ޞައްޙަ ޢަޤީދާއާއި އެއާ އިދިކޮޅުވާ ކަންކަން (ދިވެހި)

ޞައްޙަ ޢަޤީދާއާއި އެއާ އިދިކޮޅުވާ ކަންކަން

  • earth ބަސް
    (ދިވެހި)
  • earth ލިޔުއްވީ::
    الشيخ عبد العزيز بن عبد الله بن باز
PHPWord

 

 

العَقِيدَةُ الصَّحِيْحَةُ وَمَا يُضَادُّهَا

 

 

ޞައްޙަ ޢަޤީދާއާއި އެއާ އިދިކޮޅުވާ ކަންކަން

 

 

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ފުރަތަމަ ރިސާލާ

ޞައްޙަ ޢަޤީދާއާއި އެއާ އިދިކޮޅުވާ ކަންކަން

ޙަމްދުހުރީ އެއްކައުވަންތަ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެކަލޭގެފާނަށްފަހު އެހެން ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށެވެ.

އެއަށްފަހު ދަންނައެވެ: ފަހެ ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލުކަމުގަޔާއި އަދި މިއްލަތުގެ އަސާސްކަމުގައި ވީހިނދު؛ މި މައުޟޫޢާމެދު ވާހަކަދައްކާ، އަދި މިކަން ބަޔާންކޮށް ސާފުކޮށްދިނުމުގައި ލިޔެ ތައުލީފުކުރުމަކީ މުހިއްމުކަމެއް ކަމުގައި އަހަރެންނަށް ފެނުނެވެ.

އަދި ޤުރްއާނާއި ސުންނަތުގެ ޝަރުޢީ ދަލީލުތަކުން އެނގިގެންވާކަމަކީ: ޢަމަލުތަކާއި ބަސްތައް ޞައްޙަވެ ޤަބޫލުކުރެވޭހުށީ ޞައްޙަ ޢަޤީދާއަކުން އައިސްފިނަމައެވެ. ދެންފަހެ، ޢަޤީދާ ޞައްޙަވެގެން ނުވާނަމަ؛ އެއިން ފަޅައިގެން އަންނަ ޢަމަލުތަކާއި ބަސްތައް ބާޠިލުކޮށްލައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿...وَمَن يَكۡفُرۡ بِٱلۡإِيمَٰنِ فَقَدۡ حَبِطَ عَمَلُهُۥ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ﴾

(...އަދި އީމާންކަމަށް ކާފަރުވާމީހާ ފަހެ، ހަމަކަށަވަރުން، އެމީހާގެ ޢަމަލު ބާޠިލުވެގެންވެއެވެ. އަދި އޭނާވަނީ އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އަލްމާއިދާ: 5].

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ 65﴾

(ހަމަކަށަވަރުން ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަހީ ކުރެއްވުނެވެ: ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.)

[އައްޒުމަރު: 65]

މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. ﷲ ތަޢާލާގެ ބަޔާންވެގެންވާ ފޮތާއި، އެކަލާނގެ އަމާނާތްތެރި ރަސޫލާ، -އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެކަލޭގެފާނުގެ މައްޗަށް އެންމެ ހެޔޮވެގެންވާ ޞަލަވާތާއި ސަލާމްހުއްޓެވެ- އެކަލޭގެފާނުގެ ސުންނަތް ދަލީލުކޮށްފައިވަނީ؛ ޞައްޙަ ޢަޤީދާ ޚުލާޞާވެގެންވަނީ ހަ ކަމެއްގައިކަމެވެ. އެއީ: ﷲ އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ. މި ހަ ކަމަކީ: ﷲ ގެ ޢިއްޒަތްތެރިވެގެންވާ ފޮތް އެކަންކަމާގެން ބާވައިލެއްވުނު، އަދި ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު عليه الصلاة والسلام އެކަންކަމާގެން ފޮނުއްވި ޞައްޙަ ޢަޤީދާގެ އަސާސްތަކެވެ.

ޤުރްއާނާއި ޞައްޙަ ސުންނަތުގައި، މި ހަ އަސާސްގެ މައްޗަށް ދަލީލުތައް ގިނަގުނަކޮށް އައިސްފައިވެއެވެ. އޭގެ ތެރޭގައި މިސާލަކަށް އަންނަނިވި ދަލީލުތައްވެއެވެ:

ފުރަތަމައަށް: ޤުރްއާނުންވާ ދަލީލުތައް. އޭގެ ތެރޭގައި ﷲ ޢައްޒަ ވަޖައްލަގެ މި ބަސްފުޅުވެއެވެ:

﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...﴾

(ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު (ހުރިހާ) ހެޔޮކަމެއްވެސް ވާހުށީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި (ބާވައިލެއްވި) ފޮތްތަކަށާއި ނަބިއްޔުންނަށް އީމާންވި މީހާގެ ކިބައިގައެވެ...) [އަލްބަޤަރާ: 177]

އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ:

﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِ...﴾

(ރަސޫލާއަށް، އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވި (ކޮންމެ) އެއްޗަކަށްމެ ރަސޫލާއާއި މުއުމިނުން އީމާންވިއެވެ. އެ އެންމެންމެ، ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި (ބާވައިލެއްވި) ފޮތްތަކާއި ފޮނުއްވި ރަސޫލުންނަށް އީމާންވެއެވެ. (އެބައިމީހުން ބުނެއެވެ.) ތިމަންމެން، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމެވެ...) [އަލްބަޤަރާ: 285]

އަދި އެކަލާނގެ މި ބަސްފުޅެވެ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِي نَزَّلَ عَلَىٰ رَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِيٓ أَنزَلَ مِن قَبۡلُۚ وَمَن يَكۡفُرۡ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلۡيَوۡمِ ٱلۡأٓخِرِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا 136﴾

(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ ރަސޫލާއަށާއި، އެކަލާނގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރިން ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން އީމާންވާށެވެ. (އީމާންވުންމަތީ ދެމިތިބޭށެވެ!) އަދި، اللَّه އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ފޮތްތަކަށާއި، އެކަލާނގެރަސޫލުންނަށާއި، އާޚިރަތް ދުވަހަށް ކާފަރުވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.) [އައްނިސާއު: 136]

އަދި އެކަލާނގެ މި ބަސްފުޅެވެ:

﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ 70﴾

(ހަމަކަށަވަރުން އުޑާއި، ބިމުގައި ވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެ ކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަކަމެކެވެ.) [އަލްޙައްޖު: 70]

ދެވަނައަށް: ސުންނަތުންވާ ދަލީލުތައް: އޭގެ ތެރޭގައި މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ މަޝްހޫރު ޞައްޙަ ޙަދީޘްވެއެވެ. އެއީ، ޖިބްރީލު عليه السلام، ނަބިއްޔާ ﷺގެ އަރިހުން އީމާންކަމާމެދު ސުވާލުކުރެއްވި ކަމަށް، އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. ފަހެ، ޖިބްރީލްގެފާނަށް، އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ:

«الإِيمَانُ أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَاليَوْمِ الآخِرِ، وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ».

“އީމާންކަމަކީ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ

އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ތިބާ އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ."1 މި ޙަދީޘެވެ. އަދި ދެ ޝެއިޚުން (ބުޚާރީ އާއި މުސްލިމް) -ކުޑަ ތަފާތަކާއެކު- އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އެ ޙަދީޘް ނެރުއްވިއެވެ.

މި ހަ އަޞްލުން، ކަފިވެ ފަޅައިގެންދާ ކަންކަމުގެ ތެރޭގައި: ﷲ ޢައްޒަ ވަޖައްލަގެ ޙައްޤުފުޅުގައި، އަދި އެނބުރި ދާން އޮތްތަން (އާޚިރަތުގެ) ކަންކަމާއި، އަދި އެނޫންވެސް ﷲ ޢައްޒަ ވަޖައްލައާއި އެކަލާނގެ ރަސޫލާ ﷺ ޚަބަރުދެއްވާފައިވާ ޣައިބުގެ ކަންކަމުން، މުސްލިމް މީހާ ޤަބޫލުކޮށް އިޢުތިޤާދުކޮށް އަދި އީމާންވުން ވާޖިބުވެގެންވާ ކޮންމެ ކަމެއް ހިމެނެއެވެ.

މި ހަ އަޞްލު ބަޔާންވަނީ އަންނަނިވި ގޮތަށެވެ:

ފުރަތަމަ އަޞްލު: ﷲ ތަޢާލާއަށް އީމާންވުން

އޭގައި އެތަކެއް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި: އެކަލާނގެއީ އެހެން ހުރިހާ ފަރާތްތައް ފިޔަވައި އަޅުކަން ޙައްޤުވެގެންވާ ޙައްޤު އިލާހުކަމުގައި އީމާންވުމެވެ. އެއީ އަޅުތަކުން އުފެއްދެވި ފަރާތަކީ އެކަލާނގެ ކަމުގައިވުމާއި، އަދި އެމީހުންނަށް އިޙްސާންތެރިވެ ވޮޑިގަންނަވާ، އެމީހުންގެ ރިޒްޤުތައް ދެއްވާ، އެމީހުންގެ ސިއްރާއި ފައުޅު ދެނެވޮޑިގެންވާ، އެމީހުންގެ ތެރެއިން ކިޔަމަންވި މީހުންނަށް ޘަވާބުދެއްވާ އަދި އުރެދުނު މީހުންނަށް ޢުޤޫބާތްދެއްވުމަށް ކުޅަދުންވަންތަވެގެންވާ އިލާހުކަމުގައި އެ އިލާހުވުމުންނެވެ.

ﷲ ތަޢާލާ އިންސީންނާއި ޖިންނީން އުފެއްދެވީ މި އަޅުކަންކުރުމަށެވެ. އަދި އެކަލާނގެ އެކަމަށް އެމީހުންނަށް އަމުރުވެސް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ 56 مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ 57 إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ 58﴾

"ތިމަންއިލާހު ޖިންނީންނާއި އިންސީން ތިމަންއިލާހަށް އަޅުކަންކުރުމަށްޓަކައި މެނުވީ ނުއުފައްދަވަމެވެ.

އެއުރެންގެ ކިބަޔަކުން ތިމަންއިލާހު ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.

(ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ރިޒްޤުދެއްވާ، ބާރުގެ ވެރި، ގަދަފަދަވަންތަ އިލާހެވެ.) [އައްޛާރިޔާތު: 56- 58]

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ 22﴾

(އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިންވީ މީހުން އުފެއްދެވި ރައްބަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.

އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން (ވާރޭ) ފެން ވެއްސަވައި އަދި އޭގެ ސަބަބުން ތިޔަބައިމީހުންނަށްޓަކައި ރިޒުޤުގެ ގޮތުގައި މޭވާގެ ބާވަތްތައް ނެރުއްވި އިލާހެވެ. ފަހެ (ﷲ ފިޔަވައި ޚަލްޤުކުރައްވާ އެހެން ފަރާތެއް ނުވާކަން) ތިޔަބައިމީހުން ދެނެތިބި ޙާލު، ﷲ އާ އެކު އެހެން ފަރާތްތަކެއް ބައިވެރިކޮށް، ޝަރީކު ނުކުރާށެވެ.) [އަލްބަޤަރާ: 21-22]

އަދި ﷲ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވިއެވެ. އެއީ މި ޙައްޤު ބަޔާންކުރައްވާ، އަދި އެއަށް ދަޢުވަތުދެއްވާ، އަދި އެއާ އިދިކޮޅުވާ ކަންކަމާމެދު އިންޛާރުދެއްވުމަށްޓަކައިއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾

(ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36]

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ25﴾

(ހަމަކަށަވަރުން، ތިމަންއިލާޙު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!)

[އަލް އަންބިޔާއު: 25]

އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ:

﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ1 أَلَّا تَعْبُدُوا إِلَّا اللَّهَ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ2﴾

(ا ل ر .(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައް ފުރިހަމަކުރެވި، ދެން ޙިކްމަތްވަންތަ، ޚަބަރު ލިބިވޮޑިގެންވާ ފަރާތެއްގެ ޙަޟްރަތުން ތަފްޞީލުކުރެވިފައިވެއެވެ.

(އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށްވާ އިންޛާރުދޭ އަދި ހެޔޮ ޚަބަރުދޭ މީހެކެވެ.)

[ހޫދު: 1-2]

މި އަޅުކަމުގެ ޙަޤީޤަތަކީ: އަޅުތަކުން އެއިން އަޅުކަންކުރާ ހުރިހާ ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. އެއީ ދުޢާކުރުމާއި، ބިރުވެތިވުމާއި، (ރަޙްމަތާއި ފުއްސެވުމަށް އެދި) އުއްމީދުކުރުމާއި، ނަމާދާއި، ރޯދައާއި، ޤުރުބާންކޮށް ކަތިލުމާއި، ނަދުރު ބުނުމާއި، އެނޫންވެސް އަޅުކަމުގެ ވައްތަރުތައް، އެކަލާނގެއަށް ބޯލަނބާ ނިކަމެތިވުމުގެ ގޮތުން، އަދި އެކަލާނގެ ޘަވާބަށް އެދޭ ޙާލު، އަދި އެކަލާނގެ ޢުޤޫބާތަށް ބިރުގަންނަ ޙާލުގައެވެ. އެއީ އެކަލާނގެދެކެ ލޯބިވުމުގެ ފުރިހަމަކަމާއި، އެކަލާނގެ މަތިވެރިކަމާއި ޤަދަރުވެރިކަމަށް ނިކަމެތިވުމާއެކުގައިއެވެ.

ކީރިތި ޤުރްއާނާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށް؛ ފެނިގެންދާނީ އެ ފޮތުގެ ބޮޑުބައި ބާވައިލެއްވުނީ މި މަތިވެރިވެގެންވާ އަސާސާމެދުގައި ކަމެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅު ފަދައިންނެވެ:

﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ 2 أَلَا لِلَّهِ الدِّينُ الْخَالِصُ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾

(ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ.

(ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 2-3]

އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ:

﴿وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ...﴾

(އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައެޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23]

އަދި އެކަލާނގެ ޢައްޒަ ވަޖައްލަގެ މިބަސްފުޅެވެ:

﴿فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَٰفِرُونَ14﴾

(ފަހެ، ތިޔަބައިމީހުން ދީން ޚާލިޞްކުރާ ޙާލު ﷲ އަށް ދުޢާކުރާށެވެ. ކާފަރުން ކިތަންމެ ނުރުހުނުކަމުގައި ވިޔަސްމެއެވެ.) [ޣާފިރު: 14]

މިފަދައިންމެ ނަބަވީ ސުންނަތާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށްވެސް؛ މި ބޮޑުވެގެންވާ އަޞްލަށް އަހައްމިއްޔަތުކަން ދެވިފައިވާތަން ފެންނާނެއެވެ. އޭގެ ތެރޭގައި: ދެ ޞަޙީޙުގައި މުޢާޛު رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވިގެންވާ ބަސްފުޅުވެއެވެ:

«حَقُّ اللهِ عَلَى العِبَادِ أَن يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».

"އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤުފުޅަކީ އެކަލާނގެއަށް އެމީހުން އަޅުކަންކޮށް، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ."2

ﷲ އަށް އީމާންވުމުގެ ތެރެއަށް: އެކަލާނގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ ވާޖިބުކުރައްވާ، އަދި އެމީހުންގެ މައްޗަށް ފަރުޟުކުރެއްވި: އިސްލާމްކަމުގެ ފާޅުވެގެންވާ ފަސް ރުކުންވެސް ވަދެއެވެ.

އެއީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ދިޔުމަށް ކުޅަދާނަވެއްޖެ މީހާ އެ ގެފުޅަށް ޙައްޖުވުމާއި، އެނޫންވެސް ޠާހިރުވެގެންވާ ޝަރުޢުގައި އައިސްފައިވާ ފަރުޟުތަކެވެ.

މި ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނަކީ: لا إله إلا الله އާއި محمد رسول الله އަށް ހެކިވުމެވެ. މި ހެކިވުން ނިޔާކުރަނީ: އަޅުކަން ﷲ އަށް އެކަނި ޚާލިޞްކޮށް، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުން އަޅުކަން ނަފީކުރުމެވެ. لا إله إلا الله ގެ މާނައަކީ މިއެވެ. އެ ގޮތުން އެ ކަލިމައިގެ މާނައަކީ -ޢިލްމުވެރިން رحمهم الله - ވިދާޅުވެފައިވާ ފަދައިން: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއް ނުވުމެވެ. އެކަމުގެ މައްޗަށް ބިނާކޮށް: ﷲ ފިޔަވައި އަޅުކަންކުރެވޭ ކޮންމެ އެއްޗެއް -އިންސާނެއް ނުވަތަ މަލާއިކަތެއް ނުވަތަ ޖިންނިއެއް ނުވަތަ އެނޫން އެއްޗެއްވެސް- ފަހެ އެއީ ބާޠިލުގޮތުގައި އަޅުކަންވެވޭ ފަރާތެކެވެ. ޙައްޤުގޮތުގައި އަޅުކަންވެވޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަލާނގެއާ އެއްވެސް ޝަރީކަކު ނުވެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ...﴾

(އެހެނީ ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ، އެ މީހުން ދުޢާކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ...) [އަލްޙައްޖު: 62]

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސީންނާއި ޖިންނީން އުފެއްދެވީ މި އަސާސީ އަޞްލަށްޓަކައި ކަމާއި، އެކަމަށް އެކަލާނގެ އެމީހުންނަށް އަމުރުކުރެއްވިކަމާއި، އެކަލާނގެ ރަސޫލުން އެކަމާގެން ފޮނުއްވާ، އެކަމާގެން އެކަލާނގެ ފޮތްތައް ބާވައިލެއްވިކަން އިސްވެ ބަޔާންވެއްޖެއެވެ. އެހެންކަމުން އަޅާގެ މައްޗަށް ވަނީ ރަނގަޅަށް އެކަމާމެދު ވިސްނާ، ގިނައިން އެކަމާމެދު ތަދައްބުރުކޮށް ފިކުރުކުރުމެވެ. އެއީ ގިނަ މުސްލިމުން މި އަޞްލާމެދު ވެއްޓިފައިވާ ބޮޑުވެގެންވާ ޖާހިލުކަން އޭނާއަށް ސާފުވެގެންދިޔުމަށެވެ. އެހެންގޮސް އެމީހުންވަނީ ﷲ އާއެކު އެހެން ފަރާތްތަކަށް އަޅުކަންކޮށް، އެކަލާނގެއަށް ޚާލިޞްވެގެންވާ ޙައްޤުފުޅު އެހެން ފަރާތްތަކަށް އަނބުރާލާފައިއެވެ. ފަހެ އެހީއަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.

އަދިވެސް ހުސްޠާހިރުވަންތަ ﷲ އަށް އީމާންވުމުގެ ތެރޭގައި: އެކަލާނގެއީ ޢާލަމް އުފައްދަވާ، އެމީހުންގެ ކަންކަން ހިންގަވާ، އަދި އެކަލާނގެ ސުބްޙާނަހޫ އެދިވޮޑިގެންނެވި ގޮތަކަށް އެކަލާނގެ ޢިލްމުފުޅާއި ޤުދުރަތްފުޅުން އެމީހުންގެ މެދުގައި ކަންކަން ކުރައްވާ އިލާހުކަމަށާއި، އަދި އެކަލާނގެއީ ދުނިޔެއާއި އާޚިރަތުގެ މިލްކުވެރި ފަރާތްކަމާއި، ހުރިހާ ޢާލަމްތަކެއް އުފެއްދެވި ޚާލިޤުކަމަށް އީމާންވުންވެއެވެ. އެކަލާނގެ ފިޔަވައި ޚާލިޤެއް ނުވެއެވެ. އަދި އެކަލާނގެ މެނުވީ ރައްބެއް ނުވެއެވެ. އަދި އެކަލާނގެ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވިއެވެ. އެއީ އަޅުތަކުން އިޞްލާޙުކުރުމަށާއި، އަދި މިހާރާއި ކުރިއަށް އޮތްތާގައި (އެބަހީ: ދުނިޔެއާއި އާޚިރަތުގައިވެސް) އެމީހުންނަށް ނަޖާވުމާއި ހެޔޮރަނގަޅުކަން އޮތް ކަންކަމަށް ދަޢުވަތުދިނުމަށެވެ. އަދި އެކަލާނގެ ސުބްޙާނަހޫއަށް އެއިން އެއްވެސް ކަމެއްގައި އެއްވެސް ބައިވެރިޔަކު ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ 62﴾

(اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހަވާލުވެގެންވާ ވަކީލަކުކަމުގައިވާ އިލާހެވެ.) [އައްޒުމަރު: 62]

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ54﴾

(ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ ޢަރްޝުގެ މައްޗަށް އަރާވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް ވަނީ އެކަލާނގެ އަމުރުފުޅުން ކިޔަމަން ކުރައްވާ ޚިދުމަތްތެރި ކުރެވިގެންނެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުންވަނީ، އެކަލާނގެއަށެވެ. ޢާލަމްތަކުގެ ވެރި ރައްބު اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.) [އަލްއަޢުރާފު: 54]

އަދިވެސް ﷲ ތަޢާލާއަށް އީމާންވުމުގެ ތެރޭގައި: އެކަލާނގެ އަގުހުރި ފޮތުގައި، އަދި އެކަލާނގެ އަމާނާތްތެރި ރަސޫލާގެ އަރިހުން ޘާބިތުވެގެންވާ، އެކަލާނގެ ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރިވެގެންވާ ޞިފަފުޅުތަކަށް އީމާންވުންވެއެވެ. އެއީ އެއްވެސް ބަދަލެއްކޮށް ތަޙުރީފުކުރުމެއްނެތި، އަދި އިންކާރުކޮށް ނަގައިލުމެއްނެތި، އަދި ވައްތަރާއި (އެ ޞިފަފުޅުތައް ވަނީ) ކިހިނަކުންތޯ ކިޔުމެއްނެތި، އަދި މިސާލުޖަހާ އެއްފަދަ ކުރުމެއް ނެތިއެވެ.

﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾

(އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.)

[އައްޝޫރާ: 11]

އެގޮތުން ގޮތްކިޔާ ކައިފިއްޔަތު ބަޔާންކުރުމެއްނެތި، އެ ޞިފަފުޅުތައް އައިސްފައިވާ ގޮތަށް ހިންގުން (އެބަހީ: އެގޮތަށް ޤަބުލުކުރުން) ވާޖިބުވެއެވެ. އެއީ އެއިން ދަލީލުކޮށްފައިވާ މަތިވެރި މާނަތައްކަމުގައިވާ: ﷲ ޢައްޒަ ވަޖައްލައަށް ލިބިވޮޑިގެންވާ ޞިފަފުޅުތަކަށް އީމާންވުމާ އެކުގައިއެވެ. އެކަލާނގެ ޞިފަފުޅުތަކުން އެއްވެސް ކަމެއްގައި އެކަލާނގެ މަޚްލޫޤުންނާ ވައްތަރުކުރެވުމެއް ނެތި، އެ ޞިފަތަކުން އެކަލާނގެ ތަޢާލާ އެންމެ އެކަށީގެންވާ ގޮތަށް ޞިފަކުރުން ވާޖިބުވެގެންވުމާއިވެސް އެކުގައެވެ. އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ:

﴿فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ74﴾

(ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް اللَّه އާ އެއްފަދަކޮށް މިސާލު ނުޖަހާށެވެ. ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.) [އައްނަޙްލު: 74]

ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި، ﷲ ގެ ރަސޫލާ ﷺ ގެ އަޞްޙާބުންނާއި، އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވި އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ މިއެވެ. އަދި އެއީ އިމާމު އަބުލް ޙަސަނު އަލްއަޝްޢަރީވެސް އެބޭފުޅާގެ ފޮތް "އަލްމަޤާލާތު" ގައި ޙަދީޘްގެ އަޞްޙާބުން އަދި ސުންނަތުގެ އަހުލުވެރިންގެ ކިބައިން ގެނައި ޢަޤީދާއެވެ. އަދި (މި ޢަޤީދާ) އެނޫންވެސް، ޢިލްމާއި އީމާންކަމުގެ އަހުލުވެރި ޢިލްމުވެރިންވެސް ގެންނެވިއެވެ.

އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ: (ޞިފަފުޅުތަކުގެ އާޔަތްތަކާމެދު އަލްޒުހްރީ އާއި މަކްޙޫލުގެ އަރިހުން ސުވާލުކުރެވުނެވެ. ދެން އެ ދެބޭކަލުން ވިދާޅުވިއެވެ: "އެ އައިސްފައިވާ ގޮތަށް ގެންދާށެވެ.)3

އަދިވެސް އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ: "ތާބިޢީ ބޭކަލުން ބައިބޯކޮށް ގިނަވެގެންވީ ވަޤުތުގައި އަހަރުމެން ބުނަމުން ދިޔައީމެވެ: ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވޮޑިގެންވަނީ އެކަލާނގެ ޢަރްޝުގެ މަތީގައެވެ. އަދި ސުންނަތުގައި އައިސްފައިވާ (ﷲ ތަޢާލާގެ) ޞިފަފުޅުތަކަށް އަހަރުމެން އީމާންވަމެވެ."4

އަދި އަލްވަލީދު ބްނު މުސްލިމް رحمه الله ވިދާޅުވިއެވެ: (މާލިކުއާއި، އަލްއައުޒާޢީ އާއި، އައްލައިޘު ބްނު ސަޢުދު އާއި، ސުފްޔާނުއް ޘައުރީ رحمهم الله ގެ އަރިހުން، ޞިފަފުޅުތަކުގައި ވާރިދުވެގެން އައިސްފައިވާ ޚަބަރުތަކާމެދު ސުވާލުވެވުނެވެ. ދެން އެހުރިހާ ބޭކަލުންވެސް ވިދާޅުވިއެވެ: އެ ޚަބަރުތައް އައިސްފައިވާ ގޮތަށް، ގޮތް ކިޔުމެއްނެތި ހިންގާށެވެ. (އެބަހީ:އެގޮތަށް ޤަބޫލުކުރާށެވެ.)5

އަދި މާލިކުގެ ޝެއިޚު ކަމުގައިވާ: ރަބީޢާ ބްނު އަބީ ޢަބްދިއް ރަޙްމާނު رحمهما الله ގެ އަރިހުން އިސްތިވާވެވޮޑިގަތުމާމެދު ސުވާލުވެވުމުން ވިދާޅުވިއެވެ: "އިސްތިވާވުން (ﷲ ޢަރްޝުގެ މައްޗަށް އަރާވޮޑިގަތުން) އެއީ ނޭނގޭ ކަމެއް ނޫނެވެ. އަދި އޭގެ ކައިފިއްޔަތު ވިސްނިގެން ނުވެއެވެ. ﷲ ގެ ޙަޟްރަތުންވަނީ ރިސާލަތެވެ. އަދި ރަސޫލާގެ މައްޗަށްވަނީ ބަޔާންވެގެންވާ ފޯރުކޮށްދެއްވުމެވެ. އަދި އަހަރުމެންގެ މައްޗަށްވަނީ ތެދުކުރުމެވެ."6 އަދި އިމާމް މާލިކު رحمه الله ގެ އަރިހުން އެކަމާމެދު ސުވާލުވެވުމުން ވިދާޅުވިއެވެ: (އިސްތިވާވެވޮޑިގަތުން (ﷲ ޢަރްޝުގެ މައްޗަށް އަރާވޮޑިގަތުން) ވަނީ އެނގިގެންނެވެ. އަދި އޭގެ ކައިފިއްޔަތު (ވައްތަރާއި ގޮތް) އެނގިގެން ނުވެއެވެ. އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާމެދު (ކައިފިއްޔަތާމެދު) ސުވާލުކުރުމަކީ ބިދުޢައެކެވެ.) ދެން ސުވާލުކުރި މީހާއަށް ވިދާޅުވިއެވެ: "ކަލޭ ތިޔައީ ނުބައި މީހެއްކަމުގައި ނޫނީ އަހަރެންނަކަށް ނުފެނެއެވެ!" ދެން އެކަލޭގެފާނު އަމުރުކުރައްވާ އޭނާ ނެރެވުނެވެ.7 އުންމުލް މުއުމިނީން އުންމު ސަލަމާ رضي الله عنها ގެ އަރިހުންވެސް މި މާނައިގެ ބަހެއް ރިވާކުރެވުނެވެ.8

އަދި އިމާމް އަބޫ ޢަބްދިއް ރަޙްމާނު ބްނުލް މުބާރަކު رحمة الله عليه ވިދާޅުވިއެވެ: "އަހަރުމެންގެ ވެރި ރައްބު ސުބްޙާނަހޫ، އަހަރުމެންނަށް އެނގިގެންވަނީ އެކަލާނގެ އުޑުތަކުގެ މަތީގައި، އެކަލާނގެ ޢަރްޝުގެ މަތީގައި، އެކަލާނގެ ޚަލްޤުތަކުންނާ ވަކިވެވޮޑިގެންވާ ކަމުގައިއެވެ."9

މި ބާބުގައި، އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތައް ވަރަށްވެސް ގިނަވެގެންވެއެވެ. އެ ހުރިހާ ބަސްފުޅުތަކެއް މި ދަރުސްގައި ނުގެނެވޭނެއެވެ. އޭގެ ގިނަ ބަސްފުޅުތަކެއް ބަލަން ބޭނުން މީހަކު؛ ފަހެ މި ބާބުގައި ސުންނަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް މުރާޖަޢާކުރާހުށިކަމެވެ. މިސާލަކަށް: އިމާމް އަޙްމަދުގެ ދަރިކަލުން ޢަބްދު ﷲ ގެ "އައްސުންނާ" ފޮތް، އަދި ޤަދަރުހުރި އިމާމް، މުޙައްމަދު ބްނު ޚުޒައިމާގެ "އައްތައުޙީދު" ފޮތް، އަދި އަބުލް ޤާސިމު އައްލާލަކާއީ އައްޠަބަރީގެ "އައްސުންނާ" ފޮތް، އަދި އަބޫބަކުރު ބްނު އަބީ ޢާޞިމުގެ "އައްސުންނާ" ފޮތް، އަދި ޙަމާގެ އަހުލުވެރިންނަށް ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ލިޔުއްވި ޖަވާބުފަދަ ފޮތްތައް ބަލާށެވެ. (ޝެއިޚުލް އިސްލާމް ލިޔުއްވި މި ޖަވާބަކީ) ފައިދާތައް ގިނަވެގެންވާ މަތިވެރި ޖަވާބެކެވެ. އެކަލޭގެފާނު رحمه الله އޭގައި ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާގެ ސާފުކޮށްދެއްވާ، ސުންނަތުގެ އަހުލުވެރިންގެ ގިނަ ބަސްފުޅުތަކަކާއި، އަދި ސުންނަތުގެ އަހުލުވެރިން ބުނެފައިވާ ބަސްތަކުގެ ޞައްޙަކަމާއި، އަދި އެމީހުންނާ ޚިލާފުވި ޚަޞްމުން ބުނި ބަސްތަކުގެ ބާޠިލުކަން ދޭހަކޮށްދޭ ޝަރުޢީ އަދި ބުއްދީގެ ދަލީލުތައް ގެންނަވާފައިވެއެވެ.

އެފަދައިންމެ 'އައްތަދްމުރިއްޔާ' ގެ ނަން ދެވިފައިވާ ރިސާލަތުވެސްމެއެވެ. އެކަލޭގެފާނުވަނީ އޭގައި މި މަޤާމު ތަފްޞީލުކުރައްވާ، އަދި ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާ އޭގެ ނަޤުލީ (ޤުރްއާނާއި ސުންނަތުންވާ) އަދި ޢަޤުލީ (ބުއްދީގެ) ދަލީލުތަކާއެކު ބަޔާންކުރައްވާފައިއެވެ. އަދި ޙައްޤު ފާޅުކޮށްދޭ ގޮތަށް، އަދި ބާޠިލު ފުނޑާލާގޮތަށް، ޚިލާފުވާ މީހުންނަށް ރައްދުވެސް ދެއްވިއެވެ. އެއީ ރަނގަޅު ޤަޞްދަކާއެކު، އަދި ޙައްޤު ދެނެގަތުމަށް އެދިގެން އެއަށް ބަލައިފި، ޢިލްމުގެ އަހުލުވެރިންގެ ކޮންމެ މީހަކަށްވެސް ފެންނާނެ ގޮތަށެވެ. (ﷲ ތަޢާލާގެ) އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގެ ޚުލާޞާއަކީ: ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތުގައި، ނުވަތަ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺގެ ސުންނަތުގައި އެކަލާނގެ ނަފްސުފުޅަށް ޘާބިތުކުރައްވާފައިވާ ކަންކަން، އެއްވެސް މިސާލުޖެހުމެއް ވައްތަރުކުރުމެއްނެތިވާ ޘާބިތުކުރުމަކުން އެމީހުން ޘާބިތުކުރެއެވެ. އަދި ތަޢުޠީލުކުރުމުން (ﷲ ގެ ޞިފަފުޅުތަކަށް އިންކާރުކޮށް ނަގައިލާ، ނެތް އެއްޗަކަށް ހެދުމުން) ބަރީއަވެގެންވާ ހުސްދުރުކުރުމަކުން، އެމީހުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުވުމުން ހުސްދުރުކުރެއެވެ. ދެންފަހެ އެމީހުން ފުށުއެރުމާއި ދެކޮޅުނުޖެހުމުން ސަލާމަތްވުމުގެ ކާމިޔާބު ހޯދިއެވެ. އަދި ﷲ ގެ ޙަޟްރަތުން ދެއްވުނު ތައުފީޤުން، އެމީހުން (އެބަހީ: ސުންނަތުގެ އަހުލުވެރިން) ހުރިހާ ދަލީލުތަކަށް ޢަމަލުކުރިއެވެ. އެހެނީ ﷲ ތަޢާލާ އެކަލާނގެ ރަސޫލުން އެކަމަކާގެން ފޮނުއްވި ޙައްޤުގައި ހިފަހައްޓާ، އަދި އެމީހަކަށް ކުޅަދާނަވީ ވަރަކަށް އެކަމަށް މަސައްކަތްކޮށް، އަދި އެ ޙައްޤު ހޯދުމުގައި ﷲ އަށް އިޚްލާޞްތެރިވި މީހާއާމެދު އެކަލާނގެ ސުންނަތަކީ (ކަންކަން ހިންގަވާ ގޮތަކީ): އެ މީހަކަށް ޙައްޤަށް ތައުފީޤުދެއްވާ، އަދި އޭނާގެ ޙުއްޖަތް ފާޅުކުރެއްވުމެވެ. އެއީ އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ:

﴿بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞ...﴾

(އަދި ކިއެއް! ތިމަންއިލާހު ބާޠިލުގެ މައްޗަށް ޙައްޤު އެއްލަވާ، ދެން އެ ޙައްޤު، އެ ބާޠިލު ހަލާކުކޮށްލަތެވެ. ފަހެ އެހާރުން އެ ބާޠިލު ނެތިހިނގައިދެތެވެ...) [އަލްއަންބިޔާއު: 18]

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا33﴾

(ކަލޭގެފާނުގެ އަރިހަށް އެމީހުން ގެންނަ ކޮންމެ މިސާލެއް (އެ ބާޠިލުވާނެ) ޙައްޤާއި އެއަށްވުރެ ސާފު ބަޔާން ތިމަންއިލާހު ގެނެސްނުދެއްވާ އެއްވެސް މިސާލެއް އެމީހުން ކަލޭގެފާނަށް އަރިހަށް ނުގެނެވޭނެއެވެ.) [އަލްފުރްޤާނު: 33]

ދެންފަހެ އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި ސުންނަތުގެ އަހުލުވެރިން އިޢުތިޤާދުކުރި ގޮތާ ޚިލާފުވެއްޖެ މީހާ؛ ފަހެ އޭނާ ނަޤްލީ (ޤުރްއާނާއި ސުންނަތް) އަދި ބުއްދީގެ ދަލީލުތަކާ ޚިލާފުވުމަށް ކޮންމެހެންވެސް ވެއްޓޭނެއެވެ. އެއީ އަދި އޭނާ ޘާބިތުކޮށް އަދި ނަފީކުރާ ކޮންމެ ކަމެއްގައި ދެކޮޅުނުޖެހި ފުށޫއެރުންވެސް ސާފުކޮށްވުމާ އެކުގައިއެވެ. އަލްޙާފިޡު އިބްނު ކަޘީރު رحمه الله، އެކަލޭގެފާނުގެ މަޝްހޫރު ތަފްސީރުގައި މި މައުޟޫޢުގައި ރިވެތި ރަނގަޅު ވާހަކަތަކެއް ގެންނެވިއެވެ. އެއީ ﷲ ޢައްޒަ ވަޖައްލަގެ މި ބަސްފުޅާމެދު ވާހަކަދައްކަވަމުންނެވެ:

﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِ...﴾

(ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ ޢަރްޝުގެ މައްޗަށް އަރާވޮޑިގެންނެވިއެވެ....) [އަލްއަޢުރާފު: 54]

އެ ވާހަކަތަކުގެ ފައިދާ ބޮޑުކަމަށްޓަކައި މިތަނުގައި އެ ވާހަކަތައް ގެނައުން ރަނގަޅުވެގެންވެއެވެ. އެގޮތުން އެކަލޭގެފާނު رحمه الله ވިދާޅުވި ބަސްފުޅުތަކީ މިއެވެ:

"މި މަޤާމުގައި މީސްތަކުންނަށް ވަރަށް ގިނަ ބުނުންތަކެއް ވެއެވެ. މިއީ އެ ބަސްތައް ތަފްޞީލުކުރަން އޮތް ދަނޑިވަޅެއް ނޫނެވެ. އެކަމަކު އަހަރުމެން މި މަޤާމުގައި ހިފާހުށީ ހެޔޮވެގެންވާ ސަލަފުންކަމުގައިވާ: މާލިކު، އަލްއައުޒާޢީ، އައްޘައުރީ، އައްލައިޘު ބްނު ސަޢުދު، އައްޝާފިޢީ، އަޙްމަދު ބްނު ޙަންބަލު، އިސްޙާޤު ބްނު ރާހަވައިހި އަދި އެނޫންވެސް އިހާއި ފަހުގެ މުސްލިމުންގެ އިމާމުންގެ މަޛްހަބުގައިއެވެ. އެއީ: ކައިފިއްޔަތާއި ގޮތް ކިޔުމެއްނެތި، އަދި ވައްތަރުކުރުމެއް ނެތި، އަދި އިންކާރުކޮށް ގެއްލުވާލުމެއްނެތި (ﷲ ގެ ޞިފަފުޅުތައްވާ) އެ ނައްޞުތައް އައިސްފައިވާ ގޮތަށް ހިންގުމެވެ. (އެބަހީ: އެގޮތަށް ޤަބޫލުކުރުމެވެ.) އަދި ވައްތަރުކުރާ މީހުންގެ ވިސްނުންތަކަށް އެންމެ އަވަހަށް އަންނަ ގޮތްވަނީ ﷲ ތަޢާލާއާމެދު ނަފީކުރެވިގެންނެވެ. އެހެނީ ﷲ އާ އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެކައްޗެއްވެސް ވައްތަރުވެގެން ނުވެއެވެ. އަދި

﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾

(...އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.) [އައްޝޫރާ: 11] ކިއެއްތަ، ކަންތައް އޮތީ އިމާމުން ވިދާޅުވެފައިވާ ގޮތަށެވެ. އޭގެ ތެރޭގައި: އަލްބުޚާރީގެ ޝެއިޚުކަމުގައިވާ ނުޢައިމު ބްނު ޙައްމާދު ވިދާޅުވިއެވެ: "ﷲ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުކޮށްފި މީހާ ކާފަރުވެއްޖެއެވެ. އަދި ﷲ އެކަލާނގެ ނަފްސުފުޅު ޞިފަކުރައްވާފައިވާ ކަމަކަށް އިންކާރުކޮށްފި މީހާވެސް ކާފަރުވެއްޖެއެވެ."10 އަދި ﷲ އާއި އެކަލާނގެ ރަސޫލާ އެކަލާނގެއާމެދު ޞިފަކުރައްވާފައިވާ އެއްވެސް ކަމެއްގައި ވައްތަރުވުމެއް ނުވެއެވެ. އެހެންކަމުން ޞަރީޙަ އާޔަތްތަކާއި، ޞައްޙަ ޚަބަރުތަކުގައި އައިސްފައިވާ ކަންކަން، ﷲ ގެ ޖަލާލުވަންތަކަމާ އެކަށީގެންވެ ލާއިޤުވެގެންވާ ގޮތަށް ﷲ ތަޢާލާއަށް ޘާބިތުކޮށް، އަދި ﷲ ތަޢާލާގެ ކިބައިން އުނި ޞިފަތައް ނަފީކޮށްފި މީހާ؛ ފަހެ ހިދާޔަތުގެ މަގުގައި ހިފައިފިކަން ކަށަވަރެވެ."11 އިބްނު ކަޘީރު رحمه الله ގެ ބަސްފުޅު ނިމުނީއެވެ.

އަދިވެސް، ﷲ އަށް އީމާންވުމުގެ ތެރެއަށް ވަންނަ އަނެއްކަމަކީ: އީމާންކަމަކީ ބަހާއި ޢަމަލުކަމާއި، ހެޔޮކަންކަމުން އީމާންކަން އިތުރުވެ، އަދި ފާފައާއި އުރެދުމުން އީމާންކަން އުނިވާކަމާއި، ޝިރުކާއި ކުފުރު ފިޔަވައި އެއްވެސް ފާފައެއް -މިސާލަކަށް ޒިނޭކުރުމާއި، ވައްކަންކުރުމާއި، ރިބާ ކެއުމާއި، މަސްތުވާތަކެތި ބުއިމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އެނޫންވެސް ބޮޑެތި ފާފަތައް- ހުއްދަކޮށް ޙަލާލު ނުކުރަނީސް އޭގެ ސަބަބުން މުސްލިމުންގެ ތެރެއިން އެކަކުވެސް ކާފަރުކުރުން ހުއްދަވެގެންނުވާކަން ވަދެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅަށްޓަކައިއެވެ:

﴿إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ...﴾

(ހަމަކަށަވަރުން، اللَّه، އެކަލާނގެއާ ޝަރިކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ...) [އައްނިސާއު: 48] އަދި ﷲ ގެ ރަސޫލާ ﷺގެ އަރިހުންވާ މުތަވާތިރު ޙަދީޘްތަކުގައި ޘާބިތުވެފައިވާ ކަންކަމަށްޓަކައިއެވެ. އޭގެ ތެރޭގައި:

«إِنَّ اللهَ يُخْرِجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيْمَانٍ».

"ހަމަކަށަވަރުން އެމީހެއްގެ ހިތުގައި ރެވިއޮށްޓަރެއްގެ ބަރުދަނަށްވެސް އީމާންކަން ހުރެއްޖެ މީހާ؛ ﷲ ނަރަކައިން ނެރުއްވާނެތެވެ."12

ދެވަނަ އަޞްލު: މަލާއިކަތުންނަށް އީމާންވުން

އޭގައި ދެ ކަމެއް އެކުލެވެއެވެ: ފުރަތަމަ ކަންތައް: އިޖުމާލީކޮށް (ޖުމްލަކޮށް) މަލާއިކަތުންނަށް އީމާންވުމެވެ. އެއީ ﷲ އަށް މަލާއިކަތުންތަކެއް ވާކަމަށް، އެކަލާނގެ އެބޭކަލުން ޚަލްޤުކުރެއްވީ އެކަލާނގެއަށް ކިޔަމަންވުމަށްކަމަށް އަދި އެކަލާނގެ މިފަދައިން އެބޭކަލުން ޞިފަކުރެއްވިކަމަށް އީމާންވުމެވެ:

﴿وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ 26 لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ27 يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ28﴾

(އެ މީހުން ބުންޏެވެ. އައްރަޙްމާން ދަރިކަލަކު ހިއްޕެވިއެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި ކިއެއްތަ! އެއީ މާތް ކުރެވިގެންވާ އަޅުންތަކެކެވެ.

އެބޭކަލުން އެކަލާނގެ ޙަޟްރަތަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން ޢަމަލުކުރައްވަނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.

އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުން ތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.) [އަލްއަންބިޔާއު: 26-28]

އެބޭކަލުންވަނީ ގިނަ ބާވަތްތަކަކަށެވެ؛ އޭގެ ތެރޭގައި: ޢަރްޝު އުފުއްލެވުން ހަވާލުކުރެވިގެންވާ ބޭކަލުންވެއެވެ. އަދި އޭގެ ތެރޭގައި ސުވަރުގެއާއި ނަރަކައިގެ ބަނޑޭރިންވެއެވެ. އަދި އޭގެ ތެރޭގައި އަޅުތަކުންގެ ޢަމަލުތައް ލިޔެ ރައްކާކުރުމާ ހަވާލުކުރެވިގެންވާ ބޭކަލުންވެއެވެ. ދެވަނަ ކަންތައް: ތަފްޞީލީ ގޮތެއްގައި މަލާއިކަތުންނަށް އީމާންވުމެވެ. އެއީ: އެބޭކަލުންގެ ތެރެއިން ﷲ އާއި އެކަލާނގެ ރަސޫލާ ނަންދެއްވާފައިވާ ބޭކަލުންނަށް އަހަރުމެން އީމާންވުމެވެ. މިސާލަކަށް: ވަޙީ އިއްވެވުމާ ހަވާލުކުރެވިގެންވާ ޖިބްރީލްގެފާނާއި، ވާރޭ ވެއްސެވުމާއި ހަވާލުކުރެވިގެންވާ މީކާއީލްގެފާނާއި، ނަރަކައިގެ ބަނޑޭރިކަމުގައިވާ މާލިކުގެފާނާއި، ތާޅިފިލި ފުމެލެއްވުމާ ހަވާލުކުރެވިގެންވާ އިސްރާފީލްގެފާނެވެ. އެއީ ޞައްޙަ ޙަދީޘްތަކުގައި އެބޭކަލުންގެ ނަންގަނެވިގެން އައިސްފައިވާ ފަދައިންނެވެ. އެ ޙަދީޘްތަކުގެ ތެރޭގައި: ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވާ ޙަދީޘްފުޅުވެއެވެ:

«خُلِقَتِ الـمَلَائِكَةُ مِن نُورٍ، وَخُلِقَ الجَانُّ مِنْ مَارِجٍ مِنْ نَارٍ، وَخُلِقَ آدَمُ مِمَّا وُصِفَ لَكُم».

"މަލާއިކަތުން އުފެއްދެވުނީ ނޫރުންނެވެ. އަދި ޖިންނީން އުފެއްދެވުނީ އަލިފާނުގެ ހުޅުގަނޑުންނެވެ. އަދި އާދަމުގެފާނު އުފެއްދެވުނީ ތިޔަބައިމީހުންނަށް ޞިފަކޮށްދެވިފައިވާ އެތިންނެވެ."13 މި ޙަދީޘް ނެރުއްވީ މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ.

ތިންވަނަ އަޞްލު: ބާވައިލެއްވުނު ފޮތްތަކަށް އީމާންވުން.

އޭގައިވެސް ދެ ކަމެއް ހިމެނެއެވެ:

ފުރަތަމަ ކަމަކީ: އިޖުމާލީކޮށް ފޮތްތަކަށް އީމާންވުމެވެ. އެއީ ﷲ، އެކަލާނގެ ޙައްޤު ބަޔާންކުރައްވާ، އަދި އެކަމަށް ދަޢުވަތުދެއްވުމަށްޓަކައި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންގެ މައްޗަށް ފޮތްތަކެއް ބާވައިލެއްވިކަމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِ...﴾

(ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަން އިލާހުގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު ފޮތާއި، (ޢަދުލު އިންސާފުގެ) ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންސާފު ޤާއިމު ކުރުމަށް ޓަކައެވެ...) [އަލްޙަދީދު: 25] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِ...﴾

(މީސްތަކުން އެއް އުންމަތެއްގެ ގޮތުގައި ވިއެވެ. ދެންފަހެ، އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލުންތަކެއްގެ ގޮތުގައްޔާ އަދި އިންޒާރުކުރައްވާ ބޭކަލުންތަކެއްގެ ގޮތުގައި، ﷲ ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެބައިމީހުންގެ މެދުގައި ޚިލާފުވި ކަންތައްތަކުގައި ޙުކުމްކުރުމަށް، ޙައްޤު ގޮތުގައި އެބޭކަލުންނާ އެކުގައި ފޮތް ބާވައިލެއްވިއެވެ...) [އަލްބަޤަރާ: 213]

ދެވަނަ ކަމަކީ: ތަފްޞީލީ ގޮތެއްގައި ފޮތްތަކަށް އީމާންވުމެވެ. އެއީ އެ ފޮތްތަކުގެ ތެރެއިން ﷲ ތަޢާލާ ނަންދެއްވާފައިވާ ފޮތްތައް، މިސާލަކަށް ތައުރާތާއި، އިންޖީލާއި، ޒަބޫރާއި، ޤުރްއާންފަދަ ފޮތްތަކަށް އީމާންވުމެވެ. އަދި އެ ފޮތްތަކުން އެންމެ މާތްވެގެންވާ، އަދި އެ ފޮތްތައް ޚަތިމުކުރައްވާ، އެ ފޮތްތަކުގެ މައްޗަށް ފައިޞަލާކޮށް ތެދުކުރި ފޮތަކީ ޤުރްއާން ކަމުގައި އަހަރުމެން އިޢުތިޤާދުކުރަމެވެ. އަދި މުޅި އުއްމަތް އެ ފޮތަކަށް ތަބަޢަވެ، އެއަށް ޙުކުމްކުރަން ޖެހޭ ފޮތަކީ އެއީކަމަށްވެސް އިޢުތިޤާދުކުރަމެވެ. އެއީ ﷲ ގެ ރަސޫލާ ﷺގެ އަރިހުން ޞައްޙަވެގެންވާ ސުންނަތާވެސް އެކުގައިއެވެ. އެހެނީ ﷲ ސުބްޙާނަހޫ، އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ، ޖިންނީންނާއި އިންސީންގެ އެންމެންނަށްވާ ރަސޫލެއްގެ ގޮތުގައި ފޮނުއްވިއެވެ. އަދި އެމީހުންގެ މެދުގައި ޙުކުމްކުރުމަށްޓަކައި އެކަލޭގެފާނުގެ މައްޗަށް އެކަލާނގެ މި ޤުރްއާން ބާވައިލެއްވިއެވެ. އަދި އެ ފޮތަކީ މޭތަކުގައި (ހިތްތަކުގައި) ވާ އެއްޗަކަށްހުރި ޝިފާއެއްކަމުގައި، އަދި ކޮންމެ އެއްޗަކަށްހުރި ބަޔާންކޮށްދިނުމެއް ކަމުގައި، އަދި މުއުމިނުންނަށްހުރި ހިދާޔަތާއި ރަޙްމަތެއްކަމުގައި ލެއްވިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ155﴾

(މި ޤުރްއާނަކީ، ތިމަން އިލާހު ބާވައިލެއްވި، ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން، އެފޮތަށް ތަބަޢަވާށެވެ. އަދި ތިޔަބައިމީހުން ތަޤުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވޭތޯއެވެ.) [އަލްއަންޢާމު: 155] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿...وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ﴾

(...އަދި ތިމަންއިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.) [އައްނަޙްލު: 89]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ158﴾

(ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި އުއްމިއްޔަ (ލިޔަންކިޔަން ނުދަންނަ) ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.) [އަލްއަޢުރާފު: 158]. މި މާނާގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.

ހަތަރުވަނަ އަޞްލު: ރަސޫލުންނަށް އީމާންވުން

އޭގައިވެސް ހަމަ އެފަދައިން ދެ ކަމެއް ހިމެނެއެވެ: ފުރަތަމަ ކަމަކީ: އިޖުމާލީކޮށް ރަސޫލުންނަށް އީމާންވުމެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ ގާތަށް އެމީހުންގެ ތެރެއިން ރަސޫލުންތަކެއް ފޮނުއްވިކަމަށެވެ. އެއީ ހެޔޮ ޚަބަރުދެއްވާ، އަދި އިންޛާރުދެއްވާ، އަދި ޙައްޤަށް ގޮވާލައްވާ ބޭކަލުންތަކެއްގެ ގޮތުގައިއެވެ. ދެންފަހެ އެބޭކަލުންނަށް އިޖާބަދީފި މީހާ ބާއްޖަވެރިކަން ކާމިޔާބުކުރެއެވެ. އަދި އެބޭކަލުންނާ ޚިލާފުވެއްޖެ މީހާ؛ ނިކަމެތިކަމާއި ސަހަރޯވެރިކަމާއެކު އެނބުރި ދާހުއްޓެވެ. އަދި އެބޭކަލުންގެ އެންމެ ފަހު، ޚަތިމްކުރެއްވި، އަދި އެންމެ މާތް ބޭކަލަކީ: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ބްނު ޢަބްދި ﷲ ﷺ އެވެ. އެއީ ﷲ ސުބްޙާނަހޫ ވަޙީކުރެއްވި ފަދައިންނެވެ:

﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾

(ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِ...﴾

(އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޛާރުކުރައްވާ ރަސޫލުންތަކެކެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށް ފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށް ޓަކައެވެ...) [އައްނިސާއު: 165] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ...﴾

(ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ...) [އަލްއަޙްޒާބު: 40].

ދެވަނަ ކަމަކީ: ތަފްޞީލީ ގޮތެއްގައި ރަސޫލުންނަށް އީމާންވުމެވެ. އެއީ އެބޭކަލުންގެ ތެރެއިން ﷲ ތަޢާލާ ނަން ހާމަކުރެއްވި ބޭކަލުން، ނުވަތަ ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން އެބޭކަލެއްގެ ނަން ޘާބިތުވި ބޭކަލުންނަށް ތަފްޞީލީކޮށް މުޢައްޔަންކޮށް އީމާންވުމެވެ. މިސާލަކަށް: ނޫޙު، ހޫދު، ޞާލިޙު، އިބްރާހީމު އަދި އެހެން ބޭކަލުންނެވެ. ﷲ ތަޢާލާ އެބޭކަލުންނަށާއި އެބޭކަލުންގެ އާލުންނާއި އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

ފަސްވަނަ އަޞްލު: އާޚިރަތް ދުވަހަށް އީމާންވުން

އެ އަޞްލުގައި ހިމެނެނީ:

މަރުވުމަށް ފަހު ވާނޭކަމަށް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ޚަބަރުދެއްވާފައިވާ ކޮންމެ ކަމަކަށް އީމާންވުމެވެ. ކަށްވަޅުގެ ފިތުނައާއި، ކަށްވަޅުގެ ޢަޛާބާއި ނިޢުމަތާއި، އަދި ޤިޔާމަތްދުވަހު ވާނޭ ބިރުވެރި ނާމާން ކަންކަމާއި، ގަދަފަދަ ކަންކަމާއި، ޞިރާޠު މަގާއި، ތިލަފަތާއި، ޙިސާބު ބެއްލެވުމާއި، ޖަޒާ ދެއްވުމާއި، މީސްތަކުންގެ މެދުގައި ޢަމަލުގެ ފަތްފުށްތައް ނިއުޅާލެވި؛ ކަނާތުން އެމީހެއްގެ ފަތުގައި ހިފާ މީހާއާއި، ވާތުން ނުވަތަ ފުރަގަހުން އެމީހެއްގެ ފަތުގައި ހިފާނޭ މީހާ ވާނޭކަމާއި، މިފަދަ ކަންކަމަށް އީމާންވުމެވެ.

އަދިވެސް އޭގެ ތެރެއަށް ވަންނަ ކަންތަކުގެ ތެރޭގައި: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ލިބިވަޑައިގެންވާ އެތަނަކަށް (މުއުމިންތަކުން ފެންބުއިމަށް) އަންނާނޭ ޙައުޟު ފެންގަނޑަށް އީމާންވުމާއި، ސުވަރުގެއާއި ނަރަކައަށް އީމާންވުމާއި، އަދި މުއުމިންތަކުންނަށް އެމީހުންގެ ވެރި ރައްބު ސުބްޙާނަހޫ ވަތަޢާލާ ފެންނާނޭކަމާއި، އެކަލާނގެ އެމީހުންނާ ވާހަކަފުޅު ދައްކަވާނޭކަމާއި، އެނޫންވެސް ކީރިތި ޤުރްއާނުގައި، އަދި ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން ޞައްޙަކޮށްވާ ސުންނަތުގައި އައިސްފައިވާ ކަންކަމަށް އީމާންވުންވެއެވެ. ފަހެ އެ ހުރިހާ ކަމަކަށް އީމާންވެ، އަދި ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އެ ކަންކަން ބަޔާންކުރައްވާފައިވާ ގޮތަށް އެ ކަންކަން ތެދުކުރުން އަޅާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

ހަވަނަ އަޞްލު: ޤަދަރަށް އީމާންވުން

(ޤަޟާޤަދަރަށް) އީމާންވުމުގައި ހަތަރުކަމެއް ހިމެނެއެވެ:

ފުރަތަމަ ކަމަކީ: ކުރިން ވީ، އަދި ވާނޭ ހުރިހާ ކަމެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވިކަމާއި، އަދި އެކަލާނގެ އަޅުތަކުންގެ ޙާލަތާއި، އެމީހުންގެ ރިޒްޤުތަކާއި އަޖަލުތަކާއި ޢަމަލުތަކާއި އެނޫންވެސް އެމީހުންގެ ކަންކަން އެކަލާނގެ ދެނެވޮޑިގެންވިކަމަށް އީމާންވުމެވެ. ފަހެ އެއިން އެއްވެސް ކަމެއް އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާއަށް ވަންހަނާވެގެން ނުވެއެވެ. އެއީ އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ:

﴿...وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ﴾

(...އަދި ﷲ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ.) [އަލްބަޤަރާ: 231] އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ:

﴿...لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا﴾

(...ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހުކަމާއި، ހަމަކަށަވަރުން، اللَّه ގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.)

[އައްޠަލާޤު: 12].

ދެވަނަ ކަމަކީ: ﷲ މިންވަރު ކުރައްވާ ނިޔާ ކަނޑައެޅުއްވި ކޮންމެ ކަމެއް ލިޔުއްވާފައިވާކަމަށް އީމާންވުމެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ 4﴾

(ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ. އަދި ތިމަންއިލާހު ޙަޟްރަތުގައި (ހުރިހާ އެއްޗެއް) ރައްކާކުރެވިގެންވާ ފޮތެއްވެއެވެ.) [ޤާފު: 4] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿...وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ فِيٓ إِمَامٖ مُّبِينٖ﴾

(...އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންއިލާހު ހިމެނުއްވީމެވެ.) [ޔާސީން: 12] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ70﴾

(ހަމަކަށަވަރުން އުޑާއި، ބިމުގައި ވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެ ކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަކަމެކެވެ.) [އަލްޙައްޖު: 70]

ތިންވަނަ ކަމަކީ: ﷲ ތަޢާލާގެ ތަންފީޒުވެގެންވާ މަޝީއަތަށް އީމާންވުމެވެ. އެގޮތުން އެކަލާނގެ އެދިވޮޑިގެންނެވި ކަމެއް ވެއެވެ. އަދި އެކަލާނގެ އެދިވޮޑިނުގަންނަވާ ކަމެއް ނުވެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ގޮތަށެވެ:

﴿...إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ﴾

(...ހަމަކަށަވަރުން، اللَّه، އެކަލާނގެ އެދިވޮޑިގެންވާ ކަމެއް ކުރައްވަތެވެ.) [އަލްޙައްޖު: 18]. އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ:

﴿إِنَّمَآ أَمۡرُهُۥٓ إِذَآ أَرَادَ شَيۡـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ82﴾

(އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] ވަޙީކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.) [ޔާސީން: 82] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ29﴾

(އާލަމްތަކުގެ ވެރި ﷲ އިރާދަ ކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެއެވެ.) [އައްތަކްވީރު: 29]

ހަތަރުވަނަ ކަމަކީ: ވުޖޫދުވެގެންވާ ހުރިހާ އެއްޗެއް ﷲ ތަޢާލާ އުފެއްދެވިކަމަށް އީމާންވުމެވެ. ފަހެ އެކަލާނގެ ފިޔަވައި އުފައްދަވާ ޚާލިޤެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ރައްބެއް ނުވެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވި ގޮތަށެވެ:

﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ62﴾

(اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ.) [އައްޒުމަރު: 62] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿يَٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ3﴾

(އޭ މީސްތަކުންނޭވެ! اللَّه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ! اللَّه މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ (ޙައްޤުވެގެންވާ) އިލާހަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އީމާންކަމާއި ޙައްޤުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟) [ފާޠިރު: 3]

އެހެންކަމުން ޤަދަރަށް އީމާންވުމުގައި: މި ހަތަރު ކަންތަކަށް އެއްކޮށް އީމާންވުން ޝާމިލުވެއެވެ. އެއީ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގައިވާ ގޮތަށެވެ. ބިދުޢާގެ އަހުލުވެރިންގެ ތެރެއިން އޭގެ ބައެއް ކަންކަމަށް އިންކާރުކުރި މީހުންނާ ޚިލާފަށެވެ.

ސުންނަތުގެ އަހުލުވެރިން އިޢުތިޤާދުކުރާ ޞައްޙަ ޢަޤީދާގައިވާ މުހިއްމު ކަންތަކުގެ ތެރޭގައި: ﷲ އަށްޓަކައި ލޯބިވުމާއި، ﷲ އަށްޓަކައި ރުޅިއައުމާއި، ﷲ އަށްޓަކައި އެކުވެރިވެ ވާގިދިނުމާއި، ﷲ އަށްޓަކައި ދެކޮޅުވެރިވެ ޢަދާވާތްތެރިވުންވެއެވެ. މިއީ އަލްވަލާއު ވަލްބަރާއުގެ ޢަޤީދާއެވެ. އަދި އެއީ ﷲ ތަޢާލާާއަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ.

އެގޮތުން މުއުމިނުއަޅާ، އެހެން މުއުމިނުންދެކެ ލޯބިވެ އެމީހުންނާ އެއްބައިވެ އެހީތެރިވެއެވެ. އަދި ކާފަރުންދެކެ ރުޅިއަރާ، އެމީހުންނާ ދެކޮޅުވެރިވެ ޢަދާވާތްތެރިވެއެވެ. މުއުމިނުންގެ އެންމެ އިސްކޮށް މި އުއްމަތުގައިވަނީ ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންނެވެ. އެއީ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ގާތުގައި އެއްބަސްވެވިގެންވާ ގޮތަށެވެ. އެގޮތުން އެމީހުން އެބޭކަލުންދެކެ ލޯބިވެ އެބޭކަލުންނާ މުވާލާތުކުރެއެވެ. އަދި އެބޭކަލުންނީ ނަބިއްޔުންނަށް ފަހު އެންމެ ހެޔޮވެގެންވާ މީސްތަކުންކަމުގައި އިޢުތިޤާދުކުރެއެވެ. އެއީ ނަބިއްޔާ ﷺގެ ބަސްފުޅަށްޓަކައިއެވެ:

«خَيْرُ القُرُونِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُم».

"ޤަރުނުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނު މި ހުންެނެވި ޤަރުނެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ."14 އޭގެ ޞައްޙަކަމާމެދު އެއްބަސްވެވިގެންވާ ޙަދީޘެކެވެ. (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

އަދި އެބޭކަލުންގެ ތެރެއިން އެންމެ މާތްވެގެންވަނީ: އަބޫބަކުރު އައްޞީއްދީޤުކަމުގައި، ދެން އެއަށްފަހު ޢުމަރު އަލްފާރޫޤުކަމުގައި، ދެން ޢުޘްމާނު ޛުއް ނޫރައިނި ކަމުގައި، ދެން ޢަލީ އަލްމުރްތަޟާ ކަމުގައި އެމީހުން (އެބަހީ: ސުންނަތުގެ އަހުލުވެރިން) އިޢުތިޤާދުކުރެއެވެ. ﷲ އެ ހުރިހާ ބޭކަލުންނަށް ރުއްސަވާށިއެވެ. ދެން އެބޭކަލުންނަށް ފަހުގައި (ސުވަރުގޭގެ ހެޔޮ ޚަބަރުދެއްވިގެންވާ) ދިހަ ބޭކަލުންގެ ތެރެއިން ބާކީ ތިއްބެވި ބޭކަލުންކަމުގައި، ދެން އެއަށްފަހު ބާކީ ތިއްބެވި އެހެން ޞަޙާބީންނެވެ. ﷲ އެ ހުރިހާ ބޭކަލުންނަށް ރުއްސަވާށިއެވެ. އަދި އެބޭކަލުން -އެބަހީ: ޞަޙާބީން- ގެ މެދުގައި އުފެދުނު ދެބަސްވުމާމެދު އެމީހުން (ވާހަކަދައްކާ އުޅުމުން) ދުރުވެ ހިފަހައްޓައެވެ. އަދި އެބޭކަލުންނީ އެކަމުގައި އިޖުތިހާދުކުރެއްވި ބައެއް ކަމުގައި އިޢުތިޤާދުކުރެއެވެ. ހެޔޮ ރަނގަޅު ގޮތާ ދިމާވި ބޭކަލަކަށް ދެ އަޖުރު ހުއްޓެވެ. އަދި ކުށްކުރެވުނު ބޭކަލަކަށް ފަހެ އެއް އަޖުރު ހުއްޓެވެ.

އަދި އެމީހުން ﷲ ގެ ރަސޫލާ ﷺގެ އަހުލުބައިތުންގެ ތެރެއިން އެކަލޭގެފާނަށް އީމާންވި މީހުންދެކެ ލޯބިވެ، އެމީހުންނާ މުވާލާތުކޮށް ވާގިދެއެވެ. އަދި ﷲ ގެ ރަސޫލާ ﷺގެ އަނބިއަނބިކަނބަލުންކަމުގައިވާ، މުއުމިންތަކުންގެ މަންމައިންނާވެސް މުވާލާތުކުރެއެވެ. އަދި އެހުރިހާ ކަނބަލުންނަށް ރުއްސުން ލެއްވުމަށް އެދި އެމީހުން ދުޢާކުރެއެވެ. އަދި ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންދެކެ ރުޅިއައިސް، އެބޭކަލުންނަށް ބަދުބަސްބުނެ، އަހުލުބައިތުންނާމެދު ޙައްދުފަހަނައަޅާ ގޮސް، ﷲ ޢައްޒަ ވަޖައްލަ އެބޭކަލުން ލެއްވި މަޤާމަށްވުރެ މަތިކޮށްގެން އުފުލާއުޅޭ ރާފިޟީންގެ މަގުން ސުންނަތުގެ އަހުލުވެރިން ބަރީއަވެއެވެ. ހަމަ އެފަދައިން، އަހުލު ބައިތުންނަށް ބަހުން ނުވަތަ ޢަމަލުން އުނދަގޫކޮށް ތުރާކުރާ ނާޞިބީންގެ މަގުންވެސް އެމީހުން ބަރީއަވެއެވެ.

ފަހެ އަހަރުމެން މި ގެނައި ކަންތައް: މި ހުރިހާ ކަމަކީވެސް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެއާގެން ފޮނުއްވި ޞައްޙަ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އެއީ އިޢުތިޤާދުކޮށް ޤަބޫލުކޮށް، އަދި އޭގައި ހިފަހައްޓާ، އަދި އޭގެ މަތީގައި ސީދާވެ ޘާބިތުވެ ހުރެ، އަދި އެއާ ޚިލާފުވާ ކަންކަމާމެދު ހުށިޔާރުވެ ދުރުވުން ވާޖިބުވެގެންވާ ޢަޤީދާއެވެ. އަދި އެއީ ނަޖާވާނޭ ފިރުޤާކަމުގައިވާ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެއީ އެމީހުންނާމެދު ނަބިއްޔާ ﷺ މިހެން ޙަދީޘްކުރެއްވި ޖަމާޢަތެވެ:

«لَا تَـزَالُ طَائِفَةٌ مِنْ أُمَّتِي ‌ظَاهِرِينَ ‌عَلَى ‌الحَقِّ، لَا يَضُرُّهُمْ مَنْ خَذَلَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ كَذَلِكَ».

"ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ޖަމާޢަތެއް ޙައްޤުގެ މަތީގައި ފާޅުވެ ގަދަވެގެން ތިބުން ފިލައި ނުދެއެވެ. އެމީހުން ނިކަމެތިކޮށްލާ ބައެއްގެ ސަބަބުން އެމީހުންނަށް ގެއްލުމެއް ނުވެއެވެ. އެމީހުން އެގޮތުގައި ތިއްބާ ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެނެވެ."15 އެހެން ރިވާޔަތެއްގައިވެއެވެ:

«لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الحَقِّ مَنْصُورَةٌ».

"ތިމަންކަލޭގެފާނުގެ އުއްމަތުން ޖަމާޢަތެއް ޙައްޤުގެ މަތީގައި ނަޞްރު ލިބިގެންވާ ޙާލުވުން ފިލައިނުގޮސް ދެމިގެންވެއެވެ."16 އަދިވެސް އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

«افْتَرَقَتِ اليَهُودُ عَلَى إِحْدَى وَسَبْعِينَ فِرْقَةً، وَافْتَرَقَتِ النَّصَارَى عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً، وَسَتَفْتَرِقُ هَذِهِ الأُمَّةُ عَلَى ثَلَاثِ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلَّا وَاحِدَةً فَقَالَ الصَّحَابَةُ: مَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ وَأَصْحَابِي»

"ޔަހޫދީން ހަތްދިހަ އެއް ފިރުޤާއަށް ބައިބައިވެގެންދިޔައެވެ. އަދި ނަޞާރާއިން ހަތްދިހަ ދެ ފިރުޤާއަށް ބައިބައިވެގެންދިޔައެވެ. އަދި މި އުއްމަތް ހަތްދިހަ ތިން ފިރުޤާއަށް ބައިބައިވެގެންދާނެއެވެ. އެންމެ ބައިގަނޑެއް ފިޔަވައި އެ ހުރިހާ ބައިގަނޑުތައްވެސްވަނީ ނަރަކާގައިއެވެ." ދެން ޞަޙާބީން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮން ޖަމާޢަތެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން އެކަންތަކެއްގެ މަތީގައި މި ތިއްބެވި ކަންތަކުގެ މަތީގައި ތިބި މީހުންނެވެ."17

ޞައްޙަ ޢަޤީދާއާ އިދިކޮޅުވާ ޢަޤީދާތައް

މި ޢަޤީދާއިން ކަސިޔާރުވެ، އެއާ އިދިކޮޅަށްދާ މީހުންވަނީ އެތައް ބާވަތްތަކަކަށެވެ. އޭގެ ތެރޭގައި: ބުދުތަކާއި، ވަޘަނުތަކާއި، މަލާއިކަތުންނާއި، ވަލީވެރިންނާއި، ޖިންނީންނާއި، ގަސްގަހާގެއްސާއި، ހިލަހިލަޔާއި އެހެން ތަކެއްޗަށް އަޅުކަންކުރާ މީހުންވެއެވެ. ފަހެ މި މީހުން ރަސޫލުންގެ ދަޢުވަތަށް އިޖާބައެއް ނުދިނެވެ. ކިއެއްތަ، އެބޭކަލުންނާ ޚިލާފުވެ ދެކޮޅުވެރިވީއެވެ. އެއީ ޤުރައިޝުންނާއި، ޢަރަބިންގެ އެހެން ފަންތިތައް އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އާމެދު ކަންތައް ކުރި ގޮތަށެވެ. އެގޮތުން އެމީހުން އަޅުކަންކުރަމުންދިޔަ ތަކެތީގެ ފުށުން، ޙާޖަތްތައް ފުއްދާދިނުމަށާއި، ބަލިމީހުންނަށް ޝިފާ ދިނުމަށާއި، ޢަދުއްވުންގެ މައްޗަށް ނަޞްރުދިނުމަށް އެދި ދުޢާކޮށް، އަދި އެ ފަރާތްތަކަށް ޤުރުބާންކޮށް ކަތިލާ، އަދި ނަދުރު ބުނެއެވެ. ދެން ރަސޫލާ ﷺ އެމީހުންނަށް އެކަންކަމަށް އިންކާރުކުރައްވާ، ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރަން އަމުރުކުރެއްވިހިނދު؛ އެމީހުން އެކަމާމެދު ހައިރާންވެ ބީރައްޓެހިކޮށް ދެކި، އެކަލޭގެފާނަށް އިންކާރުކުރިއެވެ. އަދި އެމީހުން ބުންޏެވެ:

﴿أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ5﴾

(އޭނާ ހުރިހާ އިލާހުން އެއް އިލާހަކަށް ހެދީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު އަޖާއިބު ވާފަދަ ކަމެއްކަން ކަށަވަރެވެ.) [ޞާދު: 5]

ދެންފަހެ އެކަލޭގެފާނު އެމީހުންނަށް ދަޢުވަތުދެއްވާ، އަދި ޝިރުކާމެދު އެމީހުންނަށް އިންޛާރުދެއްވާ، އެމީހުން އެ ތަކެއްޗަށް ދުޢާކޮށް ގޮވާއުޅޭ ތަކެތީގެ ޙަޤީޤަތް ޝަރަޙަކޮށްދެއްވަމުން ގެންދެވިއެވެ. އެއީ އެމީހުންގެ ތެރެއިން ﷲ ތެދުމަގު ދެއްކެވި ބަޔަކަށް ތެދުމަގު ފެންނަންދެނެވެ. ދެން އެއަށްފަހު އެމީހުން ﷲ ގެ ދީނަށް ފައުޖު ފައުޖަށް ވަނެވެ. އަދި ﷲ ގެ ދީން އެހެން ހުރިހާ ދީންތަކެއްގެ މައްޗަށް ފާޅުވެ ގަދަވެގެންދިޔައެވެ. އެއީ ﷲ ގެ ރަސޫލާ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އާއި، އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުން މެދުކެނޑުމެއްނެތި ދެއްވި ދަޢުވަތާއި، އަދި ދިގު މުއްދަތަކަށް ކުރެއްވި ޖިހާދަށް ފަހުގައިއެވެ. ދެން އެއަށްފަހު ޙާލަތްތައް ބަދަލުވެ، ގިނަ މީހުންގެ މައްޗަށް ޖާހިލުކަން ގަދަވެގެންދިޔައެވެ. ދެން ގިނަމީހުން އަނެއްކާ ޖާހިލިއްޔަތުގެ ދީނަށް އަނބުރާ ދިޔައެވެ. އެއީ ނަބިއްޔުންނާއި ވަލީވެރިންނާމެދު ޙައްދުފަހަނައަޅާ ގޮސް، އެމީހުންނަށް ދުޢާކޮށް ވާތްގަށް އެދި، އަދި އެނޫންވެސް އެކި ވައްތަރުތަކުގެ ޝިރުކު ކޮށްގެންނެވެ. އަދި لا إله إلا الله ގެ މާނައާމެދު ޢަރަބި ކާފަރުންނަށް އެނގުނުވަރަށްވެސް އެމީހުންނަށް އެ ކަލިމައިގެ މާނަ ނޭނގެއެވެ. އެހީތެރިކަމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.

ޖާހިލުކަން ގަދަވެ، ނަބީކަމުގެ ޒަމާނާއި ޒަމާން ދުރުވެގެންވުމުގެ ސަބަބުން؛ އަހަރުމެންގެ މި ޒަމާނާ ހަމައަށްވެސް މި ޝިރުކު މީސްތަކުންގެ ތެރޭގައި ފެތުރެމުން ދިޔުން ފިލައިނުދެއެވެ.

ފަހުން އައި މިވެރިންގެ ޝުބުހައަކީ ހަމަ އިހު އުޅުނު މީހުންގެ ވެސް ޝުބުހައެވެ. އެއީ އެމީހުންގެ މިބަހެވެ:

﴿...هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...﴾

(...މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި އަހަރުމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ...) [ޔޫނުސް: 18] އަދި އެމީހުންގެ މި ބުނުމެވެ:

﴿...مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...﴾

(ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ...) [އައްޒުމަރު: 3] ﷲ ވަނީ މި ޝުބުހަ ބާޠިލުކުރައްވާ، އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރި މީހާ؛ އެއީ ކޮންމެފަދަ މީހަކަށްވިޔަސް އޭނާ އެވަނީ ޝިރުކުކޮށް ކާފަރުވެފައިކަން ބަޔާންކުރައްވާފައިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...﴾

(އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ...) [ޔޫނުސް: 18] ދެން ﷲ ސުބްޙާނަހޫ އެކަލާނގެ މި ބަސްފުޅުން އެމީހުންނަށް ރައްދުދެއްވިއެވެ:

﴿قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ18﴾

(ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރުދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [ޔޫނުސް: 18]

ފަހެ ﷲ ތަޢާލާ މި އާޔަތުގައި ބަޔާންކުރެއްވީ: އެކަލާނގެ ފިޔަވައި ނަބިއްޔުންނާއި ވަލީވެރިންނަށް، ނުވަތަ އެނޫން ފަރާތްތަކަށް އަޅުކަންކުރުމަކީ ބޮޑު ޝިރުކެއް ކަމަށެވެ. އެއީ އެކަން ކުރާ މީހުން އެހެން ނަމެއް އެޔަށް ދިނަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿...وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...﴾

(އެކަލާނގެ ފިޔަވައި ވާގިދޭ ވަލީވެރިންތަކެއް ނެގި މީހުން (ބުނެއެވެ.) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ...) [އައްޒުމަރު: 3] ދެން ﷲ ތަޢާލާ އެކަލާނގެ މި ބަސްފުޅުން އެމީހުންނަށް ރައްދުދެއްވިއެވެ:

﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ﴾

(...ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާމެދު ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 3]

ފަހެ އެކަލާނގެ އެ ބަސްފުޅުން ބަޔާންކުރެއްވީ: އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް އެމީހުން ދުޢާކޮށް، ބިރުވެތިވެ، އެދި އުއްމީދުކޮށް އަދި އެފަދަ ކަންކަން ކޮށްގެން އަޅުކަންކުރުމީ އެކަލާނގެ ސުބްޙާނަހޫއަށް ކާފަރުވުން ކަމުގައިއެވެ. އަދި އެމީހުންގެ ބުނުންކަމުގައިވާ: އެމީހުންގެ އިލާހުން އެކަލާނގެއާ އެ ވެރިން ކުއްތަންކޮށްދޭކަމަށް ބުނިބަސް އެކަލާނގެ ދޮގުކުރެއްވިއެވެ.

ރަސޫލުން عليهم الصلاة والسلام އެ ޢަޤީދާއާގެން ވަޑައިގެންނެވި ޞައްޙަ ޢަޤީދާއާ އިދިކީލަވެ ޚިލާފުވާ ކުފުރުގެ ޢަޤީދާތަކުގެ ތެރޭގައި: މި ޒަމާނުގައި އުޅޭ މުލްޙިދުންކަމުގައިވާ: މާރކަސް އާއި ލެނީން އާއި އެނޫންވެސް އިލްޙާދާއި ކުފުރަށް ގޮވާލާ މީހުންނަށް ތަބަޢަވާ މީހުން އިޢުތިޤާދުކުރާ ކަންކަންވެއެވެ. އެއީ އެޔަށް އެމީހުން އިޝްތިރާކިއްޔާ (ސޯޝަލިޒަމް) އޭ، ނުވަތަ ޝުޔޫޢިއްޔާ (ކޮމިޔުނިޒަމް)އޭ، ނުވަތަ ބަޢުޘިއްޔާ (ބާތިޒަމް) އޭ ނުވަތަ އެނޫން ނަންތަކެއް ކިޔަސްމެއެވެ. ފަހެ މި މުލްޙިދުންގެ އަޞްލުތަކުގެ ތެރޭގައި: އެއްވެސް އިލާހަކު ނުވާކަމަށާއި، ދިރިއުޅުމުގެ ޙަޔާތަކީ ހުސް މާއްދިއްޔަތު ކަމުގައި ޤަބޫލުކުރުންވެއެވެ.

އެމީހުންގެ އަޞްލުތަކުގެ ތެރޭގައި: އާޚިރަތަށް އިންކާރުކުރުމާއި، ސުވަރުގެއާއި ނަރަކައަށް އިންކާރުކުރުމާއި، ހުރިހާ ދީންތަކަށް ކާފަރުވުންވެއެވެ. އެމީހުންގެ ފޮތްތަކަށް ބަލައި، އެމީހުން ތިބި ގޮތް ދިރާސާކޮށްފި މީހަކަށް އެކަން ޔަޤީނުންވެސް އެނގޭހުއްޓެވެ. ޝައްކެއްވެސް ނެތްގޮތުގައި މި ޢަޤީދާއަކީ ސަމާވީ ހުރިހާ ދީންތަކާ އިދިކޮޅުވާ، އަދި އެ ޢަޤީދާގެ އަހުލުވެރިން ދުނިޔެއާއި އާޚިރަތުގައި އެންމެ ނުބައި ނަތީޖާއަށް ގެންދާ ޢަޤީދާއެކެވެ.

އަދިވެސް ޙައްޤާ އިދިކޮޅުވާ އެފަދަ ޢަޤީދާތަކުގެ ތެރޭގައި: ބައެއް ޞޫފީން އިޢުތިޤާދުކުރާ ގޮތެއްކަމުގައިވާ: އެމީހުން ވަލީވެރިންކަމުގައި ނަންދޭ ބައެއް މީހުން، (ކައުނުގެ ކަންކަން ހިންގަވާ) ތަދުބީރުކުރެއްވުމުގައި ﷲ އާ ބައިވެރިވާކަމަށް، އަދި ދުނިޔޭގެ ކަންކަމަށް އެމީހުން ބާރުފޯރުވާކަމަށް ދެކޭ ދެކުންވެއެވެ. އަދި އެ ފަރާތްތަކަށް ޤުޠުބުންކަމުގައި، ވަތަދުންކަމުގައި، ޣައުޘުންކަމުގައި، އަދި އެނޫންވެސް އެމީހުންގެ އިލާހުންތަކަށް އުފައްދާފައިވާ އެފަދަ ނަންތައް ދެއެވެ. މިއީ ރުބޫބިއްޔަތުގައި ޝިރުކު ކުރުމެވެ. އަދި އެއީ ﷲ ތަޢާލާއާ ޝިރުކު ކުރުމުގެ އެންމެ ނުބައި ހުތުރު ވައްތަރުތަކުންވާ ކަމެކެވެ.

ކުރިން އުޅުނު ޖާހިލިއްޔަތުގެ އަހުލުވެރިން ކުރި ޝިރުކާމެދު ވިސްނާ ފިކުރުކޮށް، އަދި ފަހުގެ މީހުންގެ ތެރޭގައި ފެތުރިގެންވާ ޝިރުކާ އެއާ އަޅާކިޔައިފި މީހާއަށް ފެނިގެންދާނީ؛ ފަހުން އައި މީހުންގެ ޝިރުކު މާ ބޮޑުވެ ނުބައިވެގެންވާ ތަނެވެ. އެކަން ބަޔާންވަނީ އަންނަނިވި ގޮތަށެވެ: ޖާހިލިއްޔަތުގައި އުޅުނު ޢަރަބި ކާފަރުން ދެ ކަމަކުން ފާހަގަވިއެވެ: ފުރަތަމަ ކަމަކީ: އެމީހުން ރުބޫބިއްޔަތުގައި ޝިރުކުކޮށް ނޫޅެއެވެ. އެމީހުން ކުރި ޝިރުކުވީ އަޅުކަމުގައިއެވެ. އެގޮތުން އެމީހުން ﷲ ޢައްޒަ ވަޖައްލަގެ ރައްބުވަންތަކަމަށް އެކަލާނގެ އެއްކައުވަންތަކޮށް އިޢުތިރާފުވެގެންވިއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:

﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ...﴾

(އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ...) [އައްޒުޚްރުފު: 87] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ31﴾

(ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަޤުވާވެރި ނުވާނަންހެއްޔެވެ؟) [ޔޫނުސް: 31] މި މާނައިގައިވާ އާޔަތްތައް ވަރަށްވެސް ގިނަވެގެންވެއެވެ.

ދެވަނަ ކަމަކީ: އެމީހުން އަޅުކަމުގައި ކުރި ޝިރުކު އެއީ އަބަދު ކުރާ ކަމެއްކަމުގައި ނުވެއެވެ. އެކަމަކު އެކަން ކުރަނީ ފާގަތިކަމުގެ ޙާލަތުގައިއެވެ. ދެންފަހެ ދަތި އުނދަގޫ ޙާލަތުގައި، އެމީހުން ﷲ އަށް އަޅުކަން ޚާލިޞްކުރެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ:

﴿فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ65﴾

(ފަހެ އެ މީހުން ނަވަށް އަރާ ދުއްވާހިނދު، ދީން ޚާލިސްކޮށްގެން ﷲ އަށް ދުޢާ ކުރެއެވެ. ދެން އެ އިލާހު އެ މީހުން ސަލާމަތް ކުރައްވާ އެއްގަމަށް ގެންނެވުމުން، އެހާރުން އެ މީހުން (އަނެއްކާވެސް އެ އިލާހާ) ޝިރްކު ކުރެއެވެ.) [އަލްޢަންކަބޫތު: 65]

އަނެއްކޮޅުން ފަހުގެ މުޝްރިކުންނަށް ބަލާއިރު، އެމީހުން އިހުގެ މުޝްރިކުންގެ މައްޗަށް ދެ ގޮތަކުން އިތުރުކުރިއެވެ. ފުރަތަމަ ގޮތަކީ: އޭގެ ތެރެއިން ބައެއް މީހުން ރުބޫބިއްޔަތުގައިވެސް ޝިރުކު ކުރިއެވެ. ދެވަނަ ގޮތަކީ: ފާގަތި ތަނަވަސް ޙާލަތާއި ދަތި އުނދަގޫ ޙާލަތުގައިވެސް އެމީހުން ޝިރުކު ކުރިއެވެ. އެއީ އެމީހުންނާ އެކުވެ އުޅެ، އެމީހުންގެ ޙާލަތު ބަލައި، އަދި މިޞްރުގައި އަލްޙުސައިނު އާއި އަލްބަދަވީ އާއި އެނޫން މީހުންގެ ޤަބުރުގެ ކައިރީގައި، އަދި ޢަދްނުގައި އަލްޢައިދަރޫސްގެ ޤަބުރުގެ ކައިރީގައި، އަދި ޔަމަނުގައި އަލްހާދީގެ ޤަބުރުގެ ކައިރީގައި، އަދި ޝާމްކަރާގައި އިބްނު ޢަރަބީގެ ޤަބުރުގެ ކައިރީގައި، އަދި ޢިރާޤުގައި ޝެއިޚު ޢަބްދުލް ޤާދިރު އަލްޖީލާނީގެ ޤަބުރާއި، އަދި އެނޫންވެސް ޢާއްމުންގެ ތެރޭގައި މަޝްހޫރުވެގެން އެތަންތަނާމެދު ޙައްދުފަހަނައަޅާ ގޮސްފައިވާ ޤަބުރުތަކުގެ ކައިރީގައި ހިނގާ ކަންކަން ބަލައިފި މީހަކަށް އެނގޭނެ ފަދައިންނެވެ. ﷲ ޢައްޒަ ވަޖައްލަގެ ގިނަ ޙައްޤުތަކެއް އެމީހުން ވަނީ އެ ފަރާތްތަކަށް އަނބުރާލާފައިއެވެ. އަދި އެމީހުންނަށް އެކަންކަމަށް އިންކާރުކޮށް، އަދި ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺ، އަދި އެކަލޭގެފާނުގެ ކުރިންވީ ރަސޫލުން عليهم الصلاة والسلام އެކަމަކާގެން ފޮނުއްވުނު ތައުޙީދުގެ ޙަޤީޤަތް އެމީހުންނަށް ބަޔާންކޮށްދޭނެ މީހުން މަދުވެގެންވެއެވެ. ފަހެ إنا لله وإنا إليه راجعون އެވެ.

އަލްއަސްމާއު ވައްޞިފާތު (ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގެ) ބާބުގައި ޞައްޙަ ޢަޤީދާއާ އިދިކޮޅުވެގެންވާ ޢަޤީދާތަކުގެ ތެރޭގައި: ބިދުޢާގެ އަހުލުވެރިންގެ ތެރެއިންވާ ޖަހްމީންނާއި، މުޢުތަޒިލީންނާއި، އަދި ﷲ ޢައްޒަ ވަޖައްލަގެ ޞިފަފުޅުތައް ނަފީކުރުމުގައި، އަދި ﷲ ސުބްހާނަހޫ ވަތަޢާލާއަށް ނިސްބަތްވެގެންވާ ފުރިހަމަކަމުގެ ޞިފަފުޅުތައް ނަގައިލާ، އަދި އުފެދުމުގައިނުވާ، ދިރުންނެތް، މުސްތަޙީލުތަކެތީގެ ޞިފަތަކުން އެކަލާނގެ ޢައްޒަ ވަޖައްލަ ޞިފަކުރުމުގައި އެވެރިންގެ މަގުގައި ހިފައިގެންދިޔަ މީހުންގެ (މިސާލަކަށް އަޝްޢަރީންނާއި މާތުރީދީންގެ) ޢަޤީދާތައްވެއެވެ. އެމީހުން ބުނެއުޅޭ ބަސްތަކުން ﷲ ތަޢާލާ ބޮޑުވެގެންވާ މަތިވުމަކުން މަތިވެރިވެވޮޑިގެންވެއެވެ.

އަދިވެސް އޭގެ ތެރެއަށް ވަންނަ ޢަޤީދާތަކުގެ ތެރޭގައި: ބައެއް ޞިފަފުޅުތައް ނަފީކޮށްފައި އަނެއްބައި ޞިފަފުޅުތައް ޘާބިތުކުރުމުގެ ޢަޤީދާވެއެވެ. އެއީ އަޝްޢަރީންގެ ޢަޤީދާ ވާގޮތަށެވެ. މިވެރިން އެކަލާނގެއަށް ޘާބިތުކުރި ޞިފަފުޅުތަކުގައި، ހަމަ މިވެރިން ނަފީކުރި ޞިފަފުޅުތައް ނަފީކޮށް، އެ ޞިފަފުޅުތަކުގެ ދަލީލުތައް ތައުވީލުކޮށް މާނަ ބަދަލުކޮށްލުމަށްޓަކައި ފިލައި ރައްކާވި ކަންތައް ހަމަ ލާޒިމްވެއެވެ. ދެން އޭގެ ސަބަބުން ސަމްޢީ (ޤުރްއާނާއި ސުންނަތުގެ) ދަލީލުތަކާއި، ބުއްދީގެ ދަލީލުތަކާވެސް އެމީހުން ޚިލާފުވިއެވެ. އަދި ސާފުވެ ބަޔާންވެގެންވާ ފުށުއެރުމަކުން އެމީހުން އެކަމުގައި ދެކޮޅުނުޖެހި ފުށުއެރިއެވެ.

އަނެއްކޮޅުން އަހުލުއް ސުންނާ ވަލްޖަމާޢަތަށް ބަލާއިރު، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ނަފްސުފުޅަށް ޘާބިތުކުރެއްވި، ނުވަތަ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެކަލާނގެއަށް ޘާބިތުކުރެއްވި ނަންފުޅުތަކާއި ޞިފަފުޅުތައް އެންމެ ފުރިހަމަ ގޮތަށް އެމީހުން ޘާބިތުކުރިއެވެ. އަދި އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުވުމުން އެމީހުން އެކަލާނގެ ހުސްދުރުކުރިއެވެ. އެއީ ތަޢުޠީލުކޮށް (ޞިފަފުޅުތަކަށް އިންކާރުކޮށް ނަގައިލުމުގެ) ނުބައިކަމުން ބަރީއަވެގެންވާ ހުސްދުރުކުރުމަކުންނެވެ. އެގޮތުން އެމީހުން ހުރިހާ ދަލީލުތަކަށް ޢަމަލުކުރިއެވެ. އަދި ތަޙުރީފުކޮށް މާނަ ބަދަލެއް ނުކުރެއެވެ. އަދި އިންކާރުކޮށް ނަގައިނުލައެވެ. އަދި އެނޫން މީހުން ވެއްޓުނު ދެކޮޅުނުޖެހުމުން އެމީހުން ސަލާމަތްވިއެވެ. އެއީ އެކަން އިސްވެ ބަޔާންވި ގޮތަށެވެ.

ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިބޭނެ، ނަޖާވުމުގެ މަގަކީ މިއެވެ. އަދި މި އުއްމަތުގެ ސަލަފުންނާއި އިމާމުވެރި ބޭކަލުން ހިންގެވި ސީދާވެގެންވާ ތެދުމަގަކީވެސް މިއެވެ. އަދި މި އުއްމަތުގެ ކުރީކޮޅުގެ މީހުން އެކަމަކުން އިޞްލާޙުވެ ރަނގަޅުވެގެންދިޔަ ކަމަކުން ނޫނީ އުއްމަތުގެ ފަހުކޮޅުވެސް ރަނގަޅުވެ އިޞްލާޙުނުވާނެއެވެ. އެއީ ޤުރްއާނާއި ސުންނަތަށް ތަބަޢަވެ، އެއާ ޚިލާފުވި އެއްޗެއް ދޫކޮށްލުމެވެ. އަހަރުމެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދި ދަންނަވަނީ: މި އުއްމަތް ހެޔޮވިސްނުމަށް އަނބުރާ ރައްދުކުރައްވާ، އަދި ތެދުމަގަށް ގޮވާލާ ދަޢުވަތުދޭ މީހުން އުއްމަތުގައި ގިނަކޮށްދެއްވުމަށެވެ. އަދި އުއްމަތުގެ ލީޑަރުންނާއި، ޢިލްމުވެރިންނަށް ޝިރުކާ ދެކޮޅަށް ހަނގުރާމަކޮށް، ޝިރުކު ނައްތާލާ، އަދި އެއަށް މަގުފަހިކުރާ ވަސީލަތްތަކާމެދު އިންޛާރުދީ ހުށިޔާރުވުމަށް ތައުފީޤުދެއްވުމަށެވެ... ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ ގާތުގައިވޮޑިގެންވާ އިލާހެވެ. ތައުފީޤުދެއްވަނީ ﷲ އެވެ. އަދި އެކަލާނގެ އަހަރުމެންނަށް ފުދެއެވެ. ވަކީލުކުރެވޭ ފަރާތެއްކަމުގައި އެކަލާނގެ ހެޔޮކަމާއެވެ. އަދި އެއްވެސް އާރަކާއި ބާރެއް އެކަލާނގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

وصلى الله وسلم على عبده ورسوله نبينا محمد، وعلى آله وصحبه.

 

 

***

 

dv397v4.0 - 17/08/2026


މި ޙަދީޘް ނެރުއްވީ އަލްބުޚާރީ، ނަންބަރު 2856 ގައި، އަދި މުސްލިމް، ނަންބަރު 30 ގައިއެވެ.

މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 735 ގައިއެވެ. އަދި އިބްނު ޢަބްދުލް ބައްރު، ޖާމިޢުލް ޢިލްމި ވަފަޟްލިހީގެ ނަންބަރު 1801 ގައިއެވެ. އެކަމަކު އެއީ "ޞިފަފުޅުގެ އާޔަތްތަކުގެ" ލަފްޒުގެ ބަދަލުގައި، "ޞިފަފުޅުގެ ޙަދީޘްތަކޭ" ވާ ގޮތަށެވެ. އަދި އެ ލަފްަޒުގައިވަނީ: "މި ޙަދީޘްތައް އައިސްފައިވާ ގޮތަށް ތިޔަބައިމީހުން ރިވާކުރާށެވެ. އަދި އެކަމާމެދު މުނާޡަރާކޮށް ބަޙުޘްނުކުރާހުށިކަމެވެ."

މި ރިވާޔަތް ނެރުއްވީ އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގެ، ނަންބަރު 865 ގައިއެވެ. އަދި އިބްނު ތައިމިއްޔާ، އަލްޙަމަވިއްޔާގެ ޞ: 269 ގައި އެ ރިވާޔަތުގެ ސަނަދު ޞައްޙަކުރެއްވިއެވެ. އަދި އައްޛަހަބީ، އަލްޢަރްޝުގައި (2/ 223) ގައި އެއާމެދު ވިދާޅުވިއެވެ: އެ އަޘަރު ރިވާކުރި ބޭފުޅުންނަކީ އިތުބާރުހުރި އިމާމުންނެވެ.

މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 930 ގައިއެވެ. އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 955 ގައިއެވެ.

މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 665 ގައިއެވެ. އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 868 ގައިއެވެ.

މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 664 ގައި، އަދި އަބޫ ނުޢައިމު، ޙިލްޔަތުލް އައުލިޔާއު (6 / 325) ގައި، އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 867 ގައިއެވެ.

މި ރިވާޔަތް ނެރުއްވީ، އަލްމުޒައްކީ، އަލްމުޒައްކިޔާތުގައި، ނަންބަރު 29 ގައި، އަދި އިބްނު ބައްޠާ، އަލްއިބާނާ ނަންބަރު 120 ގައި، އަދި އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 663 ގައިއެވެ.

މި ރިވާޔަތް ނެރުއްވީ، އައްދާރިމީ، އައްރައްދު ޢަލާ އައްޖަހްމިއްޔާގައި، ނަންބަރު 67 ގައިއެވެ. އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 903 ގައިއެވެ.

މި ބަސްފުޅު ނެރުއްވީ އައްޛަހަބީ، އަލްޢުލުއްވު ފޮތުގައި، ނަންބަރު 464 ގައިއެވެ. އަދި މުޚްތަޞަރު އަލްޢުލުއްވުގެ (ޞ: 184) ގައި އަލްއަލްބާނީ ވިދާޅުވިއެވެ: މިއީ ޞައްޙަ ސަނަދެކެވެ. އެ ސަނަދުގެ ރާވީންނަކީ އެނގިގެންވާ އިތުބާރުހުރި ބޭކަލުންނެވެ.

ތަފްސީރު އިބްނު ކަޘީރު: (3 / 426-427)

މި ޙަދީޘް ނެރުއްވީ އަލްބުޚާރީ، ނަންބަރު 22ގައި، އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه ގެ ޙަދީޘުންނެވެ.

މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު 2996 ގައި، ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.

މި ޙަދީޘް ނެރުއްވީ އަލްބުޚާރީ، ނަންބަރު 3651 ގައި، އަދި މުސްލިމް، ނަންބަރު 2533 ގައިއެވެ. އެއީ ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘުންނެވެ.

މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު 1920 ގައި، ޘައުބާނު رضي الله عنه ގެ ޙަދީޘުންނެވެ.

މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަންބަރު 3952 ގައި، ޘައުބާނު رضي الله عنه ގެ ޙަދީޘުންނެވެ. އަދި އިބްނު ޙިއްބާނު، ނަންބަރު 6714 ގައި، އަދި އަލްޙާކިމު، ނަންބަރު 8653 ގައި މި ޙަދީޘް ޞައްޙަކުރެއްވިއެވެ.

މި ޙަދީޘް ނެރުއްވީ އައްތިރްމިޛީ، ނަންބަރު 2641 ގައި، ޢަބްދު ﷲ ބްނު ޢަމްރު رضي الله عنه ގެ ޙަދީޘުންނެވެ. އަދި އަލްމުނާވީ، ފައިޟުލް ޤަދީރުގެ (5 / 347) ގައި ވިދާޅުވިއެވެ: "މި ސަނަދުގައި ޢަބްދުއް ރަޙްމާނު ބްނު ޒިޔާދު އަލްއިފްރީޤީވެއެވެ. އައްޛަހަބީ ވިދާޅުވިއެވެ: އެބޭކަލުން އޭނާ ބަލިކަށިކުރެއްވިއެވެ." އަދި އަލްއަލްބާނީ ވަނީ ޞަޙީޙުލް ޖާމިޢުގެ، ނަންބަރު 5343 ގައި މި ޙަދީޘް ޞައްޙަކުރައްވާފައިއެވެ.

މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު 8 ގައިއެވެ.