ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު (ދިވެހި)

ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު

  • earth Язык
    (ދިވެހި)
  • earth Авторство:
    الشيخ عبد العزيز بن باز
PHPWord

 

 

كَيْفِيَّةُ صَلَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

 

 

ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު

 

 

لِفَضِيلَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللَّهِ بْنِ بَازٍ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِلْمُسْلِمِينَ

 

ސަމާޙަތުއް-ޝައިޚު

ޢަބްދުލް-ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒް

 

 

 

 


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު1

ﷲ، އައް-ރަޙްމާން، އައް-ރަޙީމުގެ ނަންފުޅުން (ފަށަމެވެ.)2

ޙަމްދު ހުރީ ހަމައެކަނި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ އެކަލާނގެ އަޅާ އަދި އެކަލާނގެ ރަސޫލު ކަމުގައިވާ، އަހަރެމެންގެ ނަބީ މުޙައްމަދު ﷺ ގެ މައްޗަށެވެ. އަދި އެއާއެކުގައި، އެކަލޭގެފާނުގެ އާލުންނާއި އަދި އެކަލޭގެފާނުގެ ޞަޙާބީންގެ މައްޗަށްވެސް މެއެވެ. އެއަށްފަހުގައި ދަންނައެވެ:

ފަހެ މިއީ، ނަބީ ﷺ ގެ ނަމާދުގެ ޞިފަ ބަޔާންކުރެއްވުމުގައިވާ ކުރު ޚުލާޞާ ކަލިމަތަކެކެވެ. އަހުރެން ބޭނުންވީ، ކޮންމެ މުސްލިމު ފިރިހެނަކާއި އަދި މުސްލިމު އަންހެނަކަށް މި ހުށަހަޅައި ދިނުމަށެވެ. އެއީ އެޔަށް ބަލައިފި ކޮންމެ މީހަކު، އެކަމުގައި އެކަލޭގެފާނަށް ތަބަޢަވުމަށް ގަދައަޅައި މަސައްކަތް ކުރުމަށްޓަކައިއެވެ. އެއީ އެކަލޭގެފާނު ﷺ ގެ މިބަސްފުޅަށްޓަކައެވެ:

(صَلُّوا كَمَا رَأَيْتُمُونِي أُصَلِّي).

"ތިމަންކަލޭގެފާނު ނަމާދުކުޅަ ގޮތް ތިޔަބައިމީހުންނަށް ފެނުނު ފަދައިން ތިޔަބައިމީހުން ނަމާދުކުރާ ހުށިކަމެވެ."3 އަދި ކިޔުންތެރިޔާއަށް އެކަމުގެ ބަޔާން ހުށަހަޅާލަމެވެ:

1- ވުޟޫގައި އިސްބާޣުކުރާނީއެވެ. އަދި އެއީ އެކަމަށް ﷲ އަމުރު ކުރައްވާފައިވާ ގޮތަށް ވުޟޫކުރުމެވެ. އެއީ އެކަލާނގެ سبحانه وتعالى ގެ މިބަސްފުޅަށް ޢަމަލުކުރުމުގެ ގޮތުންނެވެ:4

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قُمۡتُمۡ إِلَى ٱلصَّلَوٰةِ فَٱغۡسِلُواْ وُجُوهَكُمۡ وَأَيۡدِيَكُمۡ إِلَى ٱلۡمَرَافِقِ وَٱمۡسَحُواْ بِرُءُوسِكُمۡ وَأَرۡجُلَكُمۡ إِلَى ٱلۡكَعۡبَيۡنِ...﴾.

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދުކޮށްފިނަމަ) ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، އަދި ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ. އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ. އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާ ހަމައަށް ދޮންނާށެވެ..." [އަލް-މާއިދާ: 6] މި އާޔަތެވެ.

އަދި ނަބިއްޔާ ﷺ ގެ މިބަސްފުޅެވެ:

َا تُقْبَلُ صَلَاةٌ بِغَيْرِ طُهُورٍ).

މާނައީ: "ޠާހިރުވުމާ ނުލައި ނަމާދެއް ޤަބޫލުނުވާ ހުއްޓެވެ."5

އަދި އޭނާގެ ނަމާދު ގޯސްކޮށް ކުރި މީހާއަށް އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވި ބަސްފުޅެވެ:

(‌إِذَا ‌قُمْتَ ‌إِلَى ‌الصَّلَاةِ، ‌فَأَسْبِغِ ‌الْوُضُوءَ).

މާނައީ: "ތިބާ ނަމާދަށް ތެދުވެއްޖެހިނދު (އެބަހީ: ތިބާ ނަމާދު ކުރުމަށް ޤަޞްދުކޮށްފިހިނދު)، ފަހެ ތިބާ ވުޟޫކުރުމުގައި އިސްބާޣުކުރާށެވެ."6

2- ނަމާދުކުރާމީހާ ޤިބްލައަށް ކުރިމަތިލާނީއެވެ. އެއީ އޭނާ ކޮންމެ ތަނެއްގައި ހުއްޓަސް، ކަޢްބާއާ ދިމާލަށެވެ. އެއީ އޭނާގެ މުޅި ހަށިގަނޑު އެދިމާލަށް އަނބުރައި، އޭނާ ކުރަން ބޭނުންވާ ނަމާދެއް ކުރުމަށް ހިތުން ޤަޞްދުކޮށްގެންނެވެ. އެއީ ފަރްޟު ނަމާދެއްވިޔަސް ނުވަތަ ނާފިލާ (ސުންނަތް) ނަމާދެއް ކަމުގައި ވިޔަސްމެއެވެ. އަދި އޭނާގެ ދުލުން ނިޔަތް ނުކިޔާ ހުއްޓެވެ. އެހެނީ ހަމަކަށަވަރުން، ދުލުން ނިޔަތް ކިޔުން ޝަރުޢުވެގެން ނުވެއެވެ. ކިއެއްހެއްޔެވެ. އެއީ ބިދުޢައެކެވެ. އެއީ ނަބީ ﷺ ވެސް އަދި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ވެސް ނިޔަތް ކިޔުއްވާފައި ނުވާތީއެވެ. އަދި އޭނާ އިމާމެއްގެ ގޮތުގައި ނުވަތަ އެކަނި ނަމާދުކުރާ މީހެއްނަމަ އެއާ ދިމާލަށް ކުރިމަތިލައިގެން ނަމާދުކުރުމަށް ސުތުރާއެއް ނަގާހުށިކަމެވެ. އަދި ޤިބްލައަށް ކުރިމަތިލުމަކީ، ނަމާދުގެ ޝަރުޠެކެވެ. އެއީ ޢިލްމުގެ އަހްލުވެރިންގެ ފޮތްތަކުގައި ސާފުކޮށް ބަޔާންކުރެވި އެނގިގެންވާ އިސްތިޘްނާއީ މައްސަލަތަކުގައި (އިސްތިޘްނާއީ ޙާލަތްތައް) ފިޔަވައެވެ.7

3- ޙަރަމް ބަންނަ ތަކްބީރު ކިޔާނީއެވެ. އެއީ މިފަދައިން ކިޔަމުންނެވެ: (اللهُ أَكْبَرُ) މާނައީ: "އެންމެ ބޮޑީ ﷲ އެވެ." އެއީ އޭނާ ސަޖިދަ ޖަހާ ތަނަށް އޭނާގެ ލޮލުން ބަލަމުންނެވެ.

4- ތަކްބީރު ކިޔާހިނދު އޭނާގެ ދެ އަތް އޭނާގެ ދެ ކޮނޑާ ހަމައަށް ނުވަތަ އޭނާގެ ދެ ކަންފަތުގެ ފޫޅާ ހަމައަށް އުފުލުމެވެ.

5- އޭނާގެ މޭ މަތީގައި އޭނާގެ ދެ އަތް ބާއްވާނީއެވެ. އެއީ އޭނާގެ ކަނާއަތް އޭނާގެ ވައަތްތިލައިގެ މަތީގައި، އަދި އަތުގެ ކުޑަހުޅުގެ މަތީގައި، އަދި އަތްދަނޑި މަތީގައި ބާއްވައިގެންނެވެ. އެކަންކަން ނަބީ ﷺ ގެ އަރިހުން ޘާބިތުވެގެންވުމުންނެވެ.8

6- ނަމާދު ހުޅުވާލާ ދުޢާ ކަމުގައިވާ (ދުޢާއުލް-އިސްތިފްތާޙު) ކިޔުން ސުންނަތް ވެގެންވެއެވެ. އެ ދުޢާއީ:

(اللَّهُمَّ بَاعِدْ بَيْنِي وبيْنَ خَطَايَايَ، كَمَا بَاعَدْتَ بيْنَ المَشْرِقِ والمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الخَطَايَا كَمَا يُنَقَّى الثَّوْبُ الأبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَايَ بالمَاءِ والثَّلْجِ والبَرَدِ).

މާނައީ: "އޭ ﷲ އެވެ! މަޝްރިޤާއި މަޣްރިބާ ދޭތެރެ އިބަ އިލާހު ދުރުކުރެއްވި ފަދައިން، މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާ ދޭތެރެ ދުރުކޮށްދެއްވާނދޭވެ! އޭ ﷲ އޭވެ! ހުދު ހެދުމެއް ހަޑި މިލައިން ސާފުކުރެވޭ ފަދައިން، މިއަޅާގެ ކުށްފާފަތަކުން މިއަޅާ ސާފުޠާހިރުކޮށްދެއްވާނދޭވެ! އޭ ﷲ އޭވެ! ފެނާއި، ސުނޯއާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތައް ދޮވެދެއްވާނދޭވެ!"910

އަދި އޭނާ ބޭނުންނަމަ، (އިހު ނަންގަނެވުނު) އެ ދުޢާގެ ބަދަލުގައި މި ދުޢާ ކިޔިދާނެއެވެ:

(سُبْحَانَكَ اللَّهُمَّ وبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، ولَا إلَهَ غَيْرُكَ).

މާނައީ: "އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ﷲ އެވެ! އަދި އިބަ އިލާހަށް އެންމެހާ ޙަމްދެއް ހުއްޓެވެ. އަދި އިބަ އިލާހުގެ ނަންފުޅު ބަރަކާތްތެރިވެގެންވެއެވެ. އަދި އިބަ އިލާހުގެ އަރަހުށިކަން މަތިވެރިވެގެންވެއެވެ. އަދި އިބަ އިލާހު ފިޔަވައި (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ."11 އަދި އެ ދެދުޢާ ނޫންވެސް، ނަބީ ﷺ ގެ އަރިހުން ޘާބިތުވެގެންވާ، ނަމާދު ހުޅުވާލާ އިސްތިފްތާޙު ދުޢާއެއް އޭނާ ގެނެސް ކިޔުމަކުންވެސް، ފަހެ މައްސަލައެއް ނެތެވެ. އަދި އެންމެ މޮޅުއިތުރު ގޮތަކީ، އެއްފަހަރު އެދުޢާ ކިޔާފައި އަދި އަނެއްފަހަރު މިދުޢާ ކިޔުމެވެ. އެހެނީ ތަބަޢަވުމުގައި އެންމެ ފުރިހަމަ ގޮތަކީ އެއީއެވެ. ދެން އޭނާ ކިޔާނީ: (أعوذ باللّه من الشيطان الرجيم، بسم الله الرحمن الرحيم) މާނައީ: "ރަޙްމަތުން ދުރުކުރެވިފައިވާ (ލަޢްނަތް ލެއްވިގެންވާ) ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި، ﷲ ގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ. ﷲ، އައް-ރަޙްމާން، އައް-ރަޙީމުގެ ނަންފުޅުން (ފަށަމެވެ.)" ދެން އަލް-ފާތިޙާ ސޫރަތް ކިޔަވާނީއެވެ. އެއީ އެކަލޭގެފާނުގެ މިބަސްފުޅަށްޓަކައެވެ:

(لَا صَلَاةَ لِمَنْ لَمْ يَقْرَأْ بفَاتِحَةِ الكِتَابِ).

މާނައީ: "ފޮތުގެ ހުޅުވާލުން (އެބަހީ: ސޫރަތުލް-ފާތިޙާ) ނުކިޔަވާ މީހަކަށް، ނަމާދެއް ނުވެއެވެ."12 އަދި އެއަށްފަހުގައި - آمين - ކިޔާނީއެވެ. ޖަހްރިއްޔާ ނަމާދުތަކުގައި އަޑުހަރުކޮށެވެ. އަދި ސިއްރިއްޔާ ނަމާދުތަކުގައި އަޑުމަޑުކޮށެވެ. ދެން އެއަށްފަހުގައި، ޤުރްއާނުން އޭނާއަށް ފަސޭހަވީ މިންވަރެއް އޭނާ ކިޔަވާނީއެވެ. އަދި އެންމެ މޮޅުއިތުރުވެގެންވަނީ، މެންދުރު، ޢަޞްރު އަދި ޢިޝާ ނަމާދުތަކުގައި، އަލް-ފާތިޙާއަށް ފަހުގައި، މުފައްޞަލު ސޫރަތްތަކުން ކުރެ މެދުމިންވަރުގެ ސޫރަތްތައް ކިޔެވުމެވެ. އަދި ފަތިސް ނަމާދުގައި، އެމުފައްޞަލު ސޫރަތްތަކުން ކުރެ ދިގު ސޫރަތްތައް ކިޔެވުމެވެ. އަދި މަޣްރިބު ނަމާދުގައި، އެއްބައިފަހަރު މުފައްޞަލު ސޫރަތްތަކުން ކުރެ ދިގު ސޫރަތްތައް، އަނެއްބައިފަހަރު، އޭގެ ކުރު ސޫރަތްތައް ކިޔެވުމެވެ. އެއީ އެކަމަށް ވާރިދުވެފައިވާ ޙަދީޘްތަކަށް ޢަމަލުކުރުމުގެ ގޮތުންނެވެ.13

7- އޭނާގެ ދެއަތް، ދެކޮނޑާ ހަމައަށް ނުވަތަ ދެކަންފަތުގެ ފޫޅާ ހަމައަށް އުފުލަމުން، އޭނާގެ ބޯ ބުރަކައްޓާ އެއްހަމަކޮށް ބާއްވާގޮތަށް، އޭނާގެ ދެއަތް، އިނގިލިތައް ދުރުކޮށް ފޭކޮށްގެން ދެ ކަކޫމަތީގައި ބާއްވާގޮތަށް، ތަކްބީރުކިޔަމުން ރުކޫޢުކުރާނީއެވެ. އަދި އޭނާގެ ރުކޫޢުގައި މަޑުވެލައި ހަމަޖެހިލާހުއްޓެވެ. އަދި ކިޔާނީ: (سبحان ربي العظيم) މާނައީ: "މިއަޅާގެ އަރަހުށި ހައިބަތު ބޮޑުވެގެންވާ (އަޡަމަތްވަންތަ ބޮޑުވެގެންވާ) ރައްބުގެ ހުސްޠާހިރުވަންތަ ކަމާއެވެ!" އެންމެ މޮޅުއިތުރު ގޮތަކީ، އެފަދައިން ތިން ފަހަރު ތަކްރާރުކުޅައުމެވެ. ނުވަތަ އެއަށްވުރެ ގިނައިންނެވެ. އަދި އެއާއެކުގައި މިފަދައިން ކިޔުން މުސްތަޙައްބުވެގެންވެއެވެ:

(‌سُبْحَانَكَ ‌اللهُمَّ ‌وَبِحَمْدِكَ، ‌اللهُمَّ ‌اغْفِرْ ‌لِي) .

މާނައި: "އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ﷲ އޭވެ! އަދި އިބަ އިލާހަށް އެންމެހާ ޙަމްދެކެވެ. އޭ ﷲ އޭވެ! މިއަޅާއަށް (ފާފަ) ފުއްސަވާނދޭވެ!"14

8- ރުކޫޢުން (ތެދުވަން) އޭނާގެ ބޯ އުފުލާނީއެވެ. އެއީ އޭނާގެ ދެއަތް، ދެކޮނޑާ ހަމައަށް ނުވަތަ ދެ ކަންފަތުގެ ފޫޅާ ހަމައަށް އުފުލަމުން، މިހެން ކިޔަމުންނެވެ: (‌سَمِعَ ‌اللَّهُ ‌لِمَنْ ‌حَمِدَهُ) މާނައީ: "އެއިލާހަށް ޙަމްދުކުރި މީހާގެ އަޑު، ﷲ އައްސަވައިފިއެވެ." - (އެހެން ކިޔާނީ) އިމާމެއްގެ ގޮތުގައި ނުވަތަ އެކަނިހުރެ ނަމާދު ކުރާނަމައެވެ. - އަދި އޭނާ ތެދުވެ ޤިޔާމުގައި ހުންނައިރު މިހެން ކިޔާނީއެވެ:15

(رَبَّنَا ولَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ مِلْءَ السَّمَواتِ ومِلْءَ الأرضِ، ومِلْءَ ما شِئتَ مِن شيءٍ بَعدُ).

މާނައި: "އަޅަމެންގެ ރައްބެވެ! އަދި ގިނަގުނަވެގެންވާ، ރިވެތިވެގެންވާ، ބަރަކާތް ލެއްވިގެންވާ ޙަމްދަކުން އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އެއީ އުޑުތައް ފުރައި ވާހައި އެއްޗަކާއި އަދި ބިން ފުރައި ވާހައި އެއްޗަކާއި އަދި އެއަށްފަހުވެސް އިބަ އިލާހު އެދިވޮޑިގެންވާ އެއްޗެއް ފުރޭންދެނެވެ."16

މައުމޫމެއްކަމުގައި އޭނާ ވާނަމަ ދަންނައެވެ. ފަހެ އޭނާ (ރުކޫޢުން) ތެދުވާހިނދުގައި ކިޔާނީ މިހެންނެވެ: (ربنا ولك الحمد) މާނައީ: "އަޅަމެންގެ ރައްބެވެ. އަދި އިބަ އިލާހަށް ޙަމްދު ހުއްޓޭ" (މިހެން) ގޮސް އިހު ނަންގަނެވުނު ޙިސާބުގެ ނިޔަލަށެެވެ. އަދި މިތަންކޮޅު އެއިން ކޮންމެ މީހަކު - އެބަހީ: އިމާމްއާއި، މައުމޫމްއާއި އަދި އެކަނި ކުރާ ފަރުދު -، އިތުރު ކޮށްފިނަމަ، އެއީ މިތަންކޮޅެވެ:

(أهْلَ الثَّنَاءِ والْمجْدِ، أحَقُّ مَا قَالَ العَبْدُ، وكُلُّنَا لَكَ عَبْدٌ: اللَّهُمَّ لَا مَانِعَ لِمَا أعْطَيْتَ، ولَا مُعْطِيَ لِمَا مَنَعْتَ، ولَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ).

މާނައީ: "އޭ އެންމެހާ ޘަނާއަކާއި މަތިވެރިކަމެއް ޙައްޤުވެގެންވާ ފަރާތެވެ! އަޅަކު ދަންނަވާނެ އެންމެ ޙައްޤުވެގެންވާ ބަހަކީ މިއީއެވެ. އަދި އަޅަމެން އެންމެންނީ އިބަ އިލާހަށްވާ އަޅުންތަކެކެވެ: އޭ ﷲ އޭވެ! އިބަ އިލާހު ދެއްވި އެއްޗެއް، މަނާކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބަ އިލާހު މަނާކުރެއްވި އެއްޗެއް، ދޭނޭ އެހެންފަރާތެއްވެސް ނުމެވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަޞީބުވެރިޔަކަށް، އޭނާގެ ޤަދަރުވެރިކަމުން ނުވަތަ ނަޞީބުވެރިކަމުން، ފައިދާއެއް ނުކޮށްދެވޭނެއެވެ. ޤަދަރުވެރިކަމާއި މަތިކަންވަނީ އިބައިލާހުގެ ޙަޟްރަތުންނެވެ." (ހަމައެކަނި ފައިދާކޮށްދޭނީ ޞާލިޙު ޢަމަލުންނެވެ.)"17 ފަހެ އެހެން ކިޔުމުންވެސް ރަނގަޅެވެ. އެއީ އެކަލޭގެފާނުގެ އަރިހުން އެހެން ޘާބިތުވެގެންވާތީއެވެ.

އަދި އެއިން ކޮންމެ މީހަކު - އެބަހީ: އިމާމްއާއި، މައުމޫމް އަދި އެކަނި ކުރާ ފަރުދު -، އޭނާގެ މޭމަތީގައި އޭނާގެ ދެއަތް ބޭއްވުން މުސްތަޙައްބުވެގެންވެއެވެ. އެއީ ރުކޫޢުގެ ކުރިން، އޭނާގެ ޤިޔާމުގައި އޭނާ ކަންތައް ކުޅަ ފަދައިންނެވެ. އެއީ އެކަމުގެ މައްޗަށް ނަބީ ﷺ ގެ އަރިހުން ދަލީލުކޮށްދޭކަން ޘާބިތުވެގެންވާތީއެވެ. އެއީ ވާއިލު ބްނު ޙުޖްރު އަދި ސަހްލު ބްނު ސަޢްދު رضي الله عنهما ގެ ޙަދީޘްއިންނެވެ.

9- (ދެން) އޭނާ ސަޖިދަ ޖަހާނީއެވެ. (އޭނާ ސަޖިދައަށް ތިރިވާނީ)، ތަކްބީރު ކިޔަމުންނެވެ. އޭނާއަށް ފަސޭހަނަމަ އޭނާގެ ދެއަތް ޖެއްސުމުގެ ކުރިން، އޭނާގެ ދެކަކޫ ޖައްސައިގެންނެވެ. ދެންފަހެ އޭނާގެ މައްޗަށް އެކަން ކުޅައުމަށް ދަތިވެއްޖެނަމަ، އޭނާގެ ދެކަކޫ ޖެއްސުމުގެ ކުރިން، އޭނާގެ ދެއަތް ޖެއްސުން އިސްކުރާނީއެވެ. އެއީ އޭނާގެ ދެފަޔާއި ދެއަތުގެ އިނގިލިތައް ޤިބްލައަށް ކުރިމަތިކޮށްގެންނެވެ. (އަދި) އޭނާގެ އަތުގެ އިނގިލިތައް ލަފާލައި ގާތްކޮށްލާ އަދި ދިގުކޮށްލާ ދަމާލައިގެންނެވެ. އަދި (ސަޖިދަ ޖެހުން ވަނީ)، އޭނާގެ ހަތް ގުނަވަނުގެ މައްޗަށެވެ: ނޭފަތާއި އެކުގައި ނިތްކުރިއެވެ. އަދި ދެއަތެވެ. އަދި ދެކަކުލެވެ. އަދި ދެފައިގެ އިނގިލިތަކުގެ ބަނޑުފުށެވެ. އަދި އޭނާ މިހެން ކިޔާނީއެވެ: (سبحان ربي الأعلى) މާނައީ: "މިއަޅާގެ އެންމެ މަތިވަރި (އެންމެ މަތީގައިވާ) ރައްބުގެ ހުސްޠާހިރުވަންތަ ކަމާއެވެ!" އަދި ތިން ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އެހެން ކިޔުން ސުންނަތް ވެގެންވެއެވެ. އަދި އެއާއެކުގައި މިފަދައިން ކިޔުން މުސްތަޙައްބުވެގެންވެއެވެ:

(سُبْحانَكَ اللَّهُمَّ رَبَّنا وبِحَمْدِكَ، اللَّهُمَّ اغْفِرْ لِي).

މާނައި: "އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ﷲ އޭވެ! އަދި އިބަ އިލާހަށް އެންމެހާ ޙަމްދެއް ކުރުމާއެކުގައެވެ. އޭ ﷲ އެވެ! މިއަޅާއަށް (ފާފަ) ފުއްސަވާނދޭވެ!" އަދި ދުޢާކުރުން ގިނަ ކުރާނީއެވެ. އެއީ ނަބީ ﷺ ގެ ބަސްފުޅަށްޓަކައެވެ:

(‌أَمَّا ‌الرُّكُوعُ، ‌فَعَظِّمُوا ‌فِيهِ ‌الرَّبَّ، وَأَمَّا السُّجُودُ، فَاجْتَهِدُوا فِي الدُّعَاءِ، فَقَمِنٌ أَنْ يُسْتَجَابَ لَكُمْ).

މާނައީ: "ރުކޫޢުގައި ދަންނައެވެ. ފަހެ (ރުކޫޢުގައި) ރައްބުގެ އަރަހުށިކަން ބޮޑު ކުރާށެވެ. އަދި ސަޖިދާގައި ދަންނައެވެ. ފަހެ (ސަޖިދާގައި) ގަދައަޅާ ދުޢާ ކުރާށެވެ. ފަހެ އެހެނީ ތިޔަބައިމީހުންނަށް އިޖާބަވުން ގާތްވެ ޙައްޤުވެގެންވެއެވެ."18

އަދި ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި އޭނާގެ ރައްބަށް ދަންނަވާށެވެ. އެއީ އެނަމާދަކީ ފަރްޟު ނުވަތަ ސުންނަތް ނަމާދަކަށް ވިޔަސްމެއެވެ. އަދި (ސަޖިދާގައި އޮންނައިރު) އޭނާގެ ދެމުލައްދަނޑި، އޭނާގެ ދެއަރިކަށްޓާ ދުރުކުރާނީއެވެ. އަދި އޭނާގެ ބަނޑު، އޭނާގެ ދެފަލަމަސްގަނޑާ ދުރުކުރާނީއެވެ. އަދި އޭނާގެ ދެފަލަމަސްގަނޑު އޭނާގެ ދެފައިދަނޑިއާވެސް ދުރުކުރާނީއެވެ. އަދި އޭނާގެ ދެއަތްދަނޑި، ބިމުން މައްޗަށް އުފުލާނީއެވެ. އެއީ ނަބީ ﷺ ގެ ބަސްފުޅަށްޓަކައެވެ:

(اعْتَدِلُوا في السُّجُودِ، ولَا يَبْسُطْ أحَدُكُمْ ذِرَاعَيْهِ انْبِسَاطَ الكَلْبِ) .

މާނައީ: "ތިޔަބައިމީހުން ސަޖިދާގައި ސީދާ ވާށެވެ. އަދި ކުއްތާ ބިންމަތީގައި ދެއަތްދަނޑި ދަމާ ފަތުރާ ގޮތަށް، ތިޔަބައިމީހުން ކުރެ މީހަކުގެ ދެއަތްދަނޑި ދަމާ ނުފަތުރާށެވެ."19

10- ތަކްބީރު ކިޔަމުން، ސަޖިދައިން (ތެދުވަން) އޭނާގެ ބޯ އުފުލާނީއެވެ. އަދި އޭނާގެ ވައަތު ފައި ހުރަހަށް ފަތުރައި އަދި އެފައިގެ މަތީގައި އިށީންނާނީއެވެ. އަދި އޭނާގެ ކަނާއަތު ފައި ދިގަށް ކޮޅަށްޖަހައި، އަދި އޭނާގެ ދެއަތް އޭނާގެ ދެފަލަމަސްގަނޑާއި ދެކަކޫމަތީގައި ބާއްވާނީއެވެ. އަދި އޭނާ ކިޔާނީއެވެ:20

(رَبِّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي وَعَافِنِي وَاجْبُرْنِي).

މާނައީ: "މިއަޅާގެ ރައްބެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތް ލައްވާނދޭވެ. އަދި މިއަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! އަދި މިއަޅާއަށް ރިޒްޤުދެއްވާނދޭވެ! އަދި މިއަޅާއަށް ޢާފިޔަތް ދެއްވާނދޭވެ! އަދި މިއަޅާގެ އުނިކަންތައް ފޫބައްދަވާ އާރުވެރިކަން ދެއްވާނދޭވެ!"21 އަދި އޭނާގެ މި އިށީންނުމުގައި، ހަމަޖެހިލައި މަޑުޖެހިލާނީއެވެ.

11- (ދެން) އޭނާ ތަކްބީރު ކިޔަމުން ދެވަނަ ސަޖިދަ ޖަހާނީއެވެ. އަދި އެސަޖިދާގައި، ފުރަތަމަ ސަޖިދާގައި އޭނާ ކަންތައް ކުޅަ ގޮތަށް ކަންތައް ކުރާނީއެވެ.

12- (ދެން) އޭނާ ތަކްބީރު ކިޔަމުން ބޯ އުފުލައި ތެދުވާނީއެވެ. އަދި ދެސަޖިދަ ދެމެދުގައި އިށީނދެގެން އިންފަދައިން، ލުއި އިށީންނުމެއް އިށީންނާނީއެވެ. އަދި އެ އިށީންނުމަށް ކިޔެނީ ރާޙަތުގެ ނުވަތަ އަރާމުކޮށްލުމުގެ އިށީންނުމެވެ. އަދި އެކަން މުސްތަޙައްބެވެ. އަދި އެކަން ނުކޮށް ދޫކޮށްލިޔަސް މައްސަލައެއް ނެތެވެ. އެއިށީންނުމުގައި އެއްވެސް ޛިކުރެއް އަދި ދުޢާއެއްވެސް ނެތެވެ. ދެން އޭނާ ދެވަނަ ރަކްޢަތަށް ކޮޅަށް ތެދުވާނީއެވެ. ފަސޭހަނަމަ އޭނާގެ ދެކަކުލުގެ މައްޗަށް ބަރޯސާވެގެންނެވެ. އޭނާއަށް އެކަން އުނދަގޫނަމަ، ބިން މައްޗަށް ބަރޯސާވެގެންނެވެ. (ބިންމަތީ ދެ އަތް ވިއްދާފައިއެވެ.) ދެން އޭނާ ފާތިޙާ (ސޫރަތް) ކިޔަވާނީއެވެ. އަދި ފާތިޙާއަށް ފަހުގައި، ޤުރްއާނުން އޭނާއަށް ފަސޭހަވީ ވަރެއް ކިޔަވާނީއެވެ. ދެން ފުރަތަމަ ރަކްޢަތުގައި އޭނާ ކަންތައް ކުޅަ ގޮތަށް، ކަންތައް ކުރާނީއެވެ.22

13- އެނަމާދަކީ ފަތިހާއި ހުކުރާއި އަދި ދެޢީދު ނަމާދުފަދަ ދެރަކްޢަތުގެ ނަމާދެއްނަމަ، (ދެވަނަ ރަކްޢަތުގެ) ދެވަނަ ސަޖިދައިން ތެދުވުމަށްފަހުގައި، އޭނާގެ ކަނާއަތު ފައި ދިގަށް ކޮޅަށްޖަހައިގެން އިށީންނާނީއެވެ. އަދި އޭނާގެ ވައަތު ފައި ހުރަހަށް ފަތުރާލައިގެން، އޭނާގެ ކަނާއަތް، އޭނާގެ ކަނާއަތު ފަލަމަސްގަނޑު މަތީގައި ބާއްވައިގެންނެވެ. އަދި ޝަހާދަތް އިނގިލި ފިޔަވައި، އޭނާގެ ހުރިހާ އިނގިލިތައް މަޅައިގެންނެވެ. ފަހެ ޝަހާދަތް އިނގިލިން ތަޥްޙީދަށް އިޝާރާތް ކުރާނީއެވެ. އަދި އޭނާގެ ކަނާއަތުގެ ކުޑަވާ އިނގިއްޔާއި ކަށި އިނގިލި މަޅައިގެން، ކަނާއަތުގެ ބޮޑުވާ އިނގިއްޔާ އެކީގައި މެދު އިނގިލިން ބޮޅެއް ހަދައިގެން، އަދި ޝަހާދަތް އިނގިލިން އިޝާރާތް ކޮށްފިނަމަ، ފަހެ (އެގޮތްވެސް) އެންމެ ރަނގަޅެވެ. އެއީ އެ ދެޞިފަވެސް ނަބީ ﷺ ގެ އަރިހުން ޘާބިތުވެގެންވާތީއެވެ. އަދި އެންމެ މޮޅުއިތުރީ، އެއްފަހަރު މިހެން ހަދާފައި އަދި އަނެއްފަހަރު އެހެން ހެދުމެވެ. އަދި އޭނާގެ ވައަތް، އޭނާގެ ވައަތު ފަލަމަސްގަނޑާއި ކަކުލުގެ މަތީގައި ބާއްވާނީއެވެ. ދެން އޭނާ މި އިށީންނުމުގައި އައް-ތަޝައްހުދު ކިޔާނީއެވެ. އަދި އެއީ:23

(التَّحِيَّاتُ لله والصَّلَوَاتُ والطَّيِّبَاتُ، السَّلَامُ عَلَيْكَ أيُّها النبيُّ ورَحْمَةُ الله وبَرَكَاتُهُ، السَّلَامُ عَلَيْنَا وعلَى عِبَادِ الله الصَّالِحِينَ، أشْهَدُ أنْ لا إلَهَ إلَّا الله وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ ورَسولُهُ).

މާނައީ: "ތަޙިއްޔާތުތަކާއި (ދުލުން ކުރެވޭ އެންމެހާ އަޅުކަންތަކާއި)، ޞަލަވާތުތަކާއި (ހަށިގަނޑުން ކުރެވޭ އެންމެހާ އަޅުކަންތަކާއި) އަދި ޠައްޔިބާތުތަކުން (މުދަލުން ކުރެވޭ އެންމެހާ އަޅުކަންތައް) ވަނީ، ﷲ އަށެވެ. އޭ ނަބީކަލޭގެފާނުއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމާއި އަދި ﷲ ގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތް ހުއްޓެވެ. އަދި އަޅަމެންގެ މައްޗަށާއި އަދި ﷲ ގެ އެންމެހާޞާލިޙު އަޅުތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާ އަދި އެއިލާހުގެ ރަސޫލުކަމުގައިވެސް މިއަޅާ ހެކިވަމެވެ." ދެން އޭނާ ކިޔާނީއެވެ:

(اللَّهُمَّ صَلِّ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ؛ إنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كَمَا بَارَكْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ؛ إنَّكَ حَمِيدٌ مَجِيدٌ) .

މާނައީ: "އޭ ﷲ އޭވެ! މުޙައްމަދުގެފާނުގެ މައްޗަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެއީ އިބްރާހީމުގެފާނުގެ މައްޗަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް، އިބަ އިލާހު ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ޙަމްދު ޙައްޤުވެ ޙަމްދު ކުރެވިގެންވާ، މަތިވެރި މާތްވެގެންވާ އިލާހެވެ. އަދި މުޙައްމަދުގެފާނުގެ މައްޗަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ. އެއީ އިބްރާހީމުގެފާނުގެ މައްޗަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ޙަމްދު ޙައްޤުވެ ޙަމްދު ކުރެވިގެންވާ، މަތިވެރި މާތްވެގެންވާ އިލާހެވެ."24

އަދި ހަތަރު ކަމަކުން، ﷲ ގެ ޙަޟްރަތުން އޭނާ ރައްކާތެރިކަމަށް އެދޭނީއެވެ. އެގޮތުން އޭނާ މިހެން ކިޔާނީއެވެ:

( اللَّهُمَّ إنِّي أَعُوذُ بِكَ مِن عَذَابِ جَهَنَّمَ، وَمِنْ عَذَابِ القَبْرِ، وَمِنْ فِتْنَةِ المَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ المَسِيحِ الدَّجَّالِ) .

މާނައީ: "އޭ ﷲ އޭވެ! ޖަހަންނަމައިގެ ޢަޛާބުންނާއި، ޤަބްރުގެ ޢަޛާބުންނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައިންނާއި، އަލް-މަސީޙު އައް-ދައްޖާލުގެ ފިތުނައިގެ ނުބައިކަމުން ރައްކާތެރި ކޮށްދެއްވުމަށް އެދި އިބަ އިލާހަށް މިއަޅާ ދަންނަވަމެވެ."25

ދެން ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމުން އޭނާ އެދޭކަމަކަށް ދުޢާކުރާނީއެވެ. އަދި އޭނާގެ މައިންބަފައިންނަށް، ނުވަތަ މުސްލިމުންގެ ތެރެއިންވާ އެހެން ބަޔަކަށް ދުޢާކުރުމަކުން، ފަހެ މައްސަލައެއް ނެތެވެ. - އެއީ ފަރްޟު ނަމާދެއްގައިވިޔަސް ސުންނަތް ނަމާދެއްގައިވިޔަސް މެއެވެ. - އެއީ ނަބީ ﷺ ބަސްފުޅުގެ ޢުމޫމަށް (ޢާއްމު ލަފްޡަށް) ބަލައެވެ. އެއީ އިބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘްގައި، އެކަލޭގެފާނު އެބޭފުޅާއަށް އައް-ތަޝައްހުދު އުނގަންނަވައި ދެއްވި ހިނދު ޙަދީޘްކުރެއްވިއެވެ:

(ثُمَّ ‌لِيَتَخَيَّرْ ‌مِنَ ‌الدُّعَاءِ بَعْدُ أَعْجَبَهُ إِلَيْهِ فَيَدْعُو).

މާނައީ: "ދެން އެއަށްފަހުގައި، ދުޢާތަކުން އޭނާއަށް ކަމުދާ ދުޢާތައް އޭނާ އިޚްތިޔާރުކޮށް ދުޢާކުރާހުށިކަމެވެ."26 އަދި އެހެން ލަފްޡެއްގައި ވެއެވެ:

(‌ثُمَّ ‌لِيَخْتَرْ ‌مِنْ ‌الْمَسْأَلَةِ ‌مَا ‌شَاءَ) .

މާނައީ: "ދެން އޭނާ ސުވާލުކޮށް އެދި ދެންނެވުމަށް އޭނާ ބޭނުންކަމެއް އިޚްތިޔާރުކުރާހުށިކަމެވެ."27

އަދި މިކަމުގައި، ދުނިޔެއާއި އާޚިރަތުގައި އަޅާއަށް މަންފާވާނޭ އެންމެހާ ކަމެއް ހިމެނި ޢާއްމުވެގެންވެއެވެ. ދެން އޭނާގެ ކަނާތް ފަރާތުން، އަދި (އެއަށްފަހު ވިދިގެން) އޭނާގެ ވައަތް ފަރާތުން ސަލާމްދޭނީއެވެ. (އެއީ މިހެން) ކިޔަމުންނެވެ: (السلام عليكم ورحمة الله، السلام عليكم ورحمة اللّه.) މާނައީ: "ތިޔަބައިމީހުންގެ މައްޗަށް ސަލާމާއި އަދި ﷲ ގެ ރަޙްމަތް ހުއްޓެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމާއި އަދި ﷲ ގެ ރަޙްމަތް ހުއްޓެވެ."

14- އެނަމާދަކީ މަޣްރިބުފަދަ ތިން ރަކްޢަތުގެ ނަމާދެއްނަމަ، ނުވަތަ މެންދުރާއި ޢަޞްރާއި ޢިޝާފަދަ ހަތަރު ރަކްޢަތުގެ ނަމާދެއްނަމަ، (މެދު އައް-ތަޙިއްޔާތުގައި އިނދެ) ދެންމެ ޛިކުރުކުރެވުނު އައް-ތަޝައްހުދު އަދި އެއާއެކު ނަބީ ﷺ ގެ މައްޗަށް ޞަލަވާތް ކިޔާފައި، ދެން އޭނާގެ ދެކަކުލުގެ މައްޗަށް ބަރޯސާވެގެން ކޮޅަށް ތެދުވާނީއެވެ. އެއީ އޭނާގެ ދެއަތް އޭނާގެ ދެކޮނޑާ ހަމައަށް ނުވަތަ އޭނާގެ ދެކަންފަތާ ހަމައަށް އުފުލައިގެން މިހެން ކިޔަމުންނެވެ: (الله أكبر) މާނައީ: "އެންމެ ބޮޑީ ﷲ އެވެ." އަދި އިސްވެދިޔަ ފަދައިން، އެދޭތި - އެބަހީ: އޭނާގެ ދެއަތް - އޭނާގެ މޭމަތީގައި ބާއްވާނީއެވެ. އަދި ހަމައެކަނި ފާތިޙާ (ސޫރަތް) ކިޔަވާނީއެވެ. އަދި މެންދުރު (ނަމާދުގެ) ތިންވަނަ އަދި ހަތަރުވަނަ ރަކްޢަތުގައި، ފާތިޙާގެ އިތުރަށް ބައެއްފަހަރު ކިޔެވިޔަސް، ފަހެ މައްސަލައެއް ނެތެވެ. އެއީ އެކަމުގެ މައްޗަށް ދަލީލުކޮށްދޭކަން ނަބީ ﷺ ގެ އަރިހުން ޘާބިތުވެގެންވާތީއެވެ. އެއީ އަބޫ ސަޢީދު رضي الله عنه ގެ ޙަދީޘްއިންނެވެ. އަދި ފުރަތަމަ ތަޝައްހުދުގައި، (އައް-ތަޙިއްޔާތަށް ފަހުގައި) ނަބީ ﷺ ގެ މައްޗަށް ޞަލަވާތް ކިޔުން ދޫކޮށްލުމަކުން ވެސް މައްސަލައެއް ނެތެވެ. އެހެނީ އެއީ މުސްތަޙައްބު ކަމެކެވެ. އަދި ފުރަތަމަ ތަޝައްހުދުގައި އެއީ ވާޖިބެއް ނޫނެވެ. ދެން މަޣްރިބު ނަމާދުގައި، ތިންވަނަ ރަކްޢަތަށްފަހުގައި، އަދި މެންދުރާއި، ޢަޞްރާއި ޢިޝާ ނަމާދުގައި، ހަތަރުވަނަ ރަކްޢަތަށްފަހުގައި (ފަހު އައް-ތަޙިއްޔާތަށް) އިށީންނާނީއެވެ. އެއީ އިސްވެދިޔަ ފަދައިން، އެކަން ހަމަ ދެރަކްޢަތުގެ ނަމާދުތަކުގައިވެސްވާ ގޮތަށެވެ. ދެން އޭނާގެ ކަނާއަތަށާއި، ވައަތް ފަރާތަށް ސަލާމްދޭނީއެވެ. އަދި ތިން ފަހަރު އިސްތިޣްފާރު ކުރާނީއެވެ. ދެން ކިޔާނީ މިހެންނެވެ:28

(اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يا ذَا الجَلَالِ وَالإِكْرَامِ).

މާނައީ: "އޭ ﷲ އޭވެ! އިބަ އިލާހުއީ ސަލާމަތްކަންދެއްވާ އައް-ސަލާމް ފަރާތެވެ. އަދި ސަލާމަތްތެރިކަންވަނީ، އިބަ ﷲ ގެ ޙަޟްރަތުންނެވެ. އޭ ކީރިތިކަމާއި މާތްކަމުގެ ވެރި ފަރާތެވެ! އިބަ އިލާހު ބަރަކާތްތެރިވެ، މަތިވެރިވެވޮޑިގެންވެއެވެ."29 އިމާމެއް ކަމުގައިވާނަމަ، އެހެން ކިޔާނީ، މީސްތަކުންނާ ދިމާލަށް އެނބުރުމުގެ ކުރިންނެވެ. ދެން ކިޔާނީއެވެ:

َا إلَهَ إلَّا الله وحْدَهُ لَا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إلَّا بالله، اللَّهُمَّ لَا مَانِعَ لِمَا أعْطَيْتَ، ولَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ، لَا إلَهَ إلَّا الله، وَلَا نَعْبُدُ إلَّا إيَّاهُ، لَهُ النِّعْمَةُ وَلَهُ الفَضْلُ، وَلَهُ الثَّنَاءُ الحَسَنُ، لَا إلَهَ إلَّا الله مُخْلِصِينَ لَهُ الدِّينَ وَلَو كَرِهَ الكَافِرُونَ).

މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ﷲ އޭވެ! އިބަ އިލާހު ދެއްވި އެއްޗެއް، މަނާކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބަ އިލާހު މަނާކުރެއްވި އެއްޗެއް، ދޭނޭ އެހެންފަރާތެއްވެސް ނުމެވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަޞީބުވެރިޔަކަށް، އޭނާގެ ޤަދަރުވެރިކަމުން ނުވަތަ ނަޞީބުވެރިކަމުން، އިބަ އިލާހުގެ ޙަޟްރަތުން އެއްވެސް މަންފާއެއް ނުކޮށްދޭނެތެވެ. (ހަމައެކަނި ފައިދާކޮށްދޭނީ ޞާލިޙު ޢަމަލުންނެވެ.) ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި އަޅަމެން އެއިލާހަށް މެނުވީ އަޅުކަމެއް ނުކުރަމުއެވެ. ނިޢްމަތާއި، ދަރުމައާއި އަދި ރިވެތި ޘަނާ ލިބިވޮޑިގެންވަނީ، ހަމައެކަނި އެއިލާހަށެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި ކާފިރުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް، އަޅަމެންނީ އެއިލާހަށް އަޅުކަމާއި ދީން ޚާލިޞްކުރާ މީހުންނެވެ."30

އަދި ތިރީސް ތިން ފަހަރު ﷲ އަށް ތަސްބީޙަ ކިޔާނީއެވެ. އަދި ހަމަ އެވަރަށް ޙަމްދު ކުރާނީއެވެ. އަދި ހަމަ އެވަރަށް ތަކްބީރު ކިޔާނީއެވެ. އަދި ސަތޭކަ ފުރިހަމަކުރަން ކިޔާނީ މިހެންނެވެ: (لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ) މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ." އަދި އާޔަތުލް-ކުރްސި، އަދި (قل هو اللّه أحد) އަލް-އިޚްލާޞް ސޫރަތާއި، (قل أعوذ برب الفلق) އަލް-ފަލަޤު ސޫރަތާއި، (قل أعوذ برب الناس) އައް-ނާސް ސޫރަތް ކޮންމެ ނަމާދެއް ފަހުގައި ކިޔަވާނީއެވެ. އަދި ފަތިސް ނަމާދާއި މަޣްރިބު ނަމާދަށް ފަހުގައި، މި ތިން ސޫރަތް، ތިން ފަހަރު ތަކްރާރުކޮށް ކިޔެވުން މުސްތަޙައްބުވެގެންވެއެވެ. އެއީ އެކަމަށް ނަބީ ﷺ ގެ އަރިހުން ޙަދީޘްތައް ވާރިދުވެފައިވާތީއެވެ. އަދި މިއެންމެހާ ޛިކުރުތަކަކީ ސުންނަތްތަކެވެ. އަދި ފަރްޟެއް ނޫނެވެ.31

އަދި ކޮންމެ މުސްލިމު ފިރިހެނަކާއި މުސްލިމު އަންހެނަކު، މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކްޢަތް އަދި މެންދުރު ނަމާދުގެ ފަހުން ދެރަކްޢަތް ކުރުން މަޝްރޫޢުވެގެންވެއެވެ. އަދި މަޣްރިބު ނަމާދުގެ ފަހުން ދެރަކްޢަތް، އަދި ޢިޝާ ނަމާދުގެ ފަހުން ދެރަކްޢަތް، އަދި ފަތިސް ނަމާދުގެ ކުރިން ދެރަކްޢަތެވެ. އޭރުން އެވީ، ބާރަ ރަކްޢަތެވެ. އަދި މިރަކްޢަތްތަކަށް ކިޔަނީ، ރަވާތިބު (ސުންނަތެވެ.) އެހެނީ، ޙަޟަރުގައި (ރަށުގައި ޤާއިމުވެ ހުންނަ އިރުގައި) ނަބީ ﷺ އެ ރަކްޢަތްތަކުގެ މައްޗަށް ރައްކާތެރިވެލެއްވިއެވެ. އެހެނެއްކަމަކު، ސަފަރުގައި (ދަތުރު މަތީގައި) ދަންނައެވެ. ފަހެ އެކަލޭގެފާނު އެ ރަކްޢަތްތައް ދޫކޮށްލައްވަތެވެ. ފަތިސް ނަމާދުގެ އިހު ސުންނަތާއި ވިތުރި ފިޔަވައެވެ. ފަހެ ޙަޟަރުގައާއި ސަފަރުގައި، ސަލާމާއި ޞަލަވާތް ލެއްވިގެންވާ ކަލޭގެފާނު، އެ ރަކްޢަތްތަކުގެ މައްޗަށް ރައްކާތެރިވެލައްވައެވެ. އަދި އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ، މިރަވާތިބު ސުންނަތްތަކާއި ވިތުރިވެސް ގޭގައި ކުރުމެވެ. ދެންފަހެ މިސްކިތުގައި އެ ނަމާދުތައް ކުރިނަމަވެސް، މައްސަލައެއް ނެތެވެ. އެއީ ނަބީ ﷺ ގެ ބަސްފުޅުގެ މައްޗަށެވެ:

(أفْضَلُ صَلَاةِ المَرْءِ في بَيْتِهِ، إلَّا الصَّلَاةَ المَكْتُوبَةَ).

މާނައީ: "މީހާގެ އެންމެ މޮޅުއިތުރުވެގެންވާ ނަމާދަކީ، އޭނާގެ ގޭގައި ކުރާ ނަމާދެވެ. އެއީ ލިޔެވިގެންވާ (ފަރުޟު) ނަމާދުތައް މެނުވީއެވެ."32

އަދި މިރަކްޢަތްތަކުގެ މައްޗަށް ރައްކާތެރިވުމަކީ، ޖަންނަތަށް ވަނުމުގެ ސަބަބުތަކުން ކުރެ ސަބަބެކެވެ. އެއީ ނަބީ ﷺ ގެ ބަސްފުޅަށްޓަކައެވެ:

(مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَومٍ وَلَيْلَةٍ، بُنِيَ لَه بِهِنَّ بَيْتٌ فِي الجَنَّةِ).

މާނައީ: "ދުވާލާއި ރޭގަނޑުގައި، ބާރަ ރަކްޢަތް ކޮށްފިމީހާ، އޭނާއަށްޓަކައި އޭގެ ސަބަބުން ޖަންނަތުގައި ގެޔެއް (ގަނޑުވަރެއް) ބިނާ ކުރެވޭ ހުއްޓެވެ."33

އަދި ޢަޞްރު (ނަމާދުގެ) ކުރިން ހަތަރު (ރަކްޢަތް) ކޮށްފައި، މަޣްރިބު ނަމާދުގެ ކުރިން ދޭއް ކޮށްފައި، އަދި ޢިޝާ ނަމާދުގެ ކުރިން ދޭއް ކޮށްފިނަމަ، ފަހެ އެކަންވެސް ހަމަ ރަނގަޅެވެ. އެހެނީ އެކަމުގެ މައްޗަށް ދަލީލުކޮށްދޭކަން ނަބީ ﷺ ގެ އަރިހުން ޞައްޙަވެގެންވެއެވެ. އަދި މެންދުރު (ނަމާދުގެ) ފަހުގައި ހަތަރެއް އަދި ކުރީގައި ހަތަރެއް ކޮށްފިނަމަ، އެވެސް ރަނގަޅެވެ. އެއީ ނަބީ ﷺ ގެ ބަސްފުޅަށްޓަކައެވެ:

(مَنْ ‌حَافَظَ ‌عَلَى ‌أَرْبَعِ ‌رَكَعَاتٍ ‌قَبْلَ ‌الظُّهْرِ، وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ).

"މެންދުރު (ނަމާދުގެ) ކުރިން ހަތަރު ރަކްޢަތުގެ މައްޗަށް، އަދި އޭގެ ފަހުން ހަތަރު ރަކްޢަތުގެ މައްޗަށް ރައްކާތެރިވެއްޖެ މީހާ، އޭނާ ނަރަކައިގެ މައްޗަށް ﷲ ޙަރާމް ކުރައްވަތެވެ."34 އަދި (މީގެ) މާނައަކީ، މެންދުރު (ނަމާދުގެ ފަހުން އޮންނަ) ރަވާތިބު ސުންނަތުގެ މައްޗަށް އޭނާ ދެރަކްޢަތް އިތުރުކުޅައުމެވެ. އެހެނީ ރަވާތިބު ސުންނަތަކީ، މެންދުރު ނަމާދުގެ ކުރިން ހަތަރަކާއި އަދި ފަހުން ދެއެކެވެ. ފަހެ އެނަމާދުގެ ފަހުގައި، އޭނާ ދޭއް އިތުރުކޮށްފިނަމަ، އުއްމު ޙަބީބާ رضي الله عنها ގެ ޙަދީޘްގައި ޛިކުރުވެފައިވާ ކަންތައް ޙާޞިލުވީއެވެ.

އަދި ތަޥްފީޤުދެއްވުމުގެ އާރާއި ކުޅަދާނަކަން ވަނީ ހަމައެކަނި ﷲ އަށެވެ. އަދި އަހަރެމެންގެ ނަބީކަލޭގެފާނު މުޙައްމަދު ބްނު ޢަބްދު ﷲ އަށާއި، އެކަލޭގެފާނުގެ އާލުންނާއި، އެކަލޭގެފާނުގެ އަޞްޙާބުންނާއި އަދި އިޙްސާންތެރިކަމާ އެކުގައި ޤިޔާމަތް ދުވަހާއި ހަމައަށް އެކަލޭގެފާނަށް ތަބާވީ އެންމެހާ މީސްތަކުންގެ މައްޗަށް ﷲ ޞަލަވާތާއި ސަލާމްލައްވާށިއެވެ.

 

***

 

 


އައް-ރަޙްމާނު: މާތް ﷲ ގެ ނަންފުޅެއް، ނުހަނު ރަޙްމަތް ލައްވާ ރަޙްމާނުވަންތަ އިލާހުއައް-ރަޙީމް: މާތް ﷲ ގެ ނަންފުޅެއް، ނުހަނު ރަޙްމު ކުރައްވާ ރަޙީމްވަންތަ އިލާހު.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (605) ގައެވެ.

އިސްބާޣުކުރުން: ފުރާފުރިހަމަކުރުން.ފިޤުހީ ގޮތުން ވުޟޫގައި އިސްބާޣުކުރުމަކީ، ވުޟޫގެ ހުރިހާ ފަރުޟުތަކާއި ސުންނަތްތަކާއި މުސްތަޙައްބާތުތައް އެންމެ ފުރިހަމައަށް އަދާކޮށް ވުޟޫ ފުރިހަމަ ކުރުމެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (224) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (5782) ގައެވެ.

ސުތުރާ: ސުތުރާއަކީ، ނަމާދުކުރާ މީހާ، އޭނާ ނަމާދުކުރާއިރުގައި، އޭނާގެ ކުރިމަތިން ހުރަސްކުރުން ހުއްޓުވުމަށްޓަކައި، އޭނާގެ ކުރިމަތީގައި ލެވޭ ނުވަތަ ބެހެއްޓޭ އެއްޗެކެވެ. އެއީ ދަނޑިއެއް ނުވަތަ ގޮނޑިއެއް ނުވަތަ ޢަޞާއެއް ނުވަތަ ލޮންސިއެއް ނުވަތަ ދުނިދަނޑިއެއް ނުވަތަ ގަހެއް ނުވަތަ ތަނބެއް ނުވަތަ ފާރެއް ނުވަތަ ބިތެއް ނުވަތަ އެފަދަ ކޮންމެ އެއްޗެކެވެ. ނުވަތަ ސަވާރީވިޔަސް ނޫނީ ފުރަގަސްދީގެން އިން މުސްލިމެއްގެ ފަހަތުގައެވެ. އަދި ސުތުރާއަށް ބޭނުންކުރާ އެތީގެ ދިގު މިނުގައި އެންމެ ކުޑަވެގެން ކައިވަތެއްވަރު ހުރުން އެންމެ ރަނގަޅެވެ. ދެން އެއްޗެއް ނެތް ތަނުގައި އެންމެ ކުޑަމިނުން ރޮނގެއް ދަމާލުންވެސް ރަނގަޅެވެ.އިސްތިޘްނާއީ ޙާލަތްތަކަކީ: މިޘާލަކަށް ދަތުރެއް މަތީގައި ޤިބްލަ ނޭނގުން ނުވަތަ ބައްޔެއްގެ ސަބަބުން ހިރިނުލެވި ޤިބްލައަށް ކުރިމަތިލުމަށް ނުކުޅެދުންފަދަ ކަންކަމެވެ.

އަތުގެ ކުޑަހުޅަކީ: ގިއުޅަބިއެވެ. އެއީ އަތުކުރި ނުވަތަ އަތުގެ ކުޑަހުޅު ޙިސާބެވެ. ނުވަތަ އަތްދަނޑީގެ ކުރީކޮޅެވެ. އެއީ ޢާއްމުކޮށް އަތުގައި އަޅާ އުޅާ ތަނޑިބައިފަދަ ތަކެތި އަޅާ ޙިސާބެވެ.އަތްދަނޑިއަކީ: ކުރައިދީ ނުވަތަ ތުޅުލުއެވެ. އެއީ އަތުގެ އުޅަބޮށިން ފެށިގެން ގޮސް ކުޑަހުޅާ ދެމެދުގައިވާ ބައެވެ.

އެ ޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (744) ގައެވެ. އަދި މުސްލިމްއެވެ. އެއީ ނަމްބަރު (598) ގައެވެ.

މަޝްރިޤު ފަރާތް: އިރުއަރާ ފަރާތް ނުވަތަ އިރުމަތީ ފަރާތްމަޣްރިބު ފަރާތް: އިރުއޮއްސޭ ފަރާތް ނުވަތަ ހުޅަނގު ފަރާތް

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (399) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (756) ގައެވެ.

آمين (އާމީން): ﷲ އޭވެ! އަޅުގެ ދުޢާ އިޖާބަ ކުރައްވާށިއެވެ.ޖަހްރިއްޔާ ނަމާދު: އަޑުހަރުކޮށް ބާރަށް ކިޔަވާ ނަމާދުތައް، މިޘާލަކަށް: ފަތިސް، މަޣްރިބު، ޢިޝާ، ހުކުރު، ޢީދުސިއްރިއްޔާ ނަމާދު: އަޑުމަޑުކޮށް ސިއްރުން ކިޔަވާ ނަމާދުތައް، މިޘާލަކަށް: މެންދުރު، ޢަޞްރުމުފައްޞަލު ސޫރަތްތައް: އެއީ ޤާފު ސޫރަތުން ފެށިގެންގޮސް އައް-ނާސް ސޫރަތުގެ ނިޔަލަށްވާ ސޫރަތްތަކެވެ. އައް-ޝައިޚު އިބްނު ޢުޘައިމީން ވިދާޅުވިއެވެ. “މުފައްޞަލުގެ ދިގު ސޫރަތްތަކަކީ، ޤާފު ސޫރަތުން ފެށިގެންގޮސް އައް-ނަބައު ސޫރަތާ ހަމައަށެވެ. އަދި މުފައްޞަލުގެ މެދުމިންވަރުގެ ސޫރަތްތަކަކީ، އައް-ނަބައު ސޫރަތުން ފެށިގެންގޮސް އައް-ޟުޙާ ސޫރަތާ ހަމައަށެވެ. އަދި މުފައްޞަލުގެ ކުރު ސޫރަތްތަކަކީ، އައް-ޟުޙާ ސޫރަތުން ފެށިގެންގޮސް އައް-ނާސް ސޫރަތުގެ ނިޔަލަށެވެ." [الشرح الممتع على زاد المستقنع للشيخ ابن عثيمين (3/75)]

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (817) ގައެވެ. އަދި މުސްލިމްއެވެ. އެއީ ނަމްބަރު (484) ގައެވެ.

އިމާމެއްގެ ގޮތުގައި ނުވަތަ އެކަނި ކުރާނަމަ، ކިޔާނީ: (‌سَمِعَ ‌اللَّهُ ‌لِمَنْ ‌حَمِدَهُ) މިފަދައިންނެވެ. މައުމޫމެއްގެ ގޮތުގައިނަމަ، އެހެން ކިޔުމެއް ނެތެވެ.

އެ ޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (711) ގައެވެ. އަދި މުސްލިމްއެވެ. އެއީ ނަމްބަރު (598) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (477) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (479) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (788) ގައެވެ. އަދި މުސްލިމްއެވެ. އެއީ ނަމްބަރު (493) ގައެވެ.

މިއިށީންނުމަށް ކިޔަނީ، އިފްތިރާޝްކޮށް އިށީންނުމެވެ. އެއީ: ވައަތު ފައިތިލަ ހުރަހަށް އަރިއަކަށް ބާއްވައި، އެފައިތިލަ މަތީގައި ފޫކޮޅު މަސްގަނޑު ބައިންދައި އިށީނދެ އިނުމާއެކު، ކަނާއަތު ފައިތިލަ އަރިމަތީގައި ދިގަށް ކޮޅަށް، ފުންނާބު މައްޗަށް ހުންނަގޮތަށް ބިންމަތީގައި ވިއްދައިގެން އިށީނދެގެން އިނުމެވެ.

އެޙަދީޘް ރިވާކުރެއްވީ އައް-ތިރްމިޛީއެވެ. އެއީ ނަމްބަރު (248) ގައެވެ. އަދި އަބޫ ދާވޫދުއެވެ. އެއީ ނަމްބަރު (850) ގައެވެ. އަދި އިބްނު މާޖަހްއެވެ. އެއީ ނަމްބަރު (898) ގައެވެ.

ދެކަކުލުގެ މައްޗަށް ބަރޯސާވުމަކީ، ދެއަތް ދެކަކުލުގައި އަޅައި ތެދުވުމެވެ. އަދި ބިން މައްޗަށް ބަރޯސާވުމަކީ، ދެއަތް ބިން މަތީގައި އަޅައި ތެދުވުމެވެ.

އައް-ތަޝައްހުދު އަކީ: އައް-ތަޙިއްޔާތުއެވެ. އައް-ތަޙިއްޔާތު ކިޔެނީ އެއިށީނދުމުގައި ކިޔޭ ދުޢާއަށް ނިސްބަތް ކޮށެވެ. އައް-ތަޝައްހުދުވެސް އެފަދައެވެ.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (797) ގައެވެ. އަދި މުސްލިމުއެވެ. އެއީ ނަމްބަރު (402) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (1311) ގައެވެ. އަދި މުސްލިމުއެވެ. އެއީ ނަމްބަރު (588) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ އައް-ނަސާއީއެވެ. އެއީ ނަމްބަރު (1298) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމުއެވެ. އެއީ ނަމްބަރު (402) ގައެވެ.

ތިން ފަހަރު އިސްތިޣްފާރު ކުރުމީ: (أستغفر الله) މާނައީ: "ﷲ ގެ ޙަޟްރަތުން، މިއަޅާގެ ފާފަތައް ފުއްސަވާދެއްވުމަށް އެދި ދަންނަވަމެވެ." މިފަދައިން ތިން ފަހަރު ކިޔުމެވެ.މަޣްރިބުފަދަ ޘުލާޘީ (ތިން ރަކްޢަތް) ނަމާދެއްގައި ނުވަތަ މެންދުރާއި ޢަޞްރާއި އަދި ޢިޝާފަދަ ރުބާޢީ (ހަތަރު ރަކްޢަތް) ނަމާދެއްގައި، ފަހު އައް-ތަޙިއްޔާތަށް އިންނާނީ ތަވައްރުކުކޮށެވެ. އެއީ: ހަށިގަނޑުގެ ކަނާއަތް ފަރާތަށްވާ ގޮތަށް ދެފައިތިލަ ނެރެ، ކަނާއަތު ފައި އަރިމަތީގައި ދިގަށް ކޮޅަށްޖަހައި، ކަނާއަތު ފައިތިލައިގެ ފުންނާބު މައްޗަށް ނަގައި، ފޫކޮޅު މަސްގަނޑު ބިންމަތީގައި ޖައްސައިގެން، ވައަތު ފައިތިލަ ކަނާއަތު ފައިތިލައިގެ ދަށުން ހުރަހަށް ބާއްވައިގެންނެވެ. އެގޮތް މުސްތަޙައްބުވެގެންވެއެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (591) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (402) ގައެވެ.

ތިރީސް ތިން ފަހަރު ތަސްބީޙަ ކިޔުމީ: (سبحان الله) މާނައީ: "ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ." މިފަދައިން ތިރީސް ތިން ފަހަރު ކިޔުމެވެ.ތިރީސް ތިން ފަހަރު ޙަމްދު ކުރުމީ: (الحمد لله) މާނައީ: "ﷲ އަށް ޙަމްދު ހުއްޓެވެ." މިފަދައިން ތިރީސް ތިން ފަހަރު ކިޔުމެވެ.ތިރީސް ތިން ފަހަރު ތަކްބީރު ކިޔުމީ: (الله أكبر) މާނައީ: "އެންމެ ބޮޑީ ﷲ އެވެ." މިފަދައިން ތިރީސް ތިން ފަހަރު ކިޔުމެވެ.އޭރުން މުޅި ޖުމްލަވާނީ: ނުވަދިހަ ނުވައެކެވެ.އާޔަތުލް-ކުރްސީއަކީ، އަލް-ބަޤަރާ ސޫރަތުގެ 266 ވަނަ އާޔަތެވެ.

އެޙަދީޘް ރިވާކުރެއްވީ އަލް-ބުޚާރީއެވެ. އެއީ ނަމްބަރު (6860) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ މުސްލިމްއެވެ. އެއީ ނަމްބަރު (728) ގައެވެ.

އެޙަދީޘް ރިވާކުރެއްވީ އަޙްމަދުއެވެ. އެއީ ނަމްބަރު (25547) ގައެވެ. އަދި އައް-ތިރްމިޛީއެވެ. އެއީ ނަމްބަރު (393) ގައެވެ. އަދި އަބޫ ދާވޫދުއެވެ. އެއީ ނަމްބަރު (1077) ގައެވެ.

ކައިފިއްޔަތު: ކަމެއް ކުރި ގޮތް ނުވަތަ ކުރީ ކިހިނެއްކަން.