الوَسَائِلُ المُفِيْدَةُ لِلحَيَاةِ السَّعِيْدَةِ
އުފާވެރި ހަޔާތަކަށް ބޭނުންވާ ފައިދާހުރި ވަސީލަތްތައް
الشَّيْخُ عَبْدُ الرَّحمَنِ بْنُ نَاصِرٍ السَّعْدِيُّ
رَحِمَهُ اللهُ
އައްޝައިޚު ޢަބްދުއްރަޙްމާން ބިން ނާޞިރު އައްސަޢްދީ (ރަޙިމަހު ﷲ)
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
އުފާވެރި ހަޔާތަކަށް ބޭނުންވާ ފައިދާހުރި ވަސީލަތްތައް
މުއައްލިފުގެ މުގައްދިމާ
ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، އެންމެހާ ހަމްދެއް ލިބިވޮޑިގެންވާ އިލާހެވެ. އަދި ﷲ މެނުވީ ހައްގުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ އަދި ރަސޫލުކަމަށް އަޅު ހެކިވަމެވެ. ﷲ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަސްހާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެއަށްފަހު ދަންނާށެވެ: ފަހެ ހަމަކަށަވަރުން ހިތުގެ ތަނަވަސްކަމާއި، ހަމަޖެހުމާއި، އުފާވެރިކަން ހޯދާ، އަދި ހިތުގެ ކަންބޮޑުވުންތަކާއި ހިތާމަތައް ފިލުވާލުމަކީ، ކޮންމެ މީހަކު ވެސް އެދޭ ކަމެކެވެ. އަދި އެ ކަމުގެ ސަބަބުން ރަނގަޅު ދިރިއުޅުމެއް ހާސިލުވެ، އުފަލާއި ހިތްހަމަޖެހުން ފުރިހަމަވެއެވެ. އަދި އެ ކަމަށް ޓަކައި ދީނީ ސަބަބުތަކާއި، ތަބީއީ ސަބަބުތަކާއި، އަމަލީ ސަބަބުތަކެއް ވެއެވެ. އަދި އެ ހުރިހާ ކަމެއް އެއްކޮށް ޖަމާވުމަކީ، މުއުމިނުންނަށް މެނުވީ، ލިބޭނެ ކަމެއް ނޫނެވެ. ދެން އެ ނޫން މީހުންނަށް ބަލާއިރު، ފަހެ އެ މީހުންގެ ބުއްދިވެރިން އެ ކަމަށް މަސައްކަތްކޮށްގެން، އެއިން ސިފައެއް ނުވަތަ ސަބަބެއް ހާސިލުވި ކަމުގައި ވިޔަސް، ދިރިއުޅުމާއި ނިމިދިއުމުގައި އެއަށްވުރެ މަންފާ ބޮޑު، ދެމިހުންނަނިވި، އަދި ހެޔޮކަން ބޮޑު ގޮތްތަކުން (މަހްރޫމްވެ) އެ މީހުންނަށް ފާއިތުވެގެންދާނެއެވެ.
އެހެނެއްކަމަކު، ކޮންމެ މީހަކު ވެސް އެ ކަމަށް މަސައްކަތްކުރާ، މި މަތިވެރި މަގްސަދު ހާސިލުކުރުމަށް ޓަކައި، އަހަރެންގެ ހަނދާނަށް އަންނަ ސަބަބުތައް މި ރިސާލާގައި ބަޔާންކޮށްދޭނަމެވެ.
ފަހެ މީސްތަކުންގެ ތެރޭގައި، (ކުރިން މި ދެންނެވި ކަންކަމުގެ) ތެރެއިން ގިނަ ކަންތައްތަކެއް ހާސިލުކޮށް، އުފާވެރި ދިރިއުޅުމެއް އުޅެ، އަދި ރަނގަޅު ހަޔާތެއް ވޭތުކުރި މީހުން ވެއެވެ. އަދި މީހުންގެ ތެރެއިން، އެ ހުރިހާ ކަމެއްގައި ނާކާމިޔާބުވެ، އަބާއްޖަވެރި ދިރިއުޅުމެއް އުޅެ، އަދި ނުބައި ބަދުނަސީބުގެ ހަޔާތެއް ވޭތުކުރި ބަޔަކު ވެސް ވިއެވެ. އަދި މީހުންގެ ތެރެއިން، އެ މީހަކަށް ތައުފީގު ލިބުނު މިންވަރަކުން، އެ ދެމެދުގައި އުޅުނު މީހުން ވެސް ވިއެވެ. އަދި ތައުފީގު ދެއްވާ، ހުރިހާ ހެޔޮ ކަމަކަށް ވާގި އެދެވޭ ފަރާތަކީ ﷲ އެވެ. އަދި ހުރިހާ ނުބައެއް ދުރުކޮށްދެއްވުމަށް ވާގި އެދެވޭ ފަރާތަކީ ވެސް ހަމަ އެ އިލާހެވެ.
ފަސްލު
1- އަދި އެ ކަމުގެ އެންމެ ބޮޑު ސަބަބާއި، އޭގެ އަސްލާއި އަސާސަކީ، އީމާންކަމާއި ސާލިހު އަމަލެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ 97﴾
މާނައީ: ”ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، މުއުމިނަކު ކަމުގައިވާ ހާލު، ހެޔޮ އަމަލެއް ކޮށްފި މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ތިމަން އިލާހު އެ މީހަކަށް ބާއްޖަވެރި ހެޔޮ ދިރިއުޅުމެއް ދެއްވާނަމެވެ. އަދި ހަމަކަށަވަރުން އެބައިމީހުން ކޮށްއުޅުނު އެންމެ ހެޔޮ އަމަލުތަކުގެ ދަރުމައިން (އާޚިރަތުގައި) އެ މީހުންނަށް، ތިމަން އިލާހު ޖަޒާ ދެއްވާނަމެވެ.“ [سورة النحل: آية 97]
ފަހެ އީމާންކަމާއި ސާލިހު އަމަލު ޖަމާކުރި މީހަކަށް، މި ދުނިޔޭގައި ބާއްޖަވެރި ހެޔޮ ދިރިއުޅުމެއް ދެއްވާނެކަމަށާއި، އަދި މި ދުނިޔޭގައާއި ދާއިމީ ގޯތި (ކަމުގައިވާ އާޚިރަތު) ގައި ހެޔޮ ޖަޒާ ދެއްވާނެކަމަށް، ﷲ ތަޢާލާ ވަނީ ޚަބަރުދެއްވާ، ވައުދުވެވޮޑިގެންފައެވެ.
އަދި އެ ކަމުގެ ސަބަބު ވަރަށް ސާފެވެ. އެހެނީ ހަމަކަށަވަރުން ﷲ އަށް ސައްހަ އީމާނަކުން އީމާންވާ މުއުމިނުން - އެ އީމާންކަމަކީ ހެޔޮ އަމަލުތައް ނެރެދޭ، ހިތްތަކާއި އަޚްލާގާއި ދުނިޔެއާއި އާޚިރަތް ވެސް އިސްލާހުކުރާ އީމާން ކަމަކަށްވާ ހާލު - އެފަދަ މުއުމިނުންނަ ގާތުގައި އުސޫލުތަކަކާއި އަސާސްތަކެއް ވެއެވެ. އެ މީހުންނާ ބައްދަލުވާހާ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުތަކާއި، އަދި ހަމަ އެ ފަދައިން ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުމާއި ހިތާމައިގެ ސަބަބުތައް ވެސް، އެ މީހުން ބަލައިގަންނަނީ އެ އުސޫލުތަކާއި އަސާސްތަކުގެ ތެރެއިންނެވެ.
އެފަދަ މުއުމިން، ލޯބިވާ އަދި އުފާކޮށްދޭ ކަންތައްތަކާ ބައްދަލުކުރަނީ، އެ ތަކެތި ގަބޫލުކުރުމާއެކު ބަލައިގަނެ، އެ ކަންކަމަށް ޝުކުރުވެރިވެ، އަދި ފައިދާހުރި ގޮތުގައި އެ ތަކެތި ބޭނުންކުރާ ހާލުގައެވެ. ފަހެ މި ގޮތުގެ މަތިން އެ މީހުން އެ ތަކެތި ބޭނުންކޮށްފި ނަމަ، އެ ކަމުގެ ސަބަބުން އެ މީހުން އެ ތަކެއްޗާމެދު އުފާވެރިކަމާއި، އެ ތަކެތި ދެމިހުރުމަށާއި އޭގެ ބަރަކާތަށް އެދުމާއި، އަދި ޝުކުރުވެރިވާ މީހުންގެ ސަވާބަށް އުއްމީދުކުރުން ފަދަ ބޮޑެތި ކަންތައްތަކެއް އެ މީހުންނަށް ލިބިގެންދެއެވެ. އެ ކަންތައްތަކުގެ ހެޔޮކަމާއި ބަރަކާތް، އެ އުފާތަކުގެ ނަތީޖާއިން ލިބޭ އުފާތަކަށްވުރެ މަތިވެރިވެގެން ވެއެވެ. އަދި (ކުރިން ދެންނެވުނު) އުފާތަކަކީ މި ކަންކަމުގެ ނަތީޖާކަމަށް ވާއިރު، އެ އުފާތަކަށް ވުރެ ހެޔޮކަމާއި ބަރަކާތުގެ ގޮތުން މި ކަންކަން މާ މަތިވެރިވެގެންވެއެވެ.
އަދި އެފަދަ މުއުމިނުން، ނުރުހެވޭ ކަންތައްތަކާއި، ދަތިތަކާއި، ހިތާމަތަކާއި، މޮޅިވެރިކަން ބައްދަލުކުރަނީ، އެ މީހުން ކުރިމަތިލާ ގަދަވެވެން ހުރި ކަމަކުން ކުރިމަތިލައި ގަދަވެގެންނާއި، ލުއިކުރެވެން ހުރި ކަމެއް ލުއިކުރުމާއި، އަދި އެ ކަމަކުން ސަލާމަތްވުމުގެ އެއްވެސް ގޮތެއް ނެތް ކަންތަކަށް ރިވެތިވެގެންވާ ކެތްތެރިކަމަކުން ކެތްކުރުމުންނެވެ. އެ ގޮތުން، ނުރުހެވޭ ކަންތައްތަކުގެ އަސަރުން ފައިދާހުރި ގަދަކަމާއި، ތަޖުރިބާތަކާއި، ބާރާއި، ކެތްތެރިކަމާއި، އަޖުރާއި ސަވާބަށް އެދުން ފަދަ ބޮޑެތި ކަންތައްތަކެއް އެ މީހުންނަށް ލިބެއެވެ. އެ ކަންތައްތަކުގެ ސަބަބުން ނުރުހެވޭ ކަންތައްތައް ފަނޑުވެގެން ދެއެވެ. އަދި އޭގެ ބަދަލުގައި އުފާތަކާއި ހެޔޮ އުއްމީދުތައް އާދެއެވެ. އަދި ﷲ ގެ ފަޟްލަށާއި އެ އިލާހުގެ ސަވާބަށް އެދުން ވެސް މެއެވެ. އެއީ ރަސޫލު ﷲ ﷺ މި ކަން ބަޔާންކުރައްވާފައިވާ ފަދައިން، އެކަލޭގެފާނު ވިދާޅުވި ސައްހަ ޙަދީޘެއްގައިއެވެ:
(عَجَبًا لِأَمْرِ المُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ وَلَيْسَ ذَلِكَ لِأَحَدٍ إِلَّا لِلْمُؤْمِنِ).
”މުއުމިނުގެ ކަންތައް ހާދަހާ އަޖައިބުކުރަނިވިއެވެ. ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމެއްގައި ވަނީ ހެވެވެ. އޭނާއަށް އުފާވެރި ގޮތެއް މެދުވެރިވެއްޖެ ނަމަ، އޭނާ ޝުކުރުކުރެއެވެ. ފަހެ އެ ކަން އޭނާއަށް ހެޔޮވެގެންވެއެވެ. އަދި އޭނާއަށް ދެރަގޮތެއް މެދުވެރިވެއްޖެ ނަމަ، އޭނާ ކެތްތެރިވެއެވެ. ފަހެ އެ ކަން ވެސް އޭނާއަށް ހެޔޮވެގެންވެއެވެ. އަދި މުއުމިނަކު ފިޔަވާ އެހެން އެއްވެސް މީހަކަށް އެ ކަމެއް ނުވެއެވެ.“ ރިވާކުރީ މުސްލިމެވެ.
ފަހެ އެކަލޭގެފާނު ﷺ ޚަބަރުދެއްވި ފަދައިން، މުއުމިނު މީހާއަށް ދިމާވާ އުފަލުގެ ވަގުތުތަކާއި ދަތި އުނދަގޫ ހާލަތްތަކުގައި ވެސް، އޭނާގެ ހެޔޮކަންތަކާއި ހެޔޮކަމާއި، އަމަލުތަކުގެ ސަވާބާއި ފައިދާ ގިނަގުނަވެގެންދެއެވެ. މި ސަބަބަށް ޓަކައި، ހެޔޮ ކަމެއް ނުވަތަ ނުބައި ކަމެއް ދިމާވާ ދެ މީހުންގެ ފަރާތުން ތިބާއަށް ފެންނާނެއެވެ: އެ ކަމާ ކުރިމަތިލާ ގޮތުގައި ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އެއީ އީމާންކަމާއި ސާލިހު އަމަލުކުރުމުގައި އެ ދެ މީހުންގެ ދެމެދުގައި ހުރި ތަފާތުގެ ސަބަބުންނެވެ. (އިސްވެ ދެންނެވުނު ޙަދީޘްގައިވާ) ދެ ސިފަ ލިބިގެންވާ މީހާ، ހެޔޮކަމާއި ނުބައިކަމާ ކުރިމަތިލަނީ، އަހަރުމެން ޒިކުރުކުރި ފަދައިން، ޝުކުރުވެރިވުމާއި ކެތްތެރިވުމާ އަދި އެއާ ގުޅިގެން އަންނަ ކަންކަމާ އެކުގައެވެ. އެހެންކަމުން އޭނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެއެވެ. އަދި (އޭނާގެ ކިބައިން) ހިތާމައާއި، ހިތްދަތިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމާއި، ދިރިއުޅުމުގެ އަބާއްޖަވެރިކަން ފިލައިގެންދެއެވެ. އަދި މި ދުނިޔޭގައި އޭނާއަށް ހެޔޮ ދިރިއުޅުމެއް ލިބެއެވެ. އަދި އަނެއް މީހާ، އެދޭ ކަންތައް ލިބިގަންނަނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ހައްދުފަހަނައަޅައިދިއުމާ އެކުގައެވެ. ފަހެ އޭނާގެ އަޚްލާގު ގޯސްވެގެންދެއެވެ. އަދި އެ ކަންކަމާ އޭނާ ބައްދަލުކުރަނީ، ޖަނަވާރުތައް ދަހިވެތިކަމާއި ހާސްކަމާއެކު އެއްޗިއްސާ ބައްދަލުކުރާ ފަދައިންނެވެ. އެއާއެކު ވެސް ހަމަކަށަވަރުން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަދި ކިއެއް، އެކި ކަންކަމުގެ ސަބަބުން އޭނާގެ ހިތް ވަނީ އެކި ދިމަދިމާލަށް ބެހިފައެވެ. އެއީ އޭނާ އެދޭ ކަންތައްތައް އޭނާއަށް ގެއްލިދާނެކަމުގެ ބިރު ހީވާތީއެވެ. އަދި އާއްމު ގޮތެއްގައި އެ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގިނަގުނަ ހުރަސްތަކާ ހެދިއެވެ. އަދި ނަފްސު އެއްވެސް ހައްދެއްގައި ނުހިފެހެއްޓި، އަބަދުމެ އެހެން ކަންކަމަށް ދަހިވެތިވެ އެދިއެދި ހުންނާތީއެވެ. އެ ކަންކަމަކީ ލިބިދާނެ ނުވަތަ ނުލިބި ވެސް ހިނގައިދާނެ ކަންކަމެވެ. އަދި އެދޭ ކަންތައްތައް ލިބުނު ކަމުގައި ވިޔަސް، ކުރިން މި ޒިކުރުކުރެވުނު ކަންކަމުގެ ސަބަބުން އޭނާ ހުންނާނީ ހާސްކަމެއްގައެވެ. އަދި އޭނާ މުސީބާތްތަކާ ކުރިމަތިލަނީ ކަންބޮޑުވުމާއި، ބިރުވެރިކަމާއި، ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުމާ އެކުގައެވެ. ފަހެ އޭނާއަށް ދިމާވާ މި ކަންކަމާ ބެހޭ ގޮތުން ސުވާލު ވެސް ނުކުރާށެވެ. އޭނާގެ ދިރިއުޅުމުގެ އަބާއްޖަވެރިކަމެވެ. އަދި އޭނާއަށް ދިމާވާ ފިކުރީ އަދި ނަފްސާނީ ބަލިތަކެވެ. އަދި އެންމެ ނުބައި ހާލަތްތަކަށާއި އެންމެ އުނދޫވާ މުސީބާތްތަކަށް އޭނާ ގެންގޮސްފާނެފަދަ ބިރުވެރިކަމެވެ. އެއީ އޭނާ ސާވާބަކަށް އުއްމީދު ނުކުރާތީއެވެ. އަދި އޭނާއަށް ހިތްހަމަޖެހުމެއް ދީ، ކަންކަން ފަސޭހަކޮށްދޭނެ ކެތްތެރިކަމެއް ވެސް އޭނާގެ ކިބައިގައި ނުވާތީއެވެ.
އަދި މި ހުރިހާ ކަމަކީ ތަޖުރިބާއިން ފެންނަން ހުރި ކަންކަމެވެ. އަދި މިފަދަ އެންމެ މިސާލެއް ނަގާފައި، އެއާމެދު ފިކުރުކޮށް، މީސްތަކުންގެ ހާލަތުތަކުގެ މައްޗަށް އެ ފައްތައިފިނަމަ، އޭނާގެ އީމާންކަމާ އެއްގޮތަށް އަމަލުކުރާ މުއުމިނަކާއި، އެފަދައިން ނުވާ މީހަކާ ދެމެދުގައިވާ ބޮޑުވެގެންވާ ތަފާތު ތިބާއަށް ފެންނާނެއެވެ. އެއީ ﷲ ދެއްވާ ރިޒްގަށާއި، އެ އިލާހުގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުގެ ތެރެއިން އަޅުތަކުންނަށް ދެއްވާފައިވާ ތަފާތު ނިއުމަތްތަކާމެދު ރުހި ގަބޫލުވުމަށް، ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާތީއެވެ.
ފަހެ މުއުމިނަކަށް ބަލިމަޑުކަމެއް ނުވަތަ ފަގީރުކަމެއް، ނުވަތަ މިފަދައިން ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ފަދަ އެހެން ކަމެއް މެދުވެރިވެއްޖެނަމަ، ފަހެ ހަމަކަށަވަރުން އޭނާގެ އީމާންކަމުގެ ސަބަބުންނާއި، އަދި ﷲ އޭނާއަށް މިންވަރުކުރެއްވި ކަންތަކަށް ރުހި ގަބޫލުވެގެން ހުރުމުގެ ސަބަބުން، އޭނާ ހުންނާނީ ހިތްހަމަޖެހި، އުފާވެރިކަން ލިބިގެންނެވެ. އޭނާއަށް މިންވަރު ނުކުރައްވާ ކަމަކަށް އޭނާގެ ހިތަކުން ނޭދޭނެއެވެ. އޭނާ ބަލާނީ އޭނާއަށް ވުރެ ދަށުގައިވާ މީހުންނަށެވެ. (އެބަހީ: ނުލިބޭ މީހުންނަށެވެ.) އޭނާއަށް ވުރެ މަތީގައިވާ މީހުންނަކަށް ނުބަލާނެއެވެ. އަދި ފަހަރެއްގައި ދުނިޔޭގެ އެންމެހާ ވަސީލަތްތައް ލިބިފައިވާ މީހަކަށް ވުރެ، އޭނާގެ އުފަލާއި ހިތްހަމަޖެހުން ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެފަދަ މީހަކަށް ރުހި ގަބޫލުވުމުގެ ސިފަ ލިބިފައިނުވާ ނަމައެވެ.
އެއާ ޚިލާފަށް، އީމާންކަމާ އެއްގޮތަށް އަމަލުނުކުރާ މީހާއަށް ފަގީރުކަމެއް ކުރިމަތިވުމުން، ނުވަތަ ދުނިޔަވީ ބޭނުންތަކުގެ ތެރެއިން ބައެއް ކަންކަން ގެއްލިއްޖެނަމަ، ތިބާ އޭނާ ފެންނާނީ އެންމެ ނިކަމެތި، ހިތާމަވެރި ހާލުގައެވެ.
އަދި އަނެއް މިސާލަކީ: ބިރުވެރިކަމުގެ ހާލަތު މެދުވެރިވެ، އިންސާނާއަށް އުނދަގޫތަކާއި ހިތްނުތަނަވަސްކަން ކުރިމަތިވާ އިރު، ސައްހަ އީމާންކަމެއް ވެރިޔާ ތިބާއަށް ފެންނާނީ، ހިތް ސާބިތުވެ، ނަފްސު ހަމަޖެހިފައިވާ ހާލުގައެވެ. އަދި އޭނާއާ ކުރިމަތިވި ކަންތައް، އޭނާގެ ފިކުރާއި ބަހާއި އަމަލުން، ކުޅަދާނަވީ މިންވަރަކުން، މެނޭޖްކޮށް ހިންގުމުގެ ގާބިލުކަން ލިބިގެންވާ ހާލުގައެވެ. ހަމަކަށަވަރުން އޭނާ ވަނީ ކުރިމަތިވި މި އުނދަގުލާއި ހިތްނުތަނަވަސްކަމަށް އޭނާގެ ނަފްސު ހާނުވާފައެވެ. އަދި މި ސިފަތަކަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނެސްދީ، އޭނާގެ ހިތް ސާބިތުކޮށްދޭ ކަންކަމެވެ.
ހަމަ އެފަދައިން، އީމާންކަން ނެތް މީހާ ފެންނާނީ އެ ހާލަތާ މުޅިން އިދިކޮޅަށެވެ. ބިރުވެރިކަމެއް ކުރިމަތިވެއްޖެނަމަ، އެ ކަމުގެ ސަބަބުން އޭނާގެ ޟަމީރަށް އުނދަގޫވ، ނާރުތަކަށް ބާރުވެ، ފިކުރުތައް އެކި ދިމަދިމާއަށް ދެއެވެ. އަދި އޭނާގެ ހިތަށް ބިރާއި ނުތަނަވަސްކަން ވަދެއެވެ. އަދި ބޭރުފުށުގެ ބިރުވެރިކަމާއި، އެތެރެފުށުގެ ހާސްކަން އޭނާގެ މައްޗަށް އެއްވެއެވެ. އެއީ އޭގެ ހަގީގަތް ބަޔާންކޮށްދެވެން ނެތްފަދަ ބިރުވެރިކަމަކާއި ހާސްކަމެކެވެ. އަދި މި ބާވަތުގެ މީހުންނަށް ތަބީއީ ސިފަތަކެއް ލިބިފައި ނުވާނަމަ -އަދި އެ ސިފަތަކަށް ގިނަ ތަމްރީނު ވެސް ބޭނުންވެއެވެ- އެ މީހުންގެ ވަރު ނެތިގޮސް، ނާރުތަކަށް ބާރުވެގެންދެއެވެ. އެއީ ކެތްތެރިވުމަށް މަގުދައްކައިދޭ އީމާންކަން ނެތުމުގެ ސަބަބުންނެވެ. ޚާއްސަކޮށް ނާޒުކު ދަނޑިވަޅުތަކުގައްޔާއި، ހިތާމަވެރި އުނދަގޫ ހާލަތްތަކުގައެވެ.
ފަހެ ހެޔޮލަފާ މީހާއާއި ފާޖިރު މީހާއާއި، މުއުމިނާއި ކާފިރު ވެސް، ކަންކަމުން ހިތްވަރު ލިބިގަތުމުގައްޔާއި، ބިރުވެރިކަން ކުޑަކޮށް ލުއިކޮށްދޭ ތަބީއީ ޣަރީޒާ ހުރުމުގައި އެއްގޮތް ވެއެވެ. ނަމަވެސް މުއުމިނު މީހާ ތަފާތުވެގެންދަނީ އޭނާގެ އީމާންކަމުގެ ވަރުގަދަކަމާއި، ކެތްތެރިކަމާއި، ﷲ އަށް ވަކީލުކޮށް ބަރޯސާވުމާއި، އެ އިލާހުގެ ސަވާބަށް އެދުމުންނެވެ. މިއީ އޭނާގެ ހިތްވަރު އިތުރުކޮށް، ބިރުވެރިކަމުގެ ބުރަ ލުއިކޮށް، އުނދަގޫތައް ފަސޭހަކޮށްދޭ ކަންކަމެވެ. އެއީ ﷲ ތަޢާލާ ވަހީކުރައްވާފައިވާ ފަދައިންނެވެ:
﴿إِن تَكُونُواْ تَأۡلَمُونَ فَإِنَّهُمۡ يَأۡلَمُونَ كَمَا تَأۡلَمُونَۖ وَتَرۡجُونَ مِنَ ٱللَّهِ مَا لَا يَرۡجُونَ... ﴾
މާނައީ: "ތިޔަބައިމީހުންނަށް ވޭންލިބޭ ނަމަ، ފަހެ ތިޔަބައިމީހުންނަށް ވޭންލިބޭ ފަދައިން، ހަމަ އެ މީހުންނަށް ވެސް ވޭންލިބޭނެކަން ކަށަވަރެވެ. އެހެނަސް ﷲ ގެ ހަޒްރަތުން އެ މީހުން އުންމީދު ނުކުރާ ކަންތައްތަކަށް ތިޔަބައިމީހުން އުންމީދުކުރަމުއެވެ." (سورة النساء: آية 104) އަދި ބިރުވެރިކަން ފިލުވާލަދޭނެ، ﷲގެ ވާގިފުޅާއި ޚާއްސަ އެހީތެރިކަމާއި މަދަދު އެ މީހުންނަށް ލިބިގެންދެއެވެ. އަދި ﷲ ތަޢާލާ ވަހީކުރެއްވިއެވެ:
﴿...وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ﴾
މާނައީ: "އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވަނީ ކެތްތެރިންނާ އެކުގައެވެ." (سورة الأنفال: آية 46)
އަދި ހިތާމައާއި، ހިތްދަތިކަމާއި، ކަންބޮޑުވުން ފިލުވާލާ ސަބަބުތަކުގެ ތެރޭގައި، ބަހުންނާއި އަމަލުން މަޚްލޫގުންނަށް ހެޔޮކޮށް ހިތުމާއި، ހެޔޮކަމުގެ އެކި ބާވަތްތައް ކުރުން ހިމެނެއެވެ. އަދި މި ހުރިހާ ކަމަކީ ވެސް ހެޔޮކަމާއި އިހްސާންތެރިވުމެވެ. އަދި އެފަދަ ހެޔޮ ކަންކަމުގެ ސަބަބުން، ހެޔޮލަފާ މީހާގެ ކިބައިންނާއި ފާޖިރުގެ ކިބައިން ވެސް، އެ ކަމެއްގެ މިންވަރަކުން ﷲ ތަޢާލާ ހިތާމަތަކާއި ހިތްދަތިކަންތައް ދުރުކުރައްވައެވެ. ނަމަވެސް އޭގެ އެންމެ ފުރިހަމަ ހިއްސާއާއި ނަސީބު ލިބުންވަނީ މުއުމިނަށެވެ. އަދި އޭނާ ވަކިން ފާހަގަވަނީ، އޭނާގެ އިހްސާންތެރިކަމަކީ އިޚްލާސްތެރިކަމާއި ސަވާބަށް އެދުމުގެ ސަބަބުން އަންނަ ކަމަކަށް ވާތީއެވެ.
ފަހެ އޭނާ އެދޭ ހެވެއްގެ ސަބަބުން، ﷲ ތަޢާލާ އޭނާއަށް ހެޔޮކަންތައް ކުރަން ފަސޭހަކޮށްދެއްވައެވެ. އަދި އޭނާގެ އިޚްލާސްތެރިކަމާއި ސަވާބަށް އެދުމުގެ ސަބަބުން، އެ އިލާހު އޭނާގެ ކިބައިން މުސީބާތްތަކާއި ނުބައިކަންތައް ދުރުކުރައްވައެވެ. ﷲ ވަހީކުރައްވާފައިވެއެވެ:
﴿لَّا خَيۡرَ فِي كَثِيرٖ مِّن نَّجۡوَىٰهُمۡ إِلَّا مَنۡ أَمَرَ بِصَدَقَةٍ أَوۡ مَعۡرُوفٍ أَوۡ إِصۡلَٰحِۭ بَيۡنَ ٱلنَّاسِۚ وَمَن يَفۡعَلۡ ذَٰلِكَ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ فَسَوۡفَ نُؤۡتِيهِ أَجۡرًا عَظِيمٗا114﴾
މާނައި: "އެ މީހުން ސިއްރުން އެއްވެ ދައްކާ ގިނަ ވާހަކަތަކުގައި އެއްވެސް ހެވެއް ނެތެވެ. ސަދަގާތެއް ކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި ސުލްހަކުރުމަށް އަމުރުކުރި މީހެއްގެ ވާހަކަ ފިޔަވައެވެ. އަދި ﷲ ރުއްސެވުން އެދިގެން އެ ކަން ކުރާ މީހާ، ފަހެ ތިމަން އިލާހު އެ މީހަކަށް ބޮޑުވެގެންވާ އަޖުރެއް ދެއްވާނަމެވެ." (سورة النساء: آية 114)
ފަހެ ﷲ ތަޢާލާ މި ވަނީ، މި ޒިކުރުކުރެވުނު ހުރިހާ ކަމަކީ ވެސް އެ ކަން ކުރި މީހާގެ ފަރާތުން ހެޔޮ ކަމެއްކަން އަންގަވާފައެވެ. އަދި ހެޔޮކަމުގެ ސަބަބުން އިތުރު ހެޔޮކަން ގެނެސްދީ، ނުބައިކަން ދުރުކޮށްދެއެވެ. އަދި ސަވާބަށް އުންމީދުކުރާ މުއުމިނުންނަށް ބޮޑުވެގެންވާ އަޖުރެއް ﷲ ދެއްވާނެކަމަށް ވެސް އެންގެވިއެވެ. އެ ބޮޑުވެގެންވާ އަޖުރުގެ ތެރޭގައި ހިމެނެނީ؛ ކަންބޮޑުވުމާއި، ހިތްދަކިމާއި، ހިތާމަ ފަދަ ކަންކަން ފިލައިގެން ދިއުމެވެ.
ފަސްލު
އަދި ނާރުތަކަށް ބާރުކުރުމާއި، ހިތްނުތަނަވަސްކުރުވާ ކަންކަމުގެ ސަބަބުން އުފެދޭ ހާސްކަން ފިލުވާލުމުގެ ސަބަބުތަކުގެ ތެރޭގައި، ފައިދާހުރި މަސައްކަތެއްގައި ނުވަތަ އިލްމެއްގައި މަޝްޣޫލުވުން ހިމެނެއެވެ. އެހެނީ ހަމަކަށަވަރުން އޭގެ ސަބަބުން އޭނާ ހާސްކުރުވި ކަންތަކުން ހިތް އެހެން ދިމާލަކަށް އަނބުރާލައެވެ އަދި ބައެއް ފަހަރު އޭގެ ސަބަބުން، އޭނާއަށް ހިތާމައާއި މޮޅިވެރިކަން ގެނުވި ކަންތައްތައް ހަނދާންނެތެއެވެ. އެ ގޮތުން އޭނާގެ ނަފްސު އުފާވެރިވެ، ހީވާގިކަން އިތުރުވެއެވެ. އަދި މިއީ މުއުމިނުންނާއި އެ ނޫން މީހުންނަށް ވެސް ދިމާވާ ކަމެކެވެ. ނަމަވެސް މުއުމިނު ތަފާތުވެގެންދަނީ، އޭނާގެ އީމާންކަމާއި، އިޚްލާސްތެރިކަމުންނެވެ. އަދި އޭނާ އުނގެނޭ ނުވަތަ އުނގަންނައިދޭ އިލްމެއްގައި މަޝްޣޫލުވެގެން، އޭނާ ކުރާ ހެޔޮ އަމަލުތަކަށް ﷲ ގެ ހަޒްރަތުން އަޖުރާއި ސަވާބަށް އެދުމުގެ ސަބަބުންނެވެ. އެ ކުރާ ކަމަކީ އަޅުކަމެއް ނަމަ އެއީ އަޅުކަމެކެވެ. އަދި އެއީ ދުނިޔަވީ މަސައްކަތެއް ނުވަތަ އާދައެއް ނަމަ، އެ ކަމާއެކު ހެޔޮ ނިޔަތް ގެނުވައެވެ. އަދި އެ ކަމުން އޭނާ ގަސްދުކުރަނީ އެއީ ﷲ އަށް ކިޔަމަންތެރިވުމަށްވާ އެހީއަކަށް ވުމަށެވެ. އެހެންކަމުން މިއީ ހިތާމަތަކާއި، މޮޅިވެރިކަމާއި، ހިތްދަތިކަން ފިލުވާލުމަށް ވަރަށް ބޮޑު އަސަރެއް އޮންނަ ކަންކަމެވެ. ފަހެ ހާސްކަމާއި ދިގުދެމިގެންދާ ހިތާމަތަކުން އިމްތިހާނުކުރެވި، އެ ކަމުގެ ސަބަބުން ތަފާތު ބަލިތައް ޖެހިފައިވަނިކޮށް، އެ ކަން ހައްލުކޮށްދިން ފަރުވާއަކަށް ވެގެންދިޔައީ، އޭނާ ހިތްދަތިކޮށް ހާސްކުރުވި ކަންތައް ހަނދާންނައްތާލައި، އޭނާގެ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްގައި މަޝްޣޫލުވުން ކަމުގައި ދިމާވީ ކިތައްކިތައް އިންސާނުންނަށްހެއްޔެވެ؟
އަދި އޭނާ މަޝްޣޫލުވާ ކަމަކީ، ނަފްސު ހިތްހަމަޖެހި، އެ ކަމަކަށް ޝައުގުވެރިވާ ކަމަކަށްވުން މުހިއްމެވެ. އެހެނީ ހަމަކަށަވަރުން މިއީ އެ ފައިދާހުރި މަގްސަދު ހާސިލުވުމަށް އެންމެ ގާތް ގޮތެވެ. އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އަދި ހިތާމައާއި ހާސްކަން ފިލުވާލަދޭ ކަންތައްތަކުގެ ތެރޭގައި، ހުރިހާ ވިސްނުމަކާއި ފިކުރެއް އެ ދުވަހެއްގެ މަސައްކަތަށް ހުސްކުރުން ހިމެނެއެވެ. އަދި މުސްތަގްބަލާ މެދު ކަންބޮޑުވުމާއި ވެދިޔަ ކަންކަމާމެދު ހިތާމަކުރުމުން އެއްކިބާވުން ހިމެނެއެވެ. އަދި މި ކަމަށް ޓަކައި، ނަބީ ﷺ ވަނީ ހިތާމައާއި ހިތްދަތިކަމުން ރައްކާތެރިކޮށްދެއްވުން އެދި ދުއާކުރައްވާފައެވެ. (ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވާ ފަދައިންނެވެ.) ފަހެ ކުރިން ހިނގާދިޔަ، އަނބުރާ އިއާދަ ނުކުރެވޭނެ އަދި ރަނގަޅު ނުކުރެވޭނެ ކަންކަމާމެދު ހިތާމަކުރުމަކުން ފައިދާއެއް ނުކުރާނެއެވެ. އަދި މުސްތަގްބަލާ މެދު އޮންނަ ބިރެއްގެ ސަބަބުން އުފެދޭ ކަންބޮޑުވުމުން ގެއްލުން ވެދާނެއެވެ. ފަހެ މުއުމިނު އަޅު ވާންޖެހޭނީ އޭނާގެ ދުވަހުގެ މީހަކަށެވެ. އޭނާގެ ދުވަހާއި، އޭނާ އެ ހުރި ވަގުތު އިސްލާހުކުރުމަށް އޭނާގެ ވިސްނުމާއި މަސައްކަތް އެއްކުރާ މީހަކަށެވެ. އެހެނީ ހަމަކަށަވަރުން، އެ ގޮތުގެ މަތިން ހިތް އެކުލަވާލުމަކީ އަމަލުތައް ފުރިހަމަވެގެން ދިޔުމަށް މަގުފަހިވާނެ ކަމެކެވެ. އަދި އެ ކަމުގެ ސަބަބުން އަޅަށް ހިތާމައާއި ކަންބޮޑުވުންތަކުން ތަސައްލީ ލިބިގެންދެއެވެ. އަދި ނަބީ ﷺ ދުއާއެއް ކުރައްވާ އިރު، ނުވަތަ އެކަލޭގެފާނުގެ އުއްމަތަށް ދުއާއެއް ކުރަން އިރުޝާދު ދެއްވާ އިރު، ފަހެ އެކަލޭގެފާނު ބާރުއަޅުއްވާކަން ކަށަވަރީ، ﷲ ގެ ވާގިފުޅަށް އެދި އެ އިލާހުގެ ފަޟްލުވަންތަކަމަށް އުއްމީދުކުރުމާއެކު، އެ ދުއާއިން އެދޭ ކަންތައް ހާސިލުކުރުމަށް ޓަކައި ގަދައަޅާ މަސައްކަތްކުރުމަށެވެ. އަދިވެސް ބާރުއަޅުއްވީ، ދުރުކޮށްދެއްވުން އެދި އެ ދުއާކުރެވޭ ކަންތަކުން (އަމިއްލައަށް ވެސް) ދުރުވެގަތުމަށެވެ. އެހެނީ ދުއާއާއި އަމަލު ވަނީ ގުޅިފައެވެ. ފަހެ މުއުމިނު އަޅު އޭނާގެ ދީނާއި ދުނިޔެއަށް ފައިދާހުރި ކަންކަމުގައި މަސައްކަތްކުރެއެވެ. އަދި އޭނާގެ މަގްސަދު ކާމިޔާބުކޮށްދެއްވުން އެދި އޭނާގެ ރައްބަށް ދަންނަވައެވެ. އަދި އެ ކަމަށް އެ އިލާހުގެ ވާގި އެދެއެވެ. އެއީ ނަބީ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ:
(احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلَا تَعْجِزْ، وَإِذَا أَصَابَكَ شَيْءٌ فَلَا تَقُلْ: لَوْ أَنِّي فَعَلْتُ كَذَا كَانَ كَذَا وَكَذَا، وَلَكِنْ قُلْ: قَدَرُ اللَّهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ).
ތިބާއަށް ފައިދާހުރި ކަންކަން ހޯދުމަށް މަސައްކަތްކުރާށެވެ. އަދި ﷲ ގެ ހަޒްރަތުން ވާގި އެދޭށެވެ. އަދި ނުކުޅެދުންތެރި ނުވާށެވެ. އަދި ތިބާއަށް ކަމެއް ދިމާވެއްޖެނަމަ، ފަހެ މިހެން ނުބުނާށެވެ. ތިމަން މިވެނި ގޮތަކަށް ކަންތައް ކޮށްލިނަމަ، މިވެނި އެވެނި ގޮތަކަށްވީހެވެ. އެހެނެއްކަމަކު މިހެން ބުނާށެވެ. قدر الله وما شاء فعل (އެބަހީ: މިއީ ﷲ ތަގްދީރުކުރެއްވި ގޮތެވެ. އަދި އެ އިލާހު އިރާދަކުރެއްވި ކަމެއް އެ އިލާހު ކުރައްވައެވެ.) އެހެނީ ހަމަކަށަވަރުން ނަމަ ބުނުމަކީ ޝައިތާނުގެ އަމަލަށް ހުޅުވާލެވޭ ދޮރެކެވެ." ރިވާކުރެއްވީ މުސްލިމެވެ. ފަހެ (މި ޙަދީޘްގައި) ނަބީ ﷺ ވަނީ، ކޮންމެ ހާލެއްގައި ވެސް ފައިދާހުރި ކަންކަން ހޯދަން މަސައްކަތްކޮށް، ﷲ ގެ ވާގިފުޅަށް އެދި، ގެއްލުންދެނިވި ކަންނެތްކަމުގެ ނުކުޅެދުންތެރިކަމަށް ތަބާނުވުމަށް އަމުރުކުރެއްވުމާއި، ނިމިފައިވާ ކަންކަން ދޫކޮށް ތަސްލީމުވެ، ﷲ ގެ ގަޟާ ގަދަރަށް ހެކިވުމާ، މި ދެ ކަންތައް އެއްކުރައްވާފައެވެ.
އަދި އެކަލޭގެފާނު ވަނީ ކަންކަން ދެ ބަޔަކަށް ބައްސަވާފައެވެ: އެއްބަޔަކީ އަޅަށް ހާސިލުކުރުމަށް، ނުވަތަ އޭގެން ލިބޭނެ މިންވަރެއް ހާސިލުކުރުމަށް، ނުވަތަ ދުރުކުރުމަށް، ނުވަތަ ލުއިކުރުމަށް މަސައްކަތް ކުރެވިދާނެ ކަންކަމެވެ. ފަހެ މިފަދަ ކަންކަމުގައި އަޅު އޭނާއަށް ކުރެވެން ހުރި މަސައްކަތެއް ކޮށް، އޭނާ އަޅުކަންކުރާ ފަރާތުގެ ވާގިފުޅަށް އެދުންހުއްޓެވެ. އަދި ޝައްކެއް ނެތް ގޮތުގައި، މި އުސޫލަށް ރިއާޔަތްކުރުމަކީ، އުފާވެރިކަން ލިބުމަށާއި، ހިތާމައާއި ކަންބޮޑުވުން ފިލައިގެންދިއުމަށް މެދުވެރިވާ ސަބަބެކެވެ.
ފަސްލު
އަދި ހިތް ތަނަވަސްވެ، ހިތްހަމަޖެހުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ގިނަގިނައިން ﷲ ހަނދުމަކުރުމެވެ. އެހެނީ ހަމަކަށަވަރުން އެ ކަމުގައި ހިތް ހަމަޖެހުމާއި، ހިތަށް ފަސޭހަވުމާއި، ހިތާމަތަކާއި ދެރަތައް ފިލުވުމަށް އަޖައިބުކުރަނިވި އަސަރެއް ވެއެވެ. އެ އިލާހު ވަހީކުރެއްވިއެވެ:
﴿...أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ﴾
ދަންނާށެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުންނެވެ. (سورة الرعد: آية 28) ފަހެ ﷲ ހަނދުމަކުރުމަކީ، މި ބޭނުންވާ ހިތްހަމަޖެހުން ހާސިލުކުރުމުގައި ވަރަށް ބޮޑު އަސަރެއް އޮންނަ ކަމެކެވެ. އެއީ އެ ކަމުގެ ޚާއްސަކަމުންނާއި، އަޅަށް އެ ކަމުން ލިބޭ ސަވާބާއި އަޖުރުގެ ސަބަބުންނެވެ.
އަދި ހަމަ އެ ފަދައިން، ﷲ ދެއްވާފައިވާ ފާޅުވެގެންވާ ނިއުމަތްތަކާއި، ނުފެންނަ ނިއުމަތްތަކުގެ ވާހަކަ ދެއްކުމަކީ ވެސް ބޮޑު އަސަރެއް އޮންނަ ކަމެކެވެ. އެހެނީ ހަމަކަށަވަރުން އެ ކަންކަން އެނގި އޭގެ ވާހަކަ ދެއްކުމަކީ، ﷲ އޭގެ ސަބަބުން ހިތާމަތަކާއި ދެރަތައް ނައްތާލާ ކަމެކެވެ. އަދި އަޅަށް ޝުކުރުކުރުމަށް ބާރުއަޅާ ކަމެކެވެ. ޝުކުރުކުރުމަކީ އެންމެ މަތިވެރި ދަރަޖައެވެ. އެއީ ފަގީރުކަމެއްގައި ނުވަތަ ބައްޔެއްގައި ނުވަތަ އެ ނޫން ބާވަތެއްގެ ބަލާއެއްގައި އަޅު ހުއްޓަސް ވެސް މެއެވެ. އެހެނީ ހަމަކަށަވަރުން އަޅު އޭނަގެ މައްޗަށް ﷲ ދެއްވާފައިވާ ގުނާއަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތަކާއި، އޭނާއަށް ޖެހިފައިވާ ނޭދެވޭ ކަންކަމަށް އަޅާބަލާއިރު، އެ ނޭދެވޭ ކަންކަމަކީ ނިއުމަތްތަކަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.
އަދި ކިއެއް، ބަލާތަކާއި މުސީބާތްތަކުން ﷲ، އަޅު އިމްތިހާނުކުރައްވާ ހިނދު، އަދި އެ ކަމުގައި އޭނާ ކެތްތެރިކަމާއި، ރުހުމާއި، ތަސްލީމުވުމުގެ ބައި އަދާކުރާނަމަ، އެ ކަން ފަސޭހަވެ، އޭގެ ބުރަ ލުއިވެގެންދެއެވެ. އަދި އަޅު އެ ކަމުން ލިބޭ އަޖުރާއި ސަވާބަށް އުއްމީދުކުރުމާއި، ކެތްތެރިކަމާއި ރުހުމުގެ ވާޖިބު އަދާކޮށްގެން ﷲ އަށް އަޅުކަންކުރުމަކީ، ހިތިކަން ފޮނިމީރުކަމަށް ހަދާނެ ކަމެކެވެ. އެ ގޮތުން އެ ކަމުން ލިބޭ އަޖުރުގެ މީރުކަމުން، ކެތްތެރިކަމުގެ ހިތިކަން ހަނދާނުން ފޮހެވިގެންދެއެވެ.
މިހާލަތުގައި އެންމެ ބޭނުންތެރި އެއްކަމަކީ نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވިދާޅުވެފައިވާ ޞައްޙަ ޙަދީޘްފުޅުގައިވާ އެއްޗެއްގެ ބޭނުން ކުރުމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
(انْظُرُوا إِلَى مَنْ هُوَ أَسْفَلُ مِنْكُمْ وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَإِنَّهُ أَجْدَرُ أَنْ لَا تَزْدَرُوا نِعْمَةَ اللَّهِ عَلَيْكُمْ).
ތިޔަބައިމީހުންނަށް ވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި ތިޔަބައިމީހުންނަށް ވުރެ މަތީގައިވާ މީހުންނަށް ނުބަލާށެވެ. އެހެނީ ހަމަކަށަވަރުން އެއީ ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިއުމަތްތައް ތިޔަބައިމީހުން ދަށްކޮށް ނުހެދުމަށް މާ ގާތް ގޮތެކެވެ. ރިވާކުރެއްވީ ބުޚަރީއެވެ. ފަހެ ހަމަކަށަވަރުން އަޅު، މި މަތިވެރި ދެކުން އޭނާގެ ދެ ލޮލުގެ ކުރިމަތީގައި ބެހެއްޓުމުން، އާފިޔަތާއި، ރިޒްގާއި، އެއާ ގުޅިފައިވާ ކަންތައްތަކުގައި އޭނާ ގިނަ ޚަލްގުތަކުންނަށް ވުރެ ކުރިއަރާފައިވާ ތަން ދެކޭނެއެވެ. އޭނާގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް މެއެވެ. އެހެންކަމުން އޭނާގެ ކަންބޮޑުވުމާއި، ހިތާމަތަކާއި، ދެރަތައް ނެތިދެއެވެ. އަދި އޭނާއަށް ވުރެ ނަސީބު ކުޑަ މީހުންނަށް ވުރެ ކުރިހޯދާ، ﷲ ގެ ނިއުމަތްތަކުން އޭނާގެ އުފާވެރިކަމާއި، ހިތްހަމަޖެހުން އިތުރުވެގެން ދެއެވެ.
އަދި އަޅަކު، ﷲ ތަޢާލާގެ ފާޅުވެގެންވާ އަދި ވަންހަނާވެގެންވާ، ދީނީ އަދި ދުނިޔެވީ ނިއުމަތްތަކާމެދު ވިސްނާ ފިކުރުކުރާ ވަރަކަށް، އޭނާގެ ރައްބު އޭނާއަށް ގިނަގުނަ ހެޔޮކަން ދެއްވާ، އަދި އެތައް ނުބައިކަމަކުން އޭނާ ދުރުކުރައްވާފައި ވާކަން އޭނާއަށް ފެންނާނެކަން ކަށަވަރެވެ. އަދި އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި ކަމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހިތާމަތައް ދުރުކޮށް، އުފަލާއި ހިތްހަމަޖެހުން ގެނުވައިދެއެވެ.
ފަސްލު
އަދި އުފާވެރިކަން ލިބި، ހިތާމައާއި މޮޅިވެރިކަން ފިލައިދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ހިތާމަ ގެނުވާ ކަންކަން ފިލުވުމަށް މަސައްކަތްކުރުމާއި، އުފާވެރިކަން ހޯދުމަށް މަސައްކަތްކުރުން ހިމެނެއެވެ. އެ ކަން ކުރެވޭނީ، އަނބުރާ ރައްދުނުކުރެވޭނެ މާޒީވެ ގޮސްފައިވާ ނޭދެވޭ ކަންތައްތައް ހަނދާން ނައްތާލައިގެންނެވެ. އަދި އެ ކަންކަމާމެދު ވިސްނާ ފިކުރުކުރުން ވަނީ ބޭކާރު އަދި ނުވާނެ ކަންކަމުގެ ތެރެއިންކަން ދެނެގަނެގެންނެވެ. އަދި އެ ކަމަކީ މޮޔަ އަދި ތާކުންތާކު ނުޖެހޭ ކަމެއްކަން އެނގިގެންނެވެ. ފަހެ އެ ކަންކަމާމެދު ވިސްނައި ނުހެދުމަށް އޭނާގެ ހިތާ ދެކޮޅަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭނެއެވެ. އަދި ހަމަ އެ ފަދައިން ފަގީރުކަމާއި ބިރުވެރިކަމާއި އެ ނޫން ވެސް ނޭދެވޭ ފަދަ، އޭނާގެ ހަޔާތުގެ މުސްތަގްބަލުގައި ދިމާވެދާނެ ކަމަށް އޭނާ އަމިއްލައަށް ހީކުރާ ނޭދެވޭ ކަންކަމާމެދު ކަންބޮޑު ނުވުމަށް ވެސް، އޭނާގެ ހިތާ ދެކޮޅަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭނެއެވެ. ފަހެ މުސްތަގްބަލުގައި ހިނގާނެ ހެޔޮ ނުވަތަ ނުބައި ކަންކަމާއި، ލިބޭނެ އުންމީދުތަކާއި، ތަހައްމަލުކުރަން ޖެހޭނެ ވޭންތަކަކީ، ނޭނގޭ ކަންކަން ކަން ދަންނަހުއްޓެވެ. އަދި އެ ކަންކަން ވަނީ އަލްޢަޒީޒުލް ޙަކީމް (ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހު) ގެ އަތްޕުޅުގައި ކަން ދަންނަހުއްޓެވެ. އޭގެ ހެޔޮކަން ހޯދުމަށް މަސައްކަތްކުރުމާއި، އޭގެ ނުބައިކަމުން ދުރުވުމަށް މަސައްކަތްކުރުން ފިޔަވާ އެހެން އެއްވެސް ކަމެއް އަޅުތަކުންގެ އަތްތަކުގައެއް ނުވެއެވެ. އަދި އަޅު ދަންނަހުއްޓެވެ. އޭނާގެ މުސްތަގްބަލުގެ ކަންކަމާ މެދު ކަންބޮޑުވުމުން އޭނާގެ ވިސްނުން ދުރުކޮށް، އެ ކަންކަން އިސްލާހުކޮށްދެއްވުމަށް އޭނާގެ ރައްބަށް ވަކީލުކޮށް، އެ ކަމުގައި އެ އިލާހާ އެކު ހިތްހަމަޖެހުން ހޯދައި، އޭނާ އެ ކަންކަން ކޮށްފި ނަމަ، ފަހެ އޭނާ ހިތްހަމަޖެހި، އޭނާގެ ހާލަތު ރަނގަޅުވެ، އޭނާގެ ހިތާމައާއި ކަންބޮޑުވުން ފިލައިގެންދާނެކަން ކަށަވަރެވެ.
އަދި މުސްތަގްބަލުގެ ކަންކަމާ ވިސްނުމާ ގުޅޭގޮތުން އެންމެ ފައިދާ ބޮޑު އެއް ކަމަކީ، ނަބީ ﷺ ކޮށް އުޅުއްވި މި ދުއާ ކުރުމެވެ:
(اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِيَ الَّتِي إِلَيْهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَالْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ).
އޭ ﷲ! މި އަޅާގެ ކަންކަމުގެ ރައްކާތެރިކަން ކަމުގައިވާ މި އަޅާގެ ދީން މި އަޅާއަށް އިސްލާހުކޮށްދެއްވާށިއެވެ. އަދި މި އާޅާގެ ދިރިއުޅުން އެ ތަނެއްގައިވާ މި އަޅާގެ ދުނިޔެ މި އަޅާއަށް އިސްލާހުކޮށްދެއްވާށިއެވެ. އަދި މި އަޅާ އެނބުރި ދާންއޮތް ތަން ކަމުގައިވާ މި އަޅާގެ އާޚިރަތް މި އަޅާއަށް އިސްލާހުކޮށްދެއްވާށިއެވެ. އަދި ދިރިހުރުމަކީ، ކޮންމެ ހެޔޮ ކަމެއްގައި މި އަޅާއަށްވާ އިތުރުވުމެއް ކަމުގައި ލައްވާށިއެވެ. އަދި މަރަކީ، ކޮންމެ ނުބައި ކަމަކުން މި އަޅާއަށް ލިބޭ ރާހަތެއް ކަމުގައި ލައްވާށިއެވެ. ރިވާކުރެއްވީ މުސްލިމެވެ. އަދި ހަމަ އެ ފަދައިން، އެކަލޭގެފާނުގެ މި ބަސްފުޅު ވެސް މެއެވެ:
(اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ، لَا إِلَهَ إِلَّا أَنتَ).
އޭ ﷲ، އިބަ އިލާހުގެ ރަހްމަތަށް މި އަޅާ އެދެމެވެ. ފަހެ ލޮލުގެ އެސްފިޔަ ޖަހާހާ ހިނދުކޮޅަކަށް ވެސް، މި އަޅާގެ އަމިއްލަ ނަފްސަށް މި އަޅާ ދޫކޮށްނުލައްވާށިއެވެ. އަދި މި އަޅާގެ ހުރިހާ ކަމެއް ވެސް އިސްލާހުކޮށްދެއްވާށިއެވެ. އިބަ އިލާހު ފިޔަވާ ހައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަބޫ ދާއޫދު މި ޙަދީޘް ރިވާކުރެއްވީ ސައްހަ ސަނަދަކުންނެވެ. ފަހެ އަޅާގެ ދީނާއި ދުނިޔޭގެ މުސްތަގްބަލު އިސްލާހުވުން އެކުލެވޭ މި ދުއާ، އޭނާ ހާޒިރުވެގެން ހުރި ހިތަކާއި، އިޚްލާސްތެރި ނިޔަތަކާއި، އެ ކަން ހާސިލުކުރުމަށް މަސައްކަތްކުރުމާ އެކު، ގިނަގިނައިން ކިޔައިފިނަމަ، އޭނާ އެދި ދެންނެވި، އަދި އުންމީދުކުރި، އަދި އެ ކަމަށް ޓަކައި މަސައްކަތްކުރި ކަންތައް، ﷲ އޭނާއަށް ހާސިލުކޮށްދެއްވާނެއެވެ. އަދި އޭނާގެ ހިތާމަ، އުފަލާއި ހިތްހަމަޖެހުމަށް ބަދަލުވެގެންދާނެއެވެ.
ފަސްލު
އަދި އަޅާއަށް މުސީބާތެއް ޖެހިއްޖެނަމަ، އެ ކަމުގެ ސަބަބުން އުފެދޭ ހާސްކަމާއި ހިތާމަތައް ފިލުވާލުމަށް އެންމެ ފައިދާކުރާނެ އެއް ކަމަކީ، އެ ކަމެއް ލުއިކުރުމަށް ޓަކައި މަސައްކަތްކުރުމުގެ ގޮތުން، ކަންތައް ނިމިގެން ހިނގައިދާނެ އެންމެ ނުބައި ހާލަތް ހިތަށް އަރުވާ، އެ ކަމަށް އޭނާގެ ނަފްސު ހާނުވައި ތައްޔާރުކުރުމެވެ. ދެން އެ ފަދައިން ކަންތައް ކުރުމަށް، ފަހެ ކުޅަދާނަވީ މިންވަރަކުން އެ ކަން ލުއިކުރެވޭތޯ މަސައްކަތް ކުރާހުއްޓެވެ. ފަހެ މި ފަދައިން ނަފްސު ހާނުވައި ތައްޔާރުކުރުމާއި، ފައިދާކުރާ ގޮތަށް މަސައްކަތްކުރުމުގެ ސަބަބުން، އޭނާގެ ހިތާމަތަކާއި ހިތްދަތިކަން ފިލައިގެންދާނެއެވެ. އަދި އެ ފަދައިން މަސައްކަތްކުރުން ވެގެންދާނީ އަޅާއަށް މަންފާތައް ހޯދައިދޭ، އަދި އޭނާއަށް ކުޅަދާނަވީ މިންވަރަކުން ގެއްލުންތައް ދުރުކޮށްދޭ ކަމެއް ކަމުގައެވެ.
ފަހެ އޭނާއަށް ބިރުވެރިކަމާއި، ބަލިމަޑުކަމާއި، ފަގީރުކަމުގެ ހާލަތްތައް ކުރިމަތިވެ، އޭނާ ބޭނުންވާ ތަފާތު އެދެވޭ ކަންކަން ލިބުމުން މަހްރޫމް ވެއްޖެނަމަ، ފަހެ އެ ކަންކަމާ ކުރިމަތިލާން ވާނީ ހަމަޖެހި މަޑުމައިތިރިވެގެން، އެ ކަންކަމަށް އަދި އެއަށްވުރެ ނުބައި ހާލަތަކަށް ވެސް ނަފްސު ތައްޔާރުވެގެންނެވެ. އެހެނީ ހަމަކަށަވަރުން އުނދަގޫތަކާއި ދަތިތަކަށް ކެތްކުރުމަށް ނަފްސު ހާނުވައި ތައްޔާރުކުރުމުން، އެ ކަންކަން ލުއިވެ، އޭގެ ބުރަކަން ފިލައިދެއެވެ. އަދި ޚާއްސަކޮށް، އޭނާއަށް ކުޅަދާނަވީ މިންވަރަކުން އެ ކަންކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އޭނާގެ ނަފްސު މަޝްޣޫލުކޮށްފިނަމައެވެ. އެ ހިނދު އޭނާގެ ހައްގުގައި ދެ ކަމެއް އެއްވެގެންދެއެވެ. އެއީ ނަފްސު ހާނުވައި ތައްޔާރުވުމާއި، މުސީބާތްތަކާ މެދު ފިކުރުކުރުމުން ދުރުކޮށްދޭ ފައިދާހުރި މަސައްކަތްކުރުމެވެ. އަދި ދަތިތަކާ ކުރިމަތިލުމުގެ ހިތްވަރު އާކުރުމަށް ޓަކައި އޭނާގެ ނަފްސާ ޖިހާދުކުރެއެވެ. އެއީ ﷲ އަށް ވަކީލުކޮށް، އެ އިލާހަށް ފުރިހަމައަށް އިތުބާރުކުރާ ހާލުގައެވެ. އަދި އަޅާ، މި ކަންކަމުގައި އުފާވެރިކަމާއި ހިތުގެ ތަނަވަސްކަން ލިބގެން، ނުހަނު ބޮޑު ފައިދާއެއް ވާކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި އެ އުއްމީދުކުރާ ސަވާބާ އެކުގައި ވެސް މެއެވެ. އަދި މިއީ ތަޖުރިބާކުރެވި، ދެކެވިފައިވާ ކަމެކެވެ. އަދި މި ކަން ތަޖުރިބާކުރި މީހުންގެ މިފަދަ ވާހަކަތައް ނުހަނު ގިނައެވެ.
ފަސްލު
އަދި ނަފްސާނީ ބަލިތަކަށާއި، އަދި ކިއެއް، ހަށިގަނޑުގެ ބަލިތަކަށް ވެސް، ލިބެން އޮތް އެންމެ ބޮޑު ފަރުވާތަކުގެ ތެރޭގައި ހިމެނެނީ، ހިތްވަރުގަދަކުރުމާއި، ނުބައި ފިކުރުތަކުގެ ސަބަބުން އުފެދޭ ހީވުންތަކާއި ޚިޔާލުތަކަށް ހިތްނުތަނަވަސްވެ ހާސްނުވުމެވެ. އަދި ރުޅިއައުމާއި އޮޅުންއެރުމަކީ ވޭނުގައި އުޅެން މެދުވެރިވާ ސަބަބުތަކެކެވެ. އަދި މުސިބާތްތައް ޖެހި، ލޯބިވާ ކަންކަން ގެއްލިދާނެކަމަށް ހީކުރުމުގެ ސަބަބުން، އެ މީހަކު ހިތާމަތަކާއި، ހިތްދަތިކަމާއި، ހިތާއި ހަށިގަނޑުގެ ބަލިތަކާއި، ނަފްސާނީ ހާސްކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ. މި ކަންކަމުން ނުބައި އަސަރުތައް ކުރެއެވެ. އޭގެ ގިނަގުނަވެފައިވާ ގެއްލުންތައް މީސްތަކުން ވަނީ ދެކެފައެވެ.
އަދި ހިތް ﷲ އަށް ބަރޯސާކޮށް، އެ އިލާހަށް ވަކީލުކޮށްފިނަމަ، އަދި ހީވުންތަކަށް ދޫނުކޮށް، ނުބައި ހިޔާލުތަކުގެ ބާރުގެ ދަށަށް ނުގޮސްފިނަމަ، އަދި ﷲ އަށް އިތުބާރުކޮށް، އެ އިލާހުގެ ފަޟްލުވަންތަކަމަށް އުއްމީދުކޮށްފިނަމަ، އެ ކަމުގެ ސަބަބުން އޭނާގެ ކިބައިން ހިތާމަތަކާއި ހިތްދަތިކަން ފިލައިގެންދާނެއެވެ. އަދި ހަށިގަނޑާއި ހިތުގެ ގިނަ ބަލިތައް އޭނާގެ ކިބައިން ފިލައިގެންދާނެއެވެ. އަދި ބަޔާން ވެސް ނުކުރެވޭ ވަރަށް ވަރުގަދަކަމާއި، ތަނަވަސްކަމާއި، އުފާވެރިކަން ހިތަށް ލިބިގެންދާނެއެވެ. ފަހެ ހީވުންތަކާއި ނުބައި ހިޔާލުތަކާ ހެދި ބަލިމީހުންނައިގެން ކިހާވަރަކަށް ހޮސްޕިޓަލްތައް ފުރިފައިވޭހެއްޔެވެ؟ އަދި ބަލިކަށި މީހުން ކީއްކުރަންތޯ، ވަރުގަދަ ކިތައްކިތައް މީހުންގެ ހިތްތަކަށް މި ކަންކަމުން އަސަރުކޮށްފައިވޭހެއްޔެވެ؟ އަދި މޮޔަކަމާއި، ބުއްދި ފިލައިގެންދިއުމާ ހަމައަށް ކިތަށް ފަހަރު ގެންގޮސްފައިވޭހެއްޔެވެ؟ އަދި އާފިޔަތް ލިބިގެންވާ މީހަކީ، ﷲ އެ މީހަކަށް އާފިޔަތް ދެއްވައިފި މީހާއެވެ. އަދި ހިތަށް ވަރުގަދަކަން ލިއްބައިދޭ އަދި ހާސްކަން ދުރުކޮށްދޭ، ފައިދާހުރި ގޮތްތައް ހޯދުމަށް ޓަކައި، އޭނާގެ ނަފްސާ ދެކޮޅަށް ޖިހާދުކުރުމުގެ ތައުފީގުދެއްވި މީހާއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ:
﴿...وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓ...﴾
އަދި ﷲ އަށް ވަކީލު ކުރާ މީހާ (ދަންނާށެވެ.) ފަހެ އެ މީހާއަށް އެ އިލާހު ފުދެއެވެ. (سورة الطلاق: آية 3) އެބަހީ، އޭނާގެ ދީނާއި ދުނިޔޭގެ ކަންތައްތަކުގެ ތެރެއިން އޭނާއަށް މުހިއްމުވާ ހުރިހާ ކަމެއްގައި އެ އިލާހު ފުދެއެވެ.
ފަހެ ﷲ އަށް ވަކީލުކުރާ މީހަކީ، ވަރުގަދަ ހިތެއްގެ މީހެކެވެ. ހީވުންތައް އޭނާއަށް އަސަރެއް ނުކުރާނެއެވެ. އަދި ހާދިސާތަކާ ހެދި އޭނާ ހާސްވެ ކަންބޮޑެއް ނުވާނެއެވެ. އެހެނީ، އެއީ ނަފްސުގެ ބަލިކަށިކަމާއި، ހަގީގަތެއް ނެތް ބިރުވެރިކަމާއި ނުކުޅަދުންތެރިކަމެއްކަން އޭނާއަށް އެނގޭތީއެވެ. އަދި އެއާއެކު ހަމަކަށަވަރުން ﷲ އަށް ވަކީލުކުރާ މީހަކަށް، ފުރިހަމައަށް ކަންކަން ފުއްދައިދެއްވުމަށް އެ އިލާހު ހަވާލުވެވޮޑިގެންވާކަން ވެސް އޭނާ ދަނެއެވެ. އެ ހިނދު އޭނާ ﷲ އަށް އިތުބާރުކޮށް، އެ އިލާހުގެ ވައުދާމެދު ހިތްހަމަޖެހެއެވެ. އޭރުން އޭނާގެ ހިތާމައާއި ކަންބޮޑުވުން ފިލައިގެންދެއެވެ. އަދި އޭނާގެ ދަތިކަން ފަސޭހައަށް ބަދަލުވެގެންދެއެވެ. އަދި އޭނާގެ ހިތާމަ އުފަލަށް ބަދަލުވެގެންދެއެވެ. އަދި އޭނާގެ ބިރު އަމާންކަމަކަށް ބަދަލުވެގެންދެއެވެ. ފަހެ އަޅަމެން ﷲ ތަޢާލާގެ ހަޒްރަތުން އާފިޔަތަށް އެދި ދަންނަވަމެވެ. އަދި ހިތުގެ ވަރުގަދަކަމާއި ސާބިތުކަން މިންވަރުކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އެ ވަކީލުކުރުމަކުން އޭގެ އަހުލުވެރިންނަށް ހުރިހާ ހެވެއް ލިބޭނެކަމަށް، އަދި ހުރިހާ ނޭދެވޭ ކަމަކާއި ގެއްލުމަކުން ދުރުކޮށްދެއްވާނެކަމަށް ﷲ ހަވާލުވެވޮޑިގެންނެވި ވަކީލުކުރުމެއް ދެއްވުމަށް ވެސް އެދި ދަންނަވަމެވެ.
ފަސްލު
އަދި ނަބީ ﷺ ގެ ޙަދީޘް ބަސްފުޅުގައި ވެއެވެ:
(لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا خُلُقًا آخَرَ).
”މުއުމިނު ފިރިހެނަކު، މުއުމިނު އަންހެނެއް ދެކެ ނަފުރަތެއް ނުކުރާނެއެވެ. އެ ކަނބުލޭގެ ކިބައިން އަޚްލާގީ ސިފައެއް ދެކެ އޭނާ ނުރުހުނުކަމުގައި ވިޔަސް، އެ ކަނބުލޭގެ އެހެން ސިފައަކަށް އޭނާ ރުހޭނެއެވެ.“ ރިވާކުރީ މުސްލިމެވެ. (ޙަދީޘްއިން ލިބޭ) ބޮޑު ދެ ފައިދާ:
ފުރަތަމައީ: އަނބިމީހާއަށާއި، ގާތްތިމާގެ މީހުންނަށާއި، އެކުވެރިންނަށާއި، މުއާމަލާތުކުރާ މީހުންނަށާއި، އަދި ތިބާއާ ގުޅުމެއް އޮންނަ ކޮންމެ މީހަކަށް މުއާމަލާތުކުރާނެ ގޮތުގެ އިރުޝާދު ލިބުމެވެ. އެއީ މީހުންގެ ކިބައިގައި އުނިކަމެއް، ނުވަތަ މަދު ކަމެއް، ނުވަތަ ތިބާ ނުރުހޭ އެހެން ކަމެއް ހުންނާނެކަމަށް ބަލައިގެން ތިމާގެ ނަފްސު ތައްޔާރުކުރުމެވެ. ދެން އެ ފަދަ ކަމެއް ފެނިއްޖެނަމަ، އެ މީހެއްގެ ކިބައިގައި ހުރި ރިވެތި ސިފަތަކާއި، ހާސިލުކުރަން އޮތް އާއްމު އަދި ޚާއްސަ ބޭނުންތައް ހަނދާންކޮށް، ގުޅުން ވަރުގަދަކުރުމަށާއި ލޯބި ދެމެހެއްޓުމަށް ޓަކައި، ތިބާގެ މައްޗަށް ވާޖިބުވާ ނުވަތަ ކުރުމަށް އެކަށީގެންވާ ކަންތައް، އެ ނުރުހެވޭ ސިފަތަކާ އެ ކަންކަން އަޅާކިޔާށެވެ. އަދި މި ގޮތަށް ނުބައި ކަންތައްތަކައް ނުބަލާ، ރަނގަޅު ކަންތައްތަކަށް ސަމާލުކަން ދިނުމުން، އެކުވެރިކަމާއި ގުޅުން ދެމިގެންދާނެއެވެ. އަދި ފުރިހަމަ ހިތްހަމަޖެހުމާއި ހޯދަން އުޅޭ ކަންތައް ތިބާއަށް ލިބިގެންދާނެއެވެ.
ދެވަނަ ފައިދާއަކީ: ހިތާމައާއި ހާސްކަން ފިލައިގެންދިއުމާއި، ސާފުކަން އޮތުމާއި، ވާޖިބު އަދި މުސްތަހައްބު ހައްގުތައް އަދާކުރުމުގައި ދެމިހުރުމެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ހިތްހަމަޖެހުން ހާސިލުވުމެވެ. އަދި ނަބީ ﷺ ޒިކުރުކުރެއްވި މި އިރުޝާދު ބަލައިނުގަނެ، އެއާ ޚިލާފަށް، ނުބައި ކަންތައްތަކަށް ސަމާލުކަން ދީ، ރަނގަޅު ކަންތައްތަކަށް ކަނުވެގަންނަ މީހާ، ފަހެ ހާސްކަމާ ކުރިމަތިލާން ޖެހޭނެއެވެ. އަދި އޭނާއާ ގުޅުން އޮންނަ މީހުންނާ ދެމެދުގައިވާ ލޯބި ކިލަނބުވެ، އެ ދެ މީހުން ވެސް ރައްކާތެރިވާންޖެހޭ ގިނަ ހައްގުތަކެއް ކެނޑިގެންދާނެއެވެ.
އަދި ވަރުގަދަ ހިތްވަރުގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުން، ބޮޑެތި މުސީބާތްތަކާއި އުނދަގޫތައް ކުރިމަތިވާ އިރު، ކެތްތެރިކަމާއި ހިތްހަމަޖެހުމުގެ މައްޗަށް އެ މީހުންގެ ނަފްސުތައް ހާނުވައެވެ. ނަމަވެސް، އާދައިގެ ކުދިކުދި ކަންކަމުގައި އެ މީހުން ހާސްވެ، އޮންނަ ސާފުކަން ކިލަނބުވެއެވެ. މި ކަމުގެ ސަބަބަކީ، އެ މީހުން ބޮޑެތި ކަންކަމަށް ނަފްސުތައް ތައްޔާރުކޮށް، ކުދިކުދި ކަންކަމުގައި އެ ކަން ދޫކޮށްލުމެވެ. އޭގެ ސަބަބުން އެ މީހުންނަށް ގެއްލުންވެ، އެ މީހުންގެ ހިތްހަމަޖެހުމަށް އަސަރުކުރެއެވެ. ފަހެ ހިކުމަތްތެރި މީހާ އޭނާގެ ނަފްސު ކުދި އަދި ބޮޑެތި ކަންކަމަށް ވެސް ތައްޔާރުކޮށް، އެ ކަންކަމުގައި ﷲ ގެ ވާގިފުޅަށް އެދޭނެއެވެ. އަދި އެސްފިޔަ ޖަހާލާހާ ހިނދުކޮޅަކަށް ވެސް އޭނާގެ ކަންކަން އޭނާގެ އަމިއްލަ ނަފްސާ ހަވާލުނުކުރެއްވުމަށް އެދި ﷲ ގެ ހަޒްރަތުގައި ދަންނަވާނެއެވެ. އެ ހިނދު، ބޮޑެތި ކަންކަން ފަސޭހަވީ ފަދައިން، ކުދިކުދި ކަންކަން ވެސް އޭނާއަށް ފަސޭހަވެގެންދާނެއެވެ. އަދި އޭނާގެ ނަފްސު ހަމަޖެހި، ހިތް ހަމައަކަށް އެޅި، ފަސޭހަކަން ލިބިފައިވާ ހާލުގައި އޭނާ ވާނެއެވެ.
ފަސްލު
ރަނގަޅު ހަޔާތަކީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހަޔާތެއްކަން ބުއްދިވެރިޔާ ދަންނާނެއެވެ. އަދި އެއީ ވަރަށް ކުރު ވެސް ހަޔާތެއްކަން ދަންނާނެއެވެ. އެހެންކަމުން، ނޭދެވޭ ކަންކަމާމެދު ކަންބޮޑުވެ އަބަދު އެ ކަންކަމާ ވިސްނަން ހަދައިގެން އެ ހަޔާތް އިތުރަށް ކުރުކުރާކަށް ނުވާނެއެވެ. އެހެނީ ހަމަކަށަވަރުން އެއީ ރަނގަޅު ދިރިއުޅުމާ އިދިކޮޅު ކަމެކެވެ. ވީމާ، އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހިތާމައާއި ހާސްކަމުގައި ގެއްލިގެން ނުދިޔުމަށް އެ ހަޔާތާމެދު ރައްކާތެރިވާހުއްޓެވެ. އަދި މި ކަމުގައި ހެޔޮލަފާ މީހާއާއި، ފާޖިރަކާ ދެމެދުގައި ތަފާތެއް ނެތެވެ. ނަމަވެސް، މި ސިފަ ހާސިލުކުރުމުގައި އެންމެ ބޮޑު ނަސީބާއި، ދުނިޔެއާއި އާޚިރަތުގައި ފައިދާހުރި ބައި ލިބިގެންވަނީ މުއުމިނަށެވެ.
އަދި އޭގެ އިތުރުން، އޭނާއަށް ނުރުހެވޭ ކަމެއް ކުރިމަތިވުމުން ނުވަތަ އެ ފަދަ ކަމަކާމެދު ބިރުގަންނަ ހިނދު، އޭނާއަށް ލިބިފައިވާ ދީނީ އަދި ދުނިޔަވީ އެހެނިހެން ނިއުމަތްތަކާ އެ ކަން އަޅާކިޔުން އެދެވިގެންވެއެވެ. ފަހެ އެ ގޮތަށް އަޅާކިޔުމުން، އޭނާއަށް ލިބިފައިވާ ނިއުމަތްތަކުގެ ގިނަކަމާއި، އޭނާއަށް ޖެހުނު މުސީބާތުގެ ކުޑަކަން ފާޅުވެގެންދާނެއެވެ.
އަދި ހަމަ އެ ފަދައިން، އެ މީހަކަށް ގެއްލުމެއް ވެދާނެކަމުގެ ފުރުސަތުގެ ބިރާއި، އޭގެން ސަލާމަތްވެދާނެކަމަށް އޮތް ގިނަގުނަ އިހްތިމާލުތަކާ އަޅާކިޔާށެވެ. ފަހެ ބަލިކަށި އެންމެ އިހްތިމާލެއް، ވަރުގަދަ ގިނަ އިހްތިމާލުތަކެއްގެ މައްޗަށް ވެރިވިޔަ ނުދޭށެވެ. އަދި މިހެން ހެދުމުން އޭނާގެ ހިތާމައާއި ބިރުވެރިކަން ފިލައިގެންދާނެއެވެ. އަދި އެ މީހަކަށް ކުރިމަތިވެދާނެކަމަށް ބެލެވޭ އެންމެ ބޮޑު އިހްތިމާލު ވަޒަންކޮށް، އެ ކަމެއް ވެއްޖެ ހާލަތަކަށް، އޭނާގެ ނަފްސު ތައްޔާރުކުރާށެވެ. އަދި އެހާ ތަނަށް ނުވާ ކަމެއް ވިޔަނުދިނުމަށާއި، ވެފައިވާ ކަމެއް ފިލުވުމަށް ނުވަތަ ލުއިކުރުމަށް ވެސް މަސައްކަތްކުރާށެވެ.
އަދި ފައިދާހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، މީސްތަކުން ތިބާއަށް ކުރާ އުނދަގޫ، އަދި ޚާއްސަކޮށް ނުބައި ބަސްތަކުން ކުރާ އުނދަގުލުން (ހަގީގަތުގައި) ތިބާއަކަށް ގެއްލުމެއް ނުވާނެކަމާއި، އަދި ކިއެއްތަ، ގެއްލުން ކުރާނީ ހަމަ އެ މީހުންނަށްކަން ދެނެގަތުމެވެ. އެއީ ތިބާ އެ ކަމާ ވިސްނަން ހަދައިގެން އަމިއްލަ ނަފްސު މަޝްޣޫލުކުރުވައި، ތިބާގެ އިހްސާސްތަކަށް އެ ވެރިވާން ފުރުސަތު ދީފިނަމަ މެނުވީއެވެ. އެ ހިނދު، އެ މީހުންނަށް ގެއްލުންކުރާ ފަދައިން ތިބާއަށް ވެސް ގެއްލުންވާނެއެވެ. ފަހެ ތިބާ އެ ކަމަށް އަޅާނުލާ ފަރުވާލެއް ނުބަހައްޓައިފި ނަމަ، ތިބާއަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.
އަދި ދަންނާށެވެ. ހަމަކަށަވަރުން ތިބާގެ ހަޔާތް ވަނީ ތިބާގެ ވިސްނުމާ ގުޅިފައެވެ. ފަހެ އެ ވިސްނުންތައް ވަނީ ދީނާއި ދުނިޔެއަށް ފައިދާހުރި ކަންކަމުގައި ނަމަ، ފަހެ ތިބާގެ ހަޔާތް ވާނީ ރަނގަޅު، އުފާވެރި ހަޔާތަކަށެވެ. އެހެން ނޫން ނަމަ، ކަންތައް އޮންނާނީ އޭގެ އިދިކޮޅަށެވެ.
އަދި ހިތާމަ ފިލުވުމަށް އެންމެ ފައިދާހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ﷲ ގެ ހަޒްރަތުން މެނުވީ ޝުކުރުވެރިކަމަށް ނޭދުމަށް ތިބާގެ ނަފްސު ހޭނުވުމެވެ. ފަހެ ތިބާގެ މައްޗަށް ހައްގެއްވާ މީހަކަށް، ނުވަތަ ހައްގެއް ނުވާ މީހަކަށް ވިޔަސް، ހެޔޮކޮށް ހިތައިފިނަމަ، ފަހެ އެއީ ތިބާ، ﷲ އާ ކުރި މުއާމަލާތެއްކަން ދަންނާށެވެ. އެހެންކަމުން ތިބާ ހެޔޮކޮށް ހިތި މީހެއްގެ ޝުކުރާ މެދު ނުވިސްނާށެވެ. އެއީ ﷲ ތަޢާލާ އެ އިލާހުގެ ޚާއްސަ އަޅުތަކުންނާ މެދު ވަހީކުރެއްވި ފަދައިންނެވެ:
﴿إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا9﴾
ހަމަކަށަވަރުން ތިމަންމެން ތިޔަބައިމީހުންނަށް ކާން މި ދެނީ، ހަމައެކަނި ﷲ ގެ ވަޖުހުފުޅަށް ޓަކައެވެ. ތިޔަބައިމީހުންގެ ފަރާތުން އެއްވެސް ބަދަލަކަށް ނުވަތަ ޝުކުރަކަށް ވެސް ތިމަންމެން ނޭދެމުއެވެ. (سورة الإنسان: آية 9)
އަދި އަނބިދަރިންނާއި، ތިބާއާ ގާތްގުޅުމެއް އޮންނަ މީހުންނާ މުއާމަލާތްކުރުމުގައި މި ކަން އިތުރަށް މުހިއްމުވެގެންވެއެވެ. ފަހެ އެ މީހުންގެ ކިބައިން އަންނަ ނުބައިކަންތައް ދުރުކުރުމަށް ތިބާގެ ނަފްސު ހާނުވައިފި ހިނދު، ފަހެ ހަމަކަށަވަރުން ތިބާގެ އަމިއްލަ ނަފްސަށާއި އަނެކާއަށް ވެސް ހިތްހަމަޖެހުމާއި ފަސޭހަކަން ހޯދައިދީފިއެވެ. އަދި ހިތްހަމަޖެހުމަށް މަގުފަހިކޮށްދޭ ކަންތައްތަކުގެ ތެރޭގައި، ހެޔޮ ކަންތައްތައް ޚިޔާރުކޮށް، ތަބީއީ ގޮތުން ނަފްސު ބޭނުންވާ ވަރަށް އެ ކަންކަމަށް އަމަލުކުރުން ހިމެނެއެވެ. އެއީ ތިމާއަށް އުނދަގޫވާ ވަރަށް ތަކުލީފުވުމެއް ނެތިއެވެ. އެހެންނޫން ނަމަ، ހެޔޮކަން ހާސިލުކުރެވުނަސް، ތިބާ އެނބުރި އަންނާނީ ދެރަވެ ހިތްހަމަނުޖެހިގެންވާ ހާލުގައެވެ. އެހެނީ ތިބާ ޚިޔާރުކުރީ ސީދާ ނޫން، އުނދަގޫ މަގެކެވެ. އަދި (ހިތްހަމަކެޖުމަށް ޓަކައި ޝުކުރަށް ނޭދި، މި ފަދައިން އަމަލުކުރުމަކީ) ހިކުމަތުގެ ތެރެއިންވާ ކަމެކެވެ. އެއީ އުނދަގޫ ދަތި ކަންކަމުގައި، ސާފު ފޮނި ގޮތް ޚިޔާރުކުރުމެވެ. އަދި އޭގެ ސަބަބުން އުފާތަކުގެ ސާފުކަން އިތުރުވެ، ކިލަނބުކަން ފިލައިގެންދާނެއެވެ.
ފައިދާހުރި ކަންކަން ތިބާގެ ލޯކުރިމަތީގައި ބަހައްޓައި، އެ ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރާށެވެ. އަދި ގެއްލުންދެނިވި ކަންކަމަށް ބަލާ ނަހަދާށެވެ. އޭރުން ކަންބޮޑުވުމާއި ހިތާމަ ގެނުވާ ކަންކަމުން ތިބާގެ ސަމާލުކަން ގެއްލޭނެއެވެ. އަދި ހިތްހަމަޖެހި، ވިސްނުން އެއްތަންކޮށްގެން، މުހިއްމު ކަންކަމަށް ސަމާލުކަން ދޭށެވެ.
އަދި ފައިދާހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ވަގުތުން ވަގުތަށް ކަންކަން ނިންމައި، މުސްތަގްބަލު ހުސްކުރުމެވެ. އެހެނީ، ކަންކަން ނުނިންމައި ބާއްވައިފިނަމަ، ކުރީގެ މަސައްކަތްތައް ތިބާގެ މައްޗަށް ގިނަވެ، އާ މަސައްކަތްތައް ވެސް އެއާ އެއްވެ، އެ ހުރިހާ އެއްޗެއްގެ ބުރަ ބޮޑުވެގެންދާނެއެވެ. އެކަމަކު، ކޮންމެ ކަމެއް އޭގެ ވަގުތުގައި ތިބާ ނިންމައިފި ނަމަ، ތިބާ މުސްތަގްބަލުގެ ކަންކަމާ ކުރިމަތިލާނީ ވިސްނުމާއި އަމަލުކުރުން ވަރުގަދަވެގެންވާ ހާލުގައެވެ.
އަދި ފައިދާހުރި އަމަލުތަކުގެ ތެރެއިން، އެންމެ މުހިއްމު ކަންކަން އިސްކުރުން އެދެވިގެންވެއެވެ. އަދި ތިބާގެ ނަފްސު އެ ދިމާލަށް ދާ، ތިބާ ބޮޑަށް ބޭނުންވާ ކަންކަމާ، އެ ނޫން ކަންކަން ފަރަގުކުރާށެވެ. އެހެނީ ހަމަކަށަވަރުން އޭގެ އިދިކޮޅަށް އަމަލުކުރުމުން ވަރުބަލިކަމާއި، ފޫހިކަމާއި ހިތްނުތަނަވަސްކަން އުފެދެއެވެ. އަދި އެ ކަމުގެ މައްޗަށް ރަނގަޅު ވިސްނުމާއި، މަޝްވަރާކުރުމުގެ އެހީތެރިކަން ހޯދާށެވެ. އެހެނީ މަޝްވަރާކުރި މީހަކު ދެރަނުވާނެއެވެ. އަދި ތިބާ ކުރަން ބޭނުންވާ ކަމެއް ވަރަށް ރަނގަޅަށް ދިރާސާކުރާށެވެ. ދެން މަސްލަހަތު އޮތްގޮތް ތިބާއަށް ކަށަވަރުވެ، އަޒުމް ކަނޑައަޅައިފި ހިނދު، ފަހެ ﷲ އަށް ވަކީލުކުރާށެވެ. ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
އަދި ހަމްދު ހުރީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ.
އަދި އަޅަމެންގެ ސާހިބާ މުހައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލު އަސްހާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.