رِسَالَةٌ فِي الدِّمَاءِ الطَّبِيعِيَّةِ لِلنِّسَاءِ
އަންހެނުންގެ ޠަބީޢީ ލެއާ ބެހޭ ރިސާލާއެއް
بِقَلَمِ فَضِيلَةِ الشَّيْخِ العَلَّامَةِ
مُحَمَّدِ بْنِ صَالِحٍ العُثَيْمِينِ
غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِلمُسْلِمِينَ
ލިޔުއްވީ: ފަޟީލަތުއް-ޝައިޚު އަލް-ޢައްލާމާ
މުޙައްމަދު ބްނު ޞާލިޙު އަލް-ޢުޘައިމީން
އެބޭފުޅާއާއި، އެބޭފުޅާގެ މައިންބަފައިންނާއި، އަދި މުސްލިމުންނަށް الله ފާފަ ފުއްސަވާށިއެވެ.
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
އަންހެނުންގެ ޠަބީޢީ ލެއާ ބެހޭ ރިސާލާއެއް
ﷲ، އައް-ރަޙްމާން، އައް-ރަޙީމުގެ ނަންފުޅުން (ފަށަމެވެ.)
ﷲ އަށް ޙަމްދު ހުއްޓެވެ. އަޅަމެން އެއިލާހުއަށް ޙަމްދުކުރަމެވެ. އަދި އެއިލާހުގެ ޙަޟްރަތުން ވާގިވެރިކަމަށް އެދެމެވެ. އަދި އެއިލާހުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެމެވެ. އަދި އަޅަމެން އެއިލާހުއަށް ތަޥްބާވަމެވެ. އަދި އަޅަމެންގެ އަމިއްލަ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ ގޯސް ޢަމަލުތަކުގެ ނުބައިކަމުން الله ގެ ޙަޟްރަތުން ރައްކާތެރިކަން ހޯދަމެވެ. ﷲ ތެދުމަގު ދައްކަވައިފި މީހަކު، ފަހެ އޭނާ މަގުފުރައްދާނެ މީހަކު ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް، ފަހެ އޭނާއަށް ތެދުމަގު ދެއްކޭނެ މީހަކު ނުވެއެވެ. އަދި الله ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހު އެއްކައުވަންތަ ވެގެންވެއެވެ. އެއިލާހަށް ޝަރީކަކު ބައިވެރިޔަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލުކަމަށް އަޅު ހެކިވަމެވެ. الله އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ މައްޗަށް ޞަލަވާތާއި ސަލާމުން ސަލާމް ލައްވާށިއެވެ. އަދި ޤިޔާމަތާ ހަމައަށް ހެޔޮގޮތުގައި އެބޭކަލުންނަށް ތަބަޢަވި މީހުންނަށްވެސް މެއެވެ.
އެއަށްފަހު ދަންނައެވެ: ފަހެ ހަމަކަށަވަރުން އަންހެނުންނަށް ކުރިމަތިވާ ލޭ - އަދި އެއީ ޙައިޟު، ނިފާސާއި އިސްތިޙާޟާ -، އެއީ ބަޔާންކުރުމަށާއި އޭގެ ޙުކުމްތައް އެނގުމަށް ޙާޖަތްޖެހިގެންވާ، އަދި އެކަމާ ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްތަކުން، އޭގެ ރަނގަޅު ގޮތާއި ނުބައި ގޮތް ދެނެގަނެ ވަކިކުރުމަށްވެސް ބޭނުންޖެހިގެންވާ މުހިއްމު ކަންތައްތަކުން ކުރެ ކަންތަކެކެވެ. އަދި އެ ބަސްފުޅުތަކުން ރާޖިޙުކުރެވި ނުވަތަ ބަލިކަށިކުރުމުގައި ބަރޯސާވާންޖެހޭނީ، ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ކަންތަކުގެ އަލީގެ މައްޗަށެވެ.
1- އެހެނީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން އަޅުކަންކުރުމަށް ހަމަޖައްސަވާ، އަދި ތަކްލީފު ޖެއްސެވި އެއިލާހުގެ ޙުކުމްތައް އޭގެ މައްޗަށް ބިނާވާ ދެ އަސާސީ މަޞްދަރަކީ، އެދޭތި ކަމުގައިވާތީއެވެ.1
2- އަދި އެހެނީ ޤުރްއާނާއި ސުންނަތުގެ މައްޗަށް ބަރޯސާވުމުގައި ވަނީ: ހިތަށް ހަމަޖެހުމާއި، މޭ ތަނަވަސްވުމާއި، ނަފްސު ހެޔޮވުމާއި އަދި ޒިއްމާ ބަރީއަވެ އަދާވުން ކަމުގައިވާތިއެވެ.
3- އަދި އެ ދެ މަޞްދަރު ފިޔަވައި ދެން ހުރި އެއްޗަކަށް ބަލާއިރު، ފަހެ އެ އެއްޗަކަށް ޖެހޭނީ ޙުއްޖަތް ހޯދާށެވެ. އެއެއްޗަކުން ޙުއްޖަތް ދެއްކޭނީކީއެއް ނޫނެވެ.
އެހެނީ ﷲ ތަޢާލާގެ ބަސްފުޅުތަކާއި، އެއިލާހުގެ ރަސޫލު ﷺ ގެ ބަސްފުޅުތަކާއި، އަދި ހަމައެފަދައިން ރާޖިޙު ޤަޥްލުގެ މައްޗަށް ޞަޙާބީންގެ ތެރެއިންވާ ޢިލްމުގެ އަހުލުވެރި ބޭކަލުންގެ ބަސްފުޅުތަކުގައި މެނުވީ ޙުއްޖަތެއް ނުވެއެވެ. އެހެނަސް އެއީ ޤުރްއާނާއި ސުންނަތުގައި އެއާ ޚިލާފުވާ އެއްޗެއް ނުވުމުގެ ޝަރުޠުގެ މަތީންނެވެ. އަދި އެހެން އެއްވެސް ޞަޙާބީއެއްގެ ބަސްފުޅު، އެ ބަސްފުޅަކާ ފުށޫނާރާނަމައެވެ. ދެންފަހެ ޤުރްއާނާއި ސުންނަތުގައި އެ ބަސްފުޅަކާ ޚިލާފުވާ އެއްޗެއްވާނަމަ، ވާޖިބުވެގެންވަނީ ޤުރްއާނާއި ސުންނަތުގައިވާ އެއްޗެއްގައި ހިފުމަށެވެ. އަދި އެ ބަސްފުޅަކާ އެހެން ޞަޙާބީއެއްގެ ބަސްފުޅު ފުށޫއަރައިފިނަމަ؛ ދެ ޤަޥްލުގެ މެދުގައި ރާޖިޙުކުރެވި، އެއިން ރާޖިޙު ބަސް ނެގޭނެއެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައެވެ:
﴿...فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا﴾
މާނައީ: "...ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލުއަށް އެ ކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ."
[އައް-ނިސާއު: 59].
އަދި މިއީ އަންހެނުންނަށް ކުރިމަތިވާ ލޭތަކާއި އޭގެ ޙުކުމްތަކުން ބަޔާންކުރުން ޙާޖަތްޖެހިގެންވާ ކަންކަމުގައި ލިޔެވިގެންވާ ކުރު ރިސާލާއެކެވެ. އަދި މި ރިސާލާ ހިމެނިފައިވަނީ އަންނަނިވި ފަޞްލުތަކުގެ މައްޗަށެވެ:
ފުރަތަމަ ފަޞްލު: ޙައިޟުގެ މާނައާއި އޭގެ ޙިކުމަތް.
ދެވަނަ ފަޞްލު: ޙައިޟުގެ ދުވަސްވަރާއި އޭގެ މުއްދަތު.
ތިންވަނަ ފަޞްލު: ޙައިޟުވުމުގެ މައްޗަށް ދިމާވާ އެކިއެކި ކަންކަން.
ހަތަރުވަނަ ފަޞްލު: ޙައިޟާ ބެހޭ ޙުކުމްތައް.
ފަސްވަނަ ފަޞްލު: އިސްތިޙާޟާއާއި އޭގެ ޙުކުމްތައް.
ހަވަނަ ފަޞްލު: ނިފާސް އަދި އޭގެ ޙުކުމްތައް.
ހަތްވަނަ ފަޞްލު: ޙައިޟުވުން މަނާކުރާ ނުވަތަ ޙައިޟުކުރުވާ އެގެންނަ ތަކެއްޗާއި، އަދި ބަލިވެއިނުން މަނާކުރާ ނުވަތަ ދަރިވައްޓާލާ ތަކެތި ބޭނުންކުރުން.
ފުރަތަމަ ފަޞްލު: ޙައިޟުގެ މާނައާއި އޭގެ ޙިކުމަތް
ލުޣަވީ (ބަހުގެ) ގޮތުން ޙައިޟަކީ: ދިޔާ އެއްޗެއް ދުވެ ދައުރުވުމާއި ދެމިގެން ދިޔުމެވެ.
އަދި ޝަރުޢީގޮތުން ޙައިޟަކީ: އެއީ އަންހެނެއްގެ ކިބައިން ޠަބީޢީ ގޮތުން، ސަބަބެއް ނެތިވެ، އެނގިގެންވާ ވަކި ވަޤުތުތަކެއްގައި އަންނަ ލެޔެކެވެ. ފަހެ އެއީ އެއްވެސް ބައްޔެއް ނުވަތަ ޒަޚަމެއް ނުވަތަ ވެއްޓިގެން އަނިޔާއެއް ނުވަތަ ދަރިވިހެއުމެއް ނެތިވެ އަންނަ ޠަބީޢީ ލެޔެކެވެ. އަދި އެއީ ޠަބީޢީ ލެޔެއް ކަމުން، އަންހެނާގެ ޙާލަތާއި ވެށްޓާއި އަދި މާޙައުލުގެ ތަފާތުން އެ ލޭވެސް ތަފާތުވެއެވެ. އަދި އެހެންކަމުން، އެކަމުގައި، އަންހެނުން މެދުގައި، ފާޅުކަން ބޮޑު ބަޔާންވެގެންވާ ތަފާތަކުން ތަފާތުވެގެންވެއެވެ.
އަދި އޭގެ ފަހަތުގައިވާ ޙިކުމަތަކީ: ދަރިފުޅު މަންމަގެ ބަނޑުގައި އޮންނައިރު، ބަނޑުގެ ބޭރުގައިވާ މީހަކަށް ކާނާ ލިބޭ ފަދައިން އެ ދަރިފުޅަށް ކާނާ ނުލިބެއެވެ. އަދި ޚަލްޤުތަކުންގެ ތެރެއިން އެ ކުއްޖާއާ އެންމެ ރަޙުމްކުރުން ބޮޑު މީހަކަށްވެސް، ކާނާގެ އެއްވެސް މިންވަރެއް އެކުއްޖަކަށް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހިނދުން ދަރިފުޅުގެ މަންމަގެ ބަނޑުގައި އޮންނައިރު، ކެއުމައް އަދި ހަޖަމުކުރުމައް ޙާޖަތެއް ނެތިވެ އެކަންކަމަށް ބޭނުމެއް ނުވާ ގޮތަށް، އެއަކުން ކާނާ ލިބޭނެގޮތަށް އަންނަ ލޭގެ ބައިތަކެއް ﷲ ތަޢާލާ ލެއްވިއެވެ. އެލެޔެއް އެކުއްޖާގެ ހަށިގަނޑަށް ފޫޅުގެ ތެރެއިން ލާފައި ގޮސް ނާރުތަކަށް ވަދެ، ފަހެ އެއިން ކާނާ ލިއްބައިދެއެވެ. ފަހެ، އެންމެ ފުރިހަމައަށް ރިވެތިކޮށް ޚަލްޤުތައް ޚަލްޤުކުރައްވާ ހައްދަވާ اللَّه، ބަރަކާތްތެރިވެގެންވެއެވެ.
ފަހެ މިއީ މި ޙައިޟުވުމުގައިވާ ޙިކުމަތެވެ. އަދި އެހެންވުމުން އަންހެނަކު ބަލިވެއިނދެއްޖެނަމަ، އެކަނބުލޭގެ ފުށުން ޙައިޟު މެދުކެނޑެއެވެ. ފަހެ ނާދިރު މަދު ގޮތެއްގައި ނޫނީ (ބަލިވެއިނދެ) ޙައިޟު ނުވެއެވެ. އަދި ހަމައެފަދައިން، ގާތުން ކިރުދޭ އަންހެނުންނަށް ވެސް ޙައިޟުވެ މައްސަރު ކަންތައް ދިމާވުން މަދުވެގެންވެއެވެ. ވަކީން ޚާއްޞަކޮށް ގާތުން ކިރުދޭ ފުރަތަމަ ދުވަސްކޮޅުގައެވެ.
ދެވަނަ ފަޞްލު: ޙައިޟުގެ ދުވަސްވަރާއި މުއްދަތު
މި ފަޞްލުގައި ވާހަކަދެއްކުންވަނީ ދެ މަޤާމެއްގައެވެ:
ފުރަތަމަ މަޤާމަކީ: ޙައިޟުވުން އަތުވެގަންނަ ޢުމުރުފުރައެވެ.
ދެވަނަ މަޤާމަކީ: ޙައިޟުގެ މުއްދަތެވެ.
ދެންފަހެ ފުރަތަމަ މަޤާމަށް ބަލާއިރު: ފަހެ ޣާލިބު ގޮތެއްގައި (ޢާއްމުކޮށް) މައްސަރު ކަންތައް ދިމާވާ ޢުމުރަކީ، ބާރަ އަހަރާއި ފަންސާސް އަހަރާ ދެމެދުގެ ޢުމުރުގައެވެ. އަދި ފަހަރެއްގައި އަންހެން މީހާގެ ޙާލަތާއި ވެށްޓާއި އަދި މާޙައުލުގެ ގޮތުން، އޭގެ ކުރިން ނުވަތަ އޭގެ ފަހުންވެސް ޙައިޟުވެ މައްސަރު ކަންތައް ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ.
އަދި ޢިލްމުވެރިން رحمهم الله އިޚްތިލާފުވެގެންވެއެވެ: އެއީ ގައިމު އަންހެނާ، އޭގެ ކުރިން އަދި އޭގެ ފަހުން ޙައިޟުނުވާ ގޮތަށް ކަނޑައެޅިގެންވާ ވަކި ޢުމުރުފުރައެއް ވޭތޯއާ މެދުގައެވެ؟ އަދި އެ ޢުމުރުގެ ކުރިން ނުވަތަ ފަހުން އަންނަ ލެޔަކީ، ޙައިޟު ކަމުގައި ނުވާ ފާސިދު ލޭކަމުގައިވޭތޯ ބެލުމަށް ވަކި ޢުމުރުފުރައެއް ވޭތޯއާ މެދުގައި (ޢިލްމުވެރިން رحمهم الله ޚިލާފުވެގެންވެއެވެ.)
އެކަމުގައި ޢިލްމުވެރިން އިޚްތިލާފުވެގެންވެއެވެ. އެ އިޚްތިލާފުތައް ޛިކުރުކުރެއްވުމަށް ފަހުގައި އައް-ދާރިމީ ވިދާޅުވިއެވެ: މި ހުރިހާ ބަހެއްވެސް އަހަރެންގެ ގާތުގައި ގޯހެވެ! އެހެނީ އެ ހުރިހާ ކަމެއްގައިވެސް ރުޖޫޢަވާން ޖެހެނީ ވުޖޫދަށެވެ. ފަހެ އެގޮތުން ކޮންމެ ޙާލަތެއްގައިވެސް އަދި ކޮންމެ ޢުމުރުފުރައެއްގައިވެސް ކޮންމެ މިންވަރަކަށްވެސް އަންނަ ލެޔެއް ޙައިޟުކަމުގައި ބަލަން ޖެހެއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.2
އަދި އައް-ދާރިމީ ވިދާޅުވެފައިވާ މި ބަސްފުޅަކީ، ރަނގަޅު ތެދު ބަހެވެ. އަދި މިއީ ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާގެވެސް އިޚްތިޔާރެވެ.3 ފަހެ އެގޮތުން އަންހެނާއަށް ޙައިޟުގެ ލޭ ފެނިއްޖެ ކޮންމެ ހިނދެއްގައިމެ، އޭނާ އެހުރީ ޙައިޟުވެފައެވެ. އޭނާ ނުވަ އަހަރަށްވުރެ ޢުމުރު ހަގުވިޔަސް ނުވަތަ ފަންސާސް އަހަރަށްވުރެ ދޮށިވިޔަސްމެއެވެ. އެހެނީ ﷲ އާއި އެއިލާހުގެ ރަސޫލު، ޙައިޟުގެ ޙުކުމްތައް ގުޅުވާލައްވާފައިވަނީ ޙައިޟު ވުޖޫދުވުމުގެ މައްޗަށެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލު، އެކަމަށް މުޢައްޔަނު ވަކި ޢުމުރެއް ކަނޑައަޅުއްވާފައި ނުވެއެވެ. ފަހެ އެހެންކަމުން އެކަމުގައި ރުޖޫޢަވާން ޖެހޭނީ، ޙުކުމްތައް އެއާ ގުޅިފައިވާ ވުޖޫވުމަށެވެ. އަދި މުޢައްޔަނު ވަކި ޢުމުރެއް އެކަމަށް ކަނޑައެޅުމަކީ، ޤުރްއާނުން ނުވަތަ ސުންނަތުން ދަލީލެއް ބޭނުންވާނޭ ކަމެކެވެ. އަދި އެކަމަށް އެއްވެސް ދަލީލެއް ނެތެވެ.
ދެންފަހެ ދެވަނަ މަޤާމަކީ އެއީ: ޙައިޟުގެ މުއްދަތެވެ. އެބަހީ: ޙައިޟުވުން ދެމިގެންދާ ޒަމާނެވެ.
ފަހެ އެކަމުގައި ގައިމު ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް އިޚްތިލާފުވެގެންނެވެ. އެއީ ހައެއް ނުވަތަ ހަތް ޤަޥްލެއްގެ މައްޗަށެވެ. އިބްނުލް-މުންޛިރު رحمه الله ވިދާޅުވިއެވެ: އަދި ބައެއް މީހުންގެ ޖަމާޢަތެއް ބުންޏެވެ: ޙައިޟުވުމުގެ ދުވަސްތަކުގެ ވަކި މަދުމިނެއް އަދި ވަކި ގިނަ މިނަކަށްވެސް ޙައްދެއް ނުވެއެވެ.4
އަހަރެން ބުނަމެވެ: އަދި މި ބަސްފުޅަކީ އައް-ދާރިމީގެ އިސްވެދިޔަ ބަސްފުޅާ އެއްކަހަލަ ބަސްފުޅެކެވެ. އަދި އެއީ ޝެއިޚުލް-އިސްލާމް އިބްނު ތައިމިއްޔާގެވެސް އިޚްތިޔާރެވެ. އަދި ރަނގަޅު ހެޔޮ ބަހަކީ އެއެވެ. އެހެނީ ޤުރްއާނާއި ސުންނަތާއި އިޢުތިބާރުކޮށް (ޤިޔާސްކޮށް ވިސްނުމުން) އެކަމުގެ މައްޗަށް ދަލީލުކުރާތީއެވެ.
ފަހެ އެގޮތުން ފުރަތަމަ ދަލީލަކީ: ﷲ ތަޢާލާގެ މި ބަސްފުޅެވެ:
﴿وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى فَٱعۡتَزِلُواْ ٱلنِّسَآءَ فِي ٱلۡمَحِيضِ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَ...﴾
މާނައީ: "އަދި ޙައިޟާމެދު، ކަލޭގެފާނާ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ. (އެބަހީ: ޖިމާޢު ނުވާށެވެ.) އަދި އެކަނބަލުން ހިނައި ޠާހިރު ވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެ ކަނބަލުންނާ ގާތްނުވާށެވެ...) [އަލް-ބަޤަރާ: 222]، ފަހެ (ޖިމާޢުވުން) މަނާވުމުގެ ޣާޔަތު ނިމުން (އެންމެ ފަހު ލަނޑުދަނޑި)، ﷲ ތަޢާލާ ލައްވާފައި އެވަނީ ޠާހިރުވުމާ ހަމައަށެވެ. އަދި އޭގެ ޣާޔަތު ނިމުމަކީ، ރޭދުވާލެއް ފާއިތުވުމެއް ކަމުގައި، އަދި ތިން ދުވަހެެއް އަދި ފަނަރަ ދުވަސް ފާއިތުވުން ކަމުގައިވެސް އެއިލާހު ނުލައްވަތެވެ. ފަހެ މިއިން ދަލީލުކުރަނީ، އެ ޙުކުމްގެ ޢިއްލަތަކީ (ސަބަބަކީ)، ޙައިޟު ވުޖޫދުވެގެންވުމާއި ޢަދަމުވެ ނެތުމުގެ މައްޗަށެވެ. ފަހެ އެހެންކަމުން ކޮންމެ އިރެއްގައިވެސް ޙައިޟު ވުޖޫދުވެއްޖެނަމަ، އެ ޙުކުމް ޘާބިތުވެދެއެވެ. އަދި ކޮންމެ އިރަކުވެސް އެއިން ޠާހިރުވެއްޖެނަމަ، ޙައިޟުގެ ޙުކުމްތައް ނެތި ފިލައިދެއެވެ.
ދެވަނަ ދަލީލު: ޞަޙީޙު މުސްލިމްގައި، ނަބީ ﷺ، ޢާއިޝާއަށް ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވާ ބަސްފުޅެވެ. އެއީ އެކަމަނާ ޢުމްރާއަށް އިޙްރާމް އަޅައިގެން ހުންނަވަނިކޮށް ޙައިޟުވުމުންނެވެ:
«افْعَلِي مَا يَفْعَلُ الْحَاجُّ، غَيْرَ أَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي». قَالَتْ: فَلَمَّا كَانَ يَوْمُ النَّحْرِ طَهُرَتْ، فَأَفَاضَتْ.
"ޙައްޖުވެރިޔާ ކުރާ ކަންތައް ކަމަނާވެސް ކުރާށެވެ. ނަމަވެސް ކަމަނާ ޠާހިރުވެއްޖައުމަށް ދާންދެން ގެފުޅު ވަށާ ޠަވާފު ނުކުރާހުށިކަމެވެ."
އެކަމަނާ ވިދާޅުވިއެވެ: ދެން ކަތިލުމުގެ ދުވަހު (އެބަހީ: އަޟްޙާ ޢީދު ދުވަހު) އެކަމަނާ ޠާޙިރުވެވަޑައިގަތެވެ. ދެން ޠަވާފުލް އިފާޟާ ކުރެއްވިއެވެ. މި ޙަދީޘެވެ.5.
ނަބީ ﷺ އެކަމަނާއަށް ޙަދީޘްކުރެއްވިކަމަށް ދެ ޞަޙީޙުގައި އައިސްފައިވެއެވެ:
«انتَظِرِي فَإِذَا طَهُرْتِ فَاخْرُجِي إِلَى التَّنْعِيمِ».
"ކަމަނާ (ޠާހިރުވަންދެން) އިންތިޡާރު ކުރާށެވެ. ދެންފަހެ ކަމަނާ ޠާހިރުވެއްޖެނަމަ 'ތަންޢީމު' ސަރަހައްދަށް ނިކުންނާށެވެ."67 ފަހެ މަނާވުމުގެ ޣާޔަތު ނިމުންކަމުގައި ނަބީ ﷺ ލައްވާފައި އެވަނީ ޠާހިރުވުމުގައެވެ. އަދި މުޢައްޔަނު ވަކި ޒަމާނެއް އެކަލޭގެފާނު ކަނޑަނާޅުއްވައެވެ. ފަހެ އެހެންކަމުން މިއިން ދަލީލުކުރަނީ، ޙުކުމް ގުޅިގެންވަނީ ޙައިޟު ވުޖޫދުވެގެންވުމާ ނުވުމުގެ މައްޗަށް ކަމުގައެވެ.
ތިންވަނަ ދަލީލު: މި މައްސަލާގައި، ފިޤުހުވެރިންގެ ތެރެއިން، ޛިކުރުކުރި ބަޔަކު ޛިކުރުކޮށްފައިވާ މިހިރަ އަންދާޒާތަކާއި ތަފްޞީލުތައް، މިއީ ﷲ ތަޢާލާގެ ފޮތުގައި، އަދި ﷲ ގެ ރަސޫލު ﷺ ގެ ސުންނަތުގައިވެސް ވާ ވާހަކަތަކެއް ނޫނެވެ. އެއީ އެކަންކަން ބަޔާންކުރަން ޙާޖަތް، އަދި ކިއެއްތަ، ޟަރޫރަތްވެސް ޖެހިގެންވާ ޙާލުގައެވެ. ފަހެ އެއީ އަޅުތަކުން ފަހުމްވެގަނެ، އަދި އެއިން ﷲ އަށް އަޅުކަންކުރުން ވާޖިބުވެގެންވާ ކަންތަކެއްނަމަ، ﷲ އާއި އެއިލާހުގެ ރަސޫލު ﷺ ކޮންމެ މީހަކަށްވެސް ސާފުވާނެ ގައިމު ހާމަ ބަޔާނަކުން އެކަންކަން ބަޔާންކުރެއްވީހެވެ. އެއީ އެ ކަންކަމުގެ މައްޗަށް ތަރުތީބުވެގެންވާ ޙުކުމްތަކުގެ މުހިއްމުކަމަށްޓަކައެވެ. އެއީ ނަމާދާއި، ރޯދައާއި، ކައިވެންޏާއި ވަރިއާއި، ވާރުތަވުމާއި އަދި އެނޫންވެސް ޙުކުމްތަކެވެ. އެއީ ނަމާދުތަކުގެ ޢަދަދާއި، އޭގެ ވަޤުތުތަކާއި، އޭގެ ރުކޫޢުއާއި އަދި އޭގެ ސަޖިދަކުރުން، ﷲ އާއި އެއިލާހުގެ ރަސޫލު ބަޔާންކޮށްދެއްވާފައިވާ ފަދައިންނެވެ. އަދި ޒަކާތްވެސް: އޭގެ މުދާތަކާއި، އޭގެ ނިޞާބުތަކާއި، އޭގެ މިންވަރާއި އަދި އޭގެ ބެހެނިވެރިން ބަޔާންކުރެއްވި ގޮތަށެވެ. އަދި ރޯދަވެސް: އޭގެ މުއްދަތާއި، އޭގެ ވަޤުތާއި، އަދި
ޙައްޖާއި އަދި އެނޫންވެސް ކަންތައް ބަޔާންކުރެއްވި ގޮތަށެވެ. އެހެންގޮސް ކެއުމާއި ބުއިމާއި، ނިދުމާއި، ޖިމާޢުވުމާއި، އިށީންނުމާއި، ގެއަށް ވަނުމާއި އަދި ގެއިން ނިކުތުމުގެ އަދަބުތައްވެސްމެއެވެ. އަދި ޤަޟާޙާޖަތުގެ އަދަބުތަކާއި، އެހެންގޮސް އިސްތިޖުމާރުގައި (ހިލައިން ސާފުޠާހިރު ވުމުގައި) ފޮހޭނެ ޢަދަދާއި، އެނޫންވެސް އެހެނިހެން ކަވި ނާޒުކު އަދި މަތިވެރި ކަންތައްތައްވެސް މެއެވެ. އެއީ ﷲ އެ ކަންކަމުން ދީން ފުރިހަމަ ކުރައްވާ، އަދި މުއުމިންތަކުންގެ މައްޗަށް އެއިލާހުގެ ނިޢުމަތް ފުރިހަމަ ކުރެއްވި ކަންކަމެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:
﴿...وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ...﴾
މާނައީ: "...އަދި ކޮންމެ ކަމަކަށްވާ ބަޔާނެއްގެ ގޮތުގައި ތިމަންއިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ..." [އައް-ނަޙްލު: 89]، އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ:
﴿...مَا كَانَ حَدِيثًا يُفْتَرَى وَلَـكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلَّ شَيْءٍ...﴾
މާނައީ: "...އެއީ ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެ ކުރިމަތީގައިވާ (ކުރިން ބާވައިލެއްވި ފޮތްތައް) ތެދުކުރާ، އަދި ހުރިހާ ކަމެއްގެ ތަފްޞީލު ކަމުގައިވާ ފޮތެކެވެ..." [ޔޫސުފު: 111].
ފަހެ މި އަންދާޒާތަކާއި ތަފްޞީލުތައް ﷲ ތަޢާލާގެ ފޮތާއި އަދި ﷲ ގެ ރަސޫލު ﷺ ގެ ސުންނަތުގައިވެސް ނުވިހިނދު، ބަޔާންވެގެންދަނީ އެ ކަންކަމަށް ބަރޯސާވުމެއް ނެތްކަމެވެ. އަދި ބުރަވެ ބަރޯސާވުން އޮތްކަން ކަށަވަރީ، ޝަރުޢީ ޙުކުމްތައް، އެކަމެއް ވުޖޫދުވުމާއި ނުވުމުގެ މައްޗަށް ގުޅިގެންވި ޙައިޟުގެ ނަންދެވުނު ކަންތަކުގެ މައްޗަށެވެ. މި ދަލީލު -ޔަޢުނީ: ޤުރްއާނާއި ސުންނަތުގައި އެ ޙުކުމް ޛިކުރުކުރެވިގެން ނުވުމީ، އެ ޙުކުމަށް ބުރަދަންދެވި ނުބެލޭނެކަމަށްވާ ދަލީލެއްކަމުގައިވުން- މިއީ މި މައްސަލައާއި އަދި ޢިލްމުގެ އެހެން މައްސަލަތަކުގައިވެސް ތިބާއަށް ފައިދާކޮށްދޭނެ ދަލީލެކެވެ. އެހެނީ ޝަރުޢީ ޙުކުމްތަކަކީ، ﷲ ތަޢާލާގެ ފޮތް ނުވަތަ އެއިލާހުގެ ރަސޫލު ﷺ ގެ ސުންނަތުން، ނުވަތަ އެނގިގެންވާ އިޖްމާޢަކުން، ނުވަތަ ޞައްޙަ ޤިޔާސަކުންވާ ޝަރުޢުގެ ދަލީލަކުން މެނުވީ ޘާބިތުކުރެވޭ ކަންކަމެއް ނޫނެވެ. ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާ، އެބޭފުޅާގެ ޤަވާޢިދެއްގައި ވިދާޅުވިއެވެ: "އޭގެ ތެރޭގައި ޙައިޟުގެ ނަން ވެއެވެ. ޤުރްއާނާއި ސުންނަތުގައިވާ އެތަކެއް ޙުކުމްތަކެއް، ﷲ އެއާ ގުޅުއްވާފައިވެއެވެ. އަދި އޭގެ އެންމެ މަދުމިނެއް އަދި ގިނަމިނެއް އެއިލާހު ކަނޑަނާޅުއްވައެވެ. އަދި ދެ ޙައިޟުގެ ދެމެދުގައި ޠާޙިރުވެގެންވާ ދުވަސްތަކުގެ މުއްދަތެއްވެސް ކަނޑަނާޅުއްވައެވެ. އެއީ އުއްމަތުގެ އެންމެންނާ ގުޅުންހުރި އަދި އެމީހުން އެކަމަށް ޙާޖަތް ޖެހިގެންވާ ކަމަކަށްވެސް ވުމާއެކުގައެވެ. ބަހުގެ ގޮތުން، (ޙައިޟުގެ ނަމުގައި) ވަކި މިންވަރަކާއި އަނެއް މިންވަރެއް އެކަމުގައި ފަރަޤެއް ނުކުރެއެވެ. ދެންފަހެ އެކަމުގައި ވަކި އިމަކާއި މިންވަރެއް ކަނޑައަޅައިފި މީހާ އެވަނީ ޤުރްއާނާއި ސުންނަތާ ޚިލާފުވެފައެވެ."8. އެބޭފުޅާގެ ބަސްފުޅު ނިމުނީއެވެ.
ހަތަރުވަނަ ދަލީލަކީ: އިޢުތިބާރުކޮށް (ބުރަދަންދީގެން ބެލުމެވެ.) އެބަހީ: ފުށޫއެރުމެއްނުވާ ޘާބިތު ޞައްޙަ ޤިޔާސެވެ. އަދި އެހެނީ ﷲ ތަޢާލާ ޙައިޟުގެ ޢިއްލަތެއްގެ ގޮތުގައި އެއީ ތުރާލެއް ކަމުގައި އެންގެވިއެވެ. ފަހެ އެހެންކަމުން ޙައިޟުވުން ވުޖޫދުވާހިނދު އުނދަގުލާއި ތުރާ އެވީއެވެ. ދެވަނަ ދުވަހާއި ފުރަތަމަ ދުވަހާ ދެމެދު، އަދި ހަތަރުވަނައާއި ތިންވަނަ ދުވަހާމެދު އެކަމުގައި ފަރަޤެއް ނުވެއެވެ. އަދި ސޯޅަވަނައާއި ފަނަރަވަނަ ދުވަހާ ދެމެދު، އަދި އަށާރަވަނަ އާއި ސަތާރަވަނަ ދުވަހާ ދެމެދުވެސް އެއްވެސް ތަފާތެއް ނެތެވެ. ފަހެ ޙައިޟަކީ (ކޮންމެ ހިނދެއްގައިވެސް) ހަމަ ޙައިޟެވެ. އަދި ތުރާލާއި އުނދަގޫ އެއީ ހަމަ އުނދަގުލާއި ތުރާލެވެ. ފަހެ ދެ ދުވަހުވެސް ހަމަ އެއްވަރަކަށް އެއްހަމައެއްގެ މައްޗަށް ޢިއްލަތް ވުޖޫދުވެގެންވެއެވެ. ފަހެ އެހެންކަމުން ޢިއްލަތުގައި ހަމަހަމަވެގެންވުމާއެކު، ދެ ދުވަހުގެ ޙުކުމް ފަރަޤުކުރުން ޞައްޙަވާނީ ކިހިނަކުން ހެއްޔެވެ؟ މިއީ ޞައްޙަ ޤިޔާސާ ޚިލާފުވާ ކަމެއް ނޫންހެއްޔެވެ؟ އަޅެ ޞައްޙަ ޤިޔާސަކީ: ޢިއްލަތުގައި ދެ ދުވަސްވެސް ހަމަހަމަވެގެންވުމުން، ޙުކުމްގައިވެސް ދެ ދުވަސް ހަމަހަމަކުރުން ނޫންހެއްޔެވެ؟
ފަސްވަނަ ދަލީލު: މުއްދަތު ކަނޑައަޅާ ފަރާތްތަކުގެ ބަސްތައް އިޚްތިލާފުވުމާއި އެ އޮޅުން ބޮޅުންވުމެވެ. ފަހެ މިކަމުން ދޭހަކޮށްދެނީ ނުވަތަ ދަލީލުކުރަނީ، އެ މައްސަލައިގައި ހިފަންޖެހޭ އެއްވެސް ދަލީލެއް ނެތްކަމުގެ މައްޗަށެވެ. އަދި އެބަސްތައް ވާކަން ކަށަވަރީ، ގޯސްވުމާއި ރަނގަޅުވުމަށް ހުށަހެޅޭގޮތަށްވާ އިޖުތިހާދީ ޙުކުމްތަކެއް ކަމުގައެވެ. އޭގެ އެއްރައުޔަކަށް ވުރެ އަނެއް ރައުޔަކަށް ތަބަޢަވުން އައުލާކަން ބޮޑެއް ނޫނެވެ. އަދި ދެބަސްވެވޭ ހިނދު ރުޖޫޢަވުން އޮތް މަރުޖިޢުއަކީ، ޤުރްއާނާއި ސުންނަތެވެ.
ދެންފަހެ ޙައިޟުގެ އެންމެ ކުރު މުއްދަތަކާމެދު އަދި އެންމެ ދިގު މުއްދަތަކާމެދު ޙައްދެއް ނެތްކަމަށް ބުނާ ބަހުގެ ވަރުގަދަކަން ތިބާއަށް ހާމަވެއްޖެނަމަ، އަދި ރާޖިޙު ބަހަކީ އެއީކަން ތިބާއަށް ބަޔާންވެއްޖެނަމަ؛ ފަހެ ދެން ތިބާ ދަންނަންވީ ކަމަކީ: ޒަޚަމެއް އަދި އެފަދަ ސަބަބެއްނެތިވެ އަންހެނާއަށް ފެންނަ ޠަބީޢީ ކޮންމެ ލެޔަކީ، ފަހެ އެއީ ޙައިޟު ލޭ ކަމެވެ. އެއީ ވަކި ޒަމާނެއް ނުވަތަ ޢުމުރެއް އޭގައި ކަނޑައަޅައި ބެލުމެއް ނެތިއެވެ. އެހެނަސް އެއީ އެ ލޭ އައުން އެއްގޮތަކަށްވެސް މެދުނުކެނޑޭނަމަ، ނުވަތަ މަހަކު ދެތިން ދުވަސްފަދަ ކުރު މުއްދަތަކަށް މެނުވީ މެދުނުކެނޑޭގޮތަށް އަބަދު ދެމިއަންނަ ލެޔަކަށްވާނަމަ ތަފާތެވެ. ފަހެ އެހިނދުން އެވާނީ އިސްތިޙާޟާއަށެވެ. އަދި -إن شاء الله تعالـى- އިސްތިޙާޟާ ބަޔާންކުރުމާއި އޭގެ ޙުކުމްތައް އަންނަހުއްޓެވެ.
ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: "އަދި އަޞްލަކީ ރަޙިމުން ނުކުންނަ ކޮންމެ ލެޔަކީ، އެއީ އިސްތިޙާޟާ ކަމުގައިވުމުގެ މައްޗަށް ދަލީލެއް ޤާއިމުވަންދެން، ޙައިޟުކަމުގައިވުމެވެ."9.
އަދިވެސް އެބޭފުޅާ ވިދާޅުވިއެވެ: "އެއީ ނާރަކުން ނުވަތަ ޒަޚަމަކުން އަންނަ ލެޔެއްކަން ނޭނގޭނަމަ، ފަހެ (ރަޙިމުން އަންނަ) ކޮންމެ ލެޔަކީ، ފަހެ އެއީ ޙައިޟުގެ ލެޔެވެ."10. އހ.11
އަދި މި ޤަޥްލަކީ ދަލީލުގެ ގޮތުން ބަލާއިރު ރާޖިޙު ޤަޥްލަށްވުމާއެކު، އަދި އެއީ ފަހުމްވުމާއި ނަގައިގަތުމަށް އެންމެ ގާތްވެސް ކުރާ ޤަޥްލެވެ. އަދި މުއްދަތުތައް ކަނޑައެޅި މީހުން ގެނައި ކަންތަކަށްވުރެ، ޢަމަލުކޮށް ތަޠުބީޤުކުރުންވެސް އެންމެ ފަސޭހަ ޤަޥްލެވެ. އަދި އެގޮތަށް ކަންތައް އޮތް ޤަޥްލެއްނަމަ، އެ ޤަޥްލު ޤަބޫލުކުރުން މާ އަޥްލާވެގެންވެއެވެ. އެއީ އެ އިސްލާމްދީނުގެ ރޫޙާއި ޤަވާޢިދާ އެއްގޮތްވެގެން ވުމުންނެވެ. އަދި އެއީ ލުއިކަމާއި ފަސޭހަކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿...وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖ...﴾
މާނައީ: "...އަދި އެއިލާހު، ދީނުގައި ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުލައްވަތެވެ..." [އަލް-ޙައްޖު: 78]، އަދި ﷲ ގެ ރަސޫލު ﷺ ޙަދީޘް ކުރެއްވިއެވެ:
«إِنَّ الدِّينَ يُسْرٌ وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ فَسَدِّدُوا وَقَارِبُوا وَأَبْشِرُوا».
"ހަމަކަށަވަރުން ދީންވަނީ ލުއިފަސޭހަވެގެންނެވެ. އަދި އެއްވެސް މީހަކު ދީން އުނދަގޫ ކޮށްލައިފިނަމަ، އޭނާގެ މައްޗަށް ދީން ގަދަވެ ބަލިކޮށްލައިގެން މެނުވީ ނުވެއެވެ. ފަހެ އެހެންކަމުން ތިޔަބައިމީހުން ސީދާވާށެވެ. އަދި ތިޔަބައިމީހުން ކައިރިކުރާށެވެ. އަދި ތިޔަބައިމީހުން އުފާވެރިކަމުގެ ޚަބަރުލިބިގަންނާށެވެ." މި ޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ.12.
އަދި އެކަލޭގެފާނު ﷺ ގެ އަޚްލާޤުގެ ތެރޭގައިވާ އެއްކަމަކީ:
«أَنَّهُ مَا خُيِّرَ بَيْنَ أَمْرَيْنِ إِلَّا اخْتَارَ أَيْسَرَهُمَا مَا لَمْ يَكُنْ إِثْمًا».
"ދެކަމެއްގެ މެދުގައި އެކަލޭގެފާނަށް އިޚްތިޔާރުދެއްވިއްޖެނަމަ؛ އޭގެ ތެރެއިން އެންމެ ލުއިފަސޭހަ ގޮތް މެނުވީ އިޚްތިޔާރު ނުކުރައްވައެވެ. ފާފައަކަށް ނުވާހާ ހިނދަކުއެވެ."13.
މާބަނޑު މީހާ ޙައިޟުވުން:
ޣާލިބު ގޮތެއްެގައި (ޢާއްމުކޮށް) ގިނައިންވާ ގޮތަކީ، އަންހެނާ ބަލިވެއިނދެއްޖެނަމަ، އެކަނބުލޭގެ ކިބައިން ޙައިޟުގެ ލޭ މެދުކެނޑިގެންދިޔުމެވެ. އިމާމް އަޙްމަދު رحمه الله ވިދާޅުވިއެވެ: "އަންހެނުން ބަލިވެއިންކަން އެނގޭކަން ކަށަވަރީ، ލޭ އައުން މެދުކެނޑުމުންނެވެ."14.
ދެންފަހެ މާބަނޑުމީހާ ލޭ ފެނިއްޖެނަމަ، ފަހެ އެއީ ވިހެއުމުގެ ދެތިން ދުވަސްފަދައިން ކުރު މުއްދަތެއްގެ ކުރިންނަމަ، އަދި އެއާއެކު ވިހެއުމުގެ ވޭންވާނަމަ، ފަހެ އެއީ ނިފާސްއެވެ. އަދި އެއީ ވިހެއުމުގެ ގިނަ ދުވަސްތަކެއްގެ ކުރިންނަމަ، ނުވަތަ ވިހެއުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެކަމަކު ވިހެއުމުގެ ވޭން އެޅުމެއް އެއާއެކުގައި ނުވާގޮތަށްނަމަ، ފަހެ އެއީ ނިފާސްއެއް ނޫނެވެ. ނަމަވެސް އެއީ ޙައިޟުގެ ޙުކުމްތައް އެއަށް ޘާބިތުވާ ޙައިޟުކަމުގައި ވާނޭ ހެއްޔެވެ؟ ނުވަތަ އެވާނީ ޙައިޟުގެ ޙުކުމްތަކުން އެއަށް ޙުކުމް ނުދެވޭ ފާސިދު ލެޔަކަށް ހެއްޔެވެ؟
މިކަމުގައި ޢިލްމުގެ އަހުލުވެރިންގެ މެދުގައި ޚިލާފު ވެއެވެ. އަދި ރަނގަޅު ބަހަކީ: އެއީ އެކަނބުލޭގެ ޙައިޟުގައި ޢާދަކޮށް އަންނަ ގޮތަުގެ މައްޗަށް އައި ލެޔެއްނަމަ، އެއީ ޙައިޟެވެ. އެހެނީ އަޞްލަކީ، އަންހެނާއަށް ކުރިމަތިވާ ލެޔަކީ، ޙައިޟުކަމުގައި ވުމުންނެވެ. އެއީ ޙައިޟުކަމުގައިވުން މަނާކުރާނޭ ސަބަބެއް ނެތްކަމުގައި ވާނަމައެވެ. އަދި މާބަނޑު މީހާ ޙައިޟުވުން މަނާކުރާ ދަލީލެއް، ޤުރްއާނާއި ސުންނަތުގައި ނުވެއެވެ.
އަދި މިއީ މާލިކު15 އާއި އައްޝާފިޢީ16 ގެ މަޛްހަބެވެ. އަދި ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާގެވެސް އިޚްތިޔާރެވެ. އަލް-އިޚްތިޔާރާތުގައި (ޞ: 30) ވިދާޅުވިއެވެ: އަދި އަލް-ބައިހަޤީ، އަޙްމަދުގެ އަރިހުންވާ ރިވާޔަތެއްގެ ގޮތުގައި އެގޮތް ގެންނެވިއެވެ. ކިއެއްތަ، އެކަލޭގެފާނު އެގޮތަށް ރުޖޫޢަވިކަމަށްވެސް ކިޔާދެވުނެވެ. އހ.
މިކަމުގެ މައްޗަށް ބިނާކޮށް، މާބަނޑު މީހާ ޙައިޟުވުމަށް، ހަމަ މާބަނޑު ނޫން މީހަކު ޙައިޟުވާ ކަންކަން ފަހެ ޘާބިތުވެއެވެ. އެއީ ދެ މައްސަލައެއްގައި މެނުވީއެވެ:
ފުރަތަމަ މައްސަލަ: ވަރިއެވެ. ފަހެ އެގޮތުން ބަލިވެއިނުން ނޫން ގޮތެއްގައި ޢިއްދައެއްގައި އިންނަންޖެހޭ އަންހެނަކު، ޙައިޟުގެ ޙާލަތުގައި ވަރިކުރުން ޙަރާމްވެގެންވެއެވެ. އެކަމަކު މާބަނޑުމީހާއާމެދު އެކަން ޙަރާމެއް ނޫނެވެ. އެހެނީ ބަނޑުބޮޑު ނުވެ ހުރި ޙައިޟުވެރިއަކު ވަރިކުރުމަކީ، الله ތަޢާލާގެ ބަސްފުޅާ ޚިލާފުވެގެންވާ ކަމެކެވެ. އެއީ އެއިލާހު ތަޢާލާގެ ބަސްފުޅަށްޓަކައެވެ:
﴿...فَطَلِّقُوهُنَّ لِعِدَّتِهِنَّ...﴾
މާނައީ: "...ފަހެ އެކަނބަލުންގެ ޢިއްދައަށްވާ ގޮތަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެ ކަނބަލުން ވަރިކުރާށެވެ!..." [އައް-ޠަލާޤު: 1]، ދެންފަހެ މާބަނޑު މީހަކު ޙައިޟުގެ ޙާލަތުގައި ވަރިކުރުމީ، ފަހެ އެއިލާހުގެ ބަސްފުޅާ ޚިލާފުވާ ކަމެއް ނޫނެވެ. އެހެނީ މާބަނޑު މީހާ ވަރިކޮށްފިމީހާ، އޭނާ އެވަރިކުރީ ހަމަ އެކަނބުލޭގެ ޢިއްދައަށްވާ ގޮތަށެވެ. އެކަނބުލޭގެ ޙައިޟުވެފައި ހުއްޓަސް ނުވަތަ ޠާހިރުވެގެން ހުއްޓަސްމެއެވެ. އެހެނީ އެކަނބުލޭގެ ޢިއްދަ ބަލަނީ، މާބަޑުވެ ބަލިވެއިނުމުން ކަމުގައިވުމުންނެވެ. އަދި އެހެންވެގެން، އެކަނބުލޭގެއާ ޖިމާޢުވުމަށްފަހުގައި ވަރިކުރުންވެސް ޙަރާމްވެގެން ނުވެއެވެ. އެއީ އެނޫން އަންހެނުންނާ ޚިލާފަށެވެ.
ދެވަނަ މައްސަލަ: ހަމަކަށަވަރުން މާބަނޑުމީހާ ޙައިޟުވުމަކުން އޭނާގެ ޢިއްދަ އެއިން ނިމިގެން ނުދެއެވެ. އެއީ އެނޫން އަންހެނުން ޙައިޟުވުމާ ޚިލާފަށެވެ. އެހެނީ ވިހެއުމުން ނޫނީ މާބަނޑު މީހާގެ ޢިއްދަ ހަމަނުވާނެތީއެވެ. އެއީ އޭނާ ޙައިޟުވިޔަސް ނުވިޔަސްމެއެވެ. އެއީ އެއިލާހު ތަޢާލާގެ ބަސްފުޅަށްޓަކައެވެ:
﴿...وَأُوْلَاتُ الأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ...﴾
މާނައީ: "...އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ، އެ ކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ..." [އައް-ޠަލާޤު: 4].
ތިންވަނަ ފަޞްލު: ޙައިޟުވުމުގެ މައްޗަށް ދިމާވާ އެކިއެކި ކަންކަން
ޙައިޟުވުމުގެ މައްޗަށް އަންނަ ބަދަލުތައްވަނީ އެކި ވައްތަރަށެވެ:
ފުރަތަމަ ވައްތަރު: އިތުރުވުން ނުވަތަ މަދުވުމެވެ. މިޘާލަކަށް: އަންހެނަކު ޙައިޟުވާ ޢާދައަކީ ހަ ދުވަސްކަމުގައި ވެފައި، ފަހެ ދެން ހަތް ދުވަސްވަންދެން ލޭ އައުން ދެމިއޮތުމެވެ. ނުވަތަ އެކަނބުލޭގެ ޢާދައަކީ ހަތް ދުވަސް ކަމުގައި ވެފައި، ފަހެ ދެން ހަ ދުވަހުން ޠާހިރުވުމެވެ.
ދެވަނަ ވައްތަރު: އިސްވުން ނުވަތަ ފަސްވުމެވެ. މިޘާލަކަށް: އަންހެނާގެ ޢާދައަކީ މަސް ނިމޭކޮޅުގައި ލޭ އައުން ކަމުގައިވެފައި، ފަހެ ދެން މަހުގެ ކުރީކޮޅުގައި ލޭ ފެނުމެވެ. ނުވަތަ އޭކަނބުލޭގެ ޢާދައަކީ މަހުގެ ކުރީކޮޅު ލޭ އައުންކަމުގައިވެފައި، ފަހެ ދެން މަހުގެ ފަހުކޮޅުގައި ލޭ ފެނުމެވެ.
އަދި ގައިމު ޢިލްމުގެ އަހުލުވެރިންވަނީ މި ދެ ވައްތަރުގެ ޙުކުމާމެދު ޚިލާފުވެގެންނެވެ. އަދި ރަނގަޅު ގޮތަކީ: އެކަނބުލޭގެއަށް ކޮންމެ ހިނދަކުވެސް ލޭ ފެނިއްޖެނަމަ، އެކަނބުލޭގެއީ ޙައިޟުވެރިއެއް ކަމުގައިވުމެވެ. އަދި ކޮންމެ ހިނދަކުވެސް ލެއިން ޠާހިރުވެއްެޖެނަމަ، އެކަނބުލޭގެ އެވަނީ ޠާހިރުވެގެންކަމެވެ. އެއީ އެކަނބުލޭގެ ޢާދަކޮށް އަންނަ ގޮތަށްވުރެ އިތުރުވިޔަސް ނުވަތަ މަދުވިޔަސްމެއެވެ. އަދި އެއީ ލޭ ފެނުމުގެ ދުވަސްތައް އިސްވިޔަސް ނުވަތަ ފަސްވިޔަސްމެއެވެ. އަދި އެކަމުގެ މައްޗަށްވާ ދަލީލު ބަޔާންކުރުން، ކުރީ ފަޞްލުގައި އިސްވެގޮސްފިއެވެ. އެއީ ޝަރުޢުކުރެއްވި ފަރާތުން ޙައިޟުގެ ޙުކުމްތައް، ޙައިޟު ވުޖޫދުވެގެންވުމާ ގުޅުއްވާފައިވުމުންނެވެ.
އަދި މިއީ އައްޝާފިޢީ17 ގެ މަޛްހަބެވެ. އަދި ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާގެވެސް އިޚްތިޔާރެވެ.18 އަދި އަލް-މުޣުނީގެ ޞާޙިބު މި ބަސް ވަރުގަދަކުރައްވާ މިބަހަށް ނަޞްރުދެއްވިއެވެ. އަދި ވިދާޅުވިއެވެ: އަދި މަޛްހަބުގައި ގެނެވިފައިވާ ގޮތަށް، ޙައިޟުގެ ޢާދައަށް ބުރަދަންދެވި ބަލަން ޖެހޭނަމަ؛ ނަބީ ﷺ، އެކަލޭގެފާނުގެ އުއްމަތަށް އެކަން ބަޔާންކޮށްދެއްވީހެވެ. އަދި އެކަން ބަޔާންކުރެއްވުން ލަސްކުރެއްވުން ތަނަވަސްނުވީހެވެ. އެހެނީ ބަޔާންކުރަން ޖެހޭ ވަޤުތަށްވުރެ އެކަން ލަސްކުރުމަކީ، ހުއްދަވެގެންވާ ކަމަކަށް ނުވެއެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، އެނޫން އަންހެނުންވެސް ކޮންމެ ވަޤުތެއްގައި އެކަމުގެ ބަޔާނަށް ބޭނުން ޖެހިގެންވެއެވެ. ފަހެ އެހެންކަމުން އެކަން ބަޔާންކުރެއްވުމުން އެކަލޭގެފާނު ޣާފިލުވެ ނުވީހެވެ. އަދި އިސްތިޙާޟާވާ އަންހެނާގެ ޙައްޤުގައި މެނުވީ، ޙައިޟުގެ ޢާދައެއްވެސް އަދި އެކަމުގެ ބަޔާނެއްވެސް އެކަލޭގެފާނު ﷺ ގެ އަރިހުން އައިސްފައި ނުވެއެވެ. (އިސްތިޙާޟާ ފިޔަވައި) އެހެން ކަމަކު އެހެން ނާދެއެވެ.19. އހ.
ތިންވަނަ ވައްތަރު: ރީނދޫ ކުލައިގެ ނުވަތަ ކިސަޑު ކުލައިގެ އެއްޗެއް ފެނުމެވެ. އެގޮތުން ޒަޚަމްތަކުން އަންނަ ދިޔަފަދައިން، ރީނދޫ ކުލައަކަށް ނުވަތަ ރީނދޫ ކުލައާއި ކަޅުކުލައާ ދެމެދު ކުލައަކަށް ކިލަނބުކޮށް ލޭ ފެނުމެވެ. ފަހެ މިހެން ފެނުނީ ޙައިޟުގެ ތެރޭގައިނަމަ، ނުވަތަ ޙައިޟުގެ ދުވަސްވަރާ ގުޅިގެންވާ ގޮތަށް ޠާހިރުވުމުގެ ކުރިންނަމަ؛ ފަހެ އެއީ ޙައިޟެވެ. އެއަށް އަހަރުމެން ޘާބިތުކުރަނީ ޙައިޟުގެ ޙުކުމްތަކެވެ. އެހެން ފެނުނީ ޠާހިރުވުމުގެ ފަހުންކަމުގައިވާނަމަ، ފަހެ އެއީ ޙައިޟެއް ނޫނެވެ. އެއީ އުއްމު ޢަޠިއްޔާ رضي الله عنها ގެ ބަސްފުޅަށްޓަކައެވެ: "ޠާހިރުވުމަށްފަހުގައިވާ ރީނދޫކުލަޔާއި ކިސަޑުކުލައިގެ ދިޔަ އެއީ އެއްޗެއްކަމުގައި އަހަރުމެން ނުގުނަމެވެ."20 އެރިވާކުރެއްވީ އަބޫ ދާވޫދު ޞައްޙަ ސަނަދަކުންނެވެ.21. އަދި އަލް-ބުޚާރީވެސް އެބަސްފުޅު: "ޠާހިރުވުމުގެ ފަހުން" މިތަންކޮޅު ނުލައި ރިވާކުރެއްވިއެވެ. ނަމަވެސް ބާބުގެ ތަރުޖަމާގައި އެކަލޭގެފާނު އެހެން ގެންނަވާ ވިދާޅުވިއެވެ: "ޙައިޟުގެ ދުވަސްވަރު ނޫން ދުވަސްތަކުގައި ރީނދޫކުލަޔާއި ކިސަޑުކުލައިގެ ދިޔަ ފެނުމުގެ ވާހަކަ ނަންގަނެވުނު ބާބު." މިއެވެ.22.
އެބަސްފުޅުގެ ޝަރަޙާގައި ފަތުޙުލް-ބާރީގައި (އިބްނު ޙަޖަރު) ވިދާޅުވިއެވެ:
"އެއިން އެކަލޭގެފާނު އެ އިޝާރާތްކުރައްވަނީ، އިސްވެދިޔަ ޢާއިޝާގެ ޙަދީޘްގައިވާ: 'ކަނބުލޭގެއަށް (ޙައިޟުގެ ލެޔަށް ފަހު) ހުދުކުލައަށް ދާ ފެން ފެނިއްޖައުމަށް ދާންދެނެވެ.' މިޙަދީޘްއާއި، އަދި މި ބާބުގައި ބަޔާންވެގެންވާ އުއްމު ޢަޠިއްޔާގެ ޙަދީޘް (މިދެޙަދީޘް) ޖަމްޢު ކުރުމަށެވެ. އެއީ އެ ޙަދީޘް -އެބަހީ: ޢާއިޝާގެ ޙަދީޘް- ނެގެނީ ޙައިޟުގެ ދުވަސްވަރުގައި ރީނދޫކަމަކާއި ކިސަޑުކަމެއް ފެނުމުގެ މައްޗަށް ކަމުގައެވެ. އަދި ޙައިޟުގެ ދުވަސްވަރު ނޫން ދުވަސްތަކެއްގައި ފެނިއްޖެނަމަ، ފަހެ އެވަނީ އުއްމު ޢަޠިއްޔާ ވިދާޅުވި ގޮތުގެ މައްޗަށް ކަމުގައެވެ."23. އހ.
އެ އިޝާރާތްކުރެއްވި ޢާއިޝާގެ ޙަދީޘަކީ، މި ބާބުގެ ކުރިން އަލް-ބުޚާރީ މުޢައްލަޤުކޮށް (ސަނަދު ނުލައި) ޔަޤީންކޮށް ގެންނަވާފައިވާ ބަސްފުޅެވެ.24 އެއީ އަންހެންތަކުން އެކަމަނާގެ އަރިހަށް ދުރްޖާ (ޙައިޟުގެ އެއްވެސް އަޘަރެއް ބާކީވެ ހުރިތޯ ބެލުމަށް އަންހެނާ ލާ އެއްޗެއް) އޭގައި ރީނދޫކުލައިގެ ދިޔަ ހުރި ކަފަގަނޑު ލާފައި ފޮނުވާކަމަށެވެ. ދެން އެކަމަނާ ވިދާޅުވެއެވެ: "ހުދުކުލަޔަށްދާ ދިޔަ ފެނިއްޖައުމަށް ދާންދެން ތިޔަ ކަނބަލުން އަވަސްވެނުގަންނާށެވެ."25.
އަދި ރަޙިމުން އަންނަ ހުދު ތެތްކަމަކީ: މައްސަރުކަންތައް ހުއްޓޭހިނދު ރަޙިމުން ބޭރުކޮށްލާ ހުދު ފެނެކެވެ.
ހަތަރުވަނަ ވައްތަރު: ޙައިޟުގެ ލޭ ކެނޑިކެނޑިގެން އައުމެވެ. އެގޮތުން އެއް ދުވަހު ލޭ ފެނިފައި، އަދި އަނެއް ދުވަހު ސާފުކޮށް ހުރެފައި މިފަދަ ގޮތަކަށެވެ. ފަހެ މިކަން ވަނީ ދެ ޙާލަތަކަށެވެ:
ފުރަތަމަ ޙާލަތް: އަންހެނާގެ ހުރިހާ ވަޤުތެއްގައި އަބަދުވެސް މިހެންވުމެވެ. ފަހެ އެހެންނަމަ މިއީ އިސްތިޙާޟާގެ ލެޔެވެ. އެގޮތަށް ފެންނަ މީހާއަށް އިސްތިޙާޟާގެ ޙުކުމް ޘާބިތުވެ ހިނގާނެއެވެ.
ދެވަނަ ޙާލަތް: އަންހެނާއަށް އަބަދުމެ އެގޮތަށް ކަން ނުވުމެވެ. ކިއެއްތަ، ބައެއް ވަޤުތުތަކުގައި އެހެންވެފައި، އަދި ހަމަ ރަނގަޅަށް ޠާހިރުވާ ވަޤުތެއްވެސް އޭނާއަށްވުމެވެ. ފަހެ ޢިލްމުވެރިން رحمهم الله މި ގޮތަށް ޠާހިރުވާ ވަޤުތާމެދު އިޚްތިލާފުވިއެވެ. އެއީ ހަމަ ޠާހިރުވުންކަމުގައި ބެލެވޭނެ ވަޤުތެއްތޯ ނުވަތަ އޭގެ މައްޗަށް ހިނގާނީ ހަމަ ޙައިޟުގެ ޙުކުމްތައް ހެއްޔެވެ؟
ފަހެ އެގޮތުން އައް-ޝާފިޢީގެ މަޛްހަބުގައި ދެ ޤަޥްލުންކުރެ އެންމެ ޞައްޙަ ޤަޥްލުގައިވަނީ: އޭގެ މައްޗަށް ޙައިޟުގެ ޙުކުމްތައް ހިންގޭނެކަމަށެވެ. އެގޮތުން އެވާނީ ހަމަ ޙައިޟުކަމުގައެވެ.26 މިއީ ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާއާއި އަދި އަލް-ފާއިޤު ލިޔުއްވި ޞާޙިބުގެވެސް އިޚްތިޔާރެވެ.27 އަދި އަބޫ ޙަނީފާގެވެސް މަޛްހަބެވެ.28. އަދި އެހެނީ އެގޮތަށް ސާފުކޮށް ފެންނަ ވަޤުތުތަކުގައި، ހުދުކުލައިގެ ތެތްކަން ނުފެންނާތީއެވެ. އަދި އެހެނީ އެއީ ޠާހިރުވާ ވަޤުތެއްކަމުގައި ހެދިއްޖެނަމަ، އޭގެ ކުރިންވީ ލެޔާއި އޭގެ ފަހުންވާ ލޭވެސް ޙައިޟުކަމުގައިވީހެވެ. އެހެން ބުނާ އެއްވެސް މީހަކު ނެތެވެ. އަދި އެހެންނޫންނަމަ ފަސް ދުވަސް ތެރޭގައި (ވަރީގެ) ޢިއްދައިގެ ޙައިޟު ހަމަވެގެން ނިމުނީހެވެ. އެހެނީ އެއީ ޠުހުރެއްކަމުގައި ބަލައިފިނަމަ، ކޮންމެ ދެ ދުވަހަކުން ހިނައިގަތުމާއި އަދިވެސް ކިތަންމެ ކަމަކާހުރެ ދަތި އުނދަގުލާއި ބުރަކަން ކުރިމަތިވާނެތީއެވެ. އަދި މި ޝަރީޢަތުގައި ދަތިކަމެއްވުންވަނީ ނަފީވެގެންނެވެ. އަދި ޙަމްދު ހުރީ ﷲ އަށެވެ.
އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔަކީ: އެގޮތަށް ފެންނަ ލެޔަކީ ހަމަ ޙައިޟު ކަމުގައެވެ. އަދި ލޭ ނުފެންނަ ސާފުކޮށްވާ ދުވަސްތަކަކީ ޠުހުރު ކަމުގައެވެ. އެއީ ދެބައި އެއްކޮށްލައިިގެން ޙައިޟުގެ އެންމެ ގިނަ ދުވަސްތައް ކަމުގައި ކަނޑައެޅިގެންވާ ދުވަސްތަކަށްވުރެ އިތުރުވެއްޖެއްޔާ މެނުވީއެވެ. ފަހެ އެހިނދުން އެ މުއްދަތަށްވުރެ އިތުރަށް އައިސްފައިވާ ލޭ ވާނީ އިސްތިޙާޟާކަމުގައެވެ.29.
އަދި އަލް-މުޣްނީގައި ވިދާޅުވެފައިވެއެވެ: "އެކަން ނެގޭގޮތަކީ: ލޭ އައުން ހުއްޓުނީ އެއްދުވަހަށްވުރެ މަދު މުއްދަތެއްގައި އައިސްފައިނަމަ ފަހެ އެއީ ޠުހުރެއް ކަމުގައި ނުވާނެއެވެ. އެއީ ނިފާސްގެ ލެޔާމެދު އަހަރުމެން ގެނައި ރިވާޔަތް: އެއް ދުވަހަށްވުރެ މަދުން އަންނަ އެއްޗަކަށް ފަސްއެނބުރި ބެލުމެއްނެތްކަމުގައިވާ ރިވާޔަތަށް ބިނާކޮށެވެ. އަދި ޞައްޙަ ބަހަކީވެސް إن شاء الله އެޔެވެ. އެހެނީ ލޭ ބައެއްފަހަރު ހިނގާފައި، އަދި އަނެއްބައި ފަހަރު ހުއްޓެއެވެ. އަދި ގަޑިޔަކުން ގަޑިޔަކަށް ލޭ ފެނިފައި ޠާހިރުވާ އަންހެނާގެ މައްޗަށް ހިނައިގަތުން ވާޖިބުކުރުމީ (ޝަރީޢަތުގައި) ނަފީވެގެންވާފަދަ ދަތިކަމެކެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައެވެ:
﴿...وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖ...﴾
މާނައީ: "...އަދި އެއިލާހު، ދީނުގައި ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުލައްވަތެވެ..." [އަލް-ޙައްޖު: 78]. ވިދާޅުވިއެވެ: "މިކަމުގެ މައްޗަށް، އެއް ދުވަހަށްވުރެ ކުރު މުއްދަތަކަށް ލޭ ކެނޑުމަކީ ޠުހުރު ކަމުގައި ނުވާނެއެވެ. އެގޮތަށް ލޭ ހުއްޓުނީ، ޢާދަކޮށް ޙައިޟުވާ ދުވަސްތައް ނިމޭހިނދުކަމުގައިވުން ނުވަތަ ހުދުކުލައިގެ ފެން އައުންފަދަ ޠާހިރުވުމެއްކަމުގެ މައްޗަށް ދަލީލުކުރާ ކަމެއް ފެނިއްޖެނަމަ މެނުވީއެވެ."30 އހ.
ފަހެ އެހެންކަމުން އަލް-މުޣުނީގެ މުޞައްނިފުގެ ޤަޥްލަކީ، ދެ ޤަޥްލުގެ ދެމެދުގައިވާ މެދުމިން ޤަޥްލުކަމުގައިވެއެވެ. އަދި ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ.
ފަސްވަނަ ވައްތަރު: ލޭގައި ހިކިކަމެއް ހުރުމެވެ. އެގޮތުން އެކަނބުލޭގެއަށް ފެންނަނީ ހަމައެކަނި ތެތްކަމެކެވެ. މިކަންވަނީ ޙައިޟުގެ ދުވަސްވަރުގައި ކަމުގައިވާނަމަ، ނުވަތަ ޠުހުރުގެ ކުރިން ޙައިޟާ ގުޅިގެންވާ ގޮތަށްނަމަ، ފަހެ މިއީ ޙައިޟެވެ. އެއީ ޠާހިރުވުމަށް ފަހުގައި ވާކަމެއްނަމަ، ފަހެ އެއީ ޙައިޟެއް ނޫނެވެ. އެހެނީ އެ ތެތްކަމުގައި އެންމެ ބޮޑަށްވެސް ވާ ޙާލަތަކީ، ރީނދޫކަމާއި ކިސަޑުކަމާ ގުޅުވާލުމެވެ. އަދި މިއީ އޭގެ ޙުކުމެވެ.
ހަތަރުވަނަ ފަޞްލު: ޙައިޟާ ބެހޭ ޙުކުމްތައް
ވިއްސަށްވުރެވެސް އިތުރުވާ ގިނަ ޙުކުމްތަކެއް ޙައިޟަށް ވެއެވެ. އަހަރުމެން އޭގެ ތެރެއިން ގިނައިން ޙާޖަތްޖެހޭކަމަށް ފެންނަ ޙުކުމްތައް ޛިކުރުކޮށްލާނަމެވެ. ފަހެ އެގޮތުން އޭގެ ތެރޭގައި ވެއެވެ:
ފުރަތަމައީ: ނަމާދެވެ. ފަހެ އެގޮތުން ޙައިޟުވެރިޔާގެ މައްޗަށް ނަމާދުކުރުން ޙަރާމްވެގެންވެއެވެ. އެއީ ނަމާދުގެ ފަރުޟު ނަމާދުވެސް އަދި ސުންނަތް ނަމާދުވެސް މެއެވެ. އަދި އެކަނބުލޭގެ ކިބައިން އެކަން ޞައްޙަވެސް ނުވާނެއެވެ. އަދި އެފަދައިންމެ އެކަނބުލޭގެ މައްޗަށް ނަމާދުކުރުން ވާޖިބުވެސް ނުވެއެވެ. އެކަމަކު އެއީ ނަމާދުގެ ވަޤުތުން ފުރިހަމަ ރަކްޢަތެއް ކުރެވޭނެހާ ވަޤުތު (ޙައިޟުނުވެ ހުއްޓާ ނުވަތަ ޙައިޟުން ޠާހިރުވެފައި ހުއްޓާ) ލިބިއްޖެއްޔާ މެނުވީއެވެ. އެހިނދުން އެ ނަމާދުކުރުން އެކަނބުލޭގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެއީ ވަޤުތުގެ ކުރީކޮޅުން ނުވަތަ ފަހުކޮޅުން ލިބުނަސްމެއެވެ.
އޭގެ ކުރީކޮޅުން ލިބުމުގެ މިޘާލަކީ: އިރުއޮއްސި، އެއްރަކްޢަތް ކުރެވޭނެހާ ވަޤުތު ލިބުމަށް ފަހު ޙައިޟުވީ އަންހެނެކެވެ. ފަހެ އެކަނބުލޭގެ ޙައިޟު ރަނގަޅުވެ ޠާހިރުވުމުން، މަޣުރިބު ނަމާދު ޤަޟާކުރަން ޖެހޭނެއެވެ. އެހެނީ އެކަނބުލޭގެ ޙައިޟުވުމުގެ ކުރިން، އެ ނަމާދުގެ ވަޤުތުން ރަކުޢަތެއް ކުރާނޭ ވަޤުތު ލިބިފައިވީތީއެވެ.
އަދި އޭގެ ފަހުކޮޅުން ލިބުމުގެ މިޘާލަކީ: އިރުއެރުމުގެ ކުރިން، އެއްރަކްޢަތް ކުރެވޭނެހާ ވަޤުތު އޮއްވާ ޙައިޟު ރަނގަޅުވެ ޠާހިރުވި އަންހެނެކެވެ. ދެންފަހެ އެކަނބުލޭގެ ޠާހިރުވާހިނދުން، ފަތިސް ނަމާދު ޤަޟާކުރުން ވާޖިބުވެގެންވެއެވެ. އެހެނީ އެ ނަމާދުގެ ވަޤުތުން އެއްރަކްޢަތް އަދާކުރުމަށް ތަނަވަސް ވަޤުތުކޮޅެއް އެކަނބުލޭގެއަށް ލިބިފައިވީތީއެވެ.
ދެންފަހެ ފުރިހަމަ ރަކްޢަތެއް ކުރުމަށް ތަނަވަސްވާ ވަޤުތުކޮޅެއް ޙައިޟުވެރިޔާއަށް ނުލިބޭނަމަ، މިޘާލަކަށް ފުރަތަމަ ދިޔަ މިޘާލުގައި: އިރުއޮއްސުނުތާ ހަމަ އިރުކޮޅެއްވިތަނާ ޙައިޟުވެއްޖެނަމަ، ނުވަތަ ދެވަނަ މިޘާލުގައި، އިރުއެރުމުގެ ހިނދުކޮޅެއް ކުރިން ޠާހިރުވެއްޖެނަމަ؛ ފަހެ އެ އަންހެނާގެ މައްޗަށް ނަމާދު ވާޖިބުވެގެން ނުވެއެވެ. އެއީ ނަބީ ﷺ ގެ ބަސްފުޅަށްޓަކައެވެ:
«مَنْ أَدْرَكَ رَكْعَةً مِنَ الصَّلَاةِ فَقَدْ أَدْرَكَ الصَّلَاةَ».
"ނަމާދުން ރަކްޢަތެއް މީހަކަށް ލިބިއްޖެނަމަ، ފަހެ ހަމަގައިމު އެނަމާދު އޭނާއަށް ލިބިއްޖެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)31. ފަހެ އޭގެ އިދިކޮޅު މަފުހޫމަކީ، އެއްރަކުޢަތަށްވުރެ މަދުން ލިބިއްޖެ މީހަކަށް، ނަމާދު ލިބުނު މީހެއް ކަމުގައި ނުވާނޭކަމެވެ.
އަދި ޢަޞްރު ނަމާދުގެ ވަޤުތުން ރަކްޢަތެއް ކުރެވޭ މިންވަރު އެކަނބުލޭގެއަށް ލިބިއްޖެނަމަ، ދެންފަހެ ޢަޞްރު ނަމާދާއެކު މެންދުރު ނަމާދުކުރުންވެސް އެކަނބުލޭގެއަށް ވާޖިބުވާނޭހެއްޔެވެ؟ ނުވަތަ ޢިޝާ ނަމާދު ވަޤުތުން ރަކްޢަތެއް ކުރެވޭނެހާ މިންވަރު އެކަނބުލޭގެއަށް ލިބިއްޖެނަމަ، ޢިޝާ ނަމާދާއެކު މަޣުރިބު ނަމާދުކުރުންވެސް އެކަނބުލޭގެއަށް ވާޖިބުވާނޭހެއްޔެވެ؟
މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްވެއެވެ. އަދި ރަނގަޅު ބަހަކީ: އެ ނަމާދެއްގެ ވަޤުތު ލައްވާލި ނަމާދެއް ކުރުން މެނުވީ އެކަނބުލޭގެ މައްޗަށް ވާޖިބުވެގެން ނުވުމެވެ. އަދި އެއީ (ދެންމެ ދިޔަ މިޘާލުގައި) ޢަޞްރު ނަމާދު އަދި ޢިޝާ ނަމާދު ފަހު ވަޤުތު އެކަންޏެވެ. އެއީ ނަބީ ﷺ ގެ ޙަދީޘަށްޓަކައެވެ:
«مَنْ أَدْرَكَ رَكْعَةً مِنَ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ».
"އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިގަނެއްޖެ މީހާ، ފަހެ ގައިމު ޢަޞްރު ނަމާދު އޭނާއަށް ލިބިއްޖެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)32. އޭނާއަށް މެންދުރާއި ޢަޞްރު ލިބިއްޖެކަަމަށް ނަބީ ﷺ ޙަދީޘް ނުކުރައްވައެވެ.
އަދި އޭނާގެ މައްޗަށް މެންދުރު ނަމާދު ވާޖިބުވެގެންވާނޭކަމަށް އެކަލޭގެފާނު ޛިކުރު ނުކުރައްވައެވެ. އަދި އަޞްލަކީ ޒިއްމާ ބަރީއަވެގެންވުމެވެ. އަދި މިއީ އަބޫ ޙަނީފާ އާއި މާލިކުގެވެސް މަޛްހަބެވެ. ޝަރްޙުލް-މުހައްޛަބުގައި އެ ދެބޭފުޅުންގެ ކިބައިން މިހެން ގެނެސްފައިވެއެވެ.33.
ދެންފަހެ ޛިކުރުކުރުމާއި، ތަކްބީރު ކިޔުމާއި، ތަސްބީޙަ ކިޔުމާއި، ޙަމްދުކުރުމާއި، ކެއުމުގެ ކުރިން އަދި އެހެން ކަންކަމުގައި ބިސްމި ކިޔުމާއި، ޙަދީޘާއި ފިޤްހު ކިޔުމާއި، ދުޢާކުރުމާއި، ދުޢާއަށް އާމީން ކިޔުމާއި، އަދި ޤުރްއާން އަޑުއެހުން، ފަހެ މިއިން އެއްވެސް ކަމެއް އެކަނބުލޭގެ މައްޗަށް ޙަރާމްވެގެން ނުވެއެވެ. ފަހެ ގައިމު ދެ ޞަޙީޙުގައާއި އަދި އެހެން ފޮތްތަކުގައި ޘާބިތުވެގެންވާ ގޮތުގައި:
«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَتَّكِئُ فِي حِجْرِ عَائِشَةَ رَضِيَ اللهُ عَنْهَا وَهِيَ حَائِضٌ فَيَقْرَأُ الْقُرْآنَ».
"ހަމަކަށަވަރުން ނަބީ ﷺ، ޢާއިޝާ رضي الله عنها ޙައިޟުވެފައި ހުންނަވަނިކޮށް އެކަނބުލޭގެ އުނގުފުޅުގައި، އެކަލޭގެފާނުގެ އިސްތަށިފުޅު ބާއްވަވާއިގެން އޮންނަވާ ފަހެ އެކަލޭގެފާނު ޤުރްއާން ކިޔަވާ ވިދާޅުވެއެވެ."34.
އަދިވެސް ދެ ޞަޙީޙުގައި، އުއްމު ޢަޠިއްޔާ رضي الله عنها ގެ އަރިހުންވެއެވެ: ނަބީ ﷺ ޙަދީޘްކުރައްވަނިކޮށް އެކަމަނާ އަޑުއެއްސެވިއެވެ:
«يَخْرُجُ الْعَوَاتِقُ وَذَوَاتُ الْخُدُورِ وَالْحُيَّضُ -يَعْنِي: إِلَى صَلَاةِ الْعِيدَيْنِ- وَلْيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُؤْمِنِينَ، وَيَعْتَزِلُ الْحُيَّضُ الْمُصَلَّى».
"ޒުވާންފުރައިގެ އަންހެނުންނާއި، ގެތަކުގައި ފޮރުވިގެން ތިބޭ އަންހެނުންނާއި، ޙައިޟުވެފައިވާ އަންހެނުންވެސް ނިކުންނަހުއްޓެވެ. -އެބަހީ: ދެ ޢީދު ނަމާދަށެވެ.- އަދި ހެޔޮކަމާއި، މުއުމިނުންގެ ދުޢާގައި އެކަނބަލުން ބައިވެރިވާ ހުއްޓެވެ. އަދި ޙައިޟުވެފައި ތިބި އަންހެނުން ނަމާދުކުރާތަނުން އެއްކިބާވާހުށްޓެވެ."35
ދެންފަހެ ޙައިޟުވެރިޔާ އަމިއްލައަށް ޤުރްއާން ކިޔެވުމުގެ މައްސަލައަށް ބަލާއިރު، ދުލުން ކިޔުމެއްނެތި ހަމައެކަނި ލޮލުން ބަލައިގެން ނުވަތަ ހިތުން ވިސްނައިގެންނަމަ، ފަހެ އެކަމުގައި މައްސަލައެއް ނެތެވެ. އެއީ މިޘާލަކަށް މުޞްޙަފު ނުވަތަ ވޮށުފިލާ ބާއްވައިގެން، ދެން އެކަނބުލޭގެ އާޔަތްތަކަށް ބަލަން އިނދެ، އަދި ހިތުން އެތަކެތި ކިޔެވުމެވެ. އައްނަވަވީ ޝަރްޙުލް މުހައްޛަބުގައި ވިދާޅުވިއެވެ: "އެއީ އެއްވެސް ޚިލާފެއްނެތި ހުއްދަކަމެކެވެ."36.
ދެންފަހެ އެއީ ދޫ ޙަރަކާތްކޮށްގެން ކިޔުންނަމަ، ފަހެ ޖުމްހޫރު ޢިލްމުވެރިން ދެކިލައްވަނީ އެކަން މަނާވެގެންވާކަމަށާއި އަދި ހުއްދަވެގެން ނުވާކަމަށެވެ. އަދި އަލް-ބުޚާރީ37، އަދި އިބްނު ޖަރީރު އައް-ޠަބަރީ38، އަދި އިބްނުލް-މުންޛިރު39 ވިދާޅުވިއެވެ: "އެކަން ހުއްދަވެގެންވެއެވެ."
އަދި މާލިކުގެ އަރިހުންނާއި، އަދި އައް-ޝާފިޢީގެ ކުރީގެ ޤަޥްލުގައި އެކަލޭގެފާނުގެ އަރިހުންވެސް އެ ރައުޔު ކިޔާދެވުނެވެ.40 އެ ދެބޭކަލުންގެ އަރިހުން ފަތުޙުލް-ބާރީގައި އެގޮތަށް ކިޔާދެއްވިއެވެ.41.
އަދި އަލް-ބުޚާރީ މުޢައްލަޤުކޮށް އިބްރާހީމު އައް-ނަޚަޢީ ވިދާޅުވިކަމަށް ގެންނެވިއެވެ: "އެކަނބުލޭގެ އާޔަތެއް ކިޔަވާލުން މައްސަލައެއް ނޫނެވެ."42.
އިބްނު ޤާސިމުގެ މަޖްމޫޢުގައި، ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: "އެކަނބުލޭގެ ޤުރްއާން ކިޔެވުން މަނާކުރުމުގައި، ސުންނަތުން އެއްވެސް އަޞްލެއް އައިސްފައި ނުވެއެވެ. ދެންފަހެ އެކަލޭގެފާނުގެ ޙަދީޘްފުޅު:
«لَا تَقْرَأُ الحَائِضُ وَلَا الجُنُبُ شَيْئًا مِنَ الْقُرْآنِ».
"ޙައިޟުވެރިޔާ އަދި ޖުނުބުވެރިޔާ ޤުރްއާނުން އެއްޗެއް ނުކިޔަވާހުށިކަމެވެ."43 މި ޙަދީޘަކީ ޙަދީޘްގެ ކަންކަން ދަންނަ އަހުލުވެރިންގެ އިއްތިފާޤުން ބަލިކަށިވެގެންވާ ޙަދީޘެކެވެ.44.
ނަބީ ﷺ ގެ ދުވަސްވަރުގައި އަންހެންތަކުން ޙައިޟުވަމުން ދިޔައެވެ. ދެންފަހެ ނަމާދު ފަދައިން ޤުރްއާން ކިޔެވުން އެ އަންހެންތަކުންގެ މައްޗަށް ޙަރާމްވެގެންވާނަމަ، ނަބީ ﷺ މިކަން އެކަލޭގެފާނުގެ އުއްމަތަށް ބަޔާންކޮދެއްވާ، އަދި އުއްމަހާތުލް މުއުމިނީން އެކަން އުނގެނިވަޑައިގަތީހެވެ. އަދި މީސްތަކުންގެ ތެރޭގައިި އެބަސްފުޅު ނަޤުލުކޮށް ފެތުރިގެންވީހެވެ. ދެންފަހެ ނަބީ ﷺ ގެ އަރިހުން އެކަން ނަހީވެގެންވާ ބަސްފުޅެއް އެކަކުވެސް ނަޤުލުކޮށްފައި ނެތްހިނދު، ދެން އެކަލޭގެފާނު އެކަން ނަހީނުކުރައްވާކަން އެނގިގެންވުމާއެކު އެކަން ޙަރާމްކަމުގައި ހެދުން ހުއްދަވެގެން ނުވެއެވެ. އަދި އެކަލޭގެފާނުގެ ޒަމާނުގައި ޙައިޟުވުން ގިނަވެގެންވުމާއެކު، އެކަން ނަހީކުރައްވާފައި ނެތުމުން، އެނގިގެންދަނީ އެކަން ޙަރާމްވެގެންނުވާ ކަމެވެ."45 އހ.
އަދި ޢިލްމުގެ އަހުލުވެރިން މިކަމުގައި ދެބަސްވެގެންވާކަން އަހަރުމެންނަށް އެނގުމަށްފަހު، ދެން ބުނަން އެކަށީގެންވާ ގޮތަކީ: އެންމެ އަޥްލާވެގެންވަނީ، އެކަމަށް ޙާޖަތް ޖެހިއްޖެނަމަ މެނުވީ ޙައިޟުވެރިޔާ ދުލުން ޤުރްއާން ނުކިޔެވުމެވެ. އެއީ މިޘާލަކަށް އެކަނބުލޭގެ މުދައްރިސެއްކަމުގައި ވެފައި، ދެން ކިޔަވާކުދިންނަށް ލައިދޭން ޖެހުން، ނުވަތަ ޓެސްޓުހަދަން ޖެހޭ ޙާލަތުގައި، ކިޔަވާކުއްޖާ ޓެސްޓު ހެދުމަށްޓަކައި ޤުރްއާން ކިޔަވަންޖެހުމާ އެފަދަ ޙާލަތްތަކުގައެވެ.
ދެވަނައީ: ރޯދައެވެ. އެގޮތުން ޙައިޟުވެރިޔާ ރޯދަހިފުން، ފަރުޟު ރޯދަވެސް އަދި ސުންނަތް ރޯދަ ހިފުންވެސް ޙަރާމްވެގެންވެއެވެ. އަދި އެކަނބުލޭގެ ކިބައިން ރޯދަ ޞައްޙަވެސް ނުވާނެއެވެ. ނަމަވެސް ފަރުޟު ރޯދަ ޤަޟާކުރުން އެކަަނބުލޭގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައެވެ:
"كَانَ يُصِيبُنَا ذَلِكَ -تَعْنِي: الْحَيْضَ- فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ".
"އަހަރުމެންނަށް އެކަންތައް -އެބަހީ: ޙައިޟު- ލައިގަނެއެވެ. ދެންފަހެ އަހަރުމެންނަށް އަމުރުކުރެވެނީ ރޯދަ ޤަޟާކުރުމަށެވެ. ނަމާދު ޤަޟާކުރަން އަހަރުމެންނަށް އަމުރުނުވެވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)46.
އަދި ރޯދަ ހިފައިގެން ހުއްޓާ ޙައިޟުވެއްޖެނަމަ، އެ ރޯދަ ބާޠިލުވެއެވެ. އެއީ އިރުއޮއްސުމުގެ ކުޑަ އިރުކޮޅެއް ކުރިންވިޔަސްމެއެވެ. އަދި އެއީ ފަރުޟު ރޯދައެއްނަމަ، އެ ރޯދަ ޤަޟާކުރުން އެކަނބުލޭގެ މައްޗަށް ވާޖިބުވެގެންވެއެވެ. ދެންފަހެ އިރުއޮއްސުމުގެ ކުރިން (މައްސަރުކަންތައް ފެށެން އުޅޭކަމަށް) ޙައިޟުގެ ލޭ ޙަރަކާތް ކުރާގޮތަށް އިޙްސާސް ކުރެވުނު ނަމަވެސް، ލޭ ނިކުތީ އިރު އޮއްސުމަށްފަހުގައިކަމުގައި ވެއްޖެނަމަ، ފަހެ އެކަނބުލޭގެ ރޯދަ ފުރިހަމަވެގެންެވެއެވެ. އަދި ޞައްޙަ ބުނުމުގެ މައްޗަށް އެ ރޯދަ ބާޠިލުނުވެއެވެ. އެހެނީ ބަނޑު އެތެރޭގައިވާ ލެޔަކަށް އެއްވެސް ޙުކުމެއް ނުވެތެވެ.
އަދި އެހެނީ އަންހެނަކަށް ނިދީގައި ފިރިހެނަކަށް ދިމާވާގޮތަށް (އިޙުތިލާމުގެ) ހުވަފެނެއް ފެނުމުން ހިނައިގަންނަން ޖެހޭނެތޯ ނަބީ ﷺ ގެ އަރިހުން ސުވާލުކުރެވުމުން،
قَالَ: «نَعَمْ إِذَا هِيَ رَأَتِ الْمَاءَ».
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އާނއެކެވެ. އެކަނބުލޭގެއަށް ފެން (އެބަހީ: މަނި) ފެނިއްޖެނަމައެވެ."47 ފަހެ އެކަލޭގެފާނު އެ ޙުކުމް ގުޅުވާލެއްވީ މަނި ފެނުމާއެވެ. މަނި (އެތެރޭގައި ނުނިކުމެ) ޙަރަކާތްކުރުމަކަށް ނޫނެވެ. ފަހެ އެފަދައިންމެ ޙައިޟުވެސް، އެލޭ ބޭރުވެ ފެނުމުން ނޫނީ އޭގެ ޙުކުމްތައް ޘާބިތު ނުވެއެވެ. އެލޭ އެތެރޭގައި ޙަރަކާތް ކުރުމަކުންނެއް ނޫނެވެ.
އަދި ފަތިސްވިއިރު އެކަނބުލޭގެ ޙައިޟުގެ ޙާލަތުގައި ހުރިނަމަ، އެ ދުވަހުގެ ރޯދަ އެކަނބުލޭގެ ކިބައިން ޞައްހަވެގެން ނުވެއެވެ. ފަތިސްވިތާ އިރުކޮޅެއް ފަހުން ޠާހިރުވިޔަސް މެއެވެ.
އަދި ފަތިސްވުމުގެ އިރުކޮޅެއްކުރި އެކަނބުލޭގެ ޠާހިރުވެ، ދެން ރޯދައަށް ހުރިނަމަ، އެކަނބުލޭގެ ރޯދަ ޞައްޙަވެގެންވެއެވެ. އަދި އެއީ ހިނައިގަތީ ފަތިސް ފަހުންކަމުގައި ވިޔަސްމެއެވެ. އެއީ ޖުނުބުވެރިޔާވެސް ޖުނުބުގެ ޙާލަތުގައި ހުރެ ރޯދަ ހިފަން ނިޔަތްގަނެ، އެކަމަކު ހިނައިގަތީ ފަތިސް ފަހުންކަމުގައިވިޔަސް ފަހެ އޭނާގެ ރޯދަ ޞައްޙަވާ ގޮތަށެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައެވެ. އެކަމަނާ ވިދާޅުވިއެވެ:
"كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصْبِحُ جُنُبًا مِنْ جِمَاعٍ غَيْرِ احْتِلَامٍ ثُمَّ يَصُومُ فِي رَمَضَانَ".
"ނަބީ ﷺ އިޙްތިލާމުވުމެއް ނެތި، ޖިމާޢުވުމުގެ ސަބަބުން ޖުނުބުގެ ޙާލަތުގައި ހުންނަވަނިކޮށް ފަތިސްވެއެވެ. ދެން އެކަލޭގެފާނު ރަމަޟާންމަހުގެ ރޯދަ ހިއްޕަވައެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)48.
ތިންވަނަ ޙުކުމް: ގެފުޅު ވަށައިގެން ޠަވާފުކުރުމެވެ: ފަހެ ގެފުޅު ވަށައިގެން ޠަވާފުކުރުން، ފަރުޟު ޠަވާފެއްވިޔަސް ސުންނަތް ޠަވާފެއްވިޔަސް އެކަނބުލޭގެ މައްޗަށް ޙަރާމްވެގެންވެއެވެ. އަދި އެކަނބުލޭގެ ކިބައިން ޞައްޙަވެސް ނުވާނެއެވެ. ދެންފަހެ ޙައްޖާއި ޢުމްރާގެ މަނާސިކުތަކުން އެހެން ކަންކަމާ މެދުގައި ދަންނައެވެ: ޞަފާއާއި މަރްވާއާ ދެމެދު ސަޢުޔުކުރުމާއި، ޢަރަފާތުގައި މަޑުކުރުމާއި، މުޒްދަލިފާ އާއި މިނާގައި ރޭކުރުމާއި، ޖަމްރާތަކަށް ހިލައުކުމާއި އެނޫންވެސް ކަންކަން އެކަނބުލޭގެ މައްޗަށް ޙަރާމްވެގެން ނުވެއެވެ. އެއީ ޢާއިޝާ ޙައިޟުވިހިނދު، އެކަމަނާއަށް ނަބީ ﷺ ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ:
«افْعَلِي مَا يَفْعَلُ الْحَاجُّ غَيْرَ أَلَّا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي».
"ޙައްޖުވެރިޔާ ކުރާ ކަންތައް ކަމަނާވެސް ކުރާށެވެ. ނަމަވެސް ކަމަނާ ޠާހިރުވެއްޖައުމަށް ދާންދެން ގެފުޅު ވަށާ ޠަވާފު ނުކުރާހުށިކަމެވެ."49.
އަދި މިކަމުގެ މައްޗަށް ބިނާކޮށް، އަންހެނަކު ޠާހިރުވެގެން ހުރެ ޠަވާފުކޮށްފައި، ދެން ހަމަ ޠަވާފުކޮށް ނިމުނުތަނާ، ނުވަތަ ސަޢުޔުކުރަނިކޮށް ޙައިޟުގެ ލޭ ނިކުމެއްޖެނަމަ، ފަހެ އެކަމުގައި މައްސަލައެއް ނެތެވެ.
ހަތަރުވަނަ ޙުކުމް: ޙައިޟުވެރިޔާގެ ކިބައިން ޠަވާފުލް ވަދާޢު ވެއްޓުމެވެ: އެގޮތުން އަންހެނާ ޙައްޖާއި ޢުމްރާގެ މަނާސިކުތައް ފުރިހަމަކޮށްފައި ހުއްޓާ، ދެން އެކަނބުލޭގެ ޤައުމަށް ދާން ނިކުތުމުގެ ކުރިން ޙައިޟުވެއްޖެނަމަ، އަދި ނިކުންނަންދެންވެސް ޙައިޟުވުން ދެމިގެންވިނަމަ، ދެން ވަދާޢީ ޠަވާފުކުރުމެއްނެތި އެކަނބުލޭގެ ނިކުންނާނީއެވެ. އެއީ އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘަށްޓަކައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:
"أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إِلَّا أَنَّهُ خُفِّفَ عَنِ الْمَرْأَةِ الْحَائِضِ".
"މީސްތަކުން (ޙައްޖުވެރިން) އެންމެ ފަހުން ކުރާ ކަމަކީ ގެފުޅުގައި ޠަވާފުކުރުންކަމުގައި ހެދުމަށް އަމުރުވެވިގެންވެއެވެ. އެހެނަސް ޙައިޟުވެފައިވާ އަންހެނާއަށް އެކަމުގެ ލުއި ދެއްވުނެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)50.
އަދި ޙައިޟުވެރިޔާ ޙަރަމްފުޅުގެ ދޮރުމައްޗަށް އައިސް އަލްވަދާޢު ކިޔަންވެގެން ދުޢާކުރުމަކީ މުސްތަޙައްބު ކަމެއް ނޫނެވެ. އެހެނީ އެއީ ނަބީ ﷺ ގެ އަރިހުން ވާރިދުވެފައިވާ ކަމެއް ނޫނެވެ. އަޅުކަންތައް ބިނާ ކުރެވެނީ ވާރިދުވެފައިވާ އެއްޗެއްގެ މައްޗަށެވެ. ކިއެއްތަ، ނަބީ ﷺ ގެ އަރިހުން ވާރިދުވެގެންވާ ގޮތް ނިޔާކުރަނީ އެއާ ޚިލާފަށެވެ. އެގޮތުން ޞަފިއްޔާ رضي الله عنها ޠަވާފުލް އިފާޟާ ކުރެއްވުމަށްފަހު ޙައިޟުވި ވާހަކާގައި، ނަބީ ﷺ އެކަމަނާއަށް ޙަދީޘްކުރެއްވިއެވެ:
«فَلْتَنْفِرْ إِذَنْ».
"ދެން އެހެންކަމަށްވާނަމަ ދަތުރަށް ފުރާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)51.
އަދި މިސްކިތުގެ ދޮރުމައްޗަށް ދިޔުމަށް އެކަލޭގެފާނު އަމުރު ނުކުރައްވައެވެ. އެއީ ޝަރުޢުވެގެންވާ ކަމެއްނަމަ، އެކަލޭގެފާނު އެކަން ބަޔާންކޮށްދެއްވީހެވެ. ދެންފަހެ ޙައްޖާއި ޢުމްރާގެ ޠަވާފު ފަހެ އެކަނބުލޭގެ ކިބައިން ނުވެއްޓޭނެއެވެ. ކިއެއްތަ، ޙައިޟުން ޠާހިރުވުމުން، ޠަވާފުކުރަން ޖެހޭނެއެވެ.
ފަސްވަނަ ޙުކުމް: މިސްކިތުގައި މަޑުކުރުމެވެ: އެގޮތުން ޙައިޟުވެރިޔާ މިސްކިތުގައި މަޑުކުރުން ޙަރާމްވެގެންވެއެވެ. އަދި ޢީދު ނަމާދުކުރާ މައިދާނުގައިވެސް މަޑުކުރުން ޙަރާމްވެގެންވެއެވެ. އެއީ އުއްމު ޢަޠިއްޔާ رضي الله عنها ގެ ޙަދީޘަށްޓަކައެވެ: ނަބީ ﷺ ޙަދީޘްކުރައްވަނިކޮށް އެކަމަނާ އަޑުއެއްސެވިއެވެ:
«يَخْرُجُ الْعَوَاتِقُ وَذَوَاتُ الْخُدُورِ وَالْحُيَّضُ».
"ޒުވާންފުރައިގެ އަންހެނުންނާއި، ގެތަކުގައި ފޮރުވިގެން ތިބޭ އަންހެނުންނާއި، ޙައިޟުވެފައިވާ އަންހެނުންވެސް (ޢީދު ނަމާދަށް) ނުކުންނަހުއްޓެވެ." އަދި އެ ޙަދީޘްގައިވެއެވެ:
«يَعْتَزِلُ الْحُيَّضُ الْمُصَلَّى».
"ޙައިޟުވެރިން، ނަމާދުކުރާ ތަނުން އެއްކިބާވާހުށިކަމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)52.
ހަވަނަ ޙުކުމް: ޖިމާޢުވުމެވެ: އެގޮތުން އެކަނބުލޭގެ ފިރިމީހާ އެކަނބުލޭއާ ޖިމާޢުވުން ޙަރާމްވެގެންވެއެވެ. އަދި އޭނާއަށް އެކަން ކުރުމަށް ފުރުޞަތު ދިނުމަކީވެސް އެކަނބުލޭގެއަށް ޙަރާމްވެގެންވާ ކަމެކެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައެވެ:
﴿وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى فَٱعۡتَزِلُواْ ٱلنِّسَآءَ فِي ٱلۡمَحِيضِ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَ...﴾
މާނައީ: "އަދި ޙައިޟާމެދު، ކަލޭގެފާނާ އެ މީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އުނދަގޫ ތުރާ ހުރި ކަމެކެވެ. ފަހެ ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ. (އެބަހީ: ޖިމާއު ނުވާށެވެ.) އަދި އެ ކަނބަލުން ހިނައި ޠާހިރު ވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެ ކަނބަލުންނާ ގާތްނުވާށެވެ..." [އަލް-ބަޤަރާ :222]. އެ އާޔަތުގައިވާ އަލް-މަޙީޟްގެ ގެ މުރާދަކީ: ޙައިޟުވާ ދުވަސްވަރާއި އަދި ޙައިޟުއަންނަ ތަނެވެ. އަދި އެއީ ފަރުޖެވެ. އަދި ނަބީ ﷺ ގެ މިބަސްފުޅަށްޓަކައެވެ:
«اصْنَعُوا كُلَّ شَيْءٍ إِلَّا النِّكَاحَ».
"ނިކާޙުކުރުން ފިޔަވައި ކޮންމެކަމެއްވެެސް (ޙައިޟުގެ ދުވަސްވަރުގައި) ތިޔަބައިމީހުން ކުރާށެވެ." އެބަހީ: ޖިމާޢުވުމެވެ. މި ޙަދީޘް ރިވާކުރެއްވީ މުސްލިމެވެ.53. އަދި އެހެނީ ޙައިޟުވެރިޔާގެ ފަރުޖަށް ޖިމާޢުވުން ޙަރާމްކަމުގެ މައްޗަށް މުސްލިމުން އިޖުމާޢުވެފައިވެއެވެ.
ފަހެ އެހެންކަމުން، ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކު، ﷲ ތަޢާލާގެ ފޮތާއި އެއިލާހުގެ ރަސޫލު ﷺ ގެ ސުންނަތާއި، އިޖްމާޢުން އެކަން ކުރުން މަނާވެގެންވާކަަމަށް ދަލީލުކޮށްފައިވާ މި ނުބައި މުންކަރާތުގެ މައްޗަށް އަރައިގަތުން ހުއްދަވެގެން ނުވެއެވެ. ފަހެ އެހާރުން އޭނާ ވާހުށީ ﷲ އާއި އެއިލާހުގެ ރަސޫލުއާ ޚިލާފުވެ ދެކޮޅުހަދާ، އަދި މުއުމިނުންގެ މަގު ފިޔަވައި އެހެން މަގަކަށް ތަބަޢަވި މީހެއްކަމުގައެވެ. އަލް-މަޖްމޫޢު ޝަރްޙުލް-މުހައްޛަބުގައި (ޞ: 374، މުޖައްލަދު: 2) ގައި ވިދާޅުވެފައިވެއެވެ. އައް-ޝާފިޢީ رحمه الله ވިދާޅުވިއެވެ: "އެކަން ކޮށްފި މީހާ އެވަނީ ބޮޑުވެގެންވާ ފާފައެއް ގެނެސްފައެވެ."
އަހަރުމެންގެ މަޛްހަބުގެ ބޭފުޅުންނާއި އެހެން ބޭފުޅުން ވިދާޅުވިއެވެ: "ޙައިޟުވެރިޔާއާ ޖިމާޢުވުން ހުއްދަކޮށް ޙަލާލުކޮށްފި މީހާ ކާފަރުވެއްޖެކަމަށް ޙުކުމް ކުރެވޭނެތެވެ."އހ. އައް-ނަވަވީގެ ބަސް ނިމުނީއެވެ.
އަދި ގައިމު ﷲ އަށް ޙަމްދުހުއްޓެވެ. ފިރިހެނާގެ ޝަހުވަތްތެރިކަން ފިނިކޮށްލުމަށްޓަކައި، ޖިމާޢުވުން ފިޔަވައި އެހެން ކަންކަންކުރުން، މިޘާލަކަށް: ބޮސްދިނުމާއި، ބައްދާލުމާއި، ފަރުޖު ނޫން އެހެން ތަންތަނުގައި ބީހުން ފަދަ ކަންކަން ކުރުން ހުއްދަވިއެވެ. ނަމަވެސް އެންމެ އަޥްލާވެގެންވަނީ ފޫޅާއި ކަކުލާއި ދެމެދުގައިވާ ޙިސާބުގައި ހުރަހެއްނެތި ނުބީހުމެވެ. އެއީ ޢާއިޝާ رضي الله عنها ގެ ބަސްފުޅަށްޓަކައެވެ:
"كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُنِي فَأَتَّزِرُ فَيُبَاشِرُنِي وَأَنَا حَائِضٌ".
"ނަބީ ﷺ އަހަރެން އިޒާރެއް ލުމަށް އަމުރުކުރެއްވުމުން، ދެން އަހަރެން ތިރިން އެއްޗެއް އަނދެލީމާ، އަހަރެން ޙައިޟުވެފައި ހުއްޓާ އެކަލޭގެފާނު އަހަރެންގެ ހަށިގަނޑު ބީހިވަޑައިގަންނަވައެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)54،
އެހެނީ ޙައިޟުގެ ޙާލަތުގައި އެކަނބުލޭގެ ވަރިކޮށްލައިފިނަމަ، ޢިއްދައާ ކުރިމަތިވާ ގޮތަކަށް ނުވާނެއެވެ. އެހެނީ އެކަނބުލޭގެ ވަރިކުރެވުނު ޙައިޟު، ޢިއްދާގެ ތެރޭގައި ނުގުނޭނެތީއެވެ. އަދި އެކަނބުލޭގެ ޙައިޟުން ޠާހިރުވެގެން ހުއްޓާ ޖިމާޢުވުމަށްފަހު ވަރިކޮށްފިނަމަވެސް، ދެން އެކަނބުލޭގެ ކުރިމަތިލާ ޢިއްދަ އެނގިގެންނުވެއެވެ. އެހެނީ އެ ޖިމާޢުވުމުގެ ސަބަބުން އެކަނބުލޭގެ ބަލިވެއިނދެ، ދެން ބަލިވެއިންނަ މީހާގެ ޢިއްދަ ބަލަންވީތޯ، ނުވަތަ ބަލިވެނުއިނުމުން ޙައިޟުން ޢިއްދަ ބަލަންވީތޯއެއް ނޭނގެއެވެ. އެހެންކަމުން މަޑުކުރަންޖެހޭ ޢިއްދައިގެ ބާވަތާމެދު ޔަޤީންކަމެއް އޭރުން ނުލިބޭނެތީވެ، ކަންތައް ސާފުކޮށް ވަންދެން އެ ޙާލަތުގައި ވަރިކުރުން ޙަރާމްވެގެންވިއެވެ.
ހަތްވަނަ ޙުކުމް: ވަރިކުރުމެވެ: ޙައިޟުވެފައިވާ އަންހެނާ ޙައިޟުގެ ޙާލަތުގައި ވަރިކުރުން ފިރިމީހާގެ މައްޗަށް ޙަރާމްވެގެންވެއެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައެވެ:
﴿يَاأَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ...﴾
މާނައީ: "އޭ ނަބިއްޔެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ!..." [އައް-ޠަލާޤު:1] އެބަހީ: ވަރިކުރާއިރު އެނގިގެންވާނޭ ޢިއްދައަކަށް ކުރިމަތިލާންޖެހޭ ގޮތަށްވާ ޙާލަތެއްގައި ވަރިކުރާށެވެ. އެގޮތަށް އެކަންވާނީ އެކަނބުލޭގެ މާބަނޑުވެފައި އިންދާ ވަރިކޮށްފިނަމަ، ނުވަތަ ޠާހިރުވެފައި ހުއްޓާ ޖިމާޢުވުމެއްނެތި ވަރިކޮށްފިނަމައެވެ.
ފަހެ ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރު ވަރިކުރުމަކީ އިސްވެދިޔަ އާޔަތަށްޓަކައި ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއީ ދެ ޞަޙީޙުއާއި އެހެން ފޮތްތަކުގައި ޘާބިތުވެގެންވާ، އިބްނު ޢުމަރުގެ ޙަދީޘަށްޓަކައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ޙައިޟުވެފައި ވަނިކޮށް ވަރިކުރެއްވިއެވެ. ދެން ޢުމަރުގެފާނު އެ ޚަބަރު ނަބީ ﷺ އަށް ދެއްވުމުން، އެކަމާމެދު ﷲ ގެ ރަސޫލު ﷺ ކޯފާއިސްކުރައްވާ ޙަދީޘްކުރެއްވިއެވެ:
«مُرْهُ فَلْيُرَاجِعْهَا ثُمَّ لِيُمْسِكْهَا حَتَّى تَطْهُرَ، ثُمَّ تَحِيضَ، ثُمَّ تَطْهُرَ، ثُمَّ إِنْ شَاءَ أَمْسَكَ بَعْدُ، وَإِنْ شَاءَ طَلَّقَ قَبْلَ أَنْ يَمَسَّ، فَتِلْكَ الْعِدَّةُ الَّتِي أَمَرَ اللَّهُ أَنْ تُطَلَّقَ لَهَا النِّسَاءُ».
"ފަހެ އެ އަންހެނާ އަނބުރާ ރުޖޫޢުކުރުމަށް އޭނާއަށް އަމުރުކުރާށެވެ. ދެން އެކަނބުލޭގެ ޠާހިރުވަންދެން ބަހައްޓާށެވެ. ދެން އެކަނބުލޭގެ ޙައިޟުވެފައި، ދެން ޠާހިރުވުމުން، ދެން އޭނާ ބޭނުންނަމަ، ވަރި ނުކޮށް ހިފަހައްޓަންވީއެވެ. އަދި ބޭނުންނަމަ، އެކަނބުލޭގެ ގައިގައި ބީހުމުގެ ކުރިން ވަރިކުރަންވީއެވެ. ފަހެ އަންހެންތަކުން އެ ޢިއްދައަށްވާ ގޮތަށް ވަރިކުރުމަށް ﷲ އަމުރުކުރައްވާފައިވާ ޢިއްދައަކީ އެއީއެވެ."55
ފިރިހެނަކު އޭނާގެ އަނބިމީހާ ޙައިޟުގެ ޙާލަތުގައި ހުއްޓާ ވަރިކޮށްފިނަމަ، އޭނާ ފާފަވެރިވާނެއެވެ. އަދި އޭނާގެ މައްޗަށްވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ތަޥްބާވުމެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލުގެ އަމުރުފުޅާ އެއްގޮތަށް، ޝަރުޢީ ވަރިޔަކުން އެކަނބުލޭގެ ވަރިކުރުމަށްޓަކައި އެ އަންހެނާ އަނބުރާ އޭނާގެ ބެލުމުގެ ދަށަށް ގެންދިޔުމެވެ. ދެން އެކަނބުލޭގެ އަނބުރާ ގެނައުމަށްފަހު، އެވަރި ކުރެވުނު ޙައިޟުން ރަނގަޅު ވަންދެން ބަހައްޓާފައި، ދެން އަނެއްކާ އެކަނބުލޭގެ ޙައިޟުވެފައި، ދެން ރަނގަޅުވެ ޠާހިރުވުމުން ދެން އޭނާ ބޭނުންނަމަ، ވަރިނުކޮށް ބަހައްޓަންވީއެވެ. އަދި އޭނާ ބޭނުންނަމަ، އެކަނބުލޭގެއާ ޖިމާޢުވުމުގެ ކުރިން ވަރިކުރަންވީއެވެ.
އަދި ޙައިޟުވެފައި ހުއްޓާ ވަރިކުރުން ޙަރާމްވެގެންވުމުގެ ތެރެއިން ތިން މައްސަލައެއް އިސްތިޘްނާ ކުރެވެއެވެ:
ފުރަތަމައީ: އެއީ އެ އަންހެނާއާއެކު އެކަހެރިވުމުގެ ކުރިން، ނުވަތަ ބީހުމުގެ ކުރިންނަމަ، ފަހެ އެހިނދުން އެކަނބުލޭގެ ޙައިޟުވެފައި ހުއްޓާ ވަރިކުރުމަކުން މައްސަލައެއް ނެތެވެ. އެހެނީ އެހިނދުން އެކަނބުލޭގެ މަޑުކުރަންޖެހޭ ޢިއްދައެއް ނުވެއެވެ. އެހެންކަމުން އެކަނބުލޭގެ ވަރިކުރުން ﷲ ތަޢާލާގެ ބަސްފުޅާ ޚިލާފުވެގެން ނުވެއެވެ:
﴿...فَطَلِّقُوهُنَّ لِعِدَّتِهِنَّ...﴾
މާނައީ: "...ފަހެ އެކަނބަލުންގެ ޢިއްދައަށްވާ ގޮތަށް (ޢިއްދަ ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެ ކަނބަލުން ވަރިކުރާށެވެ! ..." [އައް-ޠަލާޤު:1].
ދެވަނައީ: ޙައިޟުވެފައި ހުރީ ބަލިވެއިން ޙާލަތުގައި ކަމުގައިވާނަމައެވެ. އަދި އެކަމުގެ ސަބަބު އިސްވެ ބަޔާންވެއްޖެއެވެ.
ތިންވަނައީ: އެ ވަރިއަކީ ބަދަލެއް ދޭގޮތުގެ މައްޗަށް ބިނާވެފައިވާ ވަރިއެއްނަމައެވެ. އެހިނދުން ޙައިޟުވެފައި ހުއްޓާ އެކަނބުލޭގެ ވަރިކުރުމަކުން މައްސަލައެއް ނެތެވެ.
މިޘާލަކަށް: ދެމަފިރިންގެ ދެމެދުގައި ދެބަސްވުމާއި ދިރިއުޅުމުގެ ކަންކަން ގޯސްވެފައިވަނިކޮށް، ދެން އެ އަންހެނާ ވަރިކޮށްދޭމަތިން ފިރިމީހާއަށް ބަދަލެއްދީގެން ވަރިކުރުމެވެ. (އެބަހީ: ޚުލްޢު ވަރިއެވެ.) އެކަން ހުއްދަވެގެންވެއެވެ. އެކަނބުލޭގެ ޙައިޟުވެފައި ހުއްޓަސް ވަރިހަމައެވެ. އެއީ އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘަށްޓަކައެވެ. އެއީ ޘާބިތު ބްނު ޤައިސު ބްނު ޝައްމާސްގެ އަންހެނުން ނަބީ ﷺ ގެ އަރިހަށް އައިސް ދެންނެވިކަމަށެވެ: އޭ ﷲ ގެ ރަސޫލެވެ! އޭނާގެ ޚުލްޤާމެދު އަދި ދީންވެރިކަމާމެދުގައިވެސް ކުށްވެރިކޮށް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެހެންނަމަވެސް އިސްލާމްކަމުގައި ހުރެގެން ކުފުރުވުމަށް (ފިރިމީހާއަށް ނުކިޔަމަންތެރިވެވުމަށް) އަހަރެން ނުރުހުންވަނީއެވެ." ދެން ނަބީ ﷺ ޙަދީޘްކުރެއްވިއެވެ:
«أَتَرُدِّينَ عَلَيْهِ حَدِيقَتَهُ؟»
"ކަނބުލޭގެ އޭނާގެ ބަގީޗާ އަނބުރާ އޭނާއަށް ރައްދުކުރާނަން ހެއްޔެވެ؟" އެކަމަނާ ދެންނެވިއެވެ: "އާދޭހެވެ." ދެން ﷲ ގެ ރަސޫލު ﷺ (ޘާބިތު ބްނު ޤައިސުއަށް) ޙަދީޘްކުރެއްވިއެވެ:
«اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً».
"ތިބާ ބަގީޗާ ޤަބޫލުކޮށްފައި، އަދި އެކަނބުލޭގެ އެއްފަށް ވަރިޔަކުން ވަރިކުރާށެވެ." [ރިވާކުރެއްވީ އަލް-ބުޚާރީއެވެ.]56.
އަދި އެކަނބުލޭގެ ހުރީ ޙައިޟުވެފައިތޯ ނުވަތަ ޠާހިރުވެފައިތޯއެއް ނަބީ ﷺ ސުވާލު ނުކުރައްވައެވެ. އެހެނީ މި ވަރިޔަކީ، އަންހެނާ އެކަނބުލޭގެ އަމިއްލަ ނަފްސު ފިދްޔަ ދީގެން ލިބިގަތުމެއް ކަމުގައިވާތީއެވެ. އެހެންކަމުން ކޮންމެ ޙާލެއްގައިވެސް އެކަމަށް ޙާޖަތް ޖެހޭހިނދު ހުއްދަވެގެންވެއެވެ.
އަލް-މުޣްނީގައި ޙައިޟު ދުވަސްވަރު ޚުލްޢުކުރުން ހުއްދަވި ސަބަބު ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. (ޞ: 52، މުޖައްލަދު 7، ޠ މ):57 އެހެނީ ޙައިޟު ދުވަސްވަރުގައި ވަރިކުރެވުން މަނާވެގެންވަނީ މަޑުކުރަންޖެހޭ ޢިއްދަ ދިގުވެގެންވާތީވެ އެކަނބުލޭގެއަށް ޖެހޭނެ ގެއްލުމަށްޓަކައެވެ. އަނެއްކޮޅުން ޚުލްޢުކުރުމަކީ، އަންހެނާ ނުރުހޭ އަދި ރުޅިއަންނަ މީހަކާއެކީ ދިރިއުޅެގެން ލިބޭ ގެއްލުން ފިލުވާލުމަށްވާ ކަމެކެވެ. ޢިއްދަ ދިގުވުމަށްވުރެ އެކަމުގެ ގެއްލުން ބޮޑެވެ. ދެންފަހެ ކުޑަ ގެއްލުމުން ބޮޑު ގެއްލުން ދުރުކުރުން ހުއްދަވިއެވެ. އެކަމަށްޓަކައި ޚުލްޢުކުރި އަންހެނާގެ ޙާލަތާ ބެހޭގޮތުން ނަބީ ﷺ ސުވާލު ނުކުރައްވައެވެ. އހ. އެބޭފުޅާގެ ބަސްކޮޅު ނިމުނީއެވެ.
ދެންފަހެ އަންހެނާ ޙައިޟުވެފައި ހުއްޓާ އެކަނބުލޭގެއާ ކައިވެނި ޢަޤުދުކުރުމުގައި މައްސަލައެއް ނެތެވެ. އެހެނީ އަޞްލަކީ އެކަން ހުއްދަވުމެވެ. އަދި އެކަން މަނާކުރުމަށް ދަލީލެއް ނެތެވެ. ނަމަވެސް އެކަނބުލޭގެ ގާތަށް ފިރިމީހާ ވެއްދުމާމެދު ޖެހޭނީ ބަލާށެވެ. އެގޮތުން އެ އަންހެނާއާ ޖިމާޢު ނުވާނޭކަމުގެ އަމާންކަން އޮވެއްޖެނަމަ މައްސަލައެއް ނެތެވެ. އެހެންނޫންނަމަ އެކަނބުލޭގެ ޠާހިރުވެއްޖައުމަށް ދާންދެން އެކަނބުލޭގެ ގާތަށް ފިރިމީހާ ނުވެއްދެއެވެ. އެއީ މަނާވެގެންވާ ކަންތަކަށް ވެއްޓިދާނޭކަމަށް ބިރުންނެވެ.
އަށްވަނަ ޙުކުމް: އެއަށް ބަލައިގެން -އެބަހީ: ޙައިޟަށް ބަލައިގެން- ޢިއްދަ ހަމަޖެއްސުމެވެ. އެގޮތުން މީހާ އޭނާގެ އަނބިމީހާގެ ގައިގައި ބީހުމަށްފަހު ނުވަތަ އެކަހެރިވުމަށް ފަހު ވަރިކޮށްފިނަމަ، ފުރިހަމަ ތިން ޙައިޟު ޢިއްދައިގެ ގޮތުގައި ހަމަކުރުން ވާޖިބުވެގެންވެއެވެ. އެއީ އެކަނބުލޭގެއަކީ ޙައިޟުވާ އަންހެނެއްކަމުގައި ވާނަމަ، އަދި މާބަނޑު މީހެއްކަމުގައި ނުވާނަމައެވެ. ﷲ ތަޢާލާގެ މި ބަސްފުޅަށްޓަކައެވެ:
﴿وَٱلۡمُطَلَّقَٰتُ يَتَرَبَّصۡنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٖ...﴾
މާނައީ: އަދި ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ޤުރްއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ..." [އަލް-ބަޤަރާ: 228]، އެބަހީ: ތިން ޙައިޟެވެ. ދެންފަހެ އެކަނބުލޭގެ ބަލިވެއިން ކަމުގައިވާނަމަ، ޢިއްދައަކަށް ވާހުށީ އެއްކޮށް ވިހެއުމެވެ. އެއީ މުއްދަތު ދިގުވިޔަސް ކުރިވިޔަސްމެއެވެ. އެއީ އެއިލާހުގެ މި ބަސްފުޅަށްޓަކައެވެ:
﴿...وَأُوْلَاتُ الأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ...﴾
މާނައީ: "...އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ، އެ ކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ..." [އައް-ޠަލާޤު: 4]. އަދި އެއީ ޙައިޟުގެ ކަންތައް ނުޖެހޭ މީހެއްނަމަ، މިޘާލަކަށް އަދި ޙައިޟުވާން ނުފަށާ ކުޑަކުއްޖެއް ނަމަ، ނުވަތަ މުސްކުޅިވުމުގެ ސަބަބުން ނުވަތަ ރަޙިމް ނެގުމުގެ ސަބަބުން ޙައިޟުވުން ހުއްޓިފައިވާ، ނުވަތަ އެނޫންވެސް އެކަމަކާހުރެ އަނބުރާ ޙައިޟުވުމުގެ އުއްމީދެއް މީހެއްނަމަ، ފަހެ އެ އަންހެނާގެ ޢިއްދައަކީ ތިން މަހެވެ. އެއީ ﷲ ތަޢާލާގެ މި ބަސްފުޅަށްޓަކައެވެ:
﴿وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ...﴾
މާނައީ: "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުންމީދު ކެނޑިފައިވާ މީހުންނާމެދު ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަކީ، އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީވެސް ތިންމަސް ދުވަހެވެ..." [އައް-ޠަލާޤު: 4]. އަދި އެކަނބުލޭގެއަކީ، ޙައިޟުގެ ކަންތައް ދިމާވާ އަންހެނަކަށް ވެފައި، އެކަމަކު ބައްޔެއްގެ ސަބަބުން އަދި ގާތުން ކިރުދިނުންފަދަ އެނގިގެންވާ ސަބަބަކާހުރެ، ޙައިޟުވުން މެދުކެނޑިފައިވާ އަންހެނެއްނަމަ، ފަހެ އެކަނބުލޭގެ ޖެހޭނީ ޙައިޟު އަނބުރާ އަންނަންދެން ހަމަ ޢިއްދަ ހަމަކުރަން މަޑުކުރާށެވެ. އެއީ މުއްދަތު ކިތަންމެ ދިގުވިޔަސްމެއެވެ. ދެންފަހެ އެ ސަބަބު ފިލައިގޮސްފައިވެސް ޙައިޟު އަނބުރާ ނާންނަމަ، މިޘާލަކަށް ބަލިން ފަސޭހަވެ ނުވަތަ ގާތުން ކިރުދިނުން ނިންމާލުމުންވެސް ޙައިޟު ހުއްޓިގެންވާނަމަ، ފަހެ އެކަނބުލޭގެ ސަބަބު ފިލައިދިޔަ ވަޤުތުން ފަށައިގެން ފުރިހަމަ އަހަރެއް ވަންދެން ޢިއްދައިގެ ގޮތުގައި އިންނާނީއެވެ. ޝަރުޢީ ޤަވާޢިދުތަކަށް ފެތިގެންވާ ޞައްޙަ ޤަޥްލަކީ މިއެވެ. ފަހެ އެހެނީ ސަބަބު ފިލައިގޮސްފައިވެސް ޙައިޟު އަނބުރާ ނާންނަނަމަ، އެކަނބުލޭގެ ވާހުށީ އެނގިގެން ނުވާ ސަބަބަކާހުރެ ޙައިޟުވުން ހުއްޓިފައިވާ އަންހެނެއް ފަދައިންނެވެ. އަދި އެނގިގެންނުވާ ސަބަބަކާހުރެ ޙައިޟުވުން ހުއްޓިއްޖެނަމަ، ފަހެ އެކަނބުލޭގެ އަހަރެއް ފުރިހަމަ ވަންދެން ޢިއްދާގައި މަޑުކުރާނީއެވެ. އެއީ ރައްކާތެރިވުމުގެ ގޮތުން، ނުވަމަސް ބަލިވެއިނދެފާނެ ކަމަށްޓަކައެވެ. އެއީ ޢާއްމުކޮށް ބަލިވެއިންނަ މުއްދަތުކަމުގައި ވާތީއެވެ. އަދި އަނެއް ތިންމަސް ޢިއްދައިގެ ގޮތުގައެވެ.
ދެންފަހެ ވަރިކުރެވުނީ ކައިވެނީގެ ޢަޤުދަށްފަހު އެކަމަކު ބީހުމުގެ ކުރިން އަދި އެކަހެރިވުމުގެ ކުރިންނަމަ، ފަހެ އެ ޙާލަތުގައި އެއްވެސް ޢިއްދައެއް ނުވެއެވެ. ޙައިޟުންވިޔަސް އަދި އެހެން ގޮތަކުންވިޔަސްމެއެވެ. އެއީ ﷲ ތަޢާލާގެ މި ބަސްފުޅަށްޓަކައެވެ:
﴿يَاأَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا...﴾
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، މުއުމިނު އަންހެނުންނާ ކާވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ޢިއްދައިގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެތެވެ..." [އަލް-އަޙްޒާބު: 49].
ނުވަވަނަ ޙުކުމް: ރަޙިމު ބަރީއަވެގެންވާކަމަށް ޙުކުމްކުރުމެވެ: އެބަހީ: ރަޙިމުގައި ދަރިއެއް ނެތްކަން އަދި ބަލިވެނީންނަކަމަށް ޙުކުމް ކުރުމެވެ. މިއީ ރަޙިމު ބަރީއަވެ ހުސްކަމާމެދު ޙުކުމް ކުރަން ޖެހޭ ކޮންމެ ވަޤުތެއްގައިވެސް ބޭނުންޖެހޭ ކަމެކެވެ. މިކަމުގައި މައްސަލަތަކެއްވެއެވެ:
އޭގެ ތެރޭގައި: ބަނޑުގައި އޮތް ދަރިޔަކަށް ވާރުތައަރާ ގޮތަށްވާ އަންހެނަކު ދޫކޮށްފައި ފިރިހެނާ މަރުވެއްޖެނަމަ، -އަދި މި އަންހެނާއަކީ ފިރިޔަކު ހުރި މީހެއްނަމަ،- ފަހެ އެކަނބުލޭގެ ޙައިޟުވެއްޖައުމަށް ދާންދެން ނުވަތަ ބަލިވެއިންކަން ސާފުވަންދެން އެކަނބުލޭގެ ފިރިމީހާ ޖިމާޢުނުވާ ހުއްޓެވެ. ދެންފަހެ އެކަނބުލޭގެ ބަލިވެއިންކަން ހާމަވެ ސާފުވެއްޖެނަމަ، އެ ދަރިފުޅަށް ވާރުތަވާނޭކަމަށް އަހަރުމެން ޙުކުމްކުރަމެވެ. އެއީ ތަރިކައިގެ ވެރިޔާ މަރުވިހިނދު އެކުއްޖާ ވުޖޫދުގައިވާކަމަށް އަހަރުމެން ޙުކުމްކުރީމައެވެ. އަދި އެކަނބުލޭގެ ޙައިޟުވެއްޖެނަމަ، ވާރުތަކުރާނޭ ކުއްޖަކު ނެތްކަމަށް އަހަރުމެން ޙުކުމްކުރަމެވެ. އެއީ ޙައިޟުވުމުގެ ސަބަބުން ރަޙިމު ބަރީއަވެގެންވާކަމަށް އަހަރުމެން ޙުކުމްކުރުމުންނެވެ.
ދިހަވަނަ ޙުކުމް: ހިނައިގަތުން ވާޖިބުވުމެވެ. އެގޮތުން ޙައިޟުވެރިޔާ ޠާހިރުވެއްޖެނަމަ، މުޅި ހަށިގަނޑު ޠާހިރުކޮށްގެން ހިނައިގަތުން ވާޖިބުވެގެންވެއެވެ. އެއީ ނަބީ ﷺ، ފާޠިމާ ބިންތު އަބީ ޙުބައިޝަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ:
«فَإِذَا أَقْبَلَتِ الْحَيْضَةُ فَدَعِي الصَّلَاةَ، وَإِذَا أَدْبَرَتْ فَاغْتَسِلِي وَصَلِّي».
"ދެންފަހެ ޙައިޟުވުން ކުރިމަތިވެގެން އައިސްފިނަމަ، ފަހެ ކަނބުލޭގެ ނަމާދު ދޫކޮށްލާށެވެ. އަދި ހައިޟު ފުރަގަސްދީ އެނބުރިގޮސްފިނަމަ، ފަހެ ކަނބުލޭގެ ހިނައިގަނެ އަދި ނަމާދުކުރާށެވެ." [ރިވާކުރެއްވީ އަލްބުޚާރީއެވެ.]58.
އަދި ހިނައިގަތުމުގައި ވާޖިބުގެ އެންމެ މަދުމިނަކީވެސް: އެކަނބުލޭގެ އިސްތަށިތަކުގެ ބުޑަށް ދާންދެން މުޅި ހަށިގަނޑުގައި ފެން ޖެއްސުމެވެ. އަދި އެންމެ މޮޅު އިތުރުވެގެންވަނީ ޙަދީޘްގައި އައިސްފައިވާ ޞިފައިގެ މައްޗަށް ހިނައިގަތުމެވެ. އެއީ އަސްމާއު ބިންތު ޝަކްލު، ޙައިޟުން ހިނައިގަންނާނޭ ގޮތާމެދު ނަބީ ﷺ ގެ އަރިހުން ސުވާލުކުރެއްވުމުންނެވެ. ދެން އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ:
«تَأْخُذُ إِحْدَاكُنَّ مَاءَهَا وَسِدْرَتَهَا فَتَطَهَّرُ فَتُحْسِنُ الطُّهُورَ، ثُمَّ تَصُبُّ عَلَى رَأْسِهَا فَتَدْلُكُهُ دَلْكًا شَدِيدًا، حَتَّى تَبْلُغَ شُؤُونَ رَأْسِهَا، ثُمَّ تَصُبُّ عَلَيْهَا الْمَاءَ، ثُمَّ تَأْخُذُ فِرْصَةً مُمَسَّكَةً -أَيْ: قِطْعَةَ قُمَاشٍ فِيهَا مِسْكٌ- فَتَطَهَّرُ بِهَا».
"ތިޔަކަނބަލުންގެ ތެރެއިން މީހަކު މީހަކު އެކަނބުލޭގެ ފެނާއި ކުންނާރު ފަތްތައް ނަގައިގެން ޠާހިރުވެ ރަނގަޅަށް ޠާހިރުވާށެވެ. ދެން ބޮލަށް ފެން އަޅައި އިސްތަށިތަކުގެ ބުޑުތަކާ ހަމައަށް ފޯރައްޖައުމަށް ދާންދެން ވަރުގަދައަށް އުނގުޅައިލާށެވެ. ދެން އެކަނބުލޭގެ ގަޔަށް ފެން އޮއްސާލާނީއެވެ. ދެން ގޮމަކަސްތޫރީ އުނގުޅާފައި އޮތް ފޮތިކޮޅެއް ނަގައިގެން ފަހެ އެއިން ޠާހިރުވާނީއެވެ." ދެން އަސްމާއު ދެންނެވިއެވެ: "އެއިން ޠާހިރުވާނީ ކިހިނަކުންހެއްޔެވެ؟" އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«سُبْحَانَ اللَّهِ!».
"ސުބްޙާނަ ﷲ އެވެ!" ދެން ޢާއިޝާ އެކަމަނާއަށް ވިދާޅުވިއެވެ: "ލޭގެ އަޘަރު ހުރި ތަންތަން ބަލާ އުނގުޅާނީއެވެ." [ރިވާކުރެއްވީ މުސްލިމެވެ.]59.
އަދި ބޮލުގެ އިސްތަށިގަނޑުގެ ހުޅި ނިއުޅާލުން ވާޖިބުވެގެން ނުވެއެވެ. އެއީ އެކަމަކު އިސްތަށިގަނޑު ބުޑަށް ފެން ނުފޯރާނޭކަމަށް ބިރުހީވާގޮތަށް ވަރަށް ވަރުގަދައަށް އައްސާފައި ހުރެއްޖެއްޔާ މެނުވީއެވެ. އެއީ ޞަޙީޙު މުސްލިމްގައިވާ، އުއްމު ސަލަމާ رضي الله عنها ގެ ޙަދީޘަށްޓަކައެވެ. އެކަމަނާ ނަބީ ﷺ ގެ އަރިހުން ސުވާލުކުރައްވަމުން ދެންނެވިއެވެ: "އަހަރެންނަކީ ބޮލުގެ އިސްތަށިގަނޑު ހުޅިޖަހާ އައްސާ މީހެކެވެ. ދެންފަހެ ޖުނުބު ހިނެއުމަށް އަހަރެން އެ މޮހެލަންވީތޯއެވެ؟ -އެހެން ރިވާޔަތެއްގައި: ޙައިޟުއާއި ޖުނުބު ހިނެއުމަށް މޮހެލަންވީތޯއެވެ؟-" ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«لَا، إِنَّمَا يَكْفِيكِ أَنْ تَحْثِيَ عَلَى رَأْسِكِ ثَلَاثَ حَثَيَاتٍ ثُمَّ تُفِيضِينَ عَلَيْكِ الْمَاءَ فَتَطْهُرِينَ».
"ނޫނެކެވެ. ކަނބުލޭގެ ބޮލަށް ތިންފަހަރު ފެން އަޅާލުމުން ފުދޭނެއެވެ. ދެން އެއަށްފަހު ކަނބުލޭގެ ހަށިގަނޑަށް ފެން އޮއްސާލާ ޠާހިރުވާނީއެވެ."60.
ޙައިޟުވެރިޔާ ނަމާދު ވަޤުތުގެ ތެރޭގައި ޠާހިރުވެއްޖެނަމަ، ނަމާދު އޭގެ ވަޤުތުގައި އަދާކުރުމަށްޓަކައި ހިނައިގަތުމަށް އަވަސްވުން ވާޖިބުވެގެންވެއެވެ. ދެންފަހެ އެކަނބުލޭގެ ދަތުރެއްގެ މަތީގައި ފެން ނެތި ވާނަމަ، ނުވަތަ ފެން ހުއްޓަސް އެ ބޭނުންކޮށްގެން ގެއްލުމެއް ވެދާނޭކަމަށް ބިރުގަންނަނަމަ، ނުވަތަ ފެނުގެ ސަބަބުން ގެއްލުންވާ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހެއްނަމަ، ފަހެ ހިނައިގަތުމުގެ ބަދަލުގައި އެކަނބުލޭގެ ތަޔައްމުމުކުރާނީއެވެ. އެއީ ފެން ބޭނުންކުރުން މަނާކުރާ ކަންތައް ފިލައިދަންދެނެވެ. ދެން އެއަށްފަހު ހިނައިގަންނާނީއެވެ.
ބައެއް އަންހެނުން ނަމާދު ވަޤުތުގައި ޠާހިރުވުމުންވެސް، އެހެން ވަޤުތަކަށް ހިނައިނުގަނެ ފަސްކުރެއެވެ. އަދި ބުނެފާނެއެވެ: "މި ވަޤުތު މުޅިން އެއްކޮށް ސާފު ޠާހިރެއް ނުވެވޭނެއެވެ." ނަމަވެސް މިއީ ޙުއްޖަތެއް އަދި ޢުޛުރެއްވެސް ނޫނެވެ. އެހެނީ ހިނައިގަތުމުގެ ވާޖިބު އަދާވާ އެންމެ މަދުމިނަށް ހަނިކޮށްލާފައި، ދެން ނަމާދު އޭގެ ވަޤުތުގައި އަދާކުރުމަށް ފުރުޞަތު އޮތީމައެވެ. ދެން ފަހުން ވަޤުތު ތަނަވަސްވީމާ އެއްކޮށް ފުރިހަމައަށް ޠާހިރުވާނީއެވެ.
ފަސްވަނަ ފަޞްލު: އިސްތިޙާޟާއާއި އޭގެ ހުކުމްތައް
އިސްތިޙާޟާއަކީ: އަންހެނެއްގެ ފަރުޖުން ހުއްޓުމެއްނެތި ލޭ އޮހޮރެމުން ދިއުމެވެ. ނުވަތަ
މަހަކު އެއް ދުވަހު ނުވަތަ ދެ ދުވަހު ފަދަ ކުރު މުއްދަތަކަށް ކެނޑެމުން ލޭ އޮހޮރެމުން ދިޔުމެވެ.
ފަހެ އެއްގޮތަކަށްވެސް ލޭ އައުން ނުކެނޑޭކަމަށް މިބަޔާންކުރި ފުރަތަމަ ޙާލަތަށްވާ ދަލީލަކީ: ޢާއިޝާ رضي الله عنها ވިދާޅުވިކަމަށް ޞަޙީޙުލް-ބުޚާރީގައި ޘާބިތުވެގެންވާ ބަސްފުޅެވެ: ފާޠިމާ ބިންތު އަބީ ޙުބައިޝު، ﷲ ގެ ރަސޫލު ﷺ އަށް ދެންނެވިއެވެ:
"يَا رَسُولَ اللَّهِ إِنِّي لَا أَطْهُرُ".
"އޭ ﷲ ގެ ރަސޫލެވެ! އަހަރެން ޠާހިރެއް ނުވެއެވެ." އަދި އެހެން ރިވާޔަތެއްގައިވެއެވެ:
"أَسْتَحَاضُ فَلَا أَطْهُرُ".
"އަހަރެން އިސްތިޙާޟާގެ ލޭ އަންނަނީއެވެ. ފަހެ އަހަރެން ޠާހިރެއް ނުވެއެވެ."61
ކުޑަ ހިނދުކޮޅަށް ނޫނީ ލޭ ނުކެނޑޭގޮތަށްވާ ދެވަނަ ޙާލަތުގެ ދަލީލަކީ: ޙަމްނާ ބިންތު ޖަޙްޝުގެ ޙަދީޘެވެ. އެގޮތުން އެކަމަނާ ނަބީ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ:
"يَا رَسُولَ اللَّهِ إِنِّي أَسْتَحَاضُ حَيْضَةً كَثِيرَةً شَدِيدَةً".
"އޭ ﷲ ގެ ރަސޫލެވެ! އަހަރެން ވަރަށް ގިނައިން ގަދައަށް އިސްތިޙާޟާގެ ލޭ އާދެއެވެ." [މި ޙަދީޘެވެ... އެ ރިވާކުރެއްވީ އަޙްމަދު އާއި އަބޫ ދާވޫދުއާއި އައް-ތިރްމިޛީއެވެ.62 އަދި އައް-ތިރްމިޛީ އެ ޞައްޙަ ކުރެއްވިއެވެ. އަދި އިމާމް އަޙްމަދު އެ ޙަދީޘް ޞައްޙަ ކުރައްވާކަމަށް ނަޤުލުކުރެއްވިއެވެ. އަދި އަލް-ބުޚާރީ ޙަސަން ކުރައްވާކަމަށް ނަޤުލުކުރެއްވިއެވެ.]63.
އިސްތިޙާޟާގެ ޙާލަތްތައް:
އިސްތިޙާޟާގެ ލޭ އަންނަ އަންހެނާއަށް ތިން ޙާލަތެއްވެއެވެ:
ފުރަތަމަ ޙާލަތް: އިސްތިޙާޟާވުމުގެ ކުރިން، އެނގިގެންވާ ޙައިޟުވުމެއް އެކަނބުލޭގެއަށް ވުމެވެ. ފަހެ މިކަނބުލޭގެ ރުޖޫޢަވާހުށީ، ކުރިން އެނގިގެންވާ އެކަނބުލޭގެ ޙައިޟުގެ މުއްދަތަށެވެ. އެގޮތުން އެ މުއްދަތުގައި (ނަމާދާއި ރޯދަ ދޫކޮށް) މަޑުކޮށް، އަދި ޙައިޟުގެ ޙުކުމްތައް އެކަނބުލޭއަށް ޘާބިތުވާނެއެވެ. އަދި އޭގެ އިތުރަށް އަންނަ ލެޔަކީ އިސްތިޙާޟާގެ ލެޔެވެ. އިސްތިޙާޟާވާ އަންހެނާގެ ޙުކުމްތައް އެ މުއްދަތުގައި އެކަނބުލޭއަށް ޘާބިތުވާނެއެވެ.
އޭގެ މިޘާލަކީ: ކޮންމެ މަހެއްގެ ކުރީކޮޅުގައި ހަ ދުވަސް ވަންދެން ޙައިޟުގެ ލޭ އަންނަ އަންހެނެކެވެ. ދެން އެކަނބުލޭގެއަށް އިސްތިޙާޟާގެ ޙާލަތް ދިމާވެގެން، ފަހެ ހުއްޓުމެއްނެތި ލޭ އަންނަން ފެށިއެވެ. ދެންފަހެ އެކަނބުލޭގެ ޙައިޟުގެ ދުވަސްވަރަކަށް ވާނީ، ކޮންމެ މަހެއްގެ ކުރީކޮޅުގައިވާ ހަ ދުވަހެވެ. އަދި އޭގެ އިތުރަށް އަންނަ ލެޔަކީ އިސްތިޙާޟާގެ ލެޔެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައެވެ. އެއީ ފާޠިމަތު ބިންތު އަބީ ޙުބައިޝު ދެންނެވިކަމުގައެވެ: "އޭ ﷲ ގެ ރަސޫލެވެ! އަހަރެން އިސްތިޙާޟާވެ، ފަހެ ޠާހިރެއް ނުވެއެވެ. ފަހެ އެހެންކަމުން އަހަރެން އަޅެ ނަމާދު ދޫކޮށްލާންވީތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«لَا، إِنَّ ذَلِكَ عِرْقٌ، وَلَكِنْ دَعِي الصَّلَاةَ قَدْرَ الْأَيَّامِ الَّتِي كُنْتِ تَحِيضِينَ فِيهَا ثُمَّ اغْتَسِلِي وَصَلِّي».
"ނޫނެކެވެ. ހަމަކަށަވަރުން އެއީ ނާރަކުން އަންނަ ލެޔެކެވެ. ނަމަވެސް ކަނބުލޭގެ ޙައިޟުވަމުން ދިޔަ ދުވަސްތަކުގެ މިންވަރަށް ނަމާދު ދޫކޮށްލާށެވެ. ދެން އެއަށްފަހުގައި ކަނބުލޭގެ ހިނައިގަނެފައި އަދި ނަމާދުކުރާށެވެ." ރިވާކުރެއްވީ އަލް-ބުޚާރީއެވެ.64.
އަދި ޞަޙީޙު މުސްލިމްގައިވެއެވެ: ނަބީ ﷺ، އުއްމު ޙަބީބާ ބިންތު ޖަޙްޝުއަށް ޙަދީޘްކުރެއްވިއެވެ:
«امْكُثِي قَدْرَ مَا كَانَتْ تَحْبِسُكِ حَيْضَتُكِ ثُمَّ اغْتَسِلِي وَصَلِّي».
"ކަނބުލޭގެ ޙައިޟުގައި ހިފެހެއްޓި ހައްޔަރުވެފައި އިންނަ މުއްދަތަށް ކަނބުލޭގެ މަޑުކުރާށެވެ. ދެން އެއަށްފަހުގައި ކަނބުލޭގެ ހިނައިގަނެ އަދި ނަމާދުކުރާށެވެ."65.
ފަހެ މިކަމުގެ މައްޗަށް ބިނާކޮށް، އެނގިގެންވާ ޙައިޟުގެ މުއްދަތެއް ލިބިގެންވާ ގޮތަށްވާ އިސްތިޙާޟާވާ އަންހެނާ، އެކަނބުލޭގެ ޙައިޟުގެ މުއްދަތުގައި މަޑުކުރާނީއެވެ. ދެން އެއަށްފަހުގައި، އެކަނބުލޭގެ ހިނައިގަނެ އަދި ނަމާދުކުރާނީއެވެ. އަދި އެހިނދުން ފެށިގެން (އެއަށްފަހު އަންނަ) ލެޔަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތެވެ.
ދެވަނަ ޙާލަތް: އިސްތިޙާޟާވުމުގެ ކުރިން އެކަނބުލޭގެއަށް އެނގިގެންވާ ޙައިޟުވުމެއް ނެތުމެވެ. އެއީ އެންމެ ފުރަތަމަ އެކަނބުލޭ ކިބައިން ލޭ އަންނަން ފެށި ދުވަހުން ފަށައިގެން، އިސްތިޙާޟާގެ ލޭ އައުން ދެމިގެންވުމެވެ. ފަހެ މިކަނބުލޭގެ ޢަމަލުކުރަން ޖެހޭނީ ލޭ ވަކިކޮށް ފާހަގަކުރުމުގެ މައްޗަށެވެ. އެގޮތުން އެކަނބުލޭގެ ޙައިޟުގެ ލޭ ކަމުގައިވާނީ: ކަޅުވެ ނުވަތަ ތަތްކޮށް ބޯކޮށް ނުވަތަ ވަހަކުން ފާހަގަވާ ލެޔެވެ. އެއަށް ޙައިޟުގެ ޙުކުމްތައް ޘާބިތުކުރާނީއެވެ. އަދި އެނޫން ލެޔެއްވާނީ އެއަށް އިސްތިޙާޟާގެ ޙުކުމްތައް ޘާބިތުވާ އިސްތިޙާޟާގެ ލެޔަށެވެ.
އޭގެ މިޘާލަކީ: އެންމެ ފުރަތަމަ ފަހަރަށް ލޭ ފެނުނު އަންހެނެކެވެ. އަދި ލޭ އައުން އޭނާގެ މައްޗަށް ދެމިގެންދިޔައެވެ. ނަމަވެސް ދިހަ ދުވަސް ވަންދެން އަންނަ ލޭ ކަޅުކުލައިގައި ވެފައި، މަހުގެ ބާކީ ދުވަސްތަކުގައި އަންނަ ލޭ ރަތްކުލައިން ފެނެއެވެ. ނުވަތަ އޭނާއަށް ފެންނަނީ، ދިހަ ދުވަސް ވަންދެން އަންނަ ލޭ ތަތްކޮށް ބޯކޮށްވަނިކޮށެވެ. ދެން މަހުގެ ބާކީ އަންނަ ލޭ އޮލަކޮށް ދިޔާކޮށްވާތަނެވެ. ނުވަތަ އޭނާއަށް ފެންނަނީ، ދިހަ ދުވަސް ވަންދެން އަންނަ ލޭގައި ޙައިޟުގެ ވަސް ހުންނަތަނެވެ. އަދި މަހުގެ ބާކީ ދުވަސްތަކުގައި އަންނަ ލޭގައި ވަހެއް ނުހުރެއެވެ. ދެންފަހެ ފުރަތަމަ މިޘާލުގައި އެކަނބުލޭގެ ޙައިޟުކަމުގައިވާނީ ކަޅު ލެޔެވެ. ދެވަނަ މިޘާލުގައި: ތަތް، ބޯ ލެޔެވެ. ތިންވަނަ މިޘާލުގައި: ވަސް ހުންނަ ލެޔެވެ. އަދި އެނޫން ލެޔަކީ ފަހެ އިސްތިޙާޟާގެ ލެޔެވެ. އެއީ ނަބީ ﷺ، ފާޠިމާ ބިންތު އަބީ ޙުބައިޝަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ:
«إِذَا كَانَ دَمُ الْحَيْضَةِ فَإِنَّهُ أَسْوَدُ يُعْرَفُ، فَإِذَا كَانَ ذَلِكَ فَأَمْسِكِي عَنِ الصَّلَاةِ فَإِذَا كَانَ الْآخَرُ فَتَوَضَّئِي وَصَلِّي؛ فَإِنَّمَا هُوَ عِرْقٌ».
"ޙައިޟުގެ ލޭކަމުގައިވާނަމަ، ފަހެ އެއީ އެނގިގެންވާ ކަޅުކުލައިގެ ލެޔެކެވެ. ފަހެ އެހެން ވެއްޖެނަމަ، ކަނބުލޭގެ ނަމާދުކުރުމުން ދުރުވެ ހުންނާށެވެ. ދެންފަހެ އެއީ އެހެން ކުލައެއްނަމަ (ކަޅު ފިޔަވައި ރަތް ނުވަތަ ރީނދޫ ކުލައެއްނަމަ) ފަހެ ކަނބުލޭގެ ވުޟޫކޮށް ނަމާުދުކުރާށެވެ. އެ ލޭ ވާކަން ކަށަވަރީ ނާރަކުން އަންނަ ލެޔެއް ކަމުގައެވެ." [ރިވާކުރެއްވީ އަބޫ ދާވޫދު އާއި އައް-ނަސާއީއެވެ. އަދި އިބްނު ޙިއްބާނުއާއި އަލް-ޙާކިމު ޞައްޙަކުރެއްވިއެވެ.]66.
އަދި މި ޙަދީޘްގެ ސަނަދާއި މަތަނުގައި ކޮންމެވެސް ވަރެއްގެ ނަޡަރެއް ބަޙުޘެއް އޮތްކަމުގައި ވިޔަސް، ޢިލްމުގެ އަހުލުވެރިން رحمهم الله ވަނީ އެއަށް ޢަމަލުކޮށްފައެވެ. އަދި އެގޮތް (އެބަހީ: ލޭގެ ކުލަޔާއި ޞިފަޔާއި ވަހަށް ބަލާފައި ވަކިކޮށް ފާހަގަކުރުން)، ޣާލިބު ގިނަ އަންހެނުންގެ ޢާދައަށް (އެބަހީ: މުއްދަތަށް) އެކަނބުލޭގެ ރައްދުކުރުމަށްވުރެ އަޥްލާކަން ބޮޑެވެ.
ތިންވަނަ ޙާލަތް: އެކަނބުލޭގެއަށް އެނގިގެންވާ ޙައިޟުވުމެއް، އަދި ރަނގަޅަށް ފާހަގަކުރެވޭ ގޮތެއްވެސް ލިބިގެން ނުވުމެވެ. އެއީ އެންމެ ފުރަތަމަ ލޭ ފެނުނު ދުވަހުން ފަށައިގެން އެކަނބުލޭގެ ލޭ އައުން ދެމިގެންވެ، އަދި އަންނަ ލޭވެސް އެއް ޞިފައެއްގެ މައްޗަށްވެ، ނުވަތަ ޙައިޟަށް ނުވާނޭ އެކިކަހަލަ ތަފާތު ޞިފަތަކުގެ މައްަޗަށް ވުމެވެ. ފަހެ މިކަނބުލޭގެ ޢަމަލުކުރާހުށީ ޣާލިބު ގިނަ އަންހެނުންގެ ޢާދައިގެ މައްޗަށެވެ. ފަހެ އެގޮތުން އެކަނބުލޭގެ ޙައިޟުކަމުގައި ބަލާނީ، ކޮންމެ މަހަކު ހައެއް ނުވަތަ ހަތް ދުވަހެވެ. ފަށާހުށީ އެކަނބުލޭގެއަށް ލޭ ފެނުނު މުއްދަތުގެ އެންމެ ފުރަތަމަ ކޮޅުންނެވެ. އަދި އެނޫން އެއްޗެއް ވާހުށީ އިސްތިޙާޟާކަމުގައެވެ.
އޭގެ މިޘާލަކީ: އެންމެ ފުރަތަމަ ފަހަރަށް ލޭ ފެނުނުއިރު، މަހުގެ ފަސްވަނަ ދުވަހުގައި ފެނުމެވެ. އަދި ކުލައިން އަދި އެނޫން ގޮތަކުންވެސް ޙައިޟުކަމުގައި ރަނގަޅަށް ފާހަގަކުރެވޭނެ ގޮތެއް އެ ލޭގައި ނެތިވެ، އެކަނބުލޭގެ މައްޗަށް ލޭ އައުން ދެމިހުރެއެވެ. އެހިނދުން އެކަނބުލޭގެ ޙައިޟުކަމުގައިވާނީ، ކޮންމެ މަހެއްގައިވެސް ހައެއް ނުވަތަ ހަތް ދުވަހެވެ. އެއީ ކޮންމެ މަހެއްގެ ފަސްވަނަ ދުވަހުން ފަށައިގެންނެވެ. އެއީ ޙަމްނާ ބިންތު ޖަޙްޝު رضي الله عنها ގެ ޙަދީޘަށްޓަކައެވެ. އެކަމަނާ ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލެވެ! އަހަރެންނީ ވަރަށް ބޮޑަށް ގަދައަށް ލޭ އައިސް އިސްތިޙާޟާވާ މީހެކެވެ. ފަހެ މިކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯއެވެ؟ އެކަމުން ނަމާދުކުރުމާއި ރޯދަ ހިފުންވެސް އަހަރެންނަށް މަނާވެއްޖެއެވެ." ފަހެ ދެން އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ:
«أَنْعَتُ لَكِ (أَصِفُ لَكِ اسْتِعْـمَال) الْكُرْسُفَ (وهُـوَ القُطْنُ) تَضَعِينَهُ عَلَى الْفَرْجِ، فَإِنَّهُ يُذْهِبُ الدَّمَ».
"ކަނބުލޭގެ ފަރުޖުގެ މަތީގައި އެޅުމަށް، ތައްޔާރުކުރާނޭ ކަފަގަނޑު ހަދާނޭ ގޮތް ތިމަންކަލޭގެފާނު ކަނބުލޭގެއަށް ޞިފަކޮށްދޭނަމެވެ. ފަހެ އެއިން ލޭ ފިލުވާލާނެއެވެ." އެކަމަނާ ދެންނެވިއެވެ: "އެއަށްވުރެ އެ ލޭ މާގިނައެވެ." އަދި އޭގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«إِنَّمَا هَذَا رَكْضَةٌ مِنْ رَكَضَاتِ الشَّيْطَانِ، فَتَحَيَّضِي سِتَّةَ أَيَّامٍ أَوْ سَبْعَةً فِي عِلْمِ اللَّهِ تَعَالَى، ثُمَّ اغْتَسِلِي حَتَّى إِذَا رَأَيْتِ أَنَّكِ قَدْ طَهُرْتِ وَاسْتَنْقَيْتِ فَصَلِّي أَرْبَعًا وَعِشْرِينَ أَوْ ثَلَاثًا وَعِشْرِينَ لَيْلَةً وَأَيَّامَهَا وَصُومِي».
"މިކަން ވާކަން ކަށަވަރީ ޝައިޠާނާ އަޅާލާ ތަފާލިތަކުން ތަފާއްޔެއް ކަމުގައެވެ. އެހެންކަމުން ﷲ ތަޢާލާ (އަންގާދެއްވި) ޢިލްމުފުޅުގައި، ކަނބުލޭގެ ހައެއް ނުވަތަ ހަތްދުވަސް ޙައިޟުގެ ގޮތުގައި ބަލައިގެން އިންނާށެވެ. ދެން އެއަށްފަހު ކަނބުލޭގެ ހިނައިގަންނާށެވެ. ކަނބުލޭގެ (ޙައިޟުގެ ލެއިން) ޠާހިރުވެ ސާފުވެއްޖެކަމަށް ކަނބުލޭގެއަށް ފެނިއްޖެނަމަ، ދެން ސައުވީސް ނުވަތަ ތޭވީސް ރެޔާ ދުވާލު ނަމާދުކޮށް އަދި ރޯދަ ހިފާށެވެ." މި ޙަދީޘެވެ. [ރިވާކުރެއްވީ އަޙްމަދުއާއި އަބޫ ދާވޫދު އާއި އައް-ތިރްމިޛީއެވެ. އަދި އައް-ތިރްމިޛީ ޞައްޙަކުރެއްވިއެވެ.67 އަދި އަޙްމަދު އެ ޙަދީޘް ޞައްޙަކުރެއްވި ކަމަށާއި، އަދި އަލް-ބުޚާރީ ޙަސަނުކުރައްވާ ކަމަށް ނަޤުލުކުރެއްވިއެވެ.]68.
އަދި އެކަލޭގެފާނު ﷺ ގެ ބަސްފުޅު “ހަ ދުވަސް ނުވަތަ ހަތް ދުވަސް” އެއީ އިޚްތިޔާރުކުރުމަށް ދެއްވިފައިވާ ޢަދަދެއް ނޫނެވެ. އެހެނެއްކަމަކު އެއީ އިޖުތިހާދު ކުރުމަށެވެ. ފަހެ އެގޮތުން އެކަނބުލޭގެއާ ޞިފައިގެ ގޮތުން ވައްތަރުވެ، އަދި ޢުމުރާއި ރަޙިމުގެ ގޮތުން ކައިރިވާ މީހުންގެ ފުށުން އެކަނބުލޭގެ ޙާލަތާ އެންމެ ގާތްވާ ގޮތެއް، އަދި އެކަނބުލޭގެ ކިބައިން އަންނަ ލެއިން އެންމެ ޙައިޟާ ގާތްކުރަނީ ކޮން އެއްޗެއްތޯ، އަދިވެސް އެފަދަ ގޮތްގޮތުން އިޢުތިބާރުކޮށް ބަލާހުއްޓެވެ. ދެންފަހެ އެންމެ ގާތްކުރަނީ، ހަ ދުވަސްކަމުގައިވުން ކަމުގައިވާނަމަ، ހަ ދުވަސް ކަމުގައި ހަދާނީއެވެ. އަދި އެންމެ ގާތްކުރަނީ، ހަތް ދުވަސްކަމުގައިވުން ކަމަށްވާނަމަ، ހަތް ދުވަސްކަމަށް ހަދާނީއެވެ.
އިސްތިޙާޟާވާ އަންހެނާއާ ވައްތަރުވާ މީހާގެ ޙާލަތު:
އަންހެނާގެ ފަރުޖުން ލޭ އޮހޮރެން ދިމާވާ ސަބަބެއް ގައިމު ހިނގާފާނެއެވެ. މިޘާލަކަށް ރަޙިމުގެ ނުވަތަ އެއާ ކައިރިން އޮޕަރޭޝަނެއް ކުރުމެވެ. މީނާވަނީ ދެ ވައްތަރަކަށެވެ:
ފުރަތަމަ ވައްތަރު: އޮޕަރޭޝަނަށްފަހު ޙައިޟުވުމަކީ ނުވާނޭ ކަމެއްކަން އެނގިގެންވުމެވެ. މިޘާލަކަށް އޮޕަރޭޝަނަކީ ރަޙިމު މުޅިން ނަގައިލުން ނުވަތަ ލޭ ނާންނަ ގޮތަށް ބަންދުކޮށްލާ އޮޕަރޭޝަނެއް ކަމުގައިވުމެވެ.ފަހެ މި އަންހެނާއަށް އިސްތިޙާޟާވާ އަންހެނާ ޙުކުމްތައް ޘާބިތުވެގެން ނުވެއެވެ. އެކަމަކު އޭނާގެ ޙުކުމަކީ، ލެއިން ޠާހިރުވުމަށްފަހު ރީނދޫކުލަ ފެނުން، ނުވަތަ ކިސަޑުކަމެއް ނުވަތަ ތެތްކަމެއް ފެންނަ މީހެއްގެ މައްޗަށް އަންނަ ޙުކުމެވެ. އެގޮތުން އެކަނބުލޭގެ ނަމާދު އަދި ރޯދަވެސް ދޫކޮށްނުލާ ހުއްޓެވެ. އަދި އެކަނބުލޭގެއާ ޖިމާޢުވުންވެސް މަނާ ނުވެއެވެ. އަދި މި ލޭގެ ސަބަބުން ހިނައިގަތުމެއްވެސް ވާޖިބެއް ނުވެއެވެ. ނަމަވެސް ނަމާދުކުރާހިނދު ލޭ ދޮވެލާފައި، ފަރުޖުގައި ފޮތިގަނޑެއް އަދި އެފަދަ އެއްޗެއް ވާންކޮށް އޮޅާލަން ޖެހޭނެއެވެ. އެއީ ލޭ އައުން މަނާކުރުމަށްޓަކައެވެ. ދެން އެކަނބުލޭގެ ނަމާދަށް ވުޟޫކުރާނީއެވެ. އަދި ނަމާދު ވަޤުތު ވަނުމަށް ފަހު މެނުވީ ނަމާދަށް ވުޟޫކޮށްގެން ނުވާނެއެވެ. އެއީ ފަރުޟު ފަސް ނަމާދު ފަދައިން ވަޤުތު ކަނޑައެޅިގެންވާ ނަމާދެއް ނަމައެވެ. އެހެންނޫނީ ވުޟޫކުރަން ޖެހޭނީ މުޠުލަޤުކޮށްވާ ސުންނަތް ނަމާދުތައްފަދަ ނަމާދެއް ކުރަން ޤަޞްދުކުރާހިނދުގައެވެ.
ދެވަނަ ވައްތަރު: އޮޕަރޭޝަނަށްފަހު ޙައިޟު ނުވާނެކަން އެނގިގެން ނުވުމެވެ. ކިއެއްތަ، ޙައިޟުވުންވެސް އެކަށީގެންވުމެވެ. މީނާގެ ޙުކުމަކީ، އިސްތިޙާޟާވާ މީހާގެ ޙުކުމެވެ. މި ނަންގަތް ކަންތަކަށް ދަލީލުކުރަނީ އެކަލޭގެފާނު ﷺ، ފާޠިމާ ބިންތު އަބީ ޙުބައިޝު އަށް ޙަދީޘްކުރެއްވި ބަސްފުޅެވެ:
«إِنَّمَا ذَلِكَ عِرْقٌ وَلَيْسَ بِالْحَيْضَةِ، فَإِذَا أَقْبَلَتِ الْحَيْضَةُ فَاتْرُكِي الصَّلَاةَ».
"އެކަން ވާކަން ކަށަވަރީ ނާރަކުން އަންނަ ލެޔެއްކަމުގައެވެ. ޙައިޟުވުން ކަމުގައި އެކަން ނުވެއެވެ. ދެންފަހެ ޙައިޟުވުން ކުރިމަތިވެއްޖެނަމަ، ކަނބުލޭގެ ނަމާދު ދޫކޮށްލާހުށިކަމެވެ."69.
ފަހެ އެކަލޭގެފާނުގެ ބަސްފުޅުގައިވާ:
«فَإِذَا أَقْبَلَتِ الْحَيْضَةُ».
"ދެންފަހެ ޙައިޟުވުން ކުރިމަތިވެގެން އައިސްފިނަމައެވެ." މިއިން ދޭހަކޮށްދެނީ، އިސްތިޙާޟާވާ އަންހެނާގެ ޙުކުމްވަނީ: އައުމާއި ދިޔުން ވާގޮތަށް ޙައިޟުގެ ލޭވެސް އައުން އެކަށީގެންވާ ގޮތަށްވާ އަންހެނާއަށެވެ. ދެންފަހެ އެކަނބުލޭގެއަށް ޙައިޟުވުން އެކަށީގެންވާ ގޮތަށް ނުވާ މީހާ، ފަހެ އެކަނބުލޭގެ ކިބައިން އަންނަ ލެޔަކީ، ކޮންމެ ޙާލަތެއްގައިވެސް ނާރަކުން އަންނަ ލެޔެކެވެ.
އިސްތިހާޟާގެ ޙުކުމްތައް:
އިސްވެދިޔަ ވާހަކަތަކުން، (އަންހެނާގެ ގާތަށް އަންނަ) ލޭ ޙައިޟުގެ ލޭކަމުގައި ވާނީ ކޮންއިރަކުކަން، އަދި އިސްތިޙާޟާގެ ލޭކަމުގައި ވާނީ ކޮންއިރަކުކަން އަހަރުމެންނަށް އެނގިއްޖެއެވެ. ދެންފަހެ ޙައިޟުގެ ލޭކަމުގައި ވެއްޖެ ހިނދެއްގައި، ޙައިޟުގެ ޙުކުމްތައް އެއަށް ޘާބިތުވެއެވެ. އަދި އިސްތިޙާޟާގެ ލޭކަމުގައި ވެއްޖެ ހިނދެއްގައި، އިސްތިޙާޟާގެ ޙުކުމްތައް އެއަށް ޘާބިތުވެއެވެ.
އަދި ގައިމު ޙައިޟުގެ ޙުކުމްތަކުން މުހިއްމު ބައިތައް އިސްވެ ޛިކުރު ކުރެވިއްޖެއެވެ.
ދެންފަހެ އިސްތިހާޟާގެ ޙުކުމްތަކަށް ބަލާއިރު، އެ ޙުކުމްތައްވަނީ ޠުހުރުގެ ޙުކުމްތަކާ އެއްގޮތަށެވެ. އެގޮތުން އިސްތިޙާޟާގެ ލޭ އަންނަ އަންހެނަކާއި، ޠާހިރު އަންހެނުންގެ މެދުގައި އަންނަނިވި ކަންތަކުގައި ފިޔަވައި އެހެން އެއްވެސް ތަފާތެއް ނެތެވެ:
ފުރަތަމައީ: ކޮންމެ ނަމާދަކަށް އެކަނބުލޭގެ މައްޗަށް ވުޟޫކުރުން ވާޖިބުވުމެވެ. އެއީ ނަބީ ﷺ، ފާޠިމާ ބިންތު އަބީ ޙުބައިޝަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ:
«ثُمَّ تَوَضَّئِي لِكُلِّ صَلَاةٍ».
"ދެން އެއަށްފަހު ކޮންމެ ނަމާދަކަށް ކަނބުލޭގެ ވުޟޫކުރާށެވެ." ރިވާކުރެއްވީ އަލް-ބުޚާރީ، ލޭ ދޮވުމާ ބެހޭ ބާބުގައެވެ. އޭގެ މާނައަކީ: ވަޤުތު ކަނޑައެޅިގެންވާ ނަމާދެއްގެ ވަޤުތު ވަނުމަށްފަހު މެނުވީ އެކަނބުލޭގެ އެ ނަމާދަށް ވުޟޫ ނުކުރުމެވެ. އެހެނެއްކަމަކު އެ ނަމާދަކީ ވަޤުތު ކަނޑައެޅިފައި ނުވާ ނަމާދެއް ނަމަ، ފަހެ އެކަނބުލޭގެ އެ ނަމާދެއް ކުރަން ބޭނުންވެ ޤަޞްދުކުރާ ހިނދު އެ ނަމާދަށް ވުޟޫކުރާނީއެވެ.
ދެވަނައީ: އެކަނބުލޭގެ ވުޟޫކުރަން ޤަޞްދުކުރާހިނދު، ފަހެ ލޭގެ އަސަރު ޖެހިފައި ހުރިތަން ދޮވެފައި، އަދި ލޭ ހުއްޓުވުމަށްޓަކައި ފަރުޖުގެ މަތީގައި ކަފަގަނޑެއް އަޅާފައި، އޭގެ މަތީގައި ފޮތިކޮޅެއް އައްސާހުއްޓެވެ. އެއީ ނަބީ ﷺ ޙަމްނާއަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ:
«أَنْعَتُ لَكِ الْكُرْسُفَ فَإِنَّهُ يُذْهِبُ الدَّمَ». قَالَتْ: فَإِنَّهُ أَكْثَرُ مِنْ ذَلِكَ. قَالَ: «فَاتَّخِذِي ثَوْبًا». قَالَتْ: هُوَ أَكْثَرُ مِنْ ذَلِكَ. قَالَ: «فَتَلَجَّمِي».
"ތިމަންކަލޭގެފާނު ކަނބުލޭގެ (ފަރުޖުގައި އަޅަންވީ) ކަފަގަނޑު ޞިފަކޮށްދޭނަމެވެ. ފަހެ އެއިން ލޭ ފިލުވާލާނެއެވެ." އެކަމަނާ ދެންނެވިއެވެ: "ފަހެ އެ ލޭ އެއަށްވުރެ މާ ގިނައެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ފަހެ އެހެންވިއްޔާ (ފަރުޖުގައި އަޅާ ބަންދުކުރަން) ހެދުމެއް ގެންގުޅޭށެވެ." އެކަމަނާ ދެންނެވިއެވެ: "އެއަށްވުރެ އަންނަ ލޭ މާ ގިނައެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެހެންވިއްޔާ ނެޕީއެއް ގޮތަށް ފޮތިގަނޑެއް އައްސާށެވެ." މި ޙަދީޘެވެ. އަދި އެއަށްފަހު ނުކުންނަ އެއްޗަކުން އެކަނބުލޭގެއަށް ގެއްލުމެއް ނެތެވެ. އެއީ ފާޠިމާ ބިންތު އަބީ ޙުބައިޝުއަށް ނަބީ ﷺ ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ:
«اجْتَنِبِي الصَّلَاةَ أَيَّامَ حَيْضِكِ، ثُمَّ اغْتَسِلِي وَتَوَضَّئِي لِكُلِّ صَلَاةٍ، ثُمَّ صَلِّي، وَإِنْ قَطَرَ الدَّمُ عَلَى الْحَصِيرِ».
"ކަނބުލޭގެ ޙައިޟުގެ ދުވަސްވަރުގައި ނަމާދުން އެއްކިބާވާށެވެ. ދެން އެއަށްފަހު ހިނައިގަނެ ކޮންމެ ނަމާދަކަށް ވުޟޫކުރާށެވެ. ދެން ކުނާ މައްޗަށް އަދި ލޭ ތިކި ޖެހިޔަސް ކަނބުލޭގެ ނަމާދުކުރާށެވެ." [އެ ރިވާކުރެއްވީ އަޙުމަދު އަދި އިބްނު މާޖާއެވެ.]70.
ތިންވަނައީ: ޖިމާޢުވުމެވެ. ފަހެ އެ ޙާލަތުގައި ޖިމާޢުވުން ދޫކޮށްލައިގެން ޒިނޭކުރެވިދާނޭކަމަށް ބިރުހީނުވާނަމަ، ޖިމާޢުވުން ހުއްދަވެގެންވޭތޯ ޢިލްމުވެރިން ޚިލާފުވެގެންވެއެވެ. އަދި ޞައްޙަ ރަނގަޅު ބުނުމަކީ، މުޠުލަޤުކޮށް އެކަން ހަމަ ހުއްދަވެގެންވުމެވެ. އެހެނީ ނަބީ ﷺ ގެ ދުވަސްވަރުގައި ދިހައެއް ނުވަތަ އެއަށްވުރެ ގިނަ ޢަދަދަކަށް ފޯރާ ގިނަ އަންހެނުންތަކެއް އިސްތިޙާޟާވިއެވެ. އެކަމަކު ﷲ އާއި އެއިލާހުގެ ރަސޫލުވެސް އެ އަންހެންތަކުން ޖިމާޢުވުން މަނާ ނުކުރައްވަތެވެ. ކިއެއްތަ ﷲ ތަޢާލާގެ ބަސްފުޅުގައި ވެއެވެ:
﴿...فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ...﴾
މާނައީ: "...ފަހެ ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ އެއްކިބާވާށެވެ..." [އަލް-ބަޤަރާ: 222] މިއީ އެނޫން ޙާލަތްތަކުގައި އެ އަންހެންތަކުންނާ އެއްކިބާވެ ދުރުހެލިވާން ނުޖެހޭނެކަމުގެ މައްޗަށްވާ ދަލީލެކެވެ. އަދި އެހެނީ އެކަނބުލޭގެ ނަމާދުކުރުންވެސް ހުއްދަވާހިނދު، ފަހެ ޖިމާޢުވުން އަދި މާ ލުއިވެގެންވެއެވެ. އަދި އެކަނބުލޭގެއާ ޖިމާޢުވުން، ޙައިޟުވެފައިވާ އަންހެނާއާ ޖިމާޢުވުމުގެ މައްޗަށް ޤިޔާސްކޮށް އަޅާކިޔުމަކީ، ޞައްޙަ ޤިޔާސެއް ނޫނެވެ. އެހެނީ އެކަން ޙަރާމްވެގެންވާކަމަށް ބުނާ މީހުންގެ ގާތުގައިވެސް އެ ދެއަންހެނުން އެއްހަމަވެގެން ނުވެއެވެ. އަދި ފަރަޤުވެ ތަފާތުވާ ކަންތަކެއް ހުރުމާއެކު ޤިޔާސް ޞައްޙަވެގެން ނުވެތެވެ.
ހަވަނަ ބާބު: ނިފާސްވެރިކަމާއި އޭގެ ޙުކުމް
ނިފާސްވެރިކަމަކީ: ވިހެއުމުގެ ސަބަބުން އެއާއެކު ނުވަތަ އޭގެ ފަހުން ނުވަތަ އޭގެ ދެތިން ދުވަސް ކުރިން ވޭނާ އެކުގައި ރަޙިމުން ނިކުންނަ ލެޔެކެވެ.
އަދި ޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: “ވިހެއުމުގެ ވޭން ފަށާހިނދު ފެންނަ އެއްޗަކީ ނިފާސްއެވެ."
އަދި އެކަލޭގެފާނު އޭގެ މުއްދަތު ދެތިން ދުވަހަށް ހަނިކޮށްފައެއް ނުވެއެވެ. އަދި އޭގެ މުރާދަކީ: އެއާ ވިއްދައިގެން ވިހެއުންވާ ވޭނެވެ. އެހެންނޫންނަމަ ފަހެ އެއީ ނިފާސް ކަމުގައި ނުބެލެވޭނެއެވެ. އަދި އޭގެ އެންމެ މަދު މުއްދަތާއި އެންމެ ގިނަ މުއްދަތާމެދު ޙައްދެއް އޮތްތޯ ޢިލްމުވެރިން އިޚުތިލާފުވެފައިވެއެވެ؟ ޝައިޚް ތަޤިއްޔުއް-ދީން، އެބޭފުޅާގެ الأسماء الّتي علّق الشارع الأحكام بها ރިސާލާގައި ވިދާޅުވެފައިވެއެވެ (ޞ: 37): ނިފާސްގެ ލޭގެ އެންމެ މަދު މުއްދަތަކަށް އަދި ގިނަ މުއްދަތަކަށް ޙައްދެއް ނުވެއެވެ. އެގޮތުން މިޘާލަކަށް އަންހެނަކަށް ސާޅީސް ނުވަތަ ފަސްދޮޅަސް ނުވަތަ ހަތްދިހަ ދުވަހަށްވުރެ ގިނައިން ލޭ ފެނިފައި މެދުކެނޑިއްޖެނަމަ، ފަހެ އެއީ ހަމަ ނިފާސްއެވެ. ނަމަވެސް މެދު ނުކެނޑި ދިގުލައިގެން ގޮސްފިނަމަ އެއީ ފާސިދު ލެޔެވެ. އެ ޙާލަތުގައި މުއްދަތަކީ ސާޅީސް ދުވަހެވެ. އެހެނީ އެއީ އަޘަރުތައް އެކަމުގައި އައިސްފައިވާ ގޮތުން ގިނަފަހަރު ނިފާސް ނިމޭ މުއްދަތު ކަމުގައިވާތީއެވެ." އހ.
އަހަރެން ބުނަމެވެ: މިިކަމުގެ މައްޗަށް، އޭނާގެ ލޭ އައުން ސާޅީސް ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އަދި އޭގެ ފަހުން (އެބަހީ ސާޅީހަށްވުރެ އިތުރުވެފައި) ލޭ މެދުކެނޑޭގޮތަށް އޭނާގެ ޢާދަ ކުރިންވާނަމަ، ނުވަތަ ހުއްޓެން އުޅޭ ކަމުގެ ޢަލާމާތްތައް ފެނިއްޖެނަމަ، ހުއްޓެންދެން މަޑުކޮށްލާނީއެވެ. އެހެން ނޫންނަމަ ސާޅީސް ދުވަސް ފުރިހަމަވުމުން ހިނައިގަންނާނީއެވެ. އެހެނީ ޢާއްމުކޮށް ގިނައިންވާ މުއްދަތަކީ އެޔެވެ. އެކަމަކު އެއީ އެކަނބުލޭގެ ޙައިޟުވާ ދުވަސްވަރާ ދިމާވެއްޖެއްޔާ މެނުވީއެވެ. އެހެންވެއްޖެނަމަ، ޙައިޟުގެ ދުވަސްވަރު ނިމެންދެން މަޑުކުރާނީއެވެ. ދެން އެއަށްފަހު ލޭ މެދުކެނޑިއްޖެނަމަ، އެއީ އެކަނބުލޭގެ ލޭ އައުމަށްވާ ޢާދައެއް ފަދައިން ވުން އެކަށީގެންވެއެވެ. ދެން އޭގެ މައްޗަށް މުސްތަޤުބަލުގައި ޢަމަލުކުރާނީއެވެ. އަދި ލޭ ނުހުއްޓި ކުރިއަށް ދާނަމަ، ފަހެ އެކަނބުލޭގެ އެވަނީ އިސްތިޙާޟާގެ ލޭ އައިސްފައިވެއެވެ. އެކަނބުލޭގެ ރުޖޫޢަވާނީ އިސްތިހާޟާއާ ބެހޭ ގޮތުން އިސްވެދިޔަ ޙުކުމްތަކަށެވެ. އަދި ސާޅީސް ދުވަހުގެ ކުރިންވިޔަސް އެކަނބުލޭގެ ކިބައިން ލޭ އައުން މެދުކެނޑިގެން ޠާޙިރުވެއްޖެނަމަ، ފަހެ އެކަނބުލޭގެ އެވަނީ ޠާހިރުވެފައެވެ. ދެން އެކަނބުލޭގެ ހިނައިގަނެފައި، ދެން ނަމާދުކޮށް، ރޯދަ ހިފައި، އަދި އެކަނބުލޭގެ ފިރިމީހާ އެކަނބުލޭގެއާ ޖިމާޢުވާންވީއެވެ. އެކަމަކު ލޭ މެދުކެނޑިގެން ދިޔައީ އެއްދުވަހަށްވުރެ މަދު ގަޑިއަކަށްނަމަ، ފަހެ އެއަކަށް ޙުކުމެއް ނެތެވެ. (އެބަހީ: އަދި ޠާހިރުވީކަމަށް ޙުކުމެއް ނުކުރެވޭނެއެވެ.) އަލް-މުޣްނީގައި އެފަދައިން ވިދާޅުވިއެވެ.71.
އަދި އިންސާނެއްގެ ޞޫރަ ބަޔާންވެ ދައްކުވައިދޭ އެއްޗެއް ވިހައިގެން ނޫނީ ނިފާސްވިކަން ޘާބިތުނުވާނެއެވެ. ފަހެ އެގޮތުން އިންސާނެއްގެ ޞޫރަ ބަޔާންނުވެެ ސާފުނުވާ، ކުޑަ އެއްޗެއް ވެއްޓުނުނަމަ، ފަހެ އެކަނބުލޭގެއަށް އަންނަ ލެޔަކީ ނިފާސް ލެޔެއް ނޫނެވެ. ކިއެއްތަ، އެއީ ނާރަކުން އަންނަ ލެޔެކެވެ. ފަހެ އޭރުން އެކަނބުލޭގެ ޙުކުމަކަށްވާނީ އިސްތިޙާޟާވެފައިވާ އަންހެނާގެ ޙުކުމެވެ. އަދި އިންސާނެއްގެ ޞޫރަ ހާމަވާ އެންމެ ކުޑަ މުއްދަތަކީ، ބަލިވެ އިނުން ފެށުމަށްފަހު އަށްޑިހަ ދުވަހެވެ. އަދި ޣާލިބު ޢާއްމު ގޮތެއްގައި އެއީ ނުވަދިހަ ދުވަހެވެ.
އަލް-މަޖްދު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ވިހެއުމުގެ ވޭންވަރާއެކު (ވިހެއުމުގެ) ކުރިން ލޭ ފެންނަ އިރުން، އެކަނބުލޭގެ އެއަށް ބެލުމެއް ނެތެވެ. އަދި ވިހެއުމުގެ ފަހުން ފެންނަ ލޭގެ މައްޗަށް ނަމާދާއި ރޯދަ ހިފުމުން ދުރުވާހުއްޓެވެ. ދެން ވިހެއުމަށްފަހު، އެފަހަރު ހާމަވިގޮތާ ޚިލާފަށް ކަންތައް ހުރިކަން ހާމަވެއްޖެނަމަ (އެބަހީ: އިންސާނެއްގެ ޞޫރަ ނެތް އެއްޗެއް ވެއްޓުނުނަމަ)، އެނބުރި ގޮސް ޤަޟާކުރާނީއެވެ. އަދި އެކަން ހާމަނުވެއްޖެނަމަ، ބޭރުފުށަށް ފެނުނުގޮތަށް ޢަމަލުކުރަމުންދާނީއެވެ. ފަހެ އެގޮތުން އިޢާދަކޮށް ޤަޟާކުރުމެއް ނުވެއެވެ.
މިބަސްފުޅު އެކަލޭގެފާނުގެ އަރިހުން ނަޤުލުކުރެއްވީ ޝަރްޙު އަލް-އިޤްނާޢުގައެވެ.72.
ނިފާސްގެ ޙުކުމްތައް:
ނިފާސްގެ ޙުކުމްތައްވަނީ ޙައިޟުގެ ޙުކުމްތައް ފަދައިން، ހަމަ ތުނޑުން ތުނޑަށް އެއްގޮތަށެވެ.
އަންނަނިވި ކަންތަކުގައި މެނުވީއެވެ:
ފުރަތަމައީ : ޢިއްދާގައެވެ. ފަހެ އެެގޮތުން ޢިއްދާގައި ބެލެނީ ވަރިއަށެވެ. ނިފާސްގެ ލެޔަކަށް ނޫނެވެ. އެހެނީ ވަރިކުރީ ވިހެއުމުގެ ކުރިން ނަމަ، ވިހެއުމުން އެވަނީ ޢިއްދަ ނިމިފައެވެ. ނިފާސްގެ ލޭ ނިމުމަކުންނެއް ނޫނެވެ. އަދި ވަރިކުރީ ވިހެއުމަށްފަހު ނަމަ، ޙައިޟުގެ ލޭ އަނބުރާ އަންނަންދެން އިންތިޡާރު ކުރާނީއެވެ. އެއީ އިސްވެ ދިޔަ ފަދައިންނެވެ.
ދެވަނަ ކަމަކީ: އީލާއުގެ މުއްދަތެވެ. އީލާއުގެ މުއްދަތު ގުނާއިރު އޭގައި ޙައިޟުގެ މުއްދަތު ހިމެނެއެވެ. އަދި އެހެނަސް ނިފާސްކަމުގެ މުއްދަތު ނުހިމެނެއެވެ.
އަދި އީލާއުކުރުމަކީ: ފިރިހެންމީހާ އަބަދަށްޓަކައި ނުވަތަ ހަތަރު މަހަށްވުރެ ދިގު މުއްދަތަކަށް އަނބިމީހާއާ ޖިމާޢުވުން ދޫކޮށްލުމުގެ މައްޗަށް ގަންދީ ހުވާކުރުމެވެ. އެގޮތުން އޭނާ އެގޮތަށް ހުވާކޮށްފައި، ދެން އަނބިމީހާ ޖިމާޢުވުމަށް އޭނާގެ ގާތުން އެދިއްޖެނަމަ، އޭނާ ހުވާކުރުމުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ދެން އެ މުއްދަތު ނިމިއްޖެ ނަމަ، އަނބިމީހާގެ އެދުމުގެ މަތިން ޖިމާޢުވުމަށް ނުވަތަ ވަކިވާން މަޖުބޫރު ކުރެވޭނެއެވެ. މި މުއްދަތުގައި އަންހެންމީހާއަށް ނިފާސްގެ ލޭ އައިސްގެން ދުވަސްވަރެއް ހިނގައްޖެނަމަ، ފިރިމީހާއަށް ދެވުނު ދުވަސްތަކުގައި އެ ދުވަސްތައް ނުހިމެނޭނެއެވެ. އަދި ނިފާސްގެ މުއްދަތުގެ ހުރި މިންވަރެއް، އެއްކަލަ ހަތަރު މަސްގެ ތެރެއަށް އިތުރުކުރެވޭނެއެވެ. އެއީ ޙައިޟުއާ ޚިލާފަށެވެ. އެގޮތުން ޙައިޟުގެ މުއްދަތު ހަމަ ފިރިމީހާއަށް ދެވުނު ދުވަސްތަކުގެ ތެރޭގައި ހިމެނޭނެއެވެ.
ތިންވަނައީ: ބާލިޣުވުމުގައެވެ. ބާލިޣުވުން ޙާޞިލުވަނީ ޙައިޟުންނެވެ. ނިފާސްވެގެން އެކަން ޙާޞިލު ނުވެއެވެ. އެހެނީ އަންހެނަކު (ޙައިޟުގެ ލޭ) ފައިބައިފުމަށް ދާންދެން ބަލިވެއިނުމަކީ، ވާނޭކަމެއް ނޫނެވެ.
އެހެންކަމުން ބާލިޣުވުން ޙާޞިލުވަނީ، ބަލިވެއިނުމުގެ ކުރިން އަންނަ ލޭ ގެ ސަބަބުންނެވެ.
ހަތަރުވަނައީ: ޙައިޟުގެ ލޭ މެދުކެނޑިފައި ދެން އޭނާގެ ޢާދައިގެ ދުވަސްތަކުގެ ތެރޭގައި އެނބުރި ލޭ އައިސްފިނަމަ، އެއީ ހަމަ ޔަޤީނުންވެސް ޙައިޟެވެ. މިޘާލަކަށް: މީހެއްގެ ޢާދައަކީ އަށް ދުވަސް ކަމުގައިވެފައިި، ފަހެ ދެން ހަތަރު ދުވަސް ވަންދެން ޙައިޟުގެ ލޭ ފެނިފައި، ދެން ދެ ދުވަސް ވަންދެން މެދުކެނޑިފައި، ދެން ހަތްވަނަ އަދި އަށްވަނަ ދުވަހު ލޭ އަނބުރާ އައުމެވެ. ފަހެ އެނބުރި އައި މި ލެޔަކީ ޔަޤީނުންވެސް ޙައިޟުގެ ލެޔެވެ. އަދި އެއަށް ޙައިޟުގެ ޙުކުމްތައް ދެވި ޘާބިތު ކުރެވޭ ހުއްޓެވެ. އަނެއްކޮޅުން ނިފާސްގެ ލެޔަށް ބަލާއިރު، ސާޅީސް ދުވަސްވުމުގެ ކުރިން ލޭ ހުއްޓިފައި ދެން އަނެއްކާ ސާޅީހުގެ ތެރޭގައި ލޭ އައިސްފިނަމަ، އެއީ ޝައްކު ކުރެވޭ ލެޔެކެވެ. އެގޮތުން އެކަނބުލޭގެ ނަމާދުކޮށް، އަދި ވަޤުތު ކަނޑައެޅިގެންވާ ފަރުޟު ރޯދަ އެ ވަޤުތުގައި ހިފުން ވާޖިބުވާނެއެވެ. އަދި އެއާއެކު ޙައިޟުވާ އަންހެނާގެ މައްޗަށް ޙަރާމްވާ ކަންކަން އޭނާގެ މައްޗަށްވެސް ޙަރާމްވެއެވެ. ކުރަންޖެހޭ ވާޖިބުތައް މެނުވީއެވެ. އަދި ޙައިޟުވެފައިވާ އަންހެނާ ޤަޟާކުރުން ވާޖިބުވެގެންވާ ކަންކަމުން މީނާ އެލޭގެ މުއްދަތުގައި ކޮށްފައިވާ ކަންކަން، ޠާހިރުވުމަށްފަހު ޤަޟާކުރާނީއެވެ. މިއީ ޙަންބަލީ ފިޤުހުވެރިންގެ މެދުގައިވާ މަޝްހޫރު ރައުޔެވެ.73.
އަދި ޞައްޙަ ރަނގަޅު ރައުޔަކީ: ނިފާސްކަމުގައި ބެލެވޭނެ މުއްދަތެއްގައި އަނބުރާ އަންނަ ލޭ ބެލެވޭނީ ނިފާސްކަމުގައެވެ. އެހެން ނޫނީ އެއީ ޙައިޟުގެ ލެޔެވެ. ނުހުއްޓި ދިގުލައިގެން ގޮސްފިނަމަ މެނުވީއެވެ. ފަހެ އެހިނދުން އެވާނީ އިސްތިޙާޟާ ކަމުގައެވެ.
މިއީ އަލް-މުޣްނީ74 ގައި އިމާމް މާލިކު رحمه الله ގެ އަރިހުން ނަޤުލުކުރައްވާފައިވާ ގޮތާ ކައިރި ބަސްފުޅެކެވެ. އެގޮތުން (އިބްނު ޤުދާމާ) ވިދާޅުވިއެވެ: އަދި މާލިކު ވިދާޅުވިއެވެ: ދެތިން ދުވަސް ފަހުން ލޭ ފެނިއްޖެނަމަ -ޔަޢުނީ: ލޭ ހުއްޓުމަކަށްފަހު ފެނިއްޖެނަމަ،- ފަހެ އެއީ ނިފާސްގެ ލެޔެވެ. އަދި އެހެން ނޫންނަމަ، ފަހެ އެއީ ޙައިޟުގެ ލެޔެވެ. އހ. އަދި އެއީޝައިޚުލް-އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ އިޚްތިޔާރުން ލާޒިމްކުރާ ގޮތެވެ.
ވާޤިޢުގެ ކަންކަން ޙަޤީޤަތަށް އޮތްގޮތަށް ބަލާއިރު (އަންހެނާއަށް އަންނަ ޠަބީޢީ) ލޭ ތަކުގައި ޝައްކުވާ އެއްޗެއް ނުވެއެވެ. ނަމަވެސް ޝައްކުވުމަކީ ނިސްބަތުން އަންނަ ކަމެކެވެ. މީސްތަކުންގެ ހުރި ޢިލްމާއި ފަހުމްވުމާއި ވިސްނުމުގެ މައްޗަށް އޭގައި ތަފާތުވެއެވެ. އަދި ޤުރްއާނާއި ސުންނަތުގައި ހުރިހާ އެއްޗެއް ބަޔާންވެގެންވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް މީހެއްގެ މައްޗަށް ދެ ފަހަރު ރޯދަ ހިފަން، ނުވަތަ ދެ ފަހަރު ޠަވާފުކުރަން ވާޖިބު ނުކުރައްވައެވެ. އެއީ ޤަޟާކޮށްގެން މެނުވީ ހަމަނުކުރެވޭފަދަ މައްސަލައެއް ފުރަތަމަ ކަންތަކުގައި ހުރެއްޖެނަމަ މެނުވީއެވެ. ދެންފަހެ އަޅާގެ ކުޅަދާނަކަން ހުރި މިންވަރަކުން ތަކްލީފު ޖެއްސެވިގެންވާ ކަންތައް އަދާކުރާހިނދު، ފަހެ އޭނާގެ ޒިންމާ އެވަނީ ބަރީއަވެފައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:
﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَا...﴾
މާނައީ: "އެއްވެސް ނަފްސެއް ކުޅަދާނަކަން ހުރި ވަރަކަށް މެނުވީ އެއިލާހު އެ ނަފްސަށް ތަކްލީފު ނުޖައްސަވަތެވެ..." [އަލް-ބަޤަރާ: 286] އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ:
﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ...﴾
"...ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކަށް ﷲ އަށް ތަޤުވާވެރިވާށެވެ..." [އައް-ތަޣާބުން: 16].
ޙައިޟާއި ނިފާސްގެ ދެމެދުގައި ހުރި ފަސްވަނަ ފަރަޤު: ޙައިޟުގެ ދުވަސްވަރު ޙައިޟުވުމުގެ ޢާދައަށްވުރެ ކުރިން ޠާހިރުވެއްޖެނަމަ، އެއްވެސް މަކްރޫހަ ކަމެއް ނެތި ފިރިމީހާ އެކަނބުލޭއާ ޖިމާޢުވުން ހުއްދަވެގެންވެއެވެ. އަދި އަނެއްކޮޅުން ނިފާސްގައިނަމަ، ސާޅީސް ދުވަހުގެ ކުރިން ޠާހިރުވެއްޖެނަމަ، މަޛްހަބުގައި މަޝްހޫރު ރައުޔުގެ މައްޗަށް، ފިރިމީހާ އޭނާއާ ޖިމާޢުވުން މަކްރޫހަވެގެންވެއެވެ. އަދި ރަނގަޅު ގޮތަކީ އެކަނބުލޭގެއާ ޖިމާޢުވުން މަކްރޫހަވެގެން ނުވުމެވެ. އަދި މިއީ ޖުމްހޫރު ގިނަ ޢިލްމުވެރިންގެ ބަހެވެ. އެހެނީ މަކްރޫހަވުމަކީ، އެއަށް ޝަރުޢީ ދަލީލެއް ބޭނުންވާ ޝަރުޢީ ޙުކުމެކެވެ. އަދި މި މައްސަލާގައި އިމާމް އަޙްމަދު، ޢުޘްމާނު ބްނު އަބިލް ޢާޞްގެ އަރިހުން ޛިކުރުކުރެއްވި ރިވާޔަތް ފިޔަވައި އެހެން ޙުއްޖަތެއް ނެތެވެ. އެއީ ސާޅީސްވުމުގެ ކުރިން (އެކަލޭގެފާނުގެ އަނބިކަނބަލުން) އެކަލޭގެފާނަށް އަރިހަށް ދިޔަކަމަށެވެ. ދެން އެކަލޭގެފާނު ވިދާޅުވިކަމަށެވެ: "ކަނބުލޭގެ އަހުރެންނާ ގާތްނުވާށެވެ."75.
އަދި މިއަކުން އަދި މަކްރޫހަވުން ލާޒިމެއް ނުކުރެއެވެ. އެހެނީ އެއީ އެކަމަނާ ޠާހިރުވިކަމަށް އެކަމަނާއަށް ޔަޤީން ނުވާތީވެ ބިރުން ރައްކާތެރިވުމުގެ ގޮތުން ކުރެއްވިކަމަކަށް ވެދާނެއެވެ. ނުވަތަ ޖިމާޢުވުމުގެ ސަބަބުން ލޭ އަތުވެދާނެކަމުގެ ބިރުންނެވެ. ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެއެވެ. -އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.-
ހަތްވަނަ ފަޞްލު: ޙައިޟުވުން މަނާކުރާ ނުވަތަ ޙައިޟުކުރުވާ އެގެންނަ ތަކެއްޗާއި، އަދި ބަލިވެއިނުން މަނާކުރާ ނުވަތަ ދަރިވައްޓާލާ ތަކެތި ބޭނުންކުރުން
އަންހެނާ ޙައިޟުވުން މަނާކޮށް ހުއްޓުވާ އެއްޗެއް ބޭނުންކުރުން ދެ ޝަރުޠަކާއެކު ހުއްދަވެގެންވެއެވެ:
ފުރަތަމައީ: އެ ބޭނުންކޮށްގެން ގެއްލުމެއް ލިބިދާނޭކަމަށް އެކަނބުލޭގެ ބިރު ނުގަތުމެވެ. ދެންފަހެ އެއިން އެކަނބުލޭގެއަށް ގެއްލުމެއް ވެދާނޭކަމަށް ބިރުހީވެއްޖެނަމަ، އެކަން ހުއްދަވެގެން ނުވެއެވެ. އެއީ ﷲ ތަޢާލާގެ މިބަސްފުޅަށްޓަކައެވެ:
﴿...وَلَا تُلۡقُواْ بِأَيۡدِيكُمۡ إِلَى ٱلتَّهۡلُكَةِ...﴾
މާނައީ: "...އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ..." [އަަލް-ބަޤަރާ: 195].
﴿...وَلَا تَقۡتُلُوٓاْ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِيمٗا﴾
މާނައީ: "...އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ޤަތުލު ނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާހެއް ކަމުގައި ﷲ ވޮޑިގެންވެއެވެ." [އައް-ނިސާއު: 29].
ދެވަނައީ: ފިރިމީހާއާ އެކަމާ ގުޅުން ހުރިނަމަ ފިރިމީހާގެ ހުއްދަ ހޯދައިގެން އެކަންކުރުމެވެ. މިޘާލަކަށް: އެކަނބުލޭގެއަށް ޚަރަދުކޮށް ހޭދަކުރުން ވާޖިބުވާ ގޮތެއްގެ މަތީގައި އޭނާގެ ފުށުން ޢިއްދައެއްގައި ހުރެ، ދެން ޚަރަދުކުރުމުގެ މުއްދަތު ދިގުކޮށް އިތުރުކުރުމަށްޓަކައި ޙައިޟުވުން މަނާކުރާ އެއްޗެއް ބޭނުންކުރުމެވެ. ފަހެ މި ޙާލަތުގައި ފިރިމީހާގެ އިޛްނަ ހޯދައިގެން މެނުވީ ޙައިޟުވުން މަނާވާ އެއްޗެއް ބޭނުން ބޭނުންކުރުން އެކަނބުލޭގެއަށް ހުއްދަވެގެން ނުވެއެވެ. ހަމައެފަދައިން ޙައިޟުވުން މަނާކުރުމަކީ، ބަލިވެއިނުން މަނާކުރާ ކަމެއްކަން ޘާބިތުވެއްޖެނަމަ، އެހިނދުން ފިރިމީހާގެ ހުއްދަ ކޮންމެހެންވެސް ބޭނުންވެއެވެ. އެކަން ހުއްދަކަން ޘާބިތުވިޔަސް އެންމެ އަޥްލާ ގޮތަކީ، އެފަދަ އެއްޗެއް ޙާޖަތަކަށް ނޫނީ ބޭނުން ނުކުރުމެވެ. އެހެނީ ޠަބީޢަތުގައި ހުރި ގޮތުގެ މައްޗަށް ދޫކޮށްލާފައި ބެހެއްޓުމަކީ، ޞިއްޙަތު ސީދާވެ، ފަހެ ސަލާމަތާ އެންމެ ގާތްކަން ބޮޑު ގޮތެވެ.
ދެންފަހެ ޙައިޟުވުން ގެންނަ އެއްޗެއް ބޭނުންކުރުމަކީވެސް، ފަހެ ދެ ޝަރުޠަކާއެކު ހުއްދަ ކަމެކެވެ:
ފުރަތަމައީ: ވާޖިބެއް ވައްޓާލުމަށްޓަކައި ޙީލަތެއް ހެދުމުގެ ގޮތުން އެކަން ނުކުރުމެވެ. މިޘާލަކަށް ރަމަޟާން މަސް ކައިރިވުމުން، ރޯދަ ދޫކޮށްލުމަށްޓަކައި ނުވަތަ ނަމާދު ވައްޓާލުމަށްޓަކައި އަދި އެފަދަ ކަމަކަށްޓަކައި އެ އެއްޗެއް ބޭނުންކުރުމެވެ.
ދެވަނައީ: ފިރިމީހާގެ ހުއްދައާއެކު އެކަން ކުރުމެވެ. އެހެނީ ޙައިޟު ދިމާވުމުން އޭނާއަށް ފުރިހަމަ އަރާމާއި އުފާ ލިބުން މަނާކުރެއެވެ. ފަހެ އެހެންކަމުން އޭނާގެ ރުހުމާއެކު މެނުވީ އޭނާގެ ޙައްޤަށް ހުރަސްއެޅޭ އެއްޗެއް ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. އެއީ ވަރިވެފައިވި އަންހެނަކަށް ވިޔަސްމެއެވެ. އެހެނީ ރުޖޫޢަކުރުމުގެ ޙައްޤު އޭނާއަށް ލިބިފައިވާނަމަ، އޭގެ ސަބަބުން ރުޖޫޢަކުރުމަށް ފިރިމީހާއަށް ލިބިފައިވާ ޙައްޤު ގެއްލުވާލުން އަވަސްކުރުންވެއެވެ.
ދެންފަހެ ބަލިވެ އިނުން މަނާކުރެވޭ ވަސީލަތެއް ބޭނުންކުރުންވަނީ ދެ ވައްތަރަކަށެވެ:
ފުރަތަމަ ކަމަކީ: ދެމިގެންވާ މަނާކުރުމަކުން ބަލިވެއިނުން މަނާކުރުމެވެ. ފަހެ މިއީ ހުއްދަކަމެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން ބަލިވެއިނުން ކަނޑުވާލާ، ފަހެ ނަސްލު މަދުކޮށްލައެވެ. މިއީ ޝަރީޢަތުގެ މަޤްޞަދެއްކަމުގައިވާ: އިސްލާމީ އުއްމަތް ބައިބޯކުރުމާ ޚިލާފުކަމެކެވެ. އަދި އެއީ އެކަނބުލޭގެ މިހާރު ތިބި ދަރިން މަރުވެ، ދެން ދަރިޔަކު ނެތް ހުވަފަތް އަންހެނެއްގެ ގޮތުގައި އެކަނބުލޭގެ ހުންނަން ޖެހުމުގެ އަމާންކަން ނެތީމައެވެ.
ދެވަނައީ: ވަޤުތީގޮތުން އެކަން މަނާކޮށް ހުއްޓުވުމެވެ. މިސާލަކަށް: އަންހެނަކު ގިނަގިނައިން ބަލިވެއިންނަ މީހަކަށް ވެފައި، އަދި ބަލިވެއިނުމުން އޭނާ ވަރުބަލިވާތީވެ، ކޮންމެ ދެ އަހަރަކުން އެއްފަހަރު ނުވަތަ އެފަދަ ގޮތަކަށް ބަލިވެއިނުން އިންތިޒާމްކުރަން ބޭނުންވާތީ އެކަން ކުރުމެވެ. މިއީ ހުއްދަ ކަމެކެވެ. އެއީ ފިރިމީހާ އެކަމަށް ހުއްދަ ދިނުމުގެ ޝަރުޠާ ލައިގެން، އަދި އޭގެ ސަބަބުން އެކަނބުލޭގެ މައްޗަށް ގެއްލުމެއް ނުލިބުމުގެ މަތިންނެވެ. އަދި އެކަމުގެ ދަލީލަކީ: ނަބީ ﷺ ގެ ދުވަސްވަރުގައި، ޞަޙާބީން އެބޭކަލުންގެ އަނބީންގެ ކިބައިން ޢަޒުލުކުރައްވާ ކަމެވެ. އެއީ އެކަނބަލުން ބަލިވެނުއިނުމަށެވެ.76. ދެން އެބޭކަލުންނަށް އެކަން ނަހީއެއް ނުކުރެއްވެއެވެ. ޢަޒުލުކުރުމަކީ: އަނބިމީހާއާ ޖިމާޢުވެފައި، މަނި ބޭރުވާހިނދު ޛަކަރު ނައްޓާލާފައި ފަހެ ފަރުޖުގެ ބޭރަށް މަނި ބޭރުކޮށްލުމެވެ.
ދެންފަހެ ދަރި ވައްޓާލާ އެއްޗެއް ބޭނުންކުރުން ވަނީ ދެ ވައްތަރަކަށެވެ:
ފުރަތަމައީ: ދަރި ވައްޓާލުމުގައި އޭނާގެ ޤަޞްދަކީ އެކުއްޖާ ނައްތާލުންކަމުގައި ވުމެވެ. ފަހެ މިއީ ފުރާނަ އެޅުމަށްފަހުގައި ކަމަށްވާނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ޙަރާމްކަމެކެވެ. އެހެނީ އެއީ ޙައްޤަކާ ނުލައި ޙަރާމްވެގެންވާ ނަފްސެއް ޤަތުލުކޮށްލުމެވެ. އަދި ޙަރާމްވެގެންވާ ނަފްސެއް ޤަތުލުކޮށްލުމަކީ، ޤުރްއާނާއި ސުންނަތާއި މުސްލިމުންގެ އިޖްމާޢުން ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއީ ފުރާނަ އެޅުއްވުގެ ކުރިން ނަމަ، ފަހެ އެކަމުގެ ހުއްދަވުމާއި ނުވުމުގައި ޢިލްމުވެރިން ޚިލާފުވެގެންވެއެވެ. ބައެއް ބޭކަލުން އެކަން ހުއްދަ ކުރެއްވިއެވެ. އަދި ބައެއް ބޭކަލުން އެކަން މަނާކުރެއްވިއެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވިއެވެ: އެއީ ގަނޑު ލޭކޮޅަކަށް ބަދަލު ނުވާހާ ހިނދަކު ހުއްދަ ކަމެކެވެ. އެބަހީ: އެއީ ސާޅީސް ދުވަސް ފާއިތުވުމުގެ ކުރިންނެވެ. އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ: އޭގައި އިންސާނެއްގެ ސިފަ ފާޅުނުވާހާ ހިނދަކު ހުއްދަ ކަމެކެވެ.
އެންމެ ރައްކާތެރިގޮތަކީ: އެ ޙާލަތުގައިވެސް ވައްޓާލުމުން މަނާވެ ދުރުވުމެވެ. ޙާޖަތަކަށްޓަކައި މެނުވީއެވެ. މިޘާލަކަށް: މަންމަަކީ ބަލިވެއިނުން ތަޙައްމަލު ނުކުރެވޭފަދަ ބަލިމީހަކަށްވުން ނުވަތަ އެފަދަ ކަމަކަށްޓަކައެވެ. އެހިނދުން ވައްޓާލުން ހުއްދަވެގެންވެއެވެ. އެކަމަކު އިންސާނެއްގެ ޞިފަ ޖެހޭހާ މުއްދަތު ފާއިތުވެއްޖެނަމަ، އެހިނދުން އެކަން މަނާވެގެންވެއެވެ. -އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.-
ދެވަނައީ: އެ ކުއްޖާ ނައްތާލަން ޤަޞްދުކޮށްގެން ނުވުމެވެ. އެއީ ބަލިވެއިންނަ މުއްދަތު ނިމި، ވިހާ މުއްދަތު ގާތްވުމުން، ވައްޓާލުމަށް (ވިހެއުމަށް) ކުރެވޭ މަސައްކަތަކަށްވުމެވެ. ފަހެ މިކަން ހުއްދަވެގެންވެއެވެ. އެއީ އެކަމަކު މަންމައަށް އަދި ދަރިފުޅަށްވެސް ގެއްލުމެއް ނުވުމުގެ ޝަރުޠުގެ މަތިން، އަދި އެކަން ކުރުމަށް އޮޕަރޭޝަނެއް ކުރުމަށް ޙާޖަތް ނުޖެހުމުގެ މަތިންނެވެ. އޮޕަރޭޝަނެއް ކުރުމަށް ޙާޖަތް ޖެހިއްޖެނަމަ، ފަހެ އެކަމަށްވަނީ ހަތަރު ޙާލަތެކެވެ:
ފުރަތަމައީ: މަންމަ ދިރިހުރެ، އަދި ދަރިވެސް ދިރިހުރުމެވެ. ފަހެ އެ ޙާލަތުގައި ޟަރޫރަތަކަށްޓަކައި މެނުވީ އޮޕަރޭޝަން ކުރުން ހުއްދަވެގެން ނުވެއެވެ. އެއީ ވިހަން ދަތިވެގެން އެހިނދުން އޮޕަރޭޝަންކުރަން ޖެހުންފަދަ ކަމަކަށްޓަކައެވެ. އެހެނީ ހަށިގަނޑަކީ އަޅާއާ ޙަވާލުވެފައިވާ އަމާނާތެކެވެ. ފަހެ (ނުރައްކާވެ) ބިރުހުރި ގޮތަކަށް ހަށިގަނޑާމެދު އެއަށްވުރެ ބޮޑު މަޞްލަޙަތަކަށް ނޫނީ ކަންތައް ކޮށްގެން ނުވާނެއެވެ. އަދި އެހެނީ ފަހަރެއްގައި އެ އޮޕަރޭޝަންގައި ގެއްލުމެއް ނެތްކަމަށް އޭނާ ހީކޮށްފައި، ދެން ގެއްލުމެއް ލިބިވެސްދާނެއެވެ.
ދެވަނައީ: މަންމަ މަރުވެފައި އަދި ބަނޑުގައިވާ ކުއްޖާވެސް މަރުވެފައިވުމެވެ. އެހިނދުން އޮޕަރޭޝަނެއް ކޮށްގެން ނެގުމުގައި ފައިދާ ނެތުމުގެ ސަބަބުން އެއީ ހުއްދަ ކަމެއް ނޫނެވެ.
ތިންވަނައީ: މަންމަ ދިރިހުރެފައި ބަނޑުގައި އޮތް ކުއްޖާ މަރުވެފައިވުމެވެ. އެހިނދުން އެ ކުއްޖާ ނަގަން އޮޕަރޭޝަން ކުރުމަކީ ހުއްދަ ކަމެކެވެ. މަންމައަށް އެކަމުގެ ގެއްލުން ލިބިދާނޭކަމަށް ބިރުހީވެއްޖެއްޔާ މެނުވީއެވެ. އެހެނީ އެންމެ ބޮޑަށް ފެންނަ ގޮތަކީ -އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އޭ- ބަނޑުގައި އޮތް ކުއްޖާ މަރުވެއްޖެނަމަ، އޮޕަރޭޝަން ކޮށްގެން މެނުވީ ވަރަށްވެސް ނުނެރެވެއެވެ. ބަނޑުގައި މަރުވެފައިވާ ކުއްޖާ އޮތުމަކީ، ކުރިއަށް އޮތްތަނުގައި ބަލިވެ އިނުމަށް ހުރަސްއެޅި، އަދި އޭނާގެ މައްޗަށްވާ ދަތިއުނދަގުލެއް ކަމެކެވެ. އަދި ފަހަރެއްގައި (ބަނޑުގައި ދަރިޔަކު އޮތުމުން ޢިއްދަ ނިމުމަށް ހުރަސްއެޅޭތީ) ދެން ހުއްސަރިބަޔަށްވެސް އޭނާ ހުންނަން ޖެހިދާނެއެވެ. އެއީ ކުރީގެ ފިރިމީހާގެ ޢިއްދާގައި އެކަނބުލޭގެ ހުރިނަމައެވެ.
ހަތަރުވަނައީ: މަންމަ މަރުވެފައި ބަނޑުގައި އޮތް ކުއްޖާ ދިރިހުރުމެވެ. ދެންފަހެ އެ ކުއްޖާ ދިރިހުންނާނޭކަމަށް އުއްމީދު ނުކުރެވޭނަމަ، އޮޕަރޭޝަންކުރުން ހުއްދައެއްނޫނެވެ.
އަދި ކުއްޖާ ދިރިހުންނާނޭކަމަށް އުއްމީދުކުރެވޭ ޙާލަތުގައި، އެކުއްޖާގެ އެއްބައި ނިކުމެފައިވާނަމަ އަނެއްބައި ނެރުމަށްޓަކައި މަންމަގެ ބަނޑުފަޅާލެވޭނެއެވެ. އެ ކުއްޖާގެ ހަށިގަނޑުން އެއްވެސް ބައެއް ނުނިކުމެވާނަމަ، ފަހެ އަހަރުމެންގެ މަޛްހަބުގެ ބޭކަލުން -ﷲ އެބޭކަލުންނަށް ރަޙްމަތް ލައްވާށި- ވިދާޅުވިއެވެ: ބަނޑުގައި އޮތް ދަރި ނެގުމަށްޓަކައި މަންމަގެ ބަނޑު ފަޅާ ނުލެވޭނެއެވެ. އެހެނީ އެއީ މުޘްލާ އެކެވެ. (އެބަހީ: ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށް ހަލާކުކުރުމެވެ.) އަދި ޞައްޙަ ރައުޔަކީ، ބަނޑު ފަޅައިގެން މެނުވީ އެ ކުއްޖާ ބޭރު ނުކުރެވޭނަމަ ބަނޑު ފަޅާލެވޭނެކަމެވެ. އަދި މިއީ އިބްނު ހުބައިރާ އިޚްތިޔާރު ކުރެއްވި ގޮތެވެ. 'އަލްއިންޞާފު' ފޮތުގައި އެބޭފުޅާ77 ވިދާޅުވިއެވެ: އަދި އެންމެ އައުލާވެގެންވަނީ އެގޮތެވެ.
އަހަރެން ބުނަމެވެ: އަދި ވަކީން ޚާއްޞަކޮށް އަހަރުމެންގެ މި ޒަމާނުގައެވެ. އެހެނީ އޮޕަރޭޝަންކުރުމަކީ ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށް ގަޑުބަޑުކުރުމެއް ނޫނެވެ. އެހެނީ ބަނޑު ފަޅާލުމަށްފަހު ފަހާލެވެއެވެ. އަދި އެހެނީ މައްޔިތާގެ ޙުރުމަތްތެރިކަމަށްވުރެ ދިރިހުރި މީހާގެ ޙުރުމަތްތެރިކަން ބޮޑެވެ. އަދި އެހެނީ މަޢުޞޫމު ފުރާނައެއް ހަލާކުން ސަލާމަތްކުރުމަކީ ވާޖިބެކެވެ. ބަނޑުގައިވާ ދަރިޔަކީ މަޢުޞޫމު އިންސާނެކެވެ. އެހެންކަމުން އެ ކުއްޖާ ސަލާމަތްކުރުން ވާޖިބުވެގެންވެއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
ސަމާލުވާން ޖެހޭ ނުކުތާއެއް: އިސްވެދިޔަ، ބަނޑުގައި އޮތް ދަރި ވައްޓާލުން ހުއްދަ ޙާލަތްތަކުގައި، ފިރިމީހާ ފަދަ، ބަނޑުގައި އޮތް ކުއްޖާގެ ޙައްޤުވެރިޔާގެ ހުއްދަ ބޭނުންވާނެއެވެ.
މި މުހިއްމު މައުޟޫޢުގައި އަހަރެން ލިޔަން ޤަޞްދުކުރި މިންވަރު މި ޙިސާބަށް މި ނިމުނީއެވެ. އަހަރެން މީގައި ވާނީ މައްސަލަތަކުގެ މައިގަނޑު އުޞޫލުތަކާއި، ޤަވާޢިދުތަކަށް އެކަނި ހަނިކޮށްފައެވެ. އެހެންނޫންނަމަ، މި މައްސަލަތަކުގެ ފަރުޢީ ގޮފިތަކާއި ބައިތަކާއި، އަންހެނުންނަށް އެކަމުން ދިމާވާ ކަންކަން އެއީ އައްސޭރިއެއް ނެތް ކަނޑެއްފަދަ، އެހާ ގިނަ ވާހަކަތަކެކެވެ. ނަމަވެސް ދުރު ވިސްނުންހުރި މީހާ، ގޮފިތައް އޭގެ އަޞްލުތަކަށް ރުޖޫޢަކޮށް، އަދި ޖުޒުއީ ބައިތައް އޭގެ މައިގަނޑު ކުއްލިޔާތުތަކާއި ޤަވާޢިދުތަކަށް ރުޖޫޢަކޮށް، އަދި ކަންކަން އެއާ ވައްތަރުވެގެންވާ އެހެން ކަންކަމާ އަޅައިކިޔަން ކުޅަދާނަވެގެންވާނެއެވެ.
އަދި ފަތުވާދޭ މުފްތީ ދަންނަން ޖެހޭ ކަމަކީ: އޭނާއަކީ ﷲ އާއި އެއިލާހުގެ ޚަލްޤުތަކުންނާ ދެމެދުވާ މެދުވެރިއެއްގެ ރޯލު ކުޅެދޭ ފަރާތްކަމެވެ. އެއީ އެއިލާހުގެ ރަސޫލުން ގެންނެވި ކަންކަން ފޯރުކޮށްދިނުމާއި، ޚަލްޤުތަކުންނަށް އެކަން ބަޔާންކޮށް ދިނުމުގައެވެ. އަދި ޤުރްއާނާއި ސުންނަތުގައިވާ ކަންކަމާމެދު އޭނާއާ ސުވާލުކުރެވޭނެކަމެވެ. ފަހެ އަޅުތަކުން ފަހުމްކޮށް އޮޅުންފިލުވާ، އަދި ޢަމަލުކުރުމަށް ތަކްލީފު ޖެއްސެވިގެންވާ ދެ މަޞްދަރަކީ އެއީއެވެ. އަދި ޤުރުއާނާއި ސުންނަތާ ޚިލާފުވެއްޖެ ކޮންމެ ކަމެއް އެއީ ފަހެ ގޯހެކެވެ. އެ ބަސްބުނި މީހެއްގެ މައްޗަށް އެ އަނބުރާ ރައްދުކުރަން ޖެހެއެވެ. އަދި އެއަށް ޢަމަލުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެއީ އެ ބަސް ބުނި މީހާއީ ޢުޛުރު ލިބިގެންވާ މުޖްތަހިދެއް ކަމުގައިވިޔަސްމެއެވެ. އޭރުން އޭނާ ކުރި އިޖްތިހާދަށް އަޖުރު ލިބޭނެއެވެ. ނަމަވެސް އޭނާ ހެދި ކުށް އެނގިގެންވާ އެހެން މީހަކު އެކަން ޤަބޫލުކުރުން ހުއްދަވެގެން ނުވެއެވެ.
އަދި ފަތުވާދޭ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ، ﷲ ތަޢާލާއަށް ނިޔަތް އިޚްލާޞްތެރި ކުރުމާއި، ދިމާވާ ކޮންމެ ހާދިޘާއެއްގައި އެއިލާހުގެ ޙަޟްރަތުން އެހީތެރިކަން ހޯދައި، އެއިލާހުގެ ޙަޟްރަތުން ޘާބިތުކަމާއި، ޙައްޤު ރަނގަޅު ގޮތަށް ތަޥްފީޤު ދެއްވުން އެދުމެވެ.
އަދި އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ: އޭނާ ވިސްނާ ފިކުރުކޮށް ބުރަދަންދޭ ކަމަކީ، ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ކަންކަން ކަމުގައިވުމެވެ. އެގޮތުން އޭނާ އެކަމުގައި ބަލާ ހޯދާ، ނުވަތަ ޤުރްއާނާއި ސުންނަތް ފަހުމްވެ ދެނެގަތުމަށް، ޢިލްމުގެ އަހުލުވެރިންގެ ބަސްތަކުން އެހީ ހޯދޭނެ ބަސްތައް ހޯދާ ބަލާހުށިކަމެވެ.
ގިނަފަހަރު ދިމާވާ މައްސަލަތަކުން ކަމެއްގައި، އިންސާނާއަށް ކުޅަދާނަވީ މިންވަރަކުން ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް ހޯދާބަލާ، ދެން އެ މައްސަލައެއްގެ ޙުކުމުގައި އޭނާގެ ހިތްހަމަޖެހޭ ގޮތެއް އެބަސްފުޅުތަކުން ނުފެނި، އަދި ފަހަރެއްގައި އެ މައްސަލައިގެ ވާހަކަ އެއްގޮތަކަށްވެސް ގެނެވިފައިވާތަން ނުފެނިދާނެއެވެ. ދެންފަހެ އޭނާ ޤުރްއާނާއި ސުންނަތަށް ރުޖޫޢަވެއްޖެނަމަ، ކައިރިވެގެން ގޮތަށް ފާޅުކޮށް އޭގެ ޙުކުމް އޭނާއަށް ފާޅުވެ ބަޔާންވެއެވެ. އެއީ އިޚްލާޞްތެރިކަމާއި، ޢިލްމާއި އަދި ފަހުމްވެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ.
އަދި މައްސަލައެއް ދިމާވާހިނދު، ޙުކުމް ނިންމުމުގައި ފަތުވާދޭ މީހާ މަޑުޖެހި ލަސްލަހުން އުޅެންޖެހެއެވެ. އަދި އަވަސް އަރުވާލައިގެން ނުވާނެއެވެ. ފަހެ އޭނާ އެކަމެއްގެ ޙުކުމްގައި އަވަސްއަރުވާލާ، ދެން ގާތުން ނަޒަރު ހިންގާ ބެލުމަށްފަހު އޭނާ އެކަމުގައި ގޯސްހެދުންކަން ބަޔާންވެ، ދެން އެކަމުގެ މައްޗަށް ހިތާމަކުރީ ކިތައް ކިތައް ފަހަރުހެއްޔެވެ؟ އަދި ފަހަރެއްގައި ދެން އޭނާ ފަތުވާދިން ގޮތް ބަދަލުވެސް ނުކުރެވިދާނެއެވެ!
އަދި ފަތުވާދޭ މީހާގެ ކިބައިން ފަރުވާތެރިވެ ލަސްލަހުން ހަމަޖެހިގެން ޘާބިތުކުރަން އުޅޭކަން މީސްތަކުންނަށް އެނގިއްޖެނަމަ، އޭނާގެ ބަހަށް އިތުބާރުކޮށް އޭނާގެ ބަހަށް ބުރަދަންދެއެވެ. އެކަމަކު އޭނާ އަވަސްއަރުވާލައިގެން އުޅޭތަން އެމީހުންނަށް ފެނިއްޖެނަމަ، -އަދި އަވަސްއަރުވާލާ މީހަކީ ކުށްހެދުން ގިނަވާ މީހެއްކަމާއި- ދެން އޭނާ ފަތުވާދޭ ކަންކަމާމެދު އިތުބާރެއް ނޯވެއެވެ. ނަތީޖާއަކީ، އޭނާގެ އަވަސްއަރުވާލުމާއި، ގޯސްހެދުމުން އޭނާގެ އަމިއްލަ ނަފްސާއި އަދި އެހެން މީހުންނަށްވެސް އޭނާގެ ކިބައިގައިވާ ޢިލްމާއި ރަނގަޅު ގޮތްނުލިބި މަޙްރޫމުވެގެން ދިޔުމެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން އަހަރުމެން އެދި ދަންނަވަނީ، އަހަރުމެންނާއި އަހަރުމެންގެ މުސްލިމު އަޚުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށެވެ. އަދި އެއިލާހުގެ ޢިނާޔަތްތެރިކަމާއި އެހީތެރިކަން އަޅަމެންނަށް ދެއްވާ، އަދި އެއިލާހުގެ ރިޢާޔަތްތެރިކަމުން ކުށްތަކާއި ގޯސްތަކުން އަޅަމެން ރައްކާތެރި ކުރެއްވުމަށެވެ. ހަމަކަށަވަރުން އެއިލާހުއީ ދީލަތިވަންތަ ކީރިތިވަންތަ އިލާހުއެވެ. އަދި އަޅަމެންގެ ނަބީ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އެންމެހާ އާލުންނާއި ޞަޙާބިންނަށް، ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އަދި ﷲ އަށް ޙަމްދު ހުއްޓެވެ. އެއިލާހުއީ އެއިލާހުގެ ނިޢުމަތުގެ ސަބަބުން ހެޔޮ ރަނގަޅު ޞާލިޙު ކަންކަން ފުރިހަމަވާ އިލާހެވެ.
ﷲ ގެ ރަޙްމަތަށް ފަޤީރުވެ ބޭނުންޖެހިގެންވާ މީހާގެ ޤަލަމުން ލިޔެ ނިމުނީއެވެ.
މުޙައްމަދު އައް-ޞާލިޙު އަލް-ޢުޘައިމީން
ހުކުރު ދުވަހު ޟުޙާގެ ވަޤުތުގައެވެ.
14 ޝަޢުބާން 1392ހ
***
الفهرس
ފުރަތަމަ ފަޞްލު: ޙައިޟުގެ މާނައާއި އޭގެ ޙިކުމަތް 5
ދެވަނަ ފަޞްލު: ޙައިޟުގެ ދުވަސްވަރާއި މުއްދަތު 6
ތިންވަނަ ފަޞްލު: ޙައިޟުވުމުގެ މައްޗަށް ދިމާވާ އެކިއެކި ކަންކަން 20
ހަތަރުވަނަ ފަޞްލު: ޙައިޟާ ބެހޭ ޙުކުމްތައް 27
ފަސްވަނަ ފަޞްލު: އިސްތިޙާޟާއާއި އޭގެ ހުކުމްތައް 55
އިސްތިޙާޟާގެ ޙާލަތްތައް: 57
އިސްތިޙާޟާވާ އަންހެނާއާ ވައްތަރުވާ މީހާގެ ޙާލަތު: 63
އިސްތިހާޟާގެ ޙުކުމްތައް: 65
ހަވަނަ ބާބު: ނިފާސްވެރިކަމާއި އޭގެ ޙުކުމް 69
ނިފާސްގެ ޙުކުމްތައް: 72
ހަތްވަނަ ފަޞްލު: ޙައިޟުވުން މަނާކުރާ ނުވަތަ ޙައިޟުކުރުވާ އެގެންނަ ތަކެއްޗާއި، އަދި ބަލިވެއިނުން މަނާކުރާ ނުވަތަ ދަރިވައްޓާލާ ތަކެތި ބޭނުންކުރުން 77
***
dv130v3.0 - 26/03/2026
އަޙްކާމުލް-މުތަޙައްޔިރާ ފިލް-ޙައިޟި، އައް-ދާރިމީ (ޞ: 17).
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވެރިޔާ ގެފުޅު ވަށާ ޠަވާފުކުރުން ފިޔަވައި އެހެން ހުރިހާ މަނާސިކުތައް އަދާކުރާނޭކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 305 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައްޖުގެ، އިޙްރާމް އެޅުމުގެ ގޮތްތައް ނަންގަނެވުނު ބާބުގައި، ނަމްބަރު 1211 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޢުމްރާގެ، ޢުމްރާގެ އަޖުރުވަނީ ވަރުބަލިވި މިންވަރުގެ މައްޗަށްކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 1662 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައްޖުގެ، އިޙްރާމް އެޅުމުގެ ގޮތްތައް ނަންގަނެވުނު ބާބުގައި، ނަމްބަރު 1211 ގައެވެ.
ޝަރުޢުކުރައްވާ ފަރާތުން އެ ނަންނަމާ ޙުކުމްތައް ގުޅުވާލައްވާފައިވާ ނަންނަމާ ބެހޭގޮތުންވާ ރިސާލާ: (ޞ: 35)
އިސްވެދިޔަ މަޞްދަރުގެ (ޞ: 36).
އެއީ މައްކާގެ ހުޅަނގު ފަރާތުގައި، މަސްޖިދުލް-ޙަރާމް މިސްކިތާ 7 ކިލޯމީޓަރު ދުރުން އޮންނަ ސަރަހައްދެކެވެ. މިއީ މައްކާގެ އަހުލުވެރިން ޢުމްރާ ކުރުމަށްޓަކައި، މައްކާގެ ރަށްބޭރަށް ނުކުމެ އިޙްރާމްވާ ތަނެކެވެ. ހިޖުރީ ސަނަތުން 240 ގައި، ޢައްބާސީ ޚިލާފަތުން މިތަނުގައި ޢާއިޝަތު رضي الله عنها ގެ ނަމުން މިސްކިތެއް އަޅާފައި ވެއެވެ. އެއީ ހިޖުރައިން 9 ވަނަ އަހަރުގެ ޙައްޖަތުލް-ވަދާޢުގެ ޙައްޖުގައި މުއުމިނުންގެ މަންމާފުޅު ޢާއިޝަތު ބިންތި އަބީ ބަކުރު رضي الله عنهما ޢުމްރާއަށް އިޙްރާމްވުމަށް ވަޑައިގެންނެވި ތަނުގައެވެ.
އިސްވެދިޔަ މަޞްދަރުގެ (ޞ: 38).
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-އީމާންގައި، ދީން ފަސޭހަވެގެންވިކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 39 ގައެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-މަނާޤިިބުގައި، ނަބީ ﷺ ގެ ޞިފަފުޅާ ބެހޭގޮތުންވާ ބާބުގައި، ނަމްބަރު 3560 ގައެވެ. އަދި މުސްލިމް، ކިތާބުލް-ފަޟާއިލުގައި، އެކަލޭގެފާނު ﷺ ފާފަތަކާ ދުރުވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު (2327/77) ގައެވެ.
އހ = އެހިސާބުން އެބޭފުޅާގެ ބަސްކޮޅު ނިމުނީ.
މަޖުމޫޢުލް-ފަތާވާ: (238/19-239).
އަލް-އަޥްސަޠު (356/2).
ބައްލަވާ: އަލް-މުޣުނީ (405/1).
އަލް-މުދައްވަނާ (155/1)، އައް-ނަވާދިރު ވައް-ޒިޔާދާތު (136/1).
އިޚްތިލާފުލް-ފުޤަހާއު ލިލް-މަރްވަޒީ (ޞ: 193)، އަލް-އަޥްސަޠު: (239/2).
އަލް-އުއްމު: (82/1).
މަޖުމޫޢުލް-ފަތާވާ: (238/19-239).
އަލް-މުޣުނީ: (396/1)
އެބަހީ: ޙައިޟުން ޠާހިރުވުމަށްފަހުގައި، ދެން އަންނަ ރީނދޫކުލަޔާއި ކިސަޑުކުލައިގެ ދިޔަ އެއީ ޙައިޟު ލޭ ކަމުގައި ނުބަލާ ކަމުގައެވެ.
މި ރިވާޔަތް ނެރުއްވީ އަބޫ ދާވޫދު، ކިތާބުއް-ޠަހާރާގެ، ޠާހިރުވުމަށްފަހު އަންހެނާއަށް ކިސަޑުކަމާއި ރީނދޫކަން ފެނުމުގެ ބާބުގައި، ނަމްބަރު 307 ގައެވެ.
މި ރިވާޔަތް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގެ، ޙައިޟު ނޫން ދުވަސްތަކުގައި ރީނދޫކަމާއި ކިސަޑުކަން ފެނުމުގެ ބާބުގައި، ނަމްބަރު 326 ގައެވެ.
ފަތުޙުލް-ބާރީ (426/1).
ޞަޙީޙުލް-ބުޚާރީ (71/1).
މި ރިވާޔަތް މުޢައްލަޤުކޮށް އަލް-ބުޚާރީ ގެންނެވީ ކިތާބުލް-ޙައިޟުގެ، ޙައިޟު އައުމާއި ދިޔުމުގެ ވާހަކަ ނަންގަނެވުނު ބާބުގައި، ޙަދީޘް ނަމްބަރު 320 ގެ ކުރިންނެވެ.
އަލް-އުއްމު (1/ 83-84).
އަލް-އިންޞާފު ފޮތުގައި އެފަދައިން ނަޤުލުކުރެއްވިއެވެ.
އަލް-އަޞްލު: (2/ 19-20).
އަލް-މުޣުނީ (226/1).
އަލް-މުޣުނީ (257/1).
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބު މަވާޤީތު އައް-ޞަލާތުގައި، ނަމާދުން ރަކްޢަތެއް ލިބިއްޖެ މީހާގެ ވާހަކަ ނަންގަނެވުނު ބާބުގައި، ނަމްބަރު 580 ގައެވެ. އަދި މުސްލިމް، ކިތާބު އަލް-މަސާޖިދު ވަމަވާޟިޢު އައް-ޞަލާތުގައި، ނަމާދުން ރަކްޢަތެއް ލިބިއްޖެ މީހާ ފަހެ އެ ނަމާދު ލިބުނީކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 607 ގައެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބު މަވާޤީތު އައް-ޞަލާތުގައި، ނަމާދުން ރަކްޢަތެއް ލިބިއްޖެ މީހާގެ ވާހަކަ ނަންގަނެވުނު ބާބުގައި، ނަމްބަރު 579 ގައެވެ. އަދި މުސްލިމް، ކިތާބު އަލް-މަސާޖިދު ވަމަވާޟިޢު އައް-ޞަލާތުގައި، ނަމާދުން ރަކްޢަތެއް ލިބިއްޖެ މީހާ ފަހެ އެ ނަމާދު ލިބުނީކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 608 ގައެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘުންނެވެ.
އަލް-މަޖްމޫޢު ޝަރްޙުލް-މުހައްޛަބު (3/70).
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، މީހާ އޭނާގެ އަނބިމީހާ ޙައިޟުވެފައި ހުއްޓާ އެކަނބުލޭގެ އުނގުގައި އޮވެގެން ޤުރްއާން ކިޔެވުން ނަންގަނެވުނު ބާބުގައި، ނަމްބަރު 297 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގެ، މީހާގެ އަނބިމީހާ ޙައިޟުވެފައި ހުއްޓާ އެކަނބުލޭގެ އުނގުގައި އޮށޯތުމާއި އަދި ޤުރްއާން ކިޔެވުން ނަންގަނެވުނު ބާބުގައި، ނަމްބަރު 301 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވެފައި ހުރި އަންހެނާ ދެ ޢީދާއި މުސްލިމުންގެ ދުޢާގައި ބައިވެރިވެ، އަދި ނަމާދުކުރާތަނުން އެކަހެރިވުމާ ބެހޭ ބާބުގައި، ނަމްބަރު 324 ގައެވެ. އަދި މުސްލިމް، ކިތާބު ޞަލާތުލް-ޢީދައިންގެ، ދެ ޢީދުގައި އަންހެނުން ފިރިހެނުންނާ އެއްކިބާވެގެންވާ ޙާލު ނަމާދުކުރާތަނަށް ނިކުތުމާއި ޚުޠުބާގައި ބައިވެރިވުން ހުއްދަވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 890 ގައެވެ.
އަލް-މަޖްމޫޢު (2/ 357).
ބައްލަވާ ޞަޙީޙުލް ބުޚާރީ: ކިތާބުލް ޙައިޟުގެ، ޙައިޟުވެރިޔާ ގެފުޅު ވަށާ ޠަވާފުކުރުން ފިޔަވައި އެހެން ހުރިހާ މަނާސިކުތައް އަދާކުރާނޭކަން ނަންގަނެވުނު ބާބު، އަދި ފަތުޙުލް-ބާރީގެ (1/ 407-408).
ފަތުޙުލް-ބާރީ (1/ 408).
އަލް-އަޥްސަޠު: (2/ 223).
އަލް-މަޖްމޫޢު (2/ 356).
ފަތުޙުލް-ބާރީ (1/ 408).
އަލް-ބުޚާރީ މި ބަސްފުޅު މުޢައްލަޤުކޮށް ގެންނެވީ، ކިތާބުލް-ޙައިޟުގެ، ޙައިޟުވެރިޔާ ގެފުޅު ވަށާ ޠަވާފުކުރުން ފިޔަވައި އެހެން ހުރިހާ މަނާސިކުތައް އަދާކުރާނޭކަން ނަންގަނެވުނު ބާބުގައި، ޙަދީޘް ނަމްބަރު 305 ގެ ކުރިންނެވެ.
މި ޙަދީޘް ނެރުއްވީ އައް-ތިރްމިޛީ، އަބްވާބު އައް-ޠަހާރާގައި، ޖުނުބުވެރިޔާއާއި ޙައިޟުވެރިޔާ ޤުރްއާން ނުކިޔަވާނޭކަމަށް އައިސްފައިވާ ޚަބަރުތައް ނަންގަނެވުނު ބާބުގައި، ނަމްބަރު 131 ގައެވެ.
ބައްލަވާ: އައް-ތިރްމިޛީގެ އަލް-ޢިލަލު: (ޞ: 69/ތަރުތީބު)، އަދި އަލް-ބައިހަޤީގެ އައް-ސުނަނުލް-ކުބްރާ: (1/309)، އަދި އިބްނު ޢަބްދުލް-ޙައްޤުގެ އަލް-އަޙްކާމުއް-ޝަރްޢިއްޔާ (1/504)، އަދި އައް-ޒައިލަޢީގެ ނަޞްބުއް-ރާޔާ (1/195).
މަޖްމޫޢުލް-ފަތާވާ: (26/ 191).
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވެރިޔާ ނަމާދު ޤަޟާނުކުރާނެކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 321 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގައި، ނަމާދު ފިޔަވައި ރޯދަ ޤަޟާކުރުން ޙައިޟުވެރިޔާއަށް ވާޖިބުވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 335 ގައެވެ. އަދި މިއީ މުސްލިމް ރިވާކުރެއްްވި ލަފްޒެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޢިލްމުގައި، ޢިލްމުގައި ލަދުވެތިވުމުގެ ވާހަކަ ނަންގަނެވުނު ބާބުގައި، ނަމްބަރު 130 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގައި، އަންހެނާގެ މައްޗަށް ހިނައިގަތުން ވާޖިބުވެގެންވި... ބާބުގައި، ނަމްބަރު 313 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުއް-ޞަޥްމުގައި، ރޯދަވެރިޔާ ހިނައިގަތުމާ ބެހޭ ބާބުގައި، ނަމްބަރު 1931 ގައެވެ. އަދި މުސްލިމް، ކިތާބުއް-ޞިޔާމްގައި، ޖުނުބުގެ ޙާލަތުގައި ހުރެ ފަތިސްކުރި މީހާގެ ރޯދަ ޞައްޙަވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 1109 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވެރިޔާ ގެފުޅު ވަށާ ޠަވާފުކުރުން ފިޔަވައި އެހެން ހުރިހާ މަނާސިކުތައް އަދާކުރާނޭކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 305 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައްޖުގެ، އިޙްރާމް އެޅުމުގެ ގޮތްތައް ނަންގަނެވުނު ބާބުގައި، ނަމްބަރު 1211 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައްޖުގައި، ޠަވާފުލް-ވަދާޢުގެ ބާބުގައި، ނަމްބަރު 1755 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައްޖުގައި، ވަދާޢީ ޠަވާފު ވާޖިބުވެގެންވާކަމާއި އަދި ޙައިޟުވެރިޔާގެ ކިބައިން ވާޖިބުކަން ކެނޑިގެންދާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 1328 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައްޖުގައި، އަންހެނާ ޠަވާފުލް-އިފާޟާކުރުމަށް ފަހު ޙައިޟުވުމުގެ ވާހަކަ ނަންގަނެވުނު ބާބުގައި، ނަމްބަރު 1757 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައްޖުގައި، ވަދާޢީ ޠަވާފު ވާޖިބުވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 1211 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވެފައި ހުރި އަންހެނާ ދެ ޢީދާއި މުސްލިމުންގެ ދުޢާގައި ބައިވެރިވެ، އަދި ނަމާދުކުރާތަނުން އެކަހެރިވުމާ ބެހޭ ބާބުގައި، ނަމްބަރު 324 ގައެވެ. އަދި މުސްލިމް، ކިތާބު ޞަލާތުލް-ޢީދައިންގެ، ދެ ޢީދުގައި އަންހެނުން ފިރިހެނުންނާ އެއްކިބާވެގެންވާ ޙާލު ނަމާދުކުރާތަނަށް ނިކުތުމާއި ޚުޠުބާގައި ބައިވެރިވުން ހުއްދަވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 890 ގައެވެ.
މި ޙަދީޘް ނެރުއްވީ މުސްލިމް، ކިތާބުލް-ޙައިޟުގައި، ޙައިޟުވެރިޔާ އެކަނބުލޭގެ ފިރިމީހާގެ ބޯ ދޮވެދިނުން ހުއްދަވެގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 302 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވެރިޔާއާ ގައިގޯޅިވުން ނަންގަނެވުނު ބާބުގައި، ނަމްބަރު 301 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގައި، ޙައިޟުވެރިޔާއާ އިޒާރުގެ މަތިން ގައިގޯޅިވުން ނަންގަނެވުނު ބާބުގައި، ނަމްބަރު 293 ގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުއް-ޠަލާޤުގައި، ނަމްބަރު 5251 ގައެވެ. އަދި މުސްލިމް، ކިތާބުއް-ޠަލާޤުގައި، ރުހުންނެތި ޙައިޟުވެރިޔާ ވަރިކުރުން ޙަރާމްވެގެންވާކަމާއި، އަދި އެއާ ޚިލާފުވެ ވަރިކުރިޔަސް ވަރިވާނޭކަމާއި އެކަމަކު ރުޖޫޢަކުރުމަށް އަމުރުކުރެވޭނެކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 1471 ގައެވެ. އެއީ އިބްނު ޢުމަރު رضي الله عنهما ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުއް-ޠަލާޤުގައި، ޚުލްޢުކުރުމާއި އޭގައި ވަރިކުރުންވާ ގޮތް ނަންގަނެވުނު ބާބުގައި، ނަމްބަރު 5273 ގައެވެ. އެއީ އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘުންނެވެ.
ޠ މ = ބެލެވެނީ މަކްތަބަތުލް-ޤާހިރާގެ ޠަބުޢާ ކަމުގައެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގެ، ޙައިޟު އައުމާއި ދިޔުމުގެ ބާބުގައި، ނަމްބަރު 320 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގެ، އިސްތިޙާޟާވެފައިވާ އަންހެނާއާއި އޭނާގެ ހިނެއުމާއި ނަމާދުކުރުމާ ބެހޭ ބާބުގައި، ނަމްބަރު 333 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގެ، ޙައިޟުން ހިނައިގަތުމާ ބެހޭ ބާބުގައި، ނަމްބަރު 315 ގައެވެ. އަދި މުސްލިމް، ކިތާބުލް ޙައިޟުގެ، ޙައިޟުން ހިނައިގަންނަ އަންހެނާ، ލޭ ހުރި ތަންތާގައި ގޮމަކަސްތޫރި ފޮތިކޮޅެއް ބޭނުންކުރުން އެދެވިގެންވާކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 332 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ މުސްލިމް، ކިތާބުލް-ޙައިޟުގައި، ހިނައިގަންނަ އަންހެނާ ގަތާފައިވާ ހުޅިތަކުގެ ޙުކުމް ނަންގަނެވުނު ބާބުގައި، ނަމްބަރު 330 ގައެވެ. އެއީ އުއްމު ސަލަމާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ވުޟޫއުގެ، ލޭ ދޮވުމާ ބެހޭ ބާބުގައި، ނަމްބަރު 228 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގެ، އިސްތިޙާޟާވެފައިވާ އަންހެނާއާއި އޭނާގެ ހިނެއުމާއި ނަމާދުކުރުމާ ބެހޭ ބާބުގައި، ނަމްބަރު 333 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަޙްމަދު (349/6)، އަދި އަބޫ ދާވޫދު، ކިތާބުއް-ޠަހާރާގެ، ޙައިޟުވުން އަތުވެއްޖެނަމަ ނަމާދު ދޫކޮށްލާނީކަމަށް ބުނި މީހުން ނަންގަނެވުނު ބާބުގައި، ނަމްބަރު 287 ގައެވެ. އަދި އައް-ތިރްމިޛީ، އަބުވާބު އައް-ޠަހާރާގެ، އިސްތިޙާޟާވެފައިވާ އަންހެނާ އެއްހިނެއުމުން ދެ ނަމާދު ޖަމްޢުކުރާނީކަމަށް ނަންގަނެވުނު ބާބުގައި، ނަމްބަރު 128 ގައެވެ. އެއީ ޙަމްނާ ބިންތު ޖަޙްޝު رضي الله عنها ގެ ޙަދީޘުންނެވެ.
ސުނަނުއް-ތިިރްމިޛީގެ، އަބްވާބުއް-ޠަހާރާގެ، އިސްތިޙާޟާވެފައިވާ އަންހެނާ އެއްހިނެއުމުން ދެ ނަމާދު ޖަމްޢުކުރުން ނަންގަނެވުނު ބާބުގައި، ޙަދީޘް ނަމްބަރު 128 އާ ވިއްދައިގެންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ޙައިޟުގައި، ޙައިޟުވުމާއި އަދި ޙައިޟާއި ބަލިވެއިނުމުގައި، ޙައިޟުކަމުގައި ވެދާނޭ ކަންކަމުގައި އަންހެނުންގެ ބަސް ތެދުކުރުމާ ބެހޭ ބާބުގައި، ނަމްބަރު 325 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ މުސްލިމް، ކިތާބުލް-ޙައިޟުގައި، އިސްތިޙާޟާވާ އަންހެނާއާއި އޭނާގެ ހިނެއުމާއި ނަމާދާ ބެހޭ ބާބުގައި، ނަމްބަރު 334 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަބޫ ދާވޫދު، ކިތާބުއް-ޠަހާރާގައި، ޙައިޟުވުން އައިސްފިނަމަ ނަމާދުކުރުން ދޫކޮށްލާހުށިކަމޭ ބުނި މީހުންގެ ވާހަކަ ނަންގަނެވުނު ބާބުގައި، ނަމްބަރު 286 ގައެވެ. އަދި އައް-ނަސާއީ، ކިތާބުއް-ޠަހާރާގައި، ލޭ ދެމިގެން ދިޔުމުގެ ކުރިން، އޭނާގެ ޙައިޟުގެ ދުވަސްތައް އެނގިގެންވާ އިސްތިޙާޟާވާ އަންހެނާއާ މެދުގައި އައިސްފައިވާ ކަންކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 211 ގައެވެ. އަދި އިބްނު މާޖާ، ކިތާބުއް-ޠަހާރާ އަދި އޭގެ ސުންނަތްތައް ފޮތުގައި، ލޭ ދެމިގެން ދިޔުމުގެ ކުރިން، އޭނާގެ ޙައިޟުގެ ދުވަސްތައް އެނގިގެންވާ އިސްތިޙާޟާވާ އަންހެނާއާ މެދުގައި އައިސްފައިވާ ކަންކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 620 ގައެވެ. އަދި އިބްނު ޙިއްބާނުގެ ޞަޙީހުގެ ނަމްބަރު 1348 ގައެވެ. އަދި އަލް-ޙާކިމު، އަލް-މުސްތަދްރަކުގެ ނަމްބަރު 618 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަޙްމަދު (439/6)، އަދި އަބޫ ދާވޫދު، ކިތާބުއް-ޠަހާރާގެ، ޙައިޟުވުން އަތުވެއްޖެނަމަ ނަމާދު ދޫކޮށްލާނީކަމަށް ބުނި މީހުން ނަންގަނެވުނު ބާބުގައި، ނަމްބަރު 287 ގައެވެ. އަދި އައް-ތިރްމިޛީ، އަބުވާބު އައް-ޠަހާރާގެ، އިސްތިޙާޟާވެފައިވާ އަންހެނާ އެއްހިނެއުމުން ދެ ނަމާދު ޖަމްޢުކުރާނީކަމަށް ނަންގަނެވުނު ބާބުގައި، ނަމްބަރު 128 ގައެވެ. އެއީ ޙަމްނާ ބިންތު ޖަޙްޝު رضي الله عنها ގެ ޙަދީޘުންނެވެ.
ސުނަނުއް-ތިިރްމިޛީގެ، އަބްވާބުއް-ޠަހާރާގެ، އިސްތިޙާޟާވެފައިވާ އަންހެނާ އެއްހިނެއުމުން ދެ ނަމާދު ޖަމްޢުކުރުން ނަންގަނެވުނު ބާބުގައި، ޙަދީޘް ނަމްބަރު 128 އާ ވިއްދައިގެންނެވެ.
މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ކިތާބުލް-ވުޟޫއުގެ، ލޭ ދޮވުމާ ބެހޭ ބާބުގައި، ނަމްބަރު 228 ގައެވެ. އަދި މުސްލިމް، ކިތާބުލް-ޙައިޟުގެ، އިސްތިޙާޟާވެފައިވާ އަންހެނާއާއި އޭނާގެ ހިނެއުމާއި ނަމާދުކުރުމާ ބެހޭ ބާބުގައި، ނަމްބަރު 333 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
މި ޙަދީޘް ނެރުއްވީ އަޙްމަދު (204/6) ގައި، އަދި އިބްނު މާޖާ، ކިތާބުއް-ޠަހާރާ އަދި އޭގެ ސުންނަތްތައް ފޮތުގައި، ލޭ ދެމިގެން އައުމުގެ ކުރިން، ޙައިޟުގެ ދުވަސްވަރު ގުނާފައިވާ އިސްތިޙާޟާވާ އަންހެނާއާމެދު އައިސްފައިވާ ކަންކަން ނަންގަނެވުނު ބާބުގައި، ނަމްބަރު 624 ގައެވެ. އެއީ ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
އަލް-މުޣުނީ (252/1-253).
ކައްޝާފުލް-ޤިނާޢު (219/1)
އަލް-މުޣުނީ (253/1).
އަލް-މުޣުނީ (253/1).
އަލް-މުޣްނީ (252/2)، ޢުޘްމާނު ބްނު އަބިލް ޢާޞްގެ އަޘަރު ނެރުއްވީ ޢަބްދުއް-ރައްޒާޤު، އަލް-މުޞައްނަފު (1202) ގައެވެ. އަދި އިބްނު އަބީ ޝައިބާ، އަލް-މުޞައްނަފުގެ (17450) ގައެވެ. އަދި އައް-ދާރިމީ، އައް-ސުނަނުގެ (990) ގައި، އަދި އިބްނުލް-ޖާރޫދު، އަލް-މުންތަޤާގެ (118) ގައެވެ.
މި ރިވާޔަތް ނެރުއްވީ އަލް-ބުޚާރީ، ކިތާބުއް-ނިކާޙުގެ ބާބުލް-ޢަޒްލުގައި، ނަމްބަރު 5209 ގައެވެ. އަދި މުސްލިމް، ކިތާބުއް-ނިކާޙުގެ ބާބު ޙުކްމިލް-ޢަޒްލުގައި، ނަމްބަރު 1440 ގައި ޖާބިރު رضي الله عنه ގެ ޙަދީޘުންނެވެ.
އަލް-އިންޞާފު: (556/2).
އެބަހީ: އަޅުކަން ކުރުމަށާއި އަދި އެއިން ތަކުލީފު ޖެހިގެންވާ، އެއިލާހުގެ ޙުކުމްތައް އޭގެ މައްޗަށް ބިނާވާ އަސާސީ ދެ މަޞްދަރަކީ: ކީރިތި ޤުރްއާނާއި މޫރިތި ސުންނަތް ކަމުގައެވެ.