އަދި އަލަށް އުފައްދާފައިވާ ލަފްޒުތަކާއި، ޞައްޙަ ނޫން މާނައެއް އެއިން ނެގުމުގެ ފުރުސަތު އޮންނަ ލަފްޒުތައް -މިސާލަކަށް ސުވާލުގައި ޛިކުރުކުރެވިގެންވާފަދަ ލަފްޒުތައް- ފަހެ އެ ލަފްޒުތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އޭގައި ގަދަކަމުން ތަކްލީފު ޖެހިގެންވުން ވާތީއެވެ. އަދި އެއީ ބާޠިލު މާނަތަކުން ތަފްސީރު ކުރެވިދާނޭ ލަފްޒުތަކަކަށް ވާތީއެވެ. އެއީ ﷲ ގެ ރަސޫލާ ﷺ އިޚްތިޔާރުކުރައްވާ، އަދި އެކަލޭގެފާނުގެ އުއްމަތަށް އެއަށް އިރުޝާދުދެއްވި ލަފްޒުތަކާ އެލަފްޒުތައް ޚިލާފުވުމާވެސް އެކުގައިއެވެ. ޚަލްޤުތަކުންގެ ތެރެއިން އެންމެ ބޮޑަށް ދެނެވަޑައިގެންވާ، އަދި އެންމެ ނަޞޭޙަތްތެރި، އަދި ތަކްލީފުން އުޅުމުން އެންމެ ދުރުވެގެންވާ ބޭކަލަކީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެންމެ ހެޔޮވެގެންވާ ޞަލަވާތާއި ސަލާމް އެކަލޭގެފާނަށް ހުއްޓެވެ.
މިއެވެ. ތައުޙީދުގެ ހަޤީޤަތާއި، ޝިރުކުގެ ޙަޤީޤަތް ބަޔާންކުރުމުގައި، އަދި އިހުގެ މުޝްރިކުންނާއި، ފަހުގެ މުޝްރިކުން މި ބާބުގައި ތިބި ގޮތުގެ ތަފާތާއި، އަދި ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ޝަރުޢުވެގެންވާ ޞަލަވާތް ކިޔެވުމުގައި އަހަރުމެން މި ބަޔާންކުރި ދަލީލުތަކުގައި: ޙައްޤު ހޯދާ މީހަކަށް ފުދޭނެ މިންވަރު އަދި ރުހި ޤަބޫލުކުރެވޭނެ މިންވަރު ވާނޭކަމަށް އުއްމީދުކުރަމެވެ. ދެންފަހެ ޙައްޤު ދެނެގަންނަން އެއްވެސް ޝައުޤުވެރިކަމެއް އަދި ދަހިވެތިކަމެއް ނެތް މީހާ؛ ފަހެ މީނާއީ އޭނާގެ އަމިއްލަ އެދުމަށް ތަބަޢަވާ މީހެކެވެ. ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ:
﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ50﴾
(ފަހެ އެމީހުން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ ފަހެ ދެނެވަޑައިގަންނަވާށެވެ: ހަމަކަށަވަރުން އެމީހުން އެ ތަބަޢަވާކަން ކަށަވަރީ އެމީހުންގެ އަމިއްލަ އެދުންތަކަށެވެ. އަދި ﷲ ގެ ޙަޟްރަތުންވާ ތެދުމަގަކާ ނުލާ، އެ މީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވީ މީހަކަށްވުރެ މަގުފުރެދުން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އަލްޤަޞަޞް: 50]
ފަހެ އެކަލާނގެ ސުބްޙާނަހޫ މި މާތްވެގެންވާ އާޔަތުގައި ބަޔާންކުރެއްވީ: ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺ އެކަމަކާގެން ފޮނުއްވި ތެދުމަގާއި ޙައްޤު ދީނާމެދު މީސްތަކުންގެ ނިސްބަތުން (އެމީހުން ކަންތައް ކުރި ގޮތަށް) ބަލާއިރު އެމީހުންވަނީ ދެ ބަޔަކަށެވެ:
އެއް ބަޔަކީ: ﷲ އާއި އެކަލާނގެ ރަސޫލާއަށް އިޖާބަދިން މީހުންނެވެ.
ދެވަނަ ބަޔަކީ: އަމިއްލަ އެދުމަށް ތަބަޢަވީ މީހުންނެވެ. ދެން އެއަށްފަހު އެކަލާނގެ ސުބްޙާނަހޫ ޚަބަރުދެއްވީ، ﷲ ގެ ޙަޟްރަތުންވާ ހިދާޔަތެއް ނެތި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވި މީހަކަށްވުރެ މަގުފުރެދުން ބޮޑުވެގެންވާ މީހަކު ނުވާކަމަށެވެ.
އެހެންކަމުން އަހަރުމެން ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުން އެދި ދަންނަވަނީ: އަމިއްލަ އެދުމަށް ތަބަޢަވުމުން އަޅަމެން ސަލާމަތްކޮށްދެއްވާ، އަދި އަޅަމެންނާއި، ތިޔަބައިމީހުންނާއި، އަދި އަޅަމެންގެ ހުރިހާ އަޚުންވެސް، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަށް އިޖާބަދިން މީހުންގެ ތެރޭގައި، އަދި އެކަލާނގެ ޝަރުޢަށް ޤަދަރުކޮށް މާތްކޮށް ހިތާ މީހުންގެ ތެރޭގައި، އަދި އެކަލާނގެ ޝަރުޢާ ޚިލާފުވެގެންވާ ހުރިހާ ބިދުޢައަކާއި އަމިއްލަ އެދުންތަކާމެދު އިންޛާރުދޭ މީހުންގެ ތެރޭގައި ލެއްވުމަށެވެ....ހަމަކަށަވަރުން އެކަލާނގެއީ ނުހަނު ދީލަތިވަންތަ އޯގާވަންތަ މާތް އިލާހެވެ.
ﷲ ތަޢާލާ، އެކަލާނގެ އަޅާ އަދި ރަސޫލާ ކަމުގައިވާ: އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް އަދި ޤިޔާމަތް ދުވަހާ ހަމައަށް އިޙްސާންތެރިކަމާއެކު އެކަލޭގެފާނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
وصلى الله على عبده ورسوله؛ نبينا محمد وآله وأصحابه وأتباعه بإحسان إلى يوم الدين.
***
dv397v4.0 - 17/08/2026