އެއްވެސް މީހަކު މުޙައްމަދު ﷺގެ ޝަރީޢަތުން ބޭރުވުން ހުއްދަވެގެންވާކަމަށް ދަޢުވާކޮށްފި މީހާގެ ކާފަރުކަމާއި މަގުފުރެދުން ބަޔާންކުރުން (ދިވެހި)

  • earth ބަސް
    (ދިވެހި)
  • earth ލިޔުއްވީ::
    الشيخ عبد العزيز بن عبد الله بن باز
PHPWord

 

 

بَيَانُ كُفْرِ وَضَلَالِ مَنْ زَعَمَ أَنَّهُ يَجُوزُ لِأَحَدٍ الخُرُوجُ مِنْ شَرِيعَةِ مُحَمَّدٍ ﷺ

 

އެއްވެސް މީހަކު މުޙައްމަދު ﷺގެ ޝަރީޢަތުން ބޭރުވުން ހުއްދަވެގެންވާކަމަށް ދަޢުވާކޮށްފި މީހާގެ ކާފަރުކަމާއި މަގުފުރެދުން ބަޔާންކުރުން

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:

ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ބާރަވަނަ ރިސާލާ:

އެއްވެސް މީހަކު މުޙައްމަދު ﷺގެ ޝަރީޢަތުން ބޭރުވުން ހުއްދަވެގެންވާކަމަށް ދަޢުވާކޮށްފި މީހާގެ ކާފަރުކަމާއި މަގުފުރެދުން ބަޔާންކުރުން

ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރިީ ނަބިއްޔުންނާއި ރަސޫލުން ޚަތިމްކުރެއްވި އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އެންމެހާ ޞަޙާބީންގެ މައްޗަށެވެ.

އެއަށްފަހު ދަންނައެވެ: 'އައްޝަރްޤުލް އަވްސަޠު' ނޫހުގެ ޢަދަދު ނަންބަރު: 5824، ތާރީޚު 5 / 6 / 1415ހ ގައި ޝާއިޢުކޮށްފައިވާ މަޒުމޫނެއް އަހަރެން ބަލައިފީމެވެ. އެ ލިޔެފައިވަނީ: ޢަބްދުލް ފައްތާޙު އަލްޙާޔިކުއޭ ކިޔޭ މީހަކު، "އަލްފަހްމުލް ޚާޠިއު" (ނުބައި ފަހްމު) ސުރުޚީގެ ދަށުންނެވެ.

އެ މަޒުމޫނުގެ ޚުލާޞާއަކީ: އިސްލާމްދީނުގެ ޟަރޫރީކޮށް، އަދި ނައްޞުންނާއި އިޖްމާޢުންވެސް އެނގިގެންވާ ކަމަކަށް އިންކާރު ކުރުމެވެ. އެއީ މުޙައްމަދު ﷺގެ ރިސާލަތު ހުރިހާ މީސްތަކުންނަށް ޢާއްމުވެގެންވާކަމެވެ. އަދި އޭނާ ދަޢުވާކޮށްފައިވަނީ މުޙައްމަދު ﷺ އަށް ތަބަޢަނުވެ، އަދި އެކަލޭގެފާނަށް ކިޔަމަންނުވެ، އޭގެ ބަދަލުގައި ޔަހޫދީއެއް ނުވަތަ ނަޞާރާއެއްގެ ގޮތުގައި ދެމިހުރެއްޖެ މީހާވެސް ފަހެ އެވަނީ ޙައްޤު ދީނެއްގެ މަތީގައިކަމަށެވެ. ދެން އެއަށްފަހު، ކާފަރުންނާއި އުރެދުންތެރިންނަށް ޢާލަމްތަކުގެ ވެރި ރައްބު ސުބްޙާނަހޫ ޢަޛާބުދެއްވުމުގައިވާ އެކަލާނގެ ޙިކްމަތްފުޅަށް އޭނާ އަރައިގަނެ، އެކަމަކީ ބޭކާރުކަމެއް ކަމުގައި ކަނޑައެޅިއެވެ.

އަދި ޝަރުޢީ ނައްޞުތައް ތަޙުރީފުކޮށް، އެ ނައްޞުތައް އޭގެ މަޤާމު ނޫން ތަންތަނަށް ފައްތާ، އޭނާގެ އަމިއްލަ އެދުން ލައިދޭގޮތަށް އެ ނައްޞުތައް ތަފްސީރުކޮށް މާނަކުރިއެވެ. އަދި މުޙައްމަދު ﷺގެ ރިސާލަތު ޢާއްމުވެގެންވާކަމާއި، އެކަލޭގެފާނުގެ އަޑުއަހާ ދެން ތަބަޢަނުވެއްޖެ މީހާ ކާފަރުވެގެންވާކަމަށް ދަލީލުކުރާ ޞަރީޙަ ސާފު ޝަރުޢީ ދަލީލުތަކާއި ނައްޞުތަކަށް އޭނާ ފުރަގަސްދިނެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ﷲ ޤަބޫލުނުކުރައްވާނޭކަމާއި، އެނޫންވެސް ޞަރީޙަ ނައްޞުތަކުން އޭނާ މޫނު އަނބުރާލިއެވެ. އެއީ ތަންދޮރު ނުދަންނަ ޖާހިލުން އޭނާގެ ވާހަކަތަކުގެ މަޅީގައި ޖެހި ކެހިވެރިވެގެން ދިޔުމަށެވެ. އޭނާ ކޮށްފައިވާ މި ކަމަކީ ޞަރީޙަ ކުފުރުގެ ޢަމަލެކެވެ. އަދި އިސްލާމްދީނުން ބޭރުވެ މުރުތައްދުވުމެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ ރަސޫލާ ﷺ ދޮގުކުޅައުމެވެ. އެއީ ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ތެރެއިން އެ މަޒުމޫނު ކިޔައިފި މީހަކަށް އެނގޭނެ ފަދައިންނެވެ.

ވަލިއްޔުލް އަމްރު (ވެރިމީހާ) ގެ މައްޗަށް ވާޖިބުވެގެންވަނީ: އޭނާގެ ކަންތައް ކޯޓަށް ފޮނުވުމެވެ. އެއީ އޭނާ ލައްވާ ތައުބާވުމަށް، އަދި ޠާހިރުވެގެންވާ ޝަރުޢު ނިޔާކުރާ ގޮތެއްގެ މަތިން އޭނާގެ މައްޗަށް ޙުކުމް ކުރުމަށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ، މުޙައްމަދު ﷺ ގެ ރިސާލަތު ޢާއްމުވެގެންވާކަމާއި، އެކަލޭގެފާނަށް ތަބަޢަވުން އިންސީންނާއި ޖިންނީންގެ މައްޗަށް ވާޖިބުވެގެންވާކަން ބަޔާންކުރައްވާފައިއެވެ. އެއީ މުސްލިމުންގެ ތެރެއިން ޢިލްމުގެ ކަންފުޅެއް ހުރި މީހަކުވެސް ޖާހިލުނުވާނޭ ކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ158﴾

(ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި އުއްމިއްޔަ (ލިޔަންކިޔަން ނުދަންނަ) ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.) [އަލްއަޢުރާފު: 158] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿...وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ...﴾

(....ތިޔަބައިމީހުންނަށާއި، އެ މީހަކާ ހަމައަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޒާރުކުރެއްވުމަށް ތިމަންކަލޭގެފާނަށް މި ޤުރްއާން ވަޙީކުރެއްވުނެވެ...) [އަލްއަންޢާމު: 19] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ31﴾

(ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.) [އާލްޢިމްރާން: 31] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ85﴾

(ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އާލްޢިމްރާން: 85] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا...﴾

(އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންއިލާހު، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ...) [ސަބައު: 28] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ107﴾

(އަދި ޢާލަމްތަކަށްހުރި ރަޙްމަތެއްކަމުގައި މެނުވީ ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.) [އަލްއަންބިޔާއު: 107] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿...وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ﴾

(...އަދި ފޮތުގެ އަހުލުވެރިން (ޔަހޫދީންނާއި ނަޞާރާއިން) ނާއި އެބައިމީހުންގެ މައްޗަށް އޭގެ ކުރިން ފޮތް ބާވައި ނުލެއްވޭ މީހުންނަށް (އެބަހީ: ޢަރަބީންގެ މުޝްރިކުންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިސްލާމްވެއްޖައީމު ހެއްޔެވެ؟ ފަހެ އެބައިމީހުން އިސްލާމްވެއްޖެނަމަ، އެބައިމީހުން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި އެބައިމީހުން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ (ކަލޭގެފާނަށް ބާވައިލެއްވި އެއްޗެއް މީސްތަކުންނަށް) ފޯރުކޮށްދެއްވުމެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.) [އާލްޢިމްރާން: 20] އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ:

﴿تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا1﴾

(ޢާލަމްތަކަށް އިންޛާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، ބަރަކާތްތެރިވެވޮޑިގެން މަތިވެރިވެވޮޑިގެންފިއެވެ) [އަލްފުރްޤާނު: 1]

އަދި އަލްބުޚާރީ އާއި މުސްލިމު، ޖާބިރު رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ:

«أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلَاةُ، فَلْيُصَلّ، وَأُحِلَّتْ لِيَ الْمَغَانِمُ، وَلَمْ تُحَلَّ لِأَحَدٍ قَبْلِي، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ عَامَّةً».

"ތިމަންކަލޭގެފާނުގެ ކުރިން އެކަކަށްވެސް ނުދެއްވޭ ފަސް ކަމެއް ތިމަންކަލޭގެފާނަށް ދެއްވުނެވެ: ބިރުވެރިކަމުގެ ސަބަބުން (ދުޝްމަނުންގެ ހިތްތަކުގައި ބިރުވެރިކަން ލެއްވިގެން) މަސްދުވަހުގެ ރާސްތާއަށް ތިމަންކަލޭގެފާނަށް ނަޞްރުދެއްވުނެވެ. އަދި ބިމަކީ މިސްކިތެއްކަމުގައި އަދި ޠާހިރުވުމަށް ބޭނުންކުރެވޭ ތަނެއްކަމުގައި ލެއްވުނެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުގެ އެއްވެސް މީހަކަށް ނަމާދުގެ ވަޤުތު ލައްވާލައިފިނަމަ؛ ފަހެ (ހުރި ތަނެއްގައި) އޭނާ ނަމާދުކުރާހުށިކަމެވެ. އަދި ތިމަންކަލޭގެފާނަށް ޣަނީމާ ހުއްދަކުރެއްވުނެވެ. ތިމަންކަލޭގެފާނުގެ ކުރިން އެކަކަށްވެސް ޣަނީމާ މުދާ ހުއްދަ ނުކުރެއްވެއެވެ. އަދި ތިމަންކަލޭގެފާނަށް ޝަފާޢަތް ދެއްވުނެވެ. އަދި ނަބިއްޔުން ފޮނުއްވެމުންދިޔައީ އެބޭކަލެއްގެ ޤައުމެއްގެ ގާތަށް ޚާއްޞަކޮށެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާއްމުކޮށް އެންމެހާ މީސްތަކުންގެ ގާތަށެވެ."

މިއީ އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺގެ ރިސާލަތު ހުރިހާ އިންސާނުންނަށް ޢާއްމުވެ ޝާމިލުވެގެންވާކަމާއި، އަދި އެ ރިސާލަތުން އިސްވެދިޔަ ހުރިހާ ޝަރީޢަތްތައް މަންސޫޚަކުރި ކަމާއި، އަދި މުޙައްމަދު ﷺ އަށް ތަބަޢަނުވެ، އެކަލޭގެފާނަށް ކިޔަމަންނުވެއްޖެ މީހާއީ؛ ޢުޤޫބާތް އެމީހެއްގެ މައްޗަށް ޙައްޤުވެގެންވާ އުރެދުންތެރި ކާފަރެއްކަމުގައި ޞަރީޙަކޮށް ބަޔާންވެގެންވާ ބަސްފުޅެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿...وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥ...﴾

(...އަދި ބައިގަނޑުތަކުގެ ތެރެއިން އެ ފޮތަށް ކާފަރުވާ މީހާ، ފަހެ އެ މީހަކަށް ވަޢުދުވެވިގެންވާ ތަނަކީ، ނަރަކައެވެ...) [ހޫދު: 17] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿...فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ﴾

(...ފަހެ އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެ މީހުން ހުށިޔާރުވެ ބިރުވެތިވާހުށިކަމެވެ.) [އައްނޫރު: 63]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

 

﴿وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ14﴾

(އަދި، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބުހުށްޓެވެ.) [އައްނިސާއު: 14] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿...وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ﴾

(...އަދި އީމާންކަން ކާފަރުކަމަށް ބަދަލުކުރާ މީހާ (ދަންނައެވެ!) ފަހެ އެމީހަކު ސީދާވެގެންވާ މަގުން ފުރެދިގެން ގޮސްފިކަން ކަށަވަރެވެ.) [އަލްބަޤަރާ: 108]، މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.

އަދި ﷲ ސުބްޙާނަހޫ ވަނީ ރަސޫލާ ﷺ އަށް ކިޔަމަންވުން އެކަލާނގެއަށް ކިޔަމަންވުމާ ގުޅުވާލައްވާފައިއެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއް އިޢުތިޤާދުކޮށް ޤަބޫލުކޮށްފި މީހާއީ ގެއްލި ހަލާކުވެގެންވާ މީހެއްކަމާއި، އޭނާގެ ކިބައިން ފަރުޟެއްވެސް ސުންނަތެއްވެސް، އެއްވެސް ޢަމަލެއް ޤަބޫލު ނުކުރައްވާނޭކަން ބަޔާންކުރެއްވިއެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ85﴾

(ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އާލްޢިމްރާން: 85] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ...﴾

(ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ.) [އައްނިސާއު: 80] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ فَإِنْ تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَا حُمِّلْتُمْ وَإِنْ تُطِيعُوهُ تَهْتَدُوا...﴾

(ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާއަށްވެސް ކިޔަމަންވާށެވެ. ފަހެ އެ މީހުން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވުނު ކަންތަކެވެ. (އެއީ ރިސާލަތު ފޯރުކޮށްދިނުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެވުނު ކަންތަކެވެ. (އެއީ އީމާންވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެއެވެ.) [އައްނޫރު: 54]. އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ 6﴾

(ހަމަކަށަވަރުން، ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފަރުވި މީހުންވަނީ ޖަހަންނަމައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.) [އަލްބައްޔިނާ: 6]

މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ:

«وَالَّذِي نَفْسِي بِيَدِهِ؛ لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ، يَهُودِيٌّ وَلَا نَصْرَانِيٌّ، ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ؛ إِلَّا كَانَ مِنْ أَهْلِ النَّارِ».

(ތިމަންކަލޭގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވާ ވިދާޅުވަމެވެ: މި އުއްމަތުގެ އެއްވެސް މީހަކު، ޔަހޫދީއެއް ކަމުގައި ވިޔަސް އަދި ނަޞާރާއެއް ކަމުގައި ވިޔަސް، ތިމަންކަލޭގެފާނުގެ ވާހަކަ އަޑުއަހާފައި، ދެން ތިމަންކަލޭގެފާނު އެކަންތަކާގެން ފޮނުއްވުނު ކަންތަކަށް އީމާންނުވެ ހުރެ މަރުވެއްޖެ ނަމަ؛ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން މެނުވީ އޭނާ ނުވާނެއެވެ.)

ﷲ ގެ ރަސޫލާ ﷺ ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުންނާއި ބަސްފުޅުން، އިސްލާމްދީނަށް ނުވަންނަ މީހާގެ ދީން ބާޠިލުވެގެންވާކަން ބަޔާންކުރައްވާފައިއެވެ. އެގޮތުން އެކަލޭގެފާނު ޔަހޫދީންނާއި ނަޞާރާއިންނާ ދެކޮޅަށް ހަނގުރާމަކުރެއްވިއެވެ. ހަމަ އެފަދައިން، އެނޫން ކާފަރުންނާ ދެކޮޅަށްވެސް ހަނގުރާމަ ކުރެއްވިއެވެ. އަދި އެމީހުންގެ ތެރެއިން ޖިޒްޔަ ދިން މީހުންގެ ކިބައިން ޖިޒްޔަވެސް ހިއްޕެވިއެވެ. އެއީ އެމީހުންގެ ތެރެއިން ބާކީ ތިބި މީހުންނަށް ދަޢުވަތު ފޯރުން އެމީހުން މަނާކުރިޔަ ނުދިނުމަށާއި، އަދި ޤައުމުގެ މީހުން އެމީހަކަށް ހުރަސްއަޅާ، ނުވަތަ މަނާކޮށް، ނުވަތަ ޤަތުލުކޮށްލާފާނޭކަމުގެ ބިރެއްނެތި، އެމީހުންގެ ތެރެއިން ބޭނުން މީހަކު އިސްލާމްދީނަށް ވަނުމަށް ފުރުސަތު ދިނުމަށެވެ.

އަލްބުޚާރީ އާއި މުސްލިމު، އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: އަހަރުމެން މިސްކިތުގައި ތިއްބާ، ﷲ ގެ ރަސޫލާ ﷺ ނިކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ:

«انْطَلِقُوا إِلَى يَهُودَ، فَخَرَجْنَا مَعَهُ حَتَّى جِئْنَا بَيْتَ الْمِدْرَاسِ، فَقَامَ النَّبِيُّ ﷺ، فَنَادَاهُمْ فَقَالَ :يَا مَعْشَرَ يَهُودَ، أَسْلِمُوا تَسْلَمُوا، فَقَالُوا: قَدْ بَلَّغْتَ يَا أَبَا الْقَاسِمِ، فَقَالَ لَهُمْ رَسُولُ اللَّهِ ﷺ: ذَلِكَ أُرِيدُ، أَسْلِمُوا تَسْلَمُوا، فَقَالُوا: قَدْ بَلَّغْتَ يَا أَبَا الْقَاسِمِ، فَقَالَ لَهُمْ رَسُولُ اللَّهِ ﷺ: ذَلِكَ أُرِيدُ، ثُمَّ قَالَهَا الثَّالِثَةَ...».

"ޔަހޫދީންގެ ގާތަށް ހިނގާށެވެ." ދެން އެކަލޭގެފާނާ އެކުގައި އަހަރުމެން ނިކުތީމެވެ. ބައިތުލް މިދްރާސްއާ (އެމީހުން ތައުރާތު ކިޔަވާ ދަސްކުރާ ތަނާ) ހަމައަށް އަހަރުމެންނަށް އާދެވިއްޖައުމަށް ދާންދެނެވެ. ދެން ނަބިއްޔާ ﷺ ތެދުވެވަޑައިގެން، އެމީހުންނަށް ގޮވާލައްވާ ޙަދީޘްކުރެއްވިއެވެ: "އޭ ޔަހޫދީންނޭވެ! އިސްލާމްވާށެވެ! އޭރުން ތިޔަބައިމީހުން ސަލާމަތްވާނެއެވެ." ދެން އެމީހުން ބުނެފިއެވެ: "އޭ އަބުލް ޤާސިމެވެ! ތިބާ (ރިސާލަތު) ފޯރުކޮށްދީފިއެވެ." ދެން ﷲ ގެ ރަސޫލާ ﷺ އެމީހުންނަށް ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު އެދިވަޑައިގެންނެވީ އެކަމެވެ. އިސްލާމްވާށެވެ! އޭރުން ތިޔަބައިމީހުން ސަލާމަތްވާނެއެވެ." ދެން އެމީހުން ބުނެފިއެވެ: "އޭ އަބުލް ޤާސިމެވެ! ތިބާ (ރިސާލަތު) ފޯރުކޮށްދީފިއެވެ." ދެން ﷲ ގެ ރަސޫލާ ﷺ އެމީހުންނަށް ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު އެދިވަޑައިގެންނެވީ އެކަމެވެ. ދެން ތިންވަނަ ފަހަރު އެކަލޭގެފާނު އެހެން ޙަދީޘްކުރެއްވިއެވެ...." މި ޙަދީޘެވެ.

މީގެ މަޤްޞަދަކީ: އެކަލޭގެފާނު ﷺ، ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ޔަހޫދީންގެ ގާތަށް އެމީހުންގެ ބައިތުލް މިދްރާސަށް ވަޑައިގަންނަވާ، އެމީހުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާ، އެމީހުންނަށް "ތިޔަބައިމީހުން އިސްލާމްވާށޭ، އޭރުން ތިޔަބައިމީހުން ސަލާމަތްވާނޭ" ޙަދީޘްކުރައްވާ، އެ ބަސްފުޅު ތަކުރާރުކުރެއްވި ކަމެވެ.

އެފަދައިންމެ، އެކަލޭގެފާނުގެ ސިޓީކޮޅާގެން ހިރަޤުލްގެ އަރިހަށް، އޭނާއަށް އިސްލާމްދީނަށް ގޮވާލައްވާ، އަދި އޭނާ އިސްލާމްވުމުން މަނާވެއްޖެނަމަ، އޭނާގެ ސަބަބުން އިސްލާމްވުމުން މަނާވިހާ ބައެއްގެ ފާފަތައް އޭނާގެ ބޮލުގައި އެޅޭނެކަމުގެ ޚަބަރުދެއްވާ، ފޮނުއްވިއެވެ. އެގޮތުން އަލްބުޚާރީ އާއި މުސްލިމް، އެ ދެބޭކަލުންގެ ޞަޙީޙުގައި ރިވާކުރެއްވިއެވެ: ﷲ ގެ ރަސޫލާ ﷺ ގެ ސިޓީކޮޅު، ހިރަޤުލު ގެނެސް އޭގައިވާ އެއްޗެއް ކިޔެވެ. ދެންފަހެ އޭގައިވީ:

«بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، مِنْ مُحَمَّدٍ رَسُولِ اللَّهِ إِلَى هِرَقْلَ عَظِيمِ الرُّومِ، سَلَامٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ: فَإِنِّي أَدْعُوكَ بِدِعَايَةِ الْإِسْلَامِ، أَسْلِمْ تَسْلَمْ، وَأَسْلِمْ يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ، فَإِنَّ عَلَيْكَ إِثْمَ الْأَرِيسِيِّينَ وَ

"ރަޙްމާނުވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ ގެ ރަސޫލާ މުޙައްމަދުގެ އަރިހުން، ރޯމަނުގެ ވެރިޔާ ހިރަޤުލަށް، ތެދުމަގަށް ތަބަޢަވެއްޖެ މީހަކަށް ސަލާމްހުއްޓެވެ. އެއަށް ފަހު ދަންނައެވެ: ފަހެ އިސްލާމްދީނުގެ ދަޢުވަތުން ތިމަންކަލޭގެފާނު ތިބާއަށް ދަޢުވަތު ދެއްވަމެވެ. ތިބާ އިސްލާމްވާށެވެ. އޭރުން ސަލާމަތްވާނެއެވެ. އަދި އިސްލާމްވާށެވެ. އޭރުން ﷲ ތިބާގެ އަޖުރު ދެ ގުނައަށް ދެއްވާނެއެވެ. ދެންފަހެ ތިބާ ފުރަގަސްދީފިނަމަ؛ ފަހެ އަރީސީންގެ ފާފަ ތިބާގެ ބޮލުގައި އެޅޭހުއްޓެވެ. އަދި

﴿يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ64﴾

(އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހަރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި ހަމަހަމަވެގެންވާ ކަލިމައަކަށް އަންނާށެވެ! (އެއީ) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކޮށް، ޝަރީކު ނުކުރުމަށެވެ. އަދި އަހަރެމެންގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކީ ﷲ ފިޔަވައި އިލާހުންތަކެއް ކަމުގައި ނުހެދުމެވެ. ފަހެ އެބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން ތިމަންމެންނީ މުސްލިމުންކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!) [އާލްޢިމްރާން: 64]."

ދެން އެމީހުން އެނބުރި ފުރަގަސްދީ، އަދި އިސްލާމްދީނަށް ވަންނަން ދެކޮޅުހެދިހިނދު؛ އެކަލޭގެފާނު ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރައްވާ، އަދި އެމީހުންގެ މައްޗަށް ޖިޒްޔަ ފަރުޟުކުރެއްވިއެވެ.

އަދި އެމީހުން މަގުފުރެދިގެންވާކަން ކަށަވަރުކުރުމަށް، އަދި މުޙައްމަދު ﷺ ގެ ދީން މެދުވެރިކުރައްވާ އެމީހުންގެ ދީން މަންސޫޚަވުމަށްފަހު، އެމީހުން އެތިބީ ބާޠިލު ދީނެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން؛ މުސްލިމްމީހާ ކޮންމެ ދުވަހަކު، އަދި ކޮންމެ ނަމާދެއްގައި، އަދި ކޮންމެ ރަކްޢަތެއްގައި: ޤަބޫލުވަނިވި ޞައްޙަ ސީދާ މަގުކަމުގައިވާ: އިސްލާމްދީނަށް ތެދުމަގު ދެއްކެވުމަށް ﷲ ގެ ޙަޟްރަތަށް އެދި ދެންނެވުމަށް އެކަލާނގެ އަމުރުކުރެއްވިއެވެ. އަދި އެބަޔެއްގެ މައްޗަށް ކޯފާވެވޮޑިގެންވެގެންވާ މީހުންގެ މަގުން އޭނާ އެއްކިބާކުރެއްވުމަށް އެދި ދެންނެވުމަށްވެސް އަމުރުކުރެއްވިއެވެ. އެއީ ޔަހޫދީންނެވެ. އަދި އެމީހުން ފަދައިން ބާޠިލުގެ މަތީގައި ވާކަން އެނގިހުރެވެސް އެގޮތުގެ މަތީގައި ދެމިތިބޭ މީހުންނެވެ. އަދި މަގުފުރެދިގެންވާ މީހުންގެ މަގުން އޭނާ އެއްކިބާކުރެއްވުމަށް އެދި ދެންނެވުމަށްވެސް އަމުރުކުރެއްވިއެވެ. އެއީ ޢިލްމެއްނެތި އަޅުކަންކޮށް، އަދި މަގުފުރެދުމުގެ މަގެއްގެ މަތީގައި ތިބި ޙާލު، ހިދާޔަތުގެ މަގުގައި ތިބިކަމަށް ދަޢުވާކުރާ މީހުންނެވެ. އެއީ ނަޞާރާއިންނެވެ. އަދި، އެހެން އުންމަތްތަކުގެ ތެރެއިން، މަގުފުރެދުމާއި ޖާހިލުކަމުގެ މަތީގައި އަޅުކަންކޮށް، އެމީހުންނާ ވައްތަރުުވި މީހުންވެސްމެއެވެ. އެހުރިހާ ކަމެއްވެސް އެއީ: އިސްލާމްދީން ފިޔަވައި އެހެން ކޮންމެ ދީނަކީ ބާޠިލު ދީނެއްކަން މުސްލިމްމީހާ ޔަޤީންކޮށް އެނގުމަށެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ މަތީގައި ﷲ އަށް އަޅުކަންކުރާ މީހަކީ މަގުފުރެދިގެންވާ މީހެއްކަން ދެނެގަތުމަށެވެ. އެގޮތަށް އިޢުތިޤާދު ނުކުރާ މީހާއީ ފަހެ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ. މި ބާބުގައި، ޤުރްއާނާއި ސުންނަތުން އައިސްފައިވާ ދަލީލުތައް ގިނަވެގެންވެއެވެ.

އެހެންކަމުން އެ މަޒުމޫނު ލިޔުނު މީހާކަމުގައިވާ: ޢަބްދުލް ފައްތާޙުގެ މައްޗަށް ވާޖިބުވެގެންވަނީ އިޚްލާޞްތެރި ނަޞޫޙު ތައުބާއަކުން ތައުބާވުމަށް އަވަސްވެގަނެ، އޭނާގެ ތައުބާ އިޢުލާނުކޮށް މަޒުމޫނެއް ލިޔުމެވެ. އަދި ތެދުވެރި ތައުބާއަކުން ﷲ އަށް ތައުބާވެއްޖެ މީހާ؛ ﷲ އޭނާއަށް ތައުބާ ލައްވާނެއެވެ. އެއީ ﷲ ސުބްޙާނަހޫގެ މި ބަސްފުޅަށްޓަކައިއެވެ:

﴿...وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ﴾

(...އޭ މުއުމިނުންނޭވެ. ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.) [އައްނޫރު: 31]. އަދި އެކަލާނގެ މި ބަސްފުޅެވެ:

﴿وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٰلِكَ يَلۡقَ أَثَامٗا68 يُضَٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا69 إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا70﴾

(އެ މީހުންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނުހަދާމީހުންނެވެ. އަދި ﷲ، ޙަރާމް ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ލައިގެން މެނުވީ، ޤަތުލުނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެ ކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ.

އެ މީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރެވޭނެއެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގައި، އެ މީހަކު ދެމިހުންނާނެއެވެ.

ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ އެ މީހުންނާމެދު (ދަންނާށެވެ.) ﷲ، އެ މީހުންގެ ނުބައި ކަންތައް، ހެޔޮކަންތަކަށް ބަދަލު ކުރައްވާނެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.) [އަލްފުރްޤާނު: 68-70] އަދި ނަބިއްޔާ ﷺ ގެ މި ބަސްފުޅަށްޓަކައިއެވެ:

«الإِسْلَامُ يَهْدِمُ مَا كَانَ قَبْلَهُ، وَالتَّوبَةُ تَهْدِمُ مَا كَانَ قَبْلَهَا».

"އިސްލާމްވުމުން އޭގެ ކުރިންވީ (ނުބައި ކަންކަން) ފުނޑާލައެވެ. އަދި ތައުބާވުމުން އޭގެ ކުރިންވީ (އުރެދުމާއި ފާފަތައް) ފުނޑާލައެވެ." އަދި އެކަލޭގެފާނު ﷺ ގެ މި ބަސްފުޅެވެ:

«التَّائِبُ مِنَ الذَّنْبَ كَمَنْ لَا ذَنْبَ لَهُ».

"ފާފައިން ތައުބާވާ މީހާ؛ ފާފައެއް ނެތް މީހެއް ފަދައެވެ."

މި މާނާގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ.

އަހަރެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ: ޙައްޤު، ޙައްޤުގެ ގޮތުގައި އަޅަމެންނަށް ދައްކަވާ، އަދި އެއަށް ތަބަޢަވުމުގެ ރިޒްޤު އަޅަމެންނަށް ދެއްވުމެވެ. އަދި ބާޠިލު، ބާޠިލުގެ ގޮތުގައި އަޅަމެންނަށް ދައްކަވާ، އެއިން އެއްކިބާވުމުގެ ރިޒްޤު އަޅަމެންނަށް ދެއްވުމެވެ. އަދި އަޅަމެންނަށާއި، ލިޔުންތެރިޔާ ޢަބްދުލް ފައްތާޙު އަށާއި، ހުރިހާ މުސްލިމުންނަށް އިޚްލާޞްތެރި ނަޞޫޙު ތައުބާއެއް މިންވަރުކުރައްވާ، މަގުފުރައްދަނިވި ފިތުނަތަކުންނާއި، އަމިއްލަ އެދުމާއި ޝައިޠާނާއަށް ކިޔަމަންވުމުން އަޅަމެން އެންމެން ރައްކާތެރި ކޮށްދެއްވުމަށެވެ. އެކަންކަން ކޮށްދެއްވާނޭ ވަލީވެރި ފަރާތަކީ، އަދި އެކަމަށް ކުޅަދުންވަންތަ ވެގެންވަނީ (ހަމައެކަނި) އެ އިލާހެވެ.

އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އާލުންނާއި އެކަލޭގެފާނުގެ ހުރިހާ ޞަޙާބީންނާއި، ޤިޔާމަތްދުވަހާ ހަމައަށް އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

وصلى الله وسلم على نبينا محمد، وعلى آله وصحبه، ومن تبعهم بإحسان إلى يوم الدين.

 

 

***

dv397v4.0 - 17/08/2026